2.0 نوح ގެފާނުގެ ނައުކޮޅު ބީހުނުކަމަށް އަދާއި ހަމަޔަށް ބަލަމުން އައިސްފައިވަނީ ރަގަޅު ފަރުބަދަތަކެއް ނޫން  

ކްރިސްޗިއަނުން ބުނާގޮތުން نوح ގެފާނުގެ ނައުކޮޅު ބީހުނީ “އަރަރާޓް (ލެޓިނުން “އަރަރާތް)” ފަރުބަދައަށެވެ (Gen. 8. 4). މިއީ ތުރުކީގެ އެންމެ އިރުމަތީ ފަރާތު، އާމީނިޔާގައި އަދި އީރާނުގެ ސަރަހައްދީ ރޮނގު ކައިރީގައި ހުންނަ ތުރުކީ ބަހުން ކިޔާ “އަގްރީޑަގީ” ފަރުބަދައެވެ. މިފަރުބަދައިގެ އެންމެ އުސްތަން ކަނޑަށްވުރެ 5137 މީޓަރު އުސް އެވެ. އަދި މިތަނަކީވެސް ތުރުކީގެ އެތެރޭގެ ފަރުބަދައެކެެވެ. نوح ގެފާނުގެ ނައުކޮޅު ހޯދުމަށްޓަކައި މިތަނަށް ގިނަ އެކްސްޕެޑިޝަންތަކެއް (ދިރާސާ ދަތުރުތަކެއް) ގޮސްފައިވެއެވެ. ޖެނެސިސް ގައިވާގޮތުން “މައުންޓެއިންސް އޮފް އަރަރާޓް” އަކީ ސަރަހައްދަކަށް ނިސްބަތްވާ ފަރުބަދައެއްކަން އެނގެއެވެ. ބުނެވޭގޮތުގައި އާމީނިޔާގެ އުސްބިމުގައި 6 ބީ.ސީ. އާއި 9 ބީ.ސީ. އާއި ދެމެދު އުރަޓޫ (Uraratu) ކިޔާ ރަސްކަމެއް އޮތެވެ. ޖަރުމަނުގެ އޮރިއަންޓަލިސްޓް އަދި ބައިބަލް ކްރިޓިކް، ވެލްހަމް ޖެސީނިއަސް، “އަރަރާތް” އައިސްފައިވަނީ ސާންސްކްރިތް ބަސް “އަރުޖަން ވަރުތާ” އިން ކަމުގައި އާއި އަދި އެބަހުގެ މާނަޔަކީ “ހޯލީ ލޭންޑް (މާތް ބިން) ކަމުގައި އަޑު ފެތުރުއްވިއެވެ. އަދި ބައެއް އާމީނިޔާގެ ތާރީޚީ ޢިލްމުވެރިންވެސް “އަރަރާތް” އައިސްފައިވަނީ އާމީނިޔާގެ ހައިލޭންޑްގެ އަހުލުވެރިންގެ އަދި އާމީނިޔާގެ ބަހަކުން ކަމުގައި ވިދާޅުވާން ފެއްްޓެވިއެވެ. ޔޫރަޕްގައި ތަންކޮޅެއް ކުރިން ފެށިގެން މިފަރުބަދައަށް އަރަރާތު ކިޔަމުން ދިޔަޔަސް 15 ވަނަ ޤަރުނާއި ހަމަޔަށް އައިއިރުވެސް އާމީނިޔާ މީހުން މިތަނަށް ކިޔަނީ “މާސިސް” އެވެ. އަދި މިހާރުވެސް އެތަނަށް ކިޔަނީ ތުރުކީ ބަހުން “ބޫޔޫކް އަގްރީޑަގީ” އެވެ. ހަޤީޤަތަކީ މައުންޓް އަރަރާޓް އަކީ ބައިބަލްއާއި ގުޅުވައިގެން ހަދާފައިނަމެކެވެ. އަދި މިހާރު ބައިބަލްގެ ޑިކްޝަނަރީގައި ވެސް “އަރަރާޓް” ޖަހައިފިނަ އަންނަނީ އާމީނިޔާގައި ހުންނަ ފަރުބަދަތަކެއް ކަމުގައެވެ. ދެން ބަލާލާނީ نوح ގެފާނުގެ ނައުކޮޅު ހޯދަން ކޮށްފައިވާ މަސައްކަތުގެ މައްޗަށެވެ.

 

މައުންޓް އަރަރާޓް ކަމަށް ބުނާ އަގްރީޑަގީ ފަރުބަދަ. ނައުކޮޅު ބީހުނުކަމަށް ބުނަނީ އެންމެ އުސްތަނަށް. ސޯސް- Wikimedia Commons

1876 ގައި އޮކްސްފޯޑުގެ ޕްރޮފެސާ އޮފް ސިވިލްލޯ، ޖޭމްސް ބްރައިސް މި ފަރުބަދައަށް އަރުއްވައި 4 ފޫޓު ދިގު އަދި 5 އިންޗި ފުޅާ ވަކަރުގަނޑެއް ހޯއްދެވިއެވެ. އަދި އެއީ ނައުކޮޅުގެ ބައެއްކަމުގައި ބެއްލެވިއެވެ. ނަމަވެސް ފަހުން ހޯއްދެވި ހޯއްދެވުމުން އެނގިވަޑައިގަތީ އެއީ ނައުކޮޅުގެ އެއްޗެއް ނޫންކަމުގައެވެ. 2007 ގައި ތުރުކީ އަދި ހޮންކޮންގްގެ ޖަމާއަތަކާއި “ނޯއާޒް އާކް މިނިސްޓްރީ އިންޓާނޭޝަނަލް” އާއި ގުޅިގެން “އަރަރާޓް” ފަރުބަދައިގެ ސަރަހައްދުގައި ހުރި ހޮހޮޅަ އަކުން ލަކުޑި ބިއްގަނޑެއް ފެނުނުކަމާއި ކާބަންޑޭޓިން ހެދިއިރު 4800 އަހަރުގެ ލަކުޑިކަން ޚަބަރު ފެތުރިގެން ދިޔައެވެ. މިއީ އެބޭފުޅުން ކުޅުއްވާފައިވާ ފިލްމެއްކަން ފަހުންވަނީ އެނގިފައެވެ. ތުރުރީގެ ކޫޑީޑަގީ ފަރުބަދައާއި  18 ވަރަކަށް މޭލުދުރުގައި ހުންނަ “މައުންޓް ތެންދޫރެކް” ގައި ގުދުރަތީގޮތުން ހިލައިން އުފެދިފައިވާ ބޯޓެއްގެ ސިފަޖަހާ ތަނެއްވެއެވެ. އާކިޔޮލޮޖިކަލް ރިސާޗް ފައުންޑޭޝަންގެ ފަރާތުން 1960 ގައި މިސައިޓް ސާވޭ ކުރެއްވުމަށްފަހު އާކިޔޮލޮޖިކަލް ނިޝާނެއް ނެތްކަން ނިންމަވާފައިވަނިކޮށް 1985 ގައި އަލުން ޔައެޓް، ޑޭވިޑް ފެސޯލްޑް ގެ ޓީމުން މިތަން ބައްލަވައި، ބިމުއަޑީގައި ނައުކޮޅުގެ އޮނިގަނޑުގެ ނިޝާން ވާކަމަށް ވިދާޅުވިއެވެ. ނަމަވެސް 1994 ގައި އޮސްޓްރޭލިޔާގެ ޖިޔޮލޮޖިސްޓް، “އިއާން ޕްލައިމާ” އާއިއެކު އެތަނަށް ކުރެއްވި ޒިޔާރަތުގައި އެބޭފުޅާ ނިންމަވާފައިވަނީ އެއީ نوح ގެފާނުގެ ނައުކޮޅު ނޫންކަމެވެ.

ބޯޓެއްގެ ސިފަޖާ ޤުދުރަތީގޮތުން އުފެދިފައިވާ ފަރުބަދައިގެ ބައި -ސޯސް: Wikimedia Commons

އެންމެފުރަތަމަ ޔަހޫދީންނާއި ކްރިސްޗިއަނުން ހީކުރަމުންގޮސްފައިވަނީ ޖިދުލަތު ކޯރާއިވީފަރާތުގައި ހުންނަ ތުރުކީ ބަހުން “ކޫޑީޑަގީ” ކިޔާ ފަރުބަދައަކީ “Ararat” ކަމުގައެވެ. ބައިބަލްގެ އަރަމައިކް އަދި ސިީރިއަކް ތަރުޖަމާތަކުގައި “ޤަރުދޫ” ގެ ފަރުބަދަތައް ކަމުގައި ލިޔެފައިވެއެވެ. އަދި ލެޓިނުން “ގޯޑިޔާއޭ” ވެސް ލިޔެފައިވެއެވެ. ނެސްޓޯރިއަން ކްރިސްޗިއަނުން މިފަރުބަދަމަތީގައި މޮނާސްޓްރީތަކެއް ހެދިކަމުގައިވެއެވެ. އަދި 7 ވަނަ ޤަރުނުގައި އިސްލާމްދީން މިހިސާބަށް އައުމަށްފަހު މިފަރުބަދަ އަކީ “ޖޫދީ” ކަމަށް ދެކި މިފަރުބަދައިގެ މަތީގައި މުސްލިމުން މިސްކިތެއްވެސް ބިނާކުރިއެވެ. ބުނެވޭގޮތުގައި ކްރިސްޗިއަނުންނާއި ޔަހޫދީންނާއި އަދި މުސްލިމުންނާއި ބައެއް އެހެނިހެން ދީންތަކުގެ މީސްމީހުންވެސް ކޮންމެ އަހަރަކު މިތަނަށް ޒިޔާރަތްކޮށް އުޅުނު އެވެ. މިތަނުގެ މުހިއްމުކަން ފަނޑުވެގެން ގޮސްފައިވަނީ ކްރިސްޗިއަނުންނާއި ޔަހޫދީންގެ ސަމާލުކަން “އަގްރީޑަގީ” އަށް ބަދަލުވުމުންނެވެ. މިފަރުބަދައާއި މެދު މުސްލިމު ރެކޯޑެއް އޮތީވެސް 10 ވަނަ ޤަރުނުގެ މުސްލިމު ޢިލްމުވެރިންގެ ފޮތްތަކުގައެވެ. އެ ޢިލްމުވެރިންނަކީ المسعودي، إبن حَوقَل އަދި ابوالفضل بن عمید އެވެ. މިބޭފުޅުން މިފަރުބަދައަކީ “ޖޫދީ” ފަރުބަދަ ކަމުގައި ލިއުއްވާފައިވެއެވެ. މިބޭފުޅުންނަށް އެދުވަސްވަރު މައުލޫމާތުލިބޭނީ އެހިސާބުގަނޑުގައި ދިރިއުޅުނު މީހުންގެ ފަރާތުންނެވެ. އެއްވެސް ބޭފުޅަކު އެފަރުބަދައަށް އަރުއްވާ ބައްލަވާފައިވާކަން އެނގޭކަށް ނެތެވެ. މިފަރުބަދައަކީ ތުރުކީގެ އެތެރޭގައި ހުރި ކަނޑަށްވުރެ 2089 މީޓަރު އުސް ފަރުބަދައެކެވެ. މިއީ ޖޫދީ ފަރުބަދަކަމަށް އަޅުގަނޑަށް ޤަބޫލުކުރަން ދައްޗެވެ. ސަބަބަކީ މިސަރަހައްދު ފްލަޑްވެގެން ބިޔަރާޅު ނަގާނެކަމަށް ނުބެލެވޭތީއެވެ. 

ޖޫދީ ފަރުބަދަކަމަށް ބައެއް މީހުން ކިޔާ ކޫޑީޑަގީ ފަރުބަދަ- ސޯސް: Wikimedia Commons