6 ޤުރުއާންގައިވާ ޓައިމް ޑައިލޭޝަންގެ ދެ މިސާލެއް
ﷲ އަކީ އަބަދަށް ދެމިވޮޑިގެންވާ ރަސްކަލާނގެ ކަމުގައި ވުމާއެކު އެކަލާނގެ ޢަމަލުފުޅުތަކަކާ ސްޕޭސް-ޓައިމް (ވަގުތާއި ތަން) ގުޅޭކަށް ލާޒިމެއް ނޫނެވެ. ވަޤުތާއި ޒަމާނަކީ ކާއިނާތުގައި ﷲ ލައްވަވާފައިވާ މަފްހޫމް ތަކެކެވެ. މިތަނުގައި އަޅުގަނޑު ރެލެޓިވިޓީ ބޭނުންކޮށްގެން ހަދާ ހިސާބުގައި ބޭނުންކުރާނީ سورة المعارج ގެ 4 ވަނަ އާޔަތުގައި އޮތް އަދަދު ތަކާއި سورة السجدة ގެ 5 ވަނަ އާޔަތުގައިވާ އަދަދުތަކެކެވެ. މިއާޔަތްތަކުގައި ވަނީ ރެލެޓިވް ވަޤުތު ތަކެއްކަމަށް އަޅުގަނޑު ދެކެމެވެ. ވުމާއެކު މިއާޔަތްތަކުގައި ބަޔާން ކުރައްވާފައިވާ ކަންކަން ހިނގަނީ އަލީގެ ސްޕީޑްގެ ނިސްބަތުން ކިހާ އަވަސް މިނެއްގައިތޯ ރެލެޓިވިޓީން ބެލިދާނެކަމަށް ޤަބޫލުކުރަމެވެ. އެއީ މައުނަވީ އަދެއް ފެނޭތޯއެވެ. މި އާޔަތްތައް އައިސްފައިވަނީ ތަފާތު ޙާލަތްތަކެއްގެ ތެރެއިން ކަމުގައި ވިޔަސް އަޅުގަނޑު ދެކޭގޮތުގައި މިދެ އާޔަތުގައި މިގޮތަށް އަދަދުތަކެއް ދެވިފައިވަނީ އިންސާނާއަށް އެކަމާއި ގުޅޭ ޢިލްމު ލިބުމުން އިންސާނާ އެކަންކަމާމެދު ފިކުރުކުރުމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. އަދި ﷲ އިންސާނާއަށް ދެއްވާފައިވާ ޢިލްމުގެ އަލީގައި އެކަލާނގެ ކުޅަދުންވަންތަކަން އިންސާނާއަށް ދެއްކެވުމަށެވެ. އެސަބަބު މޮޅަަށް ދެނެވޮޑިގެންވަނީ ވެސް މާތް ﷲ އެވެ.
مِّنَ اللَّهِ ذِي الْمَعَارِجِ ﴿٣﴾
[It is] from Allah, owner of the ways of ascent. (Quran, 70:03)
تَعْرُجُ الْمَلَائِكَةُ وَالرُّوحُ إِلَيْهِ فِي يَوْمٍ كَانَ مِقْدَارُهُ خَمْسِينَ أَلْفَ سَنَةٍ ﴿٤﴾
ފަންސާސްހާސް އަހަރުގެ މިންވަރުގެ ދުވަހެއްގައި، ملائكة ންނާއި، جبريل ގެފާނު، އެކަލާނގެ حضرة އަށް އަރާވަޑައިގަންނަވާނެތެވެ. (ޤުރުއާން 70:4).
يُدَبِّرُ الْأَمْرَ مِنَ السَّمَاءِ إِلَى الْأَرْضِ ثُمَّ يَعْرُجُ إِلَيْهِ فِي يَوْمٍ كَانَ مِقْدَارُهُ أَلْفَ سَنَةٍ مِّمَّا تَعُدُّونَ ﴿٥﴾
އުޑުން ފެށިގެން ބިމާ ހަމަޔަށް ހުރިހާ ކަމެއް އެކަލާނގެ تدبير ކުރައްވަތެވެ. ދެން ތިޔަބައިމީހުން ގުނާގޮތުން އެއްހާސް އަހަރުގެ މިންވަރުގެ ދުވަހެއްގައި، އެހުރިހާ ކަމެއް އެކަލާނގެ حضرة އަށް އަރައިގެންދެއެވެ. (ޤުރުއާން 32:5).
މަތީގައިވާ ހެދި ހިސާބުތަކުން އަލީގެ ސްޕީޑާއި އާދަޔާ ޚިލާފަށް ގާތްކުރާ ސްޕީޑްތަކެއް ލިބިފައިވެއެވެ. މާގިނަ އެހެންކަންކަމެއް ނޭގުނަސް ވަރަށް އަވަސް ދަތުރުތަކެއްކަމަށް ފެނެއެވެ. މިހާ ހިސާބަށް އަލީގެ ފޯޓޯން ނޫންއެއްޗެއް އިންސާނުންނަށް އަލީގެ ސްޕީޑްގައި ހަރަކާތްތެރި ކުރެވިފައިނުވެއެވެ. ފޯޓޯން އަކީ ރެސްޓް މާސް (ބަރުދަން) އެއް ނުވަތަ ވޮލިއުމްއެއް ހުންނައެއްޗަކަށް ނުވާތީ އެބަލަނީ މާއްދީ އެއްޗެއްގެ ގޮތުގައި ނޫނެވެ. މާނަޔަކީ މެޓާރ އެއް ނޫނެވެ. އެކަމަކު ފޯޓޯން ދަތުރުކުރާ އިރު ހަކަތަ (އެނާޖީ) ހުރެއެވެ. މާއްދީތަކެތީގެ ސްޕީޑް އަލީގެ ސްޕީޑާއި ގާތްވާވަރަކަށް ބަރުވެއެވެ. ނަތީޖާއެއްގެ ގޮތުން އަލީގެ ސްޕީޑަށް ވާސިލް ނުވެވެއެވެ. މާއްދީ ތަކެތީގެ ތެރޭ ހިމެނޭ ތަކެތީގެ ތެރެއިން އިންސާނުންނަށް އެންމެ އަވަސް ސްޕީޑްގައި ހަރަކާތްތެރި ކުރެވިފައި ވަނީ އެލެކްޓޮރޯނާއި ޕޮސިޓްރޯނެވެ. ފޮސިޓްރޯން އަކީ އެލެކްކްޓްރޯންގެ އިދިކޮޅު ޗާޖް ހުންނަ އޭގެ އެންޓިމެޓާރ އެވެ. ލާޖް ހެޑްރޯން ކޮލައިޑާ (އެލް.އެޗް.ސީ) ގައި ލިބިފައިވާ އެންމެ މަތީ ސްޕީޑަކީ ސިކުންތަކު 299،792،457.9964 މީޓަރެވެ. އަހަރެމެންގެ އިރާއި ސޯލާސިސްޓަމުން އަދި އަހަރެމެންގެ ގެލެކްސީ އިން އަންނަ ކޮސްމިކް ރޭގެ ސްޕީޑަކީ ސިކުންތަކު 299،792،457،999999999999918 މީޓަރެވެ. އަލީގެ ސްޕީޑާއި އެންމެ ގާތްކޮށް ދަތުރުކުރާކަމަށް އެނގޭ މާއްދީ އެއްޗަކީ މިއެވެ. ކޮސްމިކް ރޭސްގައި ހުންނަނީ ވަރަށްގިނަ ހަކަތަ ހުންނަ ޕްރޮޓޯން އާއި އެޓަމް ތަކުގެ ނިއުކްލިއަސް އެވެ.
ފިޒިކްގައި ލައިޓް (އަލި) ބޭނުންކުރަނީ “އެލެކްޓްރޯ-މެގްނެޓިކް ސްޕެކްޓްރަމްގެ ހުރިހާ ބާވަތެއްގެ ރާޅަށެވެ. އެއީ ލޮލަށް ފެނުނަސް ނުފެނުނަސް މެއެވެ. އަހަރެމެންގެ ލޮލަށްފެންނަނީ 7 ކުލައެއްގެ އަލިއެވެ. ހުދުއައްޔަކީ މި 7 ކުލަ އެކުވުމުން ފެންނަ ކުލައެކެވެ. ހޫނުކަން އަލިއާއި އެކުވެގެން އަންނަނީ އިންފްރާ ރެޑްވޭވްސް އާއި އެކުވުމުންނެވެ. އަހަރެމެންނަށް ނުފެންނަ ކުލަތައް އެހެން ދިރޭތަކެއްޗަށް ފެނެއެވެ. މާބުރާ ކޮކާލަށް އަލްޓްރާ ވައިލެޓް ފެނެއެވެ. ބައެއް މަހާ ހަރުފަޔަށް އިންފްރާ ރެޑް ލައިޓް ވެސް ފެނެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅެއްގައި މަލާއިކަތުން ޚަލްޤުކުރައްވާފައިވަނީ ނޫރުންކަމުގައި އޮވެއެވެ. އިންސީންނާއި ޖިންނީން ހެއްދެވިގޮތް ޤުރުއާނުގައި އޮތަސް މަލާއިކަތުން ހެއްދެވިގޮތެއް ޤުރުއާނުން އެނގޭކަށް ނެތެވެ. ވުމާއެކު އެއީ ކޮންކަހަލަ ނޫރެއް ކަމެއް ނޭގެއެވެ.
މި ދެއާޔަތުގައި މިވާ މުއްދަތު (ވަޤުތު) އަކީ އިންސާނީ ހަޔާތުން ދިގުމުއްދަތެކެވެ. މިސާލަކަށް އެވްރެޖް މީހެއްގެ ޢުމުރަކީ 60 އަހަރުކަމަށް ބެލިޔަސް 50،000 އަހަރުގެ މުއްދަތަކީ 833 ޖެނަރޭޝަންގެ މުއްދަތެކެވެ. ކީރިތި ޤުރުއާނުގެ سورة الحج ގެ 22 އާޔަތުގައި ﷲ ގެ ހަޟުރަތުގައި 1 ދުވަހަކީ އަހަރެމެންނަށް އެއްހާސް އަހަރާއި އެއްފަދަ ކަމުގައި ބަޔާންވެސް ކުރައްވާފައި ވެއެވެ. ވުމާއެކު 50،000 އަހަރުގެ މުއްދަތަކީ އަވަސް ސްޕީޑްގެ ސަބަބުން އަންނަ ޓައިމް ޑިލޭއެއްކަމަށް އަޅުގަނޑަށް ބެލެވެއެވެ. އެކަމަށް ބާރުލިބެނީ سورة المعارج ގެ 3 ވަނައާޔަތުންނެވެ. އެއާޔަތުގެ މާނައިގައިވާގޮތުން އަރާގޮތްތަކުގެ ވެރިރަސްކަލާނގެ އަކީ ﷲ އެވެ. މި އާޔަތްތަކުން ފަހުމްވާ ދެ ކަމެއް އެބައޮތެވެ. އެއްކަމަކީ ރެލެޓިވިޓީއަކީ ހަޤީގަތުގައިވެސް ﷲ މިކާއިނާތުގައި ލައްވަވާފައިވާ ކަމެއްކަމެވެ، އަދި އިންސާނެއްގެ ޢުމުރަކީ ﷲ ހަޟްރަތުގައި ދުވަހެއްގެ ކުޑަ ހިނދުކޮޅެއް ކަމެވެ. އެއީ “މޭފްލައި” ގެ މުޅިހަޔާތުގެ މުއްދަތަކީ އަޅުގަނޑުމެން އިންސާނުންނަށް އެއްމެ ދުވަހަކަށްވުރެ މަދު ވަޤުތުކޮޅެއް ކަހަލަ ގޮތަކަށެވެ.