الإسراء والمعراج
މުސްލިމް އުއްމަތައް ﷲ ދެއްކެވި އެންމެ ބޮޑު އެއް ޗެލެންޖަކީ އަޅުގަނޑުމެންގެ މާތް ރަސޫލާގެ އިސްރާ-މިޢުރާޖްގެ ދަތުރުފުޅެވެ. ކީރިތި ޤުރުއާންގެ سورة الإسراء ގެ 1 ވަ އާޔަތުަގައި އަދި سورة النجم ގެ 11 ވަނަ އާޔަތުން 18 ވަނައާޔަތުގައި އެކަލޭގެ ފާނުންގެ ދަތުރުފުޅުގެ ވާހަކަ އޮތީ ތިރީގައިވާ ގޮތަށެވެ.
سُبْحَانَ الَّذِي أَسْرَىٰ بِعَبْدِهِ لَيْلًا مِّنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الْأَقْصَى الَّذِي بَارَكْنَا حَوْلَهُ لِنُرِيَهُ مِنْ آيَاتِنَا ۚ إِنَّهُ هُوَ السَّمِيعُ الْبَصِيرُ﴿١﴾
އެކަލާނގެ ހުސްطاهـر ވަންތަކަމާއެވެ! އެކަލާނގެއީ، المسجد الحرام ން، المسجد الأقصى އަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި ރަސްކަލާނގެއެވެ. އެއީ އެތާނގެ ވަށައިގެން، ތިމަންރަސްކަލާނގެ بركات ލެއްވި ތަނެވެ. (އެއީ) ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށްޓަކައެވެ. ހަމަކަށަވަރުން، އެކަަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. (ޤުރުއާން 17:1).
مَا كَذَبَ الْفُؤَادُ مَا رَأَىٰ ﴿١١﴾ أَفَتُمَارُونَهُ عَلَىٰ مَا يَرَىٰ ﴿١٢﴾ وَلَقَدْ رَآهُ نَزْلَةً أُخْرَىٰ ﴿١٣﴾ عِندَ سِدْرَةِ الْمُنتَهَىٰ﴿١٤﴾ عِندَهَا جَنَّةُ الْمَأْوَىٰ ﴿١٥﴾ إِذْ يَغْشَى السِّدْرَةَ مَا يَغْشَىٰ﴿١٦﴾ مَا زَاغَ الْبَصَرُ وَمَا طَغَىٰ ﴿١٧﴾ لَقَدْ رَأَىٰ مِنْ آيَاتِ رَبِّهِ الْكُبْرَىٰ ﴿١٨﴾
އެކަލޭގެފާނު ދެކެވަޑައިގެންނެވި ކަންތަކާމެދު (އެކަލޭގެފާނުންގެ) ހިތްޕުޅު إنكار އެއް ނުކުރައްވަތެވެ. (11) އެކަލޭގެފާނު ދެކެވަޑައިގަންނަވާ ކަންތަކާމެދު، ތިޔަބައިމީހުން އެކަލޭގެފާނާ ޖަދަލުކުރަނީ ހެއްޔެވެ؟ (12) ހަމަކަށަވަރުން، އެކަލޭގެފާނު (އެބަހީ: محمد ގެފާނު) އެހެންފަހަރަކުވެސް އެ ملائكة އާ ދެކެވަޑައިގަތްކަން ކަށަވަރެވެ. (13) سدرة المنتهى ގެ ކައިރިންނެވެ. (14) އެތާނގެ ކައިރީގައި جنة المأوى ވެއެވެ. (އެއީ مؤمن ތަކުންގެ ފުރާނަތަކުގެ مركز އެވެ.) (15) سدرة المنتهى ފޮރުވައިލި (ފުރިހަމަ) ކަމެއްއައިސް ފޮރުވައިލި ހިނދުގައެވެ. (16)އެކަލޭގެފާނުގެ ލޯފުޅު އެކިފަރާތްފަރާތަކަށް ނުދެއެވެ. އަދި ދެކެވަޑައިގަތުމަށް ކަނޑައަޅުއްވާފައިވާތަން ފަހަނަޅައިވެސް ނުމެދޭމެއެވެ. (17) ހަމަކަށަވަރުން، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ބޮޑެތި ހެކިތައް، އެކަލޭގެފާނު ދެކެވަޑައިގަތްކަން ކަށަވަރެވެ. (18) (ޤުރުއާން 18-53:11).
މިދަތުރުފުޅަކީވެސް ދުނިޔޭގެ ވަޤުތުން, ކުރު ވަަޤުތުކޮޅެއްގައި ކުރެވުނު ދިގުދަތުރެކެވެ. މިޢުރާޖްގެ ދަތުރުފުޅަށް ބަލަމާ ހިގާށެވެ. އާދައިގެ އިންސާނާ އަބަދުވެސް ނޭވާލާން ބޭނުންވެއެވެ. އެހެންނަމަވެސް އެދަތުރުފުޅުގެ ތެރޭގައި އެކަލޭގެ ފާނަށް އެފަދަ ބޭނުންފުޅެއް ޖެހި ވަޑައިނުގެން އެކަލޭގެ ފާނުންގެ ހަށިކޮޅު ޖިބްރީލްގެފާނުންގެ އަރިއަހުގައި އުޑުތަކަށް ޓެލެޕޯޓް ކޮށްލެވުނީ ބާވައެވެ؟ ޓެލެޕޮޓޭޝަން އަކީ (ތިއަރެޓިކަލްގޮތުން) މެޓާރ އާއި އެނާޖީ، އެއްތަނުން އަނެއްތަނަށް ގެންދިޔުމެވެ. ޓެލެޕޮޓޭޝަންގެ ތެރޭ ޑިސްޓެންސް (ދިގުމިން) އަށް ބަދަލެއް ނައަންނާނެއެވެ. އަދި މިހާ ހިސާބަށް އިންސާނުންނަށް ޓެލެޕޯރޓް ކުރެވިފައި ނެތެވެ. ނަމަވެސް ސްޓާރޓްރެކްގައި މެޓީރިއަލައިޒިންގް އަދި ޑީމެޓީރިއަލައިޒިންގެ ބޭނުންކޮށްގެން އިންސާނުން ޓެލެޕޯރޓް ކުރެއެވެ. ބައެއް ޢިލްމުވެރިން ދެކެނީ އެއީ އެކަލޭގެ ފާނު ރޫޙާނީ ގޮތުން ކުރެއްވި ދަތުރުފުޅެއް ކަމުގައެވެ. އަދި އަނެއްބައި ޢިލްމުވެރިން ދެކެނީ ޖިސްމާނީ ގޮތުން ކުރެއްވި ދަތުރު ފުޅެއްކަމުގައެވެ. ދެފަރާތުންވެސް ސައްޚަ ހަދީސްތަކުން ދަލީލް ނަންގަވައެވެ. އަޅުގަނޑު ވަކިފަރާތަކަށް ބުރަނުވެ ދަންނަވާނީ،، ނެތުމުގެ ތެރެއިން އިންސާނާ މިދުނިޔެއަށް ގެންނެވި ﷲ އަށް ހުރިހައިކަމެއް ކުޅަދުންވަންތައެވެ. ދުނިޔޭގެ ކުޑަ ވަޤުތުކޮޅެއްގައި އެކަލޭގެފާނުން ދިގުދަތުރުފުޅެއް ކުރެއްވުމަކީ މި މަޒުމޫނުގެ ކުރީގެ ބައިތަކުގައި ކުރެވުނު ބަހުސް ތަކަށް ބަލާއިރު ވެވޭނެކަމެކެވެ.