7 އުޑު އުފެދުނުގޮތާއި ކޮސްމިކް ވެބްގައި އުޑުތައް އަތުރާލެވިފައިވާ ގޮތް: 21 ވަނަ ޤަރުނުގެ ލެންސުން
މުޙައްމަދު ޖަމީލް (30 މެއި 2026، ހޮނިހިރު)
ފެށުން
މި މަޒްމޫނުގައި އަޅުގަނޑު ހުށައަޅައިދޭނީ 21 ވަނަ ޤަރުނުގެ ސައިންޓިފިކް ހޯދުންތަކުގެ އަލީގައި، ޤުރުއާނުގައިވާ އުޑުތައް ވުޖޫދަށް އައީ ކިހިނެއްކަމާއި، އުޑުގެ އޮނިގަނޑާއި، “ކޮސްމިކް ވެބް” ގެ ބިޔަ ވިއުގައިގެ ތެރޭގައި 7 އުޑު އެތުރިފައިވާނޭ ކަމަށް ލަފާކުރެވޭ ގޮތުގެ ކޮންސެޕްޗުއަލް ފްރޭމް ވޯކެކެވެ. ކީރިތި ޤުރުއާނުގައި ވަނީ ﷲ ހަތް އުޑާއި އަދި އެއަދަށް ބިންތަކެއް އުފެއްދެވިކަމަށާއި އަދި އުޑުތަކުގައި ހިނގާ ބިނގާވެ އުޅޭ ދިރޭތަކެތި ލެއްވިކަމުގައެވެ. އުޑުން ފެންނަތަކެތީގެ ތެރެއިން އެފަދަ ތަކެއްޗަށް ދިރިއުޅެވޭނީ ހިލައިގެ ބިންވާ ދުނިޔެފަދަ މާޙައުލެއްވާ ގުރަހަތަކެއްގަ އެވެ. ޖައްވުގަވާ ހުސްތަނަކު ނޫނެވެ.
އުޑަކީ ކޮބާ؟

އުޑަކީ ބިންމަތީގައި ހިނގާބިގާވެ އުޅޭ، ލޯ ހުންނަ ތަކެތި މައްޗަށް ބެލުމުން ފެންނަ ތަނެވެ. އުޑުން ފެންނަނީ ކައުނުގައިވާ ބައެއް ތަކެއްޗެވެ. ދުވާލު އުޑު ނޫކުލައިގައި ފާޅުވެ، ގުއްބެއްގެ ސިފައިގައި ފެންނަނީ ހުދު އަލީގައިވާ ނޫކުލަ، ވައިގެ ފަށަލައިގައި ހުންނަ މޮލިކިއުލްތަކުގައި ޖެހި، އެހެން ކުލަތަކަށްވުރެ ބޮޑަށް އެކި ދިމަދިމާޔަށް އެ އަލި ފެތުރޭތީ އެވެ. އިރުއޮއްސޭ އިރު ފެންނަކުލަތައްވެސް ފެންނަނީ އެފަދައިންނެވެ. ދުވާލު އިރުގެ އަލިގަދަވިޔަސް، ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން އުޑުގެ ޒީނަތްތެރިކަން ފާޅުވެއެވެ. ކައިރި އުޑު ވަނީ ތަރިތަކާއި، ގުރަހަތަކާއި، ބުރުޖުތަކުން ޒީނަތްތެރިކުރައްވާފައެވެ. އަދި އުޑަކީ އެއްވެސް ތަނބެއް ނެތި އުފުއްލަވާފައިވާ، ރައްކާތެރި ފުރާޅެއް ފަދަ “ބިނާއެއް ކަމުގައި ޤުރުއާނުގައިވެސް އޮވެއެވެ.
މި ބިޔަ ބިނާގެ ތެރޭގައިވާ ކޮންމެ އެއްޗަކީވެސް ވަކި އޯބިޓެއްގައި ދަތުރުކުރާ އެއްޗެކެވެ. ހަނދު ދުނިޔެވަށައި އެނބުރޭއިރު އެދޭތި އެކުގައި އިރުވަށައި އެނބުރެއެވެ. އަދި އިރު އޭގެ ނިޒާމާއެކު މިލްކީވޭގެ ވަށައި އެނބުރެއެވެ. މި ހުރިހާ ތަކެއްޗެއް ދައުރުވަނީ ޤުރުއާނުގައި ބަޔާންކުރައްވާފަދައިން ވަކި މަގުތަކެއްގައެވެ.
އަޖައިބަކީ، “އުޑުގެ އިހުސާސް” ކުރެވެނީ ހަމައެކަނި ވައިގެ ފަށަލައެއް އޮތް ބިމެއްގަ، އެ ބަލާނެ “ލޯ ހުންނަ” ދިރުންތަކެއް އުޅޭނަމަ އެވެ. ވައިގެ ފަށަލައެއް ނެތް ތަނެއްގައި، ނުވަތަ އުޑުނުފެންނަ ތަކެއްޗަށް ރޭގަނޑާއި ދުވާލު ތަފާތުކޮށްދޭ ގުއްބެއްގެ ސިފައިގެ އުޑެއް ނުފެންނާނެ އެވެ. އެހެންކަމުން އުޑަކީ، އެ ބިމަކާއި އެތަނެއްގެ ދިރުންތަކާ ގުޅިފައިވާ ވަރުގަދަ އޮނިގަނޑެކެވެ.

ކައުނުން ފެންނަ މިންވަރު ބިނާވަނީ ބަލާ މީހާގެ އާލާތްތަކުގެ މައްޗަށެވެ. އާދައިގެ ލޮލަށް ފެންނަނީ ހަމައެކަނި މިލްކީވޭގެ ތަރިތަކުގެ ކުޑަ މިންވަރެކެވެ. ނަމަވެސް، ޓެލެސްކޯޕުން ބަލާއިރު، ޑާކް މެޓާ އާއި ގްރެވިޓީގެ ބާރުގައި އަތުރާލެވިފައިވާ “ކޮސްމިކް ވެބް” ގެ ބިޔަ އޮނިގަނޑު ފެނެއެވެ. ކައުނުގެ އުދަރެހުން ފެންނަ އެންމެ ފުނަކީ ސައިންސްވެރިން ކިޔާ “އޮބްޒާވަބަލް ޔުނިވާރސް” އެވެ. މީގެ ދުރު ނުފެންނަނީ ޑާކް އެނާޖީގެ ސަބަބުން ކައުނު ފުޅާވާ ރޭޓް އަލީގެ ދުވެއްޔަށްވުރެ ބާރުވާތީ އެވެ. މިއީ ހިންޏެއް ހިނގާ ދެމޭ ރަބަރުގަނޑެއްގެ މަތީ އެސޮރަށް ކުރިއަށް ނުދެވޭ ފަދައިންނެވެ. ފިޒިކްސްގެ ހަމަތަކުން ބަލާއިރު، އޮބްޒާވަބަލް ޔުނިވާރސްއަކީ ޙަޤީޤީ ބައުންޑަރީއެއް ނުވަތަ މާއްދީ އެއްޗެއް ނޫނެވެ. އެއީ ހަމައެކަނި އަލި ދަތުރުކުރާ މިންވަރުން އިންސާނާ ހުންނަ ދިމާލެއްގެ މައްޗަށް ބިނާވެގެން ފެންނަ ވަގުތީ “އޮޕްޓިކަލް ބަބުލް” އެކެވެ.
އުޑު އުފެދުނު މުއްދަތު
ޤުރުއާނުގައިވަނީ އުޑާއި ބިން ހެއްދެވީ 6 ދުވަހުން ކަމުގައެވެ. ބިން ހެއްދެވީ ދެދުވަހުން ކަމަށާއި 7 އުޑު ފުރިހަމަކުރެއްވީ ވެސް ދެދުވަހުން ކަމުގަ އެވެ. ރެލެޓީވިޓީ އާއި ޤުރުއާނުގެ އާޔަތްތަކުން އެނގޭ ގޮތުގައި، ވަގުތަކީ އެކި ޙާލަތްތަކުގައި ތަފާތު މިންވަރަށް ހިނގާ އެއްޗެކެވެ. ވީމާ މިދުވަސްތަކަކީ އީޕޮކްތަކެއް ނުވަތަ ވަކިވަކި ކަންތައްތަކެއް ހިނގި ދުވަސްވަރުތަކެކެވެ. ބުއްދީގޮތުން ބެލިޔަސް ބިން އުފެދި ރޭދުވާ ވަކިވުމުގެ ކުރީގައި ހިނގި ކަމެއް ދުނިޔޭގެ ދުވަސްތަކުން ނުގުނޭނެ އެވެ. ސައިންސުން ފެންނަގޮތުން މީގެ ފުރަތަމަ 4 އީޕޮކަކީ ބިގްބޭންގް އަށްފަހު ހަކަތައިން ފަންޑަމަންޓަލް ޕާޓިކަލްސްތައް އުފެދި ގެލެކްސީތަކުގެ ތަރިތައް އުފެދުމަށް ބޭނުންވާ ހައިޑްރިޖަން ގޭހުގެ އެޓަމްސްތައް އުފެދުމާ ހަމައަށެވެ.

ބާކީ ދެ އީޕޮކަކީ އުޑާއި ބިން އުފެދުނު މުއްދަތުކަމަށް ޤުރުއާނުގައިވާ ދެ ދުވަހެވެ. މީގެ ފުރަތަމަ އީޕޮކްގައި، އޭރުކައުނުގައި އުފެދިފައިވާ ހައިޑްރިޖަން އާއި ކޮންމެވެސް މިންވަރެއްގެ ހީލިއަމް ހުރި ގޭހުގެ ދުންގަނޑުން ފުރަތަމަ ތަރިތައް އުފެދުނު އެވެ. އޭރު ހަތް އުޑުއުފެދުމަށް ބޭނުންވާ މާއްދާތައް ވާނީ އެކައްޗެއްގެ ގޮތުގަ މި ދުންގަނޑުގައެވެ. ދެން މި ތަރިތަކާއި ގޭސް، ގްރެވިޓީގެ ބާރުގައި އެކި ދިމަދިމާޔަށް ޖަމާވެ، ކައުނު ފުޅާވާން ފެށުމާއެކު ވަކިވަކި އޮނިގަނޑުތަކެއް ނުވަތަ ގެލެކްސީތަކެއްގެ ގޮތުގައި ދުރުވެ، ތަރައްޤީވާން ފެށި އެވެ. ދިރުމަށް ބޭނުންވާ ބަރު މާއްދާތައް އެކުލެވިގެންވާ ‘ނެބިއުލާތައް’ މި ދުވަސްވަރު ގެލެކްސީތަކުގައި އުފެދުނު އެވެ، އެއީ ފުރަތަމަ ތަރިތައް ގޮވައި، އޭގެން ބޭރުވި މާއްދާތައް ގޭހާ އެކުވެގެންނެވެ.
އުޑާއި ބިން އުފެދުމުގެ ދެވަނަ އީޕޮކްގައި މި ނެބިއުލާތަކުން އައު ތަރިތަކާއި ގުރަހަތައް ވުޖޫދުވިއެވެ. އަދި ބައެއް ގުރަހަތަކުގައި ވައިގެ ފަށަލަ އުފެދި، މޫސުމީ ބުރުތައް ހަރަކާތްތެރިވެ، ދިރުމަށް ތައްޔާރުވި އެވެ. އަޅުގަނޑުމެންގެ ދުނިޔެއަށް ބަލާއިރު، އުޑުގެ މި ދެވަނަ އީޕޮކް ހިނގާދިޔައީ ބިމުގެ 4 ޖިއޮލޮޖިކަލް އީއޯންސް (Geological Eons) އާއެކީގައެވެ. މި ސަބް-އީޕޮކްތަކުގައި ފަރުބަދަތައް އުފެދެމުން އައިއިރު، ބިމުގެ އަޑިން ފެނުގެ އާތްވާއި ގޭސްތައް ބޭރުވެ (Outgassing)، މިއަދުގެ މި ފުރިހަމަ ވައިގެ ފަށަލަ އުފެދުނެވެ. މި ހަތަރު ސަބް-އީޕޮކް ތަކަކީ ބިމުގައި ފަރުބަދަތައް ލައްވައި ބަރަކާތް ލައްވައި ބިމުގައިވާ ތަކެތީގެ ރިޒުގު މިންވަރުކުރެއްވި ކަމަށް ޤުރުއާނުގައި އެވާ 4 ދުވަސް ކަމުގައި ވެދާނެއެވެ.
އެންމެ ކައިރި އުޑާއި އެހެން އުޑުތައް
ޤުރުއާނުންނާއި ސައިންސުން އެނގެނީ ދުންގަނޑުން އުޑު އުފެދި 7 އުޑަށް ފުރިހަމަވީ ކަމުގައެވެ. ވުމާއެކު މުޅި ކައުނަކީ ފުރަތަމަ އުޑުކަމުގައި ބުނުމުގެ ޖާގައެއް ނެތެވެ. އަދި މުޅި ކައުނަކީ އެއް އުޑު ކަމަށް ބަލައިފިނަމަ، ބާކީ ހުރި 6 އުޑު އޮންނަން ޖެހޭނީ މި ކައުނުން ބޭރުގައެވެ. އޭރުން ޤުރުއާނުގައި ބަޔާންކުރާ ދިރުންތައް ފެތުރުއްވި އިތުރުއުޑުތައް ވާނީ މިކައުނުން ބޭރުގައެވެ. އެކަމަކު ދިރުމަށް ބޭނުންވާ އެޓަމްސްތައް ތަކާއި މާއްދީ ބިންތައް ވަނީ މިކައުނުގައެވެ. އަޅުގަނޑުމެންނެކޭ އެއްފަދައިން އެހެން ދިރުންތައް ވެސް ވާނެކަމަށް ޤަބޫލުކުރެވެނީ ހަމަ މިކައުނުގެ ތެރޭގައެވެ. ޤުރުއާނުގައި އުޑު ސިފަކުރައްވާފައިވަނީ ފިޒިކަލް ގޮތުން ހަރުދަނާކޮށް ހިފެހެއްޓިފައިވާ “ބިނާއެއް” (Structure) ގެ ގޮތުގައެވެ. އަދި މި ބުނާ މާއްދީ ‘ބިނާ’ އަކަށް މި މޮޑެލްގައި ފެތެނީ، ގްރެވިޓީގެ ބާރުގައި އޭގެ ބައްޓަމާއި އޮނިގަނޑު ހިފަހައްޓާފައިވާ ގެލެކްސީ އެވެ. ޤުރުއާނުން އެނގެނީ މުޅިކައުނަކީ “ހަތް އުޑާއި ބިމާއި އެދެމެދުގައިވާހާ ތަކެތި” ކަމުގައެވެ.

އަޅުގަނޑުމެންގެ އާދައިގެ ލޮލަށް ފެންނަ ތަރިތަކާއި އޭގެ ބުރުޖުތަކަކީ ހަމައެކަނި “އެންމެ ކައިރި އުޑު” ގެ ތަކެއްޗެވެ. ދުނިޔެއަކީ މިލްކީވޭގައި ނެސްޓެޑް ކުރެވިފައިވާ ބިމަކަށްވާތީ އެއީ އަޅުގަނޑުމެން ލައްވާފައިވާ އުޑެވެ. ނަމަވެސް، ޓެލެސްކޯޕުން ފެންނަ އޮބްޒާވަބަލް ޔުނިވާރސްގެ ދުރުގެ ގެލެކްސީތަކަކީ ﷲ ބަޔާންކުރައްވާ “ގަދަފަދަ ހަތް އުޑުގެ” ބިޔަ ބިނާގެ ބައިތަކެވެ. މިބިޔަ ބިނާގައި އެތައްމިލިޔަން ގެލެކްސީތައް ވާއިރު ގަސްގަހާގެއްސާއި އެކިބާވަތުގެ ދިރޭތަކެތިން މުއްސަދި ދުނިޔެ ފަދަ 7 ބިމެއްގައި އިންސާނުން ފަދައިން ވިސްނުމާއި އިޚްތިޔާރު ދެއްވާފައިވާ މަޚްލޫޤުންތަކެއް އުޅެދާނެއެވެ. މި ދިރޭތަކެއްޗަށްވެސް ފެންނާނީ އެބަޔަކު ތިބި ދިމާލެއްގެ ކައިރި އުޑާއި 7 އުޑުގެ ބައެކެވެ. އެއީ އެބައެއްގެ އޮބްޒާވަބަލް ޔުނިވާރސް އެވެ. މި ހަތް އުޑުގެ ބިޔަ އޮނިގަނޑުގައި އެތައް ގިނަ ދިރުންނުވާ ފަޅު ބިންތަކާއި، އުޑު ފެނި އިހުސާސް ނުކުރެވޭ ދިރޭތަކެއްޗާ އިންސާނުންފަދަ ވިސްނުމާއި ޢިޚްތިޔާރު ދެއްވާފައިނުވާ ޖަނަވާރުތައް އުޅޭ ގިނަ ބިންތައްވެސް ވެދާނެއެވެ. އަދި އެ އެންމެންނަކީ ﷲ ބިނާކުރެއްވި އެއް ބިނާއެއްގެ (One Structure) ތެރޭގައި ދިރިއުޅޭ ބައެކެވެ. ޤުރުއާނުން އެނގެނީ އުޑުތަކުގައިވާހާ ތަކެތި އެކަލާނގެއަށް ތަސްބީޙަކިޔާ ސަޖިދަކުރާކަމަށާއި ޤިޔާމަތް ދުވަހުން އެއްތަންކުރެވޭނެ ކަމުގައެވެ.
ހަތް އުޑު ފަށަލަކުރެވިފައިވާގޮތް
އުޑުތަކުގެ އޮނިގަނޑު ހުންނަގޮތް ބަޔާންކޮށްދޭ ޤުރުއާނުގެ އެންމެ މުހިއްމު ދެ އާޔަތަކީ ސޫރަތުލް މުލްކުގެ 3 ވަނަ އާޔަތާއި 4 ވަނަ އާޔަތެވެ. މި ދެއާޔަތުގައި 7 އުޑުފެންނަގޮތް ބަޔާންކޮށްދީ ތަކުރާރުކޮށްބަލައި އުނިކަމެއްވޭތޯ ބެލުމަށް އިރުޝާދު ދެއްވާފައިވޭ. މިއާޔަތުގައިވާ ޚާއްސަ ދެ ކަލިމައަކީ طِبَاقًا (ތިބާޤަން) އާއި فُطُورٍ (ފުޠޫރް).
ތިބާޤަންގެ އެއްމާނައަކީ “އެކަތި އަނެކަތީގެ މަތީގައިވާ ފަށަލަތައް” އެވެ. އަނެއް މާނައަކީ “އެކަތި އަނެކަތީގެ މައްޗަށް، ތަރުތީބުން ފެތޭގޮތަށް އަތުރާލެވިފައިވާ ތަކެތި” އެވެ. ކުރިން ގަބޫލުކުރެވުނީ އުޑުތަކަކީ ފިޔައެއްގެ ތޮށިތަކެއް ފަދަ ވަކިވަކި ފަށަލަތަކެއް ކަމުގަ އެވެ. ނަމަވެސް، މިހާރު ސައިންސުން އެނގެނީ ކައުނަކީ އެކަތި އަނެކަތީގެ ތެރެއަށް ފެތޭގޮތަށް (Nested) ތަރުތީބުކުރެވިފައިވާ ބިޔަ އޮނިގަނޑުތަކެއް ކަމެވެ. ސައިންސްވެރިން މިއަށް ކިޔަނީ “ހައިރާކިކަލީ ސްޓްރަކްޗާޑް” (Hierarchically Structured) އޮނިގަނޑެވެ.

ބިމުން ބަލާ މީހަކަށް ވިލާތަކުގެ މަތިން ގުރަހަތަކާއި، ތަރިތަކާއި، އަދި ގެލެކްސީތައް ފެންނަނީ އެކަތި އަނެކަތީގެ މަތީގައިވާ ފަށަލަތަކެއްގެ ސިފައިގައެވެ. ހަތް އުޑު އެކުލެވިގެންވާ ކައުނުގެ އެންމެ ބޮޑު އޮނިގަނޑު ކަމުގައިވާ ‘ކޮސްމިކް ވެބް’ އާ ހަމައަށް ބަލާއިރު، މި ހުރިހާ ނިޒާމެއް ވަނީ މެދުކެނޑުމެއް (فُطُورٍ) ނެތި ފުރިހަމައަށް ގުޅި ލާމެހިފަ އެވެ. ކައުނުގެ ކޮންމެ ތަނެއްގައިވާ ދުނިޔެފަދަ ބިމަކުން ބެލިޔަސް ކައުނުގެ މި ފަށަލަތައް އެއްގޮތަކަށް (Corresponding) ފެންނާނެއެވެ.
ކޮސްމޮލޮޖިކަލް ޕްރިންސިޕަލް (Cosmological Principle) ބުނާގޮތުން ކައުނަކީ ހުރިހާ ދިމާލަކުން ބެލިޔަސް އެއްގޮތަށް ފެންނަ ތަނެކެވެ. އެއީ އެއް ސިޓީއެއްގެ އެކި ތަންތަނުގައިވާ 7 އިމާރާތަކުން އެ ސިޓީ ބަލާއިރު ތަފާތު އެންގަލުން އެސިޓީއާއި ވަށައިގެންވާ ސަރަހައްދު ފެންނަ ފައިންނެވެ.

ކީރިތި ޤުރުއާނުގައި އަލިގަދަ ގުރަހަތަކުން ޒީނަތްތެރިކުރެވިފައިވާ އުޑަކީ އެންމެ ކައިރި އުޑުކަމުގައި ބަޔާންކުރެއްވުމުގެ ބޭނުމަކީ، އިންސާނާއަށް ނުފެންނަ އުޑުތައް ހުންނަގޮތް ފެންނަ މިސާލަކުން ދެއްކެވުން ކަމުގައި ވެދާނެއެވެ. ސުވަރުގޭގެ ބައެއް ކަންކަން ދުނިޔޭގެ މިސާލުން ބަޔާންކޮށްދެއްވާފައިވާ ފަދައިންނެވެ.
ނިންމުން
މި ވީޑިއޯގެ ޚުލާސާއަކީ “ހަތް އުޑަކީ” ކޮސްމިކްވެބްގައި ވިސްނުންތެރީ ދިރޭތަކެތިލައްވާފައިވާ ހަތް ގުރަހައެއް ނެސްޓެޑް ކުރެވިފައިވާ 7 ގެލެކްސީއެއްކަމެވެ. އަޅުގަނޑުމެންގެ ބިން ނެސްޓެޑް ކުރެވިފައިވަނީ މިލްކީވޭގައެވެ. މިލްކީވޭ އަކީ އަޅުގަނޑުމެންނަށް ފެންނަ އެންމެ ކައިރި އުޑެވެ. އެހެން ބިންތަކުގެ އަހުލުވެރިންނަށް އެބައި މީހުންގެ ގެލެކްސީތަކަކީ އެބައިމީހުންނަށް ފެންނަ އެންމެކައިރި އުޑުތަކެވެ.
މިއަދުގެ ޓެކްނޮލޮޖީން އަޅުގަނޑުމެންނަށް ދިރާސާކުރެވެނީ، މިލްކީވޭ ގެލެކްސީގެ އެންމެ 1 ނުވަތަ 2 އިންސައްތަ ދުރުގައިވާ ގުރަހަތަކެވެ. އޭގެ ގުރަހަތަކެއްގައި ދިރުމަށް ބޭނުންވާ ވައިގެ ފަށަލަތަކެއްވިޔަސް، މިއަދުގެ އާލާތްތަކުން އެތަންތަނުގައި ދިރުންވާކަން ކަށަވަރުކުރުމަކީ އުނދަގޫ ކަމެކެވެ. އަޅުގަނޑުމެން އަޅުގަނޑުމެންގެ އުޑު މިލްކީވޭގައި އުޅޭކަން އެހެން އުޑެއްގައި އުޅޭބަޔަކަށްވެސް އެނގުމަކީ ނާދިރުކަމެކެވެ. އެންމެކުޑަވެގެން އެންމެކައިރީގައިވާ ތަރީގެ ގުރަހައެއްގައި ބަޔަކުތިއްބަސް އެބަޔަކަށް އަޅުގަނޑުމެން އުޅޭކަމެއް ނޭގޭނެ އެވެ. އެހެންކަމުން ދުރުގައިވާ އުޑުތަކުގެ އޮނިގަނޑުތައް ހަމައެކަނި އިންސާނީ ސައިންސުން ކަށަވަރުކުރުމަކީ ވެދާނެ ކަމަކަށް ނުވާތީ މި ހުށަހެޅުމަކީ ލަފާކުރެވޭ ގޮތުގެ ކޮންސެޕްޗުއަލް ފްރޭމްވޯކެކެވެ.
މާތް ﷲ ކޮންމެ އެއްޗެއް ޖޯޑުޖޯޑަށް ހެއްދެވިއިރު، މިއުރާޖް ދަތުރުފުޅުގައި ކީރިތި ރަސޫލާ (ﷺ) އުފުއްލެވުނީ ސުވަރުގެވާ މި މާއްދީ ކައުނުގެ އިދިކޮޅު ޖޯޑަށް ކަމުގައި ވެދާނެ އެވެ. ޤުރުއާނުން އެނގެނީ އެއީ ޖާގައާއި ވަޞީލަތުގެ ގޮތުންވެސް ބިމާއި ހަތް އުޑުގެ ތަނަވަސްކަން ލިބިގެންވާ ތަނެއް ކަމުގައެވެ. އަޅުގަނޑުމެންގެ ބިމާއި ގެލެކްސީއަށްވުރެ އެތައް ގުނައެއް ބިޔަ ތަންތަން މި ކައުނުން ފެނުމަކީ، އެފަދަ ތަނަވަސް ޢާލަމެއް އޮވެދާނެކަމުގެ ބުއްދީގެ ހެކި ލިބިގެންދާ ކަމެކެވެ. ހަމަކަށަވަރުން މާތް ﷲ އަކީ ‘ރައްބުލް ޢާލަމީން’ (ހުރިހާ ޢާލަމްތަކެއްގެ ވެރިރަސްކަލާނގެ) އެވެ.
