ދިވެހިން ކުރިން ކިޔަމުންދިޔަ އިވަޖް (ބޮޑުމީހާ) ގެ ވާހަކައިގެ ހަޤީގަތް

މުޙައްމަދު ޖަމީލް (14 ޖެނުއަރީ 2022)

ތައާރަފް

އެކި ދުވަސްވަރު އެކި މީސްމީހުން ލިޔާ ލިޔުންތަކުގައި އެބައި މީހުން ނިސްބަތްވާ ބައެއްގެތެރޭ އޮންނަ ސަޤާފަތާއި އާދަކާދައިގެ އަސަރު ހުރެއެވެ. އާދަކާދައަކީ އެއް ޖީލުން އަނެއް ޖީލަށް ގެންދާ އެ ބަޔެއްގެ ޤަބޫލުކުރުންތަކާއި ޢަމަލުކުރަމުންދާ ގޮތްތަކެވެ. ސަޤާފަތް ބެލެވެނީ އެ އިރެއްގައި އެ ބައެއްގެ ތެރޭގައި ކަންކަންކޮށް އުޅޭ ގޮތާއި، ޚިޔާލުތަކެވެ. ސަޤާފަތުގެ ތެރޭގައި ބަޔަކަށް ލިބިފައިވާ މަޢުލޫމާތާއި ހެވާނުބައި ކަމުގައި ޤަބޫލުކުރާ ކަންކަމާއި ފަންނުތަކާއި ދީނާއި ތަބާވާ އުޞޫލުތައް ފަދަ ގިނަގުނަ ކަންކަން ވެއެވެ. މިގޮތުން އެއް ޖީލުން އަނެއް ޖީލަށް ވާޞިލްވަމުންދާ ފުލޯކު ވާހަކަ އަކީ ވެސް މި ފަދަ އެއްޗެކެވެ. މި މަޒްމޫނު އަޅުގަނޑު އަމާޒްކޮށްފައި ވަނީ އެ ފަދަ ވާހަކައެއްގެ މައްޗަށެވެ. އެއީ އިވަޖް ނުވަތަ އިނގިރޭސިން ކިޔާގޮތުން “އޯގް” ގެ ވާހަކަ އަށެވެ. އިވަޖްގެ ވާހަކަ ކުރިން ވެސް އަޅުގަނޑު ވަނީ އަޑުއަހާފަ އެވެ. އެކަމަކު މިވާހަކައިގެ ހަޤީގަތް ބެލުމަށް ޝައުޤު އުފެދުނީ ވަރަށް ފަހުން އަޅުގަނޑުގެ ތިމާގެ އުމުރުން ދުވަސްވީ މީހަކު މިވާހަކަ އަލުން ތަކުރާރު ކުރުމުންނެވެ. އަޅުގަނޑު ހޯދި ހޯދުމުން އެނގިފައިވަނީ މި ވާހަކައަކީ އިސްރާއީލީ ސޯސްތަކަކުން އައިސްފައިވާ ވާހަކަތަކެއް ކަމުގައެވެ. އަދި މި ވާހަކަ އަކީ ދިވެހިރާއްޖޭގެ އެކިއެކި ކަންކޮޅުތަކަށް ރަސްމީ ތަޢުލީމު ސަރުކާރުން ފޯރުކޮށްދިނުމުގެ ކުރިން އަދި ދީނީ ޢިލްމުވެރިން މަދު ދުވަސްވަރު ރާއްޖޭގެ ކަންކޮޅުތަކުގައި އުގަންނައިދިން ބައެއް ފަރާތްތަކުންނާއި ދިވެހިބަހުން ލިޔުނު މެނޫސްކްރިޕްޓްތަކުން (އަތުން ލިޔެފައިވާ ފޮތްތަށް) ދޫދޫމަތިން ދިވެހިންނާއި ހަމަޔަށް އައި ވާހަކައެކެވެ. މިވާހަކައިގެ ހަޤީގަތް ދަނެގަތުމަށްޓަކަށް ކްރިސްޗިއަން، ޔަހޫދީ އަދި އިސްލާމީ ޢިލްމީ ލިޔުންތަށް ބަލައިފައިވާނެއެވެ. އަދި މިވާހަކަޔާއި ގުޅުވައިގެން ތަފާތު މީސްމީހުން ޔޫޓިއުބު ވީޑިއޯތައް ހަދަމުންވެސް ދެއެވެ. މިވާހަކައިގުޅޭގޮތުން “އިސްލާމް ވެބް” ގެ ފަތުވާ އެއްނެރެ އެއީ ސައްޚަ ވާހަކަތަކެއް ނޫންކަމުގައި ބަޔާންކޮށްފައިވެއެވެ.

ކްރިސްޗިއަން އަދި ޔަހޫދީ ލިޔުންތަކުން އިވަޖަކީ ކޮބާ؟

އިވަޖު (އޮގް) އަކީ ބައިބަލްގައި ވާގޮތުން އެމޮރައިޓް ރަސްކަލެކެވެ. އެމޮރައިޓުންނަކީ كَنْعَانُ ގެ އުސްބިންތަކުގައި ވަރަށް ކުރީ ޒަމާނުގައި ދިރިއުޅުނު ބައެކެވެ. ކީރިތި ޤުރުއާންގައި އޭނާގެ ވާހަކަ އައިސްފައިނެތެވެ. ބައިބަލްގައިވާ ގޮތުން އޮގް އަކީ ބަޝާންގެ ރަސްކަލެކެވެ. އަދި އޭނާ އަކީ އެންމެފަހުގެ ރަފާއިމުން ގެ މީހެކެވެ (ޑިއުޓްރޮނޮމީ، 3:11). ހީބްރޫބަހުން އައިސްފައިވާ ރަފާއިމުންނަކީ ބިޔަ މީހުންނެވެ. އިނގިރޭސިން ބުނާނަމަ ޖަޔަންޓުން އެވެ. ބައިޝާން (ހަބަޝާން/ބަޝާން/ބަސާން) އޮތީ ޖޯޑަން ކޯރުގެ އިރުއުތުރު ފަރާތުގައެވެ. އެއީ މިހާރުގެ ސީރިއާގެ ސަރަހައްދެވެ. ބައިބަލްގައި ވާގޮތުން އިވަޖްގެ ޤައުމުގެ މީހުންނާއި އިސްރާއީލީންނާއި ދެމެދު އެޑްރެއިޑް ހަނގުރާމައެއް ހިނގައެވެ (ނަމްބާރސް 35-33 :21). މިހަނގުރާމައިގައި އިސްރާއީލީން އިވަޖާއި އޭނާގެ ޤައުމުގެ މީހުންގެ މައްޗަށް ފަތަހަ ހޯދައެވެ (ޑޮއުޓްރޮނޮމީ 10-1 :3). އިވަޖްގެ ބޮޑުމިން އެނގެނީ އޭނާގެ ނިދާ އެނދުގެ (ބެޑްޝެޑް) ބޮޑުމިނުންނެވެ. އިވަޖުގެ އެނދުގެ ދިގުމިން 9 ކިއުބިޓް ދިގުވެފައި 4 ކިއުބިޓް ފުޅަލެވެ (14 ފޫޓު ދިގުވެފައި 6 ފޫޓު ފުޅާ) (ޑިއުޓްރޮނޮމީ 11 :3). އެނދުގެ ފުޅާމިނުން އޭނާގެ ފުޅާކަން އަނދާޒާކުރަން އެހާ ފަސޭހައެއް ނޫނެވެ. ސަބަބަކީ މިހާރުވެސް 6 ފޫޓުފުޅާ އެނދު ބޭނުންކުރާތީ އެވެ. ދިގުމިނަށް ބަލާއިރު އޭނާ އިސްކޮޅު ވާނީ އެންމެ ދިގުވިޔަސް 12 ފޯޓާއި 13 ފޫޓާއި ދެމެދެވެ. ކޮންމެގޮތެއް ވިޔަސް ބައިބަލްގައި ބުނާގޮތުން އޭނާއަކީ މިހާ ހިސާބަށް އެނގިފައިވާ މީހުންނަށްވުރެ ބޮޑު މީހެކެވެ. ފަހުގެ ތާރީޚްގައި ދިރިއުޅުނު އެންމެ ދިގު މީހެއްގެ ގޮތުގައި ގިނަސް ރެކޯޑްގައި ވާ އެކަކީ މިހާރުވެސް ދުނިޔޭގައި ހުރި ތުރުކީއަށް އުފަން ސުލްޠާން ޚޯސެން އެވެ. މީނާގެ އިސްކޮޅަކީ 8 ފޫޓު 1 އިންޗިއެވެ.

ސުލްޠާން ޚޯސެން (ސޯސް: ޔޫ.ވީ.އޭ. ހެލްތް ސިސްޓަމް)

ރައްބީންގެ އެހެނިހެން ޢިލްމީ ލިޔުންތަކުން ފެންނަ ގޮތުގައި އިވަޖަކީ އަދި މާބޮޑަށް ބިޔަމީހެކެވެ. އެކަން އެނގޭ ވާހަކައެއް މިތާގައި ހިމަނާލާނަމެވެ. މި ވާހަކައަކީ ތަލްމޫދުން އައިސްފައިވާ ވާހަކައެކެވެ. ޔަހޫދީންގެ ތަލްމޫދުގައިވާ ވާހަކައެއްގައި ވާގޮތުން އޭނާގެ ޤައުމުގެ މީހުންނާއި އިސްރާއީލީން އާއި ދެމެދު ހިނގި ހަނގުރާމައިގެ ތެރޭ އިވަޖް އިސްރާއީލީން ގެ ފޭލިގެތައް ޖަހައިގެންތިބި ސަރަހައްދަށް ގަލެއް އެއްލަން ބޭނުންވިއެވެ. އަދި އެސަރަހައްދުގެ ބޮޑުމިން 7 މޭލުބައި ހުރުުމުން ސީރިއާގެ ފަރުބަދައެއް ބިމުން ލުހެލައިގެން ބޯމަތީ ޖަހައިގެން އާދެއެވެ. އަދި ހިނިތަކެއް  އެ ފަރުބަދައިގައި ލޯވަޅެއް އެޅިއެވެ. ދެން އެފަރުބަދަ އިވަޖުގެ ކަރަށް ފެތި ކަރުން ނެގޭގޮތް ނުވިއެވެ . މިވާހަކައިގައި ވާގޮތުން އޭނާ މަރުވެގެން ވެއްޓުނީ މޫސާގެފާނުން 10 ކިއުބިޓް (14.5 ފޫޓު) ގެ ކޯރާޑިއަކުން ކަކުލުގައި ޖެއްސެވުމުންނެވެ (ޑެވަރިމް، 2015). ތަލްމޫދުގައިވާ ގޮތުން އިވަޖު ނޫހުގެ ފާނުންގެ ތޫފާނުން ވެސް ސަލާމަތްވެއެވެ. އެއް ވާހަކައެއްގައި ވާގޮތުން އޭނާ ދިރިއުޅުނީ ނަވުގެ ބޭރުގައެވެ. އަދި ނޫހުގެފާނުން އޭނާއަށް ކާބޯތަކެތި ފޯރުކޮށްދެއްވިއެވެ. ތަލްމޫދަކީ ޔަހޫދީންގެ ދީނާއި ޤާނޫނުތަކާއި ޤަބޫލުކުރާ ޤަބޫލުކުރުންތަކުގެ މައްޗަށް ލިޔެފައިވާ ތާރީޚީ ފޮތެކެވެ. މިފޮތުގައި ޔަހޫދީންގެ ތަފާތު ފުލޯކު ވާހަކަތައް ހިމެނިފައިވެއެވެ. އަދި މިވާހަކަތަކަކީ ޔަހޫދީ ސަޤާފަތާއި އާދަކާދައިގެ ތެރެއިން އައިސްފައިވާ ފުލޯކު ވާހަކަތަކެކެވެ. މިވާހަކަ ފެނުމުން އަޅުގަނޑު ހަނދާނަށް އައީ ބުރާރު މުޙައްމަދު ފުޅު ކިޔާފައިވާ ގޮތަށް ލިޔެފައިވާ ބޮޑުތަކުރުފާނު ވާހަކައިގެ “މެނޫސްކްރިޕްޓް” (އަތުން ލިޔެފައިވާ ފޮތް) އެވެ. އަދި ފަހުން ޙުސެން ސަލާޙުއްދީން  ބޮޑުތަކުރުފާނު ވާހަކަ އިސްލާޙު ކުރައްވާ ލިޔުއްވި ލިޔުއްވުމެވެ.

އިވަޖުގެ ވާހަކަ މުސްލިމު ޢިލްމީ ލިޔުންތަކަށް އައީ ކިހިނެއް؟

އިސްލާމްދީން ދުނިޔޭގެ އެކިއެކި ކަންކޮޅުތަކަށް އެންމެ ބާރުމިނުގައި ފެތުރިގެން ދިޔަ ދުވަސްވަރު އިސްލާމް ދީން ޤަބޫލުކުރި މީސްމީހުންގެ ތެރޭ ޔަހޫދީންނާއި ކްރިސްޗިއަނުން އާއި ބުދަށް އަޅުކަންކުރި ގިނަ ބަޔަކުވެއެވެ. އިސްލާމީ އެމްޕަޔާރ ގެ ދުވަސްވަރު އެވެރިކަމުގެ ދަށުގައި އޮތް ސަރަހައްދުތަކުގައި އެހެންދީންތަކަށް އަޅުކަންކުރަމަންދިޔަ މީސްމީހުން އުޅުނެވެ. އަޅުގަނޑުމެންނަށް އެނގޭގޮތުން އީސާގެފާނާއި އެކަލޭގެފާނުންގެ މަންމާފުޅު މަރިޔަމްގެފާނުގެ ސިފަފުޅު ކަމަށްބުނާ ބުދާއި ދެފިޔަލާފައި ތިބޭ އަންހެން އަދި ފިރިހެން މަލާއިކަތުންގެ ކުރެހުންތައް އަޅުކަންކުރާ ތަންތަނުގައި ބެހެއްޓުމަކީ ކްރިސްޗިއަން ސަޤާފަތުގެ ތެރޭ ހިމެނޭ ކަންކަމެވެ. އެފަދަ ބޭބޭކަލުންނާއި ބޭކަބަލުންގެ ސޫރަކަމަށް ބުނެ ކުރެހުންތައް ކުރެހުމަކީ މުސްލިމުންކުރާ އަދި ޤަބޫލުކުރާ ކަންކަމެއް ނޫނެވެ. ނަތީޖާއެއްގެ ގޮތުން މިސްކިތްތަކުގައި އަދި ޔަހޫދީންގެ ސިނަގޯގެއްގައިވެސް އެކަހަލަ ތަކެއްޗެއް ނުހުރެއެވެ. ކްރިސްޗިއަނުންގެ ބައިބަލް ގެ ފުރަތަމަ ހަތަރު ފޮތަކީ ތައުރާތް (އޯލްޑް ޓެސްޓްމަންޓް) ކަމުގައިވާތީ ބަައިބަލްގައިވާ މޫސާގެފާނާއި ނޫހުގެފާނު ފަދަ ރަސޫލުން އާއި ގުޅޭ އެކިއެކި ހާދިސާތަކުގެ މައްޗަށް ކްރިސްޗިއަނުން ކުރަހާ އުޅެއެވެ. މިފަދަ ސަޤާފީ ނުފޫޒުގެ އަސަރު އަލަށް އިސްލާމް ދީނަށް ވަން ކްރިސްޗިއަނުން އާއި އެހެންދީންތަކުގެ ބައެއް މީހުންގެ ފުށުން ކުރީގެ އިސްލާމީ އަދަބީ ލިޔުންތަކަށާއި ފަންނުތަކަށް ފޯރާފައިވެއެވެ . މިފަދަކުރެހުންތައް ކޮންމެވެސް ވަރަކަށް ޤިސަސް އަލް އަންބިޔާޢި އާއި އަޖާއިބް އަލް މަޚްލޫޤާތު ފަދަ ފޮތްތަކުގައިވެސް ވެއެވެ.

އިވަޖް ކަނޑުގައި ހުންނައިރު ކަނޑުގެ ލެވެލް ކުޑަހުޅާއި ހަމަޔަށް އަދި ކަނޑުން މަސްނަގައިގެން ހިރާއި ދިމާއަށް ދިއްކޮށްގެން ފިހާ މަންޒަރު ދައްކާދޭ ކުރެހުމެއް

މުސްލިމު އަދަބިއްޔާތަށާއި ކުރެހުމުގެ ތެރެއަށް އިވަޖްގެ ވާހަކަ އައިސްފައިވަނީ ބެލެވޭގޮތުގައި ތަލްމޫދުން އެވެ. މިގޮތުން އިސްލާމީ ކުރުހެމުގެ ތެރެއަށް އިވަޖު އައިސްފައިވަނީ މީލާދީން 1280 ގެ ހިސާބުގައެވެ. މިވާހަކައިގެ ތަފާތުގޮތްތަކަށް ކިޔާއުޅެއެވެ.  މިހާ ހިސާބަށް ފެނިފައިވާ އެންމެ ކުރީގެ މުސްލިމަކު އިވަޖްއާއި ބެހޭ ގޮތުން ފާރިސީ ބަހުން ލިޔެފައިވާ މެނޫސްކްރިޕްޓަކީ  عجائب المخلوقات وغرائب الموجودات އެވެ. މި މެނޫސްކްރިޕް ލިޔެފައިވަނީ ފާރިސީ ފިޒީޝިއަން، އެސްޓްރޮނޮމާ އަދި ޖިއޮގްރަފާ أبو یحیی زکریاء بن محمد القزویني (ޒަކަރިއްޔާ ޤަޒްވިނީ) މީލާދީން 1280 ގައެވެ. ގަޒްވިނީ ބުނެފައިވާގޮތުން އިވަޖަކީ 23،000 ކިއުބިޓް (12.3 ކިލޯމީޓަރު) ދިގު 330 (0.176 ކިލޯމީޓަރު) ފުޅާ މީހެކެވެ. މައުންޓް އެވަރެސްޓްގެ އުސްމިނަކީ 8.8 ކިލޯމީޓަރެވެ. ވުމާއެކު ގަޒްވިނީގެ އިވަޖު ދުނިޔޭގެ އެންމެ އުސްފަރުބަދަތަކަށްވުރެވެސް ދިގެވެ. އަދި މި ވާޝަންގައި ނޫހުގެފާނުންގެ ތޫފާނުގެ ދުވަސްވަރު ކަނޑުގެ އުސްމިން ހުރީ އޭނާގެ އުނަގަނޑާއި ހަމަޔަށެވެ.  އަދި އޭނާ 3600 އަހަރަށް ދުނިޔޭގައި ހުއްޓެވެ. ޤަޒްވިނީ އަލް-ކީސާއީ އާއި ޙަވާލާދީ ބުނެފައިވަނީ މަތިން ދިޔަ ދޫނިތަކެއް ވެއްޓި ހިލަތަކެއް ފަރުބަދަފަޅީގެ މަތީގައި ޖެހި އުފެދުނު ލޯވަޅެއްގެ ތެރެއަށް އިވަޖުގެ ބޯ މެހި އެބިޔަ ހިލަގަނޑު އޭނާގެ ކަރަށް ފެތުނީ ކަމުގައެވެ. އަދި ޤަޒްވިނީގެ ވާހަކައިގާ ވާގޮތުން އިވަޖު ކަކުލު ހުޅުގައި މޫސާގެފާނު ޖެއްސެވީ އެކަލޭގެފާނުންގެ އަސާކޮޅުންނެވެ (ގުޓްމަން، 1989). ގުޓްމަން (1989) ބުނެފައިވަނީ ގަޒްވިނީ (1280) ގައި އޭނާގެ އަސްލު މެނޫސްކްރިޕްޓްގައި ބުނެފައިވާ ގޮތަށް ކަމުގައިވާނަމަ އިވަޖުގެ ބޮޑުމިން ބުއްދިއަށް ޤަބޫލުކުރެވޭ ވަރަށްވުރެ ބޮޑެވެ. އަސްލުފޮތުގެ އުރުދޫއާއި އަރަބިބަހާއި އެހެނިހެން ބަސްބަހަށް ތަރުޖަމާކުރެވިފައިވާ ކޮޕީތަކުގައި ގަޒްވިނީގެ ކުރެހުންތަކަށް ބަދަލު އައިސްފައިވާ ތަންވެސް ފެނެއެވެ.

އިވަޖުގެ ވާހަކައަށް އެންމެ ބޮޑު ސަމާލުކަން ލިބިފައިވަނީ ފާރިސީ ކުރެހުންތެރިން އާއި ލިޔުންތެރިންގެ މެދުގައެވެ. އަދި ފާރިސްކަރައިގެ ވަށައިގެންވާ އަވަށްޓެރި ޤައުމުތަކުގައެވެ. އަދި މީލާދީން 15 ގަރުނާ ހަމަޔަށް އައި އިރު އެކިއެކި ފަރާތްތަކުން އިވަޖުގެ ކުރީގެ ކުރެހުންތަކަށް ގިނަބަދަލުތަކެއް ގެނަސްފައިވެއެވެ. މީލާދީން 14 ވަނަ ޤަރުނާއި 15 ވަނަ ޤަރުނުގައި މޮންގޯލް ރަސްރަސްކަލުން ފާރިސްކަރައިގައި ވެރިކަން ކުރި ދުވަސްވަރުގެ ކުރެހުމުގައި އިވަޖް ހަށިގަނޑުގެ މަތި ހާމަކޮށް ކަރުގެ ވަށައިގެން ވައްކޮށް އޮތް ހިލައެއް އަޅުވާ ތުނބުޅިލީ ބޯ ދިގު މީހެއްގެ ގޮތުގައި ފެނެއެވެ. ތިމޫރިދުންގެ (تیموریان‎) ގެ ވެރިކަން އުޒުބެކިސްތާނާއި ތަޖަކިސްތާނާއި އީރާނާއި މެދުތެރޭ އޭޝިޔާގައި އޮތް ދުވަސްވަރު (14 ވަނަޤަރުނުގެ ތެރޭގައި) އާދައިގެ އިންސާނެއްގެ ދެގުނަ ބޮޑުކޮށް ކުރަހާފައިވެއެވެ. ކުރެހުންތަކަށް އައި މިފަދަ ބަދަލުތަކަކީ އޭނާގެ ވާހަކައަށް އައިސްފައިވާ ބަދަލުތަށް އަލިއަޅުވާދޭ ކަމެކެވެ.

ނިންމުން

އިވަޖުގެ ވާހަކައެއް ކީރިތި ޤުރުއާންގައި ނެތެވެ. އެހެނަސް އިވަޖުއަކީ ތާރީޚީގޮތުން ޔަހޫދީންނަށާއި ކްރިސްޗިއަނުންނަށް މުހިއްމު ޝަހުސިއްޔަތެކެވެ. އަދި އިވަޖަކީ އާދައިގެ މީހުންނަށްވުރެ އާދަޔާ ޚިލާފަށް ބޮޑުމީހަކަށް ވެދާނެއެވެ. ބައިބަލްގައި އޭނާގެ ވާހަކަތައް ހުރުމުން އޭނާއަކީ ދިރިއުޅުނު މީހަކަށް ވެސް ވެދާނެއެވެ. ތައުރާތުގައިވާ މޫސާގެފާނު ފަދަ ރަސޫލުބޭކަލުންގެ ވާހަކަތައް ޤުރުއާނުގައި އައިސްފައި ވިޔަސް މޫސާގެފާނުންގެ ވާހަކައިގައި އިވަޖުގެ ވާހަކައެއް ނެތެވެ. އަޅުގަނޑުގެ މި ހޯދުމުން ފާހަގަކުރެވިފައި ވަނީ ދިވެހިން ކިޔާ ގޮތަށް އެ ވާހަކަތައް އައިސްފައިވަނީ ތަލްމޫދުގައި ވާގޮތާއި ކައރިކުރާ ގޮތަށް ކަމުގައެވެ. އަދި އިވަޖުގެ ވާހަކައިގެ ތަފާތު ވޭރިއަންޓް އުފެދިގެން އައުމުގެ އެއްސަބަބަކަށް ވަނީ މިވާހަކަތަކަކީ ކަރުދާހަށް އައުމުގެ ކުރިން ދޫދޫމަތިން އައިސްފައިވާ ވާހަކައަކަށް ވީތީއެވެ. އިސްރާއީލީ އަދި އިސްލާމީ ބައެއް ލިޔުންތަކުން އެ ފެންނަފަދަ އާދަޔާއި ޚިލާފު ބިޔަމީހަކަށް އިވަޖު ވުން ވަރަށް ދުރެވެ. އަދި މިހާ ހިސާބަށް ފެނިފައިވާ އާކިޔޮލޮޖިކަލް ތަކެތީގައި އެފަދަ ބިޔައިންސާނެއްގެ ކަށިގަނޑުން ތަންކޮޅެއްގެ މިންވަރުވެސް ފެނިފައި ނުވެއެވެ. ދިވެހިންނާއި ހަމަޔަށް މިވާހަކަ އައިސްފައިވަނީ ރަސޫލުންގެ ވާހަކަތަކުގެ ތެރެއިންކަމަށްވުން ވަރަށް ކައިރިއެވެ.