ހަނދުގެ ދައުރު ކުރުމާއި މަސްދުވަސް
އެންމެ ކުރީ ޒަމާނުއްސުރެ ހަނދަކީ އިންސާނުންނަށް ވަރަށް މުޙިއްމު އެއްޗެކެވެ. ހަނދުގެ އަލިކަމުގެ ސަބަބުން ރޭގަނޑު، އިންސާނާ ހެލިފެލިވެއުޅެ، އެއްތަނުން އަނެއްތަނަށް ދަތުރު ކުރަން ފަސޭހަވިއެވެ، އޭގެ އިތުރުން ދިޔަވަރަށް އަންނަ ބަދަލުތައް ދަނެގަނެ، މަސްވެރިކަމާއި ޝިކާރަކުރުން ރަގަޅު ވަޤުތުތައް ވަކިކުރަން ފަސޭހަ ވިއެވެ، މަހުގެ ދުވަސްތައް ގުނުމުގައި ހަނދުގެ އަލިކަން ހުންނަ ބައްޓަމަށް (ފޭސް) އަންނަބަދަލަކީ ކުރީއްސުރެން އިންސާނުންނަށް މުޙިއްމު އެއްޗެކެވެ. ތިރީގައިވާ ތަސްވީރުން ދައްކައިދެނީ ހަނދުމަހެއްގެ އެކިރޭތަކުގައި ހަނދު ފެންނަ ގޮތެވެ،
މަހެއްގެ ތެރޭ ހަނދުގެ ބައްޓަމަށް އަންނަ ބަދަލު- ސޯސް: islamic-month-discussion
ހަނދު އެކިރޭރޭ އެކިބައްޓަމަށް ފެންނަނީ ހަނދަށް، އިރުގެ އަލިކަން އެޅިފައި ހުންނަފަޅި، ދުނިޔެއަށް ފެންނަ މިންވަރު ބަދަލުވާތީ އެވެ. މިހެން މިކަން ދިމާވަނީ ދުނިޔެ ވަށައި ހަނދު އެބުރެމުންދާއިރު، އިރާއި ހަނދާއި ދުނިޔެ ހުންނަ ތަން އެކި ދުވަހު ބަދަލުވާތީ އެވެ. ތިރީގައިވާ ކުރެހުމުން އެ ފެންނަނީ މި ދެންނެވި ހަނދުގެ މަންޒިލް ތަކެވެ.
ހަނދުގެ ބައެއް މަންޒިލްތައް- ސޯސް: www.ucolick.org
ކީރިތި ޤުރުއާންގެ سورة يونس ގެ 5 ވަނަ އާޔަތުގައި ހަނދު ނޫރެއްކަމުގައި ލައްވާފައިކަމާއި ހަނދު ދައުރުކުރަމުން ދާއިރު ވަކި މަންޒިލްތަކެއް މިންވަރުކުރެއްވި ކަމުގައިވެއެވެ. ހަނދުގެ “ފޭސް”ތައް އެކިރޭރޭ ތަފާތުކޮށް އަޅުގަނޑުމެންނަށް ފެންނަނީ ވަކި “ޕޮސިޝަން” ތަކެއްގައި ދުނިޔެއާއި އިރާއި ހަނދު ހުންނައިރުއެވެ. އެވާހަކަ ޤުރުއާނުގައި އެވަނީ “މަންޒިލް” ކަމުގައި ބަޔާން ކުރައްވާފައެވެ. ދުވާލުގެ ވަޤުތުގައި އިރުގެ އަލީގެ ސަބަބުން، ހަނދު އެހާފާޅުކޮށް ނުފެނިހުރެ ރޭގަނޑު ފެންނައިރު އަލި އެޅިފައިވާ ފަރާތުގެ ބައްޓަން ހުންނަނީ ހުރީ ކުރީ ރެޔަށްވުރެ ތަފާތުކޮށެވެ. އޭގެ ސަބަބުން މައްސަރުތަކުގެ ދުވަސްތަކުގެ އަދަދު ކުރީއްސުރެ އިންސާނުންނަށް ގުނަން އެގުނެވެ. އަދި سورة يس ގެ 39 ވަނަ އާޔަތުގައި ހަނދުގެ ބައްޓަން (ފޭސް) އަށް އަންނަބަދަލުގެ ވާހަކަ ﷲ ޤުރުއާންގައި ބަޔާން ކުރައްވާފައި ވެއެވެ. ފަޅި ހަނދުގެ ސިފަޔަކީ ގުދުވެފައިވާ އިހާގޮނޑިއެއް ކަމުައި ބަޔާން ކުރައްވާފައި ވެއެވެ. އަދި ހަމަ އެ ސޫރަތުގެ 40 ވަނަ އާޔަތުން، އިރާއި ހަނދު ވަކި އޯބިޓްތަކެއްގައި ލައްވާފައިވާ ކަން އެގެއެވެ، އަދި އެކަތީގެ ހިނގުމުން އަނެކަތީގެ ހިނގުމުގެ ވަޤުތަށް އަސަރު ނުކުރާކަން އެގެއެވެ. ހަނދު ދުނިޔެ ވަށައި ދައުރު ކުރުމަކުން، ދުނިޔޭގެ ރެޔާ ދުވާލުގެ ވަޤުތަކަށް ބަދަލެއް ނާދެއެވެ. އިރުވަށާ ދުނިޔެ އޭގެ އޯބިޓްގައި ބުރެއްޖަހަނީ ގާތަގަޑަކަށް 365 ދުވަހުންނެވެ. އަދި ހަނދު ދުނިޔެ ވަށައި އޭގެ އޯބިޓްގައި ބުރެއްޖަހަނީ ގާތްގަޑަކަށް 27 ދުވަހުންނެވެ، އަދި އެހެންމެ ދުނިޔެ ބުރެއްޖަހަނީ ގާތްގަޑަކަށް 24 ގަޑިއިރުންނެވެ. މިދެންނެވި ސޫރަތްތައް ތިރީގައި ބަޔާންކޮށްލާނަމެވެ.
الَّذِي جَعَلَ الشَّمْسَ ضِيَاءً وَالْقَمَرَ نُورًا وَقَدَّرَهُ مَنَازِلَ لِتَعْلَمُوا عَدَدَ السِّنِينَ وَالْحِسَابَ ۚ مَا خَلَقَ اللَّـهُ ذَٰلِكَ إِلَّا بِالْحَقِّ ۚ يُفَصِّلُ الْآيَاتِ لِقَوْمٍ يَعْلَمُونَ ﴿٥﴾
އެކަލާނގެއީ، އަލިކަމެއްކަމުގައި އިރު ލައްވައި، ނޫރެއްކަމުގައި ހަނދު ލެއްވި ރަސްކަލާނގެއެވެ. އަދި އެ ހަނދު ހިނގުމަށް منـزل ތަކެއް މިންވަރުކުރެއްވިއެވެ. (އެއީ) ތިޔަބައިމީހުން އަހަރުތަކުގެ عدد އާއި (މައްސަރުތަކާއި ދުވަސްތަކުގެ) حساب ދެނެގަތުމަށްޓަކައެވެ. حق ގޮތުން މެނުވީ، اللَّه، އެތަކެތި ނަހައްދަވައެވެ. އެނގޭބަޔަކަށް އެކަލާނގެ آية ތައް تفصيل ކޮށްދެއްވަތެވެ. (ޤުރުއާން 10:5).
وَالْقَمَرَ قَدَّرْنَاهُ مَنَازِلَ حَتَّىٰ عَادَ كَالْعُرْجُونِ الْقَدِيمِ ﴿٣٩﴾
އަދި ހަނދަށް ތިމަންރަސްކަލާނގެ منـزل ތަކެއް މިންވަރު ކުރެއްވީމެވެ. ދުވަސްވެ، ހިކި، ގުދުވެފައިވާ އިހާގޮނޑިއެއް ފަދައިން އެނބުރި އަތުވެއްޖައުމަށް ދާނދެނެވެ. (އެބަހީ: ހުޅެވިހަނދަކަށް ބަދަލުވެއްޖައުމަށް ދާނދެނެވެ.) (ޤުރުއާން 36:39).
لَا الشَّمْسُ يَنبَغِي لَهَا أَن تُدْرِكَ الْقَمَرَ وَلَا اللَّيْلُ سَابِقُ النَّهَارِ ۚ وَكُلٌّ فِي فَلَكٍ يَسْبَحُونَ ﴿٤٠﴾
ހަނދު އަތުލައިގަތުމަކީ، އިރަށް އެކަށީގެންވާ ކަމެއްނޫނެވެ. އަދި ދުވާލަށްވުރެ ރޭގަނޑު ކުރިއަރައި ދާކަމަކަށްވެސް ނުމެވޭމެއެވެ. އަދި އެއިން ކޮންމެ އެއްޗެއްމެ ފަލަކެއްގައި ހިނގަހިނގާ ހުރެތެވެ (ޤުރުއާން 36:40).