ނިންމުން

ނިންމާލަމުންވެސް ދަންނަވާލަން ޖެހެނީ ޑާވިންގެ އިވޮލިއުޝިނަރީ މޮޑަލް އަދި އޭގެ ދަރި ނިއޯ-ޑަވިނިޒަމް ވެސް މިހާރުވަނީ ގޯސް ޙާލަތަކަށް ވެއްޓިފާކަމުގައެވެ. ހަޤީގަތަކީ އިވޮލިއުޝަނަކީ ޑާވިންގެ ކުރިންވެސް އެކިއެކި ފިލޯސަފަރުންވެސް ގެންގުޅެމުން އައިސްފައިވާ ޚިޔާލަކެވެ. ޑާވިންގެ ޙިއްސާއަކީ މައިގަނޑުގޮތެއްގައި ނެޗުރަލް ސިލެކްޝަނެއެވެ. ބައެއްމީހުން ކަލަކު ވޮޑިގެންވާކަށް ނުޖެހޭކަން ދެއްކުމުގެ ގޮތުން ދައްކާ ބަހަނާއަކީ ޑާވިންގެ ތިއަރީއާއި ޕްރޮބެބިލިޓީއެވެ. މިފަދަ މީސްމީހުން ދެކޭގޮތުގައި މުޅިކާއިނާތާއި އެންމެހާ ދިރޭތަކެތި އައިސްފައިވަނީ ޗާންސަކުންނެވެ. މިމަޒުމޫނުގައި ފާޑުކިޔާފައިވަނީ އަދި ދައްކާފައިވަނީ އެކަން އެގޮތަށް ނުހިގާކަމުގައެވެ. ދިރޭތަކެއްޗަށް ބަދަލުއަންނަކަން އަޅުގަނޑުމެންނަށް އެގެއެވެ. އަޅުގަނޑުމެންގެ ދަރިންނަކީ ސީދާ އަޅުގަނޑުމެންގެ ސިފަޖަހާ ބަޔަކު ނޫންކަންވެސް އެނގެއެވެ. އަދި ދިރޭތަކެތި އެތަކެތި ދިރިއުޅޭ ވެއްޓަށް އަހުލުވެރިވުމަކީ މި ކައުނުގައި ﷲ ލައްވަވާފައިވާ ނިޒާމެކެވެ. މިސާލަކަށް މީގެ އަހަރުުތަކެއް ކުރިން އަޅުގަނޑު މޫދުން ހިފި ކުދިކުދި މެކުނުތަކެއް ފެނަށް ދިރުވަން މަސައްކަތްކުރީމެވެ. 30 ވަރަކަށް މަހުގެ ތެރެއިން ފެނަށް ދިރުވުނީ 7 މަހެވެ. ބާކީމަސް މަރުވެދިޔައީއެވެ.  ވުމާއެކު މައިކްރޯލެވެލްގެ އިވޮލިއުޝަނަކީ ހިނގާކަމެކެވެ. ނަމެވެސް މިދެންނެވީ ޑައިނަސޯސް އިން ދޮންކެޔޮވަކެއް އަންނަވާހަކައެއްނޫނެވެ. އަދި އަޅުގަނޑުގެ މެކުނުތައް ފުޅަނގިތަކަށް ބަދަލުވީ ވާހަކައެއްވެސް ނޫނެވެ. އަޅުގަނޑުމެން އިންސާނުން ރާމާ މަކުނުން އައިވާހަކައެއްވެސް ނޫނެވެ. ނެޗުރަލް ސިލެކްޝަނާއި ރެމްޑެމްނެސްއަކީ ދުނިޔޭގައިވާހާ ދިރޭތަކެއްޗަށް ހުރިހާ ޙާލަތެއްގައި ބޭނުން ކުރެވޭނެ އެއްޗެއްތޯ ކިހާމިންވަރަކަށް ބޭނުންކުރެވޭނެ އެއްޗެއްތޯ އަޅުގަނޑަށް ސުވާލުއުފެދެއެވެ. ވުމާއެކު މިއަދު ސްކޫލުތަކުގައި ކިޔަވައިދޭ މުދައްރިސުންނާއި އުގެނޭ ދަރިވަރުން އިވޮލިއުޝަން ބޭނުންކުރާއިރު އަޅުގަނޑުމެންގެދީނާއި ކީރިތި ޤުރުއާނަށް ފުށުނާރާގޮތަށް އެމަޢުލޫމާތުތައް ބޭނުންކުރުން މުޙިއްމުއެވެ. އަޅުގަނޑަށް މި މަޒުމޫނު ލިޔުމުގެ ހެޔޮ ތައުފީޤް ދެއްވިކަމަށްޓަކައި މާތް ﷲއަށް ޝުކުރުވެރިވަމުން ނިންމާލަމެވެ. ތިރީގައި ބައެއް މުޙިއްމު ވީޑިޔޯ ޙިއްސާ ކޮށްފައިވާނެއެވެ. ކިޔުން ތެރިޔާއަށް މިމަޒުމޫނު ކަމުދިޔަނަމަ އެހެން ބޭފުޅުންނާއި ޙިއްސާ ކޮށްލަދޭނޭކަމުގެ އުއްމީދުގައި ނިންމާލަމެވެ.