نوح ގެފާނުގެ ޠޫފާނުގެ ވާހަކައިން ނުފެނިވާ ޖިގްސޯ ޕަޒަލްގެ އެތިކޮޅުތައް: ޢިލްމީ ލަފާކުރުމެއް 

މުޙައްމަދު ޖަމީލް ( ޖެނުއަރީ 2020 ، 9:00)

ކިޔުއްވި ބޭފުޅުން: 10372


ޚުލާސާ

އަޅުގަނޑުމެން މުސްލިމުންނަށް نوح ގެފާނު މުހިއްމުވާ ފަދައިން ޔަހޫދީންނާއި ނަޞާރާއިންނަށް ވެސް نوح ގެފާނަކީ މުހިއްމު رسول އެކެވެ. نوح ގެފާނު 950 އަހަރު ދުނިޔޭގައި ދިރިހުންނެވިއެވެ (ޤުރުއާން 29:14). نوح ގެފާނުގެ ޤައުމަށް ކޯފާއެއްގެ ގޮތުގައި ﷲ ވަރުގަދަ ޠޫފާނެއް ފޮނުއްވިއެވެ. މިޠޫފާނުގެ ފަހުން ނައުކޮޅު ބީހިފައިވަނީ “ޖޫދީ” (الجودي)  އަށް ކަމުގައި ޤުރުއާނުގައިވެއެވެ (ޤުރުއާން 11:44). ޤުރުއާނުގައި ކަނޑައެޅިގެން  “ޖޫދީ ފަރުބަދަ” (جبل جودي) ކަމުގައި ނެތްނަމަވެސް “ޖޫދީ” އަކީ މިހާރުގެ ތުރުކީގައި ހުންނަ “ކޫޑީޑަގީ”  ފަރުބަދަކަމުގައި ދެކޭ މުސްލިމުންއުޅެއެވެ. ކްރިސްޗިއަން އަދި ހީބްރޫ ބައިބަލްގައި ވަނީ نوح ގެފާނުގެ ނައުކޮޅު ބީހިފައިވަނީ “އަރަރާޓް” ގެ ފަރުބަދަތަކަކަށް ކަމުގައެވެ (ޖެނެސިސް، 8.4). މިފޮތްތަކުގައިވެސް ކަނޑައެޅިގެން ވަކި ފަރުބަދައެއްކަމުގައި ނެތެވެ. ނަޞާރާއިންގެ ތެރޭގައިވެސް “އަރަރާތަކީ” ތުރުކީގައި ހުންނަ ” އަގްރީޑަގީ” ފަރުބަދަކަމަށް ދެކޭމީހުންވެސް އުޅެއެވެ. 

މި މަޒްމޫނުގެ މަޤްސަދަކީ ޤުރުއާން އާއި އެހެންނިހެން ފޮތްތަކުގެ އަލީގައި نوح ގެފާނުގެ ޠޫފާނުގެ ހާދިސާ ހިނގާފައިވަނީ ކޮންހިސާބެއްގައިތޯ އާއި އަދި ނައުކޮޅު ބީހުނީ ކޮންތަނަކަށްތޯ ލަފާކުރުމެވެ. އަދި نوح ގެފާނުގެ ޠޫފާނަކީ “ޤުރުއާނުގައި ވާގޮތަށް” ހިނގާފައިވާ ހާދިސާއެއްކަން ޢިލްމީގޮތުން ދައްކާދިނުމެވެ. މި މަޒްމޫނުގައި ދައްކާދީފައިވާނީ نوح ގެފާނުގެ ޠޫފާނު އައިސްފައިވަނީ ގާތްގަޑަކަށް 6100 ބީ.ސީ. އާއި 5100 ބީ.ސީ. އާއި ދެމެދުގެ ކޮންމެވެސް ދުވަސްވަރެއްގައި ކަމުގައެވެ. އަދި نوح ގެފާނުގެ ދުވަސްވަރަކީ އާކިޔަލޮޖިކަލް ގޮތުން “ހަލަފް” ސަޤާފަތުގެ ދުވަސްވަރު ކަމުގައެވެ. އަދި އެކަލޭގެފާނު، ޠޫފާނުގެ ކުރިން ދިރިއުޅުއްވާފައިވުން ގާތީ އެނަޓޯލިޔާ (ތުރުކީ) ގެ މެޑެޓެރެނިއަން އާއި ވީފަރާތު އައްސޭރިފަށުގެ ތަނެއްގައި ކަމުގައެވެ. “ކޫޑީޑަގީ” އާއި އަގްރީޑަގީ” ފަރުބަދަތަކަކީ نوح ގެފާނުގެ ނައުކޮޅު އެރި ފަރުބަދަތަކެއް ނޫންކަމުގައެވެ. އަލްޖޫދީ އަކީ ޖޫޑިއަން މައުންޓެންސް (ގްރީކް ބަހުން ޖޫދިއަން މުދާއިންސް) ނުވަތަ ޖޫޑިއަން ހިލްސް ގެ ސަރަހައްދު ކަމަށްވުން ގާތްކަމުގައެވެ. މިހިސާބަކީ މީލާދީ ތާރީޚުން 6 ވަނަ އަހަރު ހިސާބުގައި ރޫމީންގެ ބާރުގެ ދަށުގައި އޮތް ސަރަހައްދަކަށް ނިސްބަތްވާ ބައެކެވެ. ބައިތުލް މަޤްދިސްއާއި އާއި ބެތެލެހެމް އަދި ޖެރީކޯފަދަ ސިޓީތައް ނިސްބަތްވަނީ ތާރީޚީގޮތުން ޖޫޑިޔާގެ ސަރަހައްދަށެވެ.. نوح ގެފާނުގެ ނައުކޮޅު އަރާފައިވާނޭކަމަށް ބަލާފައިވާނީ ޖޫޑިއަން މައުންޓެއިންސް އާއި ދިމާލުން އައްސޭރިއަށެވެ. نوح ގެފާނު ފުރަތަމަ ދިރިއުޅުއްވާފައިވާނީ މެޑެޓެރެނިއަން ކަނޑުގެ އައްސޭރިފަށާއި ކައިރި ތަނެއްގައި ކަމުގައި ބަލާފައިވާނެއެވެ. އެކަލޭގެފާނާއި އެކަލޭގެފާނުގެ ޤައުމުގެ މީހުންގެތެރެއިން ސަލާމަތްވި މީހުން ދެން ދިރިއުޅެން ފަށާފައިވާނީ ނައުކޮޅުއެރި ހިސާބުގައި ކަމަށާއި ޖޯޑަންވެލީ އާއި އެހެން ހިސާބުތަކަށް އޭގެފަހުން ފެތުރިގެންދިޔުން އެކަށީގެންވާ ކަމުގައި ބުނެފައިވާނެއެވެ.  نوح ގެފާނު އަވަހާރަވުމަށްފަހު މަޤްބަރާ ހުރިތަނުގައި، ޖޯޑަންގައި އެކަލޭގެފާނު ފަސްދާނުލެވިފައި ވާނޭކަމަށްވެސް ބުނެފައިވާނެއެވެ. މިއީ ޢިލްމީ ލަފާކުރުމެކެވެ.