5 ގަހަށް ބޭނުންވާ ނިއުޓްރިއަންޓް ސޮލިއުޝަން (ކާނާ ފެން) ތައްޔާރުކުރާނެގޮތް

5.1 ކާނާ: ގަހަށް ބޭނުންވާ ހުރިހާ މާއްދާތަށް އަޅަންވާ މިންވަރަށް ފެނަށް އަޅައިގެން ވެސް ހައިޑްރޮޕޯނިކްސް ސޮލިއުޝަން ހެދިދާނެއެވެ. ނަމަވެސް މަދުން ގަސްހައްދާ މީހުންނަށް އެއީ އެހާ އެކަށީގެންވާ  ކަމެއްނޫނެވެ. ވުމާއި އެކު “އަލްބާރޓް މިކްސްޗާރ” ފަދަ ހައިޑްރޮޕޯނިކްސް ސޮލިއުޝަން ހަދާ މިކްސްޗާރ ޕެކެޓެއް ގަނެގެން ބޭނުންކުރުން އެފަދަ މީސްމީހުންނަށް މާއެކަށީގެންވެއެވެ. މި މިކްސްޗާރ ޕެކެޓްގައި ހުންނަނީ ގަހަށް ބޭނުންވާ ހުރިހާ ކެމިކަލްސްތައް ރަގަޅު މިންވަރަށް އެއްކޮށްފައެވެ. ރާއްޖޭގެ ފިހާރަތަކުގައިވެސް ތަފާތު ބްރޭންޑް ތަކަުގެ ނިއުޓްރިއަންސް މިކްސްޗާރތައް މިހާރު ވިއްކަން ހުރެއެވެ. ކޮންމެހެން ވަކި ބްރޭންޑެއް ބޭނުން ނުކުރިއަސް ހައިފާ އޭ ޕްލަސް ބީ ފަދަ ނިއުޓްރިއަންޓްސް މިކްސްޗާރ އެއް ބޭނުންކޮށްގެން ވެސް ނިއުޓްރިއަންޓް ސޮލިއުޝަން ހެދިދާނެއެވެ. އަލްބާރޓް މިކްސްޗާރގެ ބޮޑު ޕެކެޓެއްގެ އެތެރޭ ކުޑަ 2 ޕެކެޓް އޮވެއެވެ. ކުޑަ މިންވަރެއް ބޭނުންކުރާނަމަ ރަގަޅުވާނީ މި ދެޕެކެޓްގައިވާ ކެމިކަލްސްތައް އަނގަ ބޮޑު ދެފުޅިއަކަށް އަޅައި ވައި ދައުރު ނުކުރާގޮތަށް ބެހެއްޓުމެވެ. ނޫންނަމަ ވަރަށް އަވަހަށް ގަނޑުވާނެއެވެ. ދެޕެކެޓްގައިވާ ކެމިކަލް އަޅަން ޖެހޭނީ އެއް މިންވަރަކަށެވެ. އަދި އަޅަންޖެހޭނީ ކިތައްލީޓަރު ފެނަށް ކިތައް ގްރާމުކަންވެސް ޕްކެޓްގެ ބޭރުގައި ލިޔެފައި އޮވެއެވެ. ކެމިކަލް ކިރުމަށް ކުޑަ އެލެކްޓްރޯނިކް ބެލަންސެއް ގެންގުޅުމަކީ ރަގަޅުކަމެކެވެ. އެބެލަންސުން 0.1 ގުރާމް ކިރެންޖެހޭނެއެވެ. ސައި ސަމުސަލަކުން ބަލާނަމަ 1 ސައި ސަމުސާ ފުރެންދެން ކެމިކަލް އަޅާ މަތި ކަނޑާލުމުން އެއީ 4.2 ގްރާމެވެ. ނުވަތަ ގާތްގަނޑަކަށް 4 ގްރާމް ކަމުގައި ބެލިދާނެއެވެ.

 

ފިގާރ 5.1: ޑިޖިޓަލް ބެލެންސް

ފިގާރ 5.2: 4 ގްރާމް ގެ މިންވަރު ސައިސަމުލެއްގައި

ތިރީގައިވާ ފޮޓޯގައި ފެންނަ އަލްބާރޓް މިކްސްޗާ އަޅަނީ ކޮންމެ 10 ލީޓަރުފެނަށް ޕެކެޓަކުން 2.5 ގްރާމެވެ. ފުރަތަމަ ކިރައިގެން ސޮލިއުޝަން މިގޮތަށް ތައްޔާރުކުރިއަސް، ފެން އާތްވަށް އަރާތީއާއި ގަސް ކާނާ ބޭނުންކުރާތީ ފެނުގައި ހުންނަކާނާގެ މިންވަރު ބަދަލުވާނެއެވެ. ވުމާއެކު ނިއުޓްރިއަންޓްސް ނުވަތަ ފެން އިތުރަށް ސިސްޓަމަށް އަޅަންޖެހޭ ވަޤުތުތަކެއް ވެސް އާދެއެވެ. މިގޮތަށް ނިއުޓްރިއަންޓްސް ހަމަކުރަންޖެހޭ ފަހަރު ތަކުގައި ބޭނުންކުރަން ކޮންސެންޓްރޭޓެޑްކޮށް ގިރާފައި ހުންނަ ސޮލިއުޝަން ފުޅިއަކަށް އަޅާފައި ބެހެއްޓިދާނެއެވެ. ސޮލިއުޝަން  ތައްޔާރު ކުރާއިރާއި ސިސްޓަމް މެއިންޓެއިންކޮށް ބަލަހައްޓާއިރު ކާނާއަށް އަންނަ ބަދަލު ދަނެގަނެ، ބޭނުންވާ މިންވަރަށް pH އާއި EC ރަގަޅުކުރަން ޖެހޭނެއެވެ. ވުމާއެކު EC މީޓަރެއް އޮތުމަކީ ވަރަށް މުހިއްމުކަމެކެވެ.

ފިގާރ 5.3: އަލްބާރޓް މިކްސްޗާރ ޕެކެޓެއް

5.2 ފެނުގައި ކާނާ ގިރިފައި ހުންނަ މިންވަރު: ފެނުގައި ކާނާ ހުންނަ މިންވަރު ނުވަތަ “ޓޯޓަލް ޑިސޯލްވްޑް ސޮލިޑްސް” (TDS) ބަލަނީ mg/L އިންނެވެ. އަދި TDS މީޓަރުތަކުން ދައްކާނީ “ޕާރޓްސް ޕާ މިލިއަން” (PPM) އިންނެވެ. USA ފަދަ ބައެއް ޤައުމުތަކުގައި އާންމުކޮށް ބޭނުން ކުރަނީ TDS މީޓަރުތަކެވެ. ފެނުގައި ކާނާ ހުންނަމިންވަރު ދަނެގަނެވޭ އަނެއްގޮތަކީ “އެލެކްޓްރިކަލް ކޮންޑަކްޓިވިޓީ” (EC) ބެލުމެވެ. EC މީޓަރުތަކުން ދައްކާނީ “މައިކްރޯސައިމަން ޕާރ ސެންޓިމީޓާރ” (μS/cm) ނުވަތަ “މިލި ސައިމަން ޕާރ ސެންޓިމީޓާރ” (mS/cm) އިންނެވެ.  ދުނިޔޭގެ ގިނަ ޤައުމުތަކުގައި މިހާރު ބޭނުން ކުރަނީ EC މީޓަރެވެ. TDS މީޓަރާއި EC މީޓަރުން ނިއުޓްރިއަންޓް ސްޓްރެންތް ދައްކާނީ އެއްމިނެއްގައެވެ. ތަފާތަކަށްވަނީ ޑިސްޕްލޭތަކުން ފެންނައަދަދެވެ. މިސާލަކަށް TDS މީޓަރަކުން 1000PPM ދައްކައިފައި EC މީޓަރަކުން 1430μS/cm ނުވަތަ 1.43ms/cm  ދައްކައިފިނަމަ އެ ނިއުޓްރިއަންޓް ސޮލިއުޝަންގެ ސްޓްރެންތް ހުރީ އެއް މިންވަރަކަށެވެ. އެކިއެކި ބްރޭންޑްތަކުގެ TDS މީޓަރުތަކުން ނިއުޓްރިއަންޓްސް ގެ PPM ދައްކާނީ އެކިމިންވަރަށެވެ. މީގެ ސަބަބަކީ އެކިމީޓަރުތަކުން EC ގެ އަދަދު PPM އަށް ބަދަލުކުރަނީ އެކި ފެކްޓާއިން (0.5 އާއި 1.0 އާއި ދެމެދު) ކަމުގައިވާތީއެވެ. މިސާލަކަށް EC މީޓަރަކުން 1000μS/cm ދަށްކާ ރީޑިން، އެއް TDS މީޓަރަކުން 500PPM ދައްކާފައި އެހެން TDS މީޓަރަކުން 700PPM ވެސް ދައްކަފާނެއެވެ. ވުމާއެކު TDS މީޓަރެއް ގަންނަނަމަ މީޓަރާއި ކެލިބަރޭޝަން ސޮލިއުޝަންގެ ކޮންވާޝަން ފެކްޓާރ އެނގެންޖެހޭނެއެވެ. ތިރީގައި އެވަނީ  ކޮންވާޝަން ރޭޝިއޯތަކެވެ. މި ލިންކުން ޔުނިޓް ކޮންވާރޓް ކުރެވޭ ވެބްޕޭޖެއް ފެނިވަޑައި ގަންނަވާނެއެވެ. ނިއުޓްރިއަންޓް ސޮލިއުޝަންގެ ސްޓްރެންތް ބަލަން އެންމެ ރަގަޅު މީޓަރަކީ EC މީޓަރެވެ. އޮޅުންބޮޅުން ކުޑަވާނީ EC މީޓަރެއް ބޭނުން ކުރުމުންނެވެ. 

PPM

 1 PPM=1 mg/L

      EC/TDS          

 1 μS/cm = 0.5 ppm (500 scale)

1 μS/cm = 0.7 ppm (700 scale)

1 μS/cm = 0.64 ppm (640 scale)

1 μS/cm = 0.55 ppm (550 scale)

 

ފިގާރ 5.4: EC އަދި TDS މީޓަރުތަކުގެ ޑިސްޕްލޭ ހުންނަގޮތް

ގަހެއްގެ ހެދިބޮޑުވުމަށް ފެނުގެ އެލެކްޓްރިކަލް ކޮންޑަކްޓިވިޓީއަކީ ވަރަށް މުހިއްމު އެއްޗެެކެވެ. ކޮންޑަކްޓިވިޓީ މަތިނަމަ ކާނާ (ކެމިކަލް) ފެނުގައި ގިނައީއެވެ. ވުމާއެކު ކުދިކުދި ގަހާއި ސިސްޓަމްތަކުގައި ޖަހާ ކުރިތައް ފާޓިލައިޒާ ބާންގެ ސަބަބުން މަރުވެދެއެވެ. ވުމާއެކު ގަސްހެދެމުން ބޮޑުވަމުން ދާވަރަކަށް ކާނާގެ ކޮންސަންޓްރޭޝަން މަތިކުރެވިދާނެއެވެ. ބައެއް ބާވަތުގެ ގަސް އާދައިގެ ކޮންސެންޓްރޭޝަންގައި ރަގަޅަށް ހެދެއެވެ. އަނެއްބައިގަސް ރަގަޅަށް ހެދި މޭވާއަޅަނީ ކާނާގެ ކޮންސަންޓްރޭޝަން މަތިވުމުންނެވެ. ތިރީގައިވާ ތާވަލުން ދައްކައި ދެނީ އެކިއެކި ގަސްގަހަށް ކާނާ ބޭނުންވާ މިންވަރެވެ.

ތާވަލް 5.1: އެކިއެކި ގަސްގަހަށް ބޭނުންވާ ސޮލިއުޝަންގެ ސްޓްރެންތާއި pH

5.3 EC މީޓަރު ކެލިބަރޭޓްކުރުން: EC މީޓަރުގެ ބައެއް ބާވަތައް ކެލިބަރޭޓް ކުރަންޖެހެއެވެ. އެނެއްބައި މީޓަރުތައް ހުންނަނީ ފެކްޓަރީ އިން ކެލިބަރޭޓް ކޮށްފައެވެ. EC މީޓަރު އަމިއްލައަށް ކެލިބަރޭޓް ކުރަންޖެހިއްޖެނަމަ pH މީޓަރު ކެލިބަރޭޓް ކުރިފަދައިން ސްޓޭޑެންޑް ސޮލިއުޝަންއެއްގެ އެހީގައި މީޓަރު ކެލިބަރޭޓް ކުރެވޭނެއެވެ. ގިނަމީޓަރުތަކުގައި ލެވެލް ބަދަލުކުރަން ދެ ބަޓަނެއް އިނދެއެވެ. އަނެއްބައި މީޓަރުތަކުގައި އޮޓޯކެލިބަރޭޝަން ބަޓަނެއް އިނދެއެވެ. ސޮލިއުޝަންގެ ތެރެއަށް މީޓަރުލުމަށްފަހު އެބަޓަނަށް އޮބާލުމުން އިރުކޮޅަކުން މީޓަރުގެ ރީޑިން ހުއްޓި ކެލިބަރޭޓް ވެދާނެއެވެ.

ފިގާރ 5.5: EC މީޓަރު ކެލިބަރޭޓް ކުރަން ބޭނުންކުރާ ބަފާ ސޮލިއުޝަންއެއް

   

ފިގާރ 5.6: TDS އަދި EC ބެލޭ މީޓަރެއް

5.4 އީސީ މީޓަރުގެ ކެލިބަރޭޝަން ސޮލިއުޝަން ހަދާނެގޮތް (DIY): އެއް ލީޓަރު ޑިސްޓިލް ވޯޓާރ ގެ ތެރެއަށް އެއްގުރާމު ލޮނު އަޅައިގެން ވެސް ބަފާ ސޮލިއުޝަނެއް ހެދިދާނެއެވެ. އޭރުން މީޓަރުން 1500μS/cm އާއި 2500μS/cm ރޭންޖަކަށް ކެލިބަރޭޓް ކުރެވޭނެއެވެ. މިރޭންޖަކީ އާންމުކޮށް ހައިޑްރޮޕޯނިކްސްގައި ބޭނުންކުރާ ރޭންޖު ލިބޭ ވަރެކެވެ. ދެވަނަ ސޮލިއުޝަނަކަށް ކެލިބަރޭޓް ކުރާނަމަ 0.5 ގްރާމް 1 ލީޓަރު ޑިސްޓިލް ފެނަށް އަޅައިގެން ދެވަނަ ބަފާ ސޮލިއުޝަން ހެދިދާނެއެވެ.