1. އޭފިޑްސް، ހިންޏާއި މީލި ބަގްސް، ސްޕައިޑާ މައިޓް، ވައިޓް ފްލައި، ލީފް މައިނާ، ކެޓަޕިލާ އަދި ތްރިޕްސް

ޕެސްޓްގެ ގޮތުގައި ބެލޭ ތަފާތުބާވަތްތަކުގެ އިންސެކްތަކަށް ބަލާލަމާ ހިނގާށެވެ.

1.1 އޭފިޑްސް 

މިއީ 3 މިލިމީޓަރަށްވުރެވެސް ކުޑަ އިންސެކްޓް އެކެވެ. އޭފީޑްސްގެ ވަރަށް ގިނަބާވަތްތައް ވެއެވެ. ބުނެވޭގޮތުގައި 5000 ބާވަތުގެ އޭފިޑްސް ދުނިޔޭގައި އުޅެއެވެ.  ވަރަށް މަޑު ހަށިގަނޑަކުން އުފެދިފައިވާ މި އިންސެކްޓްގެ އެބްޑޮމަން ނިމޭ ތަނުގައި ދެކަށިގޮތަށް ހުންނަ ކޯނިކަލްސް ވެއެވެ. ހުދުކުލަ، އަޅިކުލަ، ފެހިކުލަ ރީނދޫ، ރަތްކުލަ، ކަޅުކުލަ ފަދަ ކުލަތައްވެއެވެ. އޭގެ ތުންގަނޑު ފަތުގެތެރެއަށް ކޮއްޕާލައި  ފަތުގެ ދިޔަ  (ސެޕް) ބޮއެވެ. ނަތީޖާއެއްގެ ގޮތުން ގަހުގެ ހެދިބޮޑުވުމަށް ބޭނުންވާ ހޯމޯންގެ ބެލަންސް ގެއްލި ގަހަށް ގެއްލުން ލިބެއެވެ. އޭފިޑްސް ގަހުގެ ފަތާއި މައިގަނޑާއި މުލުން ދިޔަ ބޮއެވެ. ނަތީޖާއެއްގެ ގޮތުން ގަސްބަލިވެ، ހެދުން ލަސްވެއެެވެ. ފަތްތަކުގައި ލަައްލަށް އުފެދި (ތިކި)، ރީދޫވެ ނުވަތަގޮނިވެއެވެ. ފަރުވާނުދެވުނުނަމަ ނަތީޖާއެއްގެ ގޮތުން ގަސް މަރުވެދެއެވެ. ބައެއް އޭފިޑްސް ފިރިހެން އިންސެކްޓްގެ އެހީއަކާއި ނުލާ އަންހެން އިންސެކްޓް ދަރިވިހައެވެ. އޭރު އެދަރި އޮންނަނީ ފުރިހަމަވެފައިވާ ނިމްސެއްގެ ގޮތުގައެވެ. އަދި ވަޤުތުން ގަހުންކާނާ ހޯދަން ފައްޓާ އަވަހަށް ބޮޑުވެއެވެ. އޭފިޑްސް ބޮޑުވަމުން އަންނައިރު އެތައްފަހަރަކު އޭގެ ތޮށިގަނޑު ދޫކޮށްލައެވެ. މިފަދަ ތޮށިފެނުމަކީ ގަހުގައި އޭފިޑްސް އުޅޭކަމުގެ އަލާމާތެކެވެ. ބައެއް އޭފިޑްސް ބިސް އަޅައި ލާވާއަށްވެ ބޮޑުއެއްޗަކަށް ވެއެވެ. ބޮޑެތިވާއިރު ބައެއް އޭފިޑްސްގައި ފިޔަހުރެއެވެ، އަނެއްބާ އިންސެކްޓްގައި ފިޔައެއް ނުހުރެއެވެ،

އާންމުކޮށް މިބާވަތުގެ އިންސެކްޓް ދިރިއުޅެނީ ފަތުގައި އަޑިކޮށް ހުންނަ ތަންތަނުގައާއި ކުރިފަޅާ ބޯށީގައާއި (ބަޑްސް)  ފަތުގެ ތަނޑީގައާއި ފަތުގެ ދަށުގައެވެ.  

ފިގާރ 1.1: އޭފިޑްސްގެ ބައެއް ބާވަތްތައް

ތިރީގައިވާ ފޮޓޯތަކުން ދައްކައިދެނީ އޭފިޑްސްގެ އަސަރުކޮށްފައިވާ މިރުސްގަހެކެވެ. ގަސްތަކުގެ ފަތްތަށް ވަރަށްބޮޑަށް ގޮނިވެފައިވެއެވެ. މި ފަތްތަކުގެ ދަށުގައި ދިރިއުޅުނީ ފެހިކުލައިގެ އޭފިޑްސްގެ ބާވަތެކެވެ.

ފިގާރ 1.2: އޭފިޑްސްގެ މައްސަލަ ދިމާވެފައިވާ މިރުސްގަހެއް

ފިގާރ 1.2: ޕެސްޓްގެ އަސަރުކޮށްފައި ނެތް ފެނުގައި ހައްދާފައިވާ މިރުސް ގަސްތަކެއް

ތިރީގައިވާ ފޮޓޯގައިވަނީ އަޅުގަނޑު ހެއްދި ކިއުކަންބާގަހަކަށް އޭފީޑްސް ގެ އަސަރުކޮށްފައިވާ ތަނެއެވެ. ފޮޓޯ އަދި ވީޑިއޯކޮށްފައިވަނީ މޯބައިލް ފޯނުގައި ހަރުކުރެވޭކަހަލަ މައިކްރޮކްސްކޯޕް ލެންސެއް ބޭނުންކޮށްގެންނެވެ. ބޮޑުވާ ބިއްލޫރިންވެސް ފުދޭވަރަކަށް ބޮޑުކޮށް އޭފިޑްސް ފެނެއެވެ. ނުވަތަ ފޯނުންވެސް ކޮންމެވެސް ވަރަކަށް ބޮޑުކޮށް ފޮޓޯ ނެގެއެވެ.

 

ފިގާރ 1.3: އޭފިޑްސްގެ އަސަރުކޮށްފައި ގަހެއްގެ ފަތެއް އަދި އޭފިޑްސްގެ ބާވަތްތައް

ފިގާރ 1.4: އޭފިޑްސްގެ އަސަރުކޮށްފައިވާ ފަތުގެ ދަށުގައި އުޅޭ އޭފިޑްސްގެ ހަރަކާތްތައް