4.2 ބޯކޮށް ވާރޭވެހުމާއި މޫސުން ގޯސްވެ ކަނޑުގަދަވުން
ދެން ބަލާލާނީ ތުރުކީގެ މޫސުމަށެވެ. ޚާއްސަކޮށް މިސަރަހައްދުގެ މޫސުމަށެވެ. ތުރުކީގެ ބްލެކްސްސީ އާއި ވީފަރާތު (އުތުރު)، ފަރުބަދަތަކާއި އަދި މެޑިޓެރެނިއަން (ދެކުނު) ފަރާތު ހުންނަ ފަރުބަދަތައް އައްސޭރިއާއި ޕެރެލެލްކޮށް ހުންނާތީ، އާންމުކޮށް ވާރޭވެހެނީ ފަރުބަދަ ތަކުގެ އައްސޭރިއާއިވީ ފަރާތްތަކަށެވެ. މެޑެޓެރެނިއަން ކޯސްޓަކީ ވާރޭވެހޭ ފިނިމޫސުން އަންނަ، މެދުމިންވަރަކަށް ހިކި ހޫނުމޫސުން އަންނަ ސަރަހައްދަކެވެ. ސަރަހައްދުގެ ގޮތުން މިތަނުގެ އެވްރެޖް ޕްރެސިޕިޓޭޝަންއަކީ 580-1300 މިލިމީޓަރެވެ. ނަމަވެސް މުޅިއަހަރުތެރޭ އެންމެ ބޯކޮށް ވާރޭވެހެނީ ބްލެކްސީ ސަރަހައްދަށެވެ. އެއީ އެވްރެޖްކޮށް 2200 މިލިމީޓަރެވެ. ނަމަވެސް نوح ގެފާނުގެ ޠޫފާނަކީ ﷲ ފޮނުއްވެވި އާދަޔާއި ޚިލާފް ޠޫފާނެއްކަމުން އަޅުގަނޑު ޤަބޫލުކުރަނީ މެޑިޓެރެނިއަން ފަރާތަށްވެސް އާންމުކޮށް ވެހޭވަރަށްވުރެ އެތަށް ގުނައެއް ބޯކޮށް ވާރޭ ވެހިދާނެކަމަށެވެ. އަދި މިޠޫފާނުގެ އަސަރު މުޅިއެސަރަހައްދަށް ކޮށްފާނެކަމުގައެވެ. ތުރުކީގެ މޫސުން ބަދަލުވަނީ މައިގަނޑު 4 ޕްރެޝަރ ސިސްޓަމުންނެވެ. އާންމުކޮށް މި ޕްރެޝާރ ސިސްޓަމްތަށް ސްޓޭބަލް ވިޔަސް ބައެއްފަހަރަށް ތުރުކީގެ މަތީގައި ހުންނަ ވަޔަށް މިސިސްޓަމްތަކުން އާދަޔާ ޚިލާފް ބަދަލު އާދެއެވެ. ނަތީޖާއެއްގެ ގޮތުން ވާރޭވެހި ކޯރުތަކާއި ޑޭމްތައް ބަނޑުންވެގެން ފެންބޮޑުވުން ދެދޭތެއިން ކުރިމަތިވެއެވެ (ސެންސޯވީ، 2004).
.
2016 ގައި ތިރުކީގެ އެކިސަރަހައްދުތަކަށް އައިފެންބޮޑުވުމުގައި މެޑެޓެރެނިއަން ކޯސްޓަލް ސަރަހައްދުގައިވާ މާސިން ފްލަޑްވެފައި -ސޯސް: www.sabah.com
ސްޓޯރމް ނުވަތަ ޠޫފާނުގެ ސަބަބުން އާންމުކޮށް ވައިގަދަވެއެވެ. ވައިގަދަވުމުން މިވައި ކަނޑުގެ ލޮނުގަނޑުގައި އެޅުމުން ރާޅު އުފެދެއެވެ. ގަދަ ޠޫފާނުގައި ކަނޑުގެ ރާޅުވަރަށް ބޮޑުވެއެވެ. ދެ ރާޅުދޭތެރޭގައި އުޅަނދުވާއިރު ރާޅުތައ ބޮޑު ފަރުބަދަތަކެއްހެން ފެނެއެވެ. މިކަން އަޅުގަނޑުމެން ދިވެހިންވެސް ތަޖުރިބާކޮށްފައި ވާނެއެވެ. ހަމައެގޮތަށް މެޑިޓެރެނިއަން ކަނޑުގައިވެސް ބައެއްފަހަރަށް ޠޫފާންއުފެދެއެވެ. މިސަރަޙައްދުގައި އުފެދޭ މިފަދަ ޠޫފާން ނުވަތަ ސައިކްލޯނަށް ކިޔަނީ “މެޑިކޭންސް” އެވެ. ބައެއްފަހަރަށް މެޑިކޭންސް ބާރުގަދަވެ ޓްރޮޕިކަލް ސައިކްލޯންއާއި ގާތްކުރާވަރުވެއެވެ. މިސާލަކަށް 1967 ގައި އުފެދުނު މެޑިކޭންއެއް މެޑިޓެރެނިއަން ސައިކްލޯނަކަށް ބަދަލުވެ ފެންބޮޑުވެ 600 މީހުން މަރުވެފައިވެއެވެ. ސައިކްލޯންގެ ތެރޭގައި 10-15 މީޓަރާއި ދޭތެރޭގެ ރާޅު އުފެދޭކަމަށް ވެއެވެ.
އާދައިގެ ވަރަކަށް މޫސުންގޯސް ވަޤުތެއްގައި އުޅަނދެއް މެޑެޓެރެނިއަން އިން ދަތުރުކުރަނީ
އަޅުގަނޑުގެ 2 ވަނަ އަދި 3 ވަނަ ކްރައިޓީރިއާއަށް ފެތެނީ نوح ގެފާނު އެނަޓޯލިޔާގެ ކޯސްޓަލް ސަރަހައްދެއްގައި ދިރިއުޅުއްވުމުންނެވެ. ވުމާއިއެކު ނައުކޮޅު ޠޫފާނުގައި މެޑިޓެރެނިއަން ކަނޑުގެ ބޮޑެތި ރާޅުތަކުގެ ތެރެއިން ދަތުރުކުރުމުގެ ފުރުސަތު ލިބެއެވެ. ޤުރުއާނުން އެނގެނީ نوح ގެފާނު އުޅުއްވާފައިވަނީ ފަރުބަދަތަކާއި ކައިރި ސަރަހައްދެއްގައި ކަމުގައެވެ. އަދި އެކަލޭގެފާނުން އައްސޭރިއާއި ކައިރި ހިސާބެއްގައި ނައުކޮޅު ބެންނެވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ފެން ބޮޑުވުމާއިއެކު އެނައުކޮޅު ﷲ އިރާދަފުޅުކުރެއްވި ގޮތަކަށް އުފުލިގެން ކަނޑަށް ނުކުމެދާނެއެވެ. ކޮންމެގޮތެއްވިޔަސް އެކަން ދެނެވޮޑިގެންވަނީ މާތް ﷲ އެވެ.
وَهِيَ تَجْرِي بِهِمْ فِي مَوْجٍ كَالْجِبَالِ وَنَادَىٰ نُوحٌ ابْنَهُ وَكَانَ فِي مَعْزِلٍ يَا بُنَيَّ ارْكَب مَّعَنَا وَلَا تَكُن مَّعَ الْكَافِرِينَ ﴿٤٢﴾
އަދި ފަރުބަދަތައް ފަދަ ރާޅުތަކެއްގެ ތެރޭގައި، އެއުރެންނާއިގެން އެ ނާކޮޅު ދުވަމުންދެއެވެ. އަދި نوح ގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ގޮވައިލެއްވިއެވެ. އޭރު އެ ދަރިކަލުންވީ (އެހެންމީހުންނާ) ވަކިން ދުރުގައެވެ. އޭ ދަރިފުޅާއެވެ! ތިމަންމެންނާއެކު (ނާކޮޅަށް) އަރާށެވެ! އަދި كافر ންނާ އެކުގައި ނުވާށެވެ! (ޤުރުއާން 11:42).