ދުނިޔޭގެ އެބުރުމާއި ރޭދުވާ
ދުނިޔެ އޭގެ އަމިއްލަ ޒާތުގައި ބުރެއް ޖަހަނީ 23 ގަޑިއުރު، 59 މިނެޓް 4 ސިކުންތުންނެވެ. އާންމުކޮށް ބޭނުންކުރާ ގޮތުން ދުނިޔޭގެ އެއްރޭ އެއްދުވާލަކީ 24 ގަޑިއިރެވެ. ރޭދުވާ ވަކިވަނީ, އަބަދުވެސް އިރުގެ އަލި އެޅިފައި ހުނަންނަނީ، ދުނިޔޭގެ އެއްފަޅިއަށް ކަމުގައިވާތީއެވެ. ދުނިޔެ އެބުރެމުންދާއިރު އެކި ގައުމުތަކަށް އެކި ގަޑިތަކުގައި އިރު އަރާ އޮއްސެއެވެ. ބައެއް ޤައުމުތަކަށް ދުވާލު ވާއިރު އެހެން ޤައުމުތަކަށް ވަނީ ރޭގަޑެވެ. ދުނިޔެ، އޭގެ އެކްސިސްގައި އެބުރެނީ ހުޅަގުން އިރަށެވެ. ވުމާއެކު ދުނިޔޭގައި ހުންނަ މީހަކަށް، އިރު ހަނދާއި ތަރިތައް އަރާ އޮއްސޭތަން ފެންނަނީ އިރުން ހުޅަނގަށެވެ. ދުނިޔޭގެ އުތުރުތަނޑިން، ޕޮލާރިސް ތަރި އާއި އަޅާ ބަލާއިރު، ދުނިޔެ އެބުރެނީ ކައުންޓާރ ކޮލޮކްވައިސް ކޮށެވެ. އިރުން އަލި އެޅިފައި ހުންނަގޮތަށް ބަލާއިރު، ދުނިޔެ ގާތްގަޑަކަށް 23.4O އަށް އެބުރޭ އެކްސިސް ހުންނަނީ ކަތިކޮށެވެ. ތިރީގައި މިވާ އެނިމޭޝަނުން ދައްކައިދެނީ ދުނިޔެ އެބުރެމުން ދާއިރު ރެއާއި ދުވާލު ބަދަލު ވަނީ ކިހިނެއް ކަމުގައެވެ.
ދުނިޔޭގެ އެބުރޭ އެކްސިސް ކަތިވެފައި ހުންނަގޮތް- ސޯސް: timeanddate.com
ރެއާއި ދުވާލުގެ ދިގުމިން އަހަރުގެ އެކިދުވަސްވަރު ދުނިޔޭގެ އެކިސަރަހައްދު ތަކުގައި ބަދަލުވަމުން ދެއެވެ. މިބަދަލު އަންނަނީ އިރުވަށައި ދުނިޔެ އެބުރޭއިރު، އެކްސިސް އަބަދުވެސް އެއްފަރާތަކަށް ކަތިވެފައި ހުރުމުގެ ސަބަބުންނެވެ. އަދި އޭގެސަބަބުން އިރާއި އެސަރަޙައްދު ތަކާއި ދޭތެރޭގެ ދުރުމިން ތަފާތުވެ އިރުން ލިބޭ ހޫނުކަން އަހަރުގެ އެކި ދުވަސްވަރުގައި ބަދަލުވެއެވެ. ނަތީޖާއެއްގެ ގޮތުން އެޤައުމެއް އޮންނަ ހިސާބެއްގެ ގޮތުން ތަފާތު މޫސުމްތައް ތަޖުރިބާ ކުރަން ޖެހެއެވެ.
www.commons.wikimedia.org: އިރުވަށައި ދުނިޔެ އެބުރޭގޮތް- ސޯސް
އަދި މީގެ އިތުރުން އެކި ދުވަސްވަރު އިރުމަތީ ފަރާތުން އިރުއަރާ ތަނާއި، ހުޅަނގަށް އޮއްސޭތަން މި އެކްސިސް ކަތިވެފައި ހުރުމުން ތަފާތުވެއެވެ. އުޑު މަތިން އިރު ދަތުރުކުރާ މަގަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް މީގެ ސަބަބުން އާދެއެވެ. އިރުއަރާ ތަނާއި އޮއްސޭ ތަން ތަފާތުވިޔަސް މި ސަރަޙައްދުތައް ހުންނަނީ ކަނޑައެޅިފައިވާ ދެ ތަނެއްގެ ދޭތެރޭގައި އެވެ. ކޮންމެ އަހަރަކުވެސް އިރު ހިނގާ މަގު އުތުރުން ދެކުނަށް ގޮސް އަނެއްކާ އެބުރި ކުރީގެ މަގަށް އިޔާދަ ވެއެވެ. ކީރިތި ޤުރުއާނުގެ سورة الرحمن ގެ 17 ވަނަ އާޔަތުގައި އިރުއަރާ ދެތަނާއި އިރުއޮއްސޭ ދެތަނެއްގެ ވާހަކަ އައިސްފައިވެއެވެ. އަދި سورة المعارج ގެ 40 ވަނަ އާޔަތުގައި مشرق ތަކަކާއި مغرب ގެ ވާހަކަ އައުމުން ކުރިން ދެންނެވި ދޭތެރޭގެ ސަރަހައްދުތަކުން އިރުއަރައި އޮއްސޭކަން އެނގިދެއެވެ.
رَبُّ الْمَشْرِقَيْنِ وَرَبُّ الْمَغْرِبَيْنِ ﴿١٧﴾
އިރުއަރާ ދެތަނާއި، އިރުއޮއްސޭ ދެތަނުގެ ވެރިރަސްކަލާނގެއެވެ. (ޤުރުއާން 55:17).
فَلَا أُقْسِمُ بِرَبِّ الْمَشَارِقِ وَالْمَغَارِبِ إِنَّا لَقَادِرُونَ ﴿٤٠﴾
ފަހެ، مشرق ތަކާއި، مغرب ތަކުގެ ވެރިރަސްކަލާނގެ ގަންދެއްވައި وحى ކުރައްވަމެވެ. (ޤުރުއާން 70:40).
ތިރީގައިވާ އެނިމޭޝަނުން ދައްކައިދެނީ، އިރު ހިނގާ ދަނޑިއަށް އަހަރުގެ ތެރޭގައި ބަދަލު އަންނަގޮތެވެ. އަޅުގަނޑުމެންގެ ދިވެހިރާއްޖެ އޮންނަނީ އީކުއޭޓަރު އޮންނަ ހިސާބުގައި ކަމުގައިވާތީ، މި ބަދަލު އެހާބޮޑަކަށް ފާހަގަ ނުކުރެވުނަސް އީކުއޭޓަރާއި ދުރުވާވަރަކަށް މިބަދަލު ބޮޑަށް ފާހަގަ ކުރެވެއެވެ.
އަހަރުގެ އެކިދުވަސްވަރު އިރު ހިނގާ ދަނޑި
ރެޔާއި ދުވާލާއި ބެހޭގޮތުން ކީރިތި ޤުރުއާނުގެ سورة ابراهيم ގެ 33 ވަނަ އާޔަތުގައި ކެނޑި ނޭޅި ދުނިޔެ ހިގަހިނގާ ހުންނަކަން ބަޔާން ކުރައްވާފައި ވެއެވެ. އަދި سورة الرحمن ގެ 5 ވަނަ އާޔަތުތުގައި އިރާއިހަނދު ބަރާބަރު ހިސާބެއްގެ މަތިން ހިގާކަމުގައިވެއެވެ. އެއީ ގާތްގަޑަކަށް ކޮންމެ 24 ގަޑިއިރަކުން ދުނިޔެ ބުރެއްޖެހުމާއި އަދި ގާތްގަޑަކަށް ކޮންމެ 27 ދުވަހަކުން ދުނިޔެވަށާ ހަނދު ބުރެއް ޖެހުމެވެ. މިދެންނެވި 2 އާޔަތް ތިރީގައި ބަޔާންކޮށްލާނަމެވެ.
وَسَخَّرَ لَكُمُ الشَّمْسَ وَالْقَمَرَ دَائِبَيْنِ ۖ وَسَخَّرَ لَكُمُ اللَّيْلَ وَالنَّهَارَ ﴿٣٣﴾
އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި، އިރާއި ހަނދު خدمة ތެރި ކުރެއްވިއެވެ. ކެނޑިނޭޅި ހިނގާގޮތުގައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި، ރޭދުވާ خدمة ތެރި ކުރެއްވިއެވެ (ޤުރުއާން 14:33)
الشَّمْسُ وَالْقَمَرُ بِحُسْبَانٍ ﴿٥﴾
އިރާއި، ހަނދު، ބަރާބަރު ހިސާބެއްގެ މަތިންހިނގައެވެ (ޤުރުއާން 55:5).