10. ذو القَرْنَينގެ ހުރަސް ހުރިކަމަށް ލަފާކުރާތަން
އަދި އެހުރަސް ލައިދީފައިވަނީވެސް ކޯކަސަސް ފަރުބަދަ ތަކުގެ ތެރޭ ހުންނަ މައުންޓް ކަޒްބަކް އާއި މައުންޓް ޝާނީ އާއި ދެމެދުގައިކަމަށް ބެލެވެއެވެ. ޑެރިއަލް ގޯޖް އަކީ ކޯކަސަސް ފަރުބަދަތައް ހުރަސްކުރެވެން އޮންނަ ފެންކޯރެއް އޮންނަ ހަނި ވާދީއެކެވެ. މިައަދު މިތަނުގައި ހަދާފައިވާ މަގަކީ ޔޫރަޕާއި އޭޝިޔާ ގުޅުވައިދޭ ވިޔަފާރީގެ މުހިއްމު މަގެވެ. މި މަގުގެ ދެފަރާތުގައިވަނީ ކަތި ބޮޑެތި ފަރުބަދަތެކެވެ. ފާހަގަކޮށްލެވޭ އަނެއް ނުޤުތާއަކީ ކުރީގެ ޖޯޖިޔާގެ ސަރަހައްދުގައި ދިރިއުޅެމުންދިޔަ މީހުންނަކީ ތަފާތު މައުދަންތަކުން މަސައްކަތްކުރަން އެނގޭބައެކެވެ (ޑޭވިޑް އާއި ބައިވެރިން، 2008). މިއީ ذو القَرْنَين އެބައިމީހުންގެ އެހީއަށް އެދިވަޑައިގަތް ސަބަބު ކަމުގައި ވެސް ވެދާނެއެވެ.
آتُونِي زُبَرَ الْحَدِيدِ ۖ حَتَّىٰ إِذَا سَاوَىٰ بَيْنَ الصَّدَفَيْنِ قَالَ انفُخُوا ۖ حَتَّىٰ إِذَا جَعَلَهُ نَارًا قَالَ آتُونِي أُفْرِغْ عَلَيْهِ قِطْرًا ﴿٩٦﴾
ތިމަންނާއަށް ދަގަނޑުގެ އެތިއެތިގަނޑު ގެނެސްދޭށެވެ! ދެން އެ ދެފަރުބަދަ ދޭތެރޭގައި އޮތްތަން އެއްވަރުވީހިނދު، އޭނާ ވިދާޅުވިއެވެ. އެ ދަގަނޑުތައް ދޮންވެ އަލިފާނަށް ވެއްޖައުމަށްދާނދެން ތިޔަބައިމީހުން ފުމޭށެވެ! އޭނާ ވިދާޅުވިއެވެ. ވިރުވާފައިވާ ރަންވަންލޮއި އޭގެމައްޗަށް އޮއްސައިލުމަށް ތިމަންނަޔަށް ގެނެސްދޭށެވެ. (ޤުރުއާން، 96-18).
ޑެރިއަލް ޕާސްއިން މުދާއުފުލާ ޓްރަކްތަކެއް ދަތުރުކުރަނީ – ސޯސް: Google Earth
މައުންޓް ކަޒަބަކް އަދި މައުންޓް ޝާނީ- ސޯސް: ގޫގުލް އާތް
ޑެރިއަލް ޕާސްގެ ދެފަރާތުގައިވާ ފަރުބަދަތަކުގެ ފީޗާސް ގޫގުލް އާތު ބޭނުންކޮށްގެން އަޅުގަނޑުވަރަށްބޮޑަށް ބެލީމެވެ. މި ހޯދުމުން ކުރިންދެންނެވި މައުންޓްކަޒަބަކް އާއި މައުންޓް ޝާނީއާއި ދެމެދުގައި ކޮންމެވެސް ޒަމާނެއްގައި އުސްފާރެއް ހުރިކަމުގެ ނިޝާން ފަރުބަދަ ތަކުގެ އަރިމަތިން ފެނުނެވެ. ފަރުބަދަތަކުގެ ހިލައިގެ ސިފަތަކާއި މިތަނާ އަޅާބަލާއިރު ބަޔަކު ފަރުބަދަ ކަނޑާފައި ފާރެއްގެ ދެކޮޅު ގުޅުވާފައި ހުރިކަމުގެ ނިޝާން ފާހަގަވިއެވެ. އަދި ކެނޑުމުގެ ސީދާކަމާއި ގިނަ ހިލަ ބްލޮކް ބޭނުންކޮށްފައިވާ ކަމުގެ ހެކިވެސް ފެނުނެވެ. މިފާރުގެ ވީރާނާވެފައިވާ ބައި ކަނޑާ ސީދާކޮށްފައިވަނީ މަގު ހެދިއިރު މަގުމަތިން ދަތުރު ކުރާ އުޅަދުތަކުގެ ސަލާމަތަކަށެވެ. އާދަޔާއި ޚިލާފް ޓެކްނިލޮޖީއެއް ބޭނުން ނުކޮށް މިފަދަ އުސްކޮށް ފާރެއް ރޭނުމަކީ ދުރުކަމެކެވެ.
فَمَا اسْطَاعُوا أَن يَظْهَرُوهُ وَمَا اسْتَطَاعُوا لَهُ نَقْبًا ﴿٩٧﴾
ފަހެ، އެ ހުރަހުގެ މަތިން އެއުރެންނަށް އެރުމަކަށް ކުޅަދާނައެއް ނުވިއެވެ. އަދި އެ ހުރަސް ފޫއަޅުވައިލުމަކަށްވެސް، އެއުރެންނަކަށް ކުޅަދާނައެއް ނުވިއެވެ. (ޤުރިއާން، 97-18).
ފާރުގެ އަނެއްކޮޅު ނިމިފައިވާ ތަން ކުރިމަތީ އޮތް ތިރިފަރުބަދައިން ވެސް ފެނެއެވެ. މި ހިލްއަށް އަރަން ހިލްގެ ބުޑުން ދޮރެއްގެ ކެނޑުމެއް ކަހަލަ ތަނެއްގެ ނިޝާނެއް ފެނެއެވެ. ސަސާނިއަނުން ގެ ފާރުތައް ހުންނަނީ ބްލޮކް ތަކުން ރާނާފައެވެ. އެފަދަ ފާރެއް ހުރިކަމުގެ ނިޝާންވެސް ތިރިންވެސް ފެނެއެވެ. ބަލާބެލުމަށް މިސަރަހައްދުގައި ދެފާރެއް ބިނާކޮށްފައިވާކަމުގެ ނިޝާން ފެނެއެވެ. ލަފާކުރެވޭގޮތުގައި މިފާރު ހަދާފައިވާނީ ކޯރުން ފެން ހިގާގޮތައް ބޮޑު ދަނގަޑު ދޮރެއްލާފައެވެ. މި ނިޝާނަކީ ذو القَرْنَين ފާރުގެ ނިޝާން ކަމުގައި ބުނެދޭކަށް ނޭގެއެވެ. އެހެންނަމަވެސް ذو القَرْنَين ބިނާކުރި ފާރުވެސް ހުރުން އެންމެ ގާތީ މިތަނުގައެވެ. އަދި އަކީމަނީޑް އެމްޕަޔާރގެ ހަނގުރާމަވެރިން އާމީނިޔާއާއި ގުޅިގެން މިފާރު ބަލަހައްޓަމުން ގެންގޮސްފައިވާނެކަމަށް ލަފާކުރެވެއެވެ.
ފާރުގެ މަތި- ސޯސް: ގޫގުލް އާތް
ފާރުގެ ތިރި- ސޯސް: ގޫގުލް އާތް
އަނެއްފަރުބަދައާއި ފާރުގެ ދެވަނަކޮޅު ގުޅިފައިވާ ތަން- ސޯސް: ގޫގުލް އާތް
ޑެރިއަލް ގޯޖްގެ ރަޝިޔާއާ ބޯޑަރުކައިރީ ހުރި ދެފަރުބަދައެއްގެ ދޭތެރޭ ބައްދަން ރާނާފައިވާ ފާރެއްގެ ނިޝާން
ފަހާޖެހެންދެން، ޗައިނާގެ ބޮޑުފާރާއި ކެސްޕިއަން ކަނޑުގެ ދެފަރާތުގައި ފާރިސީން ބިނާކޮށްފައިވާ ފާރުފަދަ ބިނާތަކުން ސްޓޭޕްގައި ދިރިއުޅުނު ޤަބީލާތަށް ދުނިޔޭގެ އުތުރުގައި ހިފެހެއްޓިފައި އެތައް ޤަރުނަކަށް ތިބިއެވެ. ނަމަވެސް އެހުރިހާ ބިނާތަކުގެ އަސްކަރީ ބޭނުމެއް މިއަދަކުނެތެވެ. ގިނަތަންތަން ވަނީ ވީރާނާވެފައެވެ. އާސާރީ ހިމާޔަތްކުރެވިފައިވާ ތަންތަނުގެ ގޮތުގައެވެ. މިފާރުތަކުގެ މުހިއްމުކަން ކެނޑިގެންދިޔައީ، އިންސާނުން ބޭނުންކުރާ ހަނގުރާަމައިގެ ހަތިޔާރުތަކަށް އައިބަދަލާއި، ދަތުރުފަތުރުކުރުމުގެ ކަންކަމަށް އައި ކުރި އެރުންތަކާއި ޤައުމުތަކުގެ ބޯޑަރުތަކަށް ދެދޭތެރެއިން އައި ބަދަލުގެ ސަބަބުންނެވެ. ދުނިޔޭގެ ކޮންމެތަނަކުންވެސް ފަރުބަދަތައް ހުރަސްކޮށް މިއަދު ވައިގެ މަގުން ދަތުރުކުރެވެއެވެ. ކޯކަސަސް ފަރުބަދައިގެ އުތުރުގައިވާމީހުންނާއި އަހަރެމެންފަދަ ކުދި ޖަޒީރާޤައުމުތަކުގެ މީހުންނަށްވެސް އުސްފަރުބަދަތައް ހުރަސްކޮށް އެއްތަނުން އަނެއްތަނަށް ދެވެއެވެ. ސައިރަސްގެ ދުވަސްވަރު ސްޓޭޕްގައި އުޅުނު އަނިޔާވެރި ޤަބީލާތަކަކީ ޔައުޖޫޖް މައުޖޫޖް ކަމުގައިވާނަމަ މިއަދު އެބައިމީހުން ވަނީ އެއްގަމުގެ މަގުންނާއި ވައިގެތެރޭން ފަރުބަދަތައް ހުރަސްކޮށް އައިސް ދުނިޔޭގެ އެހެން މީހުންނާއި އެކުވެފައެވެ. ގެއްލިފައިވާ ފާރެއްގެ ބިއްދަށުގައެއް ނޫނެވެ.
قَالَ هَـٰذَا رَحْمَةٌ مِّن رَّبِّي ۖ فَإِذَا جَاءَ وَعْدُ رَبِّي جَعَلَهُ دَكَّاءَ ۖ وَكَانَ وَعْدُ رَبِّي حَقًّا ﴿٩٨﴾
އޭނާ ވިދާޅުވިއެވެ. މިއީ ތިމަންގެ ވެރިރަސްކަލާނގެ حضرة ންވާ رحمة އެކެވެ. ފަހެ، ތިމަންގެ ވެރިރަސްކަލާނގެ وعد ފުޅު (ގެ ވަގުތު) އަތުވެއްޖެނަމަ، އެ ހުރަސް ކުނޑިކުނޑިވެގެން ހިނގައިދާހުށްޓެވެ. އަދި ތިމަންގެ ވެރިރަސްކަލާނގެ وعد ފުޅު، حق ތެދުކަމުގައިވިއެވެ. (98-18).
حَتَّىٰ إِذَا فُتِحَتْ يَأْجُوجُ وَمَأْجُوجُ وَهُم مِّن كُلِّ حَدَبٍ يَنسِلُونَ ﴿٩٦﴾
يأجوج مأجوج ބާގައިމީހުން ވީއްލި، ހުރިހާ އުސްތަންތަނުން ފައިބައިގެން އެއުރެން އަތުވެއްޖައުމަށް ދާނދެނެވެ. (ޤުރުއާން، 21:96)
މިހާ ހިސާބުން ކިޔުންތެރިއާގެ ހިތުގައި އުފެދޭނެ ސުވާލަކީ، ޔައުޖޫޖް މައުޖޫޖް މީހުން އައުމަކީ ގިޔާމަތްވާން ކައިރިވުމުން ހިނގާ ކަމެއް ނޫންހޭ؟ ކީރިތި ޤުރުއާންގައި ވަރަށް ތަފްސީލްކޮށް ޤިޔާމަތުގެ ވާހަކަތައް އައިސްފައިވެއެވެ. ބައެއް ހާދިސާތަކަކީ އަހަރުތަކަކުން ހިނގާނެ ހާދިސާތަކެކެވެ. އަނެއް ބައި ހާދިސާތައް ގަރުނުތަކެއް ނުވަތަ ސައިންޓިފިކްގޮތުން ހާސްއަހަރުތަކެއްވެސް ނަގާފާނެ ހާދިސާތަކެވެ. އަޅުގަނޑުމެންގެ ކޮންމެ މީހެއްގެ ޙަޔާތަކީ އެހުރިހާ ހާދިސާތައް ފެންނަވަރަށްވުރެ ކުރު ޙަޔާތެކެވެ. އެހެން ނަޒަރަކުން ވެސް އަޅުގަނޑު ދައްނަވާލާނަމެވެ. މިހާހިސާބަށް ފެނިފައިވާ އިންސާނެއްގެ ކަށިގަނޑަކީ 315،000 އަހަރުގެ ކުރީގެ ކަށިގަނޑެކެވެ. އެމައުލޫމާތަށް ބެލިނަމަވެސް އަޅުގަނޑުމެންނަކީ ގާތްގަޑަކަށް 45000 ވަނަ ޖެނަރޭޝަން ހިސާބުގެ މީހުންނެވެ. ފަހަރުގައި އަޅުގަނޑުމެންނަކީ ފަހުގެ ޖީލްތަކުގެ މީހުންކަމަށްވެސް ވުމަކީ އެކަށީގެންވާކަމެކެވެ. އެކަން އެންމެ ރަނގަޅަށް ދެނެވޮޑިގެންވަނީ މާތް ﷲ އެވެ.
وَتَرَكْنَا بَعْضَهُمْ يَوْمَئِذٍ يَمُوجُ فِي بَعْضٍ ۖ وَنُفِخَ فِي الصُّورِ فَجَمَعْنَاهُمْ جَمْعًا ﴿٩٩﴾
އެދުވަހުން، ތިމަންރަސްކަލާނގެ އެއުރެންގެ އެއްބަޔަކު އަނެއްބަޔެއްގެ މައްޗަށް އުތުރިއަރާގޮތަށް ދޫކޮށްލައްވާހުށީމެވެ. އަދި ތާޅަފިލި ފުމެލައްވާހުށްޓެވެ. ފަހެ، އެހާރުން ތިމަންރަސްކަލާނގެ އެއުރެން އެންމެން (އެއްތަނަކަށް) އެއްކުރައްވާހުށީމެވެ. (ޤުރުއާން، (99: 18)
ދުނިޔެ ދުށް އެންމެ ހިތި ދެ ހަނގުރާމަ (ފުރަތަމަ ބޮޑު ހަނގުރާމައާއި ދެވަނަ ބޮޑު ހަނަގުރާމަ) ހިނގާފައިވަނީ ޔޫރަޕްގެ ޤައުމުތަކުގެ މެދުގައެވެ. އަދި އެހަގުރާމަަތައް ހިނގާފައިވަނީ މިއާޔަތްތަށް ބާވާލެއްވިތާ 13 ގަރުނަށް ވުރެ ފަހުންނެވެ. އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލަކީ އޭރު ކުރިއަށް ހިނގާނެ ކަމަށް ޤުރުއާންގައި އައިސްފައިވާ ހާދިސާ އަކީ 20 ވަނަ ޤަރުނުގައި މި ހިނގި އެ ހަގުރާމަތައް ބާވައެވެ. ސައިރަސް ލެއްވިކަމަށް އަޅުގަނޑު ލަފާކުރާ ހުރަހާއި އޭގެފަހުން އެހިސާބުގައި ބިނާކުރި ފާރުތަކަކީ މެދު އިރުމަތި ސީތިއަނުން ފަދަ ސްޓޭޕްގެ އަނިޔާވެރި ޤަބީލާތަކުން ސަލާމަތް ކުރުމަށް ބިނާކުރެވުނު ފާރުތަކެވެ. މިއަދު މެދުއިރުމަތީގައި ތަފާތު ނަންނަމުގައި ހިނގާހަނގުރާމަތަކަށް މަތީގައިވާ އާޔަތް މީގެ 13 ޤަރުނުކުރިން އަލިއަޅުވާފައިވަނީ ބާވައެވެ؟ ކޮންމެ ގޮތެއް ވިޔަސް ޔައުޖޫޖް މައުޖޫޖް މީހުން އެހެންމީހުންގެ ތެރޭ މިހާރު ގެއްލިފައި ތިބިނަމަވެސް ޤިޔާމަތްދުވަހުން އެންމެން އެއްތަނަކަށް ﷲ އެއްކުރައްވާނެކަމަށް ޤުރުއާނުގައިވެއެވެ. ބައިބަލްގައި ޔައުޖޫޖް މައުޖޫޖް (ގޮގް އެންޑް މެގޮގް) އާއި ގުޅުވައިގެން އެހެން ހާދިސާތަކެއް ހުރިކަމުގައިވިޔަސް، ޤުރުޢާނުގައި އެވާހަކަތައް ނެތުމުން އެވާހަކަތަކުގެ ސައްޚަކަން ޔަޤީން ނުވާތީ މި މަޒްމޫނުގައި އެވާހަކަ ޤަސްދުގައި ނުހިމަނައި ދޫކުރިކަން ކިޔުންތެރިންގެ މަޢުލޫމާތަށް ޓަކައި ދަންނަވާލަމެވެ.