އިބުނު ބަޠޫޠާ ކިޔައިދެއްވި ރަންނަމާރީގެ ހާދިސާ އާއި އޭގެ އަސްލު ޙަޤީގަތް ކަމުގައި ބެލެވޭ ތިއަރީ (+16)

މުޙައްމަދު ޖަމީލް (12 ޑިސެންބަރު 2021)

ކިޔުއްވި ބޭފުޅުން: 10506

ޚުލާސާ

އިބުނުބަޠޫޠާ ރާއްޖެ ވަޑައިގަތީ ރާއްޖެ އިސްލާމް ވީފަހުން ދޮޅު ގަރުނު ފަހުންނެވެ. އަދި އޭގެ ފަހުން ގިނަ ދުވަހެއް ނެތި މި ވާހަކައަކީ ރެކޯޑް ކުރެވިފައިވާ ވާހަކައަކަށް ވުމާއެކު ކޮންމެ ވެސް ވަރެއްގެ ހަޤީގަތެއް ހިމެނިގެންވާ ވާހަކައެއް ކަން އަޅުގަނޑު ޤަބޫލުކުރަމެވެ. އެދުވަސްވަރު މާލެތެރެއިން ދެދޭތެރެއިން ޖިންނިއެއް ފެނި އޭގެ ގޯނާގެ ސަބަބުން ބައެއް މީހުން ބިރުގަނެ ބަލިވެ ކަންތައްތަކެއް ކުރިމަތިވަމުން ދިޔަނަމަ އެ އެއްޗެއްގެ ކިބައިން މީސްތަކުން ސަލާމަތްކުރަން ވެރިކަމުގެ ފަރާތުން މަސައްކަތްތަކެއް ކޮށްފާނެ އެވެ. މި ދުވަސްވަރުނަމަ ހޯދާނީ ފަންޑިތަވެރިން އެވެ. އަދި އެދުވަސްވަރު ތިބޭނީ ބުޑިސްޓް ޓަންޓްރާ ހަދާ ހާމުދުރުން ނުވަތަ ޔޯގީންނެވެ. ވަރަށް ފަހާޖެހެންދެން ވެސް ރާއްޖޭގެ ރަށްތަކަށް މިގޮތަށް ކަނޑުން އަރާތަކެތި އެއްގަމަށް އަރާތަން ފެންނަ ވާހަކަ ތުންތުން މަތިން މީހުން ކިޔާހަދައެވެ. އެއީ ހަމަ އެކަނި މާލޭގައި އޮތް ކަމެއް ވެސް ނޫނެވެ. މިފަދަތަކެތިން ސަލާމަތްވާން ބައެއް ރަށްރަށުގައި އިހުޒަމާނުގައި ފަންޑިތަވެރިން ފަންޑިތަހަދާފައިވާ ކަމަށް ކިޔާ އުޅެއެވެ. އަދި ބައެއް ވާހަކަތަކުގައި އެކަންކުރުމުން އެފަދަތަކެތި ރަށަށް އެރުން ހުއްޓިދެއެވެ. ވުމާއެކު އެއީ އިހުޒަމާނުއްސުރެ ދިވެހިން ދަންނަ ތަޖުރިބާ ކުރަމުން އައިސްފައިވާ ހާދިސާތަކެކެވެ. ރަންނަމާރިއަކީ އެދުވަސްވަރު އެބައިމީހުން ފުރޭތަފަދަ ކަނޑުން އަރާ ތަކެއްޗަށް ކިޔާ އުޅުނު ނަމެކެވެ. ރާއްޖެއަށް ދީވަމާރި ކިޔަމުން ދިޔަ އެއްސަބަބަކަށް އެފަދަ ހާދިސާތައް ދިމާވުން ވެދާނެއެވެ. ރަންނަމާރީގެ ވާހަކައިގައި ވާ އެންމެ ތަފާތު ބޮޑުބަޔަކީ ފުރާވަރު ބުޑިސްޓް އަންހެން ކުދިން ބުދުކޯލަށް ގެންދެވުނު ވާހަކަޔާއި އެކުދިން ދުނިޔެދޫކުރާ ވާހަކައެެވެ. އެކަންކަމަކީ މިއަދުގެ ދިވެހި މުސްލިމު މުޖުތަމަޢު އަދި ޚުދު އަޅުގަނޑުވެސް ބަލައިގަންނާނެ ކަންކަމެއް ނޫނެވެ. މިއަދުގެ ބައިނަލް އަޤްވާމީ އިންތަކާއި މިންތަކުން އެދުވަސްވަރު އެކަންކުރި މީހުންނަކީ ކުށެއް ނެތް ކުޑަކުދިންތަކެއް މަރަމުން ދިޔަ ބައެއްކަން ދެކޭނެ ވާހަކަތަކެކެވެ. އެހެނަސް އެއީ އެ ތަހުޒީބުކަން ކުޑަ ބުޑިސްޓް މުޖުތަމަޢު މީގެ 7 ޤަރުނުކުރިން ދެކުނުގޮތް ކަމުގައި ނުވެހިގާދާނެއެވެ. އެކުދިންގެ މަރަކީ އެ މުޖުތަމަޢުއަށް ޓަކައި ވީ ޤުރުބާނީއެއް ކަމަށް އެ ބުޑިސްޓް މުޖުތަމަޢު ދެކިދާނެކަމަށް މި ދިރާސާއިން ފެނިފައިވެއެވެ. އަދި އެދުވަސްވަރު ހިނގި ކަންކަމަކީ އެ ޙާލަތުގައި އެ މުޖުތަމަޢު ޤަބޫލުކޮށް ވޭނާއެކު އެއްބާރުލުން ދިން ކަންތަކެއްކަން ވެސް މި ދިރާސާގެ އަލީގައި ނިންމެއެވެ. ރާއްޖެ އިސްލާމްވުމުގެ މަރުޙަލާތައް އެހާ އޮމާންކޮށް ހަމަނުޖެހުމެއްނެތި ދިޔަ އެއްސަބަބަކީވެސް އެބައިމީހުން ކުރިން ތަޙައްމަލް ކުރަމުންދިޔަ ވޭންތަކަށް އިސްލާމްދީން ހޯދައިދިން ޝިފާޢު ކަމުގައިވެސް ދެންނެވިދާނެއެވެ. ރަންނަމާރި މާލެތެރެއިން ފެނުން ހުއްޓުނީ މާލޭގެ ބުޑިސްޓުން އިސްލާމް ދީނަށް ވަދެ، ނަމާދުކޮށް، ޤުރުއާން ކިޔަވައި، ރޭގަނޑު ތަކުބީރާއި ތަޙުލީލް ކިޔަން ފެށުމުންކަމުގައި ބެލެވެއެވެ. 

ފެށުން

ކޮންމެ އަހަރަކުވެސް ދިވެހިރާއްޖެ އިސްލާމް ވީ ދުވަސް އަޅުގަނޑުމެން ފާހަގަ ކުރަމުއެވެ. މިގޮތުން ރަސްމީ ޖަލްސާތައް ބާއްވައި އެދުވަހުގެ ހަނދާންތައް އާކޮށް ދިރުވާ ހަދަމުއެވެ. މި ދިވެހިރާއްޖެއަށް އިސްލާމްދީނުގެ މާތް ނޫރުގެ އަލިކަން ލިބުމަކީ ކޮންމެ ދިވެހި ދަރިއަކު އެކަމާމެދު އުފާކުރާ އެ ނިއުމަތް ލިބުނީތީ މާތް ﷲ އަށް ޝުކުރުވެރިވާ ކަމެކެވެ. ސްކޫލު ކުދިންނަށާއި ޒުވާނުންނަށް އިސްލާމް ވީ ގޮތުގެ ހާދިސާ ސްކޫލްތަކުގައި އާއި ޓީވީ ފަދަ މީޑިއާތަކުން އަޅުގަނޑުމެން ބުނެދެމުއެވެ. އަޅުގަނޑުމެން އާއި ހަމަޔަށް މިވާހަކަތައް އައުމުގައި ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ އެކިއެކި ސައްޔާޙުންނާއި އާކިޔޮލޮޖިކަލް ދިރާސާތައް ކުރި މީސްމީހުން ލިޔެފައިވާ ލިޔުންތައް މުހިއްމު ދައުރެއް އަދާކުރެއެވެ.   

މި މަޒްމޫނުގައި ފުރަތަމަ އަޅުގަނޑު ހުށައަޅާ ދީފައިވަނީ އިބުނު ބަޠޫޠާގެ ފޮތުގައި ރާއްޖެ އިސްލާމްވީގޮތް ބަޔާން ކުރައްވާފައިވާ ބައިގެ ތަރުޖަމާއެކެވެ. އަލްމަރްޙޫމު މުޙައްމަދު އިބްރާހީމް ލުޠުފީ (1985) ގެ ވަރަށް ތަފްޞީލް ތަރުޖަމާއެއްވެސް މަލަސްގެ 32 ވަނަ އަދަދު (3 އޯގަސްޓް 1991) ގައި ވެއެވެ. ކޮޕީރައިޓް ސަބަބަބާއި ހުރެ މިތަނުގައި އަޅުގަނޑު ބަޔާންކޮށްފައިވަނީ އަޅުގަނޑުގެ އަމިއްލަ ތަރުޖަމާ އެކެވެ. މި ތަރުޖަމާ ކުރުމުގައި އަޅުގަނޑުވެސް ވީހާވެސް ބޮޑަކަށް މާނަ ނުގެއްލޭގޮތަށް ތަރުޖަމާ ކުރެވޭތޯ މަސައްކަތްކޮށްފައި ވާނެއެވެ. ދެން މި މަޒްމޫނުގެ ބާކީ ބައިގައި އަޅުގަނޑު ހުށައަޅާފައިވަނީ ކޮންމެވެސް ވަރެއްގެ ހޯދުންތަކެއްގެ މައްޗަށް ބިނާކޮށް ރަންނަމާރީގެ ހާދިސާ ހިނގިގޮތް ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތާއި އަޅުގަނޑުގެ ހޯދުންތަކުން އެގޮތަށް އެކަން ނިންމި ސަބަބެވެ. މި ލިޔުމަކީ ރާއްޖޭގައި ކުރިން ބުދުދީން އޮތީތީ އެކަން ފާހަގަކުރަން ލިޔުނު ލިޔުމެއް ނޫނެވެ. ރާއްޖެ އިސްލާމްވިގޮތް އަދި އޭގެ މައިގަނޑު ސަބަބުތައް ދަނެގަންނަން ހެދުނު ޢިލްމީ އަދި ދިރާސާ ތަކެއްގެ މައްޗަށް ބިނާވާ ލިޔުމެކެވެ. ޓިބޭޓިއަމް ބުޑިޒަމްގައި ހުންނަ ޓަންޓްރިކް ކަންކަން ދަނެގަންނަން އަޅުގަނޑު މަސައްކަތް ކޮށްފައިވާތަން ކިޔުންތެރިއާއަށް ފެނިވަޑައިގަންނަވާނެ އެވެ. އެކަމުގެ ސަބަބަކީ ރަންނަމާރިވާހަކައިގައި މަރުވާ ބުޑިސްޓް އަންހެންކުދިންނަކީ އެފަދަ ޢަމަލުތަކެއްގެ ނަތީޖާ ކަމުގައި އަޅުގަނޑު ދެކޭތީއެވެ.

އިބުނު ބަޠޫޠާ އަކީ ކޮން ބޭކަލެއް؟

އިބުނު ބަޠޫޠާ އަކީ މޮރޮކޯގެ ބޭކަލެކެވެ. ފުރިހަމަ ނަމަކީ أبو عبد الله محمد ابن عبد الله اللواتي لطنجي ابن بطوطة އެވެ. އިބުނު ބަޠޫޠާ ރާއްޖެއިން ފުރައިވަޑައިގަތް ކަމަށް އޭނާގެ ފޮތުގައިވަނީ 22 އޮގަސްޓް 1344 ގައެވެ. އިބުނު ބަޠޫޠާ ރާއްޖެ ޒިޔާރަތްކުރައްވާފައި ވަނީ ރާއްޖެ އިސްލާމްވިފަހުން ދޮޅު ޤަރުނުފަހުންނެވެ. ވުމާއެކު އެއިރު ރާއްޖޭގައި ދިރިއުޅެފައިވާ މުސްކުޅި އުމުރުފުރައިގެ މީހުންވާނީ އެހާދިސާގެ ފަހުން 2 ވަނަ ނުވަތަ 3 ވަނަ ޖެނަރޭޝަންގެ މީހުންނަށެވެ. އިބުނު ބަޠޫޠާ 75000 މޭލު ދިގު ދަތުރެއްކުރައްވައި ގިނަ އިސްލާމީ ޤައުމުތަކަށް ޒިޔާރަތް ކުރައްވާފައިވެއެވެ. އޭނާގެ ދަތުރުގެ ފަހުބައިގައި މޮރޮކޯއަށް އެނބުރި ވަޑައިގެން އޭރުގެ ސުލްޠާނުގެ އެދުމުގެ މަތިން އޭނާއަށް ފެނިވަޑައިގެންނެވި ކަންކަން އިބުނު ޖުޒެއްޔު އަށް ކިޔައިދެއްވައި ފޮތެއްގެ ސިފައިގައި ލިޔުއްވިއެވެ. އިބުނު ބަޠޫޠާއަކީ ޢިލްމުވެރިއަކަށްވާތީ އޭނާގެ ދަތުރުތަކުގައި ދިމާވިކަންކަމުގެ ރެކޯޑްތަކެއް ގެންގުޅުއްވިކަމަށް ގިނަ ތާރީޚީ އިލްމުވެރިން ދެކިވަޑައިގަންނަވައެވެ. އެއީ ތާރީޚީ އެހެން ވަސީލަތްތަކުގައި ރެކޯޑްވެފައި ހުރި ވާހަކަތަކާއި އޭނާގެ ވާހަކަތައް ބޮޑަށް ދިމާވާތީ ކަމުގައި ބެލެވެއެވެ. ޢަރަބިބަހުން ލިޔެފައިވާ މިފޮތް، “ރިޙުލާ” (الرحلة) ތަފާތު ބަސް ބަހަށް ތަރުޖަމާކުރެވި ގިނަ ޤައުމުތަކަށް ބޭނުންތެރި ތާރީޚީ ފޮތަކަށް ވެފައިވެއެވެ.

ރިިޙްލާގައިވާ ރާއްޖެ އިސްލާމް ވީގޮތުގެ ތަރުޖަމާ

“އަލް ފަޤީހު (ފިޤުހު ޢިލްމުވެރިޔާ) އީސާ އަލްޔަމަނީ، ފަޤީހު އަދި މުދައްރިސު ޢަލީ، އަދި ޤާޒީ އަބުދުﷲ ފަދަ އަދި އެހެނިހެން ވެސް މުޖުތަމަޢުގައި އިތުބާރުހިފޭ އަދަދެއްގެ ބަޔަކު މިރަށްތަކުގައި އުޅޭ މީހުންނަނީ ކުރިން ކާފަރުންކަމުގައި އަހަރެންގާތު ބުންޏެވެ.  އަދި ކޮންމެ މަހަކު ބޮކިތަކަކުން ފުރިފައިބާ ބޯޓެއްގެ ސިފަޖަހާ ޖިންނި ފުރޭތައެއް (an evil sprit of jinn) ކަނޑުން އަންނަތަން ފެނެއެވެ. މީތި ފެނުމުން އެބައި މީހުންގެ އާދަކާދަ އަކީ ބިކުރުވެރި އަންހެންކުއްޖަކު ހެދުން އަޅުވައި ޒީނަތްތެރިކޮށްގެން ކަނޑާއި ދިމާއަށް ކުޑަދޮރެއް (އާނަގައެއް) ހުންނަ ބުދުޚާނާ (ބުދު ފައްޅިއަކަށް) އަށް ގެންދިއުމެވެ. އެބައިމީހުން އެ ކުއްޖާ އެއްރޭ އެތަނަށް ދޫކޮށްލައި ގޮސް އަނެއް ދުވަހު ހެނދުނު އަންނައިރު އޮންނަނީ ބެހި (Violated) މަރާލާފައެވެ. ދެން މިބައިމީހުންގެ ތެރޭ ކޮންމެ މަހަކު ގުރުލަމުން ގެންދެއެވެ. އަދި ގުރުއަތުން ދިމާވާ މީހެއްގެ އަންހެން ދަރިފުޅު ދޫކުރެއެވެ. ދެން މިބައި މީހުންގެ ގާތަށް އަބުލް ބަރަކާތު އަލް-ބަރުބަރީ ކިޔުނު މަޤުރިބުކަރައިގެ ޤުރުއާން ހިތުދަސް ބޭކަލު އައިސް މާލޭގެ މުސްކުޅި އަންހެނެއްގެ ގޭގައި ހުއްޓެވެ. އެއްދުވަހަކު އޭނާ މި އަންހެންމިހާއަށް ޒިޔާރަތްކުރިއިރު އޭނާގެ ގާތްތިމާގެ އަންހެނުން އެއްކޮށްގެން މަރުވި މީހެއްގެ ޖަނާޒާއެއްގައި ރޯފަދައިން ކަރުނައަޅައި ރޯން ތިއްބެވެ. އޭނާ ވީ ކީއްތޯ ސުވާލުކުރުމުންވެސް އެބައި މީހުން ޖަވާބެއް ނުދިނެވެ. ދެން ތަރުޖަމާނަކު އައިސް އެ މުސްކުޅި އަންހެންމީހާއާއި ގުރުދިމާވެ، ހުރި ހަމައެކަނި އަންހެންދަރި އެ ނުލަފާ ޖިންނިފުރޭތަ މަރާލަން ދޫކުރަން ޖެހުނު ވާހަކަ ބުންޏެވެ. އޭނާގެ ތުނބުޅިއްނެތުމާއި މޫނުގައި އިސްތަށި ނެތުމުން އަބުލް ބަރަކާތު އެ އަންހެން މީހާއަށް ބުންޏެވެ. “ކަނބުލޭގެ އަންހެން ދަރީގެ ބަދަލުގައި މިރޭ އަހަރެން ދާނަމެވެ.”  އެހެންކަމާއެކު އެބައިމީހުން އޭނާ ބުދުޚާނާ އަށް ގެންދިޔައެވެ. އޭނާ ކުރިން ވުޟޫކޮށްގެން ހުރުމާއެކު އެތަނުގައި ޤުރުއާން ކިޔަވަން އިނެވެ. ދެން އެ ނުލަފާ ޖިންނިފުރޭތަ ކުޑަދޮރުން އޭނާއަށް ފެނިއްޖެއެވެ. އެކަމަކު އޭނާ ކިޔެވުމުގައި ދެމި އިނެވެ. އަދި މި ޖިންނިފުރޭތަ  ޤުރުޢާނުގެ އަޑު އިވޭ ހިސާބަށް އައިސް ކަނޑުއަޑިއަށް ގެނބިއްޖެއެވެ. އާދައިގެ މަތިން ހެނދުނު އެކުއްޖާގެ ހަށިގަނޑު އެތަނުން ނެރެ އަންދާލުމަށް މުސްކުޅި އަންހެން މީހާ އާއި އޭނާގެ ގާތްތިމާގެ މީހުންނާއި ރަށުގެ މީހުން އައި އިރު މަޤުރިބީ ޤުރުއާން ކިޔާވާން އިނެވެ. މަޤުރިބީ ކިޔަވާން އިންތަން ދެކުނު މީހުން ޝަނިވިރާޒާ އޭ ކިޔާ އެބައިމީހުންގެ ރަސްގެފާނުގެ ގާތަށް ގެންގޮސް އޭނާގެވާހަކަ ކިޔައިދިނެވެ. ރަސްގެފާނު އެކަމާމެދު ހައިރާންވިއެވެ. އަދި މަޤްރިބީ އިސްލާމްދީނާއި ބެހޭގޮތުން ބުނެދިނުމުން ޝައުޤުވެރިވެ ޖަވާބުދިނެވެ. “އަންނަމަހުގެ ނިޔަލަށް އަހަރެމެން ގާތު ހުންނާށެވެ. ކަލޭ މިޢަމަލު ތަކުރާރުކޮށް މި ނުލަފާ ރޫޙުގެ ކިބައިން ސަލާމަތްވެވިއްގެނަމަ އަހަރެން މުސްލިމަކަށް ވާނަމެވެ.” އެހެންކަމާއެކު އޭނާ އެބައި މީހުންގެ ގާތުގައި ދެމިހުއްޓެވެ. އަދި ކަލާނގެ އޭނާގެ މޭމަތި އިސްލާމްދީނަށް ހުޅުވައިދެއްވިއެވެ އަދި އޭނާ މަސްނިމުމުގެ ކުރިން އިސްލާމްވެ އޭނާގެ ދަރިންނާއި ދައުލަތުގެ ކުރިއަށް ތިބިމީހުން (court) ވެސް އިސްލާމް ވިއެވެ.

ޖެހިގެން އައި މަސް ފެށުމުން ބުދުޚާނާއަށް މަޤުރިބީ ގެންދެވުނެވެ. އެކަމަކު އެ ޖިންނިފުރޭތައެއް ނާދެއެވެ. އޭނާ ޤުރުއާން ކިޔެވުމުގައި ފަތިސްވަންދެން ދެމިއިނެވެ. މީހުންނާއި އެކު ސުލްޠާން ވަޑައިގަތްއިރު އޭނާ ޤުރުއާން ކިޔަވަން އިންތަން ފެނުނެވެ. ދެން އެބައިމީހުން ބުދުތައް ހަލާކުކޮށް ބުދުހާނާ ހަލާކުކޮށްލިއެވެ. ރަށުގެ ރައްޔިތުން އިސްލާމްވެ  އެހެންރަށްތަކަށް މި ޚަބަރު ދިނެވެ. އަދި އެބައި މީހުންވެސް އިސްލާމް ވިއެވެ. މަޤުރިބީ އެބައިމީހުންގެ ގާތުގައި ދިރިއުޅެން ފެށިއެވެ. އަދި އެބައިމީހުން އޭނާއަށް މާތްކޮށް ހިތައި އޭނާ ތަބާވާ އިމާމް މާލިކީގެ މަގު ޚިޔާރު ކުރިއެވެ. މިއަދާއި ހަމަޔަށްވެސް އެބައިމީހުން އޭނާގެ ސަބަބުން މަޚްރިބީންނަށް ވަރަށް ޤަދަރުކުރެއެވެ. އޭނާގެ ނަމަށް ނިސްބަތްވާ މިސްކިތެއް (މާލޭ ހުކުރުމިސްކިތް) އޭނާ (ރަސްގެފާނު) ބިނާކުރިއެެވެ. އަދި ތިރީގައިވާ ބަސްތައް އެ ކެތީޑްރަލް މިސްކިތުގެ މަޤްސޫރާގައި (މިހުރާބުގޭގައި ލަކުޑީގައި ބިންވަޅުނަގާ ލިޔެފައި) ވަނިކޮށް ކީމެވެ. “ސުލްޠާން އަހުމަދު ޝަނިވިރާޒާ އިސްލާމްވެ ވަޑައިގަތީ އަބުލް ބަރަކާތު އަލްބަރުބަރީ އަލް-މަޤްރިބީ” ގެ އަތްމައްޗަށެވެ. މިރަސްގެފާނު ރައްޔިތުންއަތުން ލިބޭ ޓެކުހުގެ (ވާރުގެ) ތިންބައިކުޅަަ އެއްބައި ދަތުރުވެރިންނަށް ސަދަޤާތްކުރެއެވެ. އެއީ އޭނާ އިސްލާމުވެވިފައިވަނީ އެބައިމީހުންގެ ސަބަބުން ކަމުގައިވާތީ އެވެ. އަދި އެ ސަބަބަށްޓަކައި މިއަދާއި ހަމަޔަށްވެސް އޭނާގެ ނަން ހަނދާން ކުރެވެމުންދެއެވެ.

އެ ޖިންނި ފުރޭތައިގެ ވާހަކައިގައިވާ ގޮތުން މީގެތެރެއިން ގިނަރަށްރަށަކީ އިސްލާމް ވުމުގެ ކުރިން މީހުން ނޫޅޭ (ފަޅު) ރަށްރަށެވެ. އަހަރެމެން އެބަމީހުން ގާތަށް އައިއިރު މި ހާދިސާ އަހަންނަކަށް ނޭގެއެވެ. އެއްރެއަކު އަހަރެން އަމިއްލަ ކަމެއްގެ ތެރޭގައި ނުވަތަ އެހެން ކަމެއްގައި މަޝްއޫލުވެގެން އުޅެނިކޮށް މީހުން އަޑުން އަޑުނަގައި ތަޙުލީލާއި ތަކުބީރު ކިޔާ އަޑުއިވުނެވެ، އަދި ފިރިހެންކުދީންތައް މުސްޙަފުތައް ބޯމަތީގައި ބަހައްޓައި ދާތަނާއި އަންހެނުން ތެއްޔާއި ބަދިގޭގައިގެންގުޅޭ ތަކެތީގައި ތަޅަމުންދެއެވެ. މިހުރިހާކަމަކާއި އަޖައިބުވެގެން ކޮންކަމެއް ކުރިމަތިވީތޯ އެހުމުން  އެބައިމީހުން ބުންޏެވެ. “ބަލާބަލަ ކަނޑު”. އެހެން ބުނުމުން އަހަރެން ބެލިއިރު  ބައްތިތަކަކާއި ޓޯޗުތަކަކުން އަލިކޮށްލައިފައިވާ ބޮޑުބޯޓެއްހެން ހީވާއެއްޗެއް ފެނުނެވެ. އެމީހުން ބުންޏެވެ. “އެއީ ފުރޭތަ އޭގެ އާދަޔަކީ ކޮންމެ މަހަކު ފެނިފައި އެކަމަކު ދެންމެ ތިޔަދެކުނުގޮތަށް އަހަރެމެން ހެދުމުން އެއްވެސް އަނިޔާއެއް ނުދީ ހިނގައިދެއެވެ.”

ރާއްޖެ އިސްލާމްވީ އިރު ހުރި ރަސްގެފާނު ކަމަށް އިބުނު ބަޠޫޠާގެ ފޮތުގައިވަނީ ރަނގަޅު ނަމެއް ނޫން 

ދިވެހި ތާރީޚީ އެއްވެސް ރެކޯޑެއްގައި ޝަނިވިރާޒާ ކިޔާރަސްކަލެއް ވެރިކަންކޮށްފައިވާ ކަމަށް ފެންނާކަށް ނެތެވެ. އިބުނު ބަޠޫޠާގެ ފޮތުގައި އަދި އޭގެ ތަރުޖަމާ ތަކުގައި އެވާ މިސްކިތަކީ މާލޭގެ ހުކުރު މިސްކިތެވެ. ދަރުމަންތަ ރަސްގެފާނުގެ އަމުރުފުޅަށް އެންމެފުރަތަ މި މިސްކިތް ބިނާކުރުމުގައި އިސްވެ ހަރަކާތްތެރިވެފައިވަނީ ތާރީޚީ ލިޔުންތަކުން އެނގޭގޮތުގައި ވަޒީރު ޝަނިވި ރާޒާ އެވެ. ވުމާއެކު މިސްކިތް ބިނާކުރުމުގައި އިސްވެ ހަރަކާތްތެރިވި ވަޒީރާއި ރަސްގެފާނުގެ ނަން ވަނީ ލިޔުމުގައި އޮޅިފައެވެ. ދަބިދޫ ލޯމާފާނުގައިވާ ގޮތުން ރާއްޖެ އިސްލާމްވީއިރު ހުރި ރަސްކަލަކީ ސިރީމަތު ގަޑަ ނާ އަދިތްޔާ (Gadanaditya) އެވެ. މިއީ ދޮވެމި ކަލަމިންޖާ ސިރީ ތިރިބުވަނަ އާދީއްތަ މަހާހާރަދުންނެވެ. އިސްލާމް ވުމަށްފަހު މިރަސްގެފާނަކީ ސުލްޠާނު މުޙައްމަދު ޢާދިލް ނުވަތަ މަޝްހޫރު ދަރުމަވަންތަ ރަސްގެފާނު ކަމުގައި ލިޔުންތަކުން ފެނެއެވެ. މިއީ ތީމުގޭ ދަރިކޮޅުގެ  ރަސްކަލެކެވެ. ތިރީގައިވަނީ މި ރަސްގެފާނުގެ 3 ނަންފުޅުގެ މާނަޔާއި އެނަންތަކުގެ އަސްލެވެ.

ދަނބިދޫ ލޯމާފާނު ލިޔެފައިވަނީ މީލާދީން 1194 ( ހިޖުރައިން 590) ގައި އައްސުލްތާނު ދިނެއި ކަލަމިންޖާ ސިރީ ފެންނާދީއްތަ މަހާރަދުންގެ ދުވަސްވަރުގައެވެ. މި ލޯމާފާނުގައި ލިޔެފައިވާގޮތުން ސިރީމަތު ގަޑަ ނާ އަދިތްޔާ ރަސްކަލަކަށް ވީތާ 4 ވަނަ އަހަރުގައި ކުރީގެ ކާފަރު ރަސްކަލުން ދަބިދޫގައި ބިނާކޮށްފައިވާ އަޅުކަންކުރާ ތަންތަން ނައްތާލައްވައި، ބުއްދާގެ ސިފަޔަށް ހަދާފައިވާ ބުދުތައް މުލުން ލުހެލައި ޝަހާދަތް ކިޔުއްވައި ޝަރިއްޔާ ހިންގަވާ ރޯދަހިފައި ނަމާދުކުރުމަށް އެންގެވިއެވެ. އަދި މާތް މުޙައްމަދު ރަސޫލުﷲ ސުވަރުގެ ވަޑައިގަތްތާ 583 ވަނަ އަހަރު ދަނބިދޫ ވޭރުހުރި ބިމުގައި ވަށައި ފާރު (ހަތަރުފަރާތު) ލައްވައި މިސްކިތެއް ބިނާކުރައްވައި ފަންޖައްސަވައި މިންބަރު ބަހައްޓަވައި ދިދަ ދަނޑިއެއް ޖައްސަވައި ޖުމާ މިސްކިތުގެ ނަމުން ނަންދެއްވިކަމުގައި ލިޔެފައިވެއެވެ. އޭގެ އިތުރަށް ރާއްޖޭގެ އެކި ހިސާބުގެ ރަށްރަށާއި ބިންބިމުން ބޯގަލައްވައި މިސްކިތް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވިއެވެ (މަނިކު، 1982). އޮންލައިން ތާރީޚް ބަދަލުކުރާ ވެބްސައިޓަކުން ބެލެއިރު ދަބިދޫ ޖުމާ މިސްކިތް ބިނާކުރެއްވީ 1187-1188 ގައެވެ. މެނުއަލްކޮށް ހަދާ ހިސާބަށްވުރެ ކޮމްޕިއުޓަރ އެލޮގޮރިދަމް ބޭނުންކޮށްގެން ހަދާ ހިސާބުގައި ކުށް މަދުވާނެއެވެ. އެހެން ކަމުގައި ވާނަމަ ސިރީ ގަޑަ ނާ އަދިތްޔާ ރަސްކަލަކަށް ވެވަޑައިގަތީ 1183-1184 ދެމެދުގައެވެ. ސްރީ ގަޑަ ނާ އަދިތްޔާ އަކީ ރާއްޖެ އިސްލާމްވީ އިރު ހުރި ރަސްގެފާނު ކަމުގައިވާނަމަ ދަނބިދޫ ލޯމާފާނުގައި ރެކޯޑްކުރެވިފައިވާ ގޮތުން ރާއްޖެ އިސްލާމް ވެފައިވާ ރަގަޅު ތާރީޚް އަކީ 1183-1184 އަށްވުރެ ފަހުގެ ތާރީޚެކެވެ. ރަސްމީކޮށް ބަލަނީ މާކުރީގެ ތާރީޚެއްކަން އަޅުގަނޑަށް ފާހަގަކުރެވުނެވެ.   

 

ދަބިދޫ ލޯމާފާނުގެ 2 ވަނަ ސަފްޙާ އާއި ތަރުޖަމާ: ސޯސް: ނޭޝަނަލް ސެންޓާރ ފޯ ލިންގްއިސްޓިކް އެންޑް ހިސްޓޯރިކަލް ރިސާޗް (1982)

ރަންނަމާރީގެ ނަން އައީ ކިހިނެއް ބާ؟

ކޮއިމަލާ-ކަލޯ މާލޭގައި ރަސްކަމެއް ޤާއިމުކުރުމުގެ ކުރިން އޭނާ މާލެއަށް ފޭބުމަށް ހުއްދަދިން ކަމަށް ބެލެވެނީ މަސްކެޑުމަށްޓަކައި މާލެ ބޭނުންކުރަމުންދިޔަ، މީހުން ދިރިއުޅެމުންދިޔަ ކައިރިރަށްރަށުގެ މީހުންނެވެ. އެގޮތުން ހުޅުލެއާއި ގިރާވަރުފަދަ މީހުން ދިރިއުުޅުނު ރަށްރަށުގެ މީހުންނެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުންނާއި ބޭރު ޤައުމުތަކުން މާލޭގައި މީހުން އާންމުކޮށް ވަޒަންވެރިވަން ފެށީ އޭގެފަހުންނެވެ. ގިރާވަރުމީހުން މާލެއަށް ބަދަލުކުރުމުގެ ކުރިން އެހެން ރަށްތަކުގެ މީހުންގެ ވާހަކަދެއްކުމާއި އެބައިމީހުންގެ ވާހަކަދެއްކުމުގައި ޚާއްސަތަފާތުކަމެއް ހުރެފައި ތަމަޅަ-މަޅިޔާލަމްގެ އަސަރު ބޮޑަށް ހުންނަކަމުގައި ލިޔުންތަކުންފެނެއެވެ. މިބައިމީހުންނަކީ އިންޑިޔާގެ މަލާބާރު އައްސޭރި ފަށުންނާއި ސިލޯނުގެ ހުޅަނގު އުތުރު އައްސޭރިފަށުން އައި ޑްރަވިޑިއަން (Dravidian) ބަޔެއްކަމަށް ލަފާކޮށް ލިޔުންތަކުގައި ވެއެވެ. 

ދިވެހި ރަދީފްގައި ވާގޮތުން “ރަންނަމާރި” އަކީ އިހުޒަމާނުގައި މާލެއަށް އެރިކަމަށް ބުނާ ޖިންނި ފުރޭތައެކެވެ. “ރަންނަ” ގެ އެއް މާނަޔަކީ “އަސްލު ސޫރަ” (true image) ކަމުގައި ތަމަޅަ ލިޔުންތަކުގައިވެއެވެ. “މާރި” މި ބަސް އައި އެހެން ދެބަހަކުން ކަމުގައި ވެދާނެއެވެ. އެއް ބަހަކީ “މާރީ” އެވެ. “މާރީ” މި ބަހުގައި ތަފާތު އެހެން މާނަ ވިޔަސް “މާރިީ” މި ބަހަކީ އިންޑިޔާގެ ތަމަޅައިންގެ އަވަށްގަނޑުތަކުގައި ދިރިއުޅޭމީހުން އަޅުކަންކުރާ ހިންދޫ ބުދު ތަކުގެ ތެރެއިން “މާރީއަންމަން” (މަދާރ އޮފް ރެއިން) އަށް ވެސް ކުރުކޮށް ކިޔާނަމެކެވެ. “މާރި” އައުން އެކަށީގެންވާ އަނެއް ބަހަކީ “މާރާ” އެވެ. ސާންސްކްރިތް ބަހުން “މާރާ” އަކީ “މަރު” އެވެ. ހިންދީނަށް މިއީ “މަރުގެ ކަލާނގެ” އެވެ. ހިންދީން މި ބުދަށް އޮފަރިން (ތަކެތި ދިނުން) ދީ ހަދައެވެ. “މާރާ” އަކީ ބުދުދީނުގައި ޝައިތާނެއް (Demon) ފަދަ އެއްޗެކެވެ. ވުމާއެކު “ރަންނަ މާރި” އައިސްފައިވަނީ “ރަންނަމާރީ” ނުވަތަ “ރަންނަމާރާ” އިން ކަމަށް ވެދާނެއެވެ. ތާރީޚުން އެނގޭގޮތުގައި ރާއްޖެއަށް “ދީވަ މާރި”  ކީ ދުވަސްވަރެއް ދިޔައެވެ. ފަހަރުގައި މިނަން ކިޔާފައިވަނީ، ރާއްޖޭގެ ރަށްތަކުގައި ރޭކުރާ ދަތުރުވެރިންނަށް ފާޑު ފާޑުގެ ތަކެތި ފެންނާތީ ކަމަށްވެސް ވެދާނެއެވެ. އަދި ފަހުން މިނަން ބަދަލުކޮށް “ދީވަ މަހަލް” ކިޔާފައި ވެއެވެ. “ދީވަ” މި ބަސްއައިސްފައިވަނީ ސާންސްކްރިތް ބަހުން ކަމުގައި ވެދާނެއެވެ. އެބަހުގެ މާނަޔަކީ ރަނގަޅު ރޫޙާނީ ތަކެއްޗެވެ. “މަހަލް” އަކީ ގަނޑުވަރު ނުވަތަ ވަކިބަޔަކު އުޅޭ ސަރަހައްދުތަކެކެވެ.  ކޮންމެގޮތެއް ވިޔަސް ރަންނަމާރި މިނަން އައިސްފައިވަނީ އިސްލާމްވުމުގެ ކުރިން މާލޭގައި ދިރިއުޅުނު އަހުލުވެރިންގެ ދީނާއި އަޤީދާއާއި ބަހާއި ގުޅިގެންކަމަށްވުން ގާތެވެ.

މީގެ 11 ޤަރުނުކުރީގެ މާލެ

ރާއްޖޭގެ ރަށްތަކުގައި އާންމުކަރަންޓް ލައި އަލިކުރަން ފެށުމުގެ ކުރިން މިރަށްތަކަކީ ވައުބޮޑު ރުއްރުއް ގިނަ އާބަދީ މަދު ރަށްރަށެވެ. މި އަދު މާލެ އުސް އިމާރާތްތަކުން ފުރި މުޅި މާލެ ރޭގަނޑު ކަރަންޓުގެ އަލިން ދިއްލާފައިވީކަމުގައިވިޔަސް މީގެ 800 ވަރަކަށް އަހަރު ކުރިއަކީ ގަސްގިނަ، މީހުން މަދު އަދި ތަރައްޤީކަން ކުޑަ ރަށަކަށްވާނެއެވެ. ވަަރަށް ފަހާޖެހެންދެންވެސް ރާއްޖޭގެ އެކި ރަށްރަށުން ރޭގަޑު އެކިފާޑުފާޑުގެ ތަކެތި މީހުނަށް ފެނިފައިވެއެވެ. ބައެއް ފަހަރަށް މިފަދަ ތަކެތި ފެންނަ މީހުން ބިރުގަނެ ބަލިވެއެވެ. އަދި ބައެއް ފަހަރަށް ޙާލަތު ގޯސްވެ ދުނިޔެވެސް ދޫކުރެއެވެ. އަނެއްބައިފަހަރު ފަންޑިތަހަދައިގެން ރަނގަޅުވެސް ވެފައިވެއެވެ. މިފަދަ ތަކެތި ފެނިފައިވާ ބައެއް މީހުން އަދިވެސް ދުނިޔޭގައި އެބަތިއްބެވެ. އަޅުގަނޑު ދަންނަމީހަކު ނާސިރުގެ ވެރިކަމުގެ ދުވަސްވަރު ހުޅުލޭ އެއާޕޯރޓް ގެ ހެދުމުގެ މަސައްކަތްތަކުގައި އުޅުނު އިރު އެއްޗެއް ފެނުނުވާހަކަ އާއި އެފެނުނުމީހާ ބިރުން ހުން އައިސް ވަރަށް ބަލިވި ކަމުގައި އަހަރުތަކެއްކުރިން ކިޔައިދިނެވެ. މިކަހަލަ ވާހަކަތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި މީހުން ދައްކައެވެ. ވުމާއެކު އަޅުގަނޑު ދެކޭގޮތުގައި ރަންނަމާރިއަކީ ދެދޭތެރެއިން ހެންވޭރުކޮޅުން އެދުވަސްވަރު ފެނުނު އެއްޗެކެވެ. އެހިސާބުގަނޑަކީ އޭރުގެ ބުދުކޯލުވެސް (ވޭރު) ހުރިތަން ކަމުގައިވާތީ ގިނައިން ފެނިފައިވާނީ ފައްޅީގައި އުޅުނު ހާމުދުރުންނާއި އެތަނަށް ރޭގަނޑު ގޮސް އުޅުނު ބަޔަކަށެވެ. 

މާލެ 1903 ގައި 

އިބުނުބަޠޫޠާ ސިފަކުރައްވާފައި އެވާފަދަ ތަކެތި ކަނޑުމަތި އެޅުމުން ފެންނަކަމުގައި ވަރަށް ފަހާޖެހެންދެން މީހުންކިޔާ އުޅެއެވެ. ރާއްޖެ އިސްލާމްވީ ދުވަސްވަރަކީ އަރަބިކަރައާއި އެފްރިކާގެ ބައްރުން އިންޑިޔާއާއި، ޗައިނާއާއި ހުޅަނގު ދެކުނު އޭޝިޔާއާއި ދެމެދު އިންޑިޔާކަނޑު ހުރަސްކޮށް ވިޔަފާރީގެ ދަތުރުތައް ރިޔާނެގި މުސްލިމު އުޅަނދުތަކުގައި އެންމެގަދައަށް ކުރިދުވަސްވަރެވެ. ވުމާއެކު ރޭގަނޑު ރާއްޖޭ ހުރަސްކުރަން އުޅަނދެއް ޖެހިއްޖެނަމަ ޚާއްސަކޮށް ރަށްރަށާއި ކައިރިން ދަތުރުކުރާނަމަ ފަރާއި ގިރިތައް ބަލަން ފަޅުވެރިންބޭނުންކުރާ ބައްތިތަކުގެ އަލި ހިމޭން އަދިރިކަމުގެ ތެރެއިން މާލޭގެ އަހުލުވެރިންނަށް ފެނިދާނެއެވެ. މިމަގުން ދަތުުރުކުރާއެއްޗެއް ރާއްޖެހުރަސްކުރާނީ ވައި ހުންނަގޮތަކުން ކާށިދޫ ކަނޑު ލައްވާ ނުލިނަމަ ނުވަތަ ކަނޑުމަޑު ދިމާއަކުން ހުރަސް ކުރުމުގެ ގޮތުންނެވެ. އެފަދައެއްޗެއް ހުޅުލެއާއި މާލޭ ދެކުނުފަރާތުން ހުރަސްކުރާނަމަ ހެންވޭރަށާއި ހުޅުލެއަށް ( މިހާރުގެ ބްރިޖްގެ އިރު ދެކުނުން) ރަނގަޅަށް ފެންނާނެއެވެ. ވުމާއެކު ރޭގަނޑު މާލެއާއި ހުޅުލެކައިރިން މަހަކު އެއްފަހަރު ގޮތަކަށް ރޭގަނޑު ދަތުރުކުރާ މިދެންނެވި ފަދަ މަދު އުޅަނދުތަކާއި އަދި އިންޑިޔާގެ ކަނޑުފޭރޭ އުޅަނދުތަކާއި، ދެދޭތެރެއިން ހެންވޭރުކޮޅުން ފެންނަ އެއްޗަކާއި މާލޭގެ އަހުލުވެރިން ގުޅުވައި ރަންނަމާރިއަކީ ކޮންމެ މަހަކު އަރާއެއްޗެއްކަމުގައި ދެކުމުގެ ފުރުސަތުވެސް އެބައޮތެވެ.

ރާއްޖޭގައި އަމަލުކުރެވެމުން ދިޔައީ ކޮންބާވަތެއްގެ ބުދިޒަމް އެއް 

ނަސީމާ މުޙައްމަދު (2002) ފުލޯކުވާހަކައަކަށް ޙަވާލާ ދީ ވިދާޅުވެފައިވަނީ ރާއްޖޭގެ ފުރަތަމަ ވަޒަންވެރިންނަކީ  އިރާއި ހަނދަށާއި މިފަދަ ގުދުރަތީ އެއްޗިއްސަށް އަޅުކަންކުރި ބަޔަކެވެ. އަދި މީލާދީގެ ކުރިން 5-6 ވަނަ ޤަރުނުގެ ތެރޭގައި އިންޑިޔާގައި އުޅެމުންދިޔަ އާރިއަނުން ރާއްޖެއައި އިރު ހިންދީ ދީން ތަޢާރަފްވި ކަމުގައިވެސް ވިދާޅުވެފައިވެއެވެ. ދިވެހިރާއްޖެއަށް ބުދިޒަމް ތައާރަފްވެފައިވަނީ 3 ވަނަ ޤަރުނުގެ ތެރޭގައި ކަމަށް ވިންސްލޯ (1984) ވިދާޅުވެފައިވެއެވެ. ބުދިޑިޒަމްގައި މައިގަނޑު 3 މަޒްހަބެއް ވެއެވެ. އެއީ ތޭރަވާޑާ ބުދިޒަމް، މަހާޔަނާ ބުދިޒަމް އަދި ވަޖްރަޔާނާ ބުދިޒަމް އެވެ. ތޭރަވާޑާ ބުދިޒަމް (ދަ ސްކޫލް އޮފް އެލްޑާސް) އަށް ތަބާވާ މީހުން ޤަބޫލުކޮށް އުޅެނީ މިއީ ބުއްދާގެ އަސްލުއުގަންނައި ދިނުންކަމުގައެވެ. މިއަދު ތަފާތު ޤައުމުތަކުގައި މި މައިގަނޑު 3 މަޒްހަބުން ގޮފިފަޅައިގެން އުފެދުނު އެތައްގިނަ މަޒްހަބުތައް ވެއެވެ. މިސާލަކަށް ޓިބޭޓިއަން ބުދިޒަމް އަކީ މަހާޔަނާ ބުދިޒަމްގެ ގެ އުސޫލުތަކުގެ އިތުރަށް ޓެންޓްރިކް އަދި ޝަމާނިކް އުސޫލުތައް އެކުލެވިގެންވާ ބުދިޒަމްގެ ވައްތަރެކެވެ. މިފަދަ ބުދިޒަމްއަށް ޓެންޓްރިކް ބުދިޒަމްއޭ ކިޔައެވެ. އާކިޔޮލޮޖިސްޓް އެޗް. ސީ. ޕީ. ބެލް ވިދާޅުވެފައިވަނީ ރާއްޖޭގައި އޮތީ ސިލޯނުގައި މައިގަނޑުގޮތެއްގައި ޢަމަލުކުރަމުންދާ ތޭރަވާޑާ ބުދިޒަމް ކަމުގައެވެ. ބެލް އެގޮތަށް ވިދާޅުވެފައިވަނީ ރާއްޖެއިން ފެނުނު ބުޑިސްޓް ބިނާތަކަށް ބައްލަވާފައެވެ. ނަމަވެސް ރާއްޖޭގެ އެކިއެކި އާކިޔޮލޮޖިކަލް ސައިޓްތަކުން ނެގި، ނެޝަނަލް މިއުޒިއަމްގައިވާ ބައެއް ތަކެއްޗަކީ މަހާޔަނާ އަދި ވަޖްރަޔަނާ ބުދިޒަމްއަށް ވެސް ނިސްބަތްވާ ތަކެއްޗެވެ. އޭގެ ބައެއް މިސާލުތައް ދަންނަވާލާނަމެވެ. 9 ވަނަ ޤަރުނުގައި ހިރިގަލުގައި ބިންވަޅުކަނޑާ ނަގާފައިވާ ޓާރާ އަކީ ވަޖްރަޔަނާ ބުދިޒަމްގައި އާއި މަހާޔަނާ ބުދިޒަމްގެ ޓިބޭޓިއަން ބްރާންޗްގެ އެއްޗެކެވެ. މީގެ އިތުރަށް އެހެންސައިޓަކުންވެސް ޓާރާގެ ކުޑަބުދެއް ފެނިފައިވެއެވެ. ޓިބޭޓިއަން ބުދިޒަމްގައި ޓާރާ އަކީ އަންހެން ބޮދީސަތްވާ އެކެވެ. ބޮދީ ސަތްވާ އަކީ ނިރުވާނާއަށް ދެވޭނެ މީހަކު އެހެންމީހުންނަށްޓަކައި ބުއްދާއަކަށް ނުވެ މަޑުކުރާ މީހާ އެވެ. މިއީ ޔޯގާ މެޑިޓޭޝަންގައި އެބައިމީހުން އަޅުކަންކުރާ ބުދަތުކުގެ ތެރެއިން އެކައްޗެވެ. ޓާރާއަކީ ތަފާތު ކުލަތަކުގައި ހުންނަ 21 ބާވަތުގެ ބުދެވެ. އޭގެ ފޮޓޯ ބަލާލަން މި ލިންކަށް ފިއްތަވާލާށެވެ.

2018 ވަނަ އަހަރު ޖުލައިގައި ލ. ގަމު ކުރުހިންނައިގެ ކުރީގެ ބުޑިސް ސައިޓުން ހިރިގަލުން ހަދާފައިވާ ބިރުވެރި ސިފަޖަހާ ބޯބުރިއެއް (ކާލާ) ފެނިފައިވެއެވެ. މިބޯބުރީގެ އެއް ފަރާތުގައި ސާންސްކްރިތް ބަހުން ވަޖްރަޔަނަ ބުޑިސްޓް މަންޓަރަ (މަންތަރަ) އެއް ލިޔެފައި ވެއެވެ (މެރިޓައިމް އޭޝިޔަން ހެރިޓެޖް ސާވޭ، 2021). ކާލާގެ އެއްމާނަޔަކީ ކަޅު ނުވަތަ އަނދިރި ކުލައެވެ. ކާލާ ހަވާލާދޭ އެހެން ބަސްތަކަކީ “ވަޤުތު”، “ތަޤްދީރު”، “ނިޔާ” ނުވަތަ “މަރު” އެވެ. ހިންދީންނަށް މަހާކާލާ އަކީ “ޝިވާ” ގެ އަނެއް ނަމެވެ. ޓިބޭޓިއަން ބުދިޒަމްގައި މިއަށް “މަހާކާލާ” (ވަރުގަދަ މަރު) އޭ ކިޔައެވެ. ފައްޅިތަކުގެ ފާރުތަކުގައި ބިންވަޅުނަގާ ފިރިހެން ސޫރައިގެ މިބުދު ބުޑިސްޓުން ކުރަހައެވެ. އެބައިމީހުން ދެކޭގޮތުގައި އެތަކެތި އެތަންތަން ޝައިތާނީ ބާރުތަކުން ސަލާމަތްކޮށް ދެއެވެ. މަހާޔަނާ ބުދިޒަމް އާއި ޓިބޭޓިއަން ބުދިޒަމްގައި ބޭނުންކުރާ ކާލާއާއި ނެޝަނަލް މިއުޒިއަމްގައި ހުރި ބައެއްތަކެއްޗާއި އެއްގޮތްކަމެއް ހުރެއެވެ. މަހާކާލާގެ 2 އަތް 4 އަތް އަދި 6 އަތްވެސް ހުރެއެވެ. ރާއްޖެއިން ފެނިފައިވާ އެތީގައި އަތްތައް ނެތުމުން ކިތައް އަތްކަމެއް ބުނާކަށް ނޭގެއެވެ. ރާއްޖެއިން ފެނިވާ އެއްޗަކީ ލޯބޮޑުކޮށްގެން ހުންނަ ދެދަތް ބޭރަށް ނިކުމެފައިވާ ކަންފަތްދިގު އެއްޗެކެވެ. ޓިބެޓުގެ ކާލާއި ރާއްޖޭގެ މިއުޒިއަމްގައިވާ ކާލާ ބެލުމަށް މިލިންކަށް ފިއްތަވާލާށެވެ. އޭގައި ކުރިން ހުރި ކަޅުކުލައިގެ އަސަރު މިހާރުވެސް ކޮންމެވެސް ވަރަކަށް ފޮޓޯއިން ފާޅުކޮށް އެނގެއެވެ. ކުލަގޮސްފައިވަނީ ވަޅުލާފައި އެތައް ޤަރުނެއްވަންދެން ބިމުގައި އޮތުމުގެ ސަބަބުން ފެނުގެ އަސަރުކޮށްގެން ކަމުގައި ބެލެވެއެވެ. އޭގެ ދެބުމަ ދެމެދުގައި ދިގުކޮށް އިންރޮގެއްގެ މަތީ 3 ވަނަލޯ އިންކަން ރަނގަޅަށް ބެލުމުން ފާހަގަވާނެއެވެ. ކާލީ އަކީ މީގެ އަންހެންބުދެވެ. މިއީ ހިންދީން އަޅުކަންކުރާ އެއްޗެކެވެ. ނަމަވެސް ފަހަކަށް އައިސް “ކާލީ” އަށް ސިލޯނުގެ ބުޑިސްޓުން ވެސް އަޅުކަންކުރުން އިތުރުވަމުންދާ ކަމުގައި ވެއެވެ (ހެވަމަނެގެ، 2008). 

ތާރީޚީ ލިޔުންތަކަށް ބަލާއިރު ފޯބިސް (1987) ލިޔުއްވާފައިގޮތުގައި ސެޕްޓެމްބަރު 1962 ގައި މާލޭގެ އިރުއުތުރުން ކާސިނަވާމަގު (ނުވަތަ ކައްސިނަވާ މަގު/ ކަސް ހިނަވާ މަގު) އިން ނެގި 4 ބުދުގެ ތެރެއިން ދެ މޫނުވާ ބޯބުރީގައި ދެލޯބޮޑުކޮށްގެން ހެވިފައި ހުރި ފާޑަކަށް ދެދަތް ނުކުމެފައިވާ މޫނެއްވެއެވެ. ފޯބިސް ވިދާޅުވެފައިވާގޮތުގައި މި ދެމޫނު ލައިފައިވާ ބޮޑުބުދުގެ ބޮލުގައި އިންސާނެއްގެ ބޮލުގެ ނާށިގަނޑެއް އަޅުވާފައިވާކަމަށް އެތަކެތި ނެގުމުގައި އުޅުނު ދިވެހިން ބުނެފައިވާކަމަށް ލިޔުއްވާފައިވެއެވެ. އަދި ފަހުން މާލެއަށް ޒިޔާރަތް ކުރި ޑެނިޝް ދަތުގެ ޑޮކްޓަރަކު މި ނާޝިގަނޑަކީ އުމުރުން 20 އަހަރާއި 30 އަހަރާއި ދެމެދު އަންހެނެއްގެ ބޮލުގެ ނާށިގަނޑެއް ކަން  ވިދާޅުވެފައި ވާކަމަށް ލިޔުއްްވާފައިވެއެވެ. ފޯބިސްގެ މި ކިޔާދިނުމާއި އަދި ނެޝެނެލް މިއުޒިމްގައިވާ ތަކެއްޗަށް ބަލާއިރު މިއީ “ކާލާ” ގެ ބުދުކަމަށް ފާހަގަކުރެވެ. ވުމާއެކު ޖުމުލަކޮށް ދެންނެވޭނީ ރާއްޖެ އިސްލާމްވީ އިރު އޮތީ ޓިބޭޓިއަމް ބުދިޒަމް ކަމުގައެވެ. މާނަޔަކީ އެބައިމީހުން ޢަމަލުކުރަމުންދިޔައީ ޓެންޓްރިކް އުސޫލުތައް ހިމަނައިގެން މަހާޔަނާ ބުދިޒަމް އަށެވެ. ފަހަރުގައި ރާއްޖެއަށް ބުދިޒަމް ތަޢާރަފް ވީއިރު ތޭރަވާޑާ ބުދިޒަމް ތަޢާރަފް ވެފައި ވުމަކީ އެކަށީގެންވާކަމެކެވެ. އަދި އޭގެފަހުން އެހެން ބާވަތްތަކަށް މީހުން ޢަމަލުކުރަމުން ދިޔުން ވެސް އެކަށީގެންވެއެވެ. 

ބުދިޒަމްގައި ކުރެވޭ ޤުރުބާނީ

ދީނީ ދުވަސްތައް ފާހަގަކުރާއިރު ގިނަދީންތަކުގައި ޤުރުބާންކުރުން ގެންގުޅެއެވެ. އާންމުކޮށް ބޭނުންކުރަނީ މަސްކެވޭ ބާވަތުގެ ޖަނަވާރާއި ދޫންޏެވެ. ޝައިތާނުންފަދަ ރޫޙާނީ ތަކެތި އޮޅުކޮށް އޭގެ ބާރުހޯދުމަށް ކުރާކަންކަމުގެ ތެރޭގައި އާއި ޝައިތާނުންގެ ކިބައިން ސަލާމަތްވުމުގެ ނިޔަތުގައި ކުރާކަންކަމުގެ ތެރޭގައިވެސް ބައެއްފަހަރު ބައެއް ދީންތަކުގެ މީހުން ޤުރުބާންކުރެއެވެ. އިންސާނުން ޤުރުބާންކުރުމުގެ ސަޤާފަތްތަށް އިންސާނުންގެ ތެރެއިން ބަޔަކު ގެންގުޅެފައިވަނީ އިންސާނުން ތަހުޒީބު ނުވާ އެވޭލާ ޒަމާނުގައެވެ. ނަމަވެސް މިޒަމާނުގައިވެސް ބޮޑެތި އަދަބުތައް ކަނޑައެޅިފައި އޮންނައިރު ވެސް އިންޑިއާ ފަދަ ޤައުމުތަކުގެ އަވަށްގަނޑުތަކުގައި އިންސާނުން ޤުރުބާންކުރުމުގެ ނާތަހުޒީބް ޢަމަލުތައް މަދު ހިންދީން ސިއްރުގައި ހިންގާފައިވެއެވެ. މިގޮތުން އިންޑިޔާގެ އެން.ޑީ.ޓީ.ވީ އިން 26 ޖެނުއަރީ 2021 ގައި ގެނަސްދީފައިވާ ޚަބަރެއްގައި އެޤައުމުގެ އަންދަރްޕްރަދޭޝްގެ ދެއަންހެންދަރިންނާއި އެއްޗެއް އަވަލާފައިވާ ކަމަށް ބުނެ ސަލާމަތްކުރަން މައިންބަފައިން އަތުން މަރާލާފައިވެއެވެ. ފުލުހުން މި ދެމަފިރިން ހައްޔަރުކޮށްފައިވަނީ އެ ދެ މީހުންރާވާފައިވާ ގޮތަށް އަމިއްލައަށް މަރު ނުވެވެނީސް އެވެ. (ސުދިރު، 2021). އެ ފަދަ އެހެން ހާދިސާއެއް “ގާޑިއަން” 2006 ގައި ވެސް ލިޔެފައިވެއެވެ. އެ ޚަބަރުގައިވާގޮތުން އިންޑިޔާގެ ބަރްހާގައި ދިރިއުޅުނު އަންހެނަކު (ސުމިޓްރާ ބުޝަން) ޤަބޫލުކުރިގޮތުގައި އޭނާގެ ފިރިމީހާ އޭނާ އުއްދަޑި ދަނޑުތަކުން މަޙުރޫމް ކޮށް ދަރަނިވެރިކޮށް ދޫކޮށްލައިފައިވަނީ ޝައިތާނެއްގެ ސަބަބުން (cursed) ނެވެ. އޭނާއާއި ދެ ދަރިވެގެން އަވަށްޓެރިއެއްގެ 3 އަހަރަށްދާ ކުޑަކުއްޖަކު އަތުލައުގަނެ މަންޓަރަ (މަންތަރު) ހަދައި “ކާލީ” ގެ ތަސްވީރެއްގެ ކުރިމަތީ މި ކުއްޖާ ގުރުބާންކުރުމުގެ ލާއިންސާނީ އަމަލެއް ހިންގިއެވެ. (ބަޓްޗަރިއާ، 2018). 

އެހެނަސް މަތީގައި ދެންނެވިފަދަ އިންސާނުން ޤުރުބާންކުރުމުގެ ހާދިސާތަށް އެހާފާޅުކޮށް ހިނގިކަމުގެ ލިޔުން ތަކެއް ޓިބޭޓިއަން ބުޑިޒަމާއި ގުޅޭ ލިޔުންތަކުން އަޅުގަނޑަށް ފެނިފައިނުވެއެވެ. (ރެގަލްބޫޓޯ، 2012). ދަ ނިޔޯކް ޓައިމްގައި، 2016 ވަނަ އަހަރު މާޗްމަހުގައި ލިޔެފައި އޮތް ޚަބަރެއްގައި ބުނާގޮތުން ޗައިނާގެ ވެރިކަމުގެ ދަށުގައި އޮންނަ ސިޗުއަންސް ޕްރޮވިންސްގައި ޗައިނާގެ ވެރިކަމާދެކޮޅަށް “ފްރީ ޓިބެޓް” ގެ ނަމުގައިކުރި މުޒާހަރާއެއްގައި އުމުރުން 18 އަހަރުގެ މޮންކް، ކަލްސަން ވަންގްޑޫ އަމިއްލަ ގައިގައި ރޯކޮށް މަރުވެފައި ވެފައިވެއެވެ. މިގޮތަށް ބައެއް ހިންދީންވެސް އަލިފާނުގެ ތެރެއަށް ފުންމައި އަމިއްލައަށް މަރުވެއެވެ. މީހަކު އަމިއްލަޔަށް މަރުވެއްޖެ ނަމަ ބުޑިސްޓުން ދެކެނީ (ޚާއްސަކޮށް ހާމުދުރުން) މިކަހަލަ ކޮންމެ ހާދިސާއަކީ އެމީހާ އާއި، އެ ޖަމާޢަތަކާއި، އާއިލާ އިތުރަށް އުފެދިބޮޑުވެ ޝިފާޢު ލިބޭނެ ފުރުޞަތެއްގެ ގޮތުގައެވެ. އަދި ރަނގަޅު ސަބަބަކާ ހެދީ އެންލައިޓެންމެންޓް (ތަންވީރު) ލިބިފައިވާ މީހަކު މަރުވެއްޖެނަމަ މި ވޭނީ ޙަޔާތުން ވަކިވެ އަދި ދުނިޔެއަށް ނައަންނާނޭ ކަމުގައެވެ. އެއީ ޒަހަރެއް ބޮއިގެންވިޔަސް، ހަތިޔާރެއް ބޭނުންކޮށްގެން ވިޔަސް އަދި އެނޫން އެހެން ގޮތަކުން ވިޔަސް މެއެވެ. ހުރިހާ ބާވަތެއްގެ ބުދިޒަމްގައި ވެސް  އެންލައިންޓްމެންޓް ލިބިފައިވާ އަގުހުރިމީހެއް އަމިއްލަ އަށް ޤުރުބާން ވުމުގެ ގޮތުން މަރުވުމަކީ ޤަބޫލުކުރާ އުސޫލެކެވެ. ވުމާއެކު އެކުދިން  އަމިއްލަ މަރަކުން މަރުވެއްޖެނަމަ އޭގެސަބަބުން އާއިލާއާއި ޖަމާއަތަށް ޝިފާލިބި (ގެއްލުމަކުން ސަލާމަތް ވެ) ހެދި ބޮޑުވާނެކަމަށް ދެކޭނެކަން އެބަމީހުންގެ އަޤީދާހުރިގޮތުން ޤަބޫލުކުރެވެއެވެ. މިޒަމާނުގައިވެސް އެކިދީންތަކުގެ މީހުން ދީނުގެ ނަމުގައި އަމިއްލައަށް މަރުވެއެވެ. އަދި އެކަންކަން ޤަބޫލުކުރާ މީހުން އެކަމާ އުފާކޮށް އެފަދަމީސް މީހުން ބަޠޮލުންނާއި ބަޠޮލާއިންގެ ގޮތުގައިބަލައެވެ. އެކަމަކު އެކަންކުރަނީ އެހެންބަޔަކު އެބައިމީހުންގެ ސިކުނޑިއަށް ސަވާރުވެގެންނެވެ.

ބުދުދީނުގެ ގިނަ މީހުންގެ ފިކުރާއި ޓިބޭޓިއަން ބުދިޒަމްގެ ބައެއް ޓަންޓްރިކް ކަލްޓް ޢަމަލުތައް

އާކިއޮލޮޖިކަލް ހޯދުތަކުންވެސް އަދި އެހެނިހެން ތާރީޚީ ލިޔުންތަކުންވެސް ރާއްޖޭގައި ބުދުދީނަށް އުޅުނު މީހުންގެ އާދަކާދައެއް ފުރިހަމަޔަކަށް  އެނގޭކަށެއްނެތެވެ. ބުދިޒަމްގައި ރޫޙާއި ޝައިތާނުން ފަދަ ތަކެއްޗަކީ ބުޑިސްޓުންނަށް ރޫޙާނީ ބާރުތަކެކެވެ. މިބައިމީހުން ދެކެނީ މި ތަކެއްޗަކީ ދުނިޔޭގެ ކަންކަމަށް ނުވަތަ ތިމާގެ ނަފްސަށް ހެޔޮގޮތުގައި ނުވަތަ ނުބައިގޮތުގައި ބާރުފޯރުވާ ތަކެތި ކަމުގައެވެ. އެގޮތުން  މީގެ ބައެއްތަކެތި އިންސާނުންނަށް އުދަގޫކޮށް ތަންވީރު (އެންލައިޓެންމެންޓް) އާއި ހަމަޔަށް ވާސިލްވުމަށް ހުރަސްތައް އަޅައެވެ. އެހެނަސް އެފަދަތަކެތި ދީނީގޮތުން ކުރާކަންކަމުގެ ތެރެއިންނާއި، އެއަށް ޤުރުބާންކޮށްގެން ސުލްޙަގެނަސްގެންނާއި، މެޑިޓޭޝަން އާއި ޔޯގާ ބޭނުންކޮށްގެން އެފަދަތަކެތި އޮޅުކޮށް ނުވަތަ އެއިން ދުރުހެލިވެވިދާނެ ކަމުގައި އެމީހުން ދެެކެއެވެ. މެޑިޓޭޝަން އަކީ ސަމާލުކަންދީގެން  އަދި ވިސްނުމުގެ ޖާގަޔަށް ވަކިކަހަލަ ކަސްރަތުތަކެއްދިނުމެވެ. ޔޯގާގައި ޖިސްމާނީ ކަސްރަތުތަކާއި ވިސްނުމުގެ ޖާގަ (މައިންޑް) އަށް ދޭ ކަސްރަތުތައް ހިމެނެއެވެ. މިބައިމީހުން ޤަބޫލުކުރާގޮތުގައި އިންސާނީ ޙަޔާތަކީ މަރުވުމާއި އަލުން އުފަންވުމުގެ ބުރުތަކެއްގެ ތެރޭ އުޅޭ އެއްޗެކެވެ. ތިމާގެކުރީގެ ޙަޔާތުގައި އުޅެފައިވާ ގޮތެއްގެ މައްޗަށް ބިނާކޮށް އަލުން އުފަންވާއިރު ޖަނަވާރަކަށް، އިންސާނަކަށް ނުވަތަ ޝައިތާނެއް ފަދަ ނުބައި އެއްޗަކަށް ނުވަތަ ރަނގަޅު ރޫހާނީ އެއްޗަކަށް ވެދެއެވެ. މިބައިމީހުން ޤަބޫލުކުރާގޮތުގައި ނިރުވާނާ ނުވަތަ އެންލައިޓެންމެންޓަށް ވާސިލް ވެވިއްޖެނަމަ މި ބުރުން އިންސާނާ ސަލާމަތްވާކަމުގައެވެ. ބުޑިސްޓުން ބަލަނީ ދިރިހުރުމަކީ ވޭނެއްކަމުގައެވެ. ނިރުވާނާއަށް ދިޔުމުން އެވޭނަށް ނިމުމެއް އައިސް އޭނާގެ ކަން ނިމިދެއެވެ.

ބުޑިސްޓުންނަކީ ވަކިކަހަލަ އަޤީދާއެއް ގެންގުޅޭ ބަޔަކަށް ވިޔަސް ގިނަމީހުންނަކީ ސުލްހަޔަށް ލޯބިކުރާ އަޚްލާޤް ރަނގަޅު މީހުންނެވެ. އަދި އެބައިމީހުންނާއި އެކު އެހެންދީންތަކަށް ތަބަޢުވާމީހުންނަށް އުޅެން އުދަގޫބައެއް ވެސް ނޫނެވެ. ބުދިޒަމް އުފެދިގެން އައީ އިންޑިޔާއިން ކަމުގައި ވިޔަސް އެހެން ބުދިޒަމްގެ މަޒްހަބުތަކާއި ޚިލާފަށް ޓިބޭޓީއަން ބުދިޒަމް އަކީ ހިންދީ ދީނުގެ އަސަރު އެންމެބޮޑަށް ފޯރާފައިވާ ބުދިޒަމް އެވެ. އަދި އެފަދަ އަސަރުތައް އެހެންބާވަތުގެ ބުޑިޒަމްތަކަށް ވެސް އެކި މިންވަރަށް ކޮށްފައިވެއެވެ. ޓަންޓްރާ އަކީ ބައެއް ހިންދީންނާއި ޓިބޭޓިއަމް ބުޑިސްޓުންގެ އާންމުކޮށް ހަދާއުޅޭ އެއްޗެކެވެ. ހިންދީން މިއަށް މަންޓްރަމާރްގާ އަދި ބުޑިސްޓުން މިބަހަށް މަންޓްރަޔާނާ ކިޔައެވެ. ޓަންޓްރިކް އާދަކާދަ އައިސްފައިވަނީ ހިންދީންގެ މުސްކުޅި ލިޔުންތަކުންނެވެ. މިލިޔުންތަކުން ރޫޙާނީ ތަކެއްޗަށް ބާރުފޯރުވާނެގޮތާއި ޓަންޓްރިކް ޔޯގާ ހަދާނެގޮތް ލިޔެފައިވެއެވެ. މިކަން ޓަންޓްރިކް މޮންކުން އެބައިމީހުންގެ ދަރިވަރުންނަށް ދަސްކޮށްދެމުން އައިސްފައިވެއެވެ. މިއާދަކާދަ ޤަބޫލުކުރާމީހުން ދެކެނީ އެއީ އޭގެ ސަބަބުން އެކަންކުރާ މީހާ ނޭގުމާއި އަނިޔާއިން ސަލާމަތްވެ ރޫޙާނީ ބާރާއި ގުޅޭ ކަމެއް ކަމުގައެވެ.

ބައެއް ޔޯގާ ހަދާމީހުން މިމީހުން ކުރާކަންކަމުގައި ހައްދުފަހަނަޅައިގޮސް ސިހުރާއި ބްލެކް މެޖިކް ގެ ގޮތުގައި ބެލެވޭ ކަންކަންވެސް ކޮށް އުޅެއެވެ. އަދި އެފަދަކަންކަމުގައި ހަށިގަނޑު ބޭނުންކޮށްގެން ސަލްވޭޝަން ދިޔުމަށްޓަކައި ބޭނުންކުރާ މައިގަނޑު 5 ކަމުގެ ތެރޭގައި ޖިންސީގުޅުން ވެސް ހިމެނެއެވެ. ފަހުން މިދެންނެވިކަން ޙާޞިލް ކުރުމަށްޓަކައި އެމީހުން ޤަބޫލުކުރާ “ޓާރާ” ފަދަ ރޫޙާނީތަކެތި ޚިޔާލަށް ގެނެއެވެ. އަދި މީގެ  އަނެއްބަޔަކު ހަށިގަނޑަށް ގެއްލުންދޭ ތަކެއްޗާއި ނަޖިހުގެ ގޮތުގައި ބަލާތަކެތި ބޭނުންކޮށް ފަސްވަނަކަން އަމަލީގޮތުން ކުރެއެވެ. ރޫހާނީ ތަކެތި އޮޅުކޮށް އޭގެ އެހީގައި ކަންކަންކުރާ މީހުން ދިވެހިންގެ ތެރޭގައިވެސް އުފެދުނެވެ. ޢަލް މަރްޙޫމް މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު އަވަހާރަކޮށްލުމަށް ސިހުރު ހެދި ނިލަންދޫ ޙަކީމްދީދީ އާއި އޭނާގެ އަނެއް 3 އެކުވެރިން މަރުވެގެން ވަޅުލި ދެ ކުއްޖެއްގެ ހަށިގަނޑުނަގައިގެން އެކުދިން ގެ މެއިން ތެޔޮހިޔެ ގައިގައި ލައި އެކުދިންގެ މަސްކޭވާހަކަ ބައެއް ބޭފުޅުން އަޑު އަހާފައި އޮވެދާނެއެވެ. އަދި އަމީން ދީދީ ގެސިފައިގައި ފުށްގަޑެއް ހަދައި އެކާން މަސައްކަތްކުރިވާހަކަ އަކީވެސް އެވާހަކައިގައި ކިޔާއެއްޗެކެވެ. މިއީ މިފަދަ ކަންކަން ކުރާމީހުން ޝައިތާނުން އޮޅުކުރަން ކުރާކަންކަމެވެ. އޭގެބަދަލުގައި ޝައިތާނާ އެބައިމީހުން އެދޭ ކަންކަން ކޮށްދެއެވެ. ޙަކީމް ދީދީ ގެ ސިހުރުގައި އެކުރި ކަންކަމަކީ ޓިބޭޓިއަން ބުޑިސްޓް މަންޓަރާއާއި އެއްގޮތް ކަމެކެވެ. ފުށުން އެބައިމީހުން ހަދައިގެން ކޭބަވަތުގެ ތަކެއްޗަށް ކިޔަނީ “ޓޯމާ” އެވެ.

ރަންނަމާރި ވާހަކައިގެ ހަޤީގަތް ކަމުގައި ބެލެވޭގޮތް

މިހާ ހިސާބަށް މި މަޒްމޫނުގައި އަޅުގަނޑުމަސައްކަތްކޮށްފައިވަނީ ރާއްޖެ އިސްލާމްވީއިރު ތިބި ބުޑިސްޓުންގެ ޤަބޫލުކުރުންތައް ދެނެގަތުމަށެވެ. އަޅުގަނޑަކީ މުސްލިމަކަށްވާތީ ބުޑިސްޓުންގެ އަގީދާ ދަނެގަތުމަށް ގިނަތަކެތިވެސް ބަލަން ޖެހުނެވެ. ރަންނަމާރީގެ ހާދިސާގައި މަރުވެފައިވާ އަންހެން ކުދިންނަކީ އޭރު މާލޭގެ ވޭރުގައި އުޅުނު ބުޑިސްޓް ހާމުދުރުން ވެރިކަމުގެ ހުއްދައާއި އެކު ގެންގުޅުނު ޓަންޓްރިކް ޢަމަލުތަކެއްގައި ދުނިޔެ ދޫކުރި ބުޑިސްޓް ކުދިބައެކެވެ. ބުޑިސްޓް ހާމުދުރުން މިކަން ކުރަމުންގެންދިޔަކަމަށް ބެލެވެނީ މާލެތެރެއިން ފެންނަމުން ދިޔަ ޖިންނި ޝައިތާނެއް ފަދަ އެއްޗެއް (ރަންނަމާރި) ގެ ކިބައިން ސަލާމަތް ވުމަށެވެ. ވުމާއެކު އަބައިމީހުން ޓަންޓަރާ ހެދުމުގެ ތެރޭގައި މަހާކާލާ ކުރިމަތީ ކުރާކަންކަމުގައި ޒުވާން އަންހެންކުދިން ބޭނުންކުރިކަމަށް ބެލެވެއެވެ. މިކަންތައްތަކުގެ އެންމެ ފަހު މަރުޙަލާގައި އެކުދިންނަށް ޒަހަރުދިނުން ފަދަކަމެއްގެ ތެރެއިން އަމިއްލައަށް ގުރުބާންކުރުވުން ގާތެވެ. ޓެންޓްރިކް ބުދިޒަމް ނުވަތަ ޓިބޭޓިއަން ބުދިޒަމް ގެ ކަލްޓް ޕްރެކްޓިސްތައް ދިރާސާކުރެއްވި ޖެކޮބް (2011) ގެ ފޮތުންނަގާފައިވާ މުހިއްމުތަންކޮޅެއްގެ ތަރުޖަމާ ތިރީގައި އެވަނީ އެވެ.

“8 ވަނަ ޤަރުނުގެ ފަހު ދެބައިކުޅަ އެއްބައިގައި މަހިމަގެޔޯގާ (ގަދަފަދަ ޔޯގާ) ޓަންޓަރާތައް ނުކުތުމާއެކު މީހުން ހިތްދަމައިގަންނަ އަނިޔާވެރި ޓަންޓަރާތައް ބޮޑަށް އިތުރުވެގެން ދިޔައެވެ. މި މަސައްކަތްތަކުގެ ސަބަބުން ޓަންޓްރިކް މިންގަޑުތަކުން ބޭރުވެ އެންމެ މައްޗަށް ދިޔައެވެ. އެންލައިންޓްމަންޓަށް ދާނެ އަވަސް، ނުރައްކާތެރި ސީދާ މަގެއްގެ ގޮތުގައި އަވަސް އަދި ހައްދުފަހަނަޅާފައިވާ ސްލޫކްތައް މަޤްބޫލުވެގެން ދިޔައެވެ. މި އައު އިޖްތިމާޢީ މިންގަޑުތަކުން ބޭރު ލިޔުންތައް އަމާޒްކޮށްފައިވަނީ ދީނާ ގުޅުވާފައިވާ ޖިންސީ އަދި އަނިޔާވެރިކަމުގެ މައްޗަށެވެ. ކަނޑައެޅިފައިވާ ވަކިދުވަސްތަކެއްގައި، މަހެމަގެ ޔޯގާހަދާމީހުން، އެ އެއްވުންްތަކެއްގައި ކާތަކެއްޗާއި ރަލާއި ޖިންސީ ޢަމަލުތަކާއި އަދި ބައެއްފަހަރަށް ލޭދައްކައިގެން ކުރާ ޤުރުބާނީ ފަދަކަންކަން ހިނގާ ޑައިނޯސިއަނުންގެ އެއްވުންތައްފަދައިން ޓަންޓްރާތަކުގައިވާ ގައިމަގެކެކްރާގެ ކެއުމުގެ ޙަފްލާ ފާހަގަކުރަން ވަރަށްބޮޑަށް ހިތްވަރު ދެއެވެ. (ޖެކޮބް، 2011)

ޔަންގް އަކީވެސް ޓިބޭޓިއަން ބުދިޒަމްގެ ކަލްޓް ޕްރެކްޓިސް ތަކުގެ މައްޗަށް ވަރަށް ބޮޑަށް ދިރާސާކުރެއްވި ބޭފުޅެކެވެ. ޔަންގް (2013) ގެ ލިޔުންތަކުންވެސް ޖެކޮބް (2011) ބަޔާންކޮށްފައިވާ ބުނުމަށް ވަރަށްބޮޑަށް ބާރުލިބެއެވެ. ޔަންގް (2013) ވިދާޅުވެފައިވަނީ މިބައިމީހުންގެ ތެރޭ އެންމެ މަޤްބޫލީ 16 އަހަރުގެ އަންހެންކުދިން ކަމުގައެވެ. މިބައިމީހުންގެ ޓަންޓްރިކް އަމަލުތައް ހައްދުފަހަނަޅާގޮސް އިޖްތިމާޢީ ހުދޫދުން ބޭރުވެ ކުޑަކުދިން އެކަމުގައި ބޭނުންކޮށްފައިވާކަން އެބަ އެނގެއެވެ. މިއީ ޝައިތާނާ ރުއްސުމަށްހިންގާ އަމަލުތަކުގެ ތެރެއިން އަމިއްލަ އެދުންތަކުން ފުރިގެންވާ ވަހުޝީ ޢަމަލެކެވެ. ހާމުދުރުން އެކުދިން ބޭނުންކޮށްފައިވަނީ އެމީހުން ކުރާ ދީނީ ކަންކަތައްތަކަކާއި ވެސް ގުޅުވައިގެންނެވެ. ފަހަރުގައި އެއީ ފާހަގަކުރާ ދީނީ ހަފްލާތަކެއްގެ ބައެއްގެ ތެރެއިންނެވެ. އެކަން ޖެކޮބް (2011) ވެސް ފާހަގަކުރައްވާފައިވެއެވެ. ޚިޔާލީގޮތުންވިޔަސް އަދި އަސްލުގައިވިޔަސް މިކަމުގައި ބައިވެރިވާ ކުދިންނަކީ “ދާކިނީ” ނުވަތަ ކަލާނގެއެއް ކަމުގައި މިކަން ޤަބޫލުކުރާމީހުން އެހެންމީހުންނަށް ބުނެދީ އަދި ވިސްނައިދީ ހަދައެވެ (ޔަންގް، 2013). 

އާންމުކޮށް ޖިންނި ޝައިޠާނުން ފެންނަނީ ވަކި ތަރުތީބަކުން ކޮންމެ މަހަކު އެއްފަހަރު ނޫންކަން އަޅުގަނޑުމެން އެންމެން ވެސް ޤަބޫލުކުރަމެވެ. ކޮންމެ މަހަކު އެއްފަހަރު އަންހެންކުދިން ގެންދަނީ މެޑިޓޭޝަން އާއި އަޅުކަންކުރުން ހަނދުބަލާރޭގައި ބުޑިސްޓުން ކޮށް އުޅޭތީއެވެ (ސެމީ، 2021). ހަނދުބަލާ ރެއާއި ހަނދުބޮޑުވާރޭ (14 ވިލޭރެއަކީ) ތަކަކީ ބުޑިސްޓުންނަށް ޚާއްސަ ރޭތަކެކެވެ. ބުއްދާ ދުނިޔެއައުމާއި ދުނިޔެދޫކުރުމާއި  އަދިފާހަގަކުރެވޭ އެހެން ހާދިސާތައް ހިނގާފައިވަނީ ހަނދުބަލާރޭ ނުވަތަ ހަނދުބޮޑުވާ ރޭތަކުގައި ކަމަށް ބުޑިސްޓުން ޤަބޫލުކުރެއެވެ. ޔޫސުފް އަލް-ބަރުބަރީ ފައްޅިއަށް ވަޑައިގަތްރޭ ހާމުދުރުން ހަދާ ޓަންޓަރާ ކެންސަލްކުރުމަކީ އެންމެ ގާތްގޮތެވެ. އަދި ޔޫސުފް އަލް-ބަރުބަރީ ފަތިސްވަންދެން ޤުރުއާން ކިޔަވައި ވިދާޅުވާށާއި ނަމާދުކުރެއްވުމުގައި އިންނެވިއެވެ. އެރެއަށްފަހު ލިބުނު ފުރަތަމަ ފުރުސަތުގައި ޖިންނި ޝައިޠާނުންގެ ކިބައިން ސަލާމަތްވާން މުސްލިމުން ތަކުބީރާއި ތަޙުލީލާއި ޤުރުއާން ކިޔަވާ ވާހަކަ ރަސްގެފާނަށް ދަންނެވުމުން އެކަށީގެންވެއެވެ. އެހެންކަމާއެކު 1 މަސްވަންދެން ޔޫސުފް އަލް-ބަރުބަރީގެ އެހީތެރިކަމުގައި މާލެއިން ފެންނަ އެއްޗެއް ފެނުން ހުއްޓޭތޯ ރަސްގެފާނު އަޖުމަ ބެއްލެވުމަކީ ވެދާނެގޮތެކެވެ. ދެން އެކަން ކާމިޔާބުވުމުން ރަސްގެފާނާއި، އާއިލާއާއި، ދައުލަތުގެ އެހެންވެރިންނާއި މާލޭގެ ރައްޔިތުން އިސްލާމްވެ މެދުކެނޑުމެއްނެތި ރޭގަނޑު ތަކުބީރާއި ތަހުލީލް ކިޔަންފެށުމުން މާލެތެރެއިން އެ ފެނުނު އެއްޗެއް، ފެނުން ހުއްޓުނީ ކަމުގައި ބެލެވެއެވެ. އެހެނަސް ކަނޑުންފެންނަ ބޯޓުތަކުގެ އަލިފެނުން ނުހުއްޓި ދިއުމުން މާލޭގައި ދިރިއުޅުނު މީހުން އިބުނު ބަޠޫޠާ ރާއްޖެއަށް ވަޑައިގަތުމާއި ޖެހެންދެން ވެސް ހީކުރަމުން އައިސްފައިވަނީ ރަންނަމާރި މާލެ އަރަން މަސައްކަތް ކުރަމުން ދިޔަ ކަމުގައެވެ.      

ނިންމުން

އަޅުގަނޑު ޤަބޫލުކުރާގޮތުގައި ރަންނަމާރި ވާހަކައަކީ ރިޙުލާ ލިޔެވުނު ހިސާބުން ރެކޯޑްކުރެވިފައިވާ ވާހަކައަކަށް ވުމާއެކު އޭގައި ކޮންމެވެސް ވަރެއްގެ ހަޤީގަތެއް އެކުލެވިގެންވާ ވާހަކައެކެވެ. މިއަދު އަޅުގަނޑުމެންނަށް މި އިވޭ ރަންނަމާރީގެ ވާހަކައަކީ، ކުޑަކުދިންނަށް މައިންބަފައިން ކިޔައިދެމުން އައިގޮތެވެ. ޖިންސީ ފުރައްސާރަކުރުމުގެ ވާހަކަޔަކީ މުސްލިމް މައިންބަފައިން ދަރިންނަށް ކިޔައިދޭން އެހާ އެދެވޭ ވާހަކައަކަށް ނުވާތީ އެކުދިން މަރަމުންދިޔައީ ރަންނަމާރި ކަމަށް ދޭހަވާގޮތަށް ރަންނަމާރިވާހަކަ ކިޔައިދެމުން އައެވެ. މިއީ އަޅުގަނޑު ކުރި ދިރާސާތަކުން ނިންމުނުގޮތެވެ. މަތީގައި އަޅުގަނޑު ދަންނަވާލީ މިކަން ހިނގިގޮތްކަމަށް އަޅުގަނޑަށް ވިސްނޭގޮތެވެ. ރާއްޖެ އިސްލާމްވިދުވަސް އުފަލާއެކު އަޅުގަނޑުމެން ފާހަގަކުރަން ޖެހެއެވެ. އަދި ބުދުދީން ދޫކޮށް އިސްލާމްދީން ޤަބޫލުކުރުމަކީ ﷲ ދިވެހިންނަށް ދެއްވި އަަގުނުކުރެވޭނެ ބޮޑު ނިއުމަތެއްކަން އަޅުގަނޑުމެން އަބަދުވެސް ހަނދާނުގަ ބަހައްޓަން ޖެހެއެވެ. އަޅުގަނޑުގެ ދުޢާ އަކީ އޭރު އިސްލާމްދީނުގެ ތެދުމަގު ޚިޔާރުކޮށް މިދީނަށް ވަން ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ސުވަރުގޭގެ އެންމެ މަތިވެރި ނިޔުމަތް މިންވަރު ކުރެއްވުމެވެ. އަދި އެހެންމެ މި ދިވެހިރާއްޖޭގައި އިސްލާމީ ދަންމަރު ރޯކޮށްދެއްވި ސުލްޠާން މުޙައްމަދު އާދިލް (ކުރީގެ ސިރީ ގަޑަ ނާ އަދިތްޔާ) އާއި އަދި އެބޭކަލެއްގެ އަތްމައްޗަށް މި ދީބު އިސްލާމްވެ، ޙަޔާތުގެ އެއްމެފަހުދުވަސްތައް މިފަސްގަނޑުގައި ހޭދަކޮށް، ހަވަހާރަވެ، މެދުޒިޔާރަތުގައި ފަސްދާނުލެވިފައިވާ ޔޫސުފް އަލް-ބަރުބަރީއަށް ސުވަރުގޭގެ މަތިވެރި ނިއުތް ދެއްވުން އެދި ﷲ ގެ ހަޟްރަތުގައި ދުޢާދަންނަވަމެވެ.

ބިބްލިއޮގްރާފީ

Forbes, A. D. W. (1987). The Pre-islamic Archaelogy of the Maldives Islands. Bulletin de l’École Française d’Extrême-Orient76, 281–288.
 
Hewamanage, W. (2018). The History of the Kāli Cult and its Implications in Modern Sri Lankan Buddhist Culture. Alternative Spirituality And Religion Review9(2), 246-256. doi: 10.5840/asrr2018111353
 

Ibn Batuta, & Ḥusain, A. (1976). The Reḥla of Ibn Bat̤t̤ūt̤a (India, Maldive Islands and Ceylon). Baroda: Oriental Institute.

Jacob P. D. (2011). The Taming of the Demons: Violence and Liberation in Tibetan Buddhism. New Haven, CT: Yale University Press.

Soboslai, J. (2015). Violently Peaceful: Tibetan Self-Immolation and the Problem of the Non/Violence Binary. Open Theology1(1). doi: 10.1515/opth-2015-0004

Young, S. (2013). Courtesans and Tantric Consorts. Hoboken: Taylor and Francis.