ޗާގޯސްގެ ރައްޔިތުން އެތަނުން ބޭރުކުރުމާއި ބްރިޓިޝް އިންޑިޔަން އޯޝަން ޓެރެޓަރީ ގާއިމްކުރުން : އިނގިރޭސިންނާއި މޮރިޝަސްގެ ކޯޅުމާއި ރާއްޖޭގެ މަސްލަހަތު
މުޙައްމަދު ޖަމީލް (5 މެއި 2023)
ފެށުން
ޗާގޯސް އަކީ އިންޑިޔާ ކަނޑުގައި އޮންނަ އަތޮޅުތަކެއް އެކުލެވިގެން ޖަޒީރާތަކެކެވެ. ދިވެހިރާއްޖޭގެ ދެކުނުން 500 ކިލޯމީޓަރު އަދި އެފްރިކާގެ އިރުމަތިން 1600 ކިލޯމީޓަރު ދުރުގައި އޮންނަ މިރަށްތަކީ އިނގިރޭސިންގެ ބާރުގެ ދަށުގައި އޮންނަތަނެކެވެ. ޗާގޯސް އަތޮޅުތަކުގައި ހިމެނެނީ 50 ވަރަކަށް މުރަކައިގެ ޖަޒީރާތަކެވެ. ޗާގޯސް އާކިޕިލަގޯގައި އޮންނަ އެންމެ ބޮޑު ރަށެވެ. ޑިއަގޯ ގާސިޔާ އަކީ ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް މާލެ އާއި 1700 ކިލޯމީޓަރު ދުރު، އަދި މޮރިޝަސްގެ ވެރިރަށް, ޕޯޓްލުއިސްއާއި 1800 ކިލޯމީޓަރު ދުރުގައި އޮންނަ ތަނެކެވެ. ޑިއަގޯ ގާސިޔާ އަކީ ސީޝެލްސްގެ ވެރިރަށް ވިކްޓޯރިޔާ އާއި 1800 ކިލޯމީޓަރު ދުރުގައި އޮންނަ ޗާގޯސްގެ އެންމެބޮޑު ރަށެވެ. މި 44 އަކަ ކިލޯމީޓަރުގެ ރަށަކީ މިހާރު އިނގިރޭސި-އެމެރިކާގެ މިލިޓަރީ ބޭހެކެވެ. ޗާގޯސް އާކިޕިލަގޯ، ޖިއޮގްރަފީ ގޮތުން އޮންނަނީ ޗާގޯސް ލެކެޑިވް ރިޖްގެ މަތީގައެވެ. މިއީ އިންޑިޔާއަށް ނިސްބަތްވާ ލަކްޝަދީޕްގެ ރަށްތަކާއި ޗާގޯސްގެ ރަށްތަކާއި ދިވެހިރާއްޖޭގެ ރަށްތައް ހިއްސާކުރާ، އިންޑިޔާކަނޑުގެ އަޑީގައި އުފެދިފައިވާ ބިޔަ ފަރުބަދަތަކެކެވެ. މޮރިޝަސްއަކީ އިންޑިޔާކަނޑުގައި އެފްރިކާއާއި މަޑަގަސްކަރައިގެ އިރުމަތީފަރާތު އޮންނަ ޖިއޮގްރަފީގެ ގޮތުން ކުރިންދެންނެވި ތަންތަނާއި ޚިއްސާކުރާ ރަށްތަކެއްނޫނެވެ.
ޗާގޯސްގެ އަސްލުވަޒަންވެރިންނަކީ ކޮންބައެއް؟
ޔޫރަޕްގެ ކޮލޯނިއަލް ބާރުތަކުން އިންޑިޔާކަނޑަށް އައުމުގެ ކުރިން ޗާގޯސް އަކީ ކަނޑު ދަތުރުފަތުރުކޮށް އުޅުނު މީސްމީހުން ވަޒަންވެރިވި ޖަޒީރާ ރަށްތަކަކެވެ. އެބައިމީހުންގެ ތެރޭގައި އެސްޓްރޮނީޝިއަން އަދި އެފްރިކާގެ ނަސްލުގެ މީހުންވެސް ހިމެނެއެވެ. އެސްޓްރޮނީޝިއަން މީހުންނަކީ މިހާރުގެ ޓައިވާނުގެ ސަރަހައްދަުން ދެކުނަށް ފިލިޕީންސްއާއި، އިންޑޮނީޝިއާއި މެލޭޝިއާއި އަދި ދެކުނު އިރުމަތީ އޭޝިޔާއަށް ފެތުރިގެންދިޔަ، ކަނޑުތައް ހުރަސްކޮށް ދަތުރުކޮށް އުޅުނު ކުރީގެ މީހުންނެވެ. ޗާގޯސްގެ ރަށްތަކަށް މަޑަގަސްކަރަ އިންނާއި ކޮމޮރޯސް އާއި އެ ތަންތަނުގެ ކައިރީގައި އޮންނަ ރަށްތަކުގެ މީހުން މަސްވެރިކަން ކުރުމަށާއި ކާށި އެއްކުރުމަށާއި އެހެނިހެން ބޭނުންތަކަށް އައިސް ގޮސް ހަދަމުން ގޮސްފައި ވެއެވެ. މީލާދީން 7 ވަނަ ޤަރުނުގައި އަރަބި ވިޔަފާރިވެރިން އިރުމަތީ އެފްރިކާ އާއި އިންޑިޔާއާއި ދެކުނު އިރުމަތީ އޭޝިޔާ އާއި ދެމެދު، އިންޑިޔާކަނޑު ހުރަސްކޮށް ދަތުރުކުރި ދުވަސްވަރު އެ ބައިމީހުން ވެސް ފެން ލުމަށާއި އެހެނިހެން ބޭނުންތަކަށް ޗާގޯސްގެ ރަށްތައް ބޭނުންކުރަމުން އައިސްފައި ވެއެވެ. ތާރީޚީ ބައެއް ޢިލްމުވެރިން ބަޔާންކުރާ ގޮތުން އަރަބިނަސްލުގެ ބައެއްމީހުން ވެސް ޗާގޯސްގެ ރަށްތަކުގައި ވަޒަންވެރިވެ އެ ތަނުގައި ދިރިއުޅުނު މީހުންނާއި ސަގާފީގޮތުންނާއި ނަސްލީގޮތުން މަސްއުނިވެފައި ވެއެވެ.
ޗާގޯސްގައި ދިވެހި ނަސްލެއްގެ ބަޔަކު އުޅުނުކަމުގެ ހެތްކެއް ނެތް
ރެކޯޑްކުރެވިފައިވާ ތާރީޚުން ދިވެހިރާއްޖޭގެ އުތުރުން ދެކުނަށް ރަސްރަސްކަލުންނާއި ރަނިންވެރިކަން ކޮށްފައި ވެއެވެ. ޗާގޯސް އާއި އަވަށްޓެރި އަދި އެންމެ ދިގުމުއްދަތަށް މުސްތަޤިއްލު ވެރިކަމެއް ކުރަމުން އައި ޤައުމަކީ ދިވެހިރާއްޖެ އެވެ. އެހެނަސް އެންމެ ބޮޑު ސަރަހަށްދަކަށް ދިވެހި ރަސްކަލުންނާއި ރަނިން ވެރިކަން ކުރިކަން ލިޔެކިޔުމުން އެނގެނީ އުތުރުން، މިހާރުގެ އިންޑިޔާގެ މަލިކުން ފެށިގެން ރާއްޖޭގެ ދެކުނުން އައްޑޫ އާއި ހަމަޔަށެވެ. ދިވެހިބަހުން ވާހަކަދައްކާ ބަޔަކު ޗާގޯސްގައި ވަޒަންވެރިވެ އުޅެފައިވާ ކަމުގެ ރެކޯޑެއް ނުވަތަ ދިވެހި ވެރިކަމުން އެއްވެސް ޒަމާނެއްގައި މިޖަޒީރާތަކުގެ ރަށަކަށް ވެރިކަންކޮށްފައިވާ ކަމުގެ ރެކޯޑެއް ނެތެވެ. މިހެން ވެފައިވާ އެންމެ ބޮޑުސަބަބަކީ އެންމެ ދެކުނުގައި އޮތް އައްޑޫ އިން ވެސް ރިޔާނެގި އުޅަނދުތަކުގައި ދަތުރުކޮށްފައި ވަނީ އިންޑިޔާ އާއި ސިލޯނުގެ އައްސޭރިފަށަށް ކަމުގައިވާތީ އެވެ. މީގެ އިތުރަށް ދިވެހިން ރިޔާނެގި އުޅަނދުތައް ބޭނުންކުރަމުން ދިޔަ ދުވަސްވަރު މަސްވެރިކަންކޮށް އުޅުނީ ވެސް އައްޑުއަތޮޅު ފެންނަ ހިސާބު ކައިރިން ކަމުގައިވާތީ އެވެ. ކުރީގައި ރިޔާނެގި އުޅަދުތައް ދަތުރުކޮށް އުޅުނީ އިރުވައި މޫސުމާއި ހުޅަނގު މޫސުމުގެ ވައިގެ އެހީގައި ކަމުގައިވާތީ އަދި އައްޑޫއާއި ޗާގޯސްއާއި ދެމެދު ދުރުވުމާއެކު ވައިހުންނަ ގޮތުން ބެހިގެންވެސް ދެކުނަށް ޗާގޯސްއަށް ދިޔުމަށްވުރެ އެފްރިކާއާއި އަންޑަމަންގެ ޖަޒީރާތަކަށް ފޯރުމުގެ ފުރުސަތު ބޮޑުކަމުންނެވެ. އައްޑޫގެ އެންމެ ދެކުނުގެ އިކިފަސް ތަނުން ޗާގޯސްގެ އެންމެ ގާތް ހިކިފަސްތަނަށް 550 ކިލޯ މީޓަރު ދުރުމިން ހުރެއެވެ. މިއީ ރާއްޖޭގެ އެންމެ ދުރު ގުދުރަތީ ދެ އަތޮޅުކަމުގައިވާާ ހުވަދުއަތޮޅާއި ފޯއްމުލަކާއި ދޭތެރޭ ހުންނަ 186 ކިލޯ މީޓަރުގެ 3 ގުނަ ދުރުމިނެވެ. ކުރީގެ ދިވެހިން ޗާގޯސްގެ ރަށްތަކުގައި ވަޒަންވެރިވެފައި ނުވަނީ އައްޑޫއާއި މިހާދުރުގައި އޮތް ތަނެއް ކަމުގައި ވާތީ އެވެ.
ކޮލޯނިއަލް ބާރުތަކުން މޮރިޝަސް އާއި ޗާގޯސްއަށް އަތްގަދަކުރުން
ލިޔުންތަކުން އެނގޭގޮތުގައި މީލާދީން 1598 ގައި މޮރިޝަސްގައި އެންމެފުރަތަމަ ބަޔަކު އާބާދުވެ ދިރިއުޅެންފެށީ ޑަޗްމީހުންގެތެރެއިން ބަޔެކެވެ. އޭގެކުރީގައި އެތަނުގައި އެހެން ބަޔަކު އުޅުނުކަމުގެ ހެތްކެއް އަޅުގަނޑު ނުދެކެމެވެ. 16 ވަނަ ގަރުނުގައި ޕޯޗުގީޒުން މޮރިޝަސްއަށް އަޔަސް އެތަނުގައި ދާއިމަކަށް ދިރިއުޅެމުން ގޮސްފައި ނުވެއެވެ. ފަރަންސޭސި އީސްޓް އިންޑިޔާ ކުންފުނިން 1715 ގައި މޮރިޝަސް ހޯދައި އެ ތާގައި އިމާރާތްތަކެއްކޮށް ދަނޑުވެރިކަން ކުރަން ފެށިއެވެ. އަދި އުއްދަޑި ދަނޑުތަކުގައި މަސައްކަތްކުރަން އެފްރިކާއިން އަޅުން އެރަށަށް ގެނައެވެ. ފަރަންސޭސިންގެ ދުވަސްވަރު މޮރިޝަސް ވެފައިވަނީ އެބައިމީހުންގެ މުހިއްމު ވިޔަފާރީގެ ބަދަރަކަށެވެ. އަދި އެ ދުވަސްވަރު މޮރިޝަސް އަކީ ފަރަންސޭސިން އިންޑިޔާކަނޑުގެ މައްޗަށް ބާރުފޯރުވާ ކަނޑުގެ ސިފައިންގެ މުހިއްމު މަރުކަޒެކެވެ. މީލާދީން 1819 އާއި ހަމަޔަށް ފަރަންސޭސިންގެ ވެރިކަން މޮރިޝަސްގައި އޮތެވެ. އިނގިރޭސިންގެ އަތްމައްޗަށް މޮރިޝަސް ދިޔައީ ނެޕޯލިއަން އާއި ދެކޮޅަށް ކުރި ހަނގުރާމަތަކުގައި އިނގިރޭސިން ކުރިހޯދުމަށް ފަހުގައެވެ. 1814 ގައި އިނގިރޭސިންނާއި ފަރަންސޭސީންނާއި ވީ ޕެރިސް އެއްބަސްވުމަށްފަހު މޮރިޝަސް އިނގިރޭސިންގެ ތަނަކަށް ވިއެވެ. 1968 ގައި އިނގިރޭސިން މޮރިޝަސްއަށް މިނިވަންކަން ދިނުމާއި ޖެހެންދެން މޮރިޝަސް އޮތީ އިނގިރޭސިންގެ ކޮލޮނީއެއްގެ ގޮތުގައެވެ.
ތާރީޚީ ގޮތުން އެނގެނީ އެންމެކުރީޒަމާނުގައި ދިވެހިރާއްޖެއާއި ޚިލާފަށް ޗާގޯސްގައި ދިރިއުޅުނު މީހުންނަކީ ވަކި އެއް ދައުލަތަކަށް ނިސްބަތްވާ ބައެއްނޫން ކަމުގައެވެ. ކުރުކޮށް ދަންނަވާނަމަ އެތަނުގެ ވަޒަންވެރިންނަކީ މުސްތަޤިއްލުކޮށް ދިރިއުޅެމުން އައި ކޮމިއުނިޓީސް (ޖަމާއަތް) ތަކަކަށް ނިސްބަތްވާ ބައެކެވެ. އިންޑިޔާކަނޑަށް އެންމެފުރަތަމަ އައި ކޮލޯނިއަލް ބާރަކީ 16 ވަނަ ޤަރުނުގައި އައި ޕޯޗުގީޒުންނެވެ. އެބަމީހުންގެ ގިނަ ވިޔަފާރި މަރުކަޒުތައް އިންޑިޔާއާއި ސިލޯނާއި އިރުމަތީ އެފްރިކާގެ އައްސޭރިފަށުގައި ހަދައިގެން އުޅުނު ދުވަސްވަރު ވެސް ޗާގޯސް ބޭނުންކުރިކަމުގެ ތާރީޚީ ރެކޯޑެއް ފެންނާކަށް ނެތެވެ. ބާރުގަދަ ދައުލަތަކުން އެންމެ ފުރަތަމަ ޗާގޯސްއަކީ ތިމަންނަމެންގެ ތަނެކޭ ބުނީ ފަރަންސޭސިންނެވެ. މިދުވަސްވަރު މޮރިޝަސްގައި އޮތް ފަރަންސޭސީކޮލޮނީ އިން ކާށިތެޔޮ އުފައްދަން މިރަށްތަކުގައި ރުއް ހެއްދިއެވެ. މި މަސައްކަތްތައް ކުރުމަށް މޮޒަންބީކުންނާއި މަޑަގަސްކަރައިން އަޅުންގެނައެވެ. މިބައިމީހުން އެރަށްތަކުގައި ދިރިއުޅެމުން ދިޔަނަމަވެސް ފަރަންސޭސީން ދާއިމަށް އެތަނުގައި ވަޒަންވެރިވެ މަޑެއްނުކުރެއެވެ. އެހެނަސް ޔޫރަފާއި އީސްޓް-އިންޑީޒް އާއި ދެމެދު ދަތުރުކުރި ވިޔަފާރި ދަތުރުތަކުގައި މި ރަށްތަކުގައި އެކި ބޭނުންތަކަށް އެ ބައިމީހުންގެ އުޅަދުތައް ޖައްސައި ހަދަމުން ދިޔައެވެ. ޕެރިސް އެއްބަސް ވުމަށް ފަހު މޮރިޝަސްއާއި ޗާގޯސްގެ ރަށްތައް ފަރަންސޭސިން އިނގިރޭސިންނަށް ދިނެވެ. ޗާގޯސްގެ ރަށްތަކުގައި އިނގިރޭސިން ވެސް ކާށިތެޔޮ އުފައްދުމުގެ ބޭނުމުގައި ރުއް ހައްދައި، އެންމެ ބޮޑުރަށް ކަމުގައިވާ ޑިއަގޯ ގާސިޔާގައި ދާއިމަށް ބަޔަކުތިބެޥޭނެ ވަސީލަތްތަކެއް ޤާއިމްކުރިއެވެ.
މޮރިޝަސްއަށް މިނިވަންކަން ދިނުމާއި ޗާގޯސް އިނގިރޭސިން ކޮންޓްރޯލް ކުރަމުން އައުން
1965 ގައި އިނގިރޭސިން މޮރިޝަސް އަށް މިނިވަންކަން ދިނުމުގެކުރިން ޗާގޯސް މޮރިޝަސްއިން ވަކިކުރިއެވެ. އަދި ޗާގޯސް އަކީ “ބްރިޓިޝް އިންޑިއަން އޯޝަން ޓެރެޓަރީ (BIOT) ކަމުގައި ނިންމިއެވެ. 1962-1964 ހިސާބަކީ ސިޔާސީގޮތުން ރާއްޖޭގެ އެތެރޭގެ މައްސަލަތައް ބޮޑު، ދުވަސްވަރެކެވެ. އެދުވަސްވަރަކީ އައްޑޫގައި އިނގިރޭސިންގެ ބޭސްއެއް އޮތް ދުވަސްވަރެއް ވެސް މެއެވެ. އަދި އެއީ ދެކުނުގެ އަތޮޅުތަކަށް އައި ސިޔާސީ ހަލަބޮލިކަމުގެ ދުވަސްވަރު ވެސް މެއެވެ. ރާއްޖޭގެ ސިޔާސީ މަސްރަހު ނާޒުކު މި ދުވަސްވަރުގައި ޑިއަގޯގާސިޔާ އޮންނަތަނުގެ ސަބަބުން ރާއްޖެއަށް މިނިވަންކަންދީ ދޫކޮށްލާއިރު، އެބައިމީހުންގެ ބާރުގެ ދަށުގައި އޮންނަ ކަނޑުގެ ބޭސްއެއްހެދުމަށް ޑިއަގޯގާސިޔާ ރަނގަޅު ކަމަށް އިނގިރޭސިންދެކުނެވެ. އައަށްފަހު 1966 ގައި އިނގިރޭސި ވިލާތާއި އެމެރިކާ އެއްބަސްވުމެއްގައި ސޮއިކޮށް އެމެރިކާގެ މިލިޓަރީ ބޭހެއްގެ ގޮތުގައި އެތަން ބޭނުންކުރަން ދިގުމުއްދަތަކަށް ކުއްޔަށް ދިނެވެ. މިގޮތުން އެމެރިކާއިން އެތަނުގައި ރަންވޭއެއް ހަދައި 1971 ގައި ފުރަތަމަ ފަހަރަށް އެތަނަށް ސިފައިން ގެނައެވެ. 1976 ގައި އިނގިރޭސިން އައްޑުއަތޮޅު ގަން ދޫކުރިއިރު، އެއަތޮޅުގެ ދެކުނުން 500 ކިލޯމީޓަރުދުރުގައި އޮންނަ ޗާގޯސްގެ، ޑިއަގޯގާސިޔާގައި އިނގިރޭސިންނާއި އެމެރިކާގުޅިގެން ކަނޑުގެ ސިފައިންގެ ބޭސްއެއް ވަނީ ހަދާ ބޭނުންކުރަން ފަށާފައެވެ.
އިނގިރޭސިން އައްޑު އަތޮޅުގަމަށް އައިސް ރޯޔަލް އެއާރފޯސްގެ ބޭސް ހެދިއިރު އެ ރަށުގައި ތިބިމީހުންވެސް އެހެންރަށްރަށަށް ބަދަލުކޮށް ރަށް ހުސްކުރިއެވެ. އެ ފަދައިން އިނގިރޭސިން ޗާގޯސްގައި “ބްރިޓިޝް އިންޑިއަން އޯޝަން ޓެރެޓަރީ” (BIOT) ހެދިއިރު މިފަދަ ގޮތަށް ޗާގޯސްގެ ރަށްތަކުގައި ދިރިއުޅެމުންދިޔަ މީހުން އެހެން ތަންތަނަށް ގެންގޮސް ވަޒަންވެރިކުރުވިއެވެ. މިބައިމީހުންގެ ތެރޭގައި އެތައް ޖީލަކަށް ޗާގޯސްގައި ދިރިއުޅެމުން ދިޔަ އެތަނުގެ ދުވަސްވީ ވަޒަންވެރިން ވެސް ހިމެނެއެވެ. ޗާގޯސް ގެ މީހުންނަށް ދީފައި ވަނީ ވަރަށް ކުޑަ މުހުލަތެކެވެ. އިނގިރޭސިން އެބައިމީހުންގެ ވަޒަނުން ބޭރުކޮށް ދުނިޔޭގެ އެކިތަންތަނަށް ޑީޕޯޓް ކޮށްފައިވެއެވެ. ޗާގޯސްގެ ވަޒަންވެރިންނާއި އިނގިރޭސިން އެއްވެސް ވަރަކަށް މަޝްވަރާއެއް ކޮށްފައި ނުވާކަމަށް ލިޔުންތަކުން ފެނެއެވެ. އަދި އެބައިމީހުންގެ ގޯތިގެދޮރާއި ބިމާއި ދިރިއުޅުން ގެއްލުމުގެ ބަދަލެއްވެސް އޭރު ނުދެއެވެ. ނަތީޖާއެއްގެ ގޮތުން ގިނަމީހުން ރަނގަޅު ތަޢުލީމާއި، ސިއްޚީ ޚިދުމަތް ފަދަ ކަންކަމުން މަޙުރޫމުވެ، ނަސްލީ ތަފާތުކުރުމާއި މުއާމަލާތް ކުރުމުގެ އުދަގޫތައް ކުރިމަތިވެ ވަޒީފާގެއްލި ނިކަމެތިވެފައި ވެއެވެ. ޗާގޯސް މީހުން އިނގިރޭސިން ގެންގޮސްފައި ވަނީ ކައިރި ދެ ތަންކަމުގައިވާ މޮރިޝަސް އާއި ސީޝެލްއަށެވެ. ގިނަމީހުން ތިބީ މޮރިޝަސް ގައެވެ. މިހާ ހިސާބަށް އައި އިރު މަދުއަދެއްގެ ޗާގޯސް މީހުންނަށް އުފަންވުމުގެ ތެރެއިންނާއި އެހެނިހެން ގޮތްގޮތުން އިނގިރޭސި ސިޓިޒަންޝިޕް ލިބިފައި ވެއެވެ. އެބައިމީހުންގެ ގެއްލުނު ހައްޤުތައް ހޯދަން ކުރަމުންދާ މަސައްކަތުގައި މިބައި މީހުން ގެ ރޯލު މުހިއްމު ދައުރެއް އަދާކުރަމުންދެއެވެ.
ޗާގޯސް މީހުން އަބުރާ ވަޒަނަށް އަންނަންކުރާ މަސައްކަތް
1972 ގައި ޗާގޯސް މީހުން މޮރިޝަސްގައި ވަޒަންވެރި ކުރުވުމުގެ މަޝްވަރާތަކެއް މޮރިޝަސް ސަރުކާރާއި އިނގިރޭސިންނާއި ދެމެދު ކުރެވުނެވެ. މިގޮތުން ޗާގޯސްގެ ރަށްތަކުގެ މިލްކުވެރިކަމަށް ދައުވާ ނުކުރާމަތިން ބަދަލެއްގެ ގޮތުގައި ޗާގޯސް މީހުންނަށް ޕެކޭޖެއް ދޭން އިނގިރޭސިން ނިންމިއެވެ. މިގޮތުން ވަކިމިންވަރަކަށް މޮރިޝަސް ސަރުކާރަށް ފައިސާދީ، ޗާގޯސް މީހުންނަށް 20 އަހަރުވަންދެން އަހަރަކު ވަކިމިންވަރެއްގެ ފައިސާ ދޭގޮތަށް މި ޕެކޭޖް ކަނޑައެޅިއެވެ. އެހެނަސް ޗާގޯސް މީހުންނަށް ލިބުނީ މި އެހީގެ ވަރަށް ކުޑަ މިންވަރެއް ކަމުގައިވެއެވެ. ގިނަމީހުން ޤަބޫލުކުރާ ގޮތުގައި އެލިބުނު އެއްޗަކުން ލިބުނު ގެއްލުމުގެ ބަދަލު ފޫބައްދައެއް ނުދެއެވެ. ކޮންމެއަކަސް 2000 ވަނަ އަހަރު ޗާގޯސްގެ ބަޔަކު ގުޅިގެން ޗާގޯސްއަށް އެބުރި ދިޔުމުގެ މިނިވަންކަން ހޯދަން ކޯޓަށް ދިޔައެވެ. މިގޮތުން އިނގިރޭސި ސަރުކާރާއި ދެކޮޅަށް އިޔޮރޮޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސްގައި އެބައިމީހުން ދައުވާކުރިއެވެ. 2012 ގައި ކޯޓުން އެބައިމީހުން އަނބުރާ ވަޒަނަށް ދެވެންޖެހޭނެ ކަމަށް ހުކުމް ކުރިއެވެ. އެކަމަކު އިނގިރޭސި ސަރުކާރުން މި ހުކުމަށް އަމަލުކޮށްފައި ނުވެއެވެ. 2019 ގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން އެޑްވައިޒަރީ އޮޕީނިއަން އެއް ނެރެފައިވެއެވެ. ޗާގޯސްގެ މައްޗަށް އިނގިރޭސި ސަރުކާރުން ވެރިކަންކުރާ ކުރުމަކީ ޤާނުތަކާއި ޚިލާފަށް ކުރާ ކަމެއް ކަމަށާއި އަދި ވީހާވެސް އަވަހަކަށް ޗާގޯސް މޮރިޝަސް އާއި ހަވާލުކުރުމަށް މީގައި ބުނެފައިވެއެވެ. މިގޮތަށް މި ރޫލިން އަޔަސް ޗާގޯސް މީހުން އެނބުރިވަޒަނަށް އައުމުގެ ހުއްދަ އިނގިރޭސިން ނުދިން ތާނގައި އެހެން އެހީއެއް ވެސް ދީފައެއް ނުވެއެވެ.
ޗާގޯސް ރައްޔިތުން 2019 ގައި މޮރިޝަސްގައި ކުރި މުޒަހަރާއެއް: އެބައިމީހުން އަޑު އުފަލަމުން ދަނީ އެބައިމީހުން ވަޒަނަށް އަނބުރާދިޔުމުގެ މިނިވަންކަން ހޯދުމަށް: ފޮޓޯ-ޑައިކުރޮކަވާ، އީޕީއޭ
އެމެރިކާއާއި އިނގިރޭސިން އެންމެ ފަހުން ވެފައިވާ އެއްބަސްވުން
މާރޗް 2019 ގައި އެމެރިކާއާއި އިނގިރޭސިން ޑިއަގޯ ގާސިޔާގެ މިލިޓަރީ ބޭހާއި ގުޅޭގޮތުން އައު އެއްބަސްވުމެއްގައި ސޮއިކުރިއެވެ. ޗާގޯސްގެ މައްސަލައިގައި މޮރިޝަސް އާއި އެއްކޮޅަށް ކުރިން ދެންނެވި ޙުކުމްތައް އައިސްފައި ވަނިކޮށެވެ. މި އެގްރިމެންޓުން ޑިފެންސްގެ ބޭނުންތަކަށް އެ ބޭސް ކުރިއަށް އޮތް 15 އަހަރަށް ބޭނުންކުރުމުގެ ފުރުސަތު އެމެރިކާއަށް ދިނުމުގެ އިތުރަށް 10 އަހަރަށް އެ މުއްދަތު އިތުރުކުރުމުގެ ފުރުސަތު އެމެރިކާއަށް ލިބެއެވެ. މި އެގްރިމެންޓްގައި އޮތްގޮތުން މޮރިޝަސްގެ މިނިވަންކަން ބަލައިގަނެ ޑިއަގޯ ގާސިޔާ ހިމެނޭ ޗާގޯސް އަކީ މޮރިޝަސްގެ ތަނެއްކަން އިނގިރޭސިން ބަލައިގަންނަކަން އެނގެއެވެ. “އެކަމަކު” އެމެރިކާއިން އެތަނުގެ ބޭނުން ކެނޑެންދެން އިނގިރޭސި ވިލާތުން އެތަން ބެލެހެއްޓުމުގެ ކަންކަން ކުރިއަށް ގެންދާނެކަމުގައި އޭގައި ބަޔާންކޮށްފައި ވެއެވެ. މި އެގްރިމެންޓްގައި ވާގޮތުން އިނގިރޭސިން ޑިއަގޯ ގަާސިޔާއިން މަޖުބޫރުން ބޭރުކުރި ޗާގޯސް މީހުން އަލުންވަޒަންވެރިކުރުވުމަށް އިނގިރޭސިން އެއްބާރުލުން ދޭނެއެވެ. މި އެއްބަސްވުމުން އެނގެނީ ޒަމާނުއްސުރެ އެމެރިކާއާއި އިނގިރޭސިވިލާތުން ޗާގޯސްއާއި މެދު ދެކޭގޮތާއި އަމަލުކުރާގޮތް ތަފާތެއް ނައަންނަކަމެވެ. އިނގިރޭސިންގެ ބަހާއި ޢަމަލު މިމައްސަލާގައި ދިމާ ނުވާކަމުގައެވެ.
1966 ގައި ޗާގޯސްއިން މީހުން ބޭލުމާއި ގުޅުންހުރި އިނގިރޭސި ކޭބަލް އެއް. މީގެން އޭރުއެބައިމީހުންގެ ވިސްނުން ހުރިގޮތް ވަރަށް ސާފުކޮށް އެނގޭ. މިއީ ނަސްލީ އަދި ޖިންސީ ތަފާތުކުރުން ގެންގުޅެމުން އައި ބަޔަކު ލިޔެފައިވާ ލިޔުމެއް. ސޯސް: ވިކިޕީޑިއާ
ބްރިޓިޝް އިންޑިއަން އޯޝަން ޓެރެޓަރީ ގެ ވަށައިގެންވާ އެކްސްކްލޫސިވް ފިޝިންގ ޒޯންގެ ސަބަބުން ރާއްޖެއަށް ލިބުނު ގެއްލުން
2010 ވަނަ އަހަރު އިނގިރޭސިން ބްރިޓިޝް އިންޑިޔަން އޯޝަން ޓެރެޓަރީގެ ސަރަހައްދު (BIOT) ވަށައިގެން ކަނޑުގެ ބޭސްލައިނުން ފެށިގެން 200 ނޯޓިކަލްމޭލަކީ އެކްސްކްލޫސިވް ފިޝިން ޒޯން (EFZ) ކަމުގައި ކަނޑައެޅިއެވެ. އޭގެ ކުރިން މިސަރަހައްދުގައި ހިމެނޭ އެހެން ޤައުމުތަކުގެ EEZ ގެ ސަރަހައްދުން މަސްވެރިކަންކުރެވެއެވެ. އިނގިރޭސިންގެ މި ނިންމުމާއި ގުޅިގެން މިސަރަހައްދުން މަސްވެރިކަން ކުރުމާއި ކަނޑުގެ ވަސީލަތްތައް ބޭނުން ކުރެވެނީ ހަމައެކަނި އިނގިރޭސިންނަށާއި އެމެރިކާގެ މީހުންނަށެވެ. ރާއްޖެއަށްވެސް އޭގެ ސަބަބުން 2010 އިން ފެށިގެން ގެއްލުން ވަމުން ދިޔައެވެ. ސަބަބަކީ އިނގިރޭސިން އެސަރަހައްދު ހިމާޔަތްކުރުމުން ދިވެހިރާއްޖޭގެ EEZ ގެ ސަރަހައްދުން ބަޔެއް އެ ސަރަހައްދަށް ގޮސް މަސްވެރިކަން ކުރަން ވަކިދިމާޔަކުން ބޭރަށްދެވޭ ދުރުމިން ކުޑަވިއެވެ. BIOT ވަށައިގެންވާ ސަރަހައްދުން މަސްވެރިކަން ކުރުން މަނާކުރީ އެއީ އެ ބަމީހުން މެރިން ޕްރޮޓެކްޓެޑް އޭރިއާއެއްގެ (MPA) ގޮތަށް EFZ ގެ ސަރަހައްދު ކަނޑައެޅުމުންނެވެ. އޭރު އެކަމަށް ފާޑުކިޔާމީހުން ބުނަމުން ދިޔައީ އިނގިރޭސިން ކަނޑު ހިމާޔަތް ކުރުމުގެ ނަމުގައި އެކަންކުރީ ޗާގޯސްއަށް ނިސްބަތްވާ މަސްވެރިން އެރަށްތަކާއި ކައިރިވިޔަ ނުދޭށާއި ޑިއަގޯ ގާސިޔާގައި އޮންނަ ބޭހުގެ ރައްކާތެރިކަމަށެވެ.
2019 ގައި މޮރިޝަސް އިނގިރޭސިންނާއި ދެކޮޅަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފަދަސީ (ITLOS) ގައި ދައުވާކުރިއެވެ. މި ދައުވާގައި މޮރިޝަސްއިން ބުނެފައިވަނީ EFZ ގެ ސަރަހަށްދު BIOT ގެ ވަށައިގެން ކަނޑައެޅުމަކީ ބައިނަލް އަޤްވާމީ ޤާނޫނު ތަކާއި ޚިލާފްކަމެއް ކަމަށާއި މޮރިޝަސް އަކީ ކޯސްޓަލް ޤައުމަކަށްވާއިރު ހައްޤުތައް އިނގިރޭސިން ނިގުޅައިގެންފައިވާ ކަމުގައެވެ. މި މައްސަލައިގައި ކޯޓުން ނިންމާފައިވަނީ EFZ ސަރަހައްދަށް ބާރުފޯރުވުން އިނގިރޭސިން ހުއްޓާލުމަށެވެ. އެހެން ނަމަވެސް އިނގިރޭސިން އެ އަމުރަށް ތަބައުވަމުން ނުދެއެވެ. ވަރަށް ފަހުން މޮރިޝަސްގެ EEZ ސަރަހަށްދާއި ރާއްޖޭގެ EEZ ސަރަހައްދު ފުށުއަރައިބައި ވަނީ ITLOS އިން ބަހާފައެވެ. މި ބެހުމުން ދިވެހިރާއްޖެއަށް ވީފައިދާއަކީ ކޮބައިތޯ އަޅުގަނޑުގެ ހިތައްއަރައެވެ. މިހެން މިދެންނެވި ސަބަބަކީ 2010 ގައި އިނގިރޭސިން EFZ ޗާގޯސް ވަށައިގެން ހެދުމުން ރާއްޖޭގެ EEZ ން ގެއްލުނުބައި އަދިވެސް އޮތީ އެމީހުންގެ ބާރުގެ ދަށުގައެވެ. ބޯޑަރާއި އެންމެ ދުރުސަރަހައްދުން 200 ނޯޓިކަލް މޭލު ލިބުނަސް ބޯޑަރާއި ގާތްސަރަހައްދުން ލިބުނީ 130-150 ނޯޓިކަލް މޭލުގެ މިންވަރެއްކަން ތިރީގައިވާ ޗާޓުގައިވާ ސްކޭލް ބޭނުންކޮށްގެން ބެލުމުން އެނގެއެވެ. މޮރިޝަސްއަށް ލިބުނުބަޔާއި އަޅާބަލާއިރު ބޮޑުބައެއް ރާއްޖެއަށް ލިބުނަސް ދާއިމަށް ގެއްލިދިޔަ ސަރަހައްދަކީ މިހާރު އިނގިރޭސިންގެ ބާރުގެ ދަށުގައި އޮތް އެބައިމީހުން ބަލަހައްޓަމުންގެންދާ މޮރިޝަސްގެ ސަރަހައްދެއްކަމަށް އިނގިރޭސިން އެއްބަސްވާ ސަރަހައްދެކެވެ.
ކަނައަތް ފަރާތު ޗާޓުގައިވަނީ އެންމެ ފަހުން ކަނޑައެޅުނު މޮރިޝަސް އާއި ރާއްޖޭގެ ބޯޑަރެވެ. ވައަތްފަރާތު ގައިވާ ޗާޓުން (ރަތްރޮނގު) ދައްކައިދެނީ BIOT ވަށައިގެން އިނގިރޭސިން 2010ގައި ޤާއިން ކުރި EFZ ޒޯން އާއި މިހާރު ދިވެހިރާއްޖޭގެ EEZ ސަރަހައްދު ބައްދަލުވާ ހިސާބެވެ.
ހަޤީގަތަކީ 2010 އިންފެށިގެން ރާއްޖެއަށް އިޤްތިސާދީގޮތުން ލިބެމުން ދިޔަ ގެއްލުމުގެ ބަދަލެއް ITLOS އިން ހޯދައި ނުދެވުނެވެ. މިކަމުގެ ފައިދާ ނުސީދާގޮތުގައި ލިބުނުބަޔަކީ އިނގިރޭސިންނެވެ. ސަބަބަކީ އެބައިމީހުން “މޮރިޝަސްގެ ލޭބަލް” ޖަހައިގެން ކޮންޓްރޯލްކުރާ EFZ ގެ ސަރަހައްދު އެއްކޮށް ލިބުމެވެ. އަޅުގަނޑުދެކޭގޮތުގައި އިނގިރޭސިން 2010 ވަނަ އަހަރު EFZ ސަރަހައްދު ކަނޑައެޅިއިރު ރަނގަޅަށް ސާވޭކޮށް މޮރިޝަސްއާއި ރާއްޖޭގެ EEZ ން ފުށުއަރާތަން މިގޮތަށް ބެހުމުން ބޯޑަރު ރޮނގު ދާނެގޮތްބަލައި ރާއްޖޭއާއި ވީފަރާތުން އެ ރޮނގު ޚިޔާރުކޮށްފައިވެއެވެ. މިހެން ހެދުމުން ރާއްޖޭގެ EEZ އިން ބަޔެއް ރާއްޖެއަށް ގެއްލުނަސް BIOT ވަށައިގެން އަދި ޚާއްސަކޮށް ޑިއަގޯގާސިޔާގެ ވަށައިގެން 200 ނޯޓިކަލް މޭލުގެ ގެ ސަރަހައްދެއް އިނގިރޭސިންނަށް ލިބޭނެއެވެ. މިއީ މޮޅަށް ޕްލޭންކުރެވިގެން، ޤާނޫނީ ލަފަޔާއެކު ދުރާލާ ވިސްނާފައި، 2010 ގައި އިނގިރޭސިން ކޮށްފައި ވާކަމެއް ކަމަށް އަޅުގަނޑު ދެކެމެވެ. ITLOS އިން ދިވެހިން ހިތް ހަމަޖައްސައި ދީފައި ވަނީ “ބޮޑުފަޅި” ދީގެންނެވެ. މޮރިޝަސް ހިތް ހަމަޖައްސައި ދީފައި ވަނީ “ރާއްޖެއާއި ހަމަޔަށް އެއޮތީ މޮރިޝަސްގެ ސަރަހައްދޭ” ބުނެގެންނެވެ. އެކަމަކު ހަޤީގީ ފައިދާ ލިބުނީ އިނގިރޭސިންނަށެވެ. ރާއްޖެއަށް ލިބުނު އިޤްތިސާދީ ނޫން އެހެން ފައިދާއަކީ ބޯޑަރު ވަކިވުމާއި ދެކުނަށް އެކިދިމާއިން EEZ ސަރަހައްދުގެ ތެރޭ ބޭރަށް ނުކުމޭނެ މިންވަރު އެނގުމެވެ. މިއީ އުޅަނދުތަކުގެ ރަށްކާތެރިކަމަށާއި ކުށްކުރުމުން ބަރީއަވުމަށް ލިބޭ އެހީ އެކެވެ. އިޤްތިސާދީ ގޮތުން 2010 އިން ފެށިގެން ރާއްޖެއަށް ލިބިފައިވަނީ ގެއްލުމެވެ.
ނިންމުން
ޗާގޯސްގެ ވަޒަންވެރިން އެތަނަށް އެނބުރި ދިޔުމުގެ ހުރިހާ ދޮރުތަކެއް އިނގިރޭސިންވަނީ ބަންދު ކޮށްފައެވެ. އޭގެތެރެއިން ގިނަމީހުން ދިރިއުޅެމުންދަނީ މޮރިޝަސްގައެވެ. ސީޝެލްސްގައި ދިރިއުޅޭ މީހުންގެ ވާހަކައެއް އެއްގޮތަކަށް ވެސް ކިޔާ އަޑެއް ނީވެއެވެ. އިނގިރޭސިންނާއި އެމެރިކާ މީހުން ކައިރި މުސްތަޤްބަލެއްގައި ޑިޔަގޯ ގާސިޔާ ދޫކޮށްލާނޭ ކަމަކަށް ނުބެލެވެއެވެ. އިނގިރޭސިން އަމިއްލަޔަށް ހަދައިގެން އުޅޭ EFZ ސަރަހައްދުން އެއްވެސް ތަންކޮޅެއް އެހެންބަޔަކަށް ދޫކޮށްފައި ނުވެއެވެ. ބޯޑަރުގެ މައްސަލާގައި އެއްބަޔަކު ބުނާނީ އެންމެފައިދާވީ މޮރިޝަސްއަށް ކަމުގައެވެ. އެކަމަކު މޮރިޝަސްއަށް އޭގެ ފައިދާކުރާނީ، އިނގިރޭސިން އެސަރަހައްދުން މަސްވެރިކަން ކުރަން ހުއްދަދިންނަމައެވެ. އެތަނަކީ މެރިން ޕްރޮޓެކްޓެޑް އޭރިއާއަކަށް އިނގިރޭސިން ވަނީ ހަދާފައެވެ. އެކަން އެގޮތަށް އޮތްހާދުވަހަކު މޮރިޝަސްއަށް އިޤްތިސާދީގޮތުން ކުރާނެފައިދާއެއް ނެތެވެ. މިހާރު އޮތްގޮތުން އިނގިރޭސިންނަށް ގެއްލުންނުވާގޮތަށް ދިވެހިރާއްޖޭގެ ޝަކުވާތަކަށް ރަސްމީ ނިމުމެއް އައީއެވެ. އިނގިރޭސިންނާއި އޮތް މައްސަލައެއް ދެން އޮތީ މޮރިޝަސް އާއި ދެމެދުއެވެ.
ވެއަތުވެދިޔަ 300 އަހަރަށްވުރެ ދިގުމުއްދަތަކަށް ޗާގޯސްގެ މައްޗަށް ބާރުފޯރުވަމުން އައިސްފައިވަނީ މޮރިޝަސްގައި ވެރިކަންކުރި ޔޫރަޕްގެ ގައުމުތަކުގެ ކޮލޮނީތަކުންނެވެ. ޗާގޯސްގެ އުތުރުގައި ރާއްޖެ އޮތަސް އަޅުގަނޑުމެން ދިވެހިން ޗާގޯސްގައި ދިރިއުޅެމުންދިޔަ ބަޔަކާއި އެއްވެސް ބާވަތެއްގެ މުޢާމަލާތްތަކެއް ކުރަމުން ގޮސްފައި ނުވެއެވެ. އަދި ޗާގޯސްއިން ބޭލި ގިނަބަޔަކު މިހާރު ދިރިއުޅެނީ މޮރިޝަސްގައި ކަމުގައިވާތީ، ޗާގޯސް އެހެންބަޔަކަށް ލިބޭނަމަ ލިބެންޖެހޭނީވެސް ހުރިހާގޮތަކުން ބެލިޔަސް މޮރިސަޝް އަށެވެ. އިނގިރޭސިން ޗާގޯސް އިން މީހުން ނުބޭލިނަމަ އެބައިމީހުން ތިބޭނީ އަޅުގަނޑުމެންގެ އަވަށްޓެރިންގެ ގޮތުގައެވެ. ރާއްޖޭގެ ދެކުނުގެ މަސްވެރިން ކަނޑުތަކަށް ނިކުމެ އުޅޭއިރު ކަށަވަރުން އެބައިމީހުން އުޅަނދުތަކާއިވެސް ބައްދަލަުވާނެއެވެ.
ބޯޑަރުތަކުގެ މައްސަލައަކީ ގިނަޤައުމުތަކުގައި ހަމަނުޖެހުމާއި ހަނގުރާމަތައް ކުރިމަތިކުރުވާ ކަމަކަށްވާތީ ބޯޑަރު ދެފަރާތުގެ މަސްލަހަތު ހަމަހަމަގޮތުގައި ބެހުމަކީ ޤައުމުތަކު މަސްލަހަތަށް އެންމެ ފައިދާ ބޮޑުގޮތެވެ، ފަހަރުގައި އެއީ ދެފަރާތް އެދޭގޮތް ކަމުގައި ނުވެވެސް ހިގައިދާނެއެވެ، ވުމާއެކު ބޯޑަރުގެ މައްސަލަ އެއަށްވުރެ މޮޅުގޮތަކަށް ބަހައި އިންސާފުވެރިގޮތަކަށް ހައްލުކުރުމުގެ ޤާބިލްކަންހުރި ބަޔަކީ ކޮބައިތޯވެސް އަޅުގަނޑު ބައެއް ފަހަރަށް ހިތައް އަރައެވެ. އެފަދަ މޮޅުގޮތެއް ބުނެދޭނެ ބުއްދިވެރިއަކީ ވަކި ކާކުބާވައޭ ވެސް އަޅުގަނޑުގެ ހިތައް އަރައެވެ. ކޮންމެއަކަސް މިއައި ބަދަލާއެކު ޖީޕީއެސްގެ އެހީގައި ރަނގަޅަށް ބަލައިގެން އަޅުގަނޑުމެންގެ ސަރަހައްދުގެތެރޭގައި މަސްވެރިކަންކުރުން ނޫންގޮތެއް އަޅުގަނޑުމެންގެ މަސްވެރިންނަކަށް ނެތެވެ. ހުރިހާ ދިމާޔަކުން 200 ނޯޓިކަލް މޭލު ބޭރަށް ގޮސްފިނަމަ އެހެންބަޔެއްގެ ސަރަހައްދަށް ވަދެވޭނެކަން ހަނދާން ކުރަން ޖެހޭނެއެވެ. މިއާއެކު އަޅުގަނޑުމެންގެ ސަރަހައްދު ވެސް ރަނގަޅަށް ބެލެހެއްޓޭނެގޮތް ކަމާބެހޭ މުއައްސަސާތަކުން ކުރިއަށް ގެންދަން ވެސް ޖެހޭނެއެވެ. އަދި މަސްވެރިކަމުގެ ސިނާއަތާއި ގުޅުން ހުރި ދައުލަތުގެ މުއައްސަސާތަކުން މަސްވެރިންނަށް ދޭންޖެހޭ ޓެކްނިކަލް އިރުޝާދުތައްވެސް ދީ ބޯޑަރަށް އައި ބަދަލާއިގުޅިގެން ކަންކުރަންޖެހޭގޮތުގެ ލަފާދޭންޖެހޭނެއެވެ.
މި މަޒްމޫނުގައި އަޅުގަނޑު ހުށައަޅައިދިނީ އަޅުގަނޑުގެ ދިރާސާތަކުން ހޯދި މައުލޫމާތުތަކާއި ވަކިފަރާތަށްނުޖެހި ހުށައަޅައިދިން ހުށައަޅައިދިނުމެކެވެ. އެއީ ކިއުންތެރިއާ އާއި އަދި ޚުދު އަޅުގަނޑުވެސް އެންމެ އެދޭގޮތްކަމުގައި ނުވެހިގައިދާނެއެވެ. މި މަޒްމޫނުލިޔުމުގެ ބޭނުމަކީ އިލްމީގޮތުން ހަޤީގަތް ބަލައި ހާމަކޮށްދިނުމެވެ.
މުހިއްމު ވީޑިއޯތައް