5.0 نوح ގެފާނު އަލުން ވަޒަންވެރިވުމާއި އެކަލޭގެފާނުންގެ ޤައުމުގެ މީހުން ހިޖުރަކުރުން
نوح ގެފާނުގެ ނައުކޮޅު އެރިކަމަށް އަޅުގަނޑު ބަލާފައިވަނީ “ޖޫޑިޔަން ކޯސްޓަލް ޕްލޭން” ށެވެ. ޖޫޑިޔަން މައުންޓެއިންސް ތަކާއި ކޯސްޓަލް ޕްލޭނާއި ދޭތެރޭ އޮންނަ ބޮޑު ސަރަހައްދަށް ކިޔަނީ “ޖޫޑިޔަން ޕްލޭން” (ޖޫޑިޔަން ފުޓް ހިލްސް) އެވެ. މިއީ ޖޫޑިޔަން މައުންޓެެއިން ތިރިވަމުންގޮސް މެޑިޓެރެނިއަންގެ އައްސޭރިއާއި ދިމާއަށް ގޮސްފައިވާ ތަނެވެ. މިސަރަހައްދަށް ކިޔަނީ “ޝަފްލާ” އެވެ. ބުނެވޭގޮތުގައި ޖޫދާ (Juda) ގެ ރަސްކަމާއި އިހުގެ ފަލަސްތީން މީހުން ދިރިއުޅުނީ ޝަފްލާގައެެވެ. ޤުރުއާނުގައި الجودي އައިސްފައިވަނީ “ޖޫޑިޔަން މައުންޓެއިންސް” ތަކާއި “ޝަފްލާ” ގެ ސަރަހައްދަށް ނިސްބަތްކޮށް ކަމަށް ބެލެވެއެވެ. މިއީ ވަރަށް ބިންގަނޑުރަގަޅު ސަރަހައްދެކެވެ. މިއަދުވެސް އިޒްރޭލޭލުގެ ގިނަ ދަނޑުބިންތައް މިތަނުގައިވެއެވެ. މިސަރައްދަކީ އިޒްރޭލްގެ އެންމެ ބޯކޮށް ވާރޭވެހޭ އެއް ސަރަހައްދުވެސްމެއެވެ. ޠޫފާނުގައި ވެހުނު ވާރޭގެ ސަބަބުންނާއި ސީރިޔާ، ޖޯޑަން އަދި އިރުދެކުނު ތުރުކީގެ ފަރުބަދަތަކުން އައި ފެނުގެ ސަބަބުން ޖޫޑިޔަން މައުންޓެއިންސްގެ އަނެއްފަރާތުގައި އޮތް ޖޯޑަން ވެލީ ވެސް އޮންނާނީ ފެންބޮޑުވެފައި ކަމުގައި ބެލެވެއެވެ. ވުމާއިއެކު މިސަރަހައްދުން ފެން ހިނދެންދެން نوح ގެފާނު ނައުކޮޅުގައި ދިއުޅުއްވުމަކީ ކައިރިކަމެކެވެ. ފެން ހިނދުމަށްފަހު އެކަލޭގެފާނާއި އެކުގައި އައިމީހުންނާއި ގެނައި ގެރިބަކަރި ފަދަ ޖަނަވާރުތަކާއިއެކު ޖޫޑިޔަން ފުޓް ހިލްސް (ޝެފްލާ) ގައި ދިއުޅުއްވަން ފެއްޓެވުން ކައިރިއެވެ. އަނެއްގޮތަކީ ޖޫޑިއަން ހިލްސް (ނުވަތަ ޖޫޑިއަން މައުންޓެއިންސް) ގައި ދިރިއުޅުއްވަން ފެއްޓެވުމެވެ. ޖޫޑިއަން ހިލްސް އަކީ އިޒްރޭލުގެ މައިގަނޑު މޭބިސްކަދުރު ހައްދާ ސަރަހައްދެވެ. ބުނެވޭގޮތުގައި މިތަނުގެ ކައިރީގައި އޮންނަ ބަނދަރުމަތީ ސިޓީއެއްކަމުގައިވާ ޔައްފޯފް (يَافَا) އެންމެފުރަތަމަ ބިނާކުރީ نوح ގެފާނުގެ ދަރިކަލުން Yafet) Japhet) އެވެ. އެއީ ޠޫފާނުގެ ފަހުންނެވެ. ޖެނެސިސްގެ 5:32، 9:18 އަދި 10:1 އާޔަތްތަކުގައިވަނީ އެއީ ނޫހުގެފާނުންގެ ދަރިކަލެއްކަމުގައެވެ. نوح ގެފާނުގެ ދަރިދަރިކަލުންގެ ނަންތަކެއް ޤުރުއާނުގައި ބަޔާންކުރެވިފައި ނުވެއެވެ.
ޖޫޑިޔަން ފުޓް ހިލްސް. ދުރުން ފެންނަނީ ޖޫޑިޔަން މައުންޓެއިންސް: ސޯސް: wikimedia commons
ޖޯޑަންގެ އެންމެ ބިންގަނޑުރަގަޅު ސަރަހައްދަކީ ޖޯޑަން ވެލީ (غور الأردن ނުވަތަ ޖޯޑަން ވާދީ) އެވެ. މިތަން އޮންނަނީ އިޒްރޭލާއި ޖޯޑަން އާއި ދެމެދުގައެވެ. ޖޯޑަން ކޯރާއި، ބްލެކްސީ އާއި ސީ އޮފް ގެލިލީ އޮންނަނީ މިވާދީގައެވެ. މިތަނުގައި ތަފާތު ބާވަތްތަކުގެ ގަސްގަހާގެހި ހެދެއެވެ. އޭގެތެރޭ ޒައިތޫންޏާއި މެބިސް ކަދުރު ފަދަ މޭވާވެސް ހިމެނެއެވެ. ޖޯޑަން ކޯރަށް މައިގަނޑުގޮތެއްގައި ފެން އެޅެނީ ސީރިޔާގެ ފަރުބަދަތަކުންނެވެ. މިފެން ކަނޑުގެ ލެވެލްއަށްވުރެ 212 މީޓަރު ތިރި، ސީ އޮފް ގެލިލީއަށް އާދެއެވެ. އެއަށްފަހު އެފެން ޖަމާވަނީ 407 މީޓަރު އަޑި ބްލެކްސީއަށެވެ. ޖޯޑަންވެލީ، ދެކުނު ތުރުކީއިން ފެށިގެން ތިރިވަމުން އައިސް ސީރިއާ އެތެރެއިން، ލެބެނަން އެތެރެއިން އިޒްރޭލާއި ޖޯޑަން ތެރެއިން ބްލެކްސީއަށް ނިމިފައިވެއެވެ. ނޫހުގެފާނުންގެ ޤައުމުގެ ބައެއްމީހުން ފަރުބަދަތައް ހުރަސްކޮށް ގޮސް، ފަހުން މިތަންތަނުގައި ވަޒަންވެރިވުމަކީވެސް ވަރަށް އެކަށީގެންވާ ކަމެކެވެ.
ޖޯޑަންވެލީ -“ގޫގުލް އާރތުން” ނަގާފައި
وَقِيلَ يَا أَرْضُ ابْلَعِي مَاءَكِ وَيَا سَمَاءُ أَقْلِعِي وَغِيضَ الْمَاءُ وَقُضِيَ الْأَمْرُ وَاسْتَوَتْ عَلَى الْجُودِيِّ ۖ وَقِيلَ بُعْدًا لِّلْقَوْمِ الظَّالِمِينَ ﴿٤٤﴾
އަދި އެންގެވިއެވެ. އޭ ބިމާއެވެ! ތިޔަ ބިމުގެ ފެންގަނޑު ދިރުވައިލާށެވެ! އަދި އޭ އުޑާއެވެ! ވެހުން ހުއްޓައިލާށެވެ! ދެން ފެންގަނޑު ހިނދިއްޖެއެވެ. އަދި (އެއުރެން ހަލާކުވެދިއުމުގެ) ކަންތައްވެ ނިމިއްޖެއެވެ. އަދި جودىّ ފަރުބަދައިގެ މައްޗަށް އެ (ނާކޮޅު) ބީހި، ހަމަޖެހިއްޖެއެވެ. އަދި އެންގެވިއެވެ. އަނިޔާވެރިވީ މީހުންނަށް ހަލާކާއި ގެއްލުން ހުށްޓެވެ.
މުސްލިމު 4 ޤައުމެއްގައި نوح ގެފާނުގެ މަޤްބަރާ ކަމުގައި ކިޔާ 4 ތަނެއްވެއެވެ. އަޅުގަނޑު ޤަބޫލުކުރާގޮތުގައި މި ހަތަރު ސަރަހައްދުގައި މިވަނީ نوح ގެފާނުގެ ޤައުމުގެ މީހުންނާއި ގުޅުންހުރި މީސްމީހުންނެވެ. ނަމަވެސް އަޅުގަނޑު ޤަބޫލުކުރަނީ نوح ގެފާނު ފަސްދާނު ލެވިފައިވަނީ ޖޯޑަންގައި ކަމުގައެވެ. نوح ގެފާނުގެ ޠޫފާން އައީ އެދުވަސްވަރުގެ އެންމެ ކުރިއަރާފައިވާ ގިނަ حضارة ތައް ދިރިއުޅެމުން ދިޔަ ސަރަހައްދުތަކަށެވެ. މޭޑިޓެރެނިއަންއަށް ކުރާވިއްސާރައިގެ އަސަރު މެޑެޓެރެނިއަންގެ ޔޫރަޕް ޤައުމުތަކަށްވެސް ގިނަފަހަރު ކުރެއެވެ. އަދި މިދުވަސްވަރަކީ ނިސްބަތުން ޤައުމުތަކުގައި އާބާދީ ވަރަށްދަށް ދުވަސްވަރަކަށްވާއިރު އެކަމުގެ އަސަރުބޮޑަށް ފެންނާނެއެވެ. އަދި ހަމަ އެއާއި އެކު މިދުވަސްވަރު ދުނިޔޭގެ ކަނޑުގެ ލޮނުގަނޑު ބޮޑުވެގެން އައްސޭރިތަކުގެ މީހުން އުޅުނު ބައެއް ސަރަހައްދުތައްވެސް އަޑިޔަށް ގޮސްފައިވެއެވެ. އެހެންކަމާއެކު نوح ގެފާނުގެ ޠޫފާން ވަނީ މުޅިދިނުޔެއަށް އައި އެއްޗެއްގެ ގޮތުގައި މީހުންނަށް ނެގިފައެވެ. نوح ގެފާނުގެ ޠޫފާނަކީ ހޮލޮސީންގެ ފެންބޮޑުވުން ފަދައިން އަހަރުތަކަކުން ހިނގާފައިވާ ކަމެއް ނޫނެވެ.
ނޫހުގެފާނުން ފަސްދާނުލެވފައިވާ ކަމަށް ބުނާ ހަތަރުޤައުމު- ސޯސް; Wikimedia Commons