6.0 نوح ގެފާނުގެ ޠޫފާނަކީ މުޅިދުނިޔެއަށް އައި އެއްޗެއްތަ؟ ނޫނީ ސަރަހައްދީ އެއްޗެއްތަ؟
نوح ގެފާނުގެ ޠޫފާނަކީ މުޅިދުނިޔެއަށް އައި ޠޫފާނެއްކަމަށް ޖެނެސިސްގައި އޮތުމުން ގިނަ ކްރިސްޗިއަނުން ޤަބޫލުކުރަނީ އެގޮތަށެވެ (ޖެނެސިސް 7:18-24). ޖެނެސިސްގައި ބުނާގޮތަށް ކަނޑުގެ ލޮނުގަނޑުގެ ލެވެލް މަތިވާނެ މިންވަރަށް ބިމުގެ އަޑީގައިއާއި ޖައްވުގައި ފެންނެތްކަމުގައި ޖިއޮލޮޖިސްޓުން ބުނެއެވެ. ކަނޑުގެ ލޮނުގަނޑު ބޮޑުވިކަމުގެ ހެއްކަކަށް ކްރިސްޗިއަން ދީނުގެ ޢިލްމުވެރިން ވިދާޅުވަނީ ބައެއް ފަރުބަދަތަކުގެ މަތިން ބޮލިފަދަތަކެތި ފެންނަފެނުމެވެ. އެހެންނަމަވެސް ދުނިޔޭގައި މިހާރު މިހިރަ ފަރުބަދަތަކަކީ ކޮންޓިނެންޓަލް ޕްލޭޓް ޖެހިގެންނާއި އެޕްލޭޓްތަކަށް އަންނަ އެހެނިހެން ބަދަލުތަކުން ދިގުމުއްދަތަކުން އުފެދިފައިވާ ފަރުބަދަތައް ކަމުގައިވާތީ ކަނޑުގެ އަޑީގައި ހުރިބައެއް ވައިގެތެރެއަށް އުސްވެގެން އަންނައިރު ބޮލިފަދަތަކެތި ފެންނަފެނުމަކީ ކަނޑުގެ ލޮނުގަނޑު އުސްވިކަމުގެ ހެއްކެއް ނޫނެވެ. ވީޑިޔޯ ސެކްޝަންގައި ހިމާލިޔާ ފަރުބަދަ އުފެދުނު ގޮތުގެ އެނިމޭޝަންއެއް ފެނިވަޑައިގަންނަވާނެއެވެ ޑ.ރ. ޝާބިރު ޢަލީ (2013)، “ލެޓްދަ ޤްރުއާން ސްޕީކްސް” ޔޫޓިއުބްޗެނަލް ގައި ވިދާޅުވެފަވަނީ نوح ގެފާނުގެ ޠޫފާނަކީ ސަރަހައްދީ އެއްޗެއްކަމަށް ފެންނަކަމުގައެވެ. ވީޑިއޯ ބައްލަވަން މި ލިންކަށް ފިއްތަވާ ލައްވާށެވެ.
قِيلَ يَا نُوحُ اهْبِطْ بِسَلَامٍ مِّنَّا وَبَرَكَاتٍ عَلَيْكَ وَعَلَىٰ أُمَمٍ مِّمَّن مَّعَكَ ۚ وَأُمَمٌ سَنُمَتِّعُهُمْ ثُمَّ يَمَسُّهُم مِّنَّا عَذَابٌ أَلِيمٌ ﴿٤٨﴾
އެންގެވިއެވެ. އޭ نوح ގެފާނެވެ! ތިމަންރަސްކަލާނގެ حضرة ން أمان ކަމަކާއެކު، އަދި ކަލޭގެފާނާއި، ކަލޭގެފާނުގެ އަރިހުގައިވާ މީހުންގެ ތެރެއިން އުފެދޭ أمّة ތަކަށް بركات އާއެކު (ނާކޮޅުން) ފައިބައިވަޑައިގަންނަވާށެވެ! އަދި أمّة ތަކެއްވެއެވެ. ތިމަންރަސްކަލާނގެ އެ أمّة ތަކަށް (ދުނިޔޭގައި) އުފަލާއި، އަރާމު ދެއްވާހުށީމެވެ. ދެން ތިމަންރަސްކަލާނގެ حضرة ން އެއުރެންނަށް ވޭންދެނިވި عذاب އެއް އައިސްޖެހޭނެތެވެ (ޤުރުއާން 11:48).
ކީރިތި ޤުރުއާންގެ سورة هود ގެ 48 ވަނަ އާޔަތުން ދިރިހުރުގެ ފުރުސަތު ލިބިފައިވާ، نوح ގެފާނުގެ ޤައުމުގެ މީހުން ނޫންބަޔަކު ތިބިކަމުގައިދޭހަވެއެވެ. އެހެންކަމުގައިވާނަމަ ނޫހުގެ ފާނުންގެ ތޫފާނަކީ ސަރަހައްދީ އެއްޗެކެވެ. (މިރަކަލް އޮފް ޤްރުއާން, .n.d). އަދި އެކަމަށް ބާރުލިބޭ އަނެއް އާޔަތަކީ سورة الفرقان ގެ 37 ވަނަ އާޔަތެވެ. މި އާޔަތުން غرق ކުރެއްވީ نوح ގެފާނުގެ ޤައުމުގެ މީހުންކަން ވަރަށް ސާފުކޮށް އެނގެއެވެ. އަދި އެއީ މުޅިއިންސާނިއްތަށް އަދި މުޅިދުނިޔެއަށް އެވަޤުތު އައި ތޫފާނެއް ނޫންކަން ސާފުވެއެވެ.
وَقَوْمَ نُوحٍ لَّمَّا كَذَّبُوا الرُّسُلَ أَغْرَقْنَاهُمْ وَجَعَلْنَاهُمْ لِلنَّاسِ آيَةً ۖ وَأَعْتَدْنَا لِلظَّالِمِينَ عَذَابًا أَلِيمًا ﴿٣٧﴾
އަދި نوح ގެފާނުގެ قوم ގެމީހުން، رسول ން ދޮގުކުޅަހިނދު، ތިމަންރަސްކަލާނގެ އެއުރެން غرق ކުރެއްވީމެވެ. އަދި މީސްތަކުންނަށް عبرة އެއްކަމުގައި ތިމަންރަސްކަލާނގެ އެއުރެން ލެއްވީމެވެ. އަދި އަނިޔާވެރިންނަށްޓަކައި، ވޭންދެނިވި عذاب ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވީމެވެ. (ޤުރުއާން 25:37).
7.0 نوح ގެފާނު ނައުކޮޅު ބެއްނެވުން
ކީރިތި ޤުރުއާނުން نوح ގެފާނުގެ ނައުކޮޅު ބެންނެވުމުގައި މޮހޮރު (ނެއިލް) އާއި ލަކުޑި ބޭނުންފުޅުކުރެއްވިކަން އެނގެއެވެ. މާސިންގެ އާކިޔޮލޮޖިކަލް ސައިޓުން ލޯއިން ހަދާފައިވާ ފުރޯތިލަ އާއި ޗިސްލް ފެނުނު ވާހަކަ ހިއްސާ ކުރެވިއްޖެއެވެ. މިމަޒްމޫނުގައި نوح ގެފާނުގެ ތޫފާން އައިކަމަށް އަޅުގަނޑު ފާހަގަކޮށްފައިވާ ދުވަސްވަރަކީ ލޯއިން ތަކެތި ހެދި ދުވަސްވަރެއްކަން މާސިންގެ ސައިޓުން އެނގެއެވެ. ނަމަވެސް ބައެއް އޮންލައިން ސޯސްތަކުގައި ލިޔެފައި ހުންނަނީ “ލޯގެ ޒަމާނަކީ” މާފަހުގެ ތާރީޚެއްކަމުގައެވެ، ކޮޕާ އޭޖަކީ ބްރޯންޒް އޭޖަށްވުރެ ކުރީގެ ދުވަސްވަރެކެވެ. ހަލަފް ކަލްޗާގެ ސާމާނު ހުރި ލޭޔަރުން މިތަކެތި ފެނުނު ކަމުގައިވާނަމަ އެދުވަސްވަރު ލޯވިރުވައިގެން ތަކެތި ހަދަން އެބައި މީހުންނަށް އެނގެއެވެ. ވުމާއެކު ލޯ މޮހޮރު ނުވަތަ އިލި (ޓްރީ ނެއިލްސް) ނޫހުގެފާނު ބޭނުންފުޅު ކުރެއްވިކަމަށް ބެލެވެއެވެ.
وَيَصْنَعُ الْفُلْكَ وَكُلَّمَا مَرَّ عَلَيْهِ مَلَأٌ مِّن قَوْمِهِ سَخِرُوا مِنْهُ ۚ قَالَ إِن تَسْخَرُوا مِنَّا فَإِنَّا نَسْخَرُ مِنكُمْ كَمَا تَسْخَرُونَ ﴿٣٨﴾
އަދި އެކަލޭގެފާނު ނާކޮޅު ބަންނަވަމުން ގެންދެވިއެވެ. އެކަލޭގެފާނުގެ قوم ގެމީހުންކުރެ، ބޮޑުންގެ ބަޔަކު އެކަލޭގެފާނުގެ އަރިހުންލާފައި ހިނގައްޖެ ކޮންމެ ފަހަރަކު، އެކަލޭގެފާނަށް މަލާމާތްކުރެތެވެ. އެކަލޭގެފާނު ވިދާޅުވެތެވެ. ތިޔަބައިމީހުން ތިމަންކަލޭގެފާނަށް މަލާމާތްކުރާނަމަ، ތިޔަބައިމީހުން މަލާމާތްކުރާ ފަދައިން، ހަމަކަށަވަރުން، ތިމަންމެންވެސް ތިޔަބައިމީހުންނަށް މަލާމާތް ކުރާނަމެވެ (ޤުރުއާން، 11:38).
އިލިބޭނުންކޮށްގެން ބަންނަމުންދާ އުޅަނދެއް
وَحَمَلْنَاهُ عَلَىٰ ذَاتِ أَلْوَاحٍ وَدُسُرٍ ﴿١٣﴾
އަދި ފިލާތަކަކާއި، މޮހޮރުތަކަކުން ހަދާފައިވާ ނަވެއްގައި، ތިމަންރަސްކަލާނގެ އެކަލޭގެފާނު އުފުއްލެވީމެވެ (ޤުރުއާން 54:13).
ޖެނެސިސްގެ ޗެޕްޓާރ 4 ގެ 22 ވަނަ އާޔަތުން އެނގެނީ نوح ގެފާނުގެ ޒަމާނުގައި ދަނގަޑާއި ރަންވަންލޯ އިން ތަކެތި ހަދާއުޅޭކަމުގައެވެ (ޖެނެސިސް 4:22). ނަމަވެސް ރަންވަންލޯ އާއި ދަނގަޑުގެ ތަކެތި އެތަނަކުން ނުފެނެއެވެ. އަދި މިދެ މައުދަނުން އިންސާނުން ތަކެތި ހެދީ ލޯ ބޭނުންކުރަމުން ގޮހެވެ. نوح ގެފާނުގެ ނައުކޮޅުގެ ބޮޑުމިނެއް ކީރިތި ޤުރުއާންގައި ނެތެވެ. ޖެނެސިސްގެ 6 ވަނަ ޗެޕްޓާރ ގެ 14 ވަނަ އާޔަތުން 16 ވަނަ އާޔަތުގައިވަނީ ނައުކޮޅުގެ ބޮޑުމިނަކީ 300 ކިއުބިޓް ދިގު (450 ފޫޓު)، 50 ކިއުބިޓް ފުޅާ (75 ފޫޓު) އަދި 30 ކިއުބިޓް އުސް (45 ފޫޓު) ކަމުގައެވެ. ކިއުބިޓްއަކީ މުށެކެވެ. އެއީ ގާތްގަޑަކަށް 18 އިންޗިއެވެ. ކިއުބިޓަކީ އަތުގެ އޮޅަބޮށިކޮޅުން ފެށިގެން ގޮސް މެދު އިނގިލީގެ ކުރިއާއި ހަމަޔަށް ދިގުމިނެވެ. ވީމާ އެކިމީހުންގެ ކިއުބިޓް ތަފާތުވެސް ވާނެއެވެ. ޖެނެސިސްގައިވާގޮތުން ނޫހުގެފާނުންގެ ނައުކޮޅަކީ ޓައިޓޭނިކްގެ ދިގުމިނުގެ ދެބައިކުޅަ އެއްބަޔަށްވުރެ 50 ފޫޓު ދިގު އެއްޗެކެވެ. (ޖެނެސިސް 6: 14-16)- NIV. ނޫހުގެފާނާއި އެކަލޭގެ ފާނަށް ތަބާވީ މަދުމީސްކޮޅާއި ލައިވްސްޓޮކް އަރުވާކަށް މިވަރުގެ ބޮޑު އުޅަނދެއް ބޭނުންވާނެކަމަށް ނުބެލެވެއެވެ.
މިޒަމާނުގައި އަޅުގަނޑުމެން ފިލާ ކީހާގޮތަށް ނުކީހުނަސް ލަކުޑިގަނޑުގަނޑު އަބުޖަހައިގެން ފިލާތަތަކަކަށް ފަޅިކުރެވިދާނެއެވެ. ވުމާއި އެކު ﷲ ނޫހުގެފާނަށް ނައުކޮޅު ބަންނާނެގޮތް އެނގެވުމުން އެޒަމާނުގައި ލިބެންހުރި އާލާތްތައް ބޭނުންފުޅު ކުރައްވައިގެން އެކަން ނުކުރެވެންވީ ސަބަބެއް ނެތެވެ. ނައުކޮޅު ބަންނަން ނަގާ މުއްދަތު ބިނާވާނީ އެނައުކޮޅުގެ ބޮޑުމިނާ މަސައްކަތްކުރަން ބޭނުންވާ އާލާތުގެ ފެންވަރާއި މަސައްކަތުގައި ބައިވެރިވި މީހުންގެ އަދަދުންނެވެ.
ނިއޮތޮލިކް މީހުން ގެންގުޅުނު ހިލައާއި ލަކުޑީގެ ތޮރުފާ އެއްޗެއް. (ގޮރެލިކް 1998)