1.0 ފެށުން
نوح ގެފާނުގެ ޤައުމުގެ މީހުންނަކީ ބުދަށް އަޅުކަން ކުރަމުންދިޔަ ބައެކެވެ. މިބައިމީހުން އަޅުކަންކުރީ يَغُوثَ، ود، يعوق, سواع އަދި نسرފަދަ ބުދުތަކަށެވެ (ޤުރުއާން 71:23). نوح ގެފާނުން ފޮނުއްވެވީ އެކަލޭގެފާނުންގެ ޤައުމުގެމީހުންގެ ޤާތަށް ރަސޫލުކަމާއިގެންނެވެ. އެކަލޭގެފާނުގެ ޤައުމުގެ މީހުންނާއި ހިއްސާކުރެއްވީ توحيد ގެ މާތްމެސެޖެވެ. އެއީ އެއްކައުވަންތަ ﷲ އަށް އަޅުކަންކުރުމަށާއި އެނޫންފަރާތްތަކަށް އަޅުކަންނުކުރުމަށެވެ. އަދި نوح ގެފާނަށް ތަބާވީ މީހުން ވަރަށް މަދުނަމަވެސް ކެތްތެރިކަމާއި އޯގާތެރިކަމާއެކު ދީނަށް ގޮވާލެއްވުމުގައި ދިގުމުއްދަތަކަށް ދެމިހުންނެވިއެވެ. ޤުރުއާނުގައި ބަޔާންކުރައްވާފައިވަނީ އެކަލޭގެފާނުގެ ނަސޭހަތުގެ އަޑުނޭހުމަށް އެބައިމީހުން ކަންފަތްތައް ބަނދުކުރާކަމަށާއި ނުބަލަން ފޭރާމުން ލޯތައް ނިވާކުރާކަމަށެވެ (ޤުރުއާން 7-71:5). ދުވަހަކަށްވުރެ ދުވަހެއް نوح ގެފާނުގެ ޤައުމުގެ މީހުންގެ މަޤުފުރެދުން އިތުރުވަމުން ދިޔުމާއިއެކު ﷲ އެބައިމީހުންގެ މައްޗަށް ވަރުގަދަ ޠޫފާނެއް ފޮނުއްވިއެވެ. މިޠޫފާނުގައި އެކަލޭގެފާނުގެ ނައުކޮޅަށްއެރި، އެކަލޭގެފާނަށް ތަބާވީ މަދު މީސްކޮޅު ފިޔަވާ އެކަލޭގެފާނުގެ ޤައުމުގެ އެންމެން غرق ކުރެއްވިއެވެ. އަދި މިބިރުވެރި ޠޫފާނުގެ ވާހަކަ އެތައްހާސް އަހަރަކަށް އިންސާނުންގެތެރޭ ދެކޭވޭގޮތައް، ފަހުގެ އުއްމަތްތަކަށް ފިލާވަޅެއްކަމުގައި ﷲ ލެއްވިއެވެ.
މި މަޒްމޫނުގެ މަޤްސަދަކީ ޤުރުއާން އާއި އެހެންނިހެން ފޮތްތަކުގެ އަލީގައި نوح ގެފާނުގެ ޠޫފާނުގެ ހާދިސާ ހިނގާފައިވަނީ ކޮންހިސާބެއްގައިތޯ އާއި އަދި ނައުކޮޅު ބީހުނީ ކިހާހިސާބެއްގައި ހުރި ފަރުބަދައަކަށްތޯ ލަފާކުރުމެވެ. އަދި نوح ފާނުގެ ޠޫފާނަކީ “ޤުރުއާނުގައި ވާގޮތަށް” ހިނގާފައިވާ ހާދިސާއެއްކަން ޢިލްމީގޮތުން ދައްކާދިނުމެވެ. އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެން ގިނަ މުސްލިމުން نوح ގެފާނުގެ ޠޫފާނުގެ ވާހަކަތައް ދައްކާއިރު ބައިބަލްގައިވާ ވާހަކަތަކަކާއި ޤުރުއާނުގައިވާ ވާހަކަތައް މަސްއުނިކޮށްގެން ކިޔަމެވެ. އަޅުގަނޑު ޤަބޫލުކުރާގޮތުގައި މިވާހަކަތަކުގެ ހަޤީގަތް ދިރާސާ އަދި ލަފާކުރާ މުސްލިމުނަށް ލިބެންއޮތް އެންމެ ސައްޚަ ފޮތަކީ ޤުރުއާނެވެ. މިފަހަކަށް އައިސް نوح ގެފާނުގެ ތޫފާނުގެ ވާހަކަތައް ބައިބަލްގައި އައިސްފާވާގޮތުން އެއީ ވެދާނެކަމެއްކަމަށް ޤަބޫލުނުކުރާ ބަޔަކުވެސް އުޅެއެވެ. އެހެންނަމަވެސް މުއުޖިޒާތަކީ އެކިއެކި ރަސޫލުންނަށް ﷲ ދެއްވިއެއްޗެއްކަންވެސް އަޅުގަނޑުމެން ދަންނަން ޖެހެއެވެ. ކާއިނާތުގައި ﷲ ލައްވަވާފައިވާ ހުރިހާ ކަންކަމަކީ މާއްދީ ތަޖުރިބާތަކުން ޖަވާބުދެވޭނެ ކަންކަން ނޫންކަންވެސް އެނގެންޖެހެއެވެ.
نوح ގެފާނުގެ ޠޫފާނަކީ ވަރަށްކުރީގައި ހިނގި ހާދިސާއަކަށް ވުމާއެކު އަދި އަދާއިހަމަޔަށް ދުނިޔޭގެ އެކި ސަރަހައްދުތަކުން ގިނަ އާކިޔަލޮޖިކަލް ސައިޓުތައް ފެނިފައިވުމާއިއެކު، މިހާދިސާއާއި ގުޅުންހުރީ ކޮންސައިޓެއްކަމުގައި ބުނަންނޭގުނަސް މިހާދިސާ ހިގުމުގެ ފުރުސަތު ބޮޑީ ކޮންހިސާބެއްގައި ކަން ލަފާކުރެވިދާނެކަމަށް އަޅުގަނޑު ޤަބޫލުކުރަމެވެ. އެހެންކަމާއެކު އަޅުގަނޑު ބޭނުންކޮށްފައިވާ އުސޫލަކީ ފުރަތަމަ نوح ގެފާނުގެ ނައުކޮޅު އެރިފަރުބަދަ ލަފާކުރުމެވެ. ދެވަނައަށް އެ ހިސާބުގަނޑުގައި نوح ގެފާނާއި ގުޅުން ހުރި ތަނެއް ވެދާނެތޯ ބެލުމެވެ. ތިންވަނައަށް އެހާދިސާ ހިނގި ދުވަސްވަރެއް ދެނެގަތުމެވެ. ހަތަރުވަނައަށް އެދުވަސްވަރާއިގުޅޭ އާކިޔަލޮޖިކަލް ސައިޓެއް ނުވަތަ ސައިޓުތަކެއް އެހިސާބުގަނޑުގައި ވޭތޯބެލުމެވެ. އަދި ފަސްވަނައަށް ޤުރުއާނުގައި ބަޔާންކޮށްފައިވާ ގޮތަށް ޠޫފާނުގެ ކަންކަން ވާނެކަމުގެ ހެކި ދައްކާދިނުމެވެ.