އައްޔަކީ ރާޅުތަކެއް

އަޅުގަނޑުމެން ދިވެހިންނަކަށް ރާޅަކީ އައު އެއްޗެއް ނޫނެވެ. ކަނޑުގައި އުޅަނދުތަކުގައި ދަތުރުކުރާއިރު އުސް ރާޅުތަކާއި ތިރި ރާޅުތައް ދެކެމުއެވެ. ރާޅުގެ އުސްމިނާ ތިރިމިން ބަލަނީ ރާޅުގެ އެމްޕްލިޓިއުޑުން އެވެ. ބައެއްފަހަރު ދެރާޅު ދޭތެރެ ކައިރިވެފައި އަނެއްބައި ފަހަރަށް ދުރެވެ. ދެރާޅުދޭތެރޭގެ ދުރުމިނަށް ކިޔަނީ ވޭވް ލެންތް އެވެ. އުޅަނދުގެ އަރިމަތީގައި ގިނަރާޅު އަވަސް އަވަހަށް ބީހޭނަމަ ރާޅުގެ ފްރެކިއުންސީ މަތީއެވެ. ފްރިކްއެންސީއަކީ ސިކުންތަކު ރާޅު އުފެދޭ އަދަދެވެ. އައްޔަކީ ވަރަށް ކުރު ވޭވްލެންތް ހުންނަ އަދި ފްރިކްއިންސީ މަތި ރާޅުތަކެކެވެ. މިސާލަކަށް ލޭޒާ ބީމެއްގައި އެތައްހާސް ރާޅުއެކުލެވިގެންވެއެވެ. ވުމާއިއެކު ވަކިވަކި ރާޅުތަކެއް ލޮލަށް ދައްކާ ނުދެއެވެ. އައްޔަކީ ރާޅުތަކެއްކަން އެނގެނީ ރާޅުތަކުން ފެންނަކަންކަން އަލިންވެސް ފެންނާތީއެވެ.

ޑަޗް ސައިންޓިސްޓް، ކްރިސްޓިއާން ޚައިގަންސް (Christiaan Huygens ) 1678 ގައި ސީދާ ރާޅާއި ވަށްބުރުގެ ސިފައިގައި ހުންނަ ރާޅު ކުރިއަށްދާގޮތް އަޅުގަނޑުމެންނަށް ބުނެދެއްވިއެވެ. ޚައިގަންސް ޕްރިންސިޕަލް ބުނާގޮތުން ކޮންމެރާޅެއްގެ (ވޭވްފްރޮންޓް) ކޮންމެ ޕޮއިންޓަކުން ބައިބުރުގެ ރާޅެއްއުފެދެއެވެ. އަލަށް އުފެދޭ މި ރާޅުތައް ގުޅިގެން އޭގެން އައުރާޅެއް (ވޭވްފްރޮންޓް) އުފެދެއެވެ. އަދި އައު ރާޅު އުފެދޭނީ ބައިބުރުގެ ރާޅުތަކަށް ޓެންޖެންޓްއެއް ގޮތަށެވެ. ރާޅުކުރިއަށް ދަތުރުކުރާއިރު މިކަން ކުރިއަށް ގޮސްގޮސް ހުރެއެވެ. ޚައިގަންސްގެ ފާހަގަކޮށްލެވޭ އަނެއް ހޯދުމަކީ އަލީގެ ތަފާތު ޑެންސް މީޑިއަމްއަކުން އެހެން މީޑިއަމް އަކަށް އަލި ދަތުރުކުރާއިރު އަލީގެ ސްޕީޑާއި އަލި ދަތުރުކުރާ ދިމާ ބަދަލުވާގޮތް ހިސާބާއި ޖިއޮމެޓްރީގެ އެހީގައި ދެއްކެވި ދެއްކެވުމެވެ. 

މަތީގައިވާ ކުރެހުމުން ދައްކައިދެނީ އެއްރާޅުން އަނެއް ރާޅު އުފެދޭގޮތެވެ. ޚައިގަންސްގެ ޕްރިންސިޕަލް އަކީ އަލި ތަކެތީގައި ޖެހިފަހަނަޅާ ދާއިރު އަދި ހަނި ދޭތެރެތަކުން ދަތުރުކުރާއިރު އަލި ފެތުރޭގޮތް (ޑިފްރެކްޝަން) ކިޔައިދިނުމަށް ވަރަށް މުހިއްމު ޕްރިންސިޕަލް އެކެވެ. ރާޅުގެ ދުރުމިން (ވޭވްލެންތް) އާއި ރާޅު ދަތުރުކުރާ ދޭތެރޭގެ ދުރުމިން އެއްވަރުނަމަ ރާޅު ބޮޑުސަރަހައްދަކަށް ފެތުރެއެވެ. މިގޮތަށް ފެތުރޭއިރު ރާޅުގެ ދުރުމިނަކަށް އިތުރު ބަދަލުތަކެއް ނާދެއެވެ. ދޭތެރޭގެ ދުރުމިން ރާޅުގެ ދުރުމިނަށްވުރެ ބޮޑުނަމަ ފެތުރޭ މިންވަރު ކުޑަވެއެވެ.   

ދެރާޅުގެ ދެ އުސްތަން ނުވަތަ ދެތިރިތަން ބައްދަލު ވެއްޖެނަމަ ރާޅު އިތުރަށް އުސްވެ ނުވަތަ ތިރިވެދެއެވެ. މިހެންވުމަށް ކިޔަނީ “ކޮންސްޓްރަކްޓިވް ސުޕަޕޮސިޝަން” އެވެ. އެއްރާޅުގެ އުސްތަނާއި އަނެއްރާޅުގެ ތިރިތަނާ ދިމާވެއްޖެ ނަމަ ރާޅު ތިރިވެދެއެވެ. އެއް ދުވެލީގައި ދަތުރުކުރާ އުސްމިން އެއްވަރު ދެރާޅެއްގެ އެންމެ އުސްތަނާއި އެންމެތިރިތަން ބައްދަލުވެއްޖެނަމަ ރާޅު ކެންސަލްވެދެއެވެ. މިގޮތަށް ވުމަށް ކިޔަނީ “ޑީސްޓްރަކްޓިވް ސްޕަޕޮސިޝަން” އެވެ. އެންމެ ބޮޑަށް އުސްވުމަށާއި ކެންސަލްވުމަށް ދެރާޅުގެ ވޭވްލެންތާއި ފްރިކުއެންސީ އެއްގޮތް ވާންޖެހެއެވެ. ތިރީގައިވާ ކުރެހުމުން ދައްކައިދެނީ ޕޮއިންޓް ސޯސްއަކުން އުފެދޭ ރާޅުތަކެއް ދެކެނޑުމުގެ ތެރެއިން ފެތުރިގެންގޮސް ދެރާޅު ދެރާޅަށް ގުޅޭތަނެވެ. ކަޅު ރޮނގު ނުވަތަ ވޭވްފްރޮންޓަކީ ރާޅުގެ އުސްތަންކަމުގައި ބަލާށެވެ. އަދި ދެ ރޮނގުތަކުގެ ދޭތެރޭ މެދަކީ ރާޅުގެ ތިރިތަން ކަމަށް ބަލާށެވެ. ރަތް ރޮގަކުން ދައްކައިދީފައިވާ ސަރަހައްދަކީ ރާޅުތައް ގުޅުމުން އުސްވެ ތިރިވާ ސަރަހައްދެވެ. ކެނޑުން ހުރިރޮނގުން ދައްކައިދީފައިވަނީ ރާޅު އުސްމިން ތިރިވެ ކެންސަލްވާ ސަރަހައްދެވެ. މި ޕެޓާންއަށް ކިޔަނީ “އިންޓަފެއަރެންސް ޕެޓާން” އެވެ.

ތިރީގައި ތަސްވީރުން ދައްކައިދެނީ ކަނޑުގައި އުފެދިފައިވާ އިންޓަފެރެންސް ޕެޓާންއެއްގެ ސަބަބުން ގޮނުދޮށަށް އައިސްފައިވާ ބަދަލެކެވެ. މިތަސް ވީރުން ފެންނަނީ އިންޓަފެރަންސްގެ ސަބަބުން ގޮނުދޮށަށް ބީހޭ ރާޅު އާދަޔާއި ޚިލާފުގޮތަކަށް ގޮނުދޮށަށް ފަސް ޖަމާކޮށް އަދި ގިރާގޮތެވެ.

 

އައްޔަކީ ރާޅުތަކެއްނަމަ އަލިވެސް ޑިފްރެކްޓްވެ (ފެތުރުން) އަދި އިންޓަފަރަންސް ޕެޓާނެއް އުފެދެންޖެހޭނެއެވެ. 1801 ގައި ތޯމަސް ޔަންގް އަލީގައި ރާޅުތަކުގެ ސިފަ ހުންނަކަން ކަށަވަރު ކުރެއްވުމުގެ ކުރިން ނިއުޓަންފަދަ ބޭފުޅުން ވިދާޅުވަމުން ގެންދެވީ އައްޔަކީ އެތިކޮޅުތަކެއް ކަމުގައެވެ. އަދި އެހެން ބޭފުޅުން ވިދާޅުވަމުން ދިޔައީ އައްޔަކީ ރާޅުތަކެއް ކަމުގައެވެ. މިއަދު އަޅުގަނޑުމެންނަށް އެނގެނީ އަލީގައި މިދެ ސިފަވެސް އެކުލެވިގެންވާ ކަމުގައެވެ. ތޯމަސް ޔަންގް އޭނާގެ މަޝްހޫރު އެކްސްޕެރިމެންޓުގައި ކުޑަދޮރު ކުޑަކޮށް ހުޅުވައިގެން އަލީގެ ހަނި ބީމެއް ލޯގަނޑަކަށް އަޅުއްވާ އެކްސްޕެރިމެންޓް ހެދެވުމަށް ބޭނުންވާ ސާމާނަށް އެޅުއްވިއެވެ. 20 މިލިމީޓަރުގެ ފުޅާ ކަރުދާސް ގަނޑެއްގައި ވާ ހަނި ދެގޮޅިން އެއަލި ދަތުރުކޮށް އެއްގޮޅި އަނެއް ގޮޅިން އަންނަ އަލި ބައްދަލުވެ ސްކްރީނަކަށް އިންޓަފަރަންސް ޕެޓާނެއް އުފެދުނެވެ. އިންޓަފެރެންސް އަކީ ރާޅުތަކުން އުފެދޭ އެއްޗެއްކަން ތޯމަސް ޔަންގަށް އެނގިވަޑައިގެންފައި ވުމާއެކު އައްޔަކީ ނިއުޓަން ވިދާޅުވިފަދަ އެތިކޮޅުތަކެއް ހިމެނިގެންވާ އެއްޗެއްނޫންކަން ޔަޤީން ކުރެއްވިގެންދިއެވެ. މީގެ 2 ގަރުނުކުރިން ޔަންގް ގެ މި ހޯއްދެވުން ވެގެންދިޔައީ ސައިންސަށް ގެނުވި އިންގިލާބަކަށެވެ.

ހުދުއަލީގެ އިންޓަފެރަންސް ޕެޓާން