2 ގެލެލިއޯގެ ރެލެޓިވިޓީ

ރެލެޓިވިޓީގެ ޚިޔާލުގެ މައްޗަށް އެންމެ ފުރަތަ ތަޖުރިބާއެއް ކުރީ ގެލެލެއޯއެވެ. ގެލެލެއޯ ދަތުރުކުރި ނައު އެއް ބާރުމިނެއްގައި ދަތުރުކުރަމުން ދިޔައިރު ބޯޅައެއް ތަޅުންމައްޗަށް ވެއްޓުމުން އުޅަނދު ދަތުރުނުކުރާއިރު ވެއްޓޭ ދިމާއަށް ވެއްޓޭކަން އޭނާ ފާހަގަކުރިއެވެ. އަދި ނަވުގެ  ބޭރުން ކަނޑުގައި އުޅޭ މަހަށް ފެންނަނީ ކިހިނެއްތޯ އޭނާ ސުވާލުކުރިއެވެ. ގެލެލެއޯ ބުނެފައިވަނީ ވެލޯސިޓީގެ މިންވަރު ނިސްބަތްވަނީ އަހަރެމެން ބޭނުންކުރާ ފްރޭމް އޮފް ރެފަރެންސަށެވެ. އޭނާގެ މިހޯދުމަށް ކިޔަނީ ” ގެލެލިއަން ރެލެޓިވިޓީ” އެވެ. މިޚިޔާލުތައް ފަހުންފޮތެއްގައި ޗާޕުކޮށް 1632 ވަނަ އަހަރު ނެރެފައިވެސް އެވެ. 

މަތީގައިވާ ތަސްވީރުން ދައްކައިދެނީ އެފަދަ ޚިޔާލެކެވެ. އެއް ސްޕީޑެއްގައި ދުއްވާފައިދާ ޕިކަޕެއްގައި ހުންނަ ކުއްޖަކު ބޯޅައެއް މައްޗަށް އެއްލުމުން އެބޯޅަ އަބުރާ އޭނާ އަތަށް އާދެއެވެ. އޭނާއަށް ފެންނާނީ ބޯޅަ ސީދާ މައްޗަށް އަރާފައި ތިރިވާތަނެވެ. އެއީ ބިންމަތީގައި ހުރެ އެއްލުމުންވެސް ބޯޅަ އެނބުރި އޭނާގެ އަތަށް އަންނަ ގޮތަށެވެ. އޭނާއަކަށް ވަކި ތަފާތެއް ނުފެންނާނެ އެވެ، ނަމަވެސް ބިންމަތީ ހުންނަ މީހަކަށް ފެންނާނީ މަތީގައިވާ ތަސްވީރުން ފެންނަ ފަދައިން ބޯޅަ ޕްރޮޖެކްޓައިލެއް ގޮތަށް ދާތަނެވެ. ކޮންސްޓެންޓް ވެލޯސިޓީގައި ދަތުރުކުރާ މީހަކު ފިޒިކްސްގައި ބުނާގޮތުން ހުންނަނީ “އިނާޝިއަލް ފްރޭމް އޮފް ރެފަރެންސް” އެއްގައެވެ. އިނާޝިއަލް ފްރޭމް އޮފް ރެފެރެންސަކީ އެއް ސްޕީޑެއްގައި އެއް ދިމާއަކަށް ދަތުރު ކުރާ އެއްޗެކެވެ. ފިޒިކްސްގެ ލޯތައް (ޤާނުނުތައް) ކޮންމެ އިނާޝިއަލް ފްރޭމް އޮފް ރެފަރެންސް އެއްގައި އެއްގޮތް ވާނެއެވެ. ވުމާއެކު ޕިކަޕްގައި ބޯޅަމައްޗަށް އެއްލުމުން ފެންނަ ގޮތާއި ބިންމަތީ ހުރެ އެއްލީމާ ފެންނަގޮތާއި އޭނައަށް ތަފާތެއް އިހުސާސެއް ނުކުރެވޭނެއެވެ. އަދި ބިންމަތީ ހުރެބަލާމީހާއަށް ފެންނަގޮތާއި ޕިކަޕް ފަހަނަޅާ ދާ ބަހެއްގައި އިންނަމީހަކަށް ފެންނަގޮތާ ވެސް ތަފާތުވާނެއެވެ. މިއީ ވަރަށް މުހިއްމު ޚިޔާލެކެވެ. ސަބަބަކީ މި މަޒްމޫނުގެ ބާކީ ބައި ބިނާ ވާނީ މި ޚިޔާލުތަކުގެ މައްޗަށް ކަމުގައިވާތީ އެވެ.