(Published: 20 December 2020, 4:00 PM (Maldives


 ހުވަފެނުގެ މެސެޖުތައް: ސީދާވާ ހުވަފެން

މުޙައްމަދު ޖަމީލް


ޚުލާސާ

ބައެއް މީސްމީހުނަށް ސީދާވާ ހުވަފެން ފެންނަކަމަށް ބުނެއުޅެއެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ މީހުން ހުވަފެން މާނަކުރާގޮތް ތަފާތު ވެސް މެއެވެ. އެއް ބަޔަކަށް ގިނައިން ސީދާވާ ހުވަފެން ފެންނަކަމަށް ވެއެވެ. އެފަދަ މީސްމީހުންނަށް މިދެންނެވި ބާވަތުގެ ހުވަފެނުން ލިބޭ މެސެޖަކީ މައުނަވީ އެއްޗެކެވެ. އަނެއްބަޔަކަށް އެފަދަ ހުވަފެން ފެނުނުކަމުގައި ވިޔަސް އެއިން މާކަބޮޑު މާނައެއް ދޭހަހެއް ނުކުރެވެއެވެ. މިހެން މިކަން އޮތްނަމަވެސް މާޒީގައި އިންސާނުން ހުވަފެނާއި މެދު ވިސްނަމުން އައިސްފައި ވެއެވެ. މެސޮޕޮޓޭމިޔާގެ އަހުލުވެރިންނާއި ކުރީގެ މިސުރުގެ އަހުލުވެރިން ފަދަ އިހުގެ ހަޟާރަތްތަކުގެ މީހުން ހުވަފެނުގެ ރެކޯޑްތައް ބަލަހައްޓައިފައި ވެސް ވެއެވެ. މިބައިމީހުން ދެކެމުން އައިސްފައިވަނީ ހުވަފެނަކީ މާއްދީ ދުނިޔޭގައި ހިނގާކަންކަމާއި ރޫޙާނީ ޢާލަމާއި ގުޅުވައިދޭ އެއްޗެއް ކަމުގައެވެ. މިގޮތުން ތިމާއާއި މެދު ވަކިކަމެއް ހިނގާނެގޮތް އަންގައިދޭ އެއްޗެއްގެ ގޮތުގައެވެ. އިހުގެ ބާރުގަދަ ރަސްރަސްކަލުން ހުވަފެން ތައުބީރުކުރަން ތަޖުރިބާ ލިބިފައިވާ ޚާއްސަ މީހުން ގެންގުޅުނެވެ. ނި މަޒްމޫނުގައި އަޅުގަނޑު ބަލާފައިވަނީ ތިރީގައިވާ ބައިތަކަށެވެ.

-ފެށުން

-ހުވަފެނުގެ ތަޖުރިބާ

-ހުވަފެން ފެންނައިރު ސިކުނޑި މަސައްކަތްކުރަނީ ކިހިނެއް؟

-ހުވަފެނާއި ބެހޭ ސައިންޓިފިކް މޮޑަލްތަކާއި ތިއަރީތައް

-މުސްތަޤްބަލްގައި ހިނގާނެ ހާދިސާއެއްގެ ނިޝާން ހުވަފެނުގައި ފެންނަނީ ކީއްވެ؟

-ނިންމުން

 

ފެށުން

އިސްލާމީ ޢިލްމުވެރިން ދެކިވަޑައިގަންނަވާ ގޮތުގައި ތެދުހުވަފެންފެނުމަކީ ރަސޫލުކަމުގެ 46 ސިފަފޫޅުގެ ތަރެއިން އެއްސިފަފުޅެވެ. އަޅުގަނޑުމެންގެ ލޮބުވެތި ރަސޫލާ محمد رسول الله ( صلى الله عليه وسلم) ހުވަފެންފުޅެއްގައި މައްކާ ފަތަޙަކުރެއްވިތަން އެހާދިސާގެ ހިނގުމުގެ މާކުރިން ދެކެވަޑައިގަތެވެ. ހަމަ އެފަދައިން يوسف ގެފާނުން ހުވަފެންފުޅެއްގައި 11 ތަރިއާއި އިރާއި ހަނދު އެކަލޭގެފާނަށް ސަޖިދަކުރައްވާތަން ދެކެވަޑައިގަތެވެ. އެހުވްފެންފުޅު އެތައް އަހަރެއް ފަހުން ސީދާވިއެވެ. ކީރިތި ޤުރުއާނުގެ سورة يوسف ގެ 4 ވަނަ އާޔަތުގައިވަނީ؛

إِذْ قَالَ يُوسُفُ لِأَبِيهِ يَا أَبَتِ إِنِّي رَأَيْتُ أَحَدَ عَشَرَ كَوْكَبًا وَالشَّمْسَ وَالْقَمَرَ رَأَيْتُهُمْ لِي سَاجِدِينَ ﴿٤﴾

يوسف ގެފާނު، އެކަލޭގެފާނުގެ ބައްޕާއަށް ވިދާޅުވިހިނދު، ހަނދުމަކުރާށެވެ! އޭ ބައްޕާއެވެ! ހަމަކަށަވަރުން، އެގާރަ ތަރިޔާއި، އިރާއި، ހަނދު، ތިމަންކަލޭގެފާނަށް ހުވަފެނުން ފެނިއްޖެއެވެ. ފެނުނީ، އެތަކެތި ތިމަންކަލޭގެފާނަށް سجدة ކުރާތީއެވެ. (ޤުރުއާން، 12:4).

يوسفގެ ފާނުގެ ވާހަކަޔަކީ ކީރިތި ޤުރުއާންުގައި އައިސްފައިވާ ވާހަކަތަކުގެ ތެރެއިން ރީތި އަދި ޢިބުރަތްތެރި ވާހަކައެކެވެ. އެކަލޭގެފާނުންގެ ބޭބޭފުޅުމެން އުފެދުނު ހަސަދައެއްގެ ސަބަބުން އެކަލޭގެފާނު ފެންވަޅަކަށް އެއްލަވާލެއްވިއެވެ. އަދި މުސާފިރުންގެ ބަޔަކު އެފެންވަޅުން އެކަލޭގެފާނު ނަންގަވާ މިސުރުގެ ބާޒާރުގައި މިސުރުގެ ބޮޑުވަޒީރު، އަޒީޒަށް ވިއްކަވާލެއްވިއެވެ. އަޒީޒު އަމިއްލަދަރިކަލެއް ފަދައިން އެކަލޭގެ ފާނުން ބައްލަވާ ބޮޑުކުރެއްވިއެވެ. ކަންދިމާވިގޮތުން ގޭތެރެއިން ދިމާވި މައްސަލައެއްގެ ނަތީޖާއެއްގެ ގޮތުން ނުޙައްޤުން އެކަލޭގެފާނު މިސުރުގެ ޖަލުގެ ގައިދީއެއްގެ ގޮތުގައި އަހަރުތަކަށް އޮންނަންޖެހިވަޑައިގަތެވެ. ޖަލުގައި އޮންނެވި ދުވަސްވަރު ޖަލަށް ގެނައި ގައިދީން ގެ ބަޔަކަށް ހުވަފެން ތައުބީރު ކޮށްދެއްވިއެވެ. އަދި އެކަލޭގެފާނު ވިދާޅުވިގޮތައް އެބައި މީހުންނަށް ކަންކަން ފަހުން މެދުވެރިވިއެވެ. އެކަލޭގެފާނުންގެ ހުވަފެން ތައުބީރު ކުރެއްވުމުގެ ކުޅަދާނަކަމުގެ ޚަބަރު މިސުރުގެ ރަސްގެފާނަށް ލިބިވަޑައިގަތެވެ. އަދި އެ ރަސްގެފާނަށް ފެނިވަޑައިގަތް ބިރުވެރި ހުވަފެނެއް ތައުބީރުކޮށްދެއްވަން ޖެހިވަޑައިގަތެވެ. ނަތީޖާއެއްގެ ގޮތުން އެކަލޭގެފާނަށް މިސުރުގެ ހަޒާނާތަކުގެ ވެރިކަން ލިބިވަޑައިގަތެވެ. އަދި އެކަލޭގެފާނު ތުއްޕުޅުއިރު ވަޅަށް އެއްލަވާލެއްވި ބޭބޭފުޅުމެން ކާބޯތަކެތި ހޯދެވުމުގެ މަޤްސަދުގައިއެކަލޭގެފާނުންގެ އަރިއަހަށް މިސުރަށް އަންނަންޖެހުނެވެ. މިގޮތުން އެކަލޭގެފާނަށް ތުއްޕުޅުއިރު ފެނިވަޑައިގަތް ހުވަފެންފުޅު އެންމެފަހުން ދިމާވިއެވެ.

يوسف ގެފާނަކީ ހުވަފެން ތައުބީރު ކުރައްވަން ﷲ އުގަންނަވައި ދެއްވި ބޭކަލެއްކަން ކީރިތި ޤުރުއާންގެ سورة يوسف ގެ 6 ވަނަ އާޔަތުން އެނގެއެވެ.

وَكَذَٰلِكَ يَجْتَبِيكَ رَبُّكَ وَيُعَلِّمُكَ مِن تَأْوِيلِ الْأَحَادِيثِ وَيُتِمُّ نِعْمَتَهُ عَلَيْكَ وَعَلَىٰ آلِ يَعْقُوبَ كَمَا أَتَمَّهَا عَلَىٰ أَبَوَيْكَ مِن قَبْلُ إِبْرَاهِيمَ وَإِسْحَاقَ ۚ إِنَّ رَبَّكَ عَلِيمٌ حَكِيمٌ ﴿٦﴾

އަދި ހަމައެފަދައިން، ތިބާގެ ވެރިރަސްކަލާނގެ، ތިބާ خيار ކުރައްވައި، ހުވަފެނުގެ ވާހަކަތައް، މާނަކުރުން ތިބާޔަށް ދަސްކޮށްދެއްވައި، އަދި ތިބާޔަށާއި، يعقوب ގެ ދަރިކޮޅަށް، އެކަލާނގެ نعمة ތައް ފުރިހަމަކޮށްދެއްވާނެތެވެ. (އެއީ) މީގެކުރިން، ތިބާގެ ދެކާފައިން ކަމަށްވާ، إبراهيم ގެފާނާއި، إسحاق ގެފާނަށް އެ نعمة ތައް ފުރިހަމަކޮށްދެއްވި ފަދައިންނެވެ. ހަމަކަށަވަރުން، ތިބާގެ ވެރިރަސްކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެއެވެ. (ޤުރުއާން، 12:6)

ދިމާވާ ހުވަފެނަކީ ހުރިހާ އިންސާނުންނަށްވެސް ފެންނަ ހުވަފެނުގެ ބާވަތެކެވެ. މިގޮތުން މުސްލިމު ނޫން ރަސްރަސްކަލުންނަށާއި، ރަސޫލުންނަށާއި އާދައިގެ މީސްމީހުންނަށްވެސް ފެންނަކަން ޔޫސުފްގެފާނުންގެ ވާހަކައިން އެނގެއެވެ. ނަމަވެސް އެހުވަފެނުން އެލިބޭ މެސެޖް ރަނަގަޅަށް މާނަކުރުމަކީ ކޮންމެ ކޮންމެ މީހަކަށް ވާނެކަމެއް ނޫނެވެ.