3 ކްލާސިކަލް މެކޭނިކްސް އިން އައިންސްޓައިންގެ ރެލެޓިވިޓީއަށް
އައިންސްޓައިންގެ ކުރިން ގިނަ އެސްޓްރޯނަމާއިންނަށް ޔުނިވާރސް އެނގިފައި އޮތީ ނިއުޓަންގެ މޯޝަންގެ ތިން ލޯގެ މައްޗަށް ބިނާކޮށެވެ. ފުރަތަ ލޯ ގައި ބުނަނީ ބޭރުން ބާރެއް އެއަށް ނުލާނަމަ ހުއްޓިގެން ހުރިއެއްޗެއް އެގޮތުގައި ދެމިހުންނަކަމުގައެވެ. އަދި އެފަދަ ބާރެއް ނުލާކަމުގައިވާނަމަ ދަތުރުކުރާއެއްޗެއް އެއްބާރުމިނެއްގައި އަދި އެއް ދިމާއަކަށް ގޮސްގޮސް ހުންނާނެކަމުގައެވެ. ދެ ވަނަ ލޯ ބުނަނީ އެއްޗަކަށް ބޭރުންދެވޭ ބާރުގެ ސިދާ ނިސްބަތުން އޭގެ ދުވެއްޔަށް ސިކުންތަކު ބަދަލު އަންނަ މިންވަރުވެސް، ބަދަލު އަންނަކަމުގައެވެ. މިސާލަކަށް ދެގުނަބާރު އެއްޗަކަށް ދީފިނަމަ އެއްޗެއްގެ ވެލޯސިޓީއަށް ސިކުންތަކު އަންނަ ބަދަލުވެސް ދެގުނަވާނޭ ކަމުގައެވެ. ތިންވަނަ ލޯގައި ބުނަނީ އެކަތިން އަނެކައްޗަށް ބާރެއް ލައިފިނަމަ ދެވަނަ އެތި ފުރަތަމަ އެއްޗަށް އެވަރުގެ ބާރެއް އިދިކޮޅު ދިމާއަށް ލާކަމުގައެވެ. 1865 ގައި ޖޭމްސްކްލާކް މެކްސްވެލް އަލީގެ ސްޕީޑްއަކީ ސިކުންތަކު 186000 މޭލުކަމާއި އެއީ ރާޅުތަކެއްކަން ހޯދުމުން ސައިންސްވެރިން ބުނަމުންދިޔައީ އަލި ދަތުރުކުރަނީ އީތާ ކިޔާއެއްޗެއްގެ ތެރެއިން ކަމުގައެވެ. އެއީ ރާޅު ދަތުރުކުރުމަށް މީޑިއަމްއެއް ބޭނުންވާތީ އެވެ. އޭގެ 20 އަހަރުފަހުން އެމެރިކާގެ މައިކަލްސަން އާއި މޯލީ އީތާގެ ތެރޭ ދުނިޔެ އެނބުރުމުން އަލީގެ ސްޕީޑަށް ބަދަލު ނައަންނަކަން ހޯދިއެވެ. މިއާއި ގުޅިގެން އަލި ދަތުރުކުރަން އެފަދަ މީޑިއަމްއެއް ބޭނުން ނުވާކަން އެންމެފަހުން އެނގުނެވެ. އަދި އީތާއަކީ ވުޖޫދުގައި ވާއެއްޗެއް ނޫންކަން ވެސް އެނގުނެވެ.