އިންސާނުން އަލުން ދިރުއްވާއިރު އުޑާއި ބިން!

4.57 ބިލިޔަން އަހަރުވެފައިވާ އިރަކީ މެދުއުމުރުގެ ތަރިއެކެވެ. މިއީ މެއިން ސީކުއެންސްގެ ތަރިއަކަށްވުމާއެކު ކުރިއަށް އޮތް 4 ވަރަކަށް ބިލިޔަން އަހަރު އިރުގައިވާ ހައިޑްރިޖަން ނިއުކްލިޔާ ފިއުޝަންގެ ސަބަބަުން، ހީލިޔަމް އަށް ބަދަލުވާނެއެވެ. (ކެނަލް، 2016). ހީލިޔަމް އިތުރުވަމުން ދާވަރަކަށް އިރުގެ ކޯ ދާނީ ކުޑަވަމުން ނެވެ. ވުމާއި އެކު ނިއުކްލިޔާރ ރިއެކްޝަންގެ ރޭޓުމަތިވެ ގިނަ ހަކަތަ އުފައްދާނެއެވެ. އަދި ގާތްގަޑަކަށް 3.5 ބިލިޔަން އަހަރު ވާއިރު މިހާރަށްވުރެ 40 ޕަސެންޓް އިރުގެއަލިގަދަވާނެއެވެ. މިހާލަތުގައި ދުނިޔެއަށް ވާނެގޮތް ސައިންސްވެރިން ދެގޮތަކަށް ކިޔައެވެ. ފުރަތަމަ ގޮތަކީ ޕޯލްގައި ހުރި އައިސްތައްވިރި، ކަނޑުކެކި އާތްވަށް އަރައި އަދި އެޓްމޮސްފިޔާރ ނެތިދިޔުމެވެ. އެއިރުން ދުނިޔެވާނީ ދިރުންނެތް، ވީނަސް ކަހަލަ ޕްލެނެޓަކަށެވެ. އެކަމަކު މީގެ 5.4 ބިލިޔަން އަހަރު ފަހުން އިރުގައިވާ ހުރިހާ ހައިޑްރިޖަން ހުސްވުމުން އިރުގެ ކޯ ހޫނުގަދަވެ ކުޑަވެ ޑެންސް ވާނެއެވެ. އަދި އިރުގެ ބޭރުފަށަލަ އެކްސްޕޭންޑް(ބޮޑު) ވާނެއެވެ. މިހާހިސާބުން އިރު ރެޑްޖަޔަންޓަކަށް ބަދަލުވާނެއެވެ. އަދި މާކަރީ އާއި ވީނަސް އަދި ހަނދު އަދި ފަހަރެއްގައި ދުނިޔެ، އިރުގެ ގަަދަ ހޫނުން ފިހިގެން އާތްވަށް އަރައިދާނެއެވެ. އިރު ފުފޭއިރު އުފައްދާ ސޯލާ ވިންޑުން، އިރުގެ %30 މާސް އުނިވާނެއެވެ. ވުމާއި އެކު ދުނިޔެއަށްވެދާނެކަމަށް ސައިންސްވެރިންބުނާ ދެވަނަ ގޮތަކީ، އިރާއި ދުނިޔެއާއި ދޭތެރޭ ހުންނަ ގްރެވީޓޭޝަނަލް ފޯސް ދަށްވެ މަޑުމަޑުން އިރާދުރަށް ދުނިޔެ ފޭވުމެވެ. (ހެރިސް، 2017). އަދި އިރުގައި ހުރި ސާމާނު އިރާއި ވަކިވަމުންގޮސް ހަމައެކަނި ފިނި ކޯރ ވައިޓް ޑްވާފަކަށް ބަދަލުވެދާނެއެވެ. އިރުގެ ޙަޔާތުގެ ބާކީބައިގައި މަޑުމަޑުން ފިނިވަމުން “އަލިކަން ފިލާގޮސް”  ބްލެކް ޑްވާފްއަަކަށް ވެދާނެއެވެ. ތިރީގައިވާ ތަސްވީރުން ދައްކައިދެނީ، އިރުފަދަ ތަރިއެއް އުމުރުގެ ފަހުކޮޅުގައި، އޭގެ ބޭރުގައިވާ ފަށަލަ ދުރަށްފޭވެ ތޮށިގަނޑެއްހެން ތަރީގެ ވަށައިލެވިފައިވާތަނެވެ. މެދުގައި ކުޑަކުޑަކޮށް އެވަނީ ވައިޓްޑްވާފް ސްޓޭޖްގައިވާ ތަރިއެވެ. މިފަދަ ޙާލަތަކަށް އިރު އަންނައިރު ދުނިޔެ ސަލާމަތްވެ މި ތޮށިގަނޑުން ބޭރަށް ނުކުތުމުގެ ފުރުސަތުލިބި، އެކަށީގެންވާ ދުރުމިނަކަށް ދެވުނުނަމަ، އަނެއްކާވެސް އިންސާނުންނަށް އުޅެވިދާނެ ފިނިހޫނުމިން ދުނިޔެއަށް ލިބިދާނެއެވެ. އޭރުން ދުނިޔެއަށް ދުވާލުގެ އުޑުފެންނާނީ ނޫކުލައިގެ އުޑުގެ ބަދަލުގައި سورة الرحمن 37 ވަނަ އާޔަތުގައި އެވާފަދައިން “ރަތް ފިނިފެންމަލުގެ ކުލައިގައިވާ ތެޔޮގަނޑެއް” ފަދައިންނެވެ. އޭގެތެރެއިން سورة التكوير ގެ 1 ވަނަ އާޔަތުގައިވާ ފަދައިން އަލި ފަނޑުވަމުންދާ (އަލިކަން ފިލަމުންދާ) އިރު ފެންނަން އިންނާނެއެވެ. ރޭގަނޑު ހަނދެއް ނާރާނެއެވެ. ސަބަބަކީ އިރު ރެޑްޖަޔަންޓަކަށް ބަދަލުވީއިރު މާކަރީ، ވީނަސް އަދި ހަނދު އިރުގެ ގެ ތެރެއަށް ވަދެ، سورة القيامة ގެ 8 ވަނަ އާޔަތުގައިވާފަދައިން  “އިރާއި ހަނދު އެއްތަން ވެފައި” ވާތީއެވެ. އިންސާނުން ފުރަތަމަ ނެތިދިޔަފަހުން އެތައްބިލިޔަން އަހަރުވެފައިވާތީ، ޔުނިވާރސްގެ އެކްޕޭންޝަންގެ ގެ ސަބަބުން މިލްކީވޭގެ ތަރިތައް ފޭވެ سورة التكوير ގެ ދެވަނަ އާޔަތުގައިވާފަދައިން، “ބުރަބުރައިގެން ގޮސް” ތަރިތަކުގެ އަލިވެސް ފަނޑުވެފައި ވެދާނެއެވެ. މިހާރު ސައިންސުގެ އިލްމުން ލިބެން ހުރިމައުލޫމަތުން އެހާދިސާތައް އަޅުގަނޑަށް ގުޅުވާލެވެނީ މިހެންނެވެ. ދެން އުފެދޭ އަނެއް ސުވާލަކީ ދުނިޔެ މިބުނިފަދައިން، އިރުގެ ރެޑްޖަޔަންޓް ފޭސްއިން ސަލާމަތް ވެދާނެ ބާވައެވެ؟ physicsworld.com ގައި ޖޯން ކާޓްރައިޓް (2007) ބުނެފައިވާގޮތުން ދުނިޔޭގެ އޯބިޓާއި އެއްގޮތް އޯބިޓެއްގައި ހުރިޕްލެނެޓެއް، އޭތި ދައުރުކުރަމުން ދިޔަ ތަރީގެ ރެޑް ޖަޔަންޓް ސްޓޭޖުން ސަލާމަތްވެފައިވާކަން ރޮބާޓޯ ސިލްވޮޓީ ވަނީ ހޯދާފައެވެ. މީގެން އެގެނީ ދުނިޔެވެސް އިރުގެ ރެޑްޖަޔަންޓް މަރުހަލާއިގައި ހަލާކުނުވެ ދުރަށްފޭވެ ސަލާމަތްވުމުގެ ފުރުސަތު އޮވެދާނެކަމެވެ. ހުރިހާކަމެއް ދެނެވޮޑިގެންވަނީ މާތްﷲ އެވެ.

يَوْمَ تُبَدَّلُ الْأَرْضُ غَيْرَ الْأَرْضِ وَالسَّمَاوَاتُ ۖ وَبَرَزُوا لِلَّـهِ الْوَاحِدِ الْقَهَّارِ﴿٤٨﴾

އެދުވަހުން، ބިން އެހެން ބިމަކަށް، އަދި އުޑުތައް (އެހެން އުޑުތަކަކަށް) ބަދަލުކުރައްވާނެތެވެ. އަދި އެއްކައުވަންތަ، ބާރުވެރިވަންތަ اللَّه ގެ حضرة އަށް އެންމެން ނުކުންނާނެތެވެ. (ޤުރުއާން، 14:48)

فَإِذَا انشَقَّتِ السَّمَاءُ فَكَانَتْ وَرْدَةً كَالدِّهَانِ ﴿٣٧﴾

ފަހެ، އުޑު ފަޅަފަޅައިގެންދާހިނދު، ރަތްފިނިފެންމަލުގެ ކުލައިގައިވާ ތެޔޮގަނޑެއް ފަދައިން ވެދެއެވެ. (ޤުރްއާން: 55:37)

وَخَسَفَ الْقَمَرُ ﴿٨﴾وَجُمِعَ الشَّمْسُ وَالْقَمَرُ ﴿٩﴾

އަދި ހަނދުގެ އަލިކަން ފިލައިދާހިނދެވެ. އަދި އިރާއި، ހަނދު އެއްތަންކުރައްވާހިނދެވެ. (ޤުރުއާން 7-8: 75) 

إِذَا الشَّمْسُ كُوِّرَتْ ﴿١﴾ وَإِذَا النُّجُومُ انكَدَرَتْ ﴿٢﴾

އިރުގެ އަލިކަން ފިލައި، ހިނގައިދާ ހިނދެވެ. (1) އަދި ތަރިތަކުން އަލިކަން ފިލައި، ބުރަބުރައިގެންދާ ހިނދެވެ. (2) (ޤުރުއާން؛ 2-1: 81)

وَيَوْمَ تَشَقَّقُ السَّمَاءُ بِالْغَمَامِ وَنُزِّلَ الْمَلَائِكَةُ تَنزِيلًا﴿٢٥

ވިލާތަކާއެކު އުޑު ފަޅަފަޅައިގެންދާ ދުވަސް ހަނދުމަކުރާށެވެ! އަދި ގިނަ عدد އަކަށް އެދުވަހު ملائكة ން ބާވައިލައްވާނެތެވެ.(ޤުރުއާން 25:25)

وَالْمَلَكُ عَلَىٰ أَرْجَائِهَا ۚ وَيَحْمِلُ عَرْشَ رَبِّكَ فَوْقَهُمْ يَوْمَئِذٍ ثَمَانِيَةٌ ﴿١٧﴾ يَوْمَئِذٍ تُعْرَضُونَ لَا تَخْفَىٰ مِنكُمْ خَافِيَةٌ ﴿١٨﴾

އަދި ملائكة ން، އެ އުޑުގެ ކަންކޮޅުތަކުގައި ތިއްބަވާނެތެވެ. އެދުވަހުން ކަލޭގެފާނުގެ ވެރިރަސްކަލާނގެ عرش ފުޅު، އެއުރެންގެ މަތީގައި އުފުއްލަވާނީ، އަށް ملائكة ންނެވެ. (17) އެދުވަހުން (حساب ބެއްލެވުމަށް) ތިޔަބައިމީހުން ހުށަހަޅުއްވާނެތެވެ. ތިޔަބައިމީހުންގެ އެއްވެސްކަމެއް ވަންހަނާއެއް ނުވާނެތެވެ. (18). (ޤުރުއާން. 18-69:17)