ރާއްޖެ އިސްލާމް ވުމުގެ ކުރީގެ ތާރީޚީ ރެކޯޑްތަކުގެ މައްޗަށް ބަލާލުމެއް (9-1186 އޭޑީ): ރޯމަން އެމްޕަރާ ޖޫލިއަން އަށާއި ޗައިނީސް ޓޭންގް ޑައިނީސްޓީގެ އެމްޕެރާ ގޯޒޮން އަށް ދިވެހި ސަރުކާރުން އެރުވި ވެދުން

މުޙައްމަދު ޖަމީލް (3 ޖުލައި 2022)

މި މަޒްމޫނަކީ، ދިވެހިރާއްޖެ އިސްލާމްވުމުގެ ކުރީގެ އެކިއެކި ކަންކަމާއި ގުޅޭގޮތުން އަޅުގަނޑު ލިޔާ ދިރާސާތަކަށް ބިނާވާ މަޒްމޫނުތަކުގެ ސިލްސިލާގެ ދެވަނަ މަޒްމޫނެވެ. ފުރަތަމަ މަޒްމޫނު ބިނާކޮށްފައިވަނީ ބުޑިސްޓް ދިވެހިރާއްޖެ އިސްލާމްވުމުގެ ހާދިސާގެ މައްޗަށެވެ. މި މަޒްމޫނު ގައި އަޅުގަނޑު ހިމާލާފައިވަނީ ރާއްޖެ އިސްލާމް ވުމާހަމަޔަށް ރާއްޖެއާއި ބެހޭގޮތުން އެކިއެކި ބޭފުޅުން ލިޔުއްވާ ރެކޯޑް ކުރައްވާފައިވާ މައުލޫމާތާއި އަދި އެލިޔުންތައް ލިޔުއްވި ބޭފުޅުންގެ ކުރުތަޢާރަފެކެވެ. އަދި ޚާއްސަކޮށް މާޒީގައި ދުނިޔޭގައި އުފެދުނު ބާރުގަދަ ދެ ވެރިކަމުގެ އެމްޕަޔަރުންނަށް ދިވެހި ސަރުކާރުން ފޮނުވި ވަފްދުތަކުން ހަދިޔާ އެރުވި ވާހަކަވާނީ ގިނަބޭފުޅުން ޝައުޤުވެރިވާނޭ ވާހަކަ އަކަށެވެ. ރާއްޖެ އިސްލާމްވުމުގެ ކުރިން ރާއްޖޭގައި އުޅުނު ބުޑިސްޓް މޮންކުން (ހާމުދުރުން) ފަހަރުގައި ތާރީޚީ ރެކޯޑްތަކެއް ގެންގުޅެފައި ވެދާނެއެވެ. ނަމަވެސް އެފަދަ ރެކޯޑެއް އަޅުގަނޑުމެންނާއި ހަމަޔަށް އައިސްފައި ނުވެއެވެ. މިކަން މިހެން ހުރުމާއެކު ރާއްޖޭގެ ތާރީޚާއި ގުޅުން ހުރި މައުލޫމާތުތައް ރަނގަޅަށް އެނގެނީ އިސްލާމްވުމަށްފަހު ލިޔެފައި، ރެކޯޑްކުރެވިފައި ތަކެތިންނެވެ. މިގޮތުން ލޯމާފާނުތަކަކީ އެންމެ ކުރީގެ ރަސްމީ ލިޔުންތަކެވެ. ވުމާއެކު ދިވެިރާއްޖޭގެ ތާރީޚަށް ލޯބިކުރާމީހުންނާއި ކިޔަވާ ދަރިވަރުންނަށް މި މައުލޫމާތުތައް އެއްލިޔުމަކުން ދިވެހިބަހުން ފެނުން ބޭނުންތެރިކަމަށް ބަލައި އެކަމުގެ ޝައުޤު އުފެދިގެން މި މަޒްމޫނު ލިޔަންފެށީއެވެ. މިރެކޯޑްތަކުން އެނގެނީ ދިވެހިރާއްޖޭގައި ދިވެހިން އުޅެން ފެށީއްސުރެ ދިވެހިންނަކީ އެއް ޤައުމަކަށް ނިސްބަތްވާ މުސްތަޤިއްލުވެރިކަމެއް އަަބަދުވެސް ކުރަމުން އަންނަ އެއްބައެއްވަންތަ ބަޔަކު ކަމުގައެވެ. އަދި އެދުވަސްވަރު ދިވެހި އަންހެނުންނަކީ ޤައުމުގެ ސިޔާސީކަންކަމުގައި އިސްރޯލެއް އަދާކުރަމުން އައިސްފައިވާ ބައެއް ކަމުގައެވެ. ނަތީޖާއެއްގެ ގޮތުން ދިވެހިރަސްކަން އަހެނުންނާއި ފިރިހެނުން ކޮށްފައިވެއެވެ.  މަދުފަހަރަކު ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން ބޭރުމީހުންގެ އަޅުވެތިކަމަށް ޤައުމު ދާ ކޮންމެފަހަރަކު ދިވެހިންގެ ތެރެއިން ނިކުންނަ ބަތޮލުން އެމިނިވަންކަން ގިނަދުވަހެއް ނެތި އަނބުރާހޯދާ އިޔާދަކުރާ ކަމެވެ. ކިޔުންތެރިންނަށް މި ލިޔުން ކަމުދާނެކަމަށް އުއްމީދުކުރަމުން އިތުރަށް ކުރިއަށް ދާނަމެވެ.

ރާއްޖެއާއި ބެހޭގޮތުން ލިޔެފައިވާ ލިޔުންތަކާއި ލިޔުންތެރިން

މަހާވަމްސާ (5 ވަނަ ޤަރުނު): މަހާ ވަމްސާ އަކީ5 ވަނަ ޤަރުނުގައި ޕާލީ ބަހުން އަދި ޅެންބަހުރުވައިން ލިޔެފައިވާ ފޮތެކެވެ (ނޯޓް: ބަހާބެހޭ އިލްމުވެރިން ވިދާޅުވަނީ ޕާލީ އަކީ ޕްރާކްރިތްގެ ބަހުރުވައެއްކަމުގައެވެ. ޕާލީ ބޭނުންކުރަނީ ބުޑިސްޓް އިލްމީ ތަކެތި ލިޔުމަށެވެ. ލިޔަންބޭނުން ކުރަނީ އެހެންބަސްތަކުގެ އަކުރުތަކެވެ.)  މީގައިވަނީ ސްރީލަންކާގެ ފެށުންކަމުގައި ބުނާ ވާހަކައިގެ ހާދިސާއިން ފެށިގެން އަނުރާދަޕްރާ ގެ މަހަސޭނާގެ ވެރިކަމުގެ ނިޔަލަށް (302 ސީއީ) ސިލޯނުގެ ތާރީޚެވެ. މިތާރީޚް ފެށިފައިވަނީ ޕްރިންސަސް ވިޖަޔާ (543 ބީސީ) އިންޑިޔާއިން ލަންކާއަށް އައި ހިސާބުންނެވެ، މި ފޮތް އައުކުރަމުން (އަޕްޑޭޓް) އައިސްފައިވަނީ ތަފާތު ލިޔުންތެރިންނެވެ. މިޅެން ހަދާފައިވަނީ އަނުރާދަޕްރާގެ މަހާވިހާރަ ޓެމްޕަލްގައި އަނުރާދަޕުރާގައެވެ. މިވާހަކައިގައިވާގޮތުން ވިޖަޔާ އާއި އޭނާ އަށް ތަބާވި 700 މީހުންގެ ބޮލުގެ ބައެއް ބާލައި އުޅަނދަކަށް ލައި ފުރުވައިލީ އެވެ. އަންހެނުންނާއި ކުޑަކުދިން ލީ ވަކި އުޅަނދުތަކަކަށެވެ. ކުޑަކުދިން ލައްކުރިރަށަށް ކިޔަނީ “ނަގަޑިޕާ” އެވެ. އަންހެނުން ލައްކުރިރަށަށް ކިޔަނީ “މަހިލަދިޕަކާ” (ރާއްޖޭގެ ރަށެއް) އެވެ. ވިޖަޔާއަށް ދެވުނީ ސްޕަރަކާ (ސްރީލަންކާ) އަށެވެ.

މަހާވަމްސާގެ ތަރުޖަމާގައި ރާއްޖޭގެ ވާހަކަ

ޕެރިޕްލަސް (90 އޭޑީ): މީލާދީން 90 އޭޑީ ގައި ރޫމީން، ކަނޑުދަތުރުފަތުރުކުރުމާއި ގުޅޭގޮތުން ލިޔެފައިވާ “Periplus Maris Erithraei” ކިޔާފޮތުގައި  (‘Limurike) ކިޔާ ޖަޒީރާތަކުގެ ކަހަނބުތޮށީގެ ވިޔަފާރި، މަލާބާރިކޯސްޓް ގައި ކުރާވާހަކަ ލިޔެފައިވެއެވެ. މިދެންނެވި “ލިމޫރިކް” އަކީ މަލަބާރިކޯސްޓް ނުވަތަ އެސަރަހައްދަށް ނިސްބަތްވާ ތަނެއްކަމަށް ބެލެވޭ ކަމަށް ލިޔުންތަކުން ފެނެއެވެ. 

ޕްޓޯލޮމީ (150 އޭޑީ) : މީލާދީން 2 ވަނަ ޤަރުނުގައި މިސުރުގެ އެލެގްޒެންޑްރިއާގައި ދިރިއުޅުނު ގްރީކް ނަސްލުގެ ޕޮޓޯލްމީ (Claudius Ptolemaeus) ވެސް ޓެޕްރޮބޭން (ސްރީލަންކާ) ގެ ކައިރީގައި އޮންނަ 1378 ރަށުގެ ވާހަކަ ވިދާޅުވެފައިވެއެވެ. އެހެނަސް ފަހުން ޕޮޓަލްމީ ދެއްވާފައިވާ ލިސްޓްގައިވާ ރަށްތަކަކީ ލެކެޑިވްގެ ޖަޒީރާތަކެއް ކަމަށް އެޗް. ސީ. ޕީ ބެލް ފާހަގަކުރައްވާ ފައިވެއެވެ. ކޮންމެގޮތެއް ވިޔަސް ރަށްތަކުގެ ނަންތައް ދިމާނުވިޔަސް ރާއްޖެ އޮންނަނީ ސިލޯނުގެ ހުޅަނގު ބިތުގައެވެ. ތިރީގައި ލިޔުމުން ކަނޑައެޅިގެން ރާއްޖެކަން އެނގެއެވެ.

 

އަމީޔުނެސް މާސަލީނަސް (320-390): 4 ވަނަ ޤަރުނުގައި އުޅުއްވި ރޫމީންގެ ހަނގުރާމަވެރިޔާ އަދި ތާރީޚީ ޢިލްމުވެރިޔާ،  އަމީޔުނެސް މާސަލީނަސް  އިންޑިޔާގެ ޤައުމުތަކުގެ ތެރެއިން ދިވި (ދިވެހިރާއްޖެ) އާއި ސަރަންދިވީ (ސިލޯނުން) ހާ ދުރުންވެސް އެމްޕެރާރ ޖޫލިއަން (361-363) އަށް ވެދުމާއިގެން އެ ޤައުމުތަކުގެ ވެރިން ކުރިޔާލައި އައި ވާހަކަ ލިޔުއްވާފައި ވެއެވެ. އެކަމުގައި އެއްބަޔަކު އަނެއް ބަޔަކަށް ވާދަކުރާ ކަމުގައި ވިދާޅުވެފައިވެއެވެ.

އެމްޕެރާ ޖޫލިއަން (361-363) ގެ ދުވަސްވަރުގެ ލާރި

ޕޭޕަސް އޮފް އެލެގްޒެންޑްރިއާ (290-350 އޭޑީ): 5 ވަނަ ޤަރުނުގައި އުޅުއްވި އާމޭނިއަން މޯވްސަސް ކޮރޮނާޝްޓްޝީ، ޕޭޕަސް އޮފް އެލެގްޒެންޑްރިއާއި ޙަވާލާދެއްވާ ވިދާޅުވެފައިވަނީ ޓެޕްރޮބޭން (ސިލޯން) އަކީ ހުރިހާ ރަށްތަކެއްގެ ތެރެއިން އެންމެ ބޮޑު ރަށް ކަމުގައެވެ. އަދި 1372 ކުދިރަށްތައް އެރަށުގެ ވަށައިގެން ވާކަމުގައެވެ.

ޕޭޕަސް އޮފް އެލެގްޒެންޑްރިއާ – ސޯސް: ޓްވިޓާރ

ފާޒިއަން (337-422 އޭޑީ): ފާޒިއަން ނުވަތަ ފާސިއަން އަކީ ފައިމަގުގައި ޗައިނާއިން އިންޑިޔާއަށް ދަތުރުކުރެއްވި ބުޑިސްޓް މޮންކް އެކެވެ. ބުޑިޒަމްއާއި ގުޅުން ހުރި ލިޔެކިޔުންތައް އެއްކުރައްވާން އޭނާކުރެއްވި ދަތުރުގައި މެދުތެރޭ، ދެކުނު އަދި އިރުދެކުނު އޭޝިޔާގައި އޭނާ ދަތުރުކުރެއްވިއެވެ. 10 އަހަރު އިންޑިޔާގައި އަދި 2 އަހަރު ސިލޯނުގައި ހުންނެވިއެވެ. އޭނާ ސިލޯނާއި ބެހޭ ގޮތުން ވިދާޅުވެފައިވާ ވާހަކަ ތަކުގެތެރޭގައި، އެރަށުގެ ވަށައިގެން ކުދިރަށްތަކެއް ވާކަމަށާއި 10 ނުވަތަ 20 ލައި ގެ ދުރުމިން ރަށްތަކުގެ ދެމެދުގައި ހުންނަކަމަށް ވިދާޅުވެފައިވެއެވެ. އަދި ބައެއް ފަހަރު ދެރަށް ދެމެދު 200 ވަރަކަށް ލައި އާއި ހަމަޔަށް ހުންނަކަމަށް ވިދާޅުވިއެވެ. ލައި އަކީ މުސްކުޅި ޗައިނީސް އިން ދުރުމިން ބަލާ މިންގަނޑެކެވެ. 1 ލައި އަކީ 500 މީޓަރެވެ.)

ފާޒިއަންގެ ސިފަޔަށް ސިންގަޕޫރުގައި ހުންނަ ބުދެއް- ސޯސް: ފެކްސް އެން ޑީޓެއިލްސް

ކޮޒްމާސް އިންޑިކޮޕްލާސްޓީސް (535-550 އޭޑީ): ކޮޒްމާސް އަކީ ގްރީކްގެ ވިޔަފާރިވެރި އެކެވެ. އަދި ފަހުން ދިރިއުޅުއްވާފައިވަނީ މިސުރުގެ އެލެގްޒެންޑްރިއާގައެވެ. އެމްޕެރާ ޖަސްޓީނިއަންގެ ދުވަސްވަރު، މިލާދީން 6 ވަނަ ޤަރުނުގައި އިންޑިޔާއަށް ގިނަދަތުރުކޮށް އެންމެފުރަތަ ދުނިޔޭގެ ޗާޓުކުރެއްސެވި މީހުންގެ ތެރޭ އޭނާ ހިމެނެއެވެ. އޭނާ ސިލޯނަށް ވެސް ވަޑައިގަތްކަމަށް ލިޔުން ތަކުގައި ވެއެވެ.  އޭނާ ވިދާޅުވެފައިވާ ގޮތުން ސިލޯން (އެދުވަސް ވަރުގެ އިންޑިޔާ މީހުން ކިޔާ ސިއެލެދީބާ އަދި ގްރީކް މީހުން ކިޔާ ޓެޕްރޮބޭން) ގެ ވަށައި ކުދި ޖަޒީރާތަކެއް ވާކަމުގައެވެ. މިރަށްތަކުން މީރުފެނާއި ކައިށި ލިބޭކަމުގައެވެ.

ކޮޒްމާސް އިންޑިކޮޕްލާސްޓީސް ގެ ކުރެހުމެއް -ބިބްލިއުތިކާ އޮގަސްޓަނާ

ސުލައިމާން އައްތާޖިރު (850 އޭޑީ): ސުލެއިމާން އަކީ ނުވަނަ ޤަރުނުގައި އުޅުއްވި އިރާންގެ ވިޔަފާރިވެރިއެކެވެ. އިންޑިޔާ، ބެންގާލް އާއި އަދި ޗައިނާއަށް ދަތުރުކުރައްވާ އެދަތުރުތަކުގެ ދަތުރުނާމާ ލިޔުއްވާފައިވެއެވެ. “ކަލެކްޝަން އޮފް ނޯޓްސް އޮން އެރެބިއަން ޓްރެވެލާޒް” ގައި ސުލައިމާނާއި ހަވާލާދެއްވާ ރެއިނޯލްޑް ލިޔުއްވާފައިވަނީ ތިންވަނަ ކަނޑަށް “Sea of Herkend” ކިޔާ ކަމުގައެވެ. މިއީ އިންޑިޔާގެ ހުޅަނގުފަރާތު އޮންނަ ކަނޑެވެ. ބެލެވޭގޮތުގައި ލެކެޑިވް ސީ އެވެ. މިކަނޑާއި އަލްލަރްވީ އާއި ދެމެދު 1900 ޖަޒީރާރަށް އޮންނަކަމަށް ވިދާޅުވެފައިވެއެވެ. މިއީ ބެލެވޭ ގޮތުގައި ޕާޝިއަން ގަލްފް އެވެ. ސަބަބަކީ އިރާންގެ ލާރް (Lar) އަކީ ކުރީގެ މުހިއްމު ވިޔަފާރި ބަނދަރެކެވެ. ބެލެވޭގޮތުގައި މިހާ ހިސާބަށް އައިއިރު ޕާޝިއަން ގަލްފުން ސީދާ ހުޅަނގު ދެކުނު އިންޑިޔާއަށް ރާއްޖޭގެ އުތުރުން އަރަބި އުޅަނދުތައް ދަތުރުކުރަމުން ދެއެވެ. އާންމުކޮށް މިދުވަސްވަރު ކެރަލާގެ ބަދަރުތަކުން އިންޑިޔާވަށާލާ ބޭ އޮފް ބެންގާލްމަގުން ގިނައުޅަނދުފަހަރު ދަނީ ޗައިނާއަށެވެ. އެފްރިކާ ބައްރުންނާއި ރަތްކަނޑުގެ ބަނދަރުތަކުން (މިސާލަކަށް ޔަމަން) އަންނަ ބައެއް އުޅަނދުފަހަރު ރާއްޖޭގެ އުތުރުން ނުވަތަ މެދުރާއްޖެތެރެ ހުރަސްކޮށް ގޮސް ސިލޯނުގައި މަޑުކޮށް ބޭ އޮފް ބެންގާލް، އިންޑޯ ޗައިނާގެ ބަދަރުތަކަށާއި ޗައިނާއަށް ދަތުރުކުރެއެވެ. ސުލެއިމާން އިތުރަށް ވިދާޅުވެފައިވަނީ މިރަށްތަކަށް ކަނޑުން މާވަހަރު ލައްގާ ކަމަށާއި އަންހެނަކު ވެރިކަން ކުރާ ކަމަށެވެ. ހުރިހާ ރަށަކުން ކައިށި ލިބޭ ވާހަކައާއި ފައިސާގޮތުގައި  ކުދި ބޮލި ބޭނުންކުރާކަމަށް ވިދާޅުވިއެވެ. އަދި ދިވެހިން އަތްދިގު ލިބާސް ވިޔެ އޭގައި ބޯޑަރުއަޅައި ( ލިބާހުގެ އަތުކުރިއާއި ކަރު) ޒީނަތްތެރިކުރާ ކަމުގައި ވެދާޅުވެފައިވެއެވެ. މީގެ އިތުރަށް ދިވެހިން ދޯނި ބަންނަވާހަކަ އާއި ގެ އަޅާ ވާހަކަވެސް ވިދާޅުވިއެވެ. އަދި ދިވެހިންގެ އުފެއްދުމުން އެ ދޯނިތައް ބަރުކުރާ ވަހަކަވެސް މިވާހަކައިގައި ވެއެވެ. ބޮލިހިލާގޮތް ބުނެދޭން ވިދާޅުވެފައިވަނީ ބޮލިހިލަންވީމާ މޫދުގައި ފަން އަޅައި އެއަށް ބޮލިއެރުމުން އެނަގާކަމުގައެވެ. ހަރުކަންދު ކަނޑުގައިވާ އެންމެ ފަހުގެ ޖަޒީރާއަކީ ސަރަންދީބް (ސިލޯނު) ކަމުގައި އާއި ރާއްޖެއަށް ކިޔަނީ “ދީބާޖަތް” ކަމުގައި ވިދާޅުވެފައިވެއެވެ. 

އަލް-މަސްއޫދީ (896-956 އޭޑީ): އަލް-މަސްއޫދީ އަކީ އަރަބި ތާރީޚީ އިލްމުވެރިއެކެވެ. އޭގެ އިތުރަށް ޖިއޮގްރަފާ އަދި ދަތުރުވެރިއެކެވެ. މަސްއޫދީ އުފަން ރަށަކީ އިރާޤް ގެ ވެރިރަށް ބަޤްދާދެވެ. އޭނާ ފާރިސްކަރައިގެ އެކި ސަރަހައްދުތަކަށާއި އާމޭނިޔާ އާޢި ޖޯޖިޔާ އާއި އިންޑިޔާއަށް ވަނީ ދަތުރުކުރައްވާފައެވެ. މަސްއޫދީ ވިދާޅުވެފައި ވާގޮތުން ރާއްޖޭގައި 2000 ރަށް އޮވެއެވެ. ނުވަތަ ބަރާބަރުއަދަދަކީ 1900 އެވެ. މަސްއޫދީ ވިދާޅުވެފައިގޮތުގައި ރާއްޖޭގެ އަހުލުވެރިން އެބައިމީހުންގެ ވެރިއަކަށް ފިރިހެނަކު އަޔަނުދެއެވެ. އަދި މިރަށްތަކުގެ މީހުން ގިނަކަމަށާއި ހުރިހާ އެންމެންވަނީ އެއް ވެރިކަމެއްގެ ދަށުގައި ކަމުގައި ވިދާޅުވެފައި ވެއެވެ. އޭނާ ވެސް ބޮޑުތި ގައު ވަރުގެ މާވަހަރު ކަނޑުން ލައްގާ ކަމަށް ވިދާޅުވެފައިވެއެވެ. އޯމާން އާއި ސިރަފް (އީރާންގެ ކުރީގެ މަޝްހޫރު ވިޔަފާރި ބަނދަރެއް) ގެ ދަތުރުވެރިންނާއި ވިޔަފާރިވެރިން މިރަށްތަކަށް އައިސްފައިވާކަން ފަހަގަ ކުރައްވާފައިވެއެވެ. މަސްއޫދީ ވެސް ދިވެހިން ބޮލިހިލާ އިރު ފަން މޫދަށްލާ ވާހަކައާއި އެއަށް ބޮލި އެރުމުން ނަގައި އަތިރިމަތީ ބަހައްޓައި ހިއްކާ ތޮށިގަނޑާއި މަސް ވަކިވުމުން ރަށްކާކުރާ ތަނަށް ގެންދާ ކަމުގައި ވިދާޅުވެފައިވެއެވެ. މަސްއޫދީ ވިދާޅުވެފައި ވާގޮތުން ރަށްތަކުގެ ދުރުމިން މޭލެއް ނުވަތަ، އެކެއް، ދޭއް ނުވަތަ 3 ޕަރަސަންގް ހުރެއެވެ.

އަލްބައިރޫނީ (973-1050): އަލް-ބައިރޫނީ އުފަންވެފައިވަނީ އީރާނުގެ ވެރިކަމުގެ ދުވަސްވަރު ޚަވާރިޒްގެ ވެރިކަން ކުރި ރަށް، “ކާތް” (ބެރިނީ) އަށެވެ. މިހާރު މިރަށް ނިސްބަތްވަނީ އުޒެބެކިސްތާނަށެވެ. އަލްބައިރޫނީގެ ދުވަސްވަރަކީ މުސްލިމުންގެ ރަން ޒަމާނެވެ. އޭނާ އަކީ ވަރަށް ގިނަ ދާއިރާތަކަށް ހިއްސާކުރެއްވި ބޭފުޅެކެވެ. ފިޒިކްސް އާއި އެސްޓްރޯނޮމީ އާއި އެންތްރޮޕޮލޮޖީ އާއި ނަފްސާނީ ޢިލްމާއި ފިލޯސޮފީ އާއި ދިނީ ޢިލްމަށް ހިއްސާކުރައްވާފައި ވެއެވެ. އޭނާ، މީލާދީން 1017 ގައި އިންޑިޔާއަށް ދަތުރުކުރައްވާ އިންޑިޔާގެ ސަޤާފަތުގެ މައްޗަށް “ތާރީޚް އަލް-ހިންދު” ކިޔާފޮތެއް ލިޔުއްވިއެވެ. އަލްބައިރޫނީ ވިދާޅުވެފައިވަނީ އެފްރިކާ އާއި ޗައިނާ އާއި ދެމެދު 3 ގްރޫޕަކަށް ރަށްތަކެއް ވާކަމުގައެވެ. ކަނޑުގެ އިރުމަތީފަރާތު އިންޑިޔާއަށްވުރެ ޗައިނާއާއި ގާތުގައި އޮންނަނީ ޒާބަޖް (ހިންދީން ކިޔަނީ ސްވަރުނަ-ދިވިޕާ) އެވެ. ކަނޑުގެ ހުޅަނގުފަރާތުގައި އޮންނަނީ ޒާންޖް (ނީގްރޯއިން އުޅޭ ރަށެއް) އެވެ. މިއީ ލަފާކުރެވޭގޮތުގައި މަޑަގަސްކަރަ އެވެ. މެދުގައި އޮންނަނީ ކުމައިރު ޖަޒީރާތަށް ކަމުގައިވާ ރާމް އާއި ދިވާ ރަށްތަކެވެ. ބެލެވޭ ގޮތުގައި ރާމް އަކީ ލަކްޝަދީޕްގެ ރަށްތަކެވެ. އަދި ދީވަ އަކީ މަލިކް-އައްޑޫގެ ދިވެހިރާއްޖޭގެ ރަށްތަކެވެ. ކުމާއިރު ޖަޒީރާތަކަކީ އިންޑިޔާގެ ހުޅަގު ބިތުގައި އުތުރުން ދެކުނަށް ބަރިއަކަށް ވާ ޖަޒީރާތަކެވެ. ބައިރޫނީ ވިދާޅުވެފައިވާ ގޮތުގައި ދިވާ (ރާއްޖޭގެ) ރަށްތައް މަޑުމަޑުން ކަނޑުން މައްޗަށް އުފުލެއެވެ. ހުރިހާދިމާލަކަށް އިތުރަށް މައްޗަށް އަރައި ގިރައިގެން ނުދާ ފަސްގަނޑެއް ނުވަތަ ފިނޮޅެއް އުފެދެއެވެ. އަދި އެދުވަސްވަރު އެހެން ރަށެއް ގިރައިގެން ކަނޑުގެ އަޑިޔަށް ދާ ކަމުގައި ވިދާޅުވެފައިވެއެވެ. މިގޮތަށް މިކަންވާކަން ރަށުގެ އަހުލުވެރިންނަށް އެނގުމާއެކު ބިންގަނޑު ރަނގަޅު އެހެންރަށެއް ހޯދާ އެބައިމީހުން ގެ ރުކާއި (coconut/date) ގޮވާމުގެ ބާވަތްތައް (cereals) އަދި ގޭގައި ހިފައިގެންގުޅޭ ސާމާނާއިއެކު އެރަށަކަށް ހިޖުރަކުރެއެވެ. އަލްބައިރޫނީ މިރަށްތައް ދެ ބަޔަކަށް ބެއްސެވިއެވެ. އެއީ ބޮލިހިލާ ރަށްތައް (ދީވަ ކުދާ) އަދި ރޯނުވަށާ ރަށްތައް (ދީވަ ކަންބަރު) އެވެ. ބައިރޫނީ ވިދާޅުވެފައުިވަނީ ރޯނު ބޭނުންކުރަނީ ދޯނިބަނުމަށް ކަމުގައެވެ. 

އަލްބައިރޫނީ ގެ ސިފަޔަށް ހަދާފައިވާ ބުދެއް- ވިއެނާ އ.ދ. 

އަލް އިދްރީސީ (1099-1186): އަލް-އިދްރީސް  އުފަންވެފައިވަނީ މޮރޮކޯގެ ސިއުޓާ އަށެވެ. ކިޔަވާ ވިދާޅުވެފައިވަނީ ސްޕއިންގެ ކޮރުދޯވާ ގައެވެ. ޒުވާން ދުވަސްވަރު އޭޝިޔާ މައިނާ އަށާއި، އުތުރު އެފްރިކާއަށާއި ސްޕެއިނާއި ފްރާންސްއަށް ދަތުރު ކުރައްވާފައި ވެއެވެ. ރާއްޖެއާއި ބެހޭ ގޮތުން ލިޔުއްވާފައިވާ ލިޔުމުގެ ވަނީ ކުރިން ދެންނެވި ފަރާތްތަކުން ދީފައިވާ މައުލޫމާތުތަކެވެ. އަލް-އިދުރީސީ އަލް -ރައިބާހަތް (ނުވަތަ ދީބާޖަތު) އޭ ރާއްޖޭގެ ރައްތަކަށް ކިޔުއްވާފައިވެއެވެ. މިރަށްތައް ގުނާ އަދަދު ނުކުރެވޭހާ ގިނަވެފައި އެއްރަށް އަނެއް ރަށާއި ކައިރިކަމަށް ވިދާޅުވެފައި ވެއެވެ. މިރަށްތަކުގެ މެދުގައި އޮންނަނީ ސަހަރާ (desert)  ބިމެވެ (ނޯޓް: މިއީ ރަނގަޅު ވާހަކައެއް ނޫނެވެ). މިރަށްތަކުގެ ތެރެއިން އެންމެބޮޑުރަށަށް ކިޔަނީ އަންބީރިއާ އެވެ. މިރަށުގައި ގިނަބަޔަކު ދިރިއުޅޭ ކަމަށާއި އެރަށުގައި އަދި ކައިރީގެ ރަށްތަކުގައި މިބައިމީހުން ގޮވާންކޮށް އުޅެއެވެ. މިހުރިހާ ރަށްތަކުގެ މީހުން ވެރިއަކަށް ބޯ ލަބާކަމަށާއި އޭނާގެ އަންހެނުން ނުވަތަ ރާނީ (ދެމްހެރާ) އެބައިމީހުންގެ ތެރޭ ބަދަލުނުވެ އޮންނަ އާދަކާދައިގެ މަތިން އާންމުތަންތަނުގައި ބޯނިވާނުކޮށް ވާހަކަދައްކައި  އަދުލު އިންސާފުގާއިމް ކޮށް ހަދާކަމަށް ލިޔެފައިވެއެވެ. ރާނީގެ ޒީނަތަކަށް ރަންފޮތިން ޒީނަންތެރިކޮށްފައިވާ ދިގުހެނދުމެއް ލައި އެހެންމީހުން ނާރާ ކަހަލަ ރަނުގެ ފައިވާނަކަށް އަރާ ކަމުގައެވެ. އެހެން މީހަކު އެފަދަ ފައިވާނަކަށް އެރިނަމަ ފައިކެނޑުމުގެ ތަދު އިހުސާސްކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. މި ރާނީ އާއި އޭނާގެ ފިރިމީހާ އާއި ވަޒީރު ހިނގާފައި ދާއިރު ވަކި ދުރުމިނެއްގައި ތިބޭ ކަމަށް ވިދާޅުވެފައި ވެއެވެ. މި ރާނީއަށް ލިބޭއެއްޗެތި ގުދަންތަކުގައި ރަށްކާކޮށް ބޭނުންވުމުން ވެރިކަން ކުރާ ސަރަހައްދުގެ ފަޤީރުންނަށް ރާނީގެ ލޯ މަތިން ބަހައެެވެ. ރާނީ ދާ މަގުމަތީ  އޭނާގެ އިއްޒަތަށް އެހެން މީހުން ފަށުއި ފޭރާން ބޭނުންކުރުމުން މިބައިމީހުން މަނާވެގަންނަކަމަށް ވިދާޅުވެފައި ވެއެވެ.  މި ރަށްތަކުގެ މީހުންގެ މައިގަނޑު އުފެއްދުމަކީ ކަހަނބު ތޮށްޓެވެ. ކަހަބެއްގެ ތޮށިގަނޑު 7 ބަޔަށް ބަހައި އެއް ބަޔަކީ މިނާއެއް (ބެބިލޯނިއަނުން ބަރުދަން ބަލާ މިންގަނޑެއް) ގެ ބުރަދަނުގެ ބައެކެވެ. އެއީ 260 ޑްރެޗްމާސް (ޑްރެކްމޫ އަކީވެސް ބަރުދަން ބަލާ އެހެން މިންގަނޑެއް) އެވެ. އެންމެ ބަރު ތޮށީގައި ބައި މިނާ ހުރެއެވެ. ކަހަނބުތޮށިން އަންހެނުން ހެދުމުގައި ރީތިކުރަން ޖަހާ ތަކެއްޗާއި، ފުނާހަދާކަމަށް ލިޔެފައިވެއެވެ. މި ތޮށި ބޯ ވެފައި އެއްފަރާތުން އަނެއްފަރާތް ފެނި ތަފާތު ކުލަތަކުގައިވެއެވެ. މިރަށްތަކުގެ އަންހެނުން ބޯ ނިވާ ނުކުރެއެވެ. އިސްތަށިގަނޑު ހުންނަނީ ގަތާފައެވެ. ކޮންމެ އަންހެނަކުވެސް ބޮލުގައި ރީއްޗަކަށް  ދިހަ (ގިނަ ނުވަތަ މަދު) ފުނާ ޖަހާފައި ހުރެއެވެ. އެލް ސާހަބްގެ ދީނެއްނުވާ އަންހެނުން ފަދައިންނެވެ. އަލް ރައިބާހަތް (ދީބާޖަތު) ކިޔާ ރަށްތަކުގައި މީހުން ދިރިއުޅެއެވެ. އެރަށުގެ އަހުލުވެރިން ރުކާއި އުއްދަނޑި ހައްދައެވެ. ވިޔަފާރިކޮށް ހަދަނީ ބޮލި ބޭނުންކޮށްގެންނެވެ.  މިރަށްތަކުގެ ދެމެދު 6 ވަރަކަށް މޭލު ހުރެއެވެ. އެބައިމީހުންގެ ރަސްގެފާނު މިބޮލި މާލިއްޔަތުގައި ބަހައްޓައެވެ. އަދި ގިނަ އަދަދަކަށް ބޮލިހުރެއެވެ. މި ރަށްރަށުގެ އަހުލުވެރިންނަކީ އުފެއްދުންތެރި, އަވަހަށް ކަންކަން ދަނެގަންނަ ވިސްނުން ތޫނު ބައެކެވެ. މިބައިމީހުން ޖީބުލާ، ކަރުވަޅު ކަނޑާފައި ހުންނަ، ދޫކޮށް ހުންނަ ދިގުލިބާސް ހަދައެވެ. އަދި ތުނި ފިލާ ބޭނުންކޮށްގެން ދޯނި ބަނދެއެވެ. އެބައިމީހުންގެ ދިރިއުޅޭ ގެތަކާއި މުހިއްމު އިމާރާތްތައް ހަދަނީ ޒަމާނަށް ދެމިހުންނަ ގަލުންނެވެ. އިމާރާތްކުރުމުގައި ބިދޭސީ ވަކަރު އަދި މީރުވަސްދުވާ ވަކަރު ބޭނުންކުރެއެވެ. އެބައިމީހުން ބުނާގޮތުން ދައުލަތުގެ މާލިއްޔަތުގައި ހުންނަބޮލިއަކީ މަޑު ދުވަސްވަރު މޫދުގެ ފެނުން މައްޗަށް އަރާ ތަކެއްޗެވެ. މޫދަށް ރުށްވަކަރު އެއްލުމުން (ބެލެވެނީ ބައިރޫނީ އަށް ބޮލިހިލާގޮތް ރަނގަޅަށް ނޭގެނީ ކަމަށް) އެއަށް ބޮލިއަރައެވެ. ބައެއް ރަށްތަކުން ދިޔާކޮށް ތެރަސްގަނޑެއްހެން ހުންނަ އެތިގަނޑު ގަނޑު (ލަފާކުރެވޭ ގޮތުގައި މާވަހަރު) ފެނެއެވެ. މިއީ ކަނޑުއަޑީގައި ދިރިއުޅޭ މަހުގެ ހަށިގަނޑުން ދޫކޮށްލުމުން މައްޗަށް އަރާއެއްޗެކެވެ. މި ރަށްތަކުގެ ތެރެއިން އެންމެ ފަހުރަށް އޮންނަނީ ސަރަންދީބު ޖެހިގެން އުތުރުގައި ހަރުކަންޑް ކަނޑު (ލަފާކުރެވޭގޮތުގައި ލެކެޑިވް ސީ) ގައެވެ. 

އަލް އިދްރީސީ ކަމުގައި ބުނާ ކުރެހުމެއް- ސޯސް: ޕިންޓަރެސްޓް

ޗައިނީޒް އެމްޕެރާ ގޯޒޮންގ އަށް އެރުވުނު ވެދުން (658/662 އޭޑީ): ފްރެންޗް އެކްސްޕްލޯރާ، ޕޯލް ޔޫޖީން ޕެލިއޮޓް ސެންޓްރަލް އޭޝިޔާއަށް ކުރެއްވި ދަތުރުގައި ޗައިނާގެ ދުންހުއަން ގެ މަގާއު ހޮހޮޅުން ޓާއޯ ޕްރީސްޓް ވެންޔުއަންލޫ އަށް ފެނުނު ސިއްރު ޗެމްބަރުގައި ހުރި ގިނައަދަދެއްގެ ޗައިނާގެ ކުރީގެ މުހިއްމު ލިޔުންތަކަކުން ބައެއްބައްލަވައިގަނެ ތަރުޖަމާކޮށް އޭގެ މައްޗަށް ބިނާކޮށް 1904 ފްރެންޗް ބަހުން ފޮތެއް ލިޔުއްވިއެވެ.

ޕެލިއޮޓް މެގާއު ކޭވް އެތެރޭގައި ޕެލިއޮޓް ޗައިނީސް ލިޔެކިޔުންތައް ބަލަނީ

ވެންޔުއަންލޫ މިތަކެތި ވިއްކީ އެތަން މަރާމާތުކޮށް އާބާތުރަ ފިލުވަން ފައިސާހޯދުމުގެ ގޮތުންކަމުގައި ލިޔުންތަކުގައި ވެއެވެ. ތިރީގައި ޓެކްސްއަކީ ލަފާކުރެވޭގޮތުގައި ރާއްޖޭގެ ވާހަކަ ހިމެނޭ ބައެކެވެ. މިބައިގެ އިނގިރޭސި ތަރުޖަމާއެއް އޮންލައިން ސައިޓެއް ބޭނުން ކޮށްގެން އަޅުގަނޑު ހަދާ އެނަލައިޒް ކުރީމެވެ. އޭގެ ތިރީގައި އެތަރުޖަމާވެސް ހިމަނާލައިފައި އެވަނީ އެވެ.

“Then comes a paragraph written as follows : “The third year (hien-k’ing) (658), in the eighth month, the king of the kingdom of  Ts’iensseu-mad, Fa-ťo-pa-ti; the king of the kingdom of Chô-likiun, Che-li-ťi-р’о (Çrïdeva); the king of Mo-la, Che-p’o-lo-ti-to (Çri Bàlâditya?) all sent an embassy to offer tribute. The three kingdoms also depended on South India. These kingdoms are extremely remote, and had not yet had any relations with China. At this time, after sailing at sea for months, (their envoys) arrived at Kiao-tcheou, and offered the products of their countries. Four years later, in 662, new embassies from the and of Mo-la; they arrived at the same time as embassies from Ko-lochô-fen, of Sieou-la-fen, of Kan-pi.”  Palliot (1904) -Translated with www.DeepL.com/Translator.

ޓޭންގް ޑައިނާސްޓީގެ 3 ވަނަ އެމްޕެރާރ ގޯޒޮންގ (15 ޖުލައި 649-27 ޑިސެންބަރު 683)

މި ލިޔުމުގައި ބުނެފައިވަނީ ކަނޑު ދަތުރުކޮށްފައި އައި ދުރު 3 ޤައުމަކުން ޓޭންގް ޑައިނާސްޓީގެ އެމްޕަރާ (ގޯޒޮންގ) އަށް ވެދުމައިގެން އެތަންތަނުގެ ރަސްކަލުން ފޮނުވި ވަފްދުތަކެއް އައިވާހަކައެވެ. 658 ވަނަ އަހަރަކީ ޓޭންގ ޑައިނާސްޓީގެ 4 ވަނަ އީރާ، ޗިއަންޗިން (Xianqing، 656-661) އެވެ. މިއީރާގެ 3 ވަނަ އަހަރަކީ މީލާދީން 658 އެވެ. ބެލެވޭ ގޮތުގައި
“hien-k’ing” ޕެލިއޮޓް ލިޔުއްވާފައިވަނީ Xianqing އަށެވެ. މިއީ “hien king” އެއް ނޫނެވެ. ވުމާއެކު ޕެލްޓް ލިޔުއްވާފައި އެވަނީ Xianqing އީރާ (Era) ގެ 3 ވަނަ އަހަރުގެ 8 ވަނަމަހުގައި ވަފްދުތަކެއް އައި ވާހަކައެވެ. އިތުރަށް ބައްލަވަން މި ލިންކަށް ފިއްތަވާލައްވާށެވެ. ވުމާއެކު މިއީ ޓޭންގް ޑައިނާސްޓީގެ 3 ވަނަ އެމްޕެރާ ގޯޒޮންގ ވެރިކަމުގެ ދުވަސްވަރެވެ. އެ ތިން ޤައުމަކީ ދެކުނު އިންޑިޔާއަށް ބަރޯސާ ވާ 3 ޤައުމުކަމާއި ޗައިނާގެ ބަދަރަށް ކަނޑުމަގުން އަންނަން މަސްތަކެއް ނަގާކަމުގައި ލިޔުމުގައިވެއެވެ.  Kiao-tcheou އަކީ އިރުމަތީ ޗައިނާކަނޑުގައި ބެއިޖިންގ އާއި ޝަންހާއީ ދެމެދު އޮންނަ ބަނދަރެކެވެ. މިއީ މިހާރުގެ ޝެޑޮންގ ޕްރޮވިންސްގެ ޝިންޑައު (Qingdao) ސިޓީގެ ބަދަރަށް ކުރިން ކިޔާނަމެކެވެ. ގޫގުލް އިން ބެލިބެލުމުން ކަނޑުމަގުން ދަތުރުކުރާނަމަ ގާތްގަޑަކަށް 8000 އާއި 10000  ކިލޯމީޓަރާއި ދެމެދުގެ ދިގުރާސްތާއެއް ރިޔާނެގި އުޅަދެއްގައި ރާއްޖެއާއި ޗައިނާ އާއި ދެމެދު ދަތުރުކުރަންޖެހޭނެއެވެ. އިބުނު ބަތޫތާ ދަތުރުކުރެއްވި މަގަކީ މާލެއިން ޗިޓަގޮންގ އަށް ޗިޓަގޮންގ އިން ސިންގަޕޫރަށް އެއަށްފަހު އިންޑޯ ޗައިނާއަށް ދެން ޗައިނާގެ ގުއަންޒޯ އަށް އަދި އެންމެފަހުން އެއްގަމުމަގުން ބެއިޖިންގ އަށެވެ. އެހެންނަމަވެސް މިވަފުދުގެ މީހުން ދަތުރުކުރީ ކޮން ބަނދަރުތަކަކަށް މަޑުކޮށްފައިކަމެއް ބުނާކަށެއް ނޭގެއެވެ. އެދުވަސްވަރުގެ ރިޔާނެގި އުޅަނދުތަކުގެ ދަތުރުތައް ބިނާވަނީ ހުޅަނގުމޫސުމާއި އިރުވައި މޫސުމުގެ ވަޔަށް ކަމުގައިވާތީ، ބައެއްފަހަރު ބަނދަރުތަކުގައި ދިގުމުއްދަތު ވެސް ހޭދަކުރަންޖެހެއެވެ. މުޅިދަތުރަށް މަދުވެގެން 6 ވަރަކަށް މަސް ގިނަފަހަރު ނަގާނެކަމަށް ލިޔެކިޔުން ތަކަނުން އެނގެއެވެ.  އޭގެ 4 އަހަރުފަހުން، 662 ގައި ވެސް ދެވަނަފަހަރަށް ދިވެހިރާއްޖެއިން ވަފްދެއް ދިޔަވާހަކަ މި ލިޔުމުގައިވެއެވެ.

މި ލިޔުމުގެ ތަރުޖަމާގައި ޕެލިއޮޓް (1904)، ޗެޕެލޮޓިޓޯ ބަހުގެ ފަހަތުގައި “ބަލާއަދިތްޔާ” ޖައްސަވާ “؟”  ޖައްސަވާފައިވެއެވެ. މީގެން އެނގެނީ މޯލާގެ ރަސްގެފާނު ޗެޕޮލޮޓިޓޯ އަކީ ކާކުކަން މުޅިން ޕެލެޓްއަށް ޔަޤީން ނުވާކަމުގައެވެ. އަދި އެއީ “ބަލާއަދިތްޔާ ހެއްޔެވެ؟” ސުވާލުކޮށްފައިވާ ކަމުގައެވެ.  މީލާދީން 561-598 އަށް ކަޝްމީރުގައި “ބަލާ އަދިތްޔާ” ކިޔާ ރަސްކަލަކު ވެރިކަންކޮށްފައިވާ ކަމަށް ލިޔުންތަކުން އެނގެއެވެ.  އެހެންކަމުން މިއީ އުތުރު އިންޑިޔާގެ (ކުރީގެ) ރަސްކަލެކެވެ. މީލާދީން 650-680 އާއި ދެމެދު ދެކުނު އިންޑިޔާގައި އޮތް ބާރުގަދަ އެއް ރަސްކަމަކީ ޗަލުކިޔާގެ ވެރިކަމެވެ. އަދި މީލާދީން 658-662 އާއި ދެމެދު އެބައިމީހުންގެ ރަސްކަލަކީ ވިކްރަމަ އަދިތްޔާ 1 އެވެ. މި ވެރިކަމުގެ ބޮޑުސަރަހައްދެއް އޮތީ މަލާބާރި ކޯސްޓާއި އިންވެގެންނެވެ.  އޭގެ ދެކުނުގައި ވެރިކަންކޮށްފައިވަނީ ޕައްލަވަ ޑައިނާސްޓީގެ ނަރަސިންހަ ވަރުމާން 1 (އަދިތްޔާ ވަރުމާން) އެވެ. ޗައިނީޒް ދަތުރުވެރިޔާ ހަޔަންސޯންގ ޕައްލަވަ ކެޕިޓަލް ކަންޗީ އަށް ވަޑައިގަތީ މީލާދީން  640 ގައެެވެ. ލެކެޑިވް ރަށްތަކާއި ދިވެހިރާއްޖެއަކީ މުހުތާދުތައް ފުއްދުމުގައި ހުރިހާ ޒަމާނެއްގައިވެސް އިންޑިޔާއަށް ބަރޯސާވާ ތަންތަނެވެ. މިތަނުގައި ބަރޯސާވާކަމަށް ތަރުޖަމާކޮށްފައިވާތީ އެއީ އިންޑިޔާގެ ރަސްރަސްކަލުން އެތަންތަނަށް ވެރިކަންކުރާ ވާހަކަކަމަށް ޤަބޫލެއް ނުކުރެވެއެވެ. އެތަންތަނަކީ ކަނޑުގައި ވާތަންތަން ކަމުގައިވާތީ އެބަމީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެނޫންވެސް ރަށްތަކުން ނުލިބޭ ތަކެތި ހޯދަނީ ދެކުނު އިންޑިޔާއިން ކަމުގައި އަޅުގަނޑަށް މާނަކުރެވެއެވެ. ބެލެވޭގޮތުގައި މިއީ ރާއްޖެއާއި ލެކެޑިވްގެ ރަށްތަކުގައި އޮތް ތިން ވެރިކަމެކެވެ.  ލިޔުމުގައިވާ 3 ތަނުގެ ތެރެއިން “މޯލާ” އަކީ ދިވެހިރާއްޖެކަމަށް ޤަބޫލުކުރެވެއެވެ. އަދި އިތުރު ސާފު ހެއްކެއް ނުލިބޭ ނަމަ އަޅުގަނޑުމެންނަށް އަދި ޖެހޭނީ އޭރުގެ ރާއްޖޭގެ ރަސްކަލަކީ ބަލާ އަދިތްޔާކަމަށް ބަލާށެވެ. ނުވަތަ އެއީ ޗައިނީޒްނަމުން “ޗެޕެލޮޓިޓޯ” އެވެ.  ޕެލިއޮޓް (1904) ޗައިނާއަށް ކުރެއްވި ދަތުރަކީ ސިލްކް ރޯޑުން އެއްގަމު މަގުން ކުރެއްވި ދަތުރުފުޅެކެވެ.

ބިބްލިޔޯގްރާފީ

al-Bı̄rūnı̄, A. (1994). Kitāb-ul Hind. Lahore: al-Faiṣal.

Ammianus Marcellinus., & Yonge, C. (1902). The Roman history of Ammianus Marcellinus, during the reigns of the Emperors Constantine, Julian, Jovianus, Valentinian, and Valens. London: Bohn.

Cosmas, & McCrindle, J. (1967). The Christian topography of Cosmas. New York: B. Franklin.

Geiger, W. (1908). The Mahāwamsa. London: Oxford University Press.

Gray, A. (1887). The Voyage of Francois Pyrard of Laval To the East Indies, the Maldives, the Moluccas and Brazil (3rd ed.). New York: Burt Franklin.

Pelliot, P. (1904). Deux itinéraires de Chine en Inde à la fin du VIIIe siècle. PERSEE.

Ptolemy, & MACCRINDLE, J. (1885). Ancient India as described by Ptolemy; being a translation of the chapters which describe India and Eastern Asia in the treatise on Geography written by Klaudios Ptolemaios … with introduction, commentary, map of India according to Ptolemy, and … index, by J.W. McCrindle. Calcutta: Thacker & Co.