ޖިއޮލޮޖިކަލް ޓައިމް ސްކޭލް
މި މަޒްމޫނުގެ ބާކީބައި ދޭހަކުރުމަށްޓަކައި، ތިރީގައިވާ ޖިއޮލޮޖިކަލް ޓައިމްސްކޭލަށް ކިޔުންތެރިން އަހުލުވެރިވުން ވަރަށްމުހިއްމުކަމުގައި ދެެކެމެވެ. ޖިއޮލޮޖިކަލް ޓައިމް ސްކޭލަކީ ހާދިސާތަކެއް ހިގާ ތާރީޚްތަކެއް ދަނެގަންނަން ދުނިޔޭގެ ބިމުންނެގޭ ސެޑިމެންޓަރީ ގަލުގެ، ވެލީގެ ނޫންނަމަ އިގްނިއަސް ގަލުގެ ލޭޔާރތައް ބޭނުންކުރާ އުސޫލެކެވެ.
ޗާގޯސް-ލެކެޑިވް ރިޖް އުފެދުނުގޮތް
ޗާގޯސް-ލެކެޑިވް ރިޖާއި މަސްކަރީން ޕްލެޓޯ އުފެދުނުގޮތްކަމަށް ލަފާކޮށް، މޯގަން (1981) ދެކެވަޑައިގަތީ ، ރެއިނިއޮން (ފްރެންޗް ނަމެއް) ދަށުގައި މިހާރު އޮތް ހޮޓް ސްޕޮޓް މަތިން އެފްރިކާ ޕްލޭޓް އިރުއުތުރަށް ޖެހުމާއި އެކު، އިންޑިޔާގެ ޕްލޭޓް އުތުރަށް ގޮސް އިންޑިޔާކަނޑު ހުޅުވިގެން ދިޔުމުގެތެރޭގައެވެ. ނަތީޖާއެއްގެ ގޮތުން މިހޮޓްސްޕޮޓް މަތިން ދިޔަބިންގަޑު، ކަނޑައިގެން ގޮސް އެރިލާވާއިން ލެކެޑިވް-ޗާގޯސް ރިޖާއި މަސްކަރީން ޕްލެޓޯ އުފެދުނުކަމަށެވެ. ރެއިނިއޮން އަކީ އިންޑިޔާ ކަނޑުގެ ޖަޒީރާއެކެވެ. ހޮޓް ސްޕޮޓަކީ ދުނިޔޭގެ ބޭރު (ކްރަސްޓް) ގައި ނުވަތަ އެތެރޭ (މެންޓަލް) ގައި ހުންނަ އާދަޔާ ޚިލާފު ހޫނުގަދަ ސަރަހައްދެކެވެ. މިސަރަހައްދު ހަރަކާތްތެރި ވުމުން އެތަނުގައިހުންނަ ހިލަތައް ވިރި މެގްމާޔަށްވެ، ބިންގަނޑު ކަނޑައިގެން ދާތަންތަނުން ވިރިފައިވާ ގައު ލާވާގެ ގޮތުގައި މައްޗަށް އަރައެވެ.
ރެއިނިއޮން ހޮޓްސްޕޮޓް ދަތުރުކުރި މަގާއި އެތަންތަނުގައި ހަރާކަތްތެރިވި އަހަރުތައް
އައްޑިހައިގެ އަހަރުތަކު ފަހުކޮޅު އާގަން-އާގަން (40Ar/39Ar) ޑޭޓިން ޓެކްނިކް ބޭނުންފުޅު ކުރައްވައިގެން މަސްކަރީން ޕްލެޓޯއާއި ޗާގޯސްބޭންކާއި ރާއްޖޭގެ ރިޖްގެ ބުޑު ނުވަތަ ބޭސްމަންޓް އުފެދިފައިވާ ހިލައިގެ ތާރީޚު ހޯއްދެވުމަށްޓަކައި ޑަންކަންއާއި ހާގްރޭވްސް (1990)ގެ ޓީމުން ކަނޑުގެ ފުނުން އިސްވެދެންނެވި ތަންތަން ތޮރުފައި ސާމްޕަލް ނަންގަވައި ދިރާސާ ކުރައްވާފައިވެއެވެ. ބޭންކަކީ ކަނޑުގައި ތިލަކޮށްހުންނަ ތަންތަނެވެ. ތިލަކޮށް ހުންނަ އަތޮޅުގެ އެތެރެވަރިއަށްވެސް އިނގިރޭސިން ބޭންކޭ ކިޔާއުޅެތެވެ. މިދިރާސާއިން ލިބުނުތާރީޚް ތަކަށްބަލާއިރު (މަތީގައިވާ ކުރެހުން ބައްލަވާ) ރެއިނިއޮންގެ ދަށުގައިއޮތް ހޮޓްސްޕޮޓް ދަތުރުކުރިމަގާއި އިސްވެދެންނެވި ތަންތަން އުފެދުނީ އޭގެ ސަބަބުންކަން މިހާރު ޤަބޫލުކުރެވެއެވެ. މިހޮޓްސްޕޮޓްގެ ސަބަބުން، ޑެއްކަން ޓްރެޕްތައް މީގެ 66 މިލިޔަން އަހަރުކުރިން އިންޑިޔާގެ މުމްބާއީކައިރީގައި އުފެދިފައިވެއެވެ. 30 ވަރަކަށް ހާސް އަހަރާއި ކައިރިކުރާ މުއްދަތަކަށް ގޮވަމުން ދިޔަ އަލިފާން ފަރުބަދަތަކުގެ ސަބަބުން 2000 މީޓަރަށްވުރެ އުސް ބެސޯލްޓް ލާވާ އަރައި 2 ލައްކަ އަކަ މޭލުގެ ބޮޑުސަރަހައްދެއް އޭގެން ނިވާވެފައިވެއެވެ.