9. މައު ޖޯޑުކުރުން

މައު އަޅާގަސްގަހަކީ އެގަސްގަހުން އަޅުގަނޑުމެންނަށް ކޮންމެވެސް ބާވަތެއްގެ މޭވާއެއް ނުވަތަ ތަރުކާރީގެ ބާވަތެއް ލިބޭ ގަސްގަހެވެ. ބައެއް ބާވަތުގެ ތަރުކާރީއަކީ އެގަސްގަހުގެ ފަތް އަޅުގަނޑުމެން ކާ ގަސްގަހެވެ. މިސާލަކަށް ލެޓިއުސް، ބޮޑިކޮޕީފަދަ ގަސްގަހެވެ. އަނެއްބައިގަސްގަހުން ލިބޭ މޭވާ އަޅުގަނޑުމެން ތަރުކާރީގެ ގޮތުގައި ބޭނުންކުރަމެވެ. މިސާލަކަށް ކިއުކަންބާ އާއި ޓޮމާޓޯ ފަދަ ގަސްގަހެވެ. އަނެއްބައި ތަރުކާރީއަކީ ބިމުގެ އަޑިޔަށް ފައިބާ ގަސްގަހެވެ. މިސާލަކަށް ކެރެޓަކީ އެކަހަލަ ބާވަތެކެވެ. މޭވާ އަޅާ ގަސްގަހުގެ މޭވާ އަޅާ ހަރުވުމަށް ގަހުގެ މަލަކީ މުހިއްމު އެއްޗެކެވެ. މަލުގައިވެސް އަންހެން ޖިންސުގެ ގުނަވަނާއި ފިރިހެން ޖިންސުގެ ގުނަވަން ވެއެވެ. ބައެއްމަލުގައި މިދެގުނަވަން އެއް މަލުގައިވެއެވެ. މިސާލަކަށް މިރުހާއި ޓޮމާޓޯއެވެ. އަނެއްބައި މަލުގައި މި ދެގުނަވަން އިންނަނީ ގަހުގެ ދެ ބާވަތުގެ މަލުގައެވެ. މިސާލަކަށް ކިއުކަންބާ  ގަހަުގައި ފިރިހެން މަލާއި އަންހެން މަލަކީ ތަފާތުދެމަލެވެ. މަލުގެ ފިރިހެން ގުނަވަނަށް ކިޔަނީ ސްޓެމެން އެވެ. ސްޓެމެންގައި ހިމެނިގެންވަނީ ފިލަމެންޓާއި އެންތާއެވެ. އެންތާގައި ރީދޫކުޑީގެ ސިފައިގައި ހުންނަ ޕޯލެން އުފެދެއެވެ. މަލުގެ އަންހެންގުނަވަނަށް ކިޔަނީ ޕިސްޓިލް އެވެ. މަލުގެ މެދުގައި ހުންނަ ފިސްޓިލްގެ ބުޑުގައި އިންނަނީ މަލުގެ އޯވަރީއެވެ. އޯވަރީގައި އޮވިއުލްސް އުފެދެއެވެ. ޕިސްޓިލްގެ އޯވަރީންފެށިގެން މައްޗަށް އިންނަ ޓިއުބަށްކިޔަނީ ސްޓައިލްއެވެ. ސްޓައިލްގެ މަތީކޮޅުގައި ތެތްކަމެއް ހުންނަ ސްޓިގްމާވެއެވެ. ފިރިހެންގުނަވަނުން ޕޯލެއިން އައިސް ސްޓިގްމާގައި ހަރުލުމުން ޕޯލެން އިން އުފެދޭ ޓިއުބަކުން ސްޓައިލްގެ ތެރެއިންގޮސް އޮވަރީގައި ހުންނަ އޮވިއުލްސްއާއި ގުޅެއެވެ. މިހާ ހިސާބުން މައު ފާޓިލައިޒްވީއެވެ. މައުޖޯޑުވުމަށްފަހު އޮވިއުލް އޮށަށް ބަދަލުވެއެވެ. އަދި އޯވަރީ މޭވާއަށް ބަދަލުވެއެވެ. 

މައުޖޯޑުވުމަށް ފުރުސަތު ލިއްބައިދޭ ތަފާތު ވަސީލަތްތައް ވެއެވެ. މިގޮތުން ފިރިހެން ގުނަވަނުން ޕޯލެން އަންހެން ގުނަވަނައް ގެންގޮސްދިނުމަށް މާބުރުފަދަ ތަކެތި އިސްރޯލެއް ކުޅެއެވެ. އޭގެ ގައިގައި ތަތްލަވާ ޕޯލެން، މާބުރު ފޮނިބޯން އުޅުމުގެ ތެރޭގައި ސްޓިގްމާގައި ކޭއްތި މައު ޖޯޑުވެއެވެ. ދެން މައު ފާޓިލައިޒްވާ އަނެއްގޮތަކީ ވައިގެ ޒަރީޔާއިން ޕޯލެން އަންހެން ގުނަވަނަށް ދިއުމެވެ. މިފަދަގޮތަކަށް ފާޓިލައިޒް ނުވިނަމަ މައު މޭވާއަކަށް ބަދަލުވުމުގެ ފުރުސަތު ނުލިބި ވަނދުވެގެން ބިމަށް ވެއްޓިދެއެވެ. އުފެއްދޭ މޭވާ އާއި ތަރުކާރީގެ މިންވަރު އިތުރުކުރުމުގެ ގޮތުން އަޅުގަނޑުމެންނަށް ވެސް މައު ޖޯޑުކުރެވިދާނެއެވެ. މިކަން ކުރުމަށްޓަކައި މަލުގެ އަންހެން އަދި ފިރިހެން ޖިންސު އެނގެންޖެހެއެވެ. އަދި އަންހެން ގުނަވަނާއި ފިރިހެން ގުނަވަން ހުންނަތަން ވަކިވާންޖެހެއެވެ. މައު ޖޯޑުކުރުމަށްޓަކައި ކަފަބުރެއް ނުވަތަ މަޑު ކުރަހާ ފިއްސެއް ފަދަ އެއްޗެއް ބޭނުންކުރެވިދާނެއެވެ. މަލުގެ ސްޓެމެންގައި އެއެތި ކާއްތާ ފޯލެން ނެގުމަށްފަހު ސްޓިގްމާގައި ކާއްތާލާނީ އެވެ. އެހިސާބުން މައުޖޯޑުކޮށް ނިމުނީއެވެ. ޕޯލިނޭޝަން ކާމިޔާބުވެއްޖެނަމަ މައު މޭވާއަކަށް ބަދަލުވެއެވެ. ކާމިޔާބު ނުވިނަމަ ވަނދުވެގެން ވެއްޓިދެއެވެ.