ޕޯޗުގީޒުން ރާއްޖޭގެ ވިޔަފާރި ކޮންޓްރޯލް ކުރިގޮތް: ޙަސަން ރަސްގެފާނު (ޑޮން މެނުއަލް) އާއި ޕޯޗްގީޒް ވައިސްރޯއީ އަފޮންސޭ ޑީ އަލްބުޤައިރުކީ ޕޯޗުގީޒް ރަސްކަލުންނަށް ފޮނުއްވި ސިޓީތައް

 

މުޙައްމަދު ޖަމީލް (20 ޖުލައި 2022)

 

މި މަޒްމޫނުގައި އަޅުގަނޑު އަލިއަޅުވާފައިވަނީ ދިވެހިން ރާއްޖެއިން ބޭރަށް އެންމެ ކުރީ ޒަމާނުގައި ކުރަމުން އައި ދަތުރުތަކާއި އަދި ޕޯޗުގީޒުން ދިވެހިރާއްޖޭގެ އިޤްތިސާދު ކޮންޓްރޯލްކޮށް، ރާއްޖޭގެ މުސްލިމު ރައްޔިތުންގެ ދީން ބަދަލުކުރަން ކުރި މަސައްކަތުގެ މައްޗަށެވެ. މި މަޒްމޫނުގައި އަޅުގަނޑު ބޮޑަށް މަސައްކަތް ކޮށްފައިވަނީ، ޕޯޗުގީޒުން ދިވެހިރާއްޖެއަށް އަތްގަދަކުރުމުގެ މައިގަނޑު ސަބަބު، ބައިނަލް އަޤްވާމީ އަދި ރާއްޖޭގެ ސިޔާސީ ނަޒަރަކުން ދަނެގަތުމެވެ. މީލާދީން 5 ވަނަ ޤަރުނާއި 6 ވަނަ ޤަރުނު ވެފައިވަނީ ރާއްޖޭގެ ޝާހީ އާއިލާތަކުގެ މެދުގައި ވެރިކަމާއި ގުޅިގެން ކޯޅުން ގިނަ ދުވަސްވަރެއްގެ ގޮތުގައެވެ.  އެވާދަވެރިކަމުގެ ތެރޭގައި ވެރިކަން ދެމެހެއްޓުމުގެ ގޮތުން ބޭރު ޤައުމުތަކުގެ ވިޔަފާރިވެރިންނާއި ސިޔާސީ ފަރާތްތަކާއި ދީނީ ޖަމާޢަތްތަކުގެ އެހީ ހޯދާފައި ވެއެވެ. އޭގެ އަގު ދައްކަންޖެހުނީ ރާއްޖެއަށް އިޤްތިސޯދީގޮތުން ލިބުނު އެއްޗަކުންނެވެ. މިކަން އެންމެ ހިތްދަތި ހިސާބަކަށް ދިޔައީ ޕޯޗުގީޒުންގެ އަޅުވެތިކަމުގައި ރާއްޖެ އޮތް ދުވަސްވަރުގައެވެ. އެއީ ރާއްޖޭގެ ސިޔާސީ، އިޤްތިސޯދީ އިޖްތިމާޢީ އަދި ދީނީ ފޭރާން ވީދި ރައްޔިތުން ނިކަމެތިވި، އަދިރި ދުވަސްތަކެކެވެ. ޕޯޗުގީޒުން މި ސަރަހައްދަށް އައުމާއި ޖެހެންދެން މި ސަރަހައްދުގެ ޤައުމުތަކުގެ މީހުން ކުރަމުން އައީ މިނިވަން ވިޔަފާރިއެވެ. ކަނޑުމަގުން ކުރެވުނު އެ ވިޔަފާރީގެ މަންފާ ދިވެހިންނަށް ވެސް ލިބެމުންދިޔައެވެ. ރާއްޖޭގެ ބޮލި އާއި މަހާއި ރޯނަކީ މިސަރަހައްދުގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރި ތަކެއްޗެވެ. ރާއްޖޭގެ ރޯނަކީ މިސަރަހައްދުގައި ކަނޑުގައި ދުއްވި ވިޔަފާރި އުޅަނދުފަހަރު ބަނުމަށާއި މަރާމާތު ކުރުމަށާއި އެތަކެތީގައި ބޭނުންކުރާ ނަގިލި ވަލަށް މުހިއްމު އެއްޗެކެވެ. އެފަދައިން ބޮއްޔަކީ މިސަރަހައްދުގެ ބައެއް ޤައުމުތަކުގައި ފައިސާގެގޮތުގައި ބޭނުންކުރަމުން ދިޔަ އެއްޗެކެވެ. މިހެން އޮތް ދުވަސްވަރެއްގައި ބޮއްޔާއި ރޯނުގެ މައިގަނޑު އެކްސްޕޯޓަރަކީ ވެސް ދިވެހިރާއްޖެއެވެ. ވުމާއެކު ރާއްޖޭގެ އެކްސްޕޯޓްގެ ރޯނުފަދަ ބާވަތްތައް ސަޕްލައިކުރާ ވިޔަފާރިވެރިންނަކީ މުއްސަދިބައެއް ކަމުގައި ވެފައިވެއެވެ. ޕޯޗުގީޒުން ވެސް އެބައިމީހުންގެ ބޯޓުތައް ބަނުމަށާއި މަރާމާތު ކުރުމަށް އެ ދުވަސްވަރު ބޭނުން ކުރަމުން ދިޔައީ ރާއްޖޭގެ ރޯނެވެ. ވުމާއެކު ޕޯޗުގަލްއިން ވެސް ރާއްޖޭގެ ރޯނުގެ އެކްސްޕޯޓްގެ ބޮޑުބައެއް ކޮންޓްރޯލްކުރަން މަސައްކަތް ކުރަމުން ގޮސްފައިވެއެވެ. ޕޯޗުގީޒުންނަށް ދެންރާއްޖެ މުހިއްމުވީ ރާއްޖެ އޮންނަ ސަރަހައްދުގެ ގޮތުންނެވެ. އިންޑިޔާ ކަނޑު ހުރަސްކޮށް އިރާއި ހުޅަނގާއި ދޭތެރޭ ދަތުރުކުރާ ގިނަ އުޅަނދުފަހަރު ހުރަަސްކުރަން ޖެހެނީ ރާއްޖޭގެ ސަރަހައްދުންނެވެ.

މި މަޒްމޫނުގައި ހުށައަލައިދީފައިވާ 3 ސިޓީ އިނގިރޭސިބަހުން ދިވެހިބަހަށް ތަރުޖަމާކޮށްފައިވަނީ އަޅުގަނޑެވެ. ޖުމުލަކޮށް ސިޓީތަކުގައި ބުނާ އެއްޗެތީގެ މާނަ ނުގެއްލޭގޮތަށާއި މާނަ ނޯޅޭގޮތަށް ތަރުޖަމާ ކުރެވޭތޯ އަޅުގަނޑު މަސައްކަތް ކުރީމެވެ. އަޅުގަނޑު އުއްމީދުކުރަނީ މި މަޒްމޫނު ވެސް ކިޔުންތެރިން ޝައުޤުވެރިވާ މަޒްމޫނަކަށް ވެގެން ދާނޭ ކަމުގައެވެ. އަޅުގަނޑުގެ ގިނަ މަޒްމޫނުތަކެކޭ ވެސް އެއްފަދައިން މި މަޒްމޫނަކީ ވެސް ދިރާސާތަކެއްގެ މައްޗަށް ބިނާވެފައިވާ މަޒްމޫނެކެވެ.

ފޯޒްގީޒުން އިންޑިޔާ ކަނޑަށް އައި އިރު ދިވެހިންގެ ކުރަމުންދިޔަ ވިޔަފާރި ދަތުރުތައް

މީލާދީން 16 ވަނަ ޤަރުނާއި ހަމަޔަށް އަންނަންދެން އިންޑިޔާ ކަނޑާއި އަރަބި ކަނޑާއި ޗައިނާގެ ކަނޑުތައް ފަދަ ކަނޑުތައް ހުރަސްކޮށް ކުރަމުންދިޔަ މިނިވަން ވިޔަފާރީގެ ފައިދާ އެތައް ސަތޭކަ އަހަރެއް ވަންދެން ދިވެހިންނަށް ލިބެމުން ދިޔައެވެ. ދިވެހިން ހޯދި ދަތުރުފަތުރު ކުރުމުގެ ތަޖުރިބާ ތަކުގެ ސަބަބުން ބޮޑެތި ކަނޑުތައް ހުރަސްކޮށް އަމިއްލައަށް ބަން އުޅަދުތަކުގައި ދަތުރުކުރި ކުޅަދާނަ ބަޔަކަށް ދިވެހިން ވެފައިވެއެވެ. އުތުރާއި މެދު ރާއްޖެތެރެ އާއި ދެކުނުގެ އެކިއެކި ސަރަހައްދުތަކުން އެދުވަސްވަރު ސީދާ ބޭރުޤައުމުތަކަށް ދަތުރުކޮށް ދިވެހިންގެ އުފެއްދުން އެކްސްޕޯރޓްކޮށް، މުދާ އިމްޕޯރޓް ކޮށްފައިވެއެވެ. ތިރީގައި ވަނީ ދިވެހިންގެ އޮޑިފަހަރުގައި ވިޔަފާރިދަތުރުތައް ކޮށްފައިވާ ކަމަށް އެކިއެކި ބޭރުގެ ފަރާތްތަކުން ލިޔެފައިވާ ލިޔުންތަކުން އަޅުގަނޑަށް ފެނުނު ތަންތަނެވެ. ގޫގުލް ޗާޓެއްގައި އެތަންތަން އަޅުގަނޑު އެ ވަނީ ފާހަގަކޮށްފައެވެ. އޭގެން މި ނެޓްވޯރކްގެ ފުޅާމިން ތަސައްވުރު ކުރެވޭނެއެވެ. މީގެ އިތުރަށް އެފްރިކާގެ ސަރަހައްދުތަކަށާއި އެހެނިހެން ސަރަހައްދުތަކަށް ބޭރުގެ އުޅަނދުތަކުން ދިވެހި ވިޔަފާރިވެރިން ދަތުރުކުރިކަމަށް ވެސް ފެންނަން އެބަހުއްޓެވެ.


1 ކަލިކަޓް (އިންޑިޔާ)
2 ގޯވާ (އިންޑިޔާ)
3 ކޮޗިން (އިންޑިޔާ)
4 ބެންގާލް (ބަނގްލާދޭޝް)
5 ޝިންޑައު (ޝެޑޮންގ/ ޗައިނާ)
6 އަދަން (ޔަމަން)
7 ހޮރުމަޒް (ކުރީގެ އީރާންގެ ވިޔަފާރި ބަދަރެއް)
8 ސީރިޔާ
9 ބަރުމާ (ކުރީގެ މިޔަންމާރު)
10 ތައިލަންޑް
11 އާއްޗޭ/އަސޭ (ތައިލެންޑް)
12 ޖާވާ (އިންޑޮނީޝިޔާ)
13 ސިލޯނު (ސްރީލަންކާ)

 

ދިވެހިން ރިޔާނެގި ބައްތެލި ފަހަރުގައި ކަނޑުހުރަސްކޮށް ވިޔަފާރިކޮށްފައިވާކަން ލިޔުންތަކުން އެނގޭ ސަރަހައްދުތައް

ދިވެހިންނަކީ ކަނޑުގައި ދުއްވާ އުޅަނދު އަމިއްލަޔަށް ބަންނަ ކުޅަދާނަ ބައެއްކަން ބޭރުގެ ލިޔުންތެރިން ފާހަގަކުރައްވާފައިވެއެވެ. އަލް އިދްރީސީ (1186-1099) ވިދާޅުވެފައިވަނީ ދިވެހިން ތުނި ފިލައިން ދޯނި ބަންނަ ކަމުގައެވެ. ގްރޭ (1887) ގައި ފްރެންޗުން އިނގިރޭސިބަހަށް ތަރުޖަމާކުރައްވާ ފައިވާ ޕީރާޑް (1619)، އޭނާގެ ދަތުރާއި ބެހޭގޮތުން ލިޔުއްވާފައިވާ ފޮތުގައި ރާއްޖެއާއި ބެހޭގޮތުން ގިނަ މަޢުލޫމާތު ހިމަނުއްވާފައި ވެއެވެ. އެޗް. ސީ.ޕީ ބެލްގެ މަދަދާއެކު ލިޔުއްވި ފޮތުގައި ވިދާޅުވެފައިވާ ގޮތުން ދިވެހި އޮޑިފަހަރު (ގުންޑްރާސް) ބަނދެފައި ހުންނަނީ ރުކުގެ ވަކަރު ބޭނުންކޮށް، އިލިޖަހައި އެއްވެސް ބާވަތެއްގެ ބޯލްޓެއް ބޭނުން ނުކޮށެވެ. ރިޔާ ހަދާފައިހުންނަނީ ވިޔެފައިވާ ފަނުންނެވެ. މި އުޅަނދުފަހަރު ބަރުކުރަނީ ރޯނާއި ކުދިބޮލިންނެވެ. މި އުޅަނދުތަކުގައި ކުދިބޮލި، އެތަނުގައި ފައިސާގެގޮތުގައި ބޭނުންކުރާ ބެންގާލް އާއި ވިޔަފާރިކުރެއެވެ. މީގެން އަވީލާ ހިއްކާފައި ހުންނަ ކަޅުބިލަމަސް (މޮކްސަމާ) ގެންދެއެވެ. އެބައި މީހުންގެ އަތުގައި ލޮނު ނުހުންނާތީ ވަރަށް ބޮޑަށް ހިއްކާފައި ހުންނާތީ މަސް ހަލާކުނުވެއެވެ. ފަޅުވެރިންނަށް ދޭން އެއަށްވުރެ ރަނގަޅު އެއްޗެއް ނުހުންނާތީ ދަތުރުމަތީ އެބަމީހުނަށް ކާންލިބެނީ އެތަކެއްޗެވެ. މި އުޅަނދުތަކުގައި ރަނގަޅު މިންވަރެއްގެ ހުދު އަދި ކުލަ ފަށުވި ފޮއްޗާއި ރާއްޖޭގައި ވިޔެފައި ހުންނަ ރަނގަޅު ފެންވަރުގެ ފޮތިހުރެއެވެ. އަދި ތުނިކޮށް ހަދާފައިވާ ރަން ފޮތި (Gold tussues) އާއި ރަނާއި ފަށުއި އާއި އުއި ބަރަނި އެބައިމީހުން ހޯދަނީ ބެންގާލުން މައްކާއަށް ދާ މަގުމަތީ މި ރަށްތަކަށް ޖައްސާ އުޅަދުފަހަރުންނެވެ. މިރަށްތަކުގެ އަހުލުވެރިންގެ އަތުން މިއުޅަދުތަކުން އެބައިމީހުން އުފައްދާތަކެއްޗާއި މިތަކެއްޗާއި ބަދަލުކުރެއެވެ.  އެހެންކަމާއެކު މިރަށްތަކަކީ ހުރިހާ މީހުންނަށްވެސް ރަނގަޅު ވިޔަފާރި މަރުކަޒެކެވެ. އިންޑިޔާގެ މުސްލިމުން (Moors) މި ރަށްރަށުގައި ހަދާ ހިފައި ގެންގުޅޭ ތަކެއްޗާއި ލޮނާއި ބަދަލުކޮށް ހަދައެވެ. އަދި އަނެއްބައި ފަހަރު ހަނޑުލާއި ރިއްސާއި ވެސް އެތަކެތި ބަދަލުކުރެއެވެ. މި އޮޑިފަހަރުގައި ކާލިކަޓްގެ މުސްލިމު ވިޔަފާރިވެރިން ގޮސް މުދާ ގަނެގެން އެބައިމީހުން ޗާޓަރުކުރާ އުޅަނދުތަކުގައި މުދާގެނެއެވެ.

ފޭލިވިޔުމުގެ މަސައްކަތްކުރާ ތަނެއް. ބޭރުގެ ލިޔުންތެރިން ރާއްޖޭގައި ފެންވަރު ރަނގަޅު ފޮއްޗާއި އަންނައުނު އުފައްދާ ކަމުގައި ލިޔެފައިވޭ

އަޅުގަނޑުގެ ގާތު އައްޑޫގެ އުމުރުން ދުވަސްވީ ބޭފުޅަކު ވިދާޅުވިގޮތުން އައްޑޫއިން އޮޑިފަހަރުން ގެންދަނީ ހިކިމަހާއި ކޮހޮރާ (އައްޑޫ ބަހެއް- ހިއްކާފަ ނާށި ވަކިކޮށްފައި ހުންނަ ކާށި) އާއި ބޮލިއެވެ. މީގެ އިތުރަށް ރިހާކުރާއި އައްޑޫ ބޮނޑި އާއި އައުރުސް ބޭރަށް ގެންދާ ވާހަކަ ވިދާޅުވިއެވެ. ބޭރުން ގެންނަނީ ކާޑުގެ ބާވަތްތަކާއި، ހަވާދާއި ލޮނާއި، ދިވެހި ބޭހުގެ ބާވަތްތަކާއި ތެޔޮކަމުގައި ވެއެވެ. މީގެ އިތުރަށް ފޭލި ވިޔަން ބޭނުންކުރާ ބަރަންޏާއި އަދި އެނޫންވެސް އެދުވަސްވަރު ބޭނުންވާ ތަކެތި އޮޑިތަކުން ރާއްޖެ ގެނެއެވެ. ކޮންމެ ގެޔަކުން ވެސް ބޮއްޔާއި މަހާއި މިފަދަ ތަކެތި ގެންގޮސް މާލިއްޔާއަށް (ސަރުކާރުގެ ކަމާބެހޭތަނެއް) ގެންދިޔުމުން އެގެންދާ އެއްޗެއް ކިރައި އޭގެ ބަދަލުގައި ކާޑާއި ބޭނުންވާ ތަކެތި ލިބެއެވެ (ފާތިމަތު މަނިކުފާނު، ޕާސަނަލް ކޮމިއުނިކޭޝަން، 2022). 

ފޯޒްގީޒުން އިންޑިޔާކަނޑަށް އަންނާނެ މަގެއް ހޯދަން މަސައްކަތްކުރުން

ޕޯޗުގަލްއަކީ ލައިބީރިއަން ޕެނިންސިއުލާގައި، ސްޕޭން ޖެހިގެން އޮންނަ ދެކުނު ޔޫރަޕްގެ ޤައުމެކެވެ. ވެރި ރަށަކީ ލިސްބަން އެވެ. މީލާދީން 711-716 އާއި ދެމެދު އުމައްޔަދު ޚިލާފަތުގެ ދުވަސްވަރު ވިސިގޮތް ރަސްކަމުގެ މައްޗަށް ނަސްރު ހޯދުމާއި އަލް-އަންދުލުސް ވުޖޫދަށް އައުމާއެކު ލައިބީރިއަން ޕެނިންސިއުލާއަށް އެ ވެރިކަން ފުޅާވަމުން ދިޔައެވެ. ވިކިޕީޑިޔާގައިވާ ގޮތުން މީލާދީން 1095-1249 ނުވަޔަކާއި ހަމަޔަށް ޕޯޗުގަލް އޮތީ މުސްލިމުންގެ އަތްމަތީގައެވެ. ޤަރުނަކަށް ވުރެ ގިނަ ދުވަހަށް ދެމިއޮތް މުސްލިމު ވެރިކަން ނިމުމަކަށް އައީ ކްރިސްޗިއަނުން އެސަހައްދު ސޮލީބީ ހަނގުރާމަތަކުގެ ތެރޭގައި ހޯދުމަށްފަހުގަ އެވެ. ކްރޯލީ (2016) އޭނާގެ މަޝްހޫރު ފޮތް “ހައު ދަ ޕޯޗުގަލް ފޯޖްޑް ދަ ފަސްޓް ގްލޯބަލް އެމްޕަޔާރ” ގައިވަނީ މީލާދީން 1453 ގައި “ކޮންސްޓެންޓިނަޕޯލް އަލުން މުސްލިމުންގެ އަތްމައްޗަށް  ދިޔަ ހިސާބުން، ކްރިސްޗިއަން ޔޫރަޕްވަނީ އަމިއްލައަށް ވަށައިލެވިފައިވާ އިހުސާސްތަކެއްގެ މެދުގައެވެ. އިސްމާމްދީނާއި ދިމާކޮށް، ޕްރެސްޓަރ ޖޯން އާއި ގުޅުވައި އިންޑިޔާގެ ކްރިސްޗިއަން ކޮމީއުނިޓީސް ހޯދައި، ހަވާދުގެ ވިޔަފާރީގެ ބޮޑު ބައެއް ކޮންޓްރޯލްކޮށް، ކައިރޯގައި އޮތް މަމްލޫކުންގެ ރަސްރަސްކަލުންގެ މުއްސަނދިކަން ފުނޑުފުނޑު ކޮށްލުމެވެ. ވެރިކަމަށް އައިތާ އެންމެ ފުރަތަމަ މަހުގައި ވެސް ޕޯޗުގަލްގެ ރަސްގެފާނު, މެނުއަލް 1،  ދުނިޔެ މެދުގައިވާ ތަސައްވުރަކާއި ވަރުގަދަ އަޒުމެއް އޮތީ އެމްބްރިއޯ އަކަށް ލައިފައެވެ. އެއެތި ވަޤުތާއެކު މުޅިދުނިޔޭގައި ޕޯޗުގީޒުން ހާކައިފައިވެއެވެ. އެކަމަކީ ސޮލީބީ ހަނގުރާމައިގެ ނިޔަތުގައި މީހުންނަށް ހަޤީގަތް އޮޅުވާލައިގެން ކުރިކަމެއް ކަމުގައި ވިޔަސް، މާއްދީ ފައިދާތަކެއް އޮވެގެން ވިޔަސް މެއެވެ. ހަމައެކަނި މަމްލޫކުން އަތުން ހަވާދުގެ ވިޔަފާރި ފޭރިގަތުން އެކަނި ވެސް ނޫނެވެ، އެއީ ފެންވަރު ރަނގަޅު މުދާ ވެނީޝީއަން (ވެނިސް/އިޓަލީ) އަތް މަތިން ދުރުކޮށް ޕޯޗުގީޒުންނަށް އެ ފުރުސަތު ހޯދާ ދިނުމެވެ. ކްރޯލީ (2016) ޚުލާސާކޮށް ވިދާޅުވެފައިވަނީ، އިންޑިޔާހޯދަން ޕޯޗުގަލްގެ ރަސްގެފާނު މެނުއަލް 1 ހިންގި ޕްރޮޖެކްޓަކީ، އެމްޕަޔާއެއް އުފައްދައި، ދީނީ އަދި އިޤްތިސާދީ މަޤްސަދުގައި ހިންގި ކަމެކެވެ.

ޕޯޗުގަލް ގެ ރަސްގެފާނު، މެނުއަލް 1 (1495-1521)-ސޯސް: astro.com

ކްލިފް (2012), އޭނާގެ ފޮތް “ދަ ލާސްޓް ކުރުސޭޑް: ދަ އެޕިކް ވޮޔޭޖް އޮފް ވެސްކޮޑަގާމާ” ގައި އޭނާވެސް ފާހަގަކޮށްފައިވަނީ މެނުއަލް 1 އަށް ހީވެފައި އޮތީ އިސްލާމްދީނާއި ދެކޮޅަށް ނިކުތުމަކީ އޭނާއަށް ދީނީގޮތުން ވާރުތަވެފައިވާ ކަމެއްގެ ގޮތުގައެވެ.

Source: Cliff, N. (2012). The last crusade. Atlantic Books.

މީލާދީން 15 ވަނަ ޤަރުނާއި ހަމަޔަށް އައިއިރު ޕޯޗްގީޒް ވިޔަފާރިވެރިން ކައިރި ހިސާބުތަކުގެ ވިޔަފާރި ބަނދަރުތަކާއި ވިޔަފާރި ކުރަމުން ގޮސްފައި ވެއެވެ. މިގޮތުން މެޑިޓެރެނިއަން ކަނޑާއި، ކަޅު ކަނޑާއި އެފްރިކާގެ ހުޅަނގު ފަރާތުގެ ވިޔަފާރި ބަދަރުތަކަށް އެބައިމީހުން ވިޔަފާރި ދަތުރު ކުރަމުން ގޮސްފައިވެއެވެ. މި ދުވަސްވަރު އިރާއި ހުޅަނގާއި ދެމެދު، އިންޑިޔާ ކަނޑާއި އަރަބި ކަނޑު ހުރަސްކޮށް ކުރި ވިޔަފާރި ދަތުރުތަކުގައި އިސްކޮށް ހަރަކާތްތެރިވަމުން އައީ އަރަބި ވިޔަފާރިވެރިންނެވެ. އިންޑިޔާގެ ހަވާދުގެ ބާވަތްތަކާއި ކޮފީއާއި ފޮތިފަދަ ތަކެއްޗަކީ ޔޫރަޕްގައި ވަރަށް ބޮޑަށް ބޭނުންވާ ތަކެއްޗެވެ. މި ތަކެތި އިންޑިޔާގެ ވިޔަފާރިވެރިންގެ އަތުން ގަނެގެން މިސުރަށާއި އިޓަލީގެ ވިޔަފާރިވެރިންނަށް އަރަބިން ވިއްކަމުން ދިޔައެވެ. ހުޅަނގު އެހެން ޤައުމުތަކަށް ލިބެނީ މިސުރާއި އިޓަލީގެ ސަޕްލަޔަރުންގެ ފަރާތުންނެވެ. މީލާދީން 1453 ގައި އޮޓަމަނުން ކޮންސްޓަންޓިނަޕޯލް ހިފުމުން އެއްގަމުގެ މަގުން މުދާ އުފުލާ މަގު ތުރުކީންގެ އަތްދަށަށް ދިޔައެވެ. ކުރިން މި ވިފާރީގެ ސަބަބުން މުއްސަނދި ވެފައިވާ ޔޫރަޕްގެ ގިނަ ސިޓީތައް ހުރުމާއެކު ޔޫރަޕްގެ މުއްސަދި ވިޔަފާރިވެރިންނާއި ޤައުމުތަކުގެ ވެރިން ކަނޑުމަގުން އިންޑިޔާއަށް ދެވޭނޭ އެހެން މަގެއް ހޯދުމުގެ ގޮތުން އުޅަނދުތަކަށް ފައިސާ ޚަރަދުކުރަމުން ދިޔައެވެ. ޕޯޗުގަލްގެ ރަސްގެފާނު، މެނުއަލް 1 ވެސް މިފަދަ މަގެއް ހޯދުމަށް ވެސްކޮޑަގާމާ ގެ ނެވިކަމުގައި އުޅަނދުތަކެއް ފޮނުވިއެވެ.

ވެސްކޮޑަގާމާ އެފްރިކާ ވަށައިލައި އިންޑިޔާއަށް އައުން

މީލާދީން 1488 ގައި ބާތަލަމިއު ޑިއާޒް (Bartholomew Diaz) އެފްރިކާގެ ދެކުނު އައްސޭރިއަށް އައިސް “ކޭޕް އޮފް ގުޑްހޯޕް” ކިޔާ އެތަނަށް ނަން ދިނެވެ. އަދި އެފްރިކާ ވަށައިލާ އުތުރަށް ދަތުރުކުރެވެން އޮންނަކަން އޭނާއަށް އެނގުނެވެ. އޭނާ ދަތުރުކުރި މަގުން ވެސްކޮޑަގާމާ އައިސް އެފްރިކާ ވަށައިލާ އިންޑިޔާ ކަނޑާއި އަރަބިކަނޑު ހުރަސްކޮށް މީލާދީން 1498 ގައި އިންޑިޔާގެ ކާލިކަޓްއަށް އައެވެ. މި ދަތުރުގައި އޭނާވަނީ މޮޒަމްބީކާއި، ކެންޔާގެ މޮމްބާސާ އާއި މަލިންޑީ އަށް ޖައްސާފައެވެ. ވެސްކޮޑާމާގެ ދަތުރާބެހޭގޮތުން ލިޔެފައި ފޮތްތަކުގައި އޭނާގެ ހުރިހާ  ދަތުރުތަކެއްގައި އެކި ސިފަސިފައިގައި މުސްލިމު ވިޔަފާރިވެރިންނާއި އެއްގަމުގައި އަދި ކަނޑުގައި ވެސް ހަމަނުޖެހުން ހިންގާފައި ވެއެވެ. މިގޮތުން އެއްވެސް ހަތިޔާރަކާ ނުލާ ދަތުރުކުރާ މުސްލިމު އުޅަނދުތައް ހިފެހެއްޓުމާއި އަސީރުކުރުމާއި ބައެއްފަހަރު ދިރިހުއްޓާ މީހުންނާއި އުޅަނދުތައް އަންދާފައިވާ ކަން ގިނަ ލިޔުން ތެރިން ފާހަގަކުރައްވާފައި ވެއެވެ. ތިރީގައިވާ ލިޔުންކޮޅަކީ ކްލިފް (2011) ލިޔުއްވި “ހޯލީ ވާރ” އިން ނަގާފައި ތަންކޮޅެކެވެ. 

Source: Cliff, N. (2011). Holy war. New York: Harper

ބައެއް ލިޔުންތަކުގައި ވާގޮތުން މުދާތައް ވެސް ވެސްކޮޑަގާމާގެ އުޅަނދުތަކުން ފޭރިގަންނަ ކަމަށް ވެއެވެ. ޑަގާމާ އިންޑިޔާގެ ކާލީކަޓްގައި ބުނެފައިވަނީ އޭނާ އެތަނަށް އައީ ކްރިސްޗިއަނުންނާއި ހަވާދުގެ ބާވަތްތައް ހޯދަން ކަމަުގައެވެ. އަދި ކަންދިމާވިގޮތުން ރަސްގެފާނު މެނުއަލް 1 ފަރާތުން ޑަގާމާ ގެނައި ހަދިޔާގެ އަގެއް ކާލިކަޓްގެ ރަސްގެފާނު ސައްމޫދިރި (Zamorian) ކުރިމަތީގައި ނެތެވެ. އަދި ޑަގާމާ ނުވިކުނު މުދާތައް ބަލަހައްޓަން ބަޔަކު ނުބޭތިއްބުނު ތަނުގައި ރަނުން ޓެކްސް ދައްކަން ޖެހުމުން ހިތްހަމަނުޖެހިގެން އޭނާ ކަލިކަޓުން ފުރިއިރު އަތުޖެހުނު ބައެއްމަސްވެރިން ހޮސްޓެޖުންގެ ގޮތުގައި ލިސްބަންއަންއަށް ގެންދިޔަކަމަށް ލިޔުންތަކުގައި ވެއެވެ. ނަތީޖާއެއްގެ ގޮތުން ކާލިކަޓް އާއި ދެމެދު ރަނގަޅު ގުޅުމެއް ނުއުފެދުމުން ވިޔަފާރީގެ އެއްބަސްވުމަކާއި ހަމަޔަށް ވެސްކޮޑަގާމާއަށް އެދަތުރުގައި ނުދެވުނެވެ. މިދަތުރުގައި ވެސްކޮޮޑަމާގެ ނެވިކަމުގައި 170 ފަޅުވެރިންނާއެކު 4 އުޅަނދެއް ދަތުރުކުރިއެވެ. ނަމަވެސް ދަތުރުން އޭނާ ލިސްބަން އަށް އެނބުރިދިއައީ މޫސުމީ ވަޔާއި އިދިކޮޅަށް ދަތުރުކޮށްފައި ކަމުން ދަތުރު އެތައްގުނައެއް ދިގުލައި އަދި ދަތުރު ނިމުނުއިރު 120 މީހުން ނާއި 2 އުޅަނދެއް ވަނީގެއްލިފައެވެ.

ޕޯޗުގީޒުން ހުޅަނގު އިންޑިޔާ ގެ ބަދަރުތަކަށް ދާ ވިޔަފާރި އުޅަނދުތަކަށް ޙަމަލާދިނުން


މީލާދީން 1500 ގައި ޕީޑްރޫ އަލްވާރެސް ކެބްރަލްގެ ކޮމާންޑިންގ (Pedro Álvares Cabral) ގެ ދަށުން ޕޯޗުގަލްއިން އަލުން އުޅަނދުތަކެއް ކަލިކަޓަށް ފޮނުވިއެވެ. މި ދަތުރުގެ މަޤްސަދަކަށްވީ ސަމޫދިރީ އައި އެއްބަސްވުމެއް ހަދައި ކާލީކަޓްގައި ޕޯޗްގީޒް ފެކްޓްރީއެއް ޤާއިމްކުރުމެވެ. ނަމަވެސް މިދަތުރުގައި ކަލިކަޓްގައި ދިރިއުޅޭ އަރަބި ވިޔަފާރިވެރިންނާއި ކުރިމަތިލައި ފެކްޓްރީގައި ހަމަނުޖެހުން އުފެދި ޕޯޗުގީޒުންގެ އެއްބަޔަކު މަރުވުމުން ޕޯޗުގަލް އާއި ކާލިކަޓް އާއި ދޭތެރޭ ހަނގުރާމައިގެ ހުޅުގަނޑު ފަޅައިގެންގޮސް  ޕޯޗުގީޒް އުޅަނދުތަކުން އައްސޭރިން ކަލިކަޓަށް ބޮޑުބަޑިން ހަމަލާ ދީފައިވެއެވެ.

Souce: Moxham, R. (2016). The theft of India. United Kingdom: HarperCollins

މި ދަތުރުން އެނބުރި ލިސްބަންއަށް ދިޔައިރު ސަމޫދިރީ އާއި ދެކޮޅު ދެ ރަސްކަން ކަމުގައިވާ ކޮޗިން އާއި ކަންނަންނޫރު އާއި ޕޯޗްގީޒުން ކުރިން ބަދަހިކޮށްފައި އޮތް ގުޅުމުގެ ސަބަބުން ހަވާދުގެ ބާވަތްތައް އުޅަނދުތަކުން ގެންދަން ލިބުނެވެ.  މި އަހަރު ހިންދޫ ރާޖާގެ އެހީގައި ދެވަނަ ބަޑިބުރުޒު ކޮޗިންގައި ގާއިމް ކުރިއެވެ. ކެބަރަލް ލިސްބަންއަށް ދިޔަތާ ދުވަސްތަކެއް ފަހުން އޭނާގެ ދަތުރުގެ ކާމިޔާބުގެ މައްޗަށް ބަލައި ރަސްގެފާނު މެނުއަލް 1، ޖޮއާއޮ ޑަ ނޯވާ ގެ ހަވާލުގައި މަލަބާރު ކޯސްޓަށް 4 އުޅަނދެއް ފޮނުވިއެވެ. އޭނާއަށް މޫސުން ގޯސްވެގެން ދަތުރު ކާމިޔާބު ނުކުރެވިގެން އަނބުރާ ލިސްބަންއަށް ދިޔުމުން، ވެސްކޮޑާމާ އަލުން ފޮނުވި އެވެ. ވެސްކޮޑަގާމާގެ މިދަތުރުގައި މަލާބާރި ކޯސްޓުން ދިމާވި މައްކާއިން ހައްޖާޖީން ގޮވައިގެން އައިއުޅަދެއް (މެރި) ގައި ވާ ތަކެތި ފޭރިގެން މީހުންނާއެކު ރޯކޮށްލާފައިވާ ކަން ޖޭނީ (1970) “ކަލްކޮއެން” އާއި ޙަވާލާދީ ލިޔެފައިވެއެވެ. މިފަދަ އަނިޔާވެރި ޢަމަލުތައް އެފްރިކާގެ އިރުމަތީ އަދި ރަތްކަނޑުގެ އައްސޭރިފަށުގެ ރަށްތައް ކައިރީ ވެސް ޕޯޗުގީޒުން ދިޔައީ ހިންގަމުންކަން ލިޔުންތަކުގައި ވެއެވެ.

Source: Jayne, K. (1970). Vasco da Gama and his successors, 1460-1580. New York: Barnes & Noble

އެއްމެފުރަތަމަ ދުވަސްތަކުން ފެށިގެން ޕޯޗުގީޒުން އިންޑިޔާކަނޑާއި އަރަބި ކަނޑަށް އައި ހިސާބުން ފެށިގެން “އެކްސްޕްލޯރާއިން” ގެ ނަމުގައި އައިސް ފަހުންވަނީ “ކަނޑުގެ ސިފައިންނަށް” އަދި “ކަނޑު ފޭރޭމީހުން” އަށް ބަދަލުވެފައި އެވެ. އަދި ޕޯޗުގަލްގައި ބޯޓުތައް ބަދެ ހަތިޔާރާއެކު މި ސަރަހައްދަށް ޕޯޗުގަލް އިން ކަނޑުގެ ސިފައިން ފޮނުވަމުން ދިޔައެވެ. އަދި މި ބޯޓުތަކުން ކްރިސްޗިއަން މިޝަނަރީތަކުން، އެބައިމީހުން ހިފަމުން އަދި އަތްގަދަ ކުރަމުން ދިޔަތަންތަނަށް މީހުން ދިޔައީ ފޮނުވަމުންނެވެ. އަދި ކްރިސްޗިއަންދީނަށް މީހުން ވަންނަ ތަންތާގައި އެފަދަ ޖަމާއަތްތަކުން ދިއައީ ފައްޅިތައް އަޅަމުންނެވެ. ނަތީޖާއެއްގެ ގޮތުން ދީނީ ގޮތުންނާއި ވިޔަފާރީގެ ގޮތުން އެންމެބޮޑު ދުޝަމަނުންނަށް ވެފައިވަނީ މުސްލިމުންނެވެ. އެހެންކަމުން ވިޔަފާރިކުރުމުގެ ގޮތުން ކަނޑުމަގުންދަތުރު ކުރާ އުޅަނދުތަކާއި މައްކާއަށް މީހުންގޮވައިގެން އިންޑިޔާއިންދާ އުޅަނދުތަކަށް ހަމަލާދީ މެދުކެނޑުމެއްނެތި ގެއްލުންދެމުން ދިޔައެވެ. މި ސަރަހައްދު އެދުވަސްވަރު ކޮންޓްރޯލް ކުރަމުން އައި ވައިސްރޯއިންގެ އަނިޔާވެރި އަމަލުތަކަކީ ޕޯޗުގީޒް ސަރުކާރުން ކުރިއަށް ގެންދިޔަ އެޖެންޑާ ތަކެއްކަން އިސްލާމީ ނޫން ލިޔުންތަކުން އަދި ފޮތްތަކުން ވެސް ފެންނަން އެބައޮތެވެ. ދިވެހިރާއްޖެއަކީ ވެސް މުސްލިމު ޤައުމަކަށްވީތީ އެންމެފަހުން ޕޯޗުގީޒުންގެ ވަކިތަކުން ރާއްޖެެވެސް ސަލާމަތް ނުވެ އެތައް އަހަރަކަށް އެކިގޮތްގޮތަށް އެ ވަކިތަކުގެ ދަށުގައި ހޭދަކުރަންޖެހުނެވެ. 

ސޮދުރީގެ އުޅަނދުތަކުން ރާއްޖޭގެ 4 އޮޑިއެއް ހިފަހައްޓައި، އެއް އޮޑި އަންދާލުން

ދިވެހިރާއްޖެއަށް ޢަމަލީގޮތުން ޕޯޗުގީޒުން އިންޑިޔާ ކަނޑުގައި އުޅޭކަމުގެ މައުލޫމާތު ލިބިފައިވަނީ މީލާދީން 1503 ވަނަ އަހަރުއެވެ. ރާއްޖޭގެ ހަތަރު އުޅަނދެއް ކަލިކަޓުން ނުކުތްތާ އިރުގަނޑެއް ފަހުން ސޮދްރީ ވެސް ކަލިކަޓްއިން ނަށްޓާލި ވަޤުތު 4 ރިޔަލެއް ފެނިގެން ބެލިއިރު، އެއީ އިންޑިޔާގެ އުޅަނދުތަކުގައި ނަގިލީގެ ވަލާއި ދަންމާނު ފަދަ ވައު ގެ ގޮތުގައި ބޭނުން ކުރާ ރޯނުވަށާ ދިވެހިރާއްޖޭގެ އުޅަނދުތަކެއްކަން އޭނާއަށް ޔަޤީންވިއެވެ. ކޮންމެއަކަސް ސޮދުރީގެ ޕޯޗްގީޒު އުޅަނދުތަކުން ދިވެހި އޮޑިތައް އެންމެފަހުން (ގުންޑްރާސް) އަތުލައިގަތެވެ. ފަޅުވެރިންގާތު ސޮދުރީ އުޅަނދުތަކުގެ އިސްކޮށް ތިބީ ކޮންބައެއްތޯ އެހުމުން އިންޑިޔާގެ މުސްލިމު ވިޔަފާރިވެރިން (މޫރސް) ކަމުގައި ބުންޏެވެ. މިގޮތަށް ދިވެހިން އެކަންކުރީ އެހެންނޫންނަމަ އޭނާ އެބައިމީހުން ދިރިތިއްބާ އަންދާލާނެކަމުގެ ބިރަށެވެ. (ނޯޓް: ބެލެވޭ ގޮތުގައި އެބައި މީހުންނަކީ އިންޑިޔާ މީހުން ކަމުގައިވާތީ އެބައިމީހުން ދޫކޮށްލާނޭ ކަމަށް ބަލައިފައި ކަމުގައި ބެލެވެއެވެ.) އޭގެފަހުން އެބައިމީހުންގެ އަތާއި ފައި ބަނދެ މުދާތައް ހުސްކުރި އެއް އޮޑިޔަށް އެބައިމީހުން ލައި، އެބައިމީހުންގެ މަތީގައި ފުންޏަކަށް ފަން އަޅައި (ނޯޓު ހުރިހާ އޮޑިއެއްގައި އެއްޗެތި އަޅަން ފަނުން ހަދާފައިވާ ތަކެތި ހަރިކޮށްފައި ނުވަތަ އައްސާފައި ހުރޭ) ރޯކޮށްލިއެވެ. ބައެއް އިންޑިޔާގެ މުސްލިމުން (Moors) ކަނޑަށް ފުންމާލައި ފަތާފައި އެއްގަމަށް އެރިއެވެ. މަރުވިމީހުންގެ އަދަދު 100 ވަރަކަށް ވާކަމަށް ލިޔުންތަކުގައި ވެއެވެ. މިފަދަ ދަތުރުވެރިންނަށް ހުދަގޫވާ ހާދިސާތައް ޕޯޗުގީޒުންގެ ފަރާތުން ކާލީކަޓްގައި އިތުރުވިއެވެ. ބާކީ އަނެއް 3 އޮޑީގައި ތިބި މީހުންނަށް ކާލީކަޓަށް ނުދިޔުމަށް  ޕޯޗުގީޒުންގެ ޗީފް ކެޕްޓަން އިންޒާރު ދިނެވެ.  އަދި އެރަށަށް އެއްވެސް މުދަލެއް ހިފައިގެން ދާތަން ފެނިއްޖެނަމަ ދިރިތިއްބާ އަންދާލާނޭކަމުގެ އިންޒާރު ދިވެހިންނަށް ދިނެވެ. ދެން އޭގެފަހުގައި އޭގެ އެއް އުޅަނދުގެ އިސްވެރިއެއްގެ ޙަވާލުގައި އެ އުޅަނދުތަކުގައި ހުރި މުދާތައް ކަންނަންނޫރުގެ ފެކްޓަރީއަކަށް ހުސްކުރަން ފޮނުވިއެވެ. އެބައިމީހުންނާއި އެކު ޕޯޗުގީޒް އެއް އުޅަނދާއި އޭނާގެ ކާތިބު (ކްލާކް)  ތަކެތީގެ ފެންވަރާއި އަގުބަލައި ހުރިހާ އެއްޗެއް ވިއްކުންފަދަ ކަންކަންކުރަން ފޮނުވިއެވެ. 

ކަންނަންނޫރު 16 ވަނަޤަރުނުގައި އޮންނަގޮތް ދައްކައިދޭ ކުރެހުމެއް

މި ހާދިސާއަކީ ޕޯޗުގީޒުން ދިވެހިރާއްޖެއާއި ދިމާކުރަންފެށި ހިސާބެވެ. ހަމަ މިއަހަރު މޫސުން ގޯސްވެ ދިވެހިރާއްޖޭގެ ރަށަކަށް ޕޯޗުގީޒު އުޅަނދަކަށް ދެވުނެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭ ބޯފެނުގެ ސަބަބުންނާއި ރަށުންލިބޭ މޭވާއާއި މަހުގެ ކާނާ ނުކެޔުމުގެ ސަބަބުން ގިނަމީހުން ވަނީ މަރުވެފައެެވެ. މިހާ ހިސާބަށް އައިއިރު އަދި ދިވެހިރާއްޖެއިން އަމިއްލަ ސަމާލުކަމެއް ޕޯޗުގީޒުންނަކަށް ނުދެއެވެ. އެބައިމީހުންނާއި ގުޅުން އޮންނަ އިރުމަތީގެ ވިޔަފާރިވެރިންނާއި ބަދުނަސީބު ކުރިމަތިވީއެވެ. ކާލިކަޓް ބަންދުވެފައިވާތީ ވިޔަފާރިވެރިންނަށް މަޖުބޫރު ވެފައިވަނީ ހުޅަނގު އިންޑިޔާ ބޮޑަށް ރަށްކާތެރި ކޮށްދޭށެވެ. (މާނަޔަކީ ވިޔަފާރި އުޅަނދުތައް ނުދިއުމެވެ.) މީލާދީން 1506 ގައި ޕެގޫ، ސިއާމް އަދި ބެންގާލް އިން މައްކާއަށް (ރަތްކަނޑަށް) ދާ އުޅަނދުފަހަރު ރާއްޖެ ހުރަސްކޮށް ދާކަން އޭރުގެ ޕޯޗްގީޒުންގެ އިންޑިޔާއަށް ކަނޑަ އަޅައިފައިވާ ވައިސްރޯއީ ފްރާންސިސްކޯ ޑީ އަލްމެއިޑާއަށް މައުލޫމާތު ލިބުނެވެ. (ނޯޓް: ޕެގޫ އަކީ ދެކުނު މިޔަންމާރު/ބަރުމާގެ ބަނދަރެކެވެ. ސިއަމް އަކީ ތައިލެންޑަށް ކުރީ ކިޔާނަމެވެ. ބެންގާލަކީ މިހާރު ބަންގްލާދޭޝް އާއި އިންޑިޔާގެ ވެސްޓް ބެންގާލް އެވެ.) އެހެންކަމުން އޭނާގެ ދަރި ޑޮމް ލޯރެންކޯ ގާތު ހަނގުރާމައިގެ އުޅަނދުތަކަކާއެކު ދިވެހިރާއްޖެއަށް ގޮސް މިރަށްތަކުގައި ހިނގަނީ ކޮންކަމެއްތޯ ބަލައި އުޅަނދު އަތުލައިގަނެވޭނެތޯ ބަލަން ބުންޏެވެ. ލޯރެންކޯ ރާއްޖެ އަންނަން ފުރިއެވެ. އެކަމަކު އޮއިވަރު ހުރިގޮތުން ދެވުނީ ސިލޯނަށެވެ. އެފަހަރު ރާއްޖޭގެ ދަތުރު ދޫކޮށްފައި ސިލޯނުގައި ޕޯޗުގީޒް ގުޅުމެއް ޤާއިމް ކުރިއެވެ. 

ކަޅުމުޙައްމަދު ރަސްގެފާނުގެ 3 ދައުރާއި ކަންނޫރުގެ މާޕިލާއިންނާއި ޕޯޗުގީޒުން ރާއްޖެއާއި ބެހުން

މީލާދީން 14 ވަނަ ޤަރުނު ފަހުކޮޅާއި 15 ވަނަ ޤަރުނަކީ ދިވެހިރާއްޖެ އަށް ތަފާތު ފަރާތްތަކުން ބާރު ފޯރުވުމަށް މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރެކެވެ. މިގޮތުން ޕޯޗުގީޒުންނާއި، ކަންނަންނޫރުގައި ވެރިކަންކުރި “ކޯލާތިރި” އާއި ކަންނަންނޫރު އަލީ ރާޖާ އާއި ވެރިކަމަށް ވާދަކުރަމުންދިޔަ ދިވެހި ޝާހީ އާއިލާގެ ބޭބޭފުޅުންނަކީ މިކަމުގައި ބައިވެރިވި މުހިންމު ޝަޚުސިއްޔަތު ތަކެކެވެ (ޑިސިލްވާ، 2018). މި ތަނުގައި އަޅުގަނޑުބަލާލާނީ ޕޯޗުގީޒުން ރާއްޖެއާއި ބެހެމުން ދިޔައިރު ރާއްޖޭގެ ވެރިކަމުގައި 3 ދައުރު ހޭދަކުރި ކަޅުމުހައްމަދު ރަސްގެފާނާއި ބެހޭގޮތުންނެވެ.

ފީރާޑް (1619) ގެ ފޮތުގެ އިނގިރޭސިތަރުޖަމާ (1887) ގައި ރިޔާސީ ގަނޑުވަރުކޮޅު ކަމަށް ކުރަހާފައިވާ ކުރެހުމެއް

ޕޯޗުގީޒުން ރާއްޖެއަށް ބެހެންފެށި ފުރަތަމަ ދުވަސްވަރުގައި ރާއްޖޭގައި ވެރިކަންކުރި މި ރަސްގެފާނަކީ މުހިންމު ޝަޚުސިއްޔަތެކެވެ. ދިވެހިރާއްޖޭގެ ސިޔާސީ ކަންކަމުގައި އިންޑިޔާގެ ކަންނަންނޫރުން ބެހެންފެށި ހިސާބަކީ މި ދުވަސްވަރެވެ. މުޙައްމަދު ރަސްގެފާނު ފުރަތަމަ ވެރިކަމަށް އަރައިވަޑައިގެންނެވީ މީލާދީން 1491 ގައެވެ. އެއީ ބައްޕާފުޅު ސުލްޠާން ޢުމަރު 2 އަވަހާރަވުމަށް ފަހުގައެވެ. ނުވަ މަސް ދުވަސް ވެރިކަން ކުރެއްވުނު ފަހުން، ބޭބޭފުޅު ސުލްޠާން ޔޫސުފް ވެރިކަން ގަދަކަމުން ހޯއްދެވިއެވެ. އެބޭފުޅާގެ ވެރިކަމަށް 10 ހަފްތާއަށް ވީތަނުން ކަޅު މުޙައްމަދު ރަސްގެފާނަށް ބޮޑުބޭބޭފުޅު ވިދާޅުވާ ސުލްޠާން ޢަލީ 4 ވެރިކަމަށް އިސްވެވަޑައިގަތެވެ. މިހާ ހިސާބުން ކަޅު މުޙައްމަދު ރަސްގެފާނު ކަންނަންނޫރު އަލީ ރާޖާގެ އެހީގައި ވެރިކަން އަބުރާ ހޯއްދެވިއެވެ.  އޮކްޓޯބަރު 1512 ގައި އަފޯންސޭ ޑީ އަލްބުޤައިރުކީ ޕޯޗުގީޒް ރަސްގެފާނަށް ލިޔުއްވި ސިޓީގައި ކަޅުމުޙައްމަދު ރަސްގެފާނަށް އަލީރާޖާ އެހީވި ވާހަކަ ލިޔުއްވާފައި ވެއެވެ. މި ސިޓީގެ ތަރުޖަމާ ތިރީގައި އެވަނީއެވެ. ބުޗަން އާއި ޙަވާލާދީ ޑިސިލްވާ (2018) ވިދާޅުވެފައިވާ ގޮތުގައި ކަޅުމުޙައްމަދު ބަދަލަކަށް ކަންނަންނޫރުގެ މާޕިލާ މުސްލިމް ލީޑަރު، އަލިރާޖާއަށް ދެއްވަން އެއްބަސްވެ ވަޑައިގެންފައިވަނީ ކަނޑުމަހާއި ރޯނުގެ ރާއްޖޭގެ އެކްސްޕޯޓްގެ ބޮޑު މިންވަރެކެވެ. އެކަން އެޕްރީލް 1512 ގައި އަފޯންސޭ ޑީ އަލްބުޤައިރުކީ ޕޯޗުގީޒް ރަސްގެފާނަށް ލިޔުއްވި ސިޓީ ގައި ބަޔާންކުރައްވާފައި ވެއެވެ. ޑިސިލްވާ (2018) ވިދާޅުވެފައިވާގޮތުން މިފަހަރު ކަޅުމުޙައްމަދު ރަސްގެފާނަށް ދިގުމުއްދަތެއްގައި (1494 ން 1510 އަށް) ވެރިކަން ކުރެއްވިފައި ވަނީ ކަންނަންނޫރުގެ މާޕިލާ މުސްލިމު ލީޑަރުންގެ އެހީގައެވެ. މީލާދީން 1510 ގައި ކަޅުމުޙައްމަދު ރަސްގެފާނަށް ބޮޑުބޭބޭފުޅު ވިދާޅުވާ 7 ވަނަ ހަސަންރަސްގެފާނު ވެރިކަން އަތުލެއްވިއެވެ. އޭގެފަހުން ޝަރީފް އަޙުމަދު ކިޔާ މައްކާއިން ވަޑައިގެންނެވި އަރަބި ބޭކަލަކު ރާއްޖޭގެ ރަސްކަން ކުރެއްވުމަށްފަހު 5 ވަނަ އަލިރަސްގެފާނު ވެރިކަމަށް އެރުއްވިއެވެ. ވާހަކަތަކުގައި ވާގޮތުން 5 ވަނަ އަލިރަސްގެފާނުންގެ ދައްތާފުޅު ކަޅުމުޙައްމަދާއި ކައިވެނި ބައްލަވަން ވަލީ (ފަހަރުގައި ވަލީވެރިއަލީ އޭރުގެ ރަސްގެފާނު) ނުލިބުމުން އާޗޭ/އަސޭއަށް އޭގެ ފަހުގައި ގޯވާއަށް ވަޑައިގެން ޕޯޗުގީޒުންނަށް ޖިޒީ (ޓްރިބިއުޓް) ދޭން އެއްބަސްވެވަޑައިގަތުމަށް ފަހު މީހަކު (ނޯކަރަކު) ފޮނުއްވަވައިގެން 5 ވަނަ އަލިރަސްގެފާނު އަވަހާރަކޮށްލެއްވިއެވެ. އަދި އޭގެފަހުގައި ކަޅުމުޙައްމަދު އާއި ކައިވެނިބައްލަވައި އޭނާ 3 ވަނަފަހަރަށް ރަސްކަލަކަށް އައްޔަނުކުރެއްވީ އެވެ. އޮކްޓޯބަރު 1512 ގައި އަފޯންސޭ ޑީ އަލްބުޤައިރުކީ ގެ ސިޓީއިން އެނގެނީ ކަޅުމުޙައްމަދަށް 3 ވަނަ ފަހަރު ވެރިކަން ހޯދައިދޭން އަލިރާޖާ ވެސް މަސައްކަތް ކޮށްދެއްވާފައި ވާކަމެވެ. މިއީ އަލިރާޖާއަށް ކޮންމެ އަހަރަކު ޖިޒީދޭން ޖެހުނު ސަބަބެވެ. މިކަމުގެ އަގު ބެލެވޭގޮތުގައި ވަރަށް ބޮޑުވާނެއެވެ. އެހެނަސް ކުރިން ދެންނެވި ސިޓީ އިން އެނގެނީ އަލިރާޖާ ކަޅުމުހައްމަދު ރަސްގެފާނު ވެރިކަމުން ބާލައި އޭނާގެ ކޮއްކޮ ރާއްޖޭގެ ރަސްކަލަކަށް އައްޔަންކުރަން ވެސް މަސައްކަތްކުރި ކަމުގައެވެ. ބެލެވޭގޮތުގައި ކަޅުމުޙައްމަދު ރަސްގެފާނު ޕޯޒުގީޒުންގެ އެހީތެރިކަން ހޯދަން ބޭނުންފުޅުވީ އަލިރާޖާގެ ކިބައިން ސަލާމަތްވުމުގެ ގޮތުންނެވެ. އެ އެހީ ކަޅުމުހައްމަދު ރަސްގެފާނަށް ޕޯޗުގީޒުން ދިންގޮތް ކުރިންދެންނެވި ސިޓީއިން އެނގިވަޑައިގަންނަވާނެ އެވެ. އަނބިކަނބަލުން ބުރަކިރަނިން އަރުވާލެއްވުމާއި އަދި އޭނާގެ ބޭބޭފުޅެއް ބަންދުގައި ބެހެއްޓެވުންފަދަ ސިޔާސީ ކަންކަން މެދުވެރިވުމަށްފަހު މީލާދީން 1529 ގައި ކަޅުމުޙައްމަދު ރަސްގެފާނު އަވަހާރަ ވުމުން ރަސްކަމަށް އިސްވެފައިވަނީ އޭނާގެ ދަރިކަލުން ޙަސަން ޝީރާޒީ 8 (1529-1549) އެވެ.

ރާއްޖެ އާއި ކަންނަންނޫރު އަލީ ރާޖާ އާއި ކުރަމުންދިޔަ ވިޔަފާރިއަށް ޕޯޗުގީޒުން ވަނުން

ޕީރާޑް (1887) ގައި ލިޔުއްވާފައިވަނީ މީލާދީން 1509 ގައި އަފޯންސޭ ޑީ އަލްބުޤައިރުކީ (Affonso de Albuquerque) ކޮޗިންގައި އޭނާގެ ފްލީޓްގެ އުޅަނދުތަކެއް މަރާމާތު ކުރެއްވުމުގެ ތެރޭ ރޯނު ހޯދަން ކަންނަންނޫރަށް އޯޑަރުކުރިކަމުގައެވެ. އޭނާއަށް ލިބުނު މައުލޫމާތަކީ އެތަނުގެ (ކަންނަންނޫރުގެ) ކޮންމެވެސް މާމް އަލީ އަކު (މުޙައްމަދު އަލީ/ކަންނަންނޫރު އަލި ރާޖާ) ރާއްޖޭގެ ރަސްގެފާނު (ކަޅު މުޙައްމަދު ރަސްގެފާނު) އާއި ދެމެދުވެފައިވާ އެއްބަސްވުމެއްގެ ދަށުން ވިޔަފާރިކުރާ ވާހަކައާއި އެއްބަސްވުމުގެ ދަށުން ވިއްކަނީ ކަނޑައެޅިފައިވާ އަގެއްގައި ކަމުގައެވެ.  އޭނާ ރާއްޖޭގެ ރޯނާއި ބޮއްޔާއި، ހިކިމަހާއި ފަށުއިގެ ބަދަލުގައި  ފޮނުވަނީ ހަނޑުލާއި ލޮނާއި ހިފައިގެންގުޅޭ ސާމާނުފަދަ ރާއްޖެއިން ނުލިބޭ ތަކެއްޗެވެ. އަލިރާޖާގެ އަމިއްލަ އެޖެންޓުން ރާއްޖޭގައި ވާކަމަށް ބުނެފައިވެއެވެ. މިރައްތަކަށް ރިޔާނެގި އުޅަނދުގައި ކަންނަންނޫރުން 3 ދުވަހުން ދެވޭތީ އޭނާ ވަރަށް ނަފާ ހޯދައެވެ. މި އެއްބަސްވުން އޮންނާތީ އެއްވެސް އެހެންމީހަކަށް ނުވަތަ އެހެން ވިޔަފާރިވެރިންނަށް ރާއްޖެއިން ތަކެތި ގަނެ ރާއްޖެއަށް ތަކެތި ވިއްކާ ނުހެދެއެވެ. އަލްބުޤައިރުކީ އަށް މި މައުލޫމާތު ލިބިގެން މާމް އަލީ (އަލިރާޖާ) އޭނާގެ އެޖެންޓް އެތަނުން ނެގުމަށާއި ރާއްޖެއާއި ވިޔަފާރިނުކުރުމަށް އަމުރުކޮށް އެއީ ޕޯޗުގަލް ރަސްގެފާނުގެ ތަނެއް ކަމުގައި އެންގެވިއެވެ. (ނޯޓް: ޕޯޗުގީޒުން ގަދަކަމުން އެވިޔަފާރި ކޮންޓްރޯލް ކުރިއެވެ.) މިކަން އަލްބުޤައިރުކީ، ޕޯޗުގަލްގެ ރަސްގެފާނު މެނުއަލް އަށް 1 އޮކްޓޯބަރު 1512 ލިޔެފައިވާ ސިޓީ އިން އެނގެއެވެ. އެސިޓީގެ ދިވެހި ތަރުޖަމާއެއް ތިރީގައި އެވަނީއެވެ.

ދިވެހި އަންހެނަކު ރޯނު ވަށަނީ. ޕޯޗުގީޒުންގެ ދުވަސްވަރު މި ސަރަހައްދުގައި އެންމެ ފެންވަރުރަނގަޅު ރޯނު އުފެއްދީ ރާއްޖޭގައި. މި ސަރަހައްދުގެ ކަނޑުގައި ދުއްވާ އުޅަނދުފަހަރުގައި މައިގަނޑު ގޮތެއްގައި ބޭނުންކުރީ ރާއްޖޭގެ ރޯނު

ޕީރާޑް (1887) ގައިވަނީ، މިނިވަން ވިޔަފާރީގެ ފައިދާގެ ސަބަބުން  ޕޯރޗްގީޒް ވައިސްރޯއީ ހަދަންވާގޮތް ބުންޏަސް އަލިރާޖާ އެކަން ޤަބޫލުނުކުރެވޭ ޙާލުގައި ވެސް އޭނާއަށް އެކަނި ވިޔަފާރި ކުރެވޭ ގޮތަށް ބާއްވާ ދިނުމަށް އާދޭސްކުރި ކަމުގައެވެ. އެންމެފަހުން އޭނާއަށް ކުރެވެން އޮތް އެންމެ ރަނގަޅަށް ހުށައެޅިއެވެ. ދޮޅު ކުއިންޓަލް (ބަރުދަންބަލާ މިންގަނޑެއް) ގެ ހިމަރޯނު 1000 ބޮނޑިޔާއި ފަލަރޯނުގެ 1000 ބޮނޑި ކަންނަންނޫރުގައި ހުންނަ ޕޯޗުގީޒް އެޖެންޓަށް ފޯރުކޮށްދޭ ގޮތަށް އެއްބަސްވިއެވެ. އަދި  ޕޯޗުގީޒުން ރާއްޖެއަށް ގޮސް ވިޔަފާރި ކުރަންޖެހިއްޖެނަމަ ވިޔަފާރި ކުރެވޭގޮތަށް އެއްވެސް ކަމެއް ފޮރުވާފައި ނުބޭއްވުމަށް އެއްބަސްވިއެވެ. ކުރިން ބުނެ ދިޔަ އެއްބަސްވުމަށް އަފޯންސޭ ޑީ އަލްބުޤައިރުކީގެ ސަރުކާރުގައި އަމަލުކުރަމުން ދިޔައެވެ. ނަމަވެސް އޭގެފަހުން އައި ފަރާތްތަކުން އެއްބަސްވުމާއި ޚިލާފަށް ވިޔަފާރިން އަމިއްލަ ފައިދާ ނެގުމަށް އެބައިމީހުންގެ ރަހުމަތްތެރިންނާއި، ނޯކަރުންނަށް ފުރުސަތުދިނެވެ.  ރަށްތަކުގައި ތިބޭ އެޖެންޓުން މަކަރުހަދާ ވައްކަންކުރަމުން ދިޔުމުގެ ސަބަބުން ވިޔަފާރިން ޕޯޗުގަލްގެ ރަސްގެފާނަށް ލިބޭފައިދާ ދަށްވަމުން އެކައްޗެއްވެސް ނުލިބޭ ހިސާބަށް ދިޔައެވެ. މީގެ ސަބަބުން ރޯނު ހޯދުމުގައި ޕޯޗުގަލްއަށް ދަތިވެ ގިނަފައިސާ ޚަރަދުކުރަން ޖެހުނެވެ. މިވާހަކަ މީލާދީން 1512 އެޕްރީލްގައި އަލްބުޤައިރުކީ ޕޯޗްގަލްގެ ރަސްގެފާނު މެނުއަލް 1 އަށް ފޮނުއްވެވި ސިޓީގައި ލިޔުއްވާފައިވެއެވެ. އެސިޓީގެ ތަރުޖަމާއެއް ތިރީގައި ވެއެވެ.

ޕޯޗްގީޒުންގެ އިންޑިޔާގެ ވައިސްރޯއީ އެމީހުންގެ ރަސްގެފާނު މެނުއަލްއަށް 1 ރާއްޖެއާއި ބެހޭގޮތުން ލިޔުއްވި ދެ ސިޓީއެއް 

އެޕްރީލް 1512 ގައި އަފޯންސޭ ޑީ އަލްބުޤައިރުކީ (Affonso de Albuquerque) ދިވެހިރާއްޖެއާއި ބެހޭގޮތުން ލިޔުނު ސިޓީ 

Excerpt from a letter of Afonso de Albuquerque. viceroy of India. to King Manuel I, 1 April 1512, published in Cartas de Afonso de Albuquerque, R. A. de Bulhio Pato (ed.), vol. 1 (Lisbon 1884). pp. 43-9. Translation by Chandra R. de Silva and Manuela Mourao.

“އޮގަސްޓް މަހުގެ ކުރީކޮޅު، މެލަކާއި އިން އަޅުގަނޑު އެނބުރި އައިފަހުން، ދިވެހިރާއްޖޭގެ ރަސްގެފާނުގެ ފަރާތުން މީހަކު ކޮޗިންއަށް އައެވެ. އަޅުގަނޑު މިހާރުވަނީ މި ރަށްތަކާއި ބެހޭގޮތުން ތިޔަ މާތް މަނިކުފާނަށް ލިޔުނު ސިޓީތަކެއްގައި އެއްޗެތި ތަކެއް ލިޔެފައެވެ. އަދި މާތް މަނިކުފާނުގެ އަމުރުފުޅުގެ ދަށުގައި މިހުރިހާ ރަށްތަކެއް ބާއްވައި މާތް މަނިކުފާނުގެ ދަށުގައި ހުރުމަށް (Vassal) އެދޭ ކަމުގައި “މީހަކު” ބުނިކަމުގައި އާއި، އަދި ކަންނަންނޫރުގެ މޫރސް (moors އަކީ މުސްލިމު ވިޔަފާރިވެރިންނެވެ) ގެ ވައްކަންކުރުމުންނާއި އިދިކޮޅު ހެދުމުން ސަލާމަތްކޮށްދޭން އެދުނުކަމުގައި ލިޔެފައިވާނެއެވެ. މާމް އަލީ (މުހައްމަދު އަލީ/ކަންނަންނޫރު އަލީ ރާޖާ) އާއި އޭނާގެ ބޭބެމެންނަށް މިކަން އެނގިގެން މި ރަސްގެފާނުންގެ އަތުން އެބައިމީހުން ގަދަކަމުން މިރަށްތައް އަތުލައި ކަންނަންނޫރުގެ ރަސްގެފާނާއި ގުޅިގެން އެބަމީހުންގެ އިކަޕޯކަރު ކިޔާ ބޭބެއެއް ރަސްކަލަކަށް އައްޔަންކުރިއެވެ. އަޅުގަނޑު ދަންނަވަމެވެ. މަނިކުފާނު ކަންނަންނޫރުގެ މީ މޫރސް އިންނަށް ވަރުގަދަ އެތިފަހަރެއް ނުދޭނަމަ އެންމެފަހުން ބޮޑެތި ގޯސް ހަދައި މަނިކުފާނު ވަރަށް ހިތްޕުޅާއި ހަމަނުވާކަމެއް ކުރާނެއެވެ. އަދި އޭގެ އިތުރަށް އެބަމީހުން އަޅުގަނޑުމެންގާތަށް އަބަދު ވެސް ގެންނަނީ، އަޅުގަނޑުމެންނަށް ނުފެންނަ ނުވަތަ ވާހަކަދައްކައިފައި ނުވާ، ހެދިގެން އުޅޭ މީހެކެވެ. އޭގެ އިތުރަށް، އެބައިމީހުން އަޅުގަނޑުމެންނާއި ދޭތެރޭ ހަސަދަވެރިކަން ގެންގުޅެ، އަދި ކަލިކަޓް އަޅުގަނޑުމެންގެ ލޯމަތީ ބާއްވައި، އަދި އަޅުގަނޑުމެންގެ ރައްކާތެރިކަމާއި އެބައިމީހުންގެ ބާރުގެ ދަށުގައިވާ ތަންތަނުގެ(vessels) ވާހަކަ ނުދައްކައެވެ. މާތް މަނިކުފާނު، މިކަން ނުކުރެއްވިނަމަ، އަޅުގަނޑަށް ލަފާކުރެވެނީ ކަންނަށްނޫރަށް ދާ ބޯޓުފަހަރަށް ގިނަ ޚަރަދުތަކެއް ކުރަންޖޭހޭނޭ ކަމުގައެވެ. އަދި އަޅުގަނޑަށް މަނިކުފާނު އިތުބާރުފުޅު ކުރައްވާނަމަ، އަޅުގަނޑު މާމް އަލީ (އަލިރާޖާ) މަނިކުފާނުންގެ އަރިއަހަށް އެބައިމީހުންގެ މުހިއްމު ހައެއްކަ ބޯޓާއި އެކު ފޮނުވާދެވިދާނެ އެވެ. ފެންނަނީ މަނިކުފާނު އެބައިމީހުން ހޯދަން ފޮނުވަންޖެހޭނީ ސިއްރިޔާތުގައި ކަމުގައެވެ. ސަބަބަކީ އެހެން ނޫނީ މަނިކުފާނު އެރަށްތައް ހޯދަން އުޅޭކަން އެނގިގެން އެހެން ބަޔަކު ހިތްހަމަ ނުޖެހިދާނެއެވެ. މިއީ މަނިކުފާނުގެ ކެޕްޓަން ޖެނެރަލް ގެ ލޯމަތީގައި މި ރަށްތައް އަތުލައި މަނިކުފާނުގެ ފައިސާއާއި އަދި ޝަރަފާއި އިންޑިޔާ ފަތަހަކުރުމަށް މާމް އަލީ އާއި އޭނާގެ ބޭބެއިން މިހާރު ހިންގާ ބޮޑުވިޔަފާރިއެކެވެ. އަދި މަނިކުފާނު، އަޅުގަނޑު އަތުގައި ކަންނަންނޫރުގައި ތިއްބެވި މަނިކުފާނުގެ އޮފްސަރުން ފަރާތުން ސިޓީތަކެއް ވެއެވެ. އެސިޓީ ތަކުގައި އެބަމީހުން ކަންނަންނޫރުގެ މޫރސް އާއި ބެހޭގޮތުން ލިޔެފައިވަނީ “މާބޮޑަށް ނުހެދެނީސް އެކަުރާ ކަނޑަންޖެހޭ ކަމުގައެވެ.”

(ނޯޓް: މި ސިޓީގައި މިވާ މީހަކީ ބެލެވޭ ގޮތުގައި ކަޅު މުޙައްމަދު ރަސްގެފާނެވެ. އޭނާގެ ވެރިކަން ވައްޓާލައި 7 ވަނަ ޙަސަން ރަސްގެފާނު ވެރިކަމަށް އެރިއެވެ. އެކަން ތިރީގައިވާ ސިޓީ އިން އެނގެއެވެ. މި ތާނގައި “އިކްޕޯކަރު ކިޔާ ބޭބެއަކީ” ބެލެވޭގޮތުގައި ސުލްތާން އަލް ޝާރިފް އަޙްމަދު އަލް-މައްކީ އެވެ.) 

އޮކްޓޯބަރު 1512ގައި އަފޯންސޭ ޑީ އަލްބުޤައިރުކީ (Affonso de Albuquerque) ދިވެހިރާއްޖެއާއި ބެހޭގޮތުން ލިޔުނު ސިޓީ

Excerpt from a letter of Afonso de Albuquerque. Viceroy of India, to King Manuel I, 1 October 15l2, published in Cartas de Afonso de Albuquerque. R. A. de Bulhao Pato (ed.), vol. 1. (Lisbon. I884), pp 87-8. Translation by Chandra R. de Silva and Manuela Mourao.

“މީގެ ކުރިން, އަޅުގަނޑު ކަންނައްނޫރަށް އައި އިރު “އަލްގުވާޒިލް” އަދި “މާމް އަލީ” އަދި ރަސްކަލަކަށް އިސްކުރި އޭނާގެ އެހެން ބޭބެއެއް އަޅުގަނޑާއި ބައްދަލުކުރަން އައެވެ. އަދި އަޅުގަނޑު މަނިކުފާނުގެ ކެޕްޓަނުންނާއި އޮފިސަރުން ކުރިމަތީ އަލްގުއާޒިލް އާއި މާމް އަލީ ގާތު އޭނަ އިންޑިޔާ ފަތަހަ ކުރަން އުޅެނީ މަނިކުފާނު އިންޑިޔާ ފަތަހަކުރައްވާފައިވާ ކަން އެނގޭ ޙާލު، އަދި މަނިކުފާނުގެ ކަނޑުގެ ސިފައިންގެ އަދި މަނިކުފާނުންގެ ނަންމަތީގައިވާ އެރަށްތަކުގެ ރަސްކަލަކަށް އެބައިމީހުންގެ ބޭބެ އިސްކުރަން އެބައިމީހުންނަށް އޮތީ ކޮން ހައިސިއްޔަތެއްތޯ ސުވާލުކުރީމެވެ. ދެން މާމް އަލީ އެރަށްތަކުގެ ރަސްގެފާނުގެ މައްޗަށް އެއަށްވުރެ ބާރުގަދަ ރަސްކަލަކު އޭނާއާއި ދެކޮޅަށް އެރުމުން އެރަށުގެ ރަސްގެފާނު އެބައިމީހުންގެ ގާތު އެހީއަކަށް އެދުމުން އޭނައަށް އެހީވުމުން އޭނާ ކޮންމެވެސް ރައްތަކެއް ދިނީކަމުގައި ބުންޏެވެ. ދެން އަޅުގަނޑު އެރަށްތަކުގެ ރަސްގެފާނުގެ އަރިހަށް މީހަކު ފޮނުވުމުން އެ ރަސްގެފާނު ވަނީ މަނިކުފާނުގެ އަމުރުގެ ދަށަށް އައިސް ކަންނަންނޫރުގެ މޫރސްގެ ބާރުން ސަލާމަތްވާން އެ ރަށްތަކާއި އެބައިމީހުންގެ ވެރިކަންވަނީ މަނިކުފާނުގެ އަތްޕުޅަށް ބަދަލުކޮށްފައެވެ. ޚަބަރު ގެންދިޔަމީހާ މާމް އަލީ ގާތު ބުނެފައިވަނީ އޭނާ (މާމް އަލީ)،  ރަސްގެފާނުގެ (ކަޅުމުޙައްމަދު ރަސްގެފާނު) އަތުން ރަސްކަން އަތުލައި، މަޖުބޫރުން ރަށްތައް ނަގައިފައިވާ ކަމަށާއި އަދި މިހާރު ބޭނުންވަނީ އޭނާގެ (މާމް އަލީގެ) ބޭބެ ރަސްކަލަކަށް ބަހަށްޓަން ކަމުގައެވެ. ވުމާއެކު މިހާރު އޭނާއަށް ރަށްތައް ދީފައިވާ ކަމަށާއި ސަބަބަކީ އޭނާ ކަންނަންނޫރުގައި ބަންދުކޮށްފައި (detained) ބަހައްޓާފައިވާތީ އެވެ. ދެން މާމް އަލީ އޭނާއަތުގައި ބުނެފައިވަނީ ހެއްކެއްގެ ގޮތުގައި ކަންނަންނޫރުގެ ރަސްގެފާނު (Judge) އެކަންނިންމި ކަމުގެ ސިޓިއެއް އޮތްކަމުގައެވެ. އަޅުގަނޑު އޭނާއަށް ދީފައިވާ ޖަވާބަކީ ކަންނަންނޫރގެ ރަސްގެފާނަކީ އެރަށުގެ އަހުލުވެރިއެކެވެ. ރަށްތަކަކީ މޫރސް (މުސްލިމުން) ތަނެކެވެ. ނައިރެސް (naires) ދަތުރެއް ނުކުރެއެވެ. އަދި ރަސްގެފާނަކީ އެމައްސަލަ ބެލި ފަރާތެއް (Judge) ވެސް ނޫނެވެ. އަދި މާމް އަލީ އޭނާގެ ބޭބެޔަށް ރަސްކަލެއްގެ ލަގަބު ދީގެން ނުވާނެކަމުގައެވެ. އަދި މަނިކުފާނުގެ އާރާއި ބާރު އިންޑިޔާގައި އޮތްގޮތް ފެނި ހަނގުރާމަކުރާ ބަޔަކު ފޮނުވައިގެން އެތަން ހިފައިގެންވެސް ނުވާނެކަމުގައެވެ. އެކަމަކީ މަނިކުފާނުންގެ ވެރިކަމާއި ޒިންމާއެކެވެ. އޭގެއިތުރަށް މަނިކުފާނުގެ ޕަރާތްޕުޅުން އަޅުގަނޑު އޭނާގާތު އޭނާގެ މީހުންނާއި އެބައިމީހުންގެ އެޖެންޓުން އެތަނުން ނެގުމަށް ބުނީމެވެ. އަދި ރަސްގެފާނު އަމިއްލައަށް އަމުރު މަޢުރޫފް ހިންގުމަށް ފުރުސަތުދިނުމަށާއި އަދި އޭނާ މަނިކުފާނު ވެރިކަމުގެ ދަށުގައި ހުރުމަށާއި އަދި މަނިކުފާނުން ކަންކަން ނިންމުމަށް އެދިފައިވާ ކަމުގައެވެ. މި މުއްދަތަށްފަހު ރަށްތަކުގައި ހުންނަ އޭނާގެ (މާލް އަލީ) އެއްވެސް އެއްޗެއް ސަލާމަތުން ނުހުންނާނެ ކަމުގައި އޭނާ ޔަޤީންކުރަން ޖެހޭނެކަމުގައި ވަނީ ބުނެފައެވެ. އަދި މަނިކުފާނުންގެ ފަރާތުން އަޅުގަނޑު އެ ރަސްގެފާނު ދިރިހުއްޓާ އޭނާ (މާމަ އަލީ) ގާތަށް ގެންގޮސް، މަނިކުފާނުންގެ ފަރާތުން ޝާހީ ޔަޤީންކަން އެރުވީމެވެ. ފަހަރުގައި އޭނާއަށް ނަސީބުދެރަ ގޮތެއް ދިމާވުން، އޭނާގެ ސަރުކާރުގައި ދެކޮޅުވެރިކަމެއް ދިމާވުން، ފަހަރުގައި އޭނާގެ މީހަކު އަނިޔާވުން ނުވަތަ މަރާކުރިމަތިވުން ފަދަކަމެއް ދިމާވެއްޖެނަމަ، އެކަމުގެ ޒިންމާ އޭނާ ނަގަން ޖެހޭނެކަމުގައި ބުނީމެވެ. އެކަމަކަށް އަޅުގަނޑު އެއްވެސް ދުލެއް ނުދޭނޭ ކަމުގައި ވެސް ބުނީމެވެ. އަދި އެއަށްވުރެ އިތުރަށް އަޅުގަނޑު ދެންނެވީމެވެ. މަނިކުފާނު އެތަނުގައި (ރާއްޖޭގައި) ފޯޓް އެއް (ބަޑި ބުރުޒެއް) ހެދުމަށް އަމުރުކުރައްވާފައިވާ ކަމަށާއި އެއީ  މެލަކާއަށް އަޅުގަނޑުމެން ކުރާދަތުރުތައް އަބަދުވެސް ކުރާނީ އެތަން މެދުވެރިކޮށް ކަމުގައި ބުނީމެވެ. އަދި އެބައިމީހުންނަށް ނުބައިމަގުން ފެންނަ ހުވަފެންތައް ދޫކޮށްލަން ވެސް ބުނީމެވެ. 

މިވާހަކަ ބުނުމުން، ރަށްތަކުގެ ރަސްގެފާނު ކަމުގައި ކިޔާއުޅޭ ބޭބެ އަޅުގަނޑާއި މުއާމަލާތް ކުރަން ފެށިއެވެ. އަދި އަޅުގަނޑު އޭނާ ރަސްކަލަކަށް ލުމަށާއި އަދި ރަށްތަށް މަނިކުފާނުގެ ފަރާތުން ބަލައިދޭނޭ ކަމުގައި ބުންޏެވެ. އެގޮތަށް އަޅުގަނޑު ނުނިންމަމެވެ. އަދި އެއީ މަނިކުފާނު އެންމެ އެދި ވަޑައިގަންނަވާ ގޮތް ކަމަށްވެސް ނުފެނެއެވެ. ސަބަބަކީ އެތަނަކީ ކަންނަންނޫރާއި ގާތް ތަނަކަށްވެފައި އެތަނާއި މެދު އެބައިމީހުންގެ ކޮންމެވެސް ވަރެއްގެ ބާރެއް އޮންނަންޖެހޭ ކަމަށް ދެކޭތީއެވެ. އެބައިމީހުން އަބަދުވެސް ކަންނަންނޫރުން ނުބައިކަމެއް ކުރަން ބޭނުންވާ ފަހަރުތަކުގައި އެހީވެ ނުވަތަ އެކޮޅަށް ޖެހެއެވެ. އަނެއް ފަރާތަކީ މަނިކުފާނުގެ އެއްވެސް އެހީއެއްނެތި ކޮށްދިން ހެޔޮކަމެއް ނެތި މަނިކުފާނުގެ ވެރިކަމުގެ ދަށަށް އައި ރަނގަޅު ރަސްކަލެކެވެ. އޭނާ ހުރިހާ މާވަހަރަކާއި މަނިކުފާނު ބޭނުންފުޅުވާ ހުރިހާ ރޯނާއި ރަށްތަކުގެ އަގުބޮޑު އަންނައުނާއި ދޭނެއެވެ. އޭގެ އިތުރަށް އޭނާ މަނިކުފާނު ހުއްދަ އޮތްފަރާތް ނޫންބަޔަކަށް އެތަނުން ދަތުރުކުރެވުނަ ނުދޭނެއެވެ. އިންޝުއަރެންސް ހިފައިގެން އަންނަ ބޯޓުތައް ފިޔަވާ ގަލްފް އޮފް ސިލޯނުން ދާބޯޓު އެތަނުން ދެވުނަ ނުދޭނެއެވެ. ހުރިހާ ރޯނެއް ލިބޭނީ މަނިކުފާނަށެވެ. މަނިކުފާނުންގެ އަމުރެއްނެތި އެހެން ފަރާތަކަށް ނުލިބޭނެއެވެ.

(ނޯޓް: މިތަނުގައި އަލިރާޖާ ބުނެފައި އެވަނީ ކަޅު މުޙައްމަދު ރަސްގެފާނު ވެރިކަން ވައްޓާލައި 7 ވަނަ ޙަސަން ރަސްގެފާނު ވެރިކަމަށް އެރުމުން އޭނާ ވެރިކަމުން ދުރުކުރިވާހަކައެވެ. ދެން ކަޅު މުޙައްމަދު ރަސްގެފާނު އަލިރާޖާގެ ކިބައިން އެހީއަކަށް އެދުމުން އޭނާ ރަށްތަކެއް ދިން ކަމުގައެވެ. އެކަމަކު މިސިޓީއިން އެނގެނީ ކަޅު މުޙައްމަދު ކަންނަންނޫރުގައި ބަންދުގައި ބަހައްޓައި އަލިރާޖާ ޝާރިފް އަލް މައްކީ އަށް ވެރިކަން ދިންވާހަކައެވެ. ވުމާއެކު ބެލެވޭގޮތުގައި ކަޅު މުޙައްމަދު ޕޯޗުގީޒުންގެ ކިބައިން އެދިފައިވަނީ އޭނާއަށް ޢަލިރާޖާގެ ކިބައިން ސަލާމަތްކޮށް އޭނާއަށް ވެރިކަން ހޯދައި ދީފިނަމަ ރާއްޖެ ޕޯޗުގީޒުންގެ ވެރިކަމުގައި ބާއްވަދޭނޭ ކަމުގައެވެ. މި ސިޓީގައި “ރަށްތަކުގެ ރަސްގެފާނު ކަމުގައި ކިޔާއުޅޭ ބޭބެ” ކަމަށް ބެލެވެނީ “ސުލްތާން އަލް ޝާރިފް އަޙްމަދު އަލް-މައްކީ” އެވެ. ދިވެހި ތާރީޚުން އެނގޭގޮތުގައި މި ސިޓީ ލިޔެފައިވާ ދުވަސްވަރަކީ ޝާރިފް އަލީގެ ވެރިކަމުގެ ދުވަސް ވަރުގައެވެ. ބެލެވޭގޮތުގައި އަލިރާޖާމެން އޭނާ ވެރިކަމަށް އިސްކުރުމުގެ ކުރިން އަސްލުނަން ވަނީ ބަދަލުކޮށް އޭނާގެ ހަޤީގަތް އޮޅުވާލާފައެވެ. ޕޯޗުގީޒުންގެ އެހީއަށް އެދިފައިވަނީ އަލިރާޖާމެން ކަންނަންނޫރުގައި ބަންދުކޮށްފައި ބަހައްޓާފައި ހުރި ކަޅު މުޙައްމަދު ރަސްގެފާނެވެ. ބެލެވޭގޮތުގައި ޕޯޗުގީޒުން ޕްރެޝާކުރުމުން ޝާރިފް އަލީ ވެރިކަން ދޫކުރައްވައި، ސުލްތާން އަލީ 3 ވަނަ އާއި ވެރިކަން ޙަވާލުކުރެއްވުމަށްފަހު ރާއްޖެދޫކުރައްވައި ވަޑައިގަތީ ކަމުގައި ބެލެވެއެވެ. މިގޮތަށް މިހެން ދިމާވެއްޖެނަމަ ސުލްތާން އަލީ 3 ވާނީ އަލިރާޖާއަށް ތާއީދުކުރާ ފަރާތަކަށެވެ. ވުމާއެކު ޕޯޗުގީޒުންގެ ތާއީދާއެކު އެންމެ ފަހުން ބުރެކިރަނިން ވަނީ ސުލްތާން އަލީ 3 ޤަތުލުކޮށް ކަޅު މުޙައްމަދަށް ދެވަނަ ފަހަރަށް ވެރިކަން ހޯދާދީފައެވެ. އަދި ކަޅުމުޙައްމަދުގެ ވެރިކަން ދެމެހެއްޓުމަށްޓަކައި ޕޯޗުގީޒުންނަށް އެހީތެރިވެ ފުރަތަމަ ފަހަރަށް ރާއްޖޭގައި އެބައިމީހުންގެ ބަޑިބުރުޒެއް ހަދައި އެބައިމީހުން ބޭތިއްބިއެވެ. މި ސިޓީ އެނަލައިޒް ކުރުމުން އަޅުގަނޑަށް ވިސްނުނީ މިކަން ހިނގާފައިވާގޮތުގެ ޙަޤީގަތަކީ މިއީ ކަމުގައެވެ.)

ޕޯޗްގީޒް އުޅަދުތަކުން ރާއްޖޭގައި ކަނޑުފޭރުމާއި މާލޭގައި ފޯޓެއް (ބުރުޒެއް) ހެދުން

އަފޯންސޭ ޑީ އަލްބުޤައިރުކީ ދިޔުމަށްފަހު ދިވެހިރާއްޖެ ބަދަލުވެގެން ދިޔައީ ޕޯޗުގީޒުން ކަނޑުފޭރޭ ތަނަކަށެވެ. މީލާދީން 1517 ގައި ޕޯޗްގީޒް 3 ވަނަ ވައިސްރޯއީ ލޯޕޮ ސުވާރިސް (Lopo Soares) އަށް ޖުރޯނޮމޯ ޑި ސޫސާ (Jeronymo de  Sousa) ރާއްޖޭގައި ކަނޑުފޭރެމުންދާ ކަން އެނގުނެވެ. މިއާއި ވިދިގެން ޑޮމް ފެނާންޑޯ ޑި މޮންރޯއީ އާއި ޖައޮ ހޮންކޭވް ޑި ކާސްޓެލް ބްރާންކޯ ގެ ހަވާލުގައި އުޅަދުތަކެއް ފޮނުވައި ބާޤީ މެރުއަށް އެންގުނެވެ، ކޮރެއާއި ޕީރާޑް ވިދާޅުވެފައިވަނީ އެބައިމީހުން ރާއްޖެ އައިސް  ސުވާރިސް ނެގިކަމެއް ނޭގޭކަމަށެވެ. އެކަމަކު ރާއްޖެ އައިސް އެބައިމީހުން ވެސް ވީ ކަނޑުފޭރޭ މީހުންނަށެވެ. ޕޯރޗްގީޒް ޕާސްޕޯޓްތަކަކާ އެކު ގުޖުރާތުގެ ކަމްބަތް (Cambay) އިން ފުރައިގެން އައި އަގުބޮޑު ސާމާނު ހުރި 2 ބޯޓު އެބައިމީހުން ރާއްޖޭގެ ސަރަހައްދުން އަތުލައިގަތެވެ.  މިކަމާއި ހިތް ހަމަނުޖެހިގެން އުޅަދުތަކުގެ ވެރިފަރާތުން ޕޯރޗުގީޒް ޕާސްޕޯޓުގައި ވައުދުވެފައިވާ ކަންކަމަށް އިޚުތިރާމް ނުކޮށް ޖެހިލުމެއްނެތި ޕޯޗުގީޒުން އަމާންކަން ދީފައިވާ ބޯޓުތައް ހިފެހެއްޓިކަން ނުރުހުންތެރިކަމާއެކު ފާހަގަކުރިކަމަށް ވެއެވެ. މީލާދީން 1517 ގައި އޭރުގެ ދިވެހި ރަސްކަމުން ރާއްޖޭގައި ޕޯޗްގީޒް ފެކްޓްރީއެއް އެޅުމަށް ހުއްދަ ދިނެވެ. މީލާދީން 1519 ގައި އޭރުގެ ވައިސްރޯއީ، ޑިއެގޯ ލޮޕޭޒް ޑި ސޭކޭރާ (Diogo Lopes  de Seequeira) އަމުރުފުޅަށް ކުޑަ 4 އުޅަނދުގައި 120 މީހުން ގޮވައިގެން ޖޮއާއޮ ގޯމްސް ޗެއިރާޑިންހެއިރޯ ރާއްޖެއަށް ފުރިއެެވެ. މިބައިމީހުން ވެސް ޓެނަންސެރިން (ބަރުމާ/މިއަންމާރު ގެ އައްސޭރިފަށުގެ ސަރަހައްދެއް) ރާއްޖޭގެ މަގުން ދަތުރުކުރި އަގޮބޮޑުތަކެތި ހުރި އުޅަނދެއް ފޭރިގަނެ އޭގައިތިބި ފަޅުވެރިންނާއި މުދާތައް ރާއްޖެއަށް ވިއްކާލީކަމުގައި ވެއެވެ. އަދި މާލެއަށް ފައިބައި މާލޭގައި ބަޑިބުރުޒެއް ( fort) ހެދިއެވެ. އަދި ރާއްޖެއިން ލިބޭ ތަކެތި ހިތަށް އެރި އަގެއްދީފައި ގަނެ އެތާނގައި ބަހައްޓަމުން ދިޔައެވެ. ލިޔުންތަކުން އެނގޭގޮތުގައި މި ބަޑިބުރުޒު ހަދަން ކަޅު މުޙައްމަދު ރަސްގެފާނު ފުރަތަމަ އެއްބަސްވީ މުޙައްމަދު އަލީ (ކަންނަންނޫރު އަލިރާޖާ) ގެ ބާރު ޕޯޗުގީޒުންގެ އެހީގައި ރާއްޖޭގައި ކުޑަކުރުމުގެ ނިޔަތުގައެވެ. ކޮންމެއަކަސް އަލިރާޖާއާއި ޕޯޗުގީޒުންނާއި ދެމެދު ހެދިފައިވާ އެއްބަސްވުން އުވާލުމުން އަލިރާޖާގެ އެޖެންޓު މާލެއިން އައްޑޫ-ހުވަދުއަށް ބަދަލުކުރި ކަމަށް ވެއެވެ. އައްޑޫގައި އެފަދަކަމެއް ކުރިކަމުގެ ލިޔުމެއް އަޅުގަނޑު ނުދެކެމެވެ. 

ޕީރާޑް (1887) ގައި ލިޔެފައިވާގޮތުން ޕޯޗްގީޒުންގެ ބާރު ކަނޑުވާލަން ރާއްޖެއިން ބޭރުގެ އެހީ ހޯދިއެވެ. ދިވެހިން އެންމެފަހުން ގޮތް ހުސްވެގެން ކާލިކަޓަށް އޮޑިއެއްފޮނުވާ މަޝްހޫރު މަލާބާރުކޯސްޓްުގެ ކަނޑުފޭރޭ މީހެއް (Corsair) ކަމަށްވާ ބަލީސަމް (Baleacem) ކިބައިން އެހީހޯދަން މަސައްކަތްކުރި އެވެ. ކަންދިމާވިގޮތުން ރާއްޖެއިން ދިޔަ ވަފްދުގެ މީހުންނާއި އޭނަޔަކާއި ދިމާނުވިއެވެ. ނަމަވެސް ޕަޓާއިން، ކުރީގެ ރަހުމަތްތެރިއެއް ކަމަށްވާ މަރައްކާ ކިޔާ ކޮޗިންގެ ވިޔަފާރިވެރިއަކާ ދިމާވިއެވެ. މީނާގެ 2 އުޅަނދެއް ވެސް ޕޯޗުގީޒުން ވަނީ އަތުލައިގެންފަ އެވެ. މީނާ މަލާބާރީންގެ  12 އުޅަނދެއް ހޯދާ އެއަށް މީހުންލައި ރާއްޖެއަށް ފޮނުވިއެވެ. ދިވެހިން ދެއްކި މަގުން މިއުޅަނދު އައި އިރު ޕޯޗުގީޒުންގެ ގުރާބުތައް އެއްވެސް މީހަކުނެތި މާލެ ފަޅުގައި އޮތެވެ. އަދި މޫދާ ވީފަރާތުން ފޯޓް (ބުރުޒު) ވެސް ހިމާޔަތްކޮށްފައި ނެތެވެ. ރަށުގެ މީހުންގެ އެހީތެރިކަމުގައި ހުރިހާ ޕޯޗުގީޒުން އެބައިމީހުން ގަތުލުކޮށް ލިބުނު ތަކެތި އެބައިމީހުންނަށާއި ރަށުގެ މީހުންނަށް ހަމަހަމަޔަށް ބެހިއެވެ. އެހެން ވާހަކައެއްގައި ވާގޮތުން މީލާދީން 1521 ގެ ދުވަހެއްގެ ފަތިހު ދިވެހިންގެ ބަޔަކު ޕޯޗްގީޒުންގެ ފޯޓަށް ހަމަލާދީ ފަޅުގައި އަޅާފައިވާ އެބައިމީހުންގެ އުޅަނދުތައް އަންދާލާ އެބައިމީހުން މެރީއެވެ. މިއަށްފަހު ޖެހިގެން އައި 30 އަހަރު ޕޯޗުގީޒުން ރާއްޖޭގައި ފޯޓެއް (ބުރުޒެއް) ހަދާކަށް މަސައްކަތެއް ނުކުރެއެވެ. އެހެންނަމަވެސް ރާއްޖޭގެ ސަރަހައްދުގައި އެބައިމީހުންގެ އުޅަނދުތައް ދުއްވާ ރަތް ކަނޑަށް ދަތުރުކުރާ އުޅަނދުތަކާއި ރަތް ކަނޑުން އަންނަ އުޅަދުތަކުން އެއްޗެއް ފެނިއްޖެނަމަ ކަނޑުފޭރުމުގެ އަމަލުތައް ހިންގަމުން ދިޔައެވެ. 

ހަސަންރަސްގެފާނު (ޑޮމް މެނުއަލް) ޕޯޗުގީޒުންނާއި ބައިވެރިވެގެން ރާއްޖޭގެ އާމްދަނީންބައެއް ހޯދުން

ކަޅު މުޙައްމަދު ރަސްގެފާނުންގެ ފަހު ދައުރުގައި, މީލާދީން 1521 ގައި ޕޯޗުގީޒުން ރާއްޖެއިން ބޭރުކުރުމަށްފަހު ދެން އެބައިމީހުން ރާއްޖެއަށް ނުފޫޒުފޯރުވަން މަސައްކަތްކޮށްފައިވަނީ ޑޮމް މެނުއަލް ގެ އާއިލާގެ އެއްބާރުލުމާއެކު އެވެ. ޑިސިލްވާ (2018) ވިދާޅުވެފައިވާ ގޮތުން ސުލްޠާން ކަޅުމުޙައްމަދުގެ ކާފަދަރިކަލުން ސުލްޠާން މުޙައްމަދު 3 އަވަހާރަކޮށްލުމަށްފަހު އޭނާގެ ކޮއްކޯފުޅު ސުލްޠާން ޙަސަން 9 , މީލާދީން 1550 ގައި ވެރިކަމަށް އަރައިވަޑައިގަތެވެ. އަދި އޭނާގެ ވެރިކަން ސައްޚަ ކުރެއްވުމުގެ ގޮތުން ބޭބޭފުޅުގެ ކުރީގެ އަނބިކަބަލުންނާއި ކައިވެނިފުޅު ބައްލަވަން މަސައްކަތްކުރެއްވިއެވެ. ނަމަވެސް  އެކަމަނާ ކޮޗިންއަށްވަޑައިގެން ޕޯޗުގީޒުން ގާތަށް ވަޑައިގަތެވެ. ހަސަން ރަސްގެފާނު ވެސް އެކަމަނާގެ ފަހަތްޕުޅުން ކޮޗިންއަށް ވަޑައިގެން ވެރިކަން ހިމާޔަތްކުރައްވަން އެތަނުގެ ރަށްވެހިންނާއި އިނދެގެން އުޅޭ ޕޯޗުގީޒުންގެ ތާޢީދު ހޯދަން މަސައްކަތްޕުޅު ކުރެއްވިއެވެ. އަދި 21 ފެބްރުއާރީ 1550 ގައި  އިންޑިޔާގެ ޕޯޗްގީޒުންގެ ގަވަރުނަރު، ޕޯޗުގަލްގެ ރަސްގެފާނަށް ލިޔުއްވާފައިވާ ސިޓީއެއްގައި ވިދާޅުވެފައިވާގޮތުގައި ރާއްޖޭގެ ރަސްގެފާނު (ހަސަން 9) ކޮންމެ އަހަރަކު 600 ބަހަރު ރޯނު ޕޯޗުގީޒުންނަށް ދޭން އެއްބަސްވެވަޑައިގެންފައި ވެއެވެ. ލިޔުންތަކުން އެނގޭގޮތުގައި ޙަސަން ރަސްގެފާނު ކޮޗިންގައި ހުންނެވިއިރު ކްރިސްޗިއަން ދީނަށްވަދެވަޑައިގެން ޑޮމް މެނުއަލް (Dom Manoel) އޭ ކިޔާ ނަން ބަދަލުކުރައްވާފައެވެ. އިތުރަށް ޑިސިލްވާ (2018) ވިދާޅުވެފައިވަނީ ކޮޗިންނުން މާލެ ވަޑައިގެން ވެރިކަންކުރެއްވިއިރު ކުރިން ސިއްރުކުރަށްވާފައި ދީން ރައްޔިތުންގެ މެދުގައި ފާޅުކުރައްވާ އޭނާގެ ޢަމަލުފުޅުތައް ކުރެއްވުމުގެ ސަބަބުން ރައްޔިތުންގެ ނަފްރަތު ލިބިވަޑައިގެން 2 އަހަރާއި 5 މަސްދުވަސްފަހުން ވެރިކަންދޫކުރައްވާ ކޮޗިންނަށް ވަޑައިގަންނަވަން ޖެހިވަޑައިގަތެވެ. އެތަނުން އޭނާގެ ދީނަށް ތަބާވާ އަންހެން ބޭކަނބަލަކާއި ކައިވެނިބައްލަވައިގެން ބޭބޭފުޅުން ލިބިވަޑައިގެންފައި ވެއެވެ. ކޮޗިންނަށް އެނބުރިވަޑައިގެން ޑޮން މެނުއަލް އުޅަނދެއްގައި ރާއްޖެއަށް ބަޔަކުފޮނުއްވަވާ އޭނާގެ ވަޒީރުންނާއި ޝާހީ ޢާއިލާގެ ގާތް ތިމާގެ ބޭފުޅުން ކޮޗިން އަށް ގެންދެވުމަށް މަސައްކަތްޕުޅު ކުރެއްވިއެވެ. ނަމަވެސް ރާއްޖެއިން އެއްވެސް މީހަކު އޭނާޔަށް ތަބައުނުވެ އެބައިމީހުން މަރައި ހުރިހާ ހަތިޔާރަކާއި ފައިސާއެއް ޤަނީމާ ގެ ގޮތުގައިހެދިއެވެ. މިހެންވުމުން ދެވަނަ ފަހަރަށް ހަތިޔާރާއި ހަނގުރާމަވެރިންނާއި ރާއްޖެއަށް އައެވެ. މިފަހަރު ވަރުގަދަ ހަނގުރާމައެއް ހިނގައި އެބައިމީހުންގެ ހަތިޔާރާއި ފައިސާއާއި އައި އުޅަނދު މިފަހަރު އެބައިމީހުންނަށް ލިބުނެވެ. ތިންވަނަ ދަތުރުގައި ޤުރާބުތަކަކުން ހަތިޔާރާއި އެކު އައި ހަނގުރާމަވެރިންނާއި ދިވެހިން ހަނގުރާމަކޮށް އޭރު ރާއްޖޭގެ ރަސްކަމުގައި ހުންނެވި އަލިރަސްގެފާނު ޝަހީދުވުމާއެކު ދިވެހިރާއް މީލާދީން 1558 ގައި ޕޯޗުގީޒުންގެ އަތްދަށަށް ދިއެވެ. 

މެނުއަލް 1 ގެ ދަރިކަލުން ޖޯން 3: މެސާ ޑާ ކޮންސިއަންސާ އަށް ޑޮން މެނުއަލް ސިޓީ ފޮނުއްވެވިއިރު ޕޯޗުގަލްގެ ރަސްގެފާނު 

ޑިސިލްވާ (2018) ގެ ފޮތުގައި ތަރުޖަމާކޮށްފައިވާ ހަސަންރަސްގެފާނު ޕޯޗުގަލްގެ މެސާ ޑާ ކޮންސިއަންސާއަށް މީލާދީން 1556 ގައި ފޮނުވި ސިޓީއެއް ހިމަނާފައިވެއެވެ. ހަސަންރަސްގެފާނު ސިޓީ ފޮނުއްވާފައިވަނީ ޕޯޗްގީޒް ކޮޮލޮނީތަކުގައި ދީނީކަންކަމާއި ގުޅޭ ކަންކަން ހިންގަން ރަސްކަމުގެ ފަރާތުން އުފައްދާފައިވާ ފަރާތަކަށެވެ. ފައްޅިތަކާއި ގުޅުންހުރި ކަންކަން ފަދަ ދީނީ ގޮތުންކުރަންޖެހޭ ގިނަކަންކަން މިފަރާތުން ކުރެއެވެ. އޭރު ޕޯޗުގަލްގެ ރަސްގެފާނަކީ މެނުއަލް 1 ގެ ދަރިކަލުން ޖޯން 3 (މަތީގައިވަނީ) އެވެ. މަޝްހޫރު “ޕިއަސް ކޮލޮނައިޒާ” އެވެ. މެސާ ޑާ ކޮންސިއަންސާ އަކީ ރަސްކަމުގެ ފަރާތުން އުފައްދަވާފައިވާ ވަރަށް ނުފޫޒުގަދަ ފަރާތެކެވެ. ސީޓީގައިވާގޮތުން އޭރުގެ ގަވަރުނަރު ޑޮމް ޕޭޑްރޯ ފްރާންސިސްކޯ ބެރެޓޯ އޭނާ ބޭނުންވާގޮތަށް ކަންކަން ކޮށްދީފައި ނުވެއެވެ. އަދި ގަވަރުނަރު އޭނާގެގާތުގައި، ރާއްޖެއަށް ވެރިކަންކުރަންވީ އޭނާ ނޫންކަމަާއި އެންމެ ކުޑަވެގެން ރަށެއްގެ ވެރިކަންކުރުމުގެ ޤާބިލްކަން ވެސް ނެތްކަމަށް ބުނިކަމަށް ލިޔެފައިވެއެވެ. ގަވަރު ދެކޭގޮތުގައި އޭނާ އާއި ޙަވާލުކުރަންވީ ގެތަކެއްކަމަށް ދެކޭކަމަށް ވެސް ލިޔެފައިވެއެވެ. މިސީޓީގެ ދިވެހިތަރުޖަމާއެއް ތިރީގައި ހިމަނާފައި ވާނެއެވެ.

 

9 ވަނަ ޙަސަން ރަސްގެފާނު (ޑޮންމެނުއަލް) ގެ ސިޓީ

ވުމާއެކު ބެލެވޭގޮތުގައި ހަސަން ރަސްގެފާނަށް ޕޯޗްގީޒް މިލިޓަރީން އެހީ ސީދާ ނުލިބުމުން މޮސާ ޑާ ކޮންސިއަންސާ މެދުވެރިގެން މަދަދު ހޯދަން މަސައްކަތްކުރީ އެވެ. ފަހަރުގައި ފުރަތަމަ ދަތުރަކީ ޑޮން މެނުއަލް ކޮޗިންގައި ދިރިއުޅޭ ޕޯޗިގީޒުންގެ (ކަސަޑޯސް) އެހީގައި އައިދަތުރެއް ކަމުގައި ވުން ގާތެވެ. ކަސަޑޯއިންނަކީ ޕޯޗްގީޒް ނޭވީގައި ކުރިން އުޅެ އިސްތިއުފާދީ އިންޑިޔާ އަންހެނުންނާއި ކައިވެނިކޮށްގެން ވަޒަންވެރިންގެ ގޮތުގައި އާއި ވިޔަފާރިވެރިންގެ ގޮތުގައި އުޅުނު ޕޯޗުގީޒުންނެވެ. މިބައިމީހުންތެރޭ ކަނޑުދަތުކުރާ އުޅަނދުފަހަރު ގެންގުޅޭ މުއްސަދި ވިޔަފާރިވެރިން ވެސް ވެއެވެ. ބެލެވޭގޮތުގައި އެހެން ދަތުރުތަކަކީ ޕޯޗުގީޒް ކަނޑުގެ ސިފައިން ރާއްޖެ ހިފުމަށް ކުރި ދަތުރުތަކެކެވެ. އެއީ ދީނީ، ސިޔާސީ އަދި އިޤްތިސާދީ މަޤުސަދެއްގައި ޕޯޗުގީޒް ސަރުކާރުން ހިންގާފައިވާ ކަމެކެވެ. ނަތީޖާއެއްގެގޮތުން ރާއްޖޭގެ ހުރިހާ އުފެއްދުމެއް ޕޯޗުގީޒު ސަރުކާރަށް ސިދާ ކޮންޓްރޯލް ކުރެވޭނެއެވެ. އަދި ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ދަތުރުކުރާ އުޅަނދުތައް މޮނިޓާރކޮށް ވެސް ހެދޭނެއެވެ. އަދި އޭގެ އިތުރަށް ކްރިސްޗިއަން މިޝަނަރީތައް ރާއްޖޭގައި ދަތިކަމެއްނެތި ހާލި ވެސް ހަދާލެވޭނެއެވެ. ރާއްޖޭގައި ވެރިކަން ކޮށްފައިވަނީ އެދަތުރުގެ ކެޕްޓަނަކަށް އައި ކެޕްޓަން، އެޑްރީ އެޑްރީ (އަނދިރި އަނދިރިން) އެވެ. ޕީރާޑް (1887) ވިދާޅުވެފައިވަނީ ޕޯޗުގީޒުން ރާއްޖޭގައި ތިބިއިރު ކޮންޓްރޯލްކޮށްފައިވަނީ ހައްދޫ ކަނޑާއި ހަމަޔަށެވެ. ވުމާއެކު ހުވަދު އަތޮޅާއި ފޯއްމުލަކާއި އައްޑޫ އޮތީ އެބައިމީހުންގެ ދަށުގައެއް ނޫނެވެ. ބެލެވޭގޮތުގައި ޒަމާނުއްސުރެ ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުން ވިޔަފާރިދަތުރުތައް ކުރަމުން ގޮސްފައިވަނީ ސިލޯނުގެ ޕޯޓުތަކަށެވެ. އަދި މާލެޔާއި ނުލައި ޕޯޗުގީޒުންގެ ދުވަސްވަރު އެއަތޮޅުތަކުގެ ކަމުވޮށިވެގެންވާ މީހުންނާއި ވިޔަފާރިވެރިންގެ އެހީގައި ރައްޔިތުންގެ ދިރިއުޅުމުގެ ހުރިހާ މުހުތާދުތަކެއް ފުއްދަމުން ވަނީ ގޮސްފައިވެއެވެ. ޕޯޗުގީޒުންގެ ވެރިކަން ނިމުމަށްފަހު އަނެއްކާވެސް މުޅިރާއްޖެއަށް މުޙައްމަދުތަކުރުފާނު ވެރިކަންކުރައްވަން ފެއްޓެވުމާއެކު ދެކުނުގެ އަތޮޅުތައް އިހެކޭ އެއްގޮތަށް އުތުރާއި ގުޅި އެއްވެރިކަމެއްގެ ދަށަށް އައެވެ. ޕީރާޑް (1887) ވިދާޅުވެފައިވަނީ ހުވަދުއަތޮޅު ގަމުގައި  މުޙައްމަދު ތަކުރުފާނުމެން ފޯޓް (ބަޑިބުރުޒެއް) ހެއްދެވިކަމަށެވެ.

ޕޯޗުގީޒުންގެ ގުރާބުތަކުން މާލެއަށް ހަމަލާ ދިންގޮތް ދައްކައިދޭ ކުރެހުމެއް

 

ނުވަވަނަ ޙަސަން ރަސްގެފާނު (ޑޮން މެނުއަލް) 1556 ގައި މެސާ ޑާ ކޮންސިއަންސާއަށް ލިޔުއްވި ސިޓީ

Letter of the king of the Maldives to the Mesa da Consciencia. 23 January 1516. published in  Documentacao para a historia das missoes do padroado portuques do oriente. India, Antonio de Silva Rego (ed.), vol. VI (Lisbon, 1951), pp. 97-8. The original document is in Arquivo Nacional da Torre do Tombo. Chancellerias, Coro Chronologico, 1-97-62. Translated by Chandra R. de Silva and Manuela Mourao.

އަޅުގަނޑު މަނިކުފާނަށް ސިޓީ ލިޔަނީ ދެ މަގަކުންނެވެ. އަޅުގަނޑު ދެކެނީ އެއީ އެންމެ ހަމަހަމަ އަދި އަވަސް ގޮތް ކަމުގައެވެ. އަޅުގަނޑަކީ ކްރިސްޗިއަނަކަށް ވެފައި އަޅުގަނޑު މާތް ކްރިސްޗިއަން ދީނަށް ވައްދާދެއްވައި އަޅުގަނޑު ބަރުދާސްތުކުރަމުންދިޔަ ވޭންތަކުން ދުރުކޮށްދެއްވި  އަޅުގަނޑުމެންގެ ސޭވިޔާރ، ކްރިސްޓްގެ ނަމުގައި އާދޭސްކޮށް ދަންނަވަމެވެ. އަދި އަޅުގަނޑު އާދޭހާއި އެކު ކޮންސިއަންސާ ގައި އެދެނީ އަޅުގަނޑުމެންގެ ކަލާނގެ އަޅުގަނޑަށް ދެއްވި ޙާލަތުގައި ދަމަހައްޓަވައި އަދި މިބިމުގައި އެބައިމީހުން އަޅުގަނޑާއި ދޭތެރޭ ކުރާ ނުބައިކަންކަމުން ދުރުކޮށްދެއްވުމެވެ. ވައިސްރޯއީ އަވަހާރަވުމާއެކު، ޑޮމް ޕީޑްރޯ ފްރާންސިސްކޯ ބެރެޓޯ (Dom Pedro Francisco Barrreto) ގަވަރަނަރަކަށް ވިއެވެ. އޭނާއަކީ އެންޓޯނިއޯ ޑީ އަޓައިޑް (Antonio de Ataide) އާއި ތިމާގެ ބޭފުޅަކަށްވާތީ އަޅުގަނޑު ގޯވާއަށް ގޮސް އޭނާގެ އަރިއަހަށް ދިޔައިމެވެ. ސަބަބަކީ އަޅުގަނޑަށް ފެނުނުގޮތުގައި އޭނާ މަނިކުފާނުންގެ އަމުރުފުޅުތަކަށް ތަބަޢުވާނެއެވެ. އެންޓޯނިއޯ ޑީ އަޓައިޑް އަށް އެކަން ކޮށްދެއްވުމަށްޓަކައި އެބޭފުޅާ އަޅުގަނޑު ދޫކޮށްފައި ވެސް އަދި އަޅުގަނޑުގެ ރަސްކަމަށް (ރާއްޖެ) ވެސް ފޮނުއްވާ ދެއްވާފައި ވެސް ނުވެއެވެ. އަޅުގަނޑު އެތަނަށް ނުދާކަމުގައިވާނަމަ، އަޅުގަނޑު މަރުވާއިރު، އެބޭފުޅާ އެދޭހާ ކަމެއް ކުރައްވާ އަޅުގަނޑުގެ ރަށްތައް ވަގަށްނަންގަވާނެ އެވެ. މިގޮތަށް ހެދުމުން މަނިކުފާނަށް ލިޔުނުކަން އެބޭފުޅުންނަށް އެނގި ވަޑައިގަންނަ ވާނެއެވެ. އަޅުގަނޑު ގޯވާގައި ބާޒާރުން ތެލުލާފައި ހުންނަ “ޝާޑް” ކަމުން މަރުވާވަރަށް ބަނޑުހައިކަންމަތީ 30 ވަރަކަށް ދުވަސް ހޭދަކުރީމެވެ. އަދި ވަރަށް ގިނައިން ގަވަރުނަރަށް ބަނޑަށް މަރުވަނީ ކަމަށާއި ލާނެ ފައިވާން ޖޯޑެއް ވެސް ނެތް ވާހަކައާއި ޚަރަދުކުރާނެ ފައިސާ ފޮނުވާދިނުމަށް އެދި ދެންނެވީމެވެ.

ދުވަސްކޮޅެއްފަހުން އަޅުގަނޑު ބަލައި ފޮނުއްވާ ގެންދަވާ އަޅުގަނޑުގާތު ވިދާޅުވެފައިވަނީ ރަށްތަކަށް ވެރިކަންކުރަންވީ އަޅުގަނޑު ނޫންކަމުގައި އާއި އަދި އެންމެކުޑަވެގެން ވިލެޖެއް ވެސް ހިންގުމުގެ ޤާބިލްކަން އަޅުގަނޑުގެ ކިބައިގައި ނެތްކަމުގައެވެ. އަދި އެބޭފުޅާ އަމިއްލަފުޅަށް ދެކެނީ އަޅުގަނޑަށް ދޭންބޭނުންވަނީ ގެތަކެއް ކަމުގައެވެ. އެބޭފުޅާ ބޭނުންފުޅުވަނީ އަޅުގަނޑު ފައިގައި ޗޭނު އަޅުވަންޖެހޭ، އެކަމަކު ޗޭނު ނާޅުވާ އޮތް އަހެއްގެ ގޮތުގައި ދިރިއުޅޭށެވެ. އަޅުގަނޑަކީ މި ރަސްކަންކުރަންޖެހޭ ފަރާތްކަމުގައިވިޔަސް އޭގެން އެއް ރަށަށް ވެސް ގޮސްގެންނުވާނެ ކަމަށް މާނަކުރެވެއެވެ. މިއީ އެބޭފުޅުން ކުރަން ބޭނުން ނުވާ ކަމެވެ (ނޯޓް: ރަށަށް ވަޑައިގަތުން ކަމުގައި ބެލެވޭ). ސަބަބަކީ އަޅުގަނޑަކީ އެބޭފުޅުން ބުނާކަހަލަ މީހަކަށް ވާތީއެވެ. އެހެނަސް އެއީ އެބޭފުޅުން އަޅުގަނޑުގެ ރަށްތައް ވަގަށްނަގައި އަޅުގަނޑު މަރަންވެގެންނެވެ. ތިޔަ މާތް މަނިކުފާނަށް ބޮޑުބޭބޭފުޅު ވިދާޅުވާ އެންމެލޮބުވެތި ޑޮމް އަފޮންސޯ (Dom Afonso) އަށް ފޮނުއްވެވި ސިޓީކޮޅެއްގެ ދެ ޕެރެގްރާފެއްގައިވާގޮތުން އަޅުގަނޑުގެ ރަށްތަކަށް ދިޔުމަށްޓަކައި މަނިކުފާނުންގެ މީހުންގެ 30 މީހުން ދިނުމަށާއި އަދި ބޭނުންވާ ކޮންމެމީހަކު މާލިމީއަކަށް ލެވޭނެކަމަށާއި އަދި 500 ބަހާރު ރޯނު އޭނާއަށް ދޭތޯ ޔަޤީންކުރުމަށް ވިދާޅުވެފައިވެއެވެ.

އަޅުގަނޑު ވަރަށް ބޮޑުޔަޤީންކަމެއް ދިނީމެވެ. އެކަމަކު އެބައިމީހުން އަޅުގަނޑު ރަށްތަކަށް ނުގެންދެއެވެ. އޭގެބަދަލުގައި އެތަނަށް ފޮނުވަނީ ވައްކަންކުރަން ވެގެން އެބަމީހުން ބޭނުންވާ މާލިމީންނެވެ. 10 ބަހާރުގެ ރޯނު މަދުވެއްޖެނަމަ އަޅުގަނޑާއި އަޅުގަނޑުގެ ފަރާތުން ގެރެންޓީ ދޭ މީހުން އެއަދަށް އެބަމީހުންގެ އިސްޓޯރަށް ދަށްކަން ޖައްސައެވެ. އެމީހުން 100 ބަހާރުގެ ރޯނު ވަގައްނަގައެވެ.  އަޅުގަނޑަށް ތަކެތި ދައްކަންވާގޮތަށް ލިބެއެވެ (މާނަޔަކީ ރާއްޖެއިން ފޮނުވައެވެ). އެކަމު އޭގެސަބަބުން އަޅުގަނޑަށް މަންފާކުރާތީ އެބައިމީހުން އެއަށް އިހުތިރާމްކޮށް އެގޮތަށް އަމަލުނުކުރެއެވެ. އަޅުގަނޑު މަނިކުފާނުގެ އަރިއަހުން އެދެނީ އޭނަގެ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ މިންވަރު (grant) އަދި ޖޫރިމައިނާ (penalty) އަަންގަވާ ދެއްވުމެވެ. އެހެންނޫނީ ޤަވާއިދާއި އެއްގޮތަށް އަމަލު ނުކުރެވިދާނެތީއެވެ. އަދި އަޅުގަނޑު އެދެނީ އަޅުގަނޑުގެ ރަށަށް އަހަރަކު އެއްފަހަރު ދިޔުމަށާއި އެނބުރި އަންހެނުން ގާތަށް އައުމަށް ހުއްދަ ދެއްވުމެވެ.  ރަސްގެފާނުގެ ހައިސިއްތަޔުންނާއި ޕްރިންސްގެ ހައިސިއްޔަތުން މަނިކުފާނު އަޅުގަނޑުގެ ފަރާތުން އެދޭކަމަށް، މަނިކުފާނުވެސް އަޅުގަނޑު އެދޭކަން ކޮށްދެއްވާނަމަ އަޅުގަނޑު އެކަމާއި ހިންހަމަޖެހެއެވެ. އަޅުގަނޑު އުއްމީދުކުރަނީ ވެސް އެގޮތަށެވެ.

ހެދީ (ލިޔުނީ) 23 ޖެނުއަރީ 1556

ފޯޗުގީޒުން ރާއްޖޭގައި ތިބިދުވަސްވަރާއި އޭގެފަހުގައި ރާއްޖޭގެ ވިޔަފާރި ކޮންޓްރޯލް ކުރިގޮތް

ޕީރާޑް (1887) ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގެ ރައްޔިތުން މުސްލިމުންގެ ގޮތުގައި ތިބޭނަމަ (ކްރިސްޗިއަން ދީނަށް ނުވަންނަނަމަ) އިންޑިޔާގައި ހުންނެވި ހަސަން ރަސްގެފާނު (ޑޮން މެނުއަލް) އަށް ކޮންމެ އަހަރަކު ޖިޒީދޭންޖެހުނެވެ. ރަށްތަކުގެ ވެރިންނަށް ތިބީ ދިވެހިންނެވެ. އެކަމަކު އޭގެން އެކަކު އިސްކޮށް މާލޭގައި ބެހެއްޓިއެވެ. އެއްވެސް ސިޔާސީ ނިންމުމެއް އޭނާއަށް ނިންމޭނީ ޕޯޗުގީޒުންނާއި ރަށްރަށުގެ ވެރިންނާއި މަޝްވަރާ ކޮށްގެންނެވެ. ރާއްޖޭގެ ހުރިހާ ވިޔަފާރިއެއް އޮންނަންޖެހެނީ ޕޯޗުގީޒުންގެ އަތްމަތީގައެވެ.

Pyrard, F. (1887). The Voyage of François Pyrard of Laval to the East Indies, the Maldives, the Moluccas and Brazil. (A. Gray & H. Bell, Eds.). London: Hakluyt Society.

ޕީރާޑް (1887) ވިދާޅުވެފައިވާ ގޮތުން އޭނާ އަޑުއަހާފައިވަނީ ވިޔަފާރިއާއި ތަނަވަސްކަމާއި ޕޯޗުގީޒުން ރާއްޖޭގައި ތިބިއިރު ކުރިއާއި އަޅާބަލާއިރު ދައްކަމުގައެވެ. މިހެން ވެދާނެ އެންމެބޮޑު ސަބަބަކީ ރާއްޖެ ހުރަސްކުރާ އުޅަނދުތައް ޕޯޗުގީޒުން ކޮންޓްރޯލް ކުރަމުން ދިޔުމުގެ ސަބަބުން ރާއްޖެއަށް މަޑުކުރާ ބޭރުގެ އުޅަނދުތައް މަދުވުމެވެ. ފީރާޑް (1887) ވިދާޅުވެފައިވާގޮތުން ރާއްޖެ މިނިވަންވުމަށްފަހު ވެސް ޕޯރޗްގީޒުންގެ ގުރާބުތަކެއް ރާއްޖެ އަތުލަން އަނެއްކާ ވެސް ފޮނުވިއެވެ. އަދި 3 އަހަރުތެރޭ އެކިފަހަރުމަތިން ކުރި ހަނގުރާމަ ނާކާމިޔާބުވުމުން ހަނގުރާމަ ހުއްޓާލައި އެއްބަސްވުމަކަށް އައިކަމުގައެވެ. އެއްބަސްވުމުގައި ވާކަންކަމުގެ ތެރޭގައި ރާއްޖޭގެ ރައްޔިތުން ކުރިން އުޅުނުގޮތަށް މިނިވަންކަންމަތީ ތިބުމަށް ފުރުސަތު ދިނުމާއި އަދި އިންޑިޔާގައި ހުރި ކްރިސްޗިއަން ރަސްގެފާނަށާއި އާއިލާއަށް ކޮޗިންގައި ދިރިއުޅުމަށް ޕެންޝަނެއް ދިނުމެވެ. އަދި ރަސްގެފާނުންގެ ލަގަބު ހަމައެކަނި ބޭނުންކުރެވޭނީ ކްރިސްޗިއަން ރަސްގެފާނަށް ކަމުގައެވެ. އަދި އެހެން ޤައުމަކަށް ދަތުރު ކުރާނަމަ ދިވެހިން ޕޯޗްގީޒް ޕާސްޕޯޓެއް ބޭނުންކުރަން ޖެހޭނެކަމުގައެވެ. ފީރާޑް (1887) ގައި ވިދާޅުވެފައިވަނީ ކްރިސްޗިއަން ރަސްގެފާނަށް ލިބޭ އަހަރީ އާމްދަނީގެ ތިންބައިކުޅަ އެއްބައި ޕޯޗްގީޒް ރަސްގެފާނަށް ދޭންޖެހޭ ކަމުގައެވެ. އަދި އޭގެ އިތުރަށް ވިދާޅުވެފައިވަނީ ރާއްޖެއިން ކޮންމެ އަހަރަކު 150 ޓަނުގެ ތަކެތި ހުންނަ 4 އުޅަނދު ފޮނުވާކަމުގައެވެ. ރާާއްޖޭގެ އުތުރުގެ ކަނޑުގެ ވަކިހިސާބަކަށް ދަންދެން އެ އުޅަނދުތައް ބަލަހައްޓަން ޖެހެނީ ރާއްޖެއިންނެވެ. އޭގެ އެކޮޅަށް (އުތުރަށް) އެތަކެތި ދާންވާ މަންޒިލަކަށް ދާންދެން ބަލަހައްޓަން ޖެހެނީ ކްރިސްޗިއަން ރަސްގެފާނެވެ. މައިގަނޑުގޮތެއްގައި ހުންނަ މުދަލަކީ ބޮއްޔާއި ރޯނެވެ. ތާރީޚް ދިރާސާކުރާ ބައެއްމީހުން ބުނަނީ ބޮޑުތަކުރުފާނު ރަސްކަލެއްގެ ލަގަބު ބޭނުން ފުޅުކުރައްވަން ފެއްޓެވީ ޙަސަން ރަސްގެފާނު (ޑޮން މެނުއަލް) އަވަހާރަވުމަށް ފަހުގައެވެ. ކޮންމެގޮތެއް ވިޔަސް ތާރީޚުން އެނގެނީ ނުވަވަނަ ޙަސަން ރަސްގެފާނުގެ ވެރިކަން ދިވެހިރައްޔިތުން ބަލައިގެންފައި ނުވާކަމުގައެވެ. އޭނާވެރިކަން ދޫކޮށްފައި ވަޑައިގަތް ހިސާބުން ރާއްޖޭގެ ރައްޔިތުން ތަބަޢުވަމުން ދިޔައީ ރާއްޖޭގައި ވެރިކަންކުރި ރަސްރަސް ކަލުންނަށެވެ. އޭނާއަށް ރަސްކަލެއްގެ ލަގަބު ދަމަހައްޓައިދީފައިވަނީ ޕޯޗުގީޒުންނެވެ.  ޚުދު ޕޯޗުގީޒުންގެ ވައިސްރޯއިންވެސް އޭނާގެ ކިބައިގައި ވެރިކަންކުރުމުގެ ޤާބިލްކަމެއް ނެތްކަން ބުނެފައިވާކަން އަމިއްލަފުޅަށް ވެސް ވިދާޅުވެފައިވެއެވެ. އަރައިގެން އަންނަ ކޮންމެބާރެއް ވެސް ވެއްޓޭފަދައިން ޕޯޗުގީޒުންގެ ބާރުވެސް ނެތެމުން ނެތެމުންގޮސް ތާރީޚްގެ ތެރެއަށް ގެއްލިގެން ދިޔައެވެ. އެބައިމީހުން އިންޑިޔާގައި ހެދި ހުރިހާ ފޯޓުތައް ޑަޗްމީހުންގެ އަތަށް ދިޔުމާއެކު  އިންޑިޔާކަނޑުގެ ބާރުގެ ތިލަފަތުގެ ބަރުދަން ޕޯޗުގީޒުން އަތުންދޫވެގެން ދިޔައެވެ. އެހެނަސް އެބައިމީހުން ތިބި ސަރަހައްދުތަކަށް އެބައިމީހުންގެ ފައިތިލަތަކުގެ ނިޝާން (ފުޓްޕްރިންޓް) ވަނީ ދޫކޮށްފައެވެ. އެހެންކަމުން އެބައިމީހުންގެ ނަސްލާއި، ސަޤާފަތާއި ދީންވަނީ އެތަންތަނުގެ އަހަުލުވެރިންގެ ތެރެއަށް ދޫކޮށްލާފައެވެ.

 


ބިބްލިޔޮގްރާފި

 

Pyrard, F. (1887). The Voyage of François Pyrard of Laval to the East Indies, the Maldives, the Moluccas and Brazil. (A. Gray & H. Bell, Eds.). London: Hakluyt Society.

De Silva, C. (2018). Portuguese Encounters with Sri Lanka and the Maldives. Routledge.

Jayne, K. (1970). Vasco da Gama and his successors, 1460-1580. New York: Barnes & Noble.

Cliff, N. (2012). The last crusade. Atlantic Books.

Moxham, R. (2016). The theft of India. United Kingdom: HarperCollins.

Cliff, N. (2011). Holy war. New York: Harper