ރާއްޖޭގައި ޒަމާނީ ދަނޑުވެރިކަމުގެ ސިނާއަތެއް ޤާއިމުކުރުމަށްޓަކައި ސާނަވީ ތަޢުލީމުގެ ނިޒާމަށް އެގްރިކަލްޗަރަލް އެޑިޔުކޭޝަން ތައާރަފް ކުރުމުގެ މުހިއްމުކަން

1. ފެށުން

އިންސާނުން ހޮހޮޅަތަކުގެ ދިރިއުޅުމުން ވިލެޖުތަކާއި އަވަށްތަކާއި ސިޓީތަކުގެ ދިރިއުޅުމަށް ގެންގޮސްދިން އެންމެ މުހިއްމު އެއް މަސައްކަތަކީ ދަނޑުވެރިކަމެވެ. ޝިކާރަކުރުމާއި ޖަންގަލީތަކުން ގޮވާމާއި މޭވާގެ ބާވަތްތައް އެއްކުރުން ދޫކޮށް، ކޯރުތަކުގެ އައްސޭރިތަކުގައި ދަނޑުގޮވާންކުރަން ފެއްޓުމަކީ، ތަހުޒީބީ މުޖުތަމައުތައް އުފެދުމުގެ އެއް ސަބަބެވެ. ކާބޯތަކެއްޗާއި ބޯހިޔާވަހިކަމާއި ރައްކާތެރިކަން ފަދަ ކަންކަމަކީ އިންސާނާގެ އަސާސީ ބޭނުންތަކެވެ. މިހެން މިކަން އޮތްއިރު ފުދުންތެރި ޤައުމަކަށް ވުމަށްޓަކައި ކާބޯތަކެތީގެ އުފެއްދުންތެރިކަން ދިވެހިން މިއަދު އިތުރުކުރަން ޖެހެއެވެ. މިއަދު ޓެކްނޮލޮޖީއާއި އިލްމު ކުރިއަރާފައިވާ މިންވަރުން އެތައްް އޭކަރުގެ ބިމުގައި ހެއްދޭ ތަކެތި ޒަމާނީ ގޮތްތައް ބޭނުންކޮށްގެން ގްރީން ހައުސްތަކުގައި ދަނޑުވެރިކަން ކުރުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ވެސް އެބައޮތެވެ. އެކަންކުރެވޭނީ އަޅުގަނޑުމެންގެ ޒުވާން ޖީލަށް އެކަމަށް ބޭނުންވާ ހުނަރާއި ޢިލްމު މިއަދު ހޯދައިދީގެންނެވެ. މިގޮތުން އަޅުގަނޑުގެ މި މަޒްމޫނު އަމާޒުކޮށްފައިވަނީ އެގްރިކަލްޗަރަލް އެޑިއުކޭޝަން ރާއްޖޭގެ ސާނަވީ މަދުރަސާތަކުގައި ކިޔަވައި ދިނުމާއި ގުޅޭގޮތުންނެވެ.

2. ރާއްޖޭގެ ދަނޑުވެރިކަމުގެ ކުރީގެ ހާލަތު

ދިވެހިރާއްޖެއަކީ ހިކިފަސްތަން ކުޑަ ޖަޒީރާ ޤައުމެކެވެ. އެހެންނަމަވެސް ކުރީގައި މިޤައުމުގައި ދިރި އުޅެމުންދިޔަ ދިވެހިން، އެބައިމީހުންގެ ހުރިހާ ބޭނުންތަކެއް މިޖަޒީރާތަކުގެ ބިމުންނާއި ވަށައިގެންވާ ކަނޑުތަކުން ފުއްދައެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކިބާވަތުގެ ގޮވާން ހައްދާ ކާބޯތަކެތި ތައްޔާރުކުރުމަށް އެ ބާވަތްތައް ބޭނުންކުރަމުން ގޮސްފައިވެއެވެ. ރާއްޖޭގެ އެންމެ ދެކުނުގައި އޮންނަ އައްޑު އަތޮޅާއި ފޯއްމުލަކުގައި އަލަ ގިނަމިންވަރަކަށް ހައްދައި ހަނޑުލެކޭ އެއްފަދައިން ކެއުމަށް ބޭނުން ކުރަމުންދިޔަ ދުވަސްވަރެއް ވެސް ދިޔައެވެ. އަދި އެހެން ސަރަހައްދުތަކުގައި ވެސް ބަބުކޭލާއި ބިންބިއާއި ކުދިބަތާއި ކައްޓަލައާއި ދަނޑިއަލުވިފަދަ ބާވަތްތައް އާންމުކޮށް ހެއްދިއެވެ. މީގެ އިތުރުން ގޭގައި ގެންގުޅޭ ކުކުޅުން ބިހާއި މަސް ހޯދިއެވެ. އެދުވަސްވަރު ދަތުރުފަތުރު ހުރިގޮތުން ރިޔާނެގި ނާލުބައްތެލިފަހަރުގައި ސިލޯނަށް ގޮސްގެން އެ ލިބޭ އެއްޗަކީ ތަދު އެއްޗެކެވެ. އެދުވަސް ވެސް މާޒީވެ ހިގައްޖެއެވެ. ޒަމާނަށް އައި ބަދަލުތަކާއެކު ރާއްޖޭގެ އާބާދީ އިތުރުވެ ބައެއް ރަށްތަކުގެ ބިން ގޯތިގެދޮރު އެޅުމަށާއި ވިޔަފާރީގެ ބޭނުންތަކަށް ބޭނުންކުރަން ފެށުމާއިއެކު ކުރިން ކުރަމުންއައި ދަނޑުވެރިކަމަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. 

3. ރާއްޖޭގެ ދަނޑުވެރިކަމުގެ މިހާރުގެ ހާލަތު

ދިވެހި ސަރުކާރުން ދަނޑުވެރިކަން ތަރައްޤީކުރަން ތަފާތު ޕޮރޮގްރާމްތައް އެކިދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގާފައިވެއެވެ. މިގޮތުން ކަމާބެހޭ ވުޒާރާތަކުން ދަނޑުވެރިކަމުގައި އުޅޭ ފަރާތްތަކަށާއި ސްކޫލު ދަރިވަރުންނަށް އަމާޒުކޮއްގެން ވެސް އެ ޕްރޮގްރާމްތައް ހިންގާފައިވެއެވެ. މިހެން މިކަންވިޔަސް ރާއްޖޭގެ މައިގަނޑު ދެ ސިނާއަތު ކަމުގައިވާ ޓޫރިޒަމް އާއި މަސްވެރިކަމަށް އެ އައިފަދަ ބޮޑެތި ކުރިއެރުންތަކެއް ދަނޑުވެރިކަމަށް އައިސްފައި ނުވެއެވެ. ނަސީބު ރަގަޅުކަމުން ބޯޓު ދަތުރުކުރުމުގެ ސިނާއަތު ވަޅުޖެހުނުގޮތައް ދަނޑުވެރިކަން ހުއްޓިފައި ނުވެއެވެ. މިހާރުވެސް ރާއްޖޭގެ އެކިރަށްތަކުގައި އެކި މިންވަރަށް ދަނޑުވެރިކަން ކުރަމުންދެއެވެ. ބައެއް ރަށްރަށުގެ އަހުލުވެރިންނަށް އާމްދަނީ ލިބޭ މައިގަނޑު ވަސީލަތަކީ ވެސް ދަނޑުވެރިކަމެވެ. މިގޮތުން މިހާރުވެސް ކޭލާއި އަނބާއި ކަރަލާއި މިރުހާއި އެހެންނިހެން ބާވަތްތައް ހައްދަމުންދެއެވެ. ނަމަވެސް މިއަދު ރާއްޖޭގައި ދިރިއުޅޭ ދޭސީ އަދި ބިދޭސީންނަށް ކާންދެވޭވަރަށް ރާއްޖޭގައި ދަނޑުވެރިކަމެއް ނުކުރެވެއެވެ. ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން ދަށްވުމުގެ މައިގަނޑު ސަބަބުތަކެއް ވެއެވެ، އެއް ސަބަބަކީ ދަނޑުވެރިކަމަށް ހުރިހާ ރަށްތަކުން ބިން ލިބެން ނެތުމާއި މިޒަމާނުގެ ދަނޑުވެރިކަމުގެ ހުނަރުތައް ދިވެހިންގެ ކިބައި އަށަގަނެފައި ނެތުމެވެ. އަނެއްސަބަބަބަކީ ދަނޑުވެރިކަންކުރާ ފަރާތްތަކުގެ ހިންގުމުގެ ޤާބިލްކަންދަށްވުމާއި، ޢިލްމު ނެތުމާއި އިންވެސްޓް ކުރަން ފައިސާނެތުމެވެ. ތިންވަނަ ސަބަބަކީ ތައުލީމީ ނިޒާމުގައި ދަނޑުވެރިކަމަށް ދޭ ސަމާލުކަން ކުޑަވުމާއި އަލަށް އުފެދޭ ޒުވާނުން ދަނޑުވެރިކަމުގެ ތެރެއަށް ނުވަނުމެވެ. ހަތަރުވަނަ ސަބަބަކީ ދަތުރުފަތުރުގެ ނިޒާމް ކުރިއަރައި ބޭރުން އެތެރެކުރާ ކާޑުގެ ބާވަތްތަކާއި އެހެނިހެން ކާބޯތަކެތި ފަސޭހައިން ގަންނަން ލިބުމެވެ. އަދި ފަސްވަނަ ސަބަބަކީ ރާއްޖޭގެ ޖިއޮގްރަފީ އޮންނަގޮތުން މައިގަނޑު މާކެޓްތަކަށް އުފެއްދުންތައް ފޯރުކޮށްދިނުމުގައި ހުރި ދަތިތަކެވެ. އުފާވެރި ޚަބަރަކީ ފަހުން ދެންނެވި މައްސަލަ ޙައްލުކޮށްދޭން މަސައްކަތް ކުރާނެކަމުގެ ވާހަކަ މިދުވަސްކޮޅު ޓިވީތަކުންނާއި އެހެނިހެން މީޑިޔާތަކުން އިވުމެެވެ.

4. އިޤްތިސާދީ ލޮޅުންތަކާއި ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން

ދުނިޔޭގެ އެކި ޤައުމުތަކަކީ އާމްދަނީ އެކި ސިނާއަތްތަކުން ލިބޭ ޤައުމުތަކެވެ. އެޤައުމުތަކަށް ބޭނުންވާ މިންވަރަށްވުރެ ގިނައިން އެކިބާވަތްތައް އުފެއްދުމުގެ ނަސީބު ލިބިފައި ވުމާއެކު އެކްސްޕޯރޓް ކޮށްގެން ބޭރުފައިސާ ލިބެއެވެ. ދުނިޔޭގައި ދަނޑުވެރިކަމުގެ ތަފާތު ބާވަތްތައް އެކްސްޕޯރޓްކޮށްގެން ވެސް އާމްދަނީ ހޯދާ ގިނަ ޤައުމުތައްވެއެވެ. ތިރީގައިވާ ތާވަލުން ދައްކައިދެނީ ދަނޑުވެރިކަމާއި ގުޅޭ ބާވަތްތައް އެކްސްޕޯރޓްކޮށްގެން އެންމެގިނަ އާމްދަނީ ހޯދާ ދިހަ ޤައުމެވެ. 

 

އެކިދުވަސްވަރު ދުނިޔޭގެ އިޤްތިސާދަށް އަންނަ ލޮޅުންތަކުގެ އަސަރު އަޅުގަނޑުމެން ގެ ރާއްޖެއަށްވެސް ކުރަމުންދެއެވެ. އޭގެ އެންމެ ރަގަޅު މިސާލަކީ މިހާރު މުޅިދުނިޔެއަށް ފެތުރެމުންދާ ކޮވިޑް-19ގެ ބަލިމަޑުކަމެވެ. ކޮވިޑް 19 ވަނީ މުޅިދުނިޔޭގެ އިޤްތިސާދުގައި ބޮޑުތަޅެއް އަޅުވާފައެވެ. މިއަދު މިފެންނަނީ ގައުމުތަކުގެ މައިގަނޑު ސިނާއަތްތައް ހުއްޓެމުން ވަޒީފާގެ ފުރުސަތުތައް ގެއްލެމުންދާތަނެވެ.  ދަތުފަތުރުގެ ނިޒާމު މުޅިންހެން ހުއްޓުމަކަށް އައިސް ޤައުމުތަކުގެ އުފެއްދުންތައް އެކްސްޕޯޓްކުރުން ހުއްޓި ގިނަ ޤައުމުތަކުން ވަނީ ކާބޯތަކެތީގެ ބައެއް ބާވަތްތައް ކޮންޓްރޯލް ކޮށްފައެވެ. މިކަހަލަ ހާލަތެއްގައި ކޮންމެ ޤައުމަކަށްވެސް ރައްޔިތުންގެ ކާބޯތަކެތީގެ ރައްކާތެރިކަމަކީ މުހިއްމު އެއްޗެކެވެ. ރާއްޖެވެސް އިސްތިސްނާއެއް ނުވެއެވެ. މިއަދު އަޅުގަނޑުމެންނަށް ޖެހިފައިވަނީ ދަނޑުގޮވާން ކުރުމުގެ ސިނާއަތާއި މެދު އަލުން ވިސްނައި އެހެން ޤައުމުތަކަށް ވާ ބަރޯސާ ކުޑަކޮށް، އަޅުގަނޑުމެންގެ ކާބޯތަކެތީގެ އަމިއްލަ ފުދުންތެރިކަން އިތުރުކުރެވޭނެ ގޮތްތައް ހޯދަން މަޖުބޫރުވެފައެވެ. މުސްތަޤްބަލްގައި ދިމާވެދާނެ ތަދުމަޑުކަމެއްގެ އަސަރު ވިހާވެސް ކުޑަކުރުމުގެ ގޮތުންނެވެ. އެކަން ކުރެވޭނީ ދަނޑުވެރިކަމަށް ލޯބިކުރާ ޖީލެއް މިޤައުމުގައި އުފެއްދިގެންނެވެ. 

5. ރާއްޖޭގެ ސާނަވީ ތަޢުލީމުގެ މަރުހަލާގައި އެގްރިކަލްޗަރަލް އެޑިއުކޭޝަން ހިމެނުން

އަޅުގަނޑުމެންގެ ސާނަވީ ތައުލީމު އަމާޒުކުރެވިފައިވަނީ އިނގިރޭސި ވިލާތުގެ ކޭމްބްރިޖް އިމްތިހާނާއި އެޑެކްސެލް އިމްތިހާނުތައް ހަދައި އިނގިރޭސި ސަނަދުތަކެއް ލިބޭގޮތަކަށެވެ. އަދި އޭގެއިތުރުން ރާއްޖެއަށް ބޭނުންވާ އިސްލާމާއި ދިވެހި ފަދަ މާއްދާތައް އެސް. އެސް. ސީ. އިމްތިހާނާއި އެޗް. އެސް. ސީ. އިމްތިހާނު ހަދައި ސަނަދުތަކެއް ލިބޭގޮތަށެވެ. ކޭމްބްރިޖާއި އެޑެކްސެލްއިން ސާނަވީ ފެންވަރުގެ އެގްރިކަލްޗާއާއި ގުޅުން ހުރި އެކިލެވެލް ތަކުގައި އިމްތިހާނުކުރެއެވެ. ކޭމްބްރިޖުން IGCSE ލެވެލްގައި އެގްރިކަލްޗާރ (0600) އިމްތިހާނުކުރާއިރު އެޑެކްސެލް އިން BTEC  ގެ އެކިލެވެލްގައި އިމްތިހާނުދެއެވެ. ވުމާއި އެކު ސާނަވީ ލެވެލްގައި އޮޕްޝަނަލް މާއްދާއެއްގެ ގޮތުގައި އެގްރިކަލްޗާރ އެޑިއުކޭޝަން ތައާރަފް ކުރުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. ދުނިޔޭގެ އެކި ޤައުމުތަކުގައި އެޤްރިކަލްޗަރަލް އެޑިއުކޭޝަން ގެންދަނީ އެކިގޮތަށެވެ، ބައެއް ޤައުމުތަކުގައި އެއީ ސާނަވީ ފެންވަރުން ފެށިގެން މައްޗަށް ކިޔަވައިދޭ މާއްދާއެކެެވެ. އަނެއްބައި ޤައުމުތަކުގައި ގެންދަނީ ސްކޫލުތަކުގައި ހިންގޭ އެހެނިހެން ޕްރޮގްރާމް ތަކުގެ ތެރެއިންނެވެ. އެއަށްފަހު ޔުނިވަރސިޓީ ތައުލީމުގެތެރެއިން އެގްރިކަލްޗަރަލް އެޑިޔުކޭޝަން ފޯރުކޮށްދެއެވެ. ރާއްޖޭގެ ތަފާތު ސްކޫލުތަކުގައިވެސް ތަފާތު ކުލަބްތަކަުން އެކި މިންވަރަށް އެކިފަހަރު މިފަދަ ޕްރޮގްރާމްތައް ހިންގައެވެ. އެހެންނަމަވެސް ރަގަޅު އަދި އެއްގޮތް މޮނިޓަރިންގ ސިސްޓަމެއްނެތި ސްކޫލްތަކަށް ދޫކޮށްލުމުން އެފަދަ ޕްރޮގްރާމްތައް ސްކޫލްތަކުގައި އެކިސަބަބުތަކާހުރެ، މެދު ނުކެނޑި ކުރިއަކަށް ދާގޮތެއް ނުވެއެވެ. ބައެއް ސްކޫލުތަކުން ވަރަށް ރަގަޅު ޕޮރޮގްރާމްތައް ހިންގާފައި މެދުކެނޑެއެވެ. އަދި އެފަދަ ޕްރޮގްރާމް ތަކުގައި ގެންގުޅުނު، ޚަރަދުކޮށްގެން ހޯދައިފައިވާ ސާމާނުވެސް ބޭނުންނުކޮށް އެތައްދުވަހަކަށް ދޫކޮށްލާފައިވެއެވެ. މިހެންވުމުން މިފަދަ ޕްރޮގްރާމްތަކުގެ މަންފާ ހުރިހާ ދަރިވަރުންނަށް ހަމަހަކޮށް ލިބުމުގެ ފުރުސަތެއް ނުލިބެއެވެ. ނަމަވެސް އެެގްރިކަލްޗަރަލް އެޑިުކޭޝަންއަކީ މަޖުބޫރު އެއްޗެއްގެ ގޮތުގައި ވެފައި، އެޕްރޮގްރާމް މޮނިޓާރ ކުރެވޭނެ ނިޒާމެއް ޤާއިމް ކުރެވިއްޖެނަމަ، އޭގެ ފައިދާ ދަރިވަރުންނަށް މާރަގަޅަށް ލިބޭނެއެވެ. އެއީ ކިޔަވައިދޭ މާއްދާއެއް ކަމުގައި ވިޔަސް ނުވަތަ އެހެން ގޮތަކުން އުނގަންނައި ދިނަސްވެސް މެއެވެ.

ކޭމްބްރިޖް IGCSE އެގްރިކަލްޗާރ (0600) ސިލަބަސް

މި މަޒުމޫނުގެ ތީމް ފޮޓޯގައި ފެންނަނީ ޗައިނާގެ ސްކޫލެއްގެ ދަރިވަރުުން އެގްރިކަލްޗާރ ބެހޭ ހަރަކާތެއްގައި އުޅޭ މަންޒަރެވެ. ތިރީގައި އަޅުގަނޑު ލިޔެފައިވަނީ ޔުނައިޓެޑް ސްޓޭޓް އޮފް އެމެރިކާގެ ތައުލީމީ ނިޒާމްގައި އެގްރިކަލްޗަރަލް އެޑިއުކޭޝަން ގެންދާގޮތެވެ. އެމެރިކާ އަކީ ދުނިޔޭގެ ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ އެންމެ ބޮޑު އެކްސްޕޯޓަރެވެ.

6. ޔޫ. އެސް. އޭ ގެ ތައުލީމީ ނިޒާމްގައި އެގްރިކަލްޗަރަލް އެޑިޔުކޭޝަން ހިމެނިފައިވާގޮތް

އެގްރިކަލްޗަރަލް އެޑިއުކޭޝަން އަކީ އެމެރިކާގެ ތައުލީމީ ނިޒާމުގެ ވަރަށް މުހިއްމު ބައެކެވެ. މިލިޔަނެއްހާ ދަރިވަރުންނަށް ކިޔަވާދިނުމަށްޓަކައި ސާނަވީ އަދި ޓާޝިއަރީ 12000 މުދައްރިސުން އުޅެއެވެ. ސްކޫލް-ބޭސް އެގްރިކަލްޗަރަލް އެޑިއުކޭޝަން ގައި މައިގަނޑު 3 ބައެއް ހިމެނިގެންވެއެވެ.

(1) ކްލާސްރޫމް، ލެބޯޓަރީ، ގްރީން ހައުސް، ނުވަތަ އައުޓްޑޯ ތަކުގައި ކިޔަވައިދިނުން: މިބައިތައް ހިމެނިފައިވަނީ އެކިއެކި ޔުނިޓްތަކުގެ މައްޗަށެވެ. މިގޮތުން އެންވަޔަރަމަންޓަލް ސައިންސް، އެގްރިބިޒިނަސް، ނެޗުރަލް ރިސޯސަސް، އެކުއަކަލްޗާރ، ފުޑް ސައެންސް އެންޑް ސޭފްޓީ، އެނިމަލް އެންޑް ޕްލާންޓް ސައެންސަސް އަދި އެންޓްރިޕްރިނާޝިޕް ފަދަ ބައިތަށް ހިމެނިގެންވެއެވެ.

(2) އެކްސްޕީރިއެންޝަލް ލާނިންގ ނުވަތަ ތަޖުރިބާ ކުރުން: މިބައި ދަރިވަރުން ހާސިލް ކުރަނީ ދަނޑެއްގައި، ފެކްޓްރީއެއްގައި ނުވަތަ ގްރީން ހައުސްފަދަ ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ހޯދައިގެންނެވެ.

(3) ލީޑާރޝިޕް ޑެވެލޮޕްމެންޓް: FFA ފަދަ އޯގަނައިޒޭޝަން ތަކުގައި ދަރިވަރުން ބައިވެރިވުމުން ލީޑާރޝިޕް ހުނަރުތަކާއި ޕާސަނަލް ސްކިލްސް ކުރިއަރުވަން ފުރުސަތުލިބެއެވެ، މިގޮތުން އެކި އެކި މުބާރާތްތަކާއި ޕަބްލިކް އިވެންޓްތަކުގައި ދަރިވަރުންނަށް ބައިވެރިވެއެވެ.

އެމެރިކާގެ ސްކޫލު ދަރިވަރަކު ނިއުޓްރިއަންޓް ސޮލިއުޝަން ބަލަނީ (ސޯސް: www.naae.org)

7. ނިންމުން

ރަގަޅު ފެންވަރުގެ ދަނޑުވެރިކަމުގެ ސިނާއަތެއް އުފެއްދިއްޖެނަމަ އޭގެ ސަބަބުން އިތުރު ވަޒީފާތަކެއް އުފެދިގެންދާނެއެވެ. މިގޮތުން ގްރީންހައުސްތަކުގައި މަސައްކަތްކުރާނެ ޓެކްނިކަލް މުއައްޒަފުންގެ އިތުރުން ދަނޑުވެރިކަމުގެ ވިޔަފާރިއާއި ގުޅުންހުރި އެހެނިހެން ދާއިރާތަކުގައިވެސް ވަޒީފާއުފެދިގެން ދާނެއެވެ. އަދި ޑިގްރީއާއި ހަމަޔަށް މިރޮގުން ތަޢުލީމު ހާސިލްކުރާ ފަރާތްތަކަށް އަދާކުރެވިދާނެ ވަޒީފާތަކުގެ ތެރޭގައި ހައިސްކޫލް އެގްރި ސައިންސް ޓީޗާރުކަމާ، ކްރޮޕް ކޮންސަލްޓެންޓްކަމާ، ދަނޑުގެ މެނޭޖަރުކަމާ، ޕްރޮގްރާމް ކޯޑިނޭޓަރުކަމާ، ސޭލް ރެޕްރެޒެންޓެޓިވްކަމާ، އެގްރިކަލްޗަރަލް އެޑިއުކޭޝަން ޕްރޮފެސާރކަން، ފަދަ ވަޒީފާތައްވެއެވެ. މިދެންނެވިފަދަ ސިނާއަތެއް ކޮޅަށްޖެހުމަށް ސަރުކާރުގެ ހަރުދަނާ ސިޔާސަތާއި، އިންވެސްޓަރުންނާއި، ތަޖުރިބާލިބިފައިވާ ޤައުމުތަކުގެ ޓެކްނިކަލް އެހީތެރިކަން ބޭނުންވެއެވެ.  ރާއްޖޭގެ ފެންވަރުގައި ކުރެވޭނެ މުހިއްމު އެއްކަމަކީ އެރޮގުން ތައުލީމާއި ތަމްރީނުދިނުމުގެ ނިޒާމް ހަރުދަނާ ކުރުމެވެ.

އަޅުގަނޑުގެ މި މަޒްމޫނު ކަމުދިޔަނަމަ ކިއުންތެރިއާ އެހެން ފަރާތްތަކާއި ހިއްސާކޮށްދޭނޭ ކަމުގެ އުއްމީދުގައި ނިންމާލަމެވެ.

8. ބިބްލިއޮގްރާފީ

Himachal Pradesh Agricultural University. (n.d.). Agricultural Education. Retrieved April 8, 2020, from http://www.hillagric.ac.in/: http://www.hillagric.ac.in/aboutus/vc/vc_addresses/pdf/2017/08.12.2017-Agri.Edu.Day-03.12.2017.pdf

Humboldt. (2018). Top 10 Agricultural Exporters. Retrieved April 8, 2020, from https://humboldt.global/top-agricultural-exporters/

National Association of Agricultural Educators. (n.d.). Agricultural Education in the United States. Retrieved April 8, 2020, from naae.org: https://www.naae.org/advocacy/profiles/ag-ed-nationwide.pdf

National Research Council. (2010). Towards Sustainable Agricultural Systems in the 21st Century. Washington, DC: The National Academies Press.