އިންސާނުން ނެތިދާނީ ސްޕަވެލްކޮނޯތަކެއް ގޮވުމުގެ ސަބަބުންބާވައެވެ؟ ބައެއް ސައިންސްވެރިން ދެކެނީ ޑައިނަސޯސް މަރުވެފައިވަނީ އެސްޓްރޮއިޑް ދުނިޔޭގައި ޖެހުމުގެ ސަބަބުން ކުރިމަތިވި، ބިންހެލުންތަކުގެ ސަބަބުން އަލިފާންފަރުބަދަތަކެއް ގޮވައިގެންކަމުގައެވެ. ސަބަބަކީ މުޅިދުނިޔެ ބިޔަ ކާރިސާޔަކަށް ގެނެވޭނެފަދަ ބޮޑެތި އަލިފާން ފަރުބަދަތައް (މިވަޤުތު އެކްޓިވް ނުވިޔަސް) ދުނިޔޭގެ ގިނަ ސަރަޙައްދުތަކުގައި ހުރުމެވެ. މިގޮތުން ޑައިނަސޯސްތަކުގެ ނިމިދިޔުމާއި ގުޅުންހުރިކަމަށް ބައެއްމީހުން ޤަބޫލުކުރާ، އަލިފާން ފަރުބަދަތަކެއް ހުރި ސަރަހައްދެއްކަމަށްވާ، އިންޑިޔާގެ ޑެކަން ޕްލެޓޯގެ ޑެކަން ޓްރެޕްތައްވެސް ފާހަގަ ކޮށްލަންޖެހެއެވެ. ޑެކަން ޓްރެޕްތަކަކީ ބަސާލްޓް ލާވާގެ ބެޑްތަކެއް ހުރިސަރަޙައްދެކެވެ، ގާތްގަޑަކަށް 580،000 އަކަމޭލުގެ ސަރަޙައްދެއްގައި މިބެޑްތައްވާއިރު، އިންޑިޔާގެ ބައެއް ސްޓޭޓްތައްކަމަށްވާ މަހަރާސްޓްރާ އާއި ގުޖުރާތާއި މަދިޔަޕްރަދޭޝް ގެ ބޮޑުސަރަޙައްދެއްގެ ބިންގަޑުވަނީ ވޮލްކެނިކް ހިލައިން އެކުލެވިގެންނެވެ. މީގެ 63 އާއި 67 މިލިޔަން އަހަރުގެ ކުރީގައި ގޮވި އަލިފާންފަރުބަދަތަކުން އެރި ލާވާތަކަކުން އުފެދިފައިވާ ބެޑްތަކެއް ކަމަށް ސައިންސްވެރިން ބުނެއެވެ. މިދުވަސްވަރަކީ ޑައިނަސޯސްވެސް ނެތިދިޔަ ދުވަސްވަރެއެވެ.
ޑެކަން ޓްރެޕް-އިންޑިޔާ-ސޯސް: www.sciencenews.org
ޔުނިވާރސިޓީ އޮފް ކެލިފޯނިޔާގެ ޖިއޮލޮޖިސްޓް، ރިޗާޑް އާއި އޭނާގެ ޓީމްގެ ސައިންސްވެރިން ހެދި ރިސާޗެއް، 2015 އެޕްެރީލްގައި ޖިއޮލޮޖިކަލް ސޮސައިޓީ އޮފް އެމެރިކާގެ ބުލެޓިންގައި ޕަބްލިޝްކުރިއެވެ. ރިޗާރޑްމެންގެ ޕޭޕަރުގައި ފާހަގަކޮށްފައިވަނީ ޑެކަން ލާވާ އިރަޕްޝަންގެ އަސްލަކީ ޗީކްޝޫލޫބް އަށް ވެއްޓުނު އެސްޓްރޮއިޑް ކަމުގައެވެ. (ސެންޑާރސް، 2015). ޓޮމް ރޯލީ (2014) ގައި www.dailystar.co.uk ގައި ލިޔެފައިވާ އާޓިކަލްއެއްގައި ބުނެފައިވަނީ ޔޫއެސްއޭގެ ޔެލޯސްޓޯން ނެޝަނަލްޕާކްގެ ބިމުގެ އަޑީގައިވާ ލާވާ އާދައިގެ ވޮލްކެނޯއެއްގެ ލާވާއަށްވުރެ މިހާރު 100 ގުނަ ބާރުގަދަވެފައި ވާކަމަށާއި ގޮވާނީ ކީއްވެގެންކަން އަދި ކޮންއިރަކުކަން ނޭގުނަސް ކުރިއަށް އޮތް 10 އަހަރުތެރޭ ގޮވުން ގާތްކަމުގައި، ސްވިސް ސައިންސްޓިސްޓް ވިމް މަލްފްރައިޓް އާއި ޓީމުން ހޯދައިފައިވާކަމަށެވެ. ދުނިޔޭގައިވާ މިފަދަ ބިޔަ، ނުރައްކާތެރި 6 ސުޕަ ވޮލްކެނޯ ވެއެވެ. ކުރީގެ ފިޒިސިސްޓް އަދި ނާސާގެ އެސްޓްރޯނަޓް، ޑ.ރ. އެޑްލޫ ވަރަށް ފަހުން theguardian.com އަށްދިން އިންޓިވިއުއެއްގައި، މިޤަރުނުގުގައި ދުނިޔެއާއި ވަރަށް ކައިރިން 5 މެގަޓަން ބާރުގަދަ އިމްޕެކްޓެއް އުފެދޭނެ އެސްޓްރޮއިޑެއް، ދާނެކަމަށް ވިދާޅުވިއެވެ. ހިސާބުތަކުން ދައްކަނީ، މި އެސްޓްރޮއިޑް ދުނިޔޭގައި ޖެހުމުގެ %30 ޗާންސް ވާކަމުގައެވެ. ވީމާ މިފަދަ ގިނަ ވޮލްކެނޯތަކެއް އެއްފަހަރާ މިފަދަ ގޮތަކަށް ގޮވައިފިނަމަ މުޅިދުނިޔެ ޒަަލްޒަލާއަކަށް ދާނެއެވެ.
ކީރިތިޤުރުއާނުގެ سورة الزلزلة ގެ 1 ވަނަ އާޔަތާއި 2 ވަނައާޔަތުން އެގެނީ އާޚިރަތްދުވަހުގައި (ޢެންޑް ޓައިމް) ގައި ވަރުގަދަ ބިންހެލުންތަކެއް އަންނާނޭކަމުގައެވެ. އަދި ބިންގަޑު އޭގެ ބުރަތައް ނެރެއުކައިލާ ވާހަކަޔަކީ ވޮލްކެނޯތަކުން ލާވާ އަރާނެވާހަކަބާވައެވެ؟ އަދި سورة النمل ގެ 88 ވަނަ އާޔަތުގައި ވިލާތައްދާގޮތަށް ފަރުބަދަތައް ދާވާހަކަޔަކީ ވޮލްކެނޯއިން އަރާ އަޅިފަދަ ސާމާނުން ވިލާގަނޑެއް އުފެދިގެންދާ ވާހަކަބާވައެވެ. އެކަން ތަފްސީލުކޮށް އައިސްފައިވަނީ سورة الدخان 10 ވަނަ އާޔަތާއި 11 ވަނަ އާޔަތުގައެވެ. އެއާޔަތްތަކުގައި އުޑުމަތިން ދުމެއް އަންނާނެ ވާހާކައާއި ދުންބޯވެ މީސްތަކުން އެދުމުގެ ތެރޭއުޅޭނެކަން އެގެއެވެ. އަދި މިފަދަދުމެއް އައިސްފިނަމަ، ވޮލްކެނޯތަކުން އަރާގޭހުން އިންސާނުންނާއި ދިރުންވާތަކެއްޗަށް ބޮޑެތިގެއްލުން ނުވަތަ އަނިޔާތަކެއް ލިބޭނެއެވެ. މިގޮތުން ފާހަގަކޮށްލެވޭ ބައެއް ގޭސްތަކުގެ ނުރައްކާ ތިރީގައިމިވަނީއެވެ.
1. 3% ވުރެ ގިނަމިންވަރެއްގެ ކާބަން ޑައިއޮކްސައިޑް ހަށިގަނޑަށް ހިގައްޖެނަމަ ބޯއެބުރުމާއި ނޭވާލާން އުދަގޫވުމާއި ޑިޒިނަސް އިހުސާސްކުރަން ޖެހޭނެއެވެ، އަދި %15 ވުރެ ގިނަމިންވަރެއް ހަށިގަނޑަށް ދިޔަނަމަ ހޭނެތުމާއި މަރުވުންވެސް ކުރިމަތިވާނެއެވެ. 2. ސަލްފާ ޑައިއޮކްސައިޑްގެ ސަބަބުން ހަންގަޑަށާއި ލޮލާއި ނޭފަތާއި ކަރުތެރޭގެ މިއުކަސްމެންބްރެއިން އިރިޓޭޓްވާނެއެވެ. 3. ހައިޑްރިޖަމް ސަލްފައިޑްގޭސް ވައިގެތެރޭ ހުންނަމިންވަރު 500ppm އަށްވުރެ މަތިވެއްޖެނަމަ 5 މިނެޓްތެރޭ އިންސާނުން ހޭނެތި ގަޑިއެއްހާއިރުތެރޭ މަރުވާނެއެވެ. .
ވީމާ ޤުރުއާންްގައި އެވާފަދަ ވޮލްކެނިކް އިރަޕްޝަންތަކެއް ކުރިމަތިވެޖެނަމަ މީސްތަކުންނަށް ވޭންދެނިވި އަޒާބަކަށް އެކަންވާނެއެވެ. ޑައިނަސޯސް މަރުވެދިޔަ ހާދިސާގައި އުފެދުނުކަމަށް ސައިންސްވެރިން ބުނާފަދަ ވޮލްކެނޯތަކުން އަރާސާމާނުން އުފެދޭ ވިލާގަނޑެއްގެ ސަބަބުން ދުނިޔެއަށް އިރުގެ އަލިކަން ނުލިބިއްޖެނަ،މަ ދުނިޔޭގެ އީކޯސިސްޓަމް ހަލާކުވެ ގަސްގަހާގެހި މަރުވެ ފުޑްޗެއިންނަށް ބޮޑެތި އަސަރުކުރާނެއެވެ، ތިރީގައި އަޅުގަނޑު ލިޔެފައިވަނީ ކުރިންދެންނެވި ސޫރަތްތަކާއި އޭގެ ތަރުޖަމާއެވެ.
فَارْتَقِبْ يَوْمَ تَأْتِي السَّمَاءُ بِدُخَانٍ مُّبِينٍ ﴿١٠﴾ يَغْشَى النَّاسَ ۖ هَـٰذَا عَذَابٌ أَلِيمٌ﴿١١﴾
ފަހެ، ފާޅުވެގެންވާ ދުމަކާއިގެން އުޑު އަންނަނިވި ދުވަހަށް انتظار ކުރާށެވެ! (10) އެ، ދުން މީސްތަކުން ފޮރުވައިލާނެތެވެ. (އަދި އެއުރެން ބުނާނެތެވެ.) މިއީ ވޭންދެނިވި عذاب އެކެވެ.(11) (ޤުރުއާން. 11-44:10)
وَإِذَا الْجِبَالُ سُيِّرَتْ ﴿٣﴾ وَإِذَا الْعِشَارُ عُطِّلَتْ ﴿٤﴾ وَإِذَا الْوُحُوشُ حُشِرَتْ ﴿٥﴾
އަދި ފަރުބަދަތައް ލުހި، ފުނޑުފުނޑުވާ ހިނދެވެ. (3) އަދި މާބަނޑު ޖަމަލުތައް އަޅާނުލައި ދޫކޮށްލާ ހިނދެވެ. (4) އަދި ވަލު ޖަނަވާރުތައް (އެއްތަނަކަށް) އެއްކުރައްވާ ހިނދެވެ.(5) (ޤުރުއާން؛ 5-3: 81)
وَتَرَى الْجِبَالَ تَحْسَبُهَا جَامِدَةً وَهِيَ تَمُرُّ مَرَّ السَّحَابِ ۚ صُنْعَ اللَّـهِ الَّذِي أَتْقَنَ كُلَّ شَيْءٍ ۚ إِنَّهُ خَبِيرٌ بِمَا تَفْعَلُونَ ﴿٨٨﴾
އަދި ފަރުބަދަތައް ތިބާ ދެކެމުއެވެ. އެ ތަކެތި ވިލާތައް ހިނގައިދާގޮތަށް ހިނގައިދާ حال، ތިބާ ހީކުރަނީ، އެ ތަކެތި ހަރުލައި ހުރިކަމަށެވެ. (އެއީ) اللَّه ގެ ހެއްދެވުމެވެ. އެކަލާނގެއީ، ހުރިހާ ތަކެއްޗެއް ފުރިހަމަކޮށް ހެއްދެވި ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. (ޤުރުއާން، 27:88).
إِذَا زُلْزِلَتِ الْأَرْضُ زِلْزَالَهَا ﴿١﴾ وَأَخْرَجَتِ الْأَرْضُ أَثْقَالَهَا ﴿٢﴾
ބިންގަނޑު އޭގެ (އެންމެފަހުގެ) ހެލިގަތުމުން ހެލިގެންފިހިނދެވެ. (1) އަދި އެ ބިންގަނޑު އޭގެ ބުރަތައް (އެބަހީ: ބިމުގެ އަޑީގައި ވަޅުލެވިފައިވާ خزانة ތަކާއި ކަށްތައް) ނެރެއުކާލައިފިހިނދެވެ.(2) (ޤުރުއާން 2-99:1)