6 ގޭގައި ބޭނުން ކުރެވިދާނެ ކުދި ހައިޑްރޮޕޯނިކް ސިސްޓަމްތައް
6.1 ޕެސިވް ސިސްޓަމް: ތިރީގައިވާ ކުރެހުމުގައި ދައްކާފައިވަނީ ހައިޑްރޯޕޯނިކްސް (DIY) ޕެސިވް ސިސްޓަމެކެވެ. މިސިސްޓަމް, ތެޔޮ އަޅާ ރީދޫހަމެއްގައި ވެސް ނުވަތަ ފުޅިމަދު ފޮށިގަނޑެއްގައިވެސް ހެދިދާނެއެވެ. މަތީގައި ދެ އާނގަ ކަނޑާފައިވެއެވެ. އެއްތަނަށް ޖަހަނީ ގަސް އިންދާފައިވާ ތަށިގަނޑެވެ. އަނެއް ތަނުގެ މަތީގައި މަދިރި ނުއުފެދޭ ގޮތަށް ބަރުއެއްޗެއް ބާވާއި ނިވާކުރާނީއެވެ. މިސިސްޓަމަށް ފުރަތަމަ ފެންއަޅާނީ ތަށީގެ ފޫ ފެނުގައި ޖެހޭވަރަށެވެ. އޯވާރ ފްލޯ ނުވަތަ ވައި ވަންނަ ލޯވަޅުތައް ކަނޑާނީ މިހިސާބުގައެވެ. ހަތަރު ފަސް ލޯވަޅު މި ލެވެލްގައި ކެނޑުމުން ރަގަޅުވާނެއެވެ. ގަސް ހެދެމުންދާވަރަކަށް މޫ ދާނީ ފެނުގެ ތެރެއަށް ތިރިވަމުން ގިނަވަމުންނެވެ. ފެނުގެ ލެވެލް ތިރިވަމުންދާއިރު ވައިގެތެރޭ މޫގެ ބައެއް ހާމަޔަށް ހުރުމާއިއެކު މުލަށް އޮކްސިޖަން ލިބުމުގެ ފުރުސަތު ލިބެއެވެ. މި ސިސްޓަމް ބެލްކަނީގައިވެސް އަދި ބޭރުގެ އެހެންތަނެއްގައިވެސް ބެހެއްޓިދާނެއެވެ. މި ސިސްޓަމުގައި މިރުސް ޓޮމާޓޯ ފަދަ ގަސްގަސް ހެދެއެވެ. ގަސް ބޮޑުވަމުން ދާވަރަކަށް ގަސް ނުވެއްޓޭނެގޮތަކަށް ސަޕޯރޓެއް ދޭންޖެހެއެވެ.
ފިގާރ 6.1: DIY ރީދޫހަމުގެ ޕެސިވް ސިސްޓަމެއް
6.2 ޑީޕްވޯޓާރ ކަލްޗާރ: ތިރީގައިވާ ސިސްޓަމް ހަދާފައިވަނީ ފުޅިމަދު ފޮށިގަނޑެއްގައެވެ. ބޮޑު ފުޅިމަދު ފޮށިގަނޑެއްގައި 8 ގަސް އިންދެއެވެ، ފެން އަޅާށާއި ޓެސްޓް ކުރަން މަތިގަނޑު ޖެހޭނީ ހިއްލާލާށެވެ، ބޭނުންނަމަ މިސިސްޓަމުގައި ފެނަށް އޮކްސިޖަންވެސް ދެވިދާނެއެވެ.
ފިގާރ 6.2: ޑީޕްވޯޓާރ ކަލްޗާރ ސިސްޓަމް
ފިގާރ 6.3: ޑީޕްވޯޓާރ ކަލްޗާރ ބޭނުންކޮށްގެން ވިޔަފާރީގެ އުސޫލުން ހައްދާ ގަސްތަކެއް
6.3 އެބް އެންޑް ފްލޯ ސިސްޓަމް: މިސިސްޓަމްގައި ގަސްހައްދާ ބެޑެއް ހަދަންޖެހެއެވެ. ރިސަވަޔާ ބެޑާއި ދުރުގައިވެސް ބެހެއްޓިދާނެއެވެ. ބެޑަށް ފެން އެޅޭނެ ހޮޅިޔަކާއި ބެޑުން ފެން ރީސައިކަލްވެ ރިޒަވަޔާއަށް އެނބުރިދާނެ ހޮޅިއެއް ހުންނަންޖެހެއެވެ. ބެޑަށް ފެން އެޅޭނީ ކަނޑައެޅިފައިވާ ވަޤުތުތަކެއްގައި އޮޓޮމިޓިކް ޓައިމާރ ސުއިޗެއްގެ އެހީގައެވެ. މި ސިސްޓަމަށް ފްލަޑް އެންޑް ޑްރެއިން ސިސްޓަމޭ ކިޔާއުޅެއެވެ. ޕަމްޕު ޖެހުމުން ބެޑަށް ފެން އެޅި ފްލަޑްވެއެވެ. އެކަމަކު އެއީ އޯވާ ފްލޯ ހޮޅީގެ މައްޗާއި ހަމަޔަށެވެ. ޕަންޕު ކެނޑުމުން ފެން ހިންދިދެއެވެ. އަނެއްކާވެސް ޕަންޕު ޖެހުމުން މިކަން ތަކުރާރުވެއެވެ. ނަތީޖާއެއްގެ ގޮތުން ގަހުގެ މޫތައް އަބަދު ފެނުތެރޭ ނެތި ޖައްވުގެ ތެރެއިން ވައިލިބުމުގެ ފުރުސަތުވެސް މިސިސްޓަމުން ލިބެއެވެ. ތިރީގައިވާ ދެވަނަ ފޮޓޯއިން ފެނިވަޑައިގަންނަވާ ސިސްޓަމްގައި ގަސްތައް ހައްދާފައިވަނީ ވަށިތަކެއްގައެވެ. ވަށިތައް ބަހައްޓާފައިވާ ތަން ފްލަޑްވެ އަދި ޑްރެއިންވެއެވެ. ގަސްހައްދާ މީޑިއަމްއަކީ ބޮބިކުނޑިނަމަ ދުވާލަކު ތިން ހަތަރު ފަސް ފަހަރަށް ފްލަޑްކޮށްފައި ޑްރެއިންކޮށްލުމުން ރަގަޅުވާނެއެވެ. ފްލަޑް ކޮށްފައި 20 ނުވަތަ 30 މިނެޓަށް ބެހެއްޓިދާނެއެވެ.
ފިގާރ 6.4: އެބް އެންޑް ފްލޯ ސިސްޓަމް މަސައްކަތްކުރާގޮތް
ފިގާރ 6.5: އެބް އެންޑް ފްލޯ ސިސްޓަމެއްގައި ގަސްހައްދާފައި
6.4 ވިކް ސިސްޓަމް: ތިރީގައި ދައްކަދީފައިވަނީ DIY ވިކް ސިސްޓަމެއް ހެދޭނެގޮތެކެވެ. މިސިސްޓަމްގައި ކާމިޔާބުކަމާއި އެކު މިރުސްފަދަ ގަސްތައް ހެދެއެވެ. ގަހަށް ކާނާ ލިބެނީ ފީތާފަށެއްގެ އެހީގައެވެ. ފެނުގެ ލެވެލް ދަށަށް ދާވަރު ބަލާށާއި ވައި ވަންނަ ހޮޅިއެއް މި ސިސްޓަމުގައިވެއެވެ. މި ސިސްޓަމަކީ ޕެސިވް ސިސްޓަމެކެވެ. ބޭނުންނަމަ އޮކްސިޖަން ޕަމްޕެއް އިތުރުކުރެވިދާނެ އެވެ. މިސިސްޓަމް ވެލީގައި ގަސްހައްދާ އަބަދަށް ފެންދޭ ސިސްޓަމެއްގެ ގޮތުގައިވެސް ބޭނުން ހިފިދާނެއެވެ.
ފިގާރ 6.6: ވިކްސިސްޓަމް ހުންނަގޮތް
ފިގާރ 6.7: ވިކްސިސްޓަމެއްގައި ގަހެއް އިންދާފައި
6.5 ޑްރިޕް ސިސްޓަމް: ތިރީގައިވާ ކުރެހުމުގައި ދައްކާފައިވަނީ “ޑަޗް ބަކެޓް ސިސްޓަމް” އެކެވެ. މި ސިސްޓަމްގައި ގަސްތައް އިންދާފައި ހުންނަނީ ބާލިދީ ތަކެއްގައެވެ. ބާލިދީގެ އެތެރެއަށް މަތިން ހޮޅިއަކުން ފެން އެޅެއެވެ. ބާލިދީގެ އަޑީގައި 2 އެލްބޯ ބޭނުންކޮށްގެން ހަދާފައިވާ ހޮޅިގަނޑެއްވެއެވެ. ފެން ހުންނަނީ އެލްބޯ އާއި ހަމައިގައެވެ. އެލްބޯގެ ކޮޅާއި ފުލާދޭތެރޭ އިންޗިއެއް ވަރުގެ ހުސްޖާގަވެއެވެ. އޮހޮރިގެންދާ ފެން ހޮޅިއަކުން ބާލިދީތަކުން ރިޒަވަޔާރ އަށް އެބުރި ދެއެވެ. އެލެކްޓްރޯނިކް ޓައިމަރެއްގެ އެހީގައި ދުވާލަކު 3 ނުވަތަ 4 ފަހަރަށް 30 މިނެޓަށް ސިސްޓަމް ފްލަޑް ކުރެއެވެ. މުނިފޫހިފިލުވަން ގަސް ހައްދާމީހުން ޓޮމާޓޯ، ކިއުކަންބާ އަދި މިރުސްފަދަ ގަސްގަސް މި ސިސްޓަމުގައި ހައްދާ އުޅެއެވެ.
ފިގާރ 6.8: ޑަޗްބަކެޓް ސިސްޓަމް (ޑްރިޕް ސިސްޓަމް) މަސައްކަތް ކުރާގޮތް
ފިގާރ 6.9: ޑަޗް ބަކެޓް ސިސްޓަމްއެއްގައި ޓޮމާޓޯ ހައްދާފައި
6.6 ނިއުޓްރިއަންޓް ފިލްމް ޓެކްނިކް (NFT): މީގެ ސިސްޓަމެއް އެސްލޯނު ހޮޅި ބޭނުން ކޮށްގެންވެސް ހެދިދާނެއެވެ. މިކަހަލަ ސިސްޓަމްތަކުގައި ހޮޅީގެ މަތީގައި ލޯވަޅު އަޅާ ގަސްއިންދޭ ގޮތަށް ހުންނަނީ ހަދާފައެވެ. ކޮންމެ ހޮޅިއަކަށް ވަކިން ނިއުޓްރިއަންޓް ސޮލިއުޝަން ދެއެވެ. އަދި ހޮޅީގެ ވަތުގައި ތުނި ފެން ފަށަލައެއް ދައުރުކުރަން ޖެހެއެވެ. ހޮޅީގެ އަނެއްކޮޅުން ފެން އެބުރި ރިޒަވަޔާރ އަށް ދެއެވެ. މިސިސްޓަމް ކޮޅަށް ބެހެއްޓުމުން ނަގާ ޖާގަ ކުޑަވެއެވެ.
ފިގާރ 6.10: ނިއުޓްރިންޓް ފިލްމް ޓެކްނިކް މަސައްކަތްކުރާގޮތް
ފިގާރ 6.11: NFT ސިސްޓަމްތަކެއްގައި ލެޓިއުސް ހައްދާފައި
ތިރީގައިވާ ފޮޓޯގައި ދައްކާދެނީ މަތިން ތިރިއަށް ފެން ދައުރުކުރާގޮތަށް ހަދާފައިވާ ސިސްޓަމެކެވެ. ފެން އަޅަންޖެހެނީ މައްޗަށެވެ. އެއްހޮޅިން އަނެއް ހޮޅިއަށް ފެން ފައިބަމުންގޮސް އެންމެތިރިހޮޅިން ރިޒަވަޔާއަށް ފެން ޖަމާވެއެވެ. މިކަހަލަ ކުޑަ ސިސޓަމެއް ބެލްކަންޏެއްގައި ހެދިދާނެއެވެ. އަދި ލެޓިއުސްފަދަ ގަސް މީގައި ހެއްދިދާނެއެވެ. އެލްބޯތަކަކާއި ރިޑިއުސަރުތަކެއް ބޭނުންކޮށްގެން ހޮޅީގެ އެތެރޭގައި ފެންހުންނަގޮތަށް މި ސިސްޓަމް ހަދާފައިވެއެވެ.
ފިގާރ 6.12: NFT ސިސްޓަމެއް
6.7 އެއިރޮފޯނިކްސް ސިސްޓަމް: އެއިރޮފޯނިކްސް އަކީ ހަޤީގަތުގައި ނިއުޓްރިއަންޓް ސޮލިއުޝަން ބޭނުން ކުރާ ސިސްޓަމެކެވެ. ވުމާއެކު އެއީ ހައިޑްރޮޕޯނިކްސް ގެ ވައްތަރެކޭ ވެސް ބައެއް މީހުން ބުނެއުޅެއެވެ. ހައިޑްރޮޕޯނިކްސްއާއި ޚިލާފަށް މި ސިސްޓަމްގައި ގަހުގެ މޫތައް ހުންނަނީ ފެނުގެ ތެރޭގައެއް ނޫނެވެ. ނިއުޓްރިއަންޓް ސޮލިއުޝަން މުލަށް ސްޕްރޭ ކުރަނީއެވެ. މިގޮތަށް ސްޕްރޭކުރާތީ ހައިޑްރޮޕޯނިކް އަށް ވުރެ ގިނައިން ނިއުޓްރިއަންޓްގެ pH އާއި EC ޗެކްކޮށް ބަލައި ރަގަޅުކުރަން ޖެހެއެވެ. ޕަމްޕް ހުންނަން ޖެހޭނީ ޓައިމަރަކަށް ގުޅާފައެވެ. މިކަހަލަ ސިސްޓަމްތަކުގައި އަލުއިފަދަ ފަލަމަޑީގެ ބާވަތްތަށްވެސް ހެއްދެއެވެ.
ފިގާރ 6.13: އެއިރޮފޯނިކްސް ސިސްޓަމް މަސައްކަތް ކުރާގޮތް
ފިގާރ 6.14: އެއިރޮޕޯނިކްސް ސިސްޓަމްތަކެއްގައި ލެޓިއުސް ހައްދާފައި
ފިގާރ 6.15: އެއިރޮޕޯނިކްސް ސިސްޓަމެއްގައި ހައްދާފައިވާ އަލުއި
6.8 އެކުއަޕޯނިކްސް ސިސްޓަމް: އެކުއަފޯނިކްސް ސިސްޓަމަކީ ފެނުގައި ދިރިއުޅޭ ފިނިހަކަޔާއި، މަހާއި، ޕްރޯންފަދަ ތަކެތި ޓޭންކެއްގައި ގެންގުޅެ އޭގެ ހަށިތަކުން ބޭރުވާ ނަޖިސް ހުންނަފެން ހައިޑްރޮފޯނިކްސް ސިސްޓަމުގައި ނިއުޓްރިއެންޓް ސޮލިއުޝަންގެ ގޮތުގައި ބޭނުންކުރާ ސިސްޓަމެކެވެ. ހައިޑްރޮޕޯނިކްސް ސިސްޓަމުން އެފެނުގައި ހުންނަ ވިހަމާއްދާތައް ސިސްޓަމްގައި ދިރިއުޅޭ ނައިޓްރިފައިން ބެކްޓީރިޔާ، ނައިޓްރައިޓްސް އަށް ދެން ނައިޓްރޭޓްސް އަށް ބަދަލުކޮށްލައެވެ. ދެން މި މާއްދާ ގަސް ކާނާގެ ގޮތުގައި ބޭނުންކުރެއެވެ. ޓޭންކުގައި ހުންނަފެން ޕަންޕެއްގެ އެހީގައި ގަސްއިންދާފައިވާ މީޑިޔާތެރެއިން ދައުރުކުރާއިރު ފިލްޓާވެގެން ގްރެވިޓީގެ އެހީގައި ޓޭންކަށް އެބުރިދެއެވެ. މިޓޭންކުގައި ފެނުގައި ދިރިއުޅޭ ކޮންމެ ބާވަތެއްގެ މަހެއްވެސް ގެންގުޅެވިދާނެއެވެ.
ފިގާރ 6.16: އެކުއަޕޯނިކްސް ސިސްޓަމް މަސައްކަތް ކުރާގޮތް
ފިގާރ 6.17: އެކުއަޕޯނިކްސް ސިސްޓަމެއްގައި ގަސްތަކެއް ހައްދާފައި