ވައިޓް ޑްވާފް އާއި ބްލެކް ޑްވާފް ސްޓޭޖްގައިވާ އިރު

އިރު ފުފޭއިރު އުފައްދާ ރޯޅިން (ސޯލާ ވިންޑުން)، އިރުގެ އެޓްމޮސްފިޔާ ނުވަތަ ކޯގެ ވަށައިގެންވާ ގޭހުގެ ލޭޔަރުތައް މަޑުމަޑުން އިރާއި ވަކިވާން ފަށާނެއެވެ.  މިގޮތަށް އިރުގެ އެޓްމޮސްފިއާގައިވާ ހުރި ސާމާނު އިރާއި ވަކިވަމުންގޮސް ވައިޓް ޑްވާފް ތަރީގެ މަރުޙަލާގައި އިންނަ އިރުގެ, ދޫކުރިތަކެތިން އޭގެ ވަށައި ތޮށިގަނޑެއް ލެވި ދެއެވެ. މި ތަރީގެ ބޭރުގައިވާ ގޭހުގެ ތޮށިގަނޑަށް ކިޔަނީ ޕްލެނެޓްރީ ނެބިއުލާއެވެ. ހޫނު އަލިގަދަ ކޯއިން އުފައްދާ އަލްޓްރާވައިލެޓް ރޭޑިޔޭޝަންގެ ސަބަބުން މިނެބިއުލާ ގަދަކުލަތަކުން ދިއްލިފައިވާނެއެވެ. سورة الرحمن ގެ 37 ވަނައާޔަތުގައި ބަޔާންކޮށްފައިވާ ހާދިސާއަކީ ކެޓް އައި ޕްލެނެޓްރީ ނެބިއުލާ ފަދަ ނެބިއުލާއެއް އުފެދުން ކަމުގައި ބެލެވިދާނެއެވެ. އިރުގެ ރެޑް ޖަޔަންޓް ސްޓޭޖުން ސަލާމަތްވާ ޕްލެނެޓެއްގެ ބިމުން (ދުނިޔެ ސަލާމަތްވިނަމަ ވެސް) އުޑުމަތި ފެންނާނީ މި އާޔަތުގައި ބަޔާންކުރައްވާފައިވާ ފަދައިންނެވެ. 

فَإِذَا انشَقَّتِ السَّمَاءُ فَكَانَتْ وَرْدَةً كَالدِّهَانِ ﴿٣٧﴾

ފަހެ، އުޑު ފަޅަފަޅައިގެންދާހިނދު، ރަތްފިނިފެންމަލުގެ ކުލައިގައިވާ ތެޔޮގަނޑެއް ފަދައިން ވެދެއެވެ. (ޤުރްއާން: 55:37)

ކެޓް އައި ޕްލެނެޓްރީ ނެބިއުލާ. މިއީ ދުނިޔެއާއި 3262 އަލިއަހަރު ދުރުގައި ނެބިއުލާއެކެވެ. މެދުގައިވަނީ އުމުރުގެ ފަހުކޮޅު ހޭދަކުރާ އަލިގަދަ ވައިޓްޑްވާފް ތަރިއެކެވެ. ސޯސް: NOVA

ބައެއް ސައިންސްވެރިން ބުނާގޮތުން 50 ކިލޯމީޓަރު ތުނި ހަައިޑްރިޖަން އާއި ހީލިއަމް އެކުލެވިގެންވާ އެޓްމޮސްފިޔާއެއް ގިނަ ވައިޓް ޑްވާފް ތަރިތަކުގައި ވެއެވެ. އަދި ކޯ މައިގަނޑުގޮތެއްގައި އެކުލެވިގެންވާ ކަމަށް ލަފާކުރަނީ ކްރިސްޓަލްގެ ގޮތުގައި ހުންނަ ކާބަން އާއި އޮކްސިޖަން އެޓަމްސް ތަކުންނެެވެ. މިސްޓޭޖްގައި އިރު އެތައްމިލިއަން އަހަރަކަށް އަލި އުފައްދަމުން މަޑުމަޑުން ފިނިވަމުންގޮސް އޭގެ އަލިކަން ފިލާދެއެވެ. އަދި އޭގެ ހަޔާތުގެ އެންމެ ފަހު ހިސާބުގައި އަލިކަމެއް ނެތް ކަޅުކުލައިގެ އެއްޗަކަށް ވެދެއެވެ. މިއިސާބުން އިރު ބްލެކް ޑްވާފަކަށް ވެދެއެވެ. އެއްޒަމާނެއްގައި ދުނިޔޭގައި އިންސާނުންނާއި ދިރުންވާ ތަކެއްޗަށް ބޭނުންވާ ހަކަތަ ލިއްބައިދިން އިރު ގެ ނިމުން އެންމެފަހުން އައީ އެވެ. މިވާހަކަ ސައިންސުގެ ޢިލްމުން އިންސާނުނަށް ނޭގޭ ޒަމާނެއްގައި ކީރިތި ޤުރުއާންގެ سورة التكوير ގެ 1 ވަނަ އާޔަތުގައި އައިސްފައި އެވަނީ އެވެ.

 

إِذَا الشَّمْسُ كُوِّرَتْ ﴿١﴾ 

އިރުގެ އަލިކަން ފިލައި، ހިނގައިދާ ހިނދެވެ. (1) (ޤުރުއާން؛ 1: 81)