ރޭދުވާ ބަދަލުވުމުގައި އިރުގެ ދައުރު
ދުނިޔޭ ގެ ރޭދުވާ ބަދަލުވާ ސަބަބަކީ ދުނިޔެ އަމިއްލައަށް އޭގެ ޒާތުގައި އެނބުރުމެވެ. އިރުގެ އަލި އެޅިފައި ހުންނަނީ ދުނިޔޭގެ އެއްފަރާތަކައް ކަމުގައި ވާތީ 24 ގަޑިއިރުތެރޭ ދުނިޔޭގެ އެކި ގައުމުތަކަށް އެކި ގަޑިތަކުގައި އިރު އަރާ އޮއްސެއެވެ. ދުނިޔެ، އޭގެ އެކްސިސްގައި އެބުރެނީ ހުޅަގުން އިރަށެވެ. ވުމާއެކު ދުނިޔޭގައި ހުންނަ މީހަކަށް، އިރު އަރާ އޮއްސޭތަން ފެންނަނީ އިރުން ހުޅަނގަށެވެ. ދުނިޔޭގެ އެބުރޭ އެކްސިސް ގާތްގަޑަކަށް 23.4 ޑިގްރީ އަށް ކަތިކޮށް ހުންނާތީ ދުވާލާއި ރޭގަނޑުގެ ދިގުމިން ހުންނަނީ 24 ގަޑިއިރު ތެރޭ އެކި ޤައުމުތަކަށް އެކި މިންވަރެވެ. ތިރީގައި މިވާ އެނިމޭޝަނުން ދައްކައިދެނީ ދުނިޔެ އެބުރެމުން ދާއިރު ރެއާއި ދުވާލު ބަދަލު ވަނީ ކިހިނެއް ކަމުގައެވެ.
ދުނިޔޭގެ އެބުރޭ އެކްސިސް ކަތިވެފައި ހުންނަގޮތް- ސޯސް: timeanddate
ރެއާއި ދުވާލުގެ ދިގުމިން އަހަރުތެރޭ ޤައުމުތަކަށް ތަފާތުވެއެވެ. އަޅުގަނޑުމެންގެ ދިވެހިރާއްޖެ އޮންނަނީ އީކްއޭޓަރު މަތީގައި ކަމުގައިވާތީ އަޅުގަނޑުމެންނަށް ރޭގަނޑާއި ދުވާލުގެ ދިގުމިން ގާތްގަޑަކަށް ހަމަހަމައެވެ. މިބަދަލު އަންނަނީ އިރުވަށައި ދުނިޔެ އެބުރޭއިރު، ތިރީގައިވާ އެނިމޭޝަނުން ފެންނަފަދައިން އެކްސިސް އަބަދުވެސް އެއްފަރާތަކަށް ކަތިވެފައި ހުރުމުގެ ސަބަބުންނެވެ. ނަތީޖާއެއްގެ ގޮތުން ކޮންމެ ޤައުމެއްވެސް އޮންނަތަނުގެ ގޮތުން އިރާދެމެދުގެ ދުރުމިން އަހަރުތެރޭ ތަފާތުވެ އިރުން ލިބޭ ހޫނުކަން ބަދަލުވުމުގެ ސަބަބުން ތަފާތު މޫސުމް އާދެއެވެ. އެގޮތުން ހޫނު މޫސުމާއި، ބަހާރު މޫސުމާއި، ޚަރީފް މޫސުމާއި ފިނި މޫސުމް ބައެއް ސަރަހައްދުތަކަށް އާދެއެވެ. އާޓިކް އަދި އެންޓާޓިކް ސަރަހައްދަށް އަހަރުގެ ވަކި ދުވަސްވަރެއް ގައި 24 ގަޑިއިރު ދުވާލު ނުވަތަ ރޭގަނޑުވެސް އާދެއެވެ.
އަހަރުތެރޭ އިރު އަރާތަނާއި އިރު އޮއްސޭތަން
އެކި ދުވަސްވަރު އިރުމަތީ ފަރާތުން އިރުއަރާ ތަނާއި، ހުޅަނގަށް އޮއްސޭތަން އަހަރުތެރޭ ތަފާތުވެ، އުޑު މަތިން އިރު ދަތުރުކުރާ މަގަށް ބަދަލު އާދެއެވެ. އިރުއަރާ ތަނާއި އޮއްސޭ ތަން ތަފާތުވިޔަސް މި ސަރަޙައްދުތައް ހުންނަނީ ކަނޑައެޅިފައިވާ ދެ ތަނެއްގެ ދޭތެރޭގައި އެވެ. ކޮންމެ އަހަރަކުވެސް އިރު ހިނގާ މަގު އުތުރުން ދެކުނަށް ގޮސް އަނެއްކާ އެބުރި ކުރީގެ މަގަށް އިޔާދަ ވެއެވެ. މިވާހަކަ ކީރިތި ޤުރުއާނުގެ سورة الرحمن ގެ 17 ވަނަ އާޔަތުގައި އަދި سورة المعارج ގެ 41 އާޔަތުގައި ބަޔާން ކުރައްވާފައި ވެއެވެ. އެ އާޔަތްތައް ތިރީގައި މިވަނީ އެވެ.
رَبُّ الْمَشْرِقَيْنِ وَرَبُّ الْمَغْرِبَيْنِ ﴿١٧﴾
އިރުއަރާ ދެތަނާއި، އިރުއޮއްސޭ ދެތަނުގެ ވެރިރަސްކަލާނގެއެވެ. (އެބަހީ: ދެ موسم އަށް އިރުއަރާ ދެތަނާއި، އޮއްސޭ ދެތަނުގެ ވެރިރަސްކަލާނގެއެވެ.) (ޤުރުއާން 55:17).
فَلَا أُقْسِمُ بِرَبِّ الْمَشَارِقِ وَالْمَغَارِبِ إِنَّا لَقَادِرُونَ ﴿٤٠﴾
ފަހެ، مشرق ތަކާއި، مغرب ތަކުގެ ވެރިރަސްކަލާނގެ ގަންދެއްވައި وحى ކުރައްވަމެވެ. (ޤުރުއާން 70:40).
ތިރީގައިވާ ކުރެހުމުން ދައްކައިދެނީ، އިރު ހިނގާ ދަނޑިއަށް އަހަރުގެ ތެރޭގައި ބަދަލު އަންނަގޮތެވެ. އަޅުގަނޑުމެންގެ ދިވެހިރާއްޖެ އަށް މި ބަދަލު އެހާބޮޑަށް ފާހަގަ ނުކުރެވުނަސް އީކުއޭޓަރާއި ދުރުވާވަރަކަށް މިބަދަލު ބޮޑަށް ފާހަގަ ކުރެވެއެވެ.
އަހަރުގެ އެކިދުވަސްވަރު އިރު ހިނގާ ދަނޑި-ސޯސް: maas.museum
ރެޔާއި ދުވާލާއި ބެހޭގޮތުން ކީރިތި ޤުރުއާނުގެ سورة ابراهيم ގެ 33 ވަނަ އާޔަތުގައި ކެނޑި ނޭޅި ދުނިޔެ ހިގަހިނގާ ހުންނަކަން ބަޔާން ކުރައްވާފައި ވެއެވެ. އަދި سورة الرحمن ގެ 5 ވަނަ އާޔަތުތުގައި އިރާއިހަނދު ބަރާބަރު ހިސާބެއްގެ މަތިން ހިގާކަމުގައިވެއެވެ. އެއީ ގާތްގަޑަކަށް ކޮންމެ 24 ގަޑިއިރަކުން ދުނިޔެ ބުރެއްޖެހުމާއި އަދި ގާތްގަޑަކަށް ކޮންމެ 27 ދުވަހަކުން ދުނިޔެވަށާ ހަނދު ބުރެއް ޖެހުމެވެ. މިދެންނެވި 2 އާޔަތް ތިރީގައި ބަޔާންކޮށްލާނަމެވެ.
وَسَخَّرَ لَكُمُ الشَّمْسَ وَالْقَمَرَ دَائِبَيْنِ ۖ وَسَخَّرَ لَكُمُ اللَّيْلَ وَالنَّهَارَ ﴿٣٣﴾
އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި، އިރާއި ހަނދު خدمة ތެރި ކުރެއްވިއެވެ. ކެނޑިނޭޅި ހިނގާގޮތުގައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި، ރޭދުވާ خدمة ތެރި ކުރެއްވިއެވެ (ޤުރުއާން 14:33)
الشَّمْسُ وَالْقَمَرُ بِحُسْبَانٍ ﴿٥﴾
އިރާއި، ހަނދު، ބަރާބަރު ހިސާބެއްގެ މަތިންހިނގައެވެ (ޤުރުއާން 55:5).