އައްޔަކީ އެތިކޮޅުތަކެއް
ހޫނުކޮށްފައިވާ އެއްޗެއްގައި ހުންނަ މޮލިކިއުލްސްތައް ނުވަތަ އެޓަމްސްތައް ވައިބްރޭޓްވަނީ ވަކި މިންވަރެއްގެ ހަކަތައެއްގައި ކަން 1900 ގައި ޖަރުމަންގެ ފިޒިސިސްޓް މެކްސް ޕްލާންކް ލަފާކުރެއްވިއެވެ. އަދި މިފަދަ ތަކެތިން ދޫކުރާ ރޭޑިއޭޝަން އަކީ މެދު ކެނޑުމެއްނެތި ދޫކުރާ ރޭޑީއޭޝަންގެ ބަންޑަލްތަކެއް ކަމުގައި އޭނާ ވިދާޅުވިއެވެ. ބްލެކް-ބޮޑީ ރޭޑިއޭޝަން އާއި ބެހޭގޮތުން ހޯދުންތައް ހޯއްދެވިއިރު އައްޔަކީ ރާޅުތަކެއް ކަމުގައި ވިޔަސް މިރާޅުތައް އެނާޖީ ނުވަތަ ހަކަތަ ބޭނުންކުރަނީ ނުވަތަ ދޫކުރަނީ އެ ރާޅުތަކުގެ ފްރިކުއެންސީގެ ނިސްބަތުން ކަނޑައެޅޭ މިންވަރަކަށްކަން ބަޔާން ކުރެއްވިއެވެ. އަދި މި މިންވަރަށް “ކުއަންޓާ” އޭ ވިދާޅުވެ ނަންދެއްވިއެވެ. އަލީގެ ކުދި އެތިކޮޅުތަކަށް “ފޯޓޯން” އޭ ވިދާޅުވެ ނަންދެއްވެވީ 1926 ގިލްބާރޓް އެން. ލެވިސް އެވެ. ފޮޓޯ އެލެކްޓްރިކް އިފެކްޓަކީ އެއްޗަަކަށް (މިސާލަކަށް މައުދަންގެ ސާފޭސްއަކަށް) އަލިއެޅުމުން، އެއިން އެލްކްޓްރޯ ދޫކުރާ ދޫކުރުމެވެ. މިގޮތަށް ދޫކުރާ އެލްކްޓްރޯން އަށް ކިޔަނީ “ފޮޓޯ އެލެކްޓްރޯން” އެވެ. މެޓަލްފަދަ ހަރު ތަކެތިންނާއި، ދިޔާ އަދި ގޭހުގެ ބާވަތްތަކުގެ ތަކެތިންވެސް މިގޮތައް ޗާޖް ޕާޓިކަލް ދޫކުރެއެވެ. ފޮޓޯ އެލެކްޓްރިކް އިފެކްޓް އެންމެ ފުރަތަ ހޯއްދެވީ ހެއިންރިޗް ރުޑޮލްފް ހާޓްޒް އެވެ. ހާރޓްސް މެކްސްވެލްގެ އެލެކްޓްރޯމެގްނެޓިކް ރޭޑިއޭޝަންއާއި ބެހޭ ތިއަރީތައް ރަގަޅުތޯ ބައްލަވަމުން ގެންދެވިއިރު ފޮޓޯ އެލެކްޓްރިކް އިފެކްޓް ފެނުނެވެ. މިގޮތުން 1887 ގައި ސްޕާކް ޖަނެރޭޓަރު ބޭނުންފުޅު ކުރައްވައިގެން އެކްސްޕެރިމެންޓްތައް ހެއްދެވިއިރު ލޮލަށް ފެންނަ އައްޔާއި އަލްޓްރާ ވައިލެޓް ބޭނުންވުމުން އުފެދޭ ސްޕާކް ވަރުގަދަވާކަން ހޯއްދެވިއެވެ. އޭރުއްސުރެ އައިންސްޓައިން އާއި ހަމަޔަށް އައިއިރު ފޮޓޯ އެލެކްޓްރިކް އިފެކްޓް ތަފާތު އެކްސްޕެރިމެންޓް ތަކުގެ އަލީގައި ތަފާޓި ސައިންޓިސްޓުންނަށް ފެނިފައިވެއެވެ. އައިންސްޓައިންގެ އެންމެ ބޮޑު ހިއްސާއަކީ ފޮޓޯ އެލެކްޓްރިކްއާއި ގުޅޭ ހިސާބުގެ ބައެވެ. މިހިސާބުތަކުގައި ޕްލާންކްގެ “ކުއަންޓާ”ގެ ޚިޔާލުބޭނުންފުޅު ކުރައްވައިގެން 1905 ގައި އަލްބާޓް އައިންސްޓައިން ޕްޓޯ އެލެކްޓްރިކް އިފެކްޓް ހިސާބުތައް ހުށައެޅުއްވިއެވެ. އައިންސްޓައިންގެ ފޮޓޯ އެލެކްޓްރިކް އީކުއޭޝަން ބިނާކުރައްވާފައިވަނީ ކޮންޒަވޭޝަން އޮފް އެނާޖީ އަސާސަކަށް ބައްލަވައިގެންނެވެ. ތަފާތުބާވަތުގެ މެޓަލްތަކުން ފޮޓޯ އެލެކްޓްރޯން ދޫކުރުމަށް މަދުވެގެން ތަފާތު މިންވަރުގެ ހަކަތަ ބޭނުންވާކަމަށް އައިސްޓައިންގެ ހިސާބުގައި ހިމަނުއްވާފައިވެއެވެ. މި މިންވަރުގެ ހަކަތައަށް ކިޔަނީ “ވޯކް ފަންކްޝަން” އެވެ. އެލެކްޓްރޯނެއް މެޓަލްގެ ސާފޭސްއިން ދޫކުރުމަށް ފޯޓޯންގެ ހަކަތަ ވޯރކް ފަންކްޝަނަނަށްވުރެ ގިނަވާން ޖެހެއެވެ. އަދި އެއިތުރުވާ އެނާޖީ ނުވަތަ ހަކަތަ ދޫކޮށްލާ އެލެކްޓްރޯނަށް ލިބެއެވެ. ނަމަވެސް ފޯޓޯ އެލެކްޓްރޯންގެ ހަކަތަ ވޯކް ފަކްޝަނަށްވުރެ މަދުނަމަ އެ އެއްޗެއް ފޯޓޯންގެ އެނާޖީ އެބްޒޯބް ކުރެއެވެ. އެހެނަސް ފޯޓޯ އެލެކްޓްރޯނެއް ދޫނުކުރެއެވެ.
ފޮޓޯ އެލެކްޓްރިކް އިފެކްޓުގެ ހޯދުންތަކުން އައްޔަކީ ހަކަތައިގެ އެތިކޮޅުތަކެއްކަމަށް ފެނިފައިވެއެވެ. މީގެ މާނަޔަކީ އައްޔަކީ ރާޅުތަކެއް ނޫންކަމަށްވެސް މި އެކްސްޕެރިމެންޓްތަކުގެ އަލީގައި ދެއްކިދާނެއެވެ. ތިރީގައި ބަޔާންކޮށްފައިވަނީ އައްޔަކީ ރާޅުތަކެއް ނޫންކަން ބަޔާންކޮށްފައިވާ ބަޔާންކުރުމެކެވެ.
ރާޅުތަކުގެ މޮޑަލްއިން ލަފާކުރަނީ ކޮންމެ ރާޅެއް ނުވަތަ ވޭވްފްރޮންޓެއް މެޓަލް ސާފޭސްގައި ހުންނަ ހުރިހާ އެލެކްޓްރޯންއަކަށް އަސަރުކުރުވާނެ ކަމުގައެވެ. ވުމާއެކު ލިބޭ ހުރިހާ ހަކަތައެއް ހުރިހާ އެލެކްޓްރޯން އަކަށް ބެހިގެން ދާތީ ބާރުދެރަ އަލިން (އިންޓެންސިޓީ ދަށް) އެލެކްޓްރޯން ދޫކުރަން ވަޤުތު ނަގާނޭކަމުގައެވެ. ސަބަބަކީ ހަކަތަ އިތުތުވާން ގިނަ ރާޅުތަކުގެ އަސަރުކުރަންޖެހޭތީއެވެ. ފޯޓޯން މޮޑަލް ބުނާގޮތުން އަލީގެ ބީމެއްގައި ހަކަ އުފުއްލަނީ މެދުކެނޑުމެއްނެތި އަންނަ ފޯޓޯން ތަކަކުންނެވެ. އަދި ކޮންމެ ފޯޓޯން އެއް އަސަރުކުރުވަނީ މައުދަންގައި ހުންނަ އެއް އެލެކްޓްރޯން އަށެވެ. ވުމާއެކު ފޯޓޯންގެ ހަކަތަ ވޯކްފަންކްޝަނަށްވުރެ އިތުރުނަމަ ބާރުދެރަ އަލިންވެސް ވަޤުތުން ފޮޓޯ އެލެކްޓްރޯން ދޫކުރެއެވެ. އަލީގެ އިންޓެންސިޓީ ދަށްނަމަ އޭގައި އެކުލެވިގެންވާނީ މަދު މިންވަރެއްގެ ފޯޓޯން އެވެ. ވުމާއެކު އަލީގެ އިންޓެންސިޓީއިން ވަކި ފޯޓޯންގެ ހަކަތައަށް އަސަރެއް ނުކުރެއެވެ.