މުރަކަ އުފެދި އާލާވާގޮތް

މުރަކަ ފަރެއްގައި ދިރިއުޅެމުންދާ މަސްމަހާމެހި- ސޯސް: Wikimedia commons

ކެލްސިއަމް ކާބަނޭޓުގެ ސަބަބުން އުފެދޭ ތޮށިގަނޑެއް އެކުލެވިގެންވާ، ކަނޑުގައި ދިރިއުޅޭ މިލިމީޓަރުކޮޅެއްހާ ކުދި ޕޮލީޕްސްގެ ސަބަބުން މުރަކައިގެ ފަރުތައް އުފެދެއެވެ. އެއްދަރިކޮޅު މަރުވެނެތެމުންދާއިރު އަނެއްދަރިކޮޅުގެ އޭގެ، ކާބަފައިންގެ ހަށިތަކުގެ މަތީގައި އުފެދި ފަށަލަޔަކުން ފަށަލަޔަކުން މުރަކަ ފަރުތައް އުސްކުރަމުން ކާބަނިކް ޕްލެޓްފޯމު އުފެދެމުން ދެއެވެ. މުރަކަ ކާނާ ހޯދަނީ އިރުގެ އަލިބޭނުންކޮށްގެން އަމިއްލައަށް ކާނާއުފައްދާ އަލްގޭ އެއްގެ އެހީގައިކަމުން މުރަކަ އާލާވަނީ އެކަށީގެންވާ މިންވަރަކަށް އަލިލިބޭ ހިސާބު ކަނޑު އަޑީގައެވެ. ފަރުތައް އުފެދި އުސަްވަމުންދާއިރު ދޫކޮށްލެވިދާ މާހައުލަކީ އެތަންމިލިޔަން ކަނޑުގެ ދިރުމުގެ ވެއްޓެވެ.  މުރަަކަ ރަގަޅަށް ހެދެނީ 18 މީޓަރާއި 27 މީޓަރާއި ދޭތެރޭ ތިލައިގައި، 21 ޑިގްރީއާއި 29 ޑިގްރީއާއި ދޭތެރޭ ފިނި ހޫނުމިނުގައެވެ. އާންމުކޮށް ކަނޑުގެ 200 މީޓަރުން ފެށިގެން އަޑިޔަކީ ޓްވިލައިޓް ޒޯނޭ ކިޔާ ހިސާބެކެވެ. އަދި 1000 މީޓަރަށްވުރެ އަޑިޔަކީ މިޑްނައިޓް ޒޯން ނުވަތަ ކަނުއަނދިރި ސަރަހައްދެވެ. ވުމާއިއެކު ފުންކަނޑުގައި މުރަކަ ހެދުމުގެ ފުރުސަތެއް ނުލިބެއެވެ. މުރަކަނުހެދޭ ހިސާބުގައި ހުންނަ އުސްތަންތަނުގައި ކާބަނިކް ޕްލެޓްފޯމު އުފެދެނީ ފެންމަތީގައި އުޅޭ ޕްލެންކްޓަން ފަދަ ބާވަތްތަކުގެ ތޮށި އަޑިޔަށްގެނބިގެން މަތިމައްޗައް ޖަމާވެގެންނެވެ.


އަތޮޅު އުފެދޭ ތިއަރީ ތައް 

ޗާލްސް ޑާވިންގެ ސަބްސިޑެންސީ ތިއަރީ: އެޗް. އެމް. އެސް ބީގިލް ގައި ކުރި މަޝްހޫރު ކަނޑުދަތުރުގައި، ކުކް ޖަޒީރާއާޢި ކީލިން ޖަޒީރާއާއި މޮރިޝަސް ގެ ފަރުގެ ފުންމިން ނަންގަވާ ދިރާސާކުރެއްވުމަށްފަހު އިނގިރޭސި ސައެންސްވެރިޔާ ޗާލްސް ޑާވީން، މުރަކަފަރުތައް އުފެދޭ ގޮތާއިބެހޭގޮތުން އޭނާގެ “ސަބްސިޑެންސް” ތިއަރީ އުފެއްދެވިއެވެ. 1842 ގައި ޗާޕްކޮށްގެން ނެރުއްވި ޗާލްސް ޑާވިންގެ ފޮތް، “ދަ ސްޓްރަކްޗާރ އެންޑް ޑިސްޓްރިބިއުޝަން އޮފް ކޮރަލް ރީފް” ގައި ޑާވިން ވިދާޅުވެފައިވަނީ ފްރިންޖިން ރީފްތައް ބެރިއާރ ރީފަތަކަށް ބަދަލުވެ މެދުގައި އޮންނަ އަލިފާންފަރުބަދަތަކުގެ ކުރި އަޑިޔަށްދާއިރު ރަށްތަކުގެ ވަށައިގެންވާ ބެރިއާރ ރީފުން އަތޮޅުތައް އުފެދޭކަމުގައެވެ. ގޮނުދޮށްތަކާއި ފަރުބަދަތައް އެކުގައި އަޑިޔަށް ދިޔުމަށްފަހު ދެން ބާކީހުންނާނީ ވަށައިގެން އޮންނަ އަތޮޅުތައްކަމުގައި ވިދާޅުވެފައިވެއެވެ.

ޑޭލީގެ ގްލޭޝިއަލް ކޮންޓްރޯލް ތިއަރީ: 1915 ގައި ޑޭލީ ވިދާޅުވެފައިވާގޮތުން ޕްލައިޓޮސީން ޒަމާނުގަ ދުނިޔޭގެ ޕޯލްގައި ގިނަމިންވަރަކަށް ގަނޑުފެން ހުރުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު ތިރިވެފައި ވުމާއިއެކު ފަރުތަކަށާއި ޕްލެޓްފޯމުތަކަށް ބިންދާ ރާޅުގެ ސަބަބުން މަތިފަތާ ޕްލެޓްފޯމުތަކެއް އުފެދުނެވެ. އަދި ހާލަތުރަގަޅުވެ މޫސުމަށް އައިބަދަލުގެ ސަބަބަުން، ގަނޑުފެންވިރި ކަނޑުގެ ލޮނުގަނޑު ބޮޑުވުމުން، ރާޅުގެ ސަބަބުން އުފެދުނު ޕްލެޓްފޯމުތަކުގެ މަތީގައި މުރަކަ އުފެދެންފެށިއެވެ، އަދި ރާޅުގެ އަސަރުކުރި، ޕްލެޓްފޯމުގެ އަރިމަތީގައި ހާލަތުރަގަޅުވުމުން މުރަކަ އަވަހަށް ހެދި މައްޗަށް އެރިއެވެ. ޕްލެޓްފޯމުތަކުގެ އެތެރޭގެ ހާލަތު ރަގަޅުނުވުމާއި އެކު މުރަކަހެދުން ތަފާތުވިއެވެ. މިގޮތުން ކަނޑުގެ ލެވެލްއަށް އައިބަދަލުގެ ސަބަބުން އަދި ފަރު އުފެދުނުގޮތް ތަފާތު ވުމުގެ ސަބަބުން އަތޮޅާއި އަތޮޅުތަކުގެ ފަރުތައް މިގޮތަށް އުފެދުނެވެ.

ހުފްމަޒްޑާ އާއި ލޭޑް ގެ އެންޓީސީޑެންޓް ޕްލެޓްފޯމް ތިއަރީ: މިތިޔަރީ ބުނާގޮތުން ޓްރޮޕިކަލް ކަނޑުގަ އެކަށީގެންވާ ފުންމިނަކު ތަނެއް ނުވަތަ ބޭންކެއް ލިބިއްޖެނަމަ މުރަކަ ހެދިއާލާވާނެއެވެ. އަދި ކަނޑުގެ ލެވެލްއަށް ބަދަލު ނުއައިކަމުގަ ވިޔަސް އިކޮޮލޮޖިކަލް ހާލަތު މަގުފަހިކޮށްދީފިނަމަ މުރަކަ އެފަދަބިންގަލެއްގެ މަތީގައި ހެދިމައްޗަށް އަރައިދާނެއެވެ. ދެންނެވި ޕްލެޓްފޯމަކީ ގިރުމުގެ ސަބަބުން އުފެދުނު ޕްލެޓް ފޯމެއް ކަމުގަ ވިޔަސް، ކާބަން ޑިޕޮސިޓްވެގެން އުފެދުނުތަނެއްކަމުގަ ވިޔަސް އަލިފާން ފަރުބަދައަކުން އެރި ލާވާއިން އުފެދުނު ތަނެއް ކަމުގަ ވިޔަސް އަދި ދުނިޔޭގެ ދައުރުކުރުމުގެ ސަބަބުން އުފެދުނުތަނެއް ކަމުގަވިޔަސް ނުވަތަ މީގެ ގިނަަކަންކަން އެކުވެގެން އުފެދުނު ޕްލެޓްފޯމެއް ކަމުގަ ވިޔަސްމެއެވެ.

މެކްނީލްގެ ސަބްއެއިރިއަލް އިރޯޝަން ތިއަރީ: 1954 ގައި މެކްނީލް ވިދާޅުވެފައިވަނީ ގަނޑުފެނުގެ ޒަމާނުގަ މުރަކަ ރަށްތަކާއި ލައިމްސްޓޯން ޕްލެޓްފޯމުތައް ހާމަކޮށްހުރުމާއިއެކު ވައިގެތެރޭހުރެ އިރޯޑްވިއެވެ (އެބަހީ ވާރޭފެނުގެ ސަބަބުންނާއި ވަޔާއި އެހެނިހެންގޮތްގޮތުން ގިރި ބައްޓަންތަކަށް ބަދަލުއައުމެވެ). ކަނޑުގެ ލެވެލް އުސްވުމުން މި މަސްއުނި ބައްޓަންތަކުގެ ފައުންޑޭޝަންމަތީގައި ކޮންމެގޮތަކަށްވިޔަސް  ފަރުތައް އުފެދި މިއަދު މިފެންނަ ފަރާއަތޮޅުތައް ލިބުނެވެ.  (ނަސީރު، 2013)


ފަރުތަކުގެ ބާވަތްތައް

ފްރިންޖިންގ ރީފް: މިބާވަތުގެ ފަރަކީ ގޮނުދޮށުގައި އޮންނަފަރެވެ. ބައެއްފަހަރަށް ކުޑަފަޅަކާއި ގުޅިގެންވެސް މިބާވަތުގެ ފަރެއް އޮވެދާނެއެވެ. 100 މީޓަރުން އެތަށް ސަތޭކަ މީޓަރަކަށް މި ބާވަތުގެ ފަރު ފުޅަލެވެ. ތިރީގައިވާ ވޮލްކެނިކް ރަށަކީ ފެސިފިކްގައި އޮންނަ ފްރެންޗް ޕޮލިނީސިއާގެ ރަށެކެވެ. ތިރީގައިވާ ތަސްވީރުން ފެންނަނީ މޫރެ އެވެ. މިރަށުގެ ވަށައިގެން އެވަނީ ފަރާއި ފަޅެއް އުފެދިފައެވެ. ކަނައަތްޕުޅުފަރާތު މަތީ ކަނުން ފެނިވަޑައިގަންނަވަނީ ފަޅުތެރޭގައި އޮތް ރާއްޖޭގެ ރަށްތައްކަހަލަ ޖަޒީރާ ދެރަށެވެ. ވޮލްކެނިކްރަށް އަދި އެހާބޮޑަށް އަޑިޔަށް ނުދާތީވެ އެތެރެވަރި އުފެދިފައިނެތެވެ.

މޫރޭ ވޮލްކެނިކް ޖަޒީރާގެ ވަށައިގެންވާ ފަރާއި (ފްރިންޖިންގ ރީފާއި) ފަޅާއި ކަނޑު އޮޅި އުފެދިފައި: ސޯސް: Google Maps

ބެރިއާރ ރީފް: މިބާވަތުގެ ފަރު ހުންނާނީ މައިރަށާއި އެތެރެވަރިއަކުން ވަކިވެފައެވެ. މި އެތެރެވަރި އެތައް ކިލޯމީޓާރެއް ފުޅާވެފައ 30 އާއި 70 މީޓަރާއި ދެމެދުގެ މިންވަރަކަށް ފުންވެދާނެއެވެ. މިފަރުގެ ބޭރު ގުޅިފައިހުންނަނީ މައި ކަނޑާއެވެ. ތިރީގައިވާ ތަސްވީރުން ދައްކާދެނީ ބޮރިބޮރިއެވެ. ބޮރިބޮރީ ވަނީ ވަރަށް ބޮޑަށް ގެންބިގެންގޮސްފައެވެ.  އަތޮޅުގެ އެތެރެވަރިވެސް ބޮޑުކޮށް އުފެދިފައިވާއިރު  ފަޅުތެރޭ ބޮޑެތި މުރަކައިގެ ރަށްތަކެއްވެސް އުފެދިފައިވެއެވެ. މި ތަސްވީރުން ބެރިއާރ ރީފް ފެނެއެވެ.

ޕެސިފިކްގައި އޮންނަ ފްރެންޗް ޕޮލިނީސިޔާގެ ބޮރިބޮރި ޖަޒީރާ- ވޮލްކެނިކް ޖަޒީރާ އަޑިޔަށް ދަމުންދާއިރު އެތެރެވަރި ފުންވަމުން ބެރިއާ ރީފާއި ކަނޑު އޮޅިތަކާއި މުރަކައިގެ ޖަޒީރާތައް އުފެދިފައި:

އަތޮޅު: އަތޮޅުގެ ބޭރުފަރަކީ ޑާވިންގެ ތިޔަރީބުނާގޮތުން ބެރިއާ ރީފެވެ. ބައެއް އިލްމުވެރިން މިފަރަށް ރިމް ރީފޭ ކިޔާ އުޅެތެވެ. ރާއްޖޭގެ އަތޮޅުތަކުގެ މެދުގައި ހުރިބަޔަށް އަޅުގަނޑުމެން ކިޔާ އުޅެނީ އެތެރެވަރިއެވެ. 

ދިވެހިރާއްޖޭގެ އައްޑު އަތޮޅު:  ސޯސް: Google 

ޕެޗްރީފް: މިބާވަތުގެ ފަރުތައް އުފެދިފައި ހުންނަނީ އަތޮޅުގެ ރީފްރިމް އާއި ވަކިން އެތެރެވަރީގައެވެ. ގިނައިން މިބާވަތުގެ ފަރުފެންނާނީ ފިނޮޅެއްގެ ވަށައިގެން އޮއްވައެވެ. މިއީ ޕްލެޓްފޯމު ރީފްގެ ބާވަތެކެވެ.