މިއުޒިކް ތިއަރީ
މުޙައްމަދު ޖަމީލް
ފެށުން
މިއުޒިކަކީ ވަކި ބަހެއްފަދަ އެއްޗެކެވެ. އޭގެ ބަސް ކޮށާރަ މުއްސަނދިވެފައި އަދި އެހެންމެ ލިޔެވޭ އުސޫލުތަކެއް ވެސް ހުންނަ އެއްޗެކެވެ. ބަހެކޭ އެއްފަދައިން މިއުޒިކްވެސް ލިޔަން ކިޔަން ދަސްކުރާނަމަ ފުރަތަމަ އޭގެ އަލިފް-ބާ އެނގެން ޖެހެއެވެ. ލިޔަން ކިޔަން ނޭގޭ މީހުންނަށް ވެސް ވާހަކަ ދައްކަން އެނގޭ ފަދައިން މިއުޒިކް ކުޅޭ އާލާތަކުން މިއުޒިކް ކުޅެން އެނގިދާނެއެވެ. މިއުޒިކްގެ އެންމެ ޚާއްސަ އެއް ސިފަޔަކީ އެއީ އެންމެންވެސް ދަންނަ ބައިނަލް އަޤްވާމީ ބަހަކަށް ވުމެވެ. މިޔުޒިކަކީ ކޮން އެއްޗެއްހޭ އަހައިފިނަމަ ދެންނެވޭނީ އެއީ “ވަޤުތުތަކެއްގެ ތެރޭގައި ވަކި ތަރުތީބަކުން އަތުރާލެފައިވާ ވަކިއަޑުތަކަކާއި ހިމޭން ކަމެވެ”. މިއުޒިކްގެ އެހެން ސިފަތަކުގެ ތެރޭގައި އޭގެ އަވަސްކަމާއި ލަސްކަމާއި ބާރުކަމާއި މަޑުކަން ހިމެނެއެވެ. މިއުޒިކަށް ގެނެވޭ ބަދަލުތަކުން އަޑުއަހާ މީހުންގެ އިހުސާސްތަކަށް އަސަރުކުރުވައެވެ. އުފާވެރިކާއި ހިތާމަޔާއި ބިރުވެރިކަމާއި ޖޯޝް އަޑުއަހާ މީހާއަށް ލިއްބައިދެއެވެ. މިއުޒިކަކީ ބައެއްގެ ސަޤާފަތް ވަކިކޮށްދޭ އެއްޗެކެވެ.
1. ނޯޓްތަކާއި ރެސްޓްތައް
މިޔުޒިކްގައި އަޑުތަކާއި ހިމޭންކަން ގެންނަނީ ވަކި ދިގުމިން ތަކެއްގައެވެ. މިގޮތުން އަތުރާލެވޭ އެކިދިގުމިނުގެ ތަފާތުއަޑުތަކަުން ވަކި “ރިދަމްއެއް” މިޔުޒިކްގެ ފްރޭސްއަކަށް ލިބެއެވެ. ފައިސާގައި ޑިނޯމިނޭޝަން ހުންނަފަދައިން މިއުޒިކްގައިބޭނުންކުރާ ނޯޓުތައް ވެސް ބައިބައި ކުރެވެއެވެ. ތިރީގައި މިވަނީ މިއުޒިކް ކުރަހަން ބޭނުންކުރާ ނޯޓުތަކާއި ރެސްޓްތަކެވެ. ނޯޓުން ބުނެދެނީ އަޑުގެ ދިގުމިނެވެ. އަދި ރެސްޓުން ބުނެދެނީ ހިމޭންކަމުގެ ދިގުމިނެވެ. މިދިގުމިން ބަލަނީ ބީޓުންނެވެ. މިގޮތުން ޔުނިޓް ބީޓަކީ (މާނައަކީ އެއް ބީޓް) އަކީ 1/2 ނޯޓް، 1/4 ނޯޓް ނުވަތަ ޑޮޓެޑް 1/4 ނޯޓް ކަމުގައިވެސް ވެދާނެއެވެ. އެކަން އެނގޭނީ ޓައިމް ސިގްނޭޗާރ އިންނެވެ.
ސްޓާފްގައި ކުރަހާ ނޯޓުތައް އެކި ސިފަސިފައިގައި ހުންނަތަން ފެނެއެވެ. މީގެ ކޮންމެ ނޯޓެއްގެ ވަގުތު ނިސްބަތްވަނީ އެ މިއުޒިކުގައި ޔުނިޓް ބީޓަށް ބޭނުންކުރާ ނޯޓެއްގެ ދިގުމިނަށެވެ.