އިވޮލިއުޝަންގެ ގެ ތާރީޚަށް ބަލާލުމެއް
ދުނިޔޭގައި ދިރުންފެއްޓުނުކަމަށް އިވޮލިއުޝަން ޤަބޫލުކުރާ ސައިންސްވެރިން ވިދާޅުވަނި މީގެ 3.5 ބިލިޔަން އަހަރުކުރިންނެވެ. އެބޭފުޅުން ވިދާޅުވާގޮތުންނަމަ ފުރަތަމަ ދިރުން ފެއްޓުނީ މައިކްރޯބްސް (އެންމެ ސެލްއަކުން އުފެދިފައިވާ ދިރޭއެއްޗެއް) އިންނެވެ. ދެން އޭގެން އުފެދުނު ދިރޭތަކެތި ދިގުމުއްދަތަކުން ބަދަލު ވަމުންގޮސް މިއަދު މިފެންނަ މަސްއުނި އެތައް މިލިޔަން ދިރޭބާވަތްތައް އުފެދުނީއެވެ. މިގޮތަށް ޖަނަވާރާއި ގަސްގަހާގެހީގެ އާބާދީގައި ހުންނަ ސިފަ (ކެރެކްޓެރިކްސްޓިކްސް) އެއްޖީލުން އަނެއްޖީލަށް މަޑުމަޑުން ބަދަލުވަމުން ދިޔުމަށް އެބޭފުޅުން ކިޔުއްވާއުޅުއްވަނީ “އިވޮލިއުޝަން” އެވެ. އިވޮލިއުޝަން މައިކްރޯލެވެލްގައި އާއި މެކްރޯލެވެލްގައި ވެއެވެ. މައިކްރޯލެވެލް ގެ އިވޮލިއުޝަނަކީ އެއްބާވަތެއްގެ ސްޕީސީސް (ޕޮޕިއުލޭޝަން) ގައި ހިނގާ އިވޮލިއުޝަނެއެވެ. މިގޮތުން ތަފާތު ވައިރަސް ވެކްސިސްއަށް ނުގުޑާގޮތަށް ވުން ފަދަ ކަންކަމެވެ. މެކްރޯ އިވޮލިއުޝަނަކީ ތަފާތު ސްޕީސީސްގެ މެދުގައި ވަރަށް ދިގުމުއްދަތަކުން އުފެދޭކަމަށް ބުނާ އިވޮލިއުޝަން އެވެ.
ޖީން-ބެޕްޓީސް ލެމާރކް(1744-1829) ގެ ކުރެހުމެއް: ސޯސް: wikimedia commons
އެކިއެކި ސްޕީސީސް (ދިރޭތަކެތީބާވަތް) ބަދަލުވަމުންދާގޮތާއި ވާރުތަވާ ސިފަތަށް ސްޕީސީސް ތަކުގައި ވެދާނެކަމުގައި އެންމެފުރަތަމަ ބަޔާންކުރެއްވީ، 1809 ގައި ފްރެނޗް ބައިލޮޖިސްޓެއް ކަމުގައިވާ ޖީން-ބެޕްޓީސް ލެމާރކް، އެބޭފުޅާގެ ފޮތް “ޒޯލޮޖީ ފިލޮސޮފީކް” ގައެވެ. ވުމާއެކު މިހާރު ބައެއްފަހަރަށް މި ޕްރޮސެސްއަށް ލެމާކިޒަމްއޭ ކިޔަތެވެ. އޭގެފަހުން 1859 ގައި ޗާލްސް ޑާވިން އެބޭފުޅާގެފޮތް “ދަ އޮރިޖިން އޮފް ސްޕީސީސް” ގައި ތިޔަރީ އޮފް ނެޗުރަލް ސިލެކްޝަން ހުށައެޅުއްވިއެވެ. 1940 ހިސާބުގަ ޖޫލިއަން ހަކްސްލީއާއި ފިޝާ ޢާއި ހޯލްޑޭންއާއި ރައިޓް، ޑާވިންގެ ތިއަރީއާއި ފަހުގެ ހޯދުންތަށް އެއްކުރައްވައިގެން މޮޑަމް ސިންތަސިސް (ނިއޯ-ޑާވެނިޒަމް) އެކުލަވާލެއްވިއެވެ. މި ޚިޔާލު ރިޗާޑް ޑޯކިންގ 1976ގައި ނެރުއްވިފޮތް “ދަ ސެލްފިޝް ޖީން” ގައި ލިޔުއްވުމުގެ ސަބަބުން މަޝްހޫރު ވެގެން ދިޔައެވެ. (ނޯބެލް. 2013).