3.0 نوح ގެފާނުގެ ނައުކޮޅު ބީހުނުކަމަށް ލަފާކުރާ އެހެން ތަނެއް
نوح ގެފާނުގެ ވާހަކަ ބަޔާންކުރެވިފައިވާ ފޮތްތަކަކީ ތައުރާތް (ޓޯރާ)، ބައިބަލް އަދި ޤުރުއާން އެވެ. ތައުރާތަށް ކްރިސްޗިއަނުން އާންމުކޮށް ކިޔަނީ “އޯލްޑް ޓެސްޓްމަންޓް” ނުވަތަ “ޖިވިޝް ބައިބަލް” ނުވަތަ “ހީބްރޫ ބައިބަލް” އެވެ. ހީބްރޫބައިބަލްގެ މިހާރުއޮތް، އެންމެ ކުރީގެ ފުރިހަމަފޮތައް ކިޔަނީ “ލެނިންގްރޭޑް ކޯޑެކްސް” އެވެ. މިފޮތް ލިޔެފައިވަނީ މީލާދީން 1008 ވަނަ އަހަރު ޔަހޫދީންނެވެ. އެލްގްޒެންޑްރިއާގައި ދިރިއުޅުނު ޔަހޫދީންނަށް ހީބްރޫބަސް ނޭގޭތީ ފުރަތަ އޯލްޑް ޓެސްޓްމަންޓް ތަރުޖަމާކުރީ ގްރީކްބަހަށް، 300 ބީ.ސީ އާއި 300 އޭ.ޑީ. އާއި ދެމެދުގައެވެ. ދެން ލެޓިން ބަހަށެވެ. އޭގެފަހުން އެހެންބަސްތަކަށެވެ. ތިރީގައިވަނީ نوح ގެފާނުގެ ނައުކޮޅު Ararat (އަރަރާތް) ފަރުބަދަތަކަށް އެރިކަމަށް ޖެނެސިސްގެ ޗެޕްޓަރ 8 ގައި އޮންނަ ހަތަރުވަނަ އާޔަތެވެ.
And the ark rested in the seventh month, on the seventeenth day of the month, upon the mountains of Ararat. (Gen. 8. 4) -King James Version (KJV)
މުހިއްމު ބައެއް ބަސްތައް- ގްރީކް، ލެޓިން އަދި އިނގިރޭސިން ކިޔާގޮތް
ޢަރަބަިން عطارة (ލެޓިނުން Attara ނުވަތަ Ataroth) ކިޔާ އަވަށްގަނޑެއް ފަލަސްތީނުގެ رام الله ގެ 15 ކިލޯމީޓަރު އުތުރުގައި، މެދުތެރޭ ވެސްޓް ބޭންކްގައި އޮވެއެވެ. މިތަން އޮންނަނީ ބައިތުލްމަޤްދިސްގެ ކައިރީ ހުޅަނގު ފަރާތުގައެވެ. އެޑްވާޑް ރޮބިންސަން (ފާދާރ އޮފް ބިބިލިކަލް ޖިއޮގްރަފީ), ބައިބަލްގެ “ބުކް އޮފް ޖޯޝުއާ” ގައި ބުނާ Ataroth އަކީ رام الله ގައި ހުންނަ Atara (عطارة) ކަމަށް ދެކޭކަމުގައި ވިދާޅުވެފައިވެއެވެ (ބްލިސް، 1906). Ataroth ލިޔަންވާތަނަށް Attara ނުވަތަ Atara ވެސް ލިޔެއެވެ. عطارة އޮންނަނީ Judean (ލެޓިނުން ޖޫދިއަން) ނުވަތަ Judaean (ލެޓިނުން ޖުދާއިއަން) ފަރުބަދަތަކުގެ ސަރަހައްދުގައެވެ. އަޅުގަނޑުގެ ހިތުގައި އުފެދޭ އެއްސުވާލަކީ نوح ގެފާނުގެ ނައުކޮޅު އެރި ސަރަހައްދަކީ “Ataroth ސަރަހައްދަށް ވެދާނެބާވައެވެ؟ ނުވަތަ އެއީ “Ararat ހެއްޔެވެ؟ މިއީ އެއްތަނެއް ކަމުގައި ވެދާނެ ހެއްޔެވެ؟ މިބަދަލު އައިސްފައިވަނީ ބައިބަލްގެ ފުރަތަމަ ޓްރާންސްލޭޝަންތައް އެކިމީހުން އަތުން ލިޔުނު ދުވަސްވަރު ނުވަތަ އެކިބަހުން ވާހަކަދައްކާ މީހުން ދޫ އޮޅުމުގެ ތެރެއިންހެއްޔެވެ؟ ތިރީގައި މިވަނީ މިބަސްތައް ކިޔާގޮތް އަންގައިދޭ އޯޑިޔޯ ފައިލް ތަކެކެވެ.
Attara ރަސްމީލެޓިނުން ކިޔާގޮތް. މީ އަރަބިން عطارة
Ataroth ނުރަސްމީ ލެޓިނުން ކިޔާގޮތް ވެސް ޢަރަބިން عطارة ކިޔާގޮތާއި އެއްގޮތެވެ.
ރަގަޅު Ararat ފަރުބަދައަކީ Ataroth (عطارة) ފަރުބަދައެވެ.
ބައިތުލްމަޤްދިސް ފަދަ މުހިއްމު ސިޓީތައް ހުންނަ ވެސްޓް ބޭންކާއި އިޒްރޭލްއަކީ ޖޫޑިއަން މައުންޓެންސް (ގްރީކް ބަހުން ޖޫދިއަން މުދާއިންސް/ އަރިބިން جبال يهودا) ކިޔާ ފަރުބަދަތަކަށް ނިސްބަތްވާ ސަރަހައްދެވެ. ފަލަސްޠީނުގެ ދެކުނުގައި މިފަރުބަދަތައް ހުންނަ ސަރަހައްދަށް Judaea ,Judea ނުަވަތަ Juda ކިޔައެވެ. ޤުރުއާނުގައި نوح ގެފާނުގެ ނައުކޮޅު ބީހުނީ الجودي އަށް ކަމުގައިވެއެވެ. ވުމާއިއެކު الجودي އަކީ ގްރީކް ބަހުން “ޖޫދިއަން މުދާއިންސް” ނުވަތަ އިނގިރޭސިން މިހާރު ކިޔާ “ޖޫޑިއަން މައުންޓެއިންސްތައް” ހުންނަ ސަރަހައްދު ކަމުގައި ވެދާނެއެވެ. ކުރިން އޯލްޑް ޓެސްޓަމަންޓް ނުވަތަ ތައުރާތު އެންމެފުރަތަމަ ތަރުޖަމާކުރެވުނީ ގްރީކް ބަހަށް ކަމުގައި ދެންނެވިފައި ވާނެއެވެ. އެހެންނަމަވެސް ފާހަގަ ކޮށްލަންޖެހެނީ މިހާރު އަޅުގަނޑުމެންނަށް ފެންނަންއޮތް ލިޔެފައިވާ ތައުރާތުގައި ވަނީ ނައުކޮޅު ބީހިފައިވަނީ ހީބްރޫބަހުން “עררט” (އަރަރަތް) އަށް ކަމުގައެވެ. ޤުރުއާނުގައި ފަރުބަދައެކޭ ނެތުމުން އަޅުގަނޑުދެކެނީ ނައުކޮޅު ބީހުނީ ޖޫޑިއަން މައުންޓެއިންސް (ޖޫޑިއަން ހިލްސް) އާއި މެޑީޓެރެނިއަން އައްސޭރިއާއި ދޭތެރޭ ކޮންމެވެސް ހިސާބަކަށެވެ.
ޖޫޑިއަން މައުންޓެއިންސްގައި ހިމެނޭ 3 ބައި އަދި އެހެނިހެން ފަރުބަދަތަކާއި ޖޯޑަން ވެލީ
ރަސޫލާގެ ހަޔާތްޕުޅުގައި އަރަބިންގެތެރޭ ދިރިއުޅުނު ޔަހޫދީން މިފަރުބަދަތަޢް ހުންނަ ސަރަހައްދަށް ކިޔަނީ “ޖޫދީ” ކަމުގައިވުން ވެސް އެކަށީގެންވެއެވެ. އެދުވަސްވަރު ޢަރަބިންގެތެރޭ ދިރިއުޅުނު ޔަހޫދީން ގެންގުޅުނީ ގްރީކް ޓްރާންސްލޭޝަން ކަމުގައިވެސް ވެދާނެއެވެ. ހީބްރޫ ބައިބަލްގައި ޖޫދާގެ ރަަސްކަމުގެ ވާހަކަ އައިސްފައިވަނީ 2Kgs: 16 އާއި 2Kgs 18:13-19:37 އާއި Isa 36-37 އަދި 2Chr 32:1-23 ގައެވެ. ތާރީޚީ އިލްމުވެރިން ދެކޭގޮތުގައި މީލާދީ ތާރީޚްގެ 700 އަހަރުކުރިން ޖޫދާ (ޖޫދީ)ގެ ސަރަހައްދުގައި އިދާރީ މަރުކަޒެއްގެ ގޮތުގައި ބައިތުލް މަޤްދިސް (ޖެރޫސަލަމް) އޮތްކަން އާސިރިއަނުން އަދި ބެބިލޯނިއަންގެ ރެކޯޑް ތަކުން އެނގެއެވެ. ޤުރުއާނުގައި އެވާހަކަތައް އައުމުން ރަސޫލާގެ ރަސޫލުކަން ޔަޤީންކުރުމަށް ތައުރާތު އެބައިމީހުންނަށް ބެލޭނެއެވެ. ޤުރުއާނުގައި “الجودي” ބޭނުންކޮށްފައިވާ ސަބަބަކީ އެއީ ކަމުގައިވެސް ވެދާނެއެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި މާތް ﷲ އެވެ. ވުމާއިއެކު نوح ގެފާނުގެ ނައުކޮޅު ބީހިފައވަނީ “ކޫޑީޑަގީ” އަކަށް ނުވަތަ “އަގްރީޑަގީ” އަކަށް ނޫނެވެ. ފަހަރެއްގައި Ararat އާއި Ataroth އަކީ އެއްތަނެއްކަމުގައި ވެދާނެއެވެ.
نوح ގެފާނުގެ ނައުކޮޅު އެރިކަމަށް ލަފާކުރެވޭ ހިސާބު
Judean Mountains (ޖޫޑިއަން މައުންޓެއިންސް) އަށް ގްރީކް ބަހުން ކިޔަނީ “ޖޫދިއަން މޮދާއިސް” އެވެ.
Judea އަށް ލެޓިނުން ކިޔަނީ ޖޫދަޔާ އެވެ.
نوح ގެފާނުގެ ނައުކޮޅު ދެގޮތަށް މިފަރުބަދައަށް އަރައިދާނެއެވެ. އެއްގޮތަކީ ޠޫފާނުގެ ހާދިސާތަށް ޖޯޑަން ވެލީގައި ހިނގުމެވެ. މިހެންވެއްޖެނަ ޑެޑްސީ އޮންނަ ފަރާތުން ފަރުބަދައަށް ބީހުމެވެ. ނަމަވެސް ބިޔަރާޅުތަކެއް އެތަނަކު ނުއުފެދޭނެއެވެ. ދެވަނަގޮތަކީ نوح ގެފާނުގެ ތޫފާން މެޑިޓެރެނިއަންގެ އައްސޭރިފަށުގެ ތަނެއްގައި ހިނގުމެވެ. އަދި نوح ގެފާނުގެ ނައުކޮޅު އޮޔާއި އެކު ގަދަކަނޑުގެ ބޮޑެތިރާޅުތަކުތެރޭގައި އައިސް ބިޔަރާޅަކާއެކު އެނައުކޮޅާއި އޭގައި ތިބިމީހުންނަށް ރައްކާތެރިކަން ލިބޭނެގޮތަށް ކުރިންދެންނެވި ސަރަހައްދަށް ބީހުމެވެ.
وَقَالَ ارْكَبُوا فِيهَا بِسْمِ اللَّـهِ مَجْرَاهَا وَمُرْسَاهَا ۚ إِنَّ رَبِّي لَغَفُورٌ رَّحِيمٌ ﴿٤١﴾
އަދި އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން އެ ނާކޮޅަށް އަރާށެވެ! އެ ނާކޮޅު ދުވުމާއި، ބަނދަރުކުރުންވަނީ، اللَّه ގެ اسم ފުޅުންނެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ (ޤުރުއާން 11:41).