ރާއްޖޭގެ ފަރުތަކާއި ބެހޭ މައުލޫމާތު އެއްކުރަން ފެށުން

އެންމެ ފުރަތަމަ ދިވެހިރާއްޖޭގެ ފަރުތައް ސާވޭކުރައްވާފައިވަނީ ކެޕްޓަން މޮރަސްބީ އެވެ. އެއީ އޭރު މުމްބާއީގައި ހުރި އީސްޓްއިންޑިޔާ ކުންފުނީގެ ފަރާތުން، އެބައިމީހުން ދަތުރުފަތުރުކޮށް އުޅޭ ސަރަހައްދު ތަކުގެ ޗާޓުތައް ކުރެހުމުގެ ތެރޭގައެވެ. ރާއްޖޭގައި މޮރަސްބީ މަސައްކަތްޕުޅު ކުރައްވާފައިވަނީ 1834-1836 އަށެވެ. ސުލްތާނު މުޙައްމަދު މުއީނުއްދީން 1 އާއި ސުލްތާނު މުޙައްމަދު އިމާދުއްދީނު 4 ގެ ރަސްކަމުގައެވެ. ދިވެހިރާއްޖޭގެ ފަރުތަކުގެ ސާވޭއެއް ސުލަތާނު އިބްރާހިމް ނޫރައްދީނުގެ ދުވަސް ވަރު ވަޒީރު ވެލާނާ މަނިކުފަާނުގެ އެހީތެރިކަމާއެކު ޔުނިވާރސިޓީ އޮފް ކެމްބްރިޖްގެ އިމޭރިޝެސް ޕްރެފެސާރ ސްޓޭންލީ ގާރޑްނާވެސް ހެއްދެވިއެވެ. ކޭމްބްރިޖްގެ ޓްރިނިޓީ ކޮލެޖްގެ މ.ރ. ފޮސްޓާރ އާއި އެކު 1899 ގައި ގާރޑްނާ ރާއްޖޭގެ 13 ސަރަހައްދެއްގެ ފަރުތައް ސާވޭކުރައްވާފައިވެއެވެ. (ގާރޑްނާރ، 1902). މިދިރާސާގެ އެންމެ މުޙިއްމު އެއްހޯއްދެވުމަކީ ހިކިފަސްތަނެއް 150 ފެދަމްއަށް (270 މީޓަރަށް) ވެސް ގިރައިގެންގޮސް ކަނޑުއަޑީގައި ޕްލެޓޯއެއް އުފެދިދާނެކަން އެގުމެވެ. އަދި އެފަދަ ޕްލެޓޯއެއްގައި މުރަކަ އާލާވެގެން ފަރެއް އުފެދޭނޭ ބިންގަލެއް ލިބިދާނެ ކަމެވެ. ގާޑްނާ  އަތޮޅުތަކުގެ ފުއްޓަރު ފަރާތުފަރުތަކާއި (ރީފް ރިމް) އަދި އެތެރެވަރިއަށް ވީފަރާތްވެސް ބައްލަވާފައިވެއެވެ. ރަށްތަކުގެ އެތެރެ ވަރިއާއި ވީފަރާތް ގިރާކަމަށާއި އަތޮޅުތަކުގެ ފަރު ހުރިހާދިމާލަކުން ބޭރަށް ހެދެމުން ދާކަން ދެނެވަޑައިގެންފައި ވެއެވެ


ކަނޑުގެ މަތީގައިހުރި ވޮލްކެނިކް ރަށްތަކަކުން އުފެދުނު އަތޮޅުތައް

1987 ގައި އޯޑީޕީގެ ފަރާތުން ރާއްޖޭގެ އުތުރުގައި ތޮރުފި ވަޅުތަކުން އިއޮސީން ޒަމާނުގެ، ތިލަފެނުގައި އުފެދިފައިވާ ފަރެއްގެ ލައިމްސްޓޯން ސައިންސްވެރިން ދެކެވަޑައިގަތެވެ، މިވަޅުތަކަކީ 2266 މީޓަރު ކަނޑުގެ އަޑީގައި، ކަނޑުގެ ވަތުން 287.8 މީޓަރު އަޑިޔަށް ތޮރުފި ވަޅުތަކެކެވެ. 104.6 މީޓަރާއި 211.3 މީޓަރާއި ދެމެދު އަޑިން މިވަޅުތަކުން  ބްރައިއޮޒޯންސް އާއި ގެސްޓްރޮޕޮޑްސް އަދި މޮލަސްކްސް ފަދަ ތިލަފެނުގައި ދިރިއުޅޭ ތަކެތީގެ ފޮޒިލްއާއި މުރަކައިގެ ނިޝާންތައްވެސް ފެނިފައިވެއެވެ. އޭގެވަތުން ވައިގެ ތެރެއަށް އަރާފައިވާ މެގްނީޒިއަމް ސިލިކޭޓް އެކުލެވިގެންވާ ބެސޯލްޓްވެސް ފެނިފައިވެއެވެ. ބެސޯލްޓް ހުރި ހިސާބުން ބީޗްޑިޕޮސިޓް ނުވަތަ ގޮނުދޮށުން ފެންނަބާވަތްތަކުގެ ތަކެތި ފެނުމުގެ އިތުރަށް މަރުވަމުންދިޔަ ވޮލްކެނިކް ރަށެއްގެ ނިޝާންވެސް ފެނިފައިވެއެވެ. މިޙޯދުންތަކުން އެގިފައިވަނީ،  އަތޮޅުތައް މިހިރަތަންތަން ކަނޑުން މައްޗަށް އުފުލިފައި ނުވަތަ ކަނޑުގެ ލެވެލް އާއި އެއްހަމަޔެއްގައި މީގެ 55 މިލިޔަން އަހަރާއި 60 މިލިޔަން އަހަރާއި ދެމެދުގައި ހުރިކަމެވެ. އަދި ވޭތުވެދިޔަ ދިގު ޒަމާންތަކުގައި 2500 މީޓަރު އަޑިޔަށް ވޮލްކެނިކް ބޭސްމަންޓް ގެނބިގެން ގޮސްފައިވާ ކަމުގައެވެ (ޑަންކަން އަދި ޙާގްރޭވްސް، 1990). ރާއްޖޭގެ ސަބްސިޑެންސް ރޭޓް ނުވަތަ އަޑިޔަށްދާ ރޭޓަކީ އަހަރަކު 0.03-0.04 މިލިމީޓަރެވެ (ބެލޮޕްސްކީ އާއި ޑްރިކްސްލާރ، 2004ަ އޭ). 


ކަނޑުގެ އަޑީގައި އޮތް ވޮލްކެނިކް ރިޖެއްގެ މަތީގައި އުފެދުނު އަތޮޅުތައް

1976 ގައި އެލްފް އެކްއިޓައިން-އޮޕެރޭންޓެސިސް ކޮންސޯޓިއަމް ގެ ފަރާތުން މާލެއަތޮޅު އުތުރުބުރީގެ ތޮރުފި އެމް.އެން.އޭ-1 ގެ އިންޑަސްޓްރިއަލް ވަޅުން ކާބަނިކް ޕްލެޓްފޯމުގެ ބޯމިން 2106 މީޓަރު ކަމުގައި އެނގިފައިވެއެވެ (ޕާޑީ އަދި ބާޓްރަމް، 1993). މި މައުލޫމާތުން އެނގެނީ ރާއްޖޭގެ ކާބަނިކް ބޭސްމަންޓްގެ ބޯމިން އެންމެ ތިލަތަންތަނުގައިވެސް 2000 މީޓަރާއި ގާތްކުރާކަމެވެ. ބެލޮޕްސްކީ އާއި ޑްރޮކްސްލާރ، (2004ަ އޭ) ވިދާޅުވެފައިވާ ގޮތުން ރާއްޖޭގެ ކާބަނިކް ޕްލެޓްފޯމް އުފެދިފައިވަނީ ކަނޑުގެ އަޑީގައި އޮތް ރިޖަކަށް އިއޮސީންގެ ދުވަސްވަރުން ފެށިގެން  ކާބަނިކް ސެޑިމެންޓް އެޅެމުންދިޔުމުގެ ސަބަބުން ތިލަވެގެން އުފެދިގެންއައި ބޭންކް (ޕްލެޓޯ) ތަކަކުންނެވެ. އެންމެފުރަތަމަ  ޕްލެޓްފޯމުތައް އުފެދެން ފެށުނީ ވޮލްކެނިކް ރިޖުގެ އުސްތަންތަނުގެ މަތީގައެވެ. އޮލިގޯސީންގެ ފަހުގެ ދުވަސްވަރު މި ބޭންކްތަކުގެ އަރިމަތި (ރީފް ރިމް) މައްޗަށް ހިއްލި ބޭރުކަނޑާއި އެތެރެއާއި ވަކިވިއެވެ. މިގޮތަށް ވަތަށް ގެނބޭ ކާބަނިކްސެޑިމެންޓްގައި ހިމެނެނީ ފެނުގެ މަތީފަށަލައިގައި ދިރިޅޭ ޕްލެންކްޓަން ފަދަ ބާވަތްތަކުގެ ތޮށްޓެވެ. މި ގޮތަށް ކާބަނޭޓް އެޅޭމިންވަރު ބިނާވަނީ ކަނޑުގެ އޮއިވަރާއި މޫސުމާއި ދިޔަވަރުފަދަ ކަންކަމަށެވެ.

މާޒީގައި ކަނޑުގެ އުސްމިނަށް އައި ބަދަލު-Wikimedia Commons

ރާއްޖޭގެ ސަބްސިޑެންސީ ޜޭޓާއި ކަނޑުގެ ލޮނުގަނޑުގެ އުސްމިން ދައްކައިދޭ ޗާޓާއި އަޅާކިޔާލުމުން އަޅުގަނޑަށް ފެނުނީ މި ޕްލެޓްފޯމުތައް ތިލަތަނެއްގައި އުފެދެން ފެށުމުގެ ފުރުސަތުވެސް އޮތްކަމެވެ. މިޕްލެޓްފޯމުތަކުގެ ކުރިހުރީ މުރަކަހެދޭ ހިސާބަށްވުރެ ވަތުގައިނަމަ ފުރަތަމަ  ކާބަނިކް ޑިޕޮސިޓް އެޅި ބޭންކުތަކަށްވެ އުސްވެގެންއައިސް އޭގެފަހުން މުރަކަ ހެދުމުގެ ފުރުސަތު ލިބިދާނެކަމަށް ޤަބޫލުކުރެެވެއެވެ.