12. ނިންމުން
 
ذو القَرْنَين އާއި ބެހޭގޮތުން ލިޔުނު އެންމެންވެސް ކޮށްފައިވަނީ ލަފާކުރުންތަކެކެވެ. ނަމަވެސް އަޅުގަޑުމެންގެ ލޮބުވެތި ރަސޫލާގެ އަރިއަހުގައި ސުވާލުކުރަން އެދުނު ޔަހޫދީންނަށް ރަނގަޅަށް ޖަވާބުލިބިފައިވާކަން ޔަޤީނެވެ. އެލްގްޒެންޑާރ ގެ ދީނަކީ ގްރީކްގެ ގިނަކަލާނގެ ތަކެއް ހިމެނޭ ދީނެކެވެ. ގިނަ ތާރީޚީ އިލްމުވެރިން ދެކެނީ ސައިރަސްގެ ދީނަކީ ޒޮރޮސްޓްރިއަނިޒަމް ކަމުގައެވެ. މި ދެދީނަށް ބެލިނަމަވެސް އެއްކައުވަންތަ ކަލަކަށް އަޅުކަންކުރާ ދީނަކީ ސައިރަސްގެ ދީނެވެ. ސައިރަސް ދިރިއުޅުއްވާފައިވާ ސަރަހައްދުން ސައިރަސް ގެ ކެމްޕެއިނު ދަތުރުތަކުގައި ދުނިޔޭގެ ހަތަރުފަރާތަށް ވަޑައިގެން ކާމިޔާބު ހޯއްދެވިއެވެ. ذو القَرْنَين އަކީ އެލެގްޒެންޑާ ދަގްރޭޓްކަމުގައި ބަލައި  އޭނާ ބިނާކުރިކަމަށް ބުނާ ފާރުތަކަކީ ފާރިސީންގެ ރަސްރަސްކަލުން މާފަހުން ބިނާކޮށްފައިވާ ފާރުތަކެކެވެ. ذو القَرْنَين އަކީ މި ދެރަސްކަލުންގެ ތެރެއިން އެކެއްނަމަ އަޅުގަނޑަށް ވިސްނެނީ އެއީ ސައިރަސް ކަމުގައިވުން މާ ގާތްކަމުގައެވެ. ހީބްރޫ ބައިބަލްގައި ސައިރަސްގެވާހަކަ އައިސްފައިވެއެވެ. ސައިރަސްގެ އަތްދަށަށް ބެބިލޯން އައުމާއެކު އެތަނުގައި ބަންދުވެފައި ތިބި ޔަހޫދީން މިނިވަންކޮށް ޖެރޫސަލަމްއަށް ފޮނުވާދިނެވެ. ބައިބަލްގެ 23 ތަނެއްގައި ސައިރަސްގެ ވާހަކަ އައިސްފައިވެއެވެ. އަޅުގަނޑަށް ލިބިފައިވާ މައުލޫމާތުތަކުގެ އަލީގައި އަޅުގަނޑު ލަފާކުރަނީ ޤުރުއާނުގައިވާ ذو القَرْنَين އަކީ އަކީމަނީޑް އެމްޕަޔާރގެ ބާނީ ސައިރަސް ދަ ގްރޭޓްކަމުގައެވެ.
 
އަޅުގަނޑުގެ މި މަޒްމޫނަކީ ޤުރުއާނާއި ސައިންސްގެ މަޒްމޫނުތަކުގެ ތެރެއަށް އަނެއްކާވެސް އިތުރުކޮށްލެވުނު އައު މަޒްމޫނެކެވެ. ގިނަދުވަސް ނެގިނަމަވެސް މި މަޒްމޫނު ލިޔުމުގެ ހެޔޮ ތައުފީޤް ﷲ ދެއްވިކަމަށް އެކަލާނގެއަށް ޝުކުރުވެރިވަމެވެ. ތިބާއަށް މި މަޒްމޫނު ކަމުދިޔަނަމަ އެހެން ބޭފުޅުންނާއި ޙިއްސާ ކޮށްލަ ދެއްވާށެވެ.