4 ފެނުގެ pH

4.1 pH ބަލާނެގޮތް: pH ބެލޭނެ ދެތިންގޮތެއް ހުރެއެވެ. އެއްގޮތަކީ ޔުނިވާރސަލް އިންޑިކޭޓާރ ކަރުދާސް ބޭނުންކުރުމެވެ. މީގެ ކަރުދާސްކޮޅެއް ފެނުގެ ތެރެއަށް ލައިފައި ނެގުމުން ތެމުނުބައިގެ ކުލަ ބަދަލުވެއެވެ. ދެން ކަރުދާހާއި އެކު ލިބޭ ކުލަ ޗާޓާއި އަޅާކިޔައިގެން pH ގެ އަދަދު ދަނެގަނެވެއެވެ.

ފިގާރ 4.1: ޔުނިވާރސަލް އިންޑިކޭޓާރ ކަރުދާސް

pH ބެލޭނެ ދެވަނަގޮތަކީ ޔުނިވާސަލް އިންޑިކޭޓާރ ސޮލިއުޝަން ބޭނުން ކުރުމެވެ. ފެނުގެ ސާމްޕަލް އެއްޗަކަށް ނަގައި ތިން، ހަތަރު، ފަސް ތިއްކެއް އެފެނުގެ ތެރެއަށް އަޅައި ރަގަޅަށް އެއްކޮށްލުމަށްފަހު ކުލަ ޗާޓަކާއި އަޅާކިޔައިގެން pH ދަނެގަންނާނީއެވެ.

pH ޓެސްޓް އިންޑިކޭޓަރ (ދިޔާ ވައްތަރު)

pH ބެލޭނެ ތިންވަނަގޮތަކީ ޑިޖިޓަލް pH މީޓަރެއް ބޭނުން ކުރުމެވެ. ހައިޑްރޮޕޯނިކްސް ސިސްޓަމްތަކުގައި ގަސްހައްދާ ގިނަމީހުން އާންމުކޮށް ބޭނުންކުރަނީ މިފަދަ މީޓަރެވެ. pH މީޓަރު ބޭނުންކުރުމުގެ ކުރިން މީޓަރު “ބަފާ ސޮލިއުޝަން” އެއް ބޭނުން ކޮށްގެން ކެލިބަރޭޓް ކުރަންޖެހެއެވެ. ގިނަ މެނުފެކްޗަރާއިން ލަފާދެނީ މަދުވެގެން މަހަކުއެއްފަހަރު ކެލިބަރޭޓް ކުރުމަށެވެ. މިހާރު ގެންގުޅޭ މީޓަރުތައް ކެލިބަރޭޓް ކުރަން ވަރަށް ފަސޭހައެވެ. މީޓަރާއި އެކު ލިބޭ ޕެކެޓެއްގައި ހުންނަ ކެމިކަލް އިންސްޓްރަކްޝަން ގައިޑްގައި ބުނާވަރަކަށް ޑިސްޓްލް ފެނަށް ގިރުމަށްފަހު މީޓަރު އެފެނުގެ ތެރެއަށްލައި އޮޓޯ ކެލިބަރޭޝަން ބަޓަނަށް އޮބާލާނީ އެވެ. އަނެއްބައި މީޓަރު ކެލިބަރޭޓް ކުރަންޖެހެނީ މީޓަރުގައި އިންނަ ކުޑަ އިސްކުރެއް ކަށިގަނޑަކުން އަނބުރައިގެންނެވެ. ކެލިބަރޭޝަން ޕައުޑާރ ޕެކެޓްގައި ލިޔެފައިވާ މިންވަރު، މީޓަރުން ދައްކަންދެން އެއިސްކުރު އަނބުރަނީއެވެ. މީޓަރު ކެލިބަރޭޓް ކުރުމަށްފަހު ފެނަށް ލާން ޖެހޭ ހިސާބު ފެނަށްލައި pH ބަލާނީއެވެ. އެންމެ ފަސޭހަ ގޮތަކީ ޕައުޑަރުގެ ބަދަލުގައި “ބަފާ ސޮލިއުޝަން” ގަތުމެވެ. އެންމެ ޚަރަދުކުޑަ DIY ގޮތަކީ pH-7 ހުންނަ ޑިސްޓިލް ވޯޓާރ ފަދަ އެއްޗެއް ބޭނުންކުރުމެވެ. 

 

ފިގާރ 4.2: pH މީޓަރު ކެލިބަރޭޓްކުރާ ބަފާ ސޮލިއުޝަންގެ ބާވަތެއް

4.2 ޑިސްޓިލް ވޯޓާރ ހަދާނެގޮތް (DIY): ތިރީގައިވަނީ ޑިސްޓްލް ވޯޓާރ ގޭގައި ހެދޭނެގޮތުގެ ކުރެހުމެކެވެ. ތެއްޔަކަށް ފެން އެޅުމަށްފަހު ހުސް ބޯތައްޓެއް (މުށި) ފަދަ ނުވިރާ އެއްޗެއް އެތެލީގެ އެތެރޭގައި ބަހައްޓާނީ އެވެ، އަދި ތެލި ކުރެހުމުގައި ވާގޮތަށް މަތިޖަހާނީ އެވެ. pH މީޓަރު ކެލިބަރޭޓް ކުރެވޭވަރަށް ޑިސްޓްލް ވޯޓާރ ލިބެންދެން ފެން ކައްކާނީއެވެ. މިގޮތަށް ނެގޭ ޑިސްޓިލް ވޯޓާރގެ pH އަކީ 7.0 އެވެ. ނަމަވެސް ބޭނުން ނުކޮށް ގިނައިރުވެއްޖެނަމަ ވަޔާއެކުވެގެން pH ބަދަލުވެއެވެ.

ފިގާރ 4.3: ޑިސްޓިލް ވޯޓާރ ހަދާނެގޮތް ދައްކަދޭ ކުރެހުމެއް

ފިގާރ 4.4: pH މީޓަރެއް