3- ގަސް ހައްދަން ބޭނުންވާ ފެން ތައްޔާރު ކުރާނެގޮތް
ގަހަށް ބޭނުންވާ ފެން ރަގަޅަށް ތައްޔާރުކުރުމަކީ ކާމިޔާބުކަމާއެކު ފެނުގައި ގަސް ހެއްދުމުގެ ތަޅުދަނޑިއެވެ. ފެނުގެ އެސިޑިޓީ ނުވަތަ އަލްކަލިނިޓީ ހުންނަމިންވަރަކީ ރަގަޅަށް ގަސްހެއްދުމަށް މުހިންމު އެއްޗެކެވެ. އެސިޑިޓީ (ފެނުގެ އެސިޑްކަން ހުންނަ މިންވަރު) ނުވަތަ އަލަކަލިނިޓީ (އަލްކަލައިންކަން ހުންނަ މިންވަރު) ބަލަނީ pH ސްކޭލުންނެވެ. pH ސްކޭލްގެ ހަތަކީ ސާފުފެނުގައި ހުންނަމިންވަރެވެ. pH ސްކޭލްގެ 6 ން 0 އަށް ދާވަރަކަށް ފެނުގެ އެސިޑްކަން ދާނީ ގަދަވަމުންނެވެ. ހަމަ މިގޮތަށް pH ސްކޭލްގެ 8 ން 14 އަށް ދާވަރަކަށް އަލްކަލައިންކަން ދާނީގަދަވަމުންނެވެ. ފެނުގެ pH ހައިޑްރޮޕޯނިކްސްގައި މުހިއްމުވާ ސަބަބަކީ، ފުރިހަމަ ސިއްޙަތުގައި ގަސްހެދުމަށް ބޭނުންވާ މާއްދާތައް ގަހުގެ މުލުން ނަގަނީ ފެނުގެ pH ލެވެލް ވަކިމިންވަރަކަށް ހުރުމުންނެވެ. މިގޮތުން އެންމެ ގިނައިން ކާނާ (ކެމިކަލް) ގަހައް ނަގަނީ ފެނުގެ pH ގެ މިންވަރު 5.5 އާއި 6.5 ދެމެދުގައި ހުރުމުންނެވެ. މީގެ މާނަޔަކީ ފެނުގައި ކޮންމެވެސް ވަރެއްގެ އެސިޑް ކަމެއް ހުންނަން ޖެހެއެވެ.
ފިގާރ 3.1: އެކިއެކި pH ލެވެލްތަކުގައި ގަހަށް ބޭނުންވާ އެކިއެކި ކެމިކަލްތައް ގަހަށް ނަގާގޮތް
3.1 ފެން: ރާއްޖޭގައި އާންމުކޮށް ބޭނުން ކުރަނީ 3 ބާވަތުގެ ފެނެވެ. އެއީ ވާރޭފެނާއި ބިމުންނެގޭ ފެނާއި ޑީސެލިނޭޓް ފެނެވެ. ވާރޭ ފެނުގެ pH އަކީ ގާތްގަނޑަކަށް 6.5 އެކެވެ. މިއީ ފެނުގައި ގަސް ހެއްދުމަށް ވަރަށް ރަގަޅު ފެނެކެވެ. އަނެއްބާވަތުގެ ފެނަކީ ބިމުންނެގޭ ފެނެވެ. މިފެނަކީ ވާރޭފެން ބިމަށް ހިނދިގެން ފްރެޝް ވޯޓާރ ލެންސްގައި ހަރުލާ ފެނެވެ. މިފެނުގައި ލޮނުގެ އަސަރު ނެތްނަމަ މިފެން ހައިޑްރޮޕޯނިކްސް ސިސްޓަމްތަކުގައ ގަސް ހެއްދުމަށް ބޭނުންކުރެވިދާނެ އެވެ. ރާއްޖޭގެ ރަށްތަކުގެ ވެއްޔަކީ ކެލްސިއަމް ކާބަނޭޓުން އުފެދިފައިވާ ވެލިކަމުގައިވާތީ، ބިމުންނެގޭ ފެނުގެ pH އެވްރެޖްކޮށް ހުންނަނީ އެ ސްކޭލްގެ 8.0 އާއި 8.8 އާއި ދެމެދުގެ މިންވަރެއްގައެވެ. އަދި ވެލީގައި ހުންނަ ކުނިބުނީގެ ބާވަތުން މި މިންވަރަށް ފަރަގުވެސް އާދެއެވެ. ވުމާއެކު ބިމުންނެގޭ ފެނުގެ pH ގަހަށް ބޭނުންވާ މިންވަރަށް ގެނަސްގެންނޫނީ ރަގަޅަށް ގަސް ނުހެދެއެވެ. ބިމުންނެގޭ ފެނުން ދިމާވާ އިތުރުމައްސަލައަކީ އެހެނިހެން އިތުރު ކެމިކަލް ތަކުން ފެން ތަޤައްޔަރުވުމެވެ. ރާއްޖޭގެ ބައެއް ރައްރަށުގައި ޑީސެލިނޭޓް ފެން ބޭނުންކުރެއެވެ. ޑީސެލިނޭޓް ފެންވެސް ޑީކްލޮރިނޭޓް ކުރުމަށްފަހު ބޭނުން ކުރެވިދާނެއެވެ. އާންމުކޮށް ޑީސެލިނޭޓް ކޮށްފައި ހުންނަ ފެނުގެ pH އަކީ 6.5 އާއި 6.7 އާއި ދެމެދު ކަމުގައިވާތީ މިފެންވެސް ގަސް ހެއްދުމަށް ބޭނުންކުރެވިދާނެ އެވެ.
3.2 ޑީކްލޮރިނޭޓްކުރުން: ޑީކްލޮރިނޭޓް ނުވަތަ ފެނުގައި ހުންނަ ކްލޮރިން، ފެނުން ވަކިކުރުމަށް ދެތިން ކަމެއް ކުރެވިދާނެއެވެ. އެއީ (1) ފެން ހާމަ އެއްޗަކަށް އަޅާ 24 ގަޑިއިރު އަވީގައި ބެހެއްޓުމެވެ. ފެނުގައި ހުންނަ ކްލޮރިން އަވީގެ އެހީގައި ކްލޮރިން ގޭހަށް ބަދަލުވެގެން ޖައްވަށް އަރައިދާނެއެވެ. މިއީ މިކަންކުރަން އެންމެ ފަސޭހަ ގޮތެވެ. (2) ފެން 20 މިނެޓަށް ކައްކައި ރޫމް ޓެމްޕަރޭޗާރ އަށް ފިނިކުރުމުންވެސް ކްލޮރިންގެ އަސަރު ކެނޑިދެއެވެ. (3) ކޮންމެ 3.4 ލީޓަރުގެ ފެނަށް ސައި ސަމުސަލެއްގެ އެސްކޯބިކް އެސިޑް (ވިޓަމިން C) އަޅައި ގިރުމުން ކްލޮރިނޭޓް ކޮށްފައި ހުންނަފެން ޑީކްލޮރިނޭޓް ކުރެވެއެވެ. މިގޮތަށް ޑީކްލޮރިނޭޓް ކުރުމުން pH އަށް ބަދަލުތަކެއް އާދެއެވެ، ވުމާއެކު އަލުން pH ރަގަޅު ކުރަން ޖެހެއެވެ. (4) ދެން ޑީކްލޮރިނޭޓް ކުރެވޭ ގޮތަކީ އަލްޓްރާވައިލެޓް ބޮތްކެއްގެ އަލީގެ ދަށުގައި ފެންއެތި ބެހެއްޓުމެވެ. (5) އަނެއްގޮތަކީ ވިއްކަން ހުންނަ ޑިކްލޮރިނޭޓާރ އެއް ބޭނުންކުރުމެވެ.
ފިގާރ 3.2: ވިއްކަން ހުންނަ ޑީކްލޮރިނޭޓާރގެ ބާވަތެއް
3.3 pH މަތިކުރުމާއި ދައްކުރުން: ފެނުގެ pH ބޭނުންވާ މިންވަރަށް މަތިނަމަ ލުބޯ ހުތް ނުވަތަ ކުޑަމިންވަރެއްގެ ވިނިގާފޮދެއް އަޅައިގެންވެސް ދަށްކުރެވިދާނެ އެވެ. pH ދަށްނަމަ، ފިހާރަތަކުން ގަންނަން ލިބޭ “ބައި ކާބަނޭޓް ސޮޑާ” ގެ ކުޑަ މިންވަރެއް އަޅައިގެން މަތި ކުރެވިދާނެއެވެ. މިގޮތަށް pH ބަދަލުކުރުމަށް ވިއްކަން ހުންނަ ސޮލިއުޝަން ވެސް ބޭނުން ކުރެވިދާނެއެވެ. އާންމުކޮށް ސްވިމިންގ ޕޫލްގައި ބޭނުންކުރާ ކެމިކަލް ރަގަޅުވާނެއެވެ.
ފިގާރ 3.3: ހައިޑްރޮޕޯނިކްސްއަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ pH ބަދަލުކުރާ ސޮލިއުޝަން