ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވުން :މޫސުމީ ވަޔާއި އޮޔާއި އެކު ބެހިންގެންނާއި އެހެނިހެންގޮތްގޮތުން ރާއްޖެއަށް އައި ކުރީގެ މީހުން 

މުޙައްމަދު ޖަމީލް 

ކިޔުއްވި ބޭފުޅުން: 8095

ދިވެހިރާއްޖޭގެ ފުރަތަމަ ވަޒަންވެރިންނަކީ ކަނޑައެޅިގެން ކޮންބައެއްކަން ބުނެވޭނެ ކުރީގެ އާކިޔޮލޮޖިކަލް ހެކިތަކެއް ފެނިފައި ނުވެއެވެ. އަދި އެއީ ކޮންރަށެއްގައި ވަޒަންވެރިވި ބައެކޭވެސް ކަނޑަ އެޅިގެން ނުދެންނެވޭނެއެވެ. ރާއްޖޭގައި މިވާ ޤުދުރަތީ ޖަޒީރާތައް އުފެދިފައިވަނީ މީގެ 5500 އަހަރާއި 4500 އަހަރުގައި ކަމަށް ސައިންޓިފިކް ދިރާސާތަކުން ފެނިފައިވުމާއެކު، ރާއްޖޭގެ ޖަޒީރާ ރަށްތަކުގައި ބަޔަކަށް ދިރިއުޅެން ފެށޭނީ އެއަށްވުރެ ފަހުގެ ތާރީޚެއްގައިކަމުގައި ކަށަވަރެވެ (ކެންޗް، ސްމިތާސް، މެކްލީސް އަދި ނޮކޯލް، 2009) . ދިވެހިރާއްޖޭގެ ރަށްތައް އިންޑިޔާ އާއި ސިލޯނުގެ އައްސޭރިފަށާއި އެކަށީގެންވާ މިންވަރެއް ދުރުވީމާ، އިންޑިޔާއާއި ރާއްޖެ އެންމެ ގާތް ދިމާއިން އުތުރުގެ ރަށަކަށް އަންނަން ވެސް ރިޔާނެގި އުޅަނދެއްގައި މަދުވެގެން 3 ނުވަތަ 4 ދުވަސް ނަގާނެ އެވެ. ވުމާއެކު ރާއްޖޭގެ އެންމެ ފުރަތަމަ ވަޒަންވެރިންނަކަށް ވުންގާތީ އިންޑިޔާގެ ހުޅަނގު އައްސޭރި އާއި ޢަރަބި ކަނޑުގެ އުތުރު އައްސޭރިއާއި އެފްރިކާގެ އިރުމަތީ އައްސޭރި އާއި ސިލޯނުގެ ހުޅަނގު އައްސޭރިފަދަ ސަރަހައްދުތަކުގައި ދަތުރުކޮށް އުޅުނު އުޅަނދުތަކުގެ ތެރެއިން ބެހިގެން އައި އުޅަނދުތަކުގެ ދަތުރުވެރިންނެވެ. މީގެ އިތުރަށް ބޭ އޮފް ބެންގާލުގެ ސަރަހަށްދުން ސިލޯނުގެ އުތުރާއި ދެކުނު ބިތުން އިންޑިޔާގެ ހުޅަނގުބިތަށް ދަތުރުކުރި އުޅަނދުތަކުގެ ބަޔަކުވެސް ރާއްޖެއަށް ބެހިގެން އައުމަކީ ކައިރިކަމެކެވެ. ފަހުގެ އެކިއެކި ތާރީޚީ ލިޔުންތަކުން ވެސް އެނގޭގޮތުގައި މިސަރައްދުގައި ދަތުރުކުރި ގިނައަދަދެއްގެ އުޅަނދުފަހަރު ރާއްޖޭގެ ޖިއޮގްރަފީ ނޭގުމުގެ ސަބަބުން އެކިއެކި ރަށްރަށުގެ ފަރަށް އެކިދުވަސްވަރު އަރައި ހަލާކުވެފައިވެއެވެ. އަދި ރާއްޖޭގައި ދަތުރުވެރިން މަޑުކުރަން ޖެހިފައިވާކަން ޕީރާޑް ފަދަ ލިޔުންތެރިންގެ ލިޔުންތަކުން ފެނެއެވެ. 

އިރުވައި މޫސުމާއި ހުޅަނގު މޫސުމުގެ ވައި ދައުރުކުރާ ދިމާ- ސޯސް: ނާސާ

މަތީގައިވާ ކުރެހުމުން ދައްކައިދެނީ އިރުވައި އަދި ހުޅަނގު މޫސުމުގައި މި ސަރަހައްދުގައި ވައި ހުންނަގޮތެވެ. އެންމެ އިހުޒަމާނުގައި ރިޔާނެގި އުޅަނދުތައް ދަތުރުކޮށްފައިވަނީ މި ވަޔަށް ބަލައިގެންނެވެ. މަތީގައިވާ ދެކުރުހުން ބަލާލުމުން ދެތިން ކަމެއް ފާހަގަވާނެއެވެ. ފުރަތަމަ ކަމަކީ އިރުވައި މޫސުމުގައި އުތުރު އިންޑިޔާއިންނާއި ބޭއޮފް ބެންގާލުން ރާއްޖެއާއި ދިމާއަށް ވައި ހުންނަކަމެވެ. ދެވަނަ ކަމަކީ ހުޅަނގުމޫސުމުގައި އެފެރިކާ ބައްރުން ރާއްޖެއާއި، އިންޑިޔާގެ ހުޅަގަށާއި ބޭ އޮފް ބެންގާލާއި ދިމާއަށް ވައި ހުންނަ ކަމުގައެވެ.  އަދި ތިންވަނަ ކަމަކީ ދެކުނު އިންޑިޔާގެ ހުޅަނގުބިތުން އެ ސަރަހައްދުގެ ޖިއޮގްރަފީ އޮންނަގޮތުން ރާއްޖެއާއި ދިމާއަށް ވައި އެހާ ރަނގަޅުނޫން ކަމުގައެވެ. މިގޮތަށް މޫސުމީ ވައި ހުރުމާއެކު ބެހިގެން ރާއްޖެއަށް އަންނަބަޔަކު އާދެވުމުގެ ފުރުސަތު އެންމެބޮޑީ ވައި ޖެހޭ ދިމާއެއްގައިވާ މީހުން ދިރިއުޅޭ ހިކިފަސްތަނަކުންނެވެ. ދިވެހިބަހަކީ ޑްރެވީޑިއަން ބަހަކަށް ނުވެ އިންޑޯ-އާރިއަން ބަހަކަށް ވީ އެއް ސަބަބަކީ މިއީ ކަމުގައި ވެސް ދެންނެވިދާނެއެވެ. ޚުލާސާކޮށް ދަންނަވާނަމަ ރާއްޖޭގެ ފުރަތަމަ ގިނަ ވަޒަންވެރިންނަކީ އިންޑިޔާގެ ގުޖުރާތާއި މަހަރާސްޓް ފަދަ އުތުރު އިންޑިޔާގެ ސަރަހައްދަށް ނިސްބަތްވާ ވިޔަފާރީގެ ބޭނުންތަކުގައި އިންޑިޔާގެ ހުޅަނގު ފަރާތާއި ސިލޯނުގެ ހުޅަނގުއައްސޭރިފަށާއި ބޭއޮފް ބެންގާލުގެޕޯޓް ތަކަށް ދަތުރުކޮށް އުޅުނު އެއް ނަސްލެއްގެ ދަތުރުވެރިންނެވެ. ރާއްޖޭގައި މިބައި މީހުން ފުރަތަމަ ވަޒަން ވެރިވީއިރު މިބައިމީހުންނަކީ މި ސަރަޙައްދުގެ ވިޔަފާރިދަތުރުތައް އެންމެބޮޑަށް ކުރަމުންދިޔަ ދިގުދަތުރުތައް ކުރުމުގެ ކުޅަދާނަކަން ހުރިމީސް މީހުންނެވެ.  އިންޑިޔާގެ ތާރީޚަށް ބަލާލާއިރު މީގެ 2400 ބީސީ  ހިސާބުން ފެށިގެން މިފަދަ ދަތުރުތައް ކުރަން ފަށާފައިވެއެވެ. ނަންދާއިންނާއި މައުރްޔާއިންގެ (500-200 ބީސީ ގައި) ގެ ދުވަސްވަރާއި ހަމަޔަށް އައި އިރު މިފަދަ ދަތުރުތައް ވަރަށް ބޮޑުތަން އިތުވެފައިވެއެވެ. ގްރީކްގެ ކުރީގެ ލިޔުންތަކުގައި މައުރިއަން އެމްޕަޔާ (323-180 ބީސީ) ގެ މެރިޓައިމް ހަރަކާތްތަކުގެ ވާހަކަ ވެއެވެ. މައުރިޔަމް އެމްޕަޔާގެ އަޝޯކާގެ ދުވަސްވަރު މުޅި އިންޑިޔާގެ ސަބް ކޮންޓިނެންޓްގެ ސަރަހައްދުތަކާއި ވިޔަފާރިކޮށް ސިލޯނާއި މިސުރާއި ގްރީކާއި ދެމެދު ވިޔަފާރިގުޅުން ހިންގިކަމަށް އޮވެއެވެ.

ރާއްޖޭގައި ވަޒަންވެރިވާ މީހުންގެ އަދަދު މަތިވާން ފަށައިފައިވަނީ ބެލެވޭގޮތުގައި މައުރިޔަން ޑައިނާސްޓީގެ ވެރިކަން އޮތް ދުވަސްވަރުން ފެށިގެންނެވެ. 

މީލާދީން 250 ބީސީ އާއި 250 އޭޑީ އާއި ދެމެދު އަރަބިކަނޑު ހުރަސްކޮށް ވިޔަފާރި ދަތުރުކުރި އުޅަނދުތަކުގެ ތެރެއިން ބެހިގެން ރާއްޖެއާއި ހަމައަށް ބައެއް އުޅަނދުތައް އައި ކަމަށް ބެލެވޭ

މީލާދީން 1-2 ވަނަ ޤަރުނުގެ ތިމަރަ (ލެޑް) ލާރިއެއްގައި އިންޑިޔާގެ ރިޔާނެގި އުޅަނދެއް: ސޯސް- ވިކިމީޑިޔާ

ބެހިގެން ރާއްޖެއަށް އައި މީސްމީހުން އަނބުރާ ވަޒަނަށް ދިޔުމަށް ކުރެވުނު މަސައްކަތުގެ ތެރެއިންނާއި ކައިރީ ރަށްތަކަށް މީހުންތިބިތޯ ބެލުމަށާއި ކާބޯތަކެތިފަދަ ތަކެތި ހޯދަން ކުރިދަތުރުތަކުގެ ތެރެއިން މިބައިމީހުން ރާއްޖޭގެ އުތުރުން މަލިކުންފެށި ގެން އައްޑޫއަށް ފެތުރިގެން ދިޔައެވެ. އޭގެފަހުން ކައިރީގެ އެހެން ސަރަހަށްދުތަކުން ދެދޭތެރެއިން ބެހިގެންނާއި އިޤްތިސާދީ ބެނުންތަކަށާއި އެހެން ސަބަބުތަކާއި ގުޅިގެން އައި މީސްމީހުން އާންމުކޮށް ރާއްޖޭގައި މީހުން ދިރިއުޅެމުން އައި ރަށްތަކުގައި މަޑުމަޑުން ވަޒަންވެރިވަމުން ދިޔައެވެ. މި ހިޖުރަކުރުން މަޑުމަޑުން ކުރިއަށް ދިޔުމާއެކު، ރާއްޖޭގައި ކުރީއްސުރެ ތިބި ވަޒަންވެރިންގެ ބަހާއި، ސަޤާފަތާއި އާދަކާދައަށް އަލަށް އައިމީހުން ދިޔައީ ތަބަޢުވެ ޢަމަލުކުރަމުންނެެވެ. މިދެންނެވި ފަހުން އައި މީސްމީހުންނަކީ އެކިދުވަސްވަރު ސިލޯނުގެ ހުޅަނގު ބިތުން އައި މީހުންނާއި ބޭއޮފް ބެންގާލުގެ އިރުއުތުރުން އައިމީހުންނާއި ދެކުނު އިންޑިޔާއިން އައި މީހުންނާއި އަދި ކޮންމެވެސް އަދަދެއްގެ އެފްރިކާ ބައްރުން އައި ބަޔެކެވެ. މި ބައިމީހުން މައިގަނޑުގޮތެއްގައި އައިސްފައިވަނީ އެންމެފުރަތަމަ ވަޒަންވެރިން ރާއްޖެއާއި އަވަށްޓެރި ޤައުމުތަކާއި ދެމެދު ތަޢާރަފްކުރި ދަތުރުފަތުރުގެ ގުޅުމުންނެވެ. ފަހުން މިއައި މީހުން ދިވެހި ބަހުން މުޢާމަލާތްކުރަމުން ދިޔައިރު އެބައިމީހުންގެ މާދަރީ ބަހުގެ އަސަރު ރާއްޖޭގެ ދެކުނުގެ ވަޒަންވެރިންގެ ބަހަށްކުރުމުގެ ސަބަބުން ހުވަދޫ، ފޯމުލަކު އަދި އައްޑޫ ބަހުރުވަ އުތުރުގެ އަތޮޅުތަކާއި ދިގުމުއްދަތެއްގެ ތެރޭގައި ތަފާތުވެގެން ގޮސްފައިވެއެވެ.  

ފުރަތަމަ ވަޒަންވެރިން ރަށްތަކަށް ކުރިދަތުރުތަކާއި މުޅިރާއްޖެއަށް ފެތުރިގެން ދިޔަގޮތް

ދަތުރުވެރިން އަންނަ އުޅަނދެއް، ރަށެއްގެ ފަރަށް އެރިނަމަ މާގިނަގޮތްތަކެއް އެބައިމީހުންނަކަށް ނުމެ އޮންނާނެއެވެ. ކައިރީގެ ރަށްރަށަށް ދެވުނަސް ދުރު ދަތުރު ކުރުން އުދަގޫވާނެއެވެ. ރާއްޖެއަށް މިގޮތަށް އަންނަ މީހުންނަކީ ދަތުރުވެރިން ކަމުގައިވާތީ ކަނދުފަތިފަދަ ތަކެތި ހަދައިގެން މީހުން ދިރިއުޅޭ ރަށްތައް ހޯދުމަށާއި ކާށި އެއްކުރުމަށާއި ދަރު ހޯދުމަށާއި އަދި މަސްވެރިކަން ކުރުން ފަދަ ބޭނުންތަކަށް ކަނބާފައި ނުވަތަ ފަން ރިޔަލުގެ އެހީގައި ކުރުދަތުރުކޮށް ހެދުމަކީވެސް ބައެއް ރަށްރަށުގެ މީހުން ކޮށްފާނެ ކަމެކެވެ. މިފަދަ ދަތުރުތަކަކީ އެއްރަށުން އަނެއްރަށަށް މީހުން ހިޖުރަކުރުމަށާއި އިތުރު ރަށްރަށުގައި މީހުން ވަޒަންވެރިވަން އެހީތެރި ވާނޭކަމެކެވެ. މީގެ 50 ވަރަކަށް އަހަރާ ޖެހެންދެން ވެސް މިފަދަ ބޭނުންތަކަށް ކުދިރަށްރަށުގެ މީސްމީހުން ފަޅުރަށްތަކަށް ގޮސް އުޅުނެވެ. 1192 ވަރަކަށް ޖަޒީރާ ރާއްޖޭގައި އޮތްއިރު މީހުން ދިރިއުޅެމުން އައިސްފައިވަނީ އެކިބޮޑުމިނުގެ 199 ރަށުގައެވެ. އަދި ވަރަށް ފަހާޖެހެންދެންވެސް ރާއްޖޭގެ ގިނަ ރަށްރަށުގައި އުޅެމުން އައިސްފައިވަނީ ދެ ތިން ޢާއިލާ އެކެވެ. އަދި ބައެއް ރަށްރަށުގައި އެހާމެ އާބާދީވެސް ކުޑަމެއެވެ. ވުމާއެކު މިބައިމީހުން ގެ ހިޖުރަކުރުން ވަކި މިންވަރެއްގައި ހުރިކަން އެބަ އެނގެއެވެ. ބައެއް ފަހަރަށް ބޮޑެތި ފަޅުރަށްތައް ގާތުގައި އޮންނަ އިރުވެސް އާދަޔާ ޚިލާފަށް ކުދިރަށްތަކުގައި މީހުން ދިރިއުޅެމުން އައިސްފައިވެއެވެ. ފަހަރުގައި އެއީ ފުރަތަމަ އާދެވުނު ރަށްކަމުގައިވާތީ ކަމުގައިވެސް ވެދާނެއެވެ.  އިތުރު ގިނަރަށްތަކެއްގައި މީހުން ވަޒަން ވެރި ނުވެ ފަޅުކޮށް މިހާ ދުވަހަށް އޮތް ސަބަބަކީ ރާއްޖެއަށް އުޅަނދުފަހަރު ޖައްސަމުން ގޮސްފައިވަނީވެސް މީހުން ދިރިއުޅޭ ރަށްރަށުގައި ކަމުގައިވާތީ ކަމަށް ބެލެވެއެވެ. 

މޫސުމީ މަސްވެރިންނާއި ފުރަތަމަ ޤާއިމްވީ ރާއްޖޭގެ ވިޔަފާރީގެ ގުޅުން

ރާއްޖޭގެ ރަށްތަކަށް ބެހިގެން އައިބަޔަކަށް އަބުރާ އައްސޭރިފަށުގެ ސަރަހައްދަކަށް ދެވޭނީ ހުޅަނގު މޫސުން ފެށި އިންޑިޔާއާއި ދިމާއަށް ވައި ޖެހެން ފެށުމުންނެވެ. މިގޮތުން ފަރަށް ނާރާ ސަލާމަތްވާ އުޅަނދުތަކުގެ ބައެއްމީސްމީހުން ރާއްޖޭގައި މަސްތަކަށް މަޑުކޮށް ހުޅަނގުމޫސުން ފެށުމުން ވަޒަނަށް އެބައިމީހުން އައި އުޅަނދުތަކުގައި ހިނގާދާނެއެވެ. އެކިދުވަސްވަރުގައި ރާއްޖެއަށް އައިސް ގޮސްހަދާ ދަތުރުވެރިންނާއި ވިޔަފާރިވެރިން، ރާއްޖޭގެ ރަށްތަކުން މީރުފެނާއި، ކާއްޓާއި މަހާއި ބޮލި ގިނަ މިންވަރަކަށް ލިބޭތީ އެބައިމީހުންގެ އާއިލާތައް ގެނަސް ރާއްޖޭގައި ދިރިއުޅެންފަށައިދާނެ އެވެ. މިގޮތަށް މަސްވެރިކަން ރަނގަޅު މޫސުމާއި ދިމާކޮށް މަސްވެރިކަންކުރަން އަންނަ މަސްވެރިންނާއެކު އެބައިމީހުންގެ އާއިލާތައްވެސް ގެނައުމަކީ އެކަށީގެންވާ ކަމެކެވެ. މިގޮތަށް ވަގުތީގޮތުން އަންނަ މީސްމީހުން ވެސް އާއިލާގޮވައިގެން ގިނަގިނައިން ދުރުދަތުރުކުރަން ޖެހޭތީ ރާއްޖޭގައި އެންމެފަހުން ވަޒަންވެރިވެ ތިބެން ފަށައިދާނެއެވެ. މިގޮތުން އާންމުކޮށް ރާއްޖޭގެ މަސްވެރިކަން ރަގަޅު ހުވަދު އަތޮޅަށް ސިލޯނުގެ ހުޅަނގުބިތުން ފާހަގަކުރެވޭ އަދަދަކަށް މަސްވެރިއާއިލާތައް ހިޖުރަކޮށްފައިވުން އެކަށީގެންވެއެވެ. އޭގެ ސަބަބުން އެއަތޮޅުގެ ބަހުރުވަ އާއި ވާހަކަދެއްކުމުގެ ރާގު އެހެން އަތޮޅުތަކަށްވުރެ ސިންހަލައާއި ވަށްތަރުކަން ބޮޑެވެ. އެންމެދެކުނުގައި އޮތް އައްޑުއަތޮޅަށްވެސް ސިލޯނުގެ މަސްވެރި އާއިލާތަކަކާއި އެހެނިހެން މީސްމީހުން ބޭ އޮފް ބެންގާލުގެ މަގުން އައިސްފައި ވުންގާތެވެ. ވުމާއެކު ބަހުރުވައާއި ވާހަކަދެއްކުމުގެ ރާގު ހުވަދު އަތޮޅާއި އައްޑޫ ތަފާތެވެ. މި ދެއަތޮޅު މެދުގައި އޮންނަ ފޯއްމުލަކުގެ ބަހުރުވައަށް ހުވަދުއާއި އައްޑު އަތޮޅުގެ ބަހުރުވައިގެ އަސަރުކޮށްފައިވެއެވެ. ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށްވެސް ސިލޯނުގެ މަސްވެރިންގެ އިތުރަށް ހުޅަނގު ދެކުނު އިންޑިޔާގެ މަސްވެރިއާއިލާތަކެއް ވެސް ހިޖުރަކޮށްފައިވުން ގާތެވެ. މަސްވެރިންނަކީ ދެވަނަބުރުގެ ހިޖުރަކުރިމީހުން ކަމުގައި ބެލެވެއެވެ. މިބައިމީހުން ހިޖުރަކޮށްފައިވަނީ ދެދޭތެރެއިން ރާއްޖޭގެ އެކި ސަރަހައްދުތަކަށް މަދުމަދުންނެވެ. މައިގަނޑުގޮތެއްގައި ފުރަތަމަ ވަޒަންވެރިން ދިރިއުޅެމުން އައި ރަށްތަކަށެވެ.

ކޮންމެއަކަސް ރަށްތަކުގެ ވަޒަންވެރިންނާއި ގުޅުން ހުންނަ ވިޔަފާރިއުޅަނދުތަކުން މަހާ ކާއްޓާއި ބޮލިފަދަ ދިވެހި އުފެއްދުންތައް ގަތުމުގެ ގޮތުން ދިވެހިންބޭނުންވާ ތަކެތި ގެނަސް ތަކެއްޗާއި ތަކެތި ބަދަލު ކުރުމުގެ ވިޔަފާރި އެންމެ ފަހުން އުފެދެން ފަށައިދާނެއެވެ. އަލަށް އުފެދޭ ވިޔަފާރީގެ މަގުގެ ސަބަބުން ރާއްޖޭގެ ރަށްތަކަށް ޖައްސާ އުޅަނދުފަހަރު ގިނަވެ މަޑުމަޑުން އާބާދީ އިތުރުވުމަށް މަގު ފަހިވެގެން ހިނގައިދާނެއެވެ. މިގޮތުން އަލަށް ވަޒަންވެރިވަމުން ދިޔައީ ވިޔަފާރިއުޅަނދުތައް ޖައްސާ މީހުން ދިރުއުޅޭ ރަށްތަކުގައި ކަމުގައިވާތީ އައު ރަށްރަށުގައި މީހުން ވަޒަންވެރިވަމުން ދިޔުމުގެ ބަދަލުގައި އާބާދީ އިތުރުވަމުން ދިޔައީ އުޅަނދުތައް ޖައްސާ ރަށްރަށާއި ގާތުގައިވާ މީހުން ދިރިއުޅޭ ރަށްތަކުގައެވެ. މިދެންނެވި ބަދަލުތަކަކީ ދިގުމުއްދަތަކުން މަޑުމަޑުން އައި ބަދަލުތަކެކެވެ. ފާހަގަކޮށްލަންޖެހޭ ހަޤީގަތަކީ ވަރަށް ފަހާޖެހެންދެންވެސް ދެކުނާއި މެދުރާއްޖެތެރެއިންނާއި އުތުރުން ރާއްޖޭގެ އުފެއްދުންތައް އޮޑިފަހަރުގައި ކައިރީގެ އަވަށްޓެރި ޤައުމުތަކަށް ގެންގޮސް ވިއްކާ އަދި ބޭނުންވާ ތަކެތި އައީ ރާއްޖެއަށް އިމްޕޯޓްކުރަމުން ގޮސްފައިވާކަމެވެ. އިލްމީ ލިޔުންތަކުގައިވެސް، ވަރަށް ކުރީއްސުރެ ވިޔަފާރިދަތުރުތައް އަވަށްޓެރި ޤައުމުތަކަށް ދިވެހިން ކުރަމުން ގޮސްފައިވާކަން ފެންނަން އެބައޮތެވެ. ރާއްޖޭގެ ފަސްގަނޑުގައި ޒަމާނުއްސުރެ ހެދެމުން އައިސްފައިވާ ގޮވާމާއި މޭވާގެ ބާވަތްތަކަކީ ހިޖުރަކުރަމުންދިޔަ މީސްމީހުން ތަޢާރަފްކުރި ބާވަތްތައް ކަމުގައި ބެލެވެއެވެ.

އަލަށް ޤާއިމްވެގެން އައި ވިޔަފާރީގެ ގުޅުމާއެކު ސަރަހަށްދީ ވިޔަފާރީގައި ރާއްޖޭގެ ބޮލިވެސް މުހިއްމުދައުރެއް އަދާކުރިއެވެ. ރާއްޖޭގެ ފުރަތަމަ ވަޒަންވެރިންގެ ތެރޭ ދަތުރުފަތުރުކޮށް އުޅުމީހުންނާއި ވިޔަފާރިވެރިންވެސް ހިމެނޭތީ މިގޮތަށް މިކަންވުން ވަރަށް ގާތެވެ. ކާށިދޫގެ ބުޑިސްޓް މޮނާސްޓްރީގެ އާކިޔޮލޮޖިކަލް ސައިޓުން ފެނިފައިވާ އެންމެ ދުވަސްވީ ބޮއްޔަކީ މީލާދީން 165 އާއި  345 ދެމެދުގެ ތަކެއްޗެވެ (މައިކަލްސެން، 2000). ވުމާއެކު އެހާކުރީއްސުރެ ރާއްޖޭގެ މީހުން ބޮލިހިލަމުން ފައިސާ އާއި ވިޔަފާރީގެ ބޭނުމުގައި ބޮލިގެންގުޅެފައިވާ ކަން އެނގެއެވެ. ބޮއްޔަކީ 1300 ބީސީ އިންފެށިގެން އޭޝިޔާ، އެފްރިކާ، އޯޝީނިޔާއާއި ބައެއް ޔޫރަޕްގެ ސަރަހައްދުތަކުގައި ފައިސާގެ ގޮތުގައި ބޭނުންކުރަމުން އައި އެއްޗެކެވެ. ގާތްގަޑަކަށް 500 އޭޑީ ހަމަޔަށް އައިއިރު އުތުރާއި މެދުތެރޭ އިޔޮރޮޕްގައި ކުދިބޮލި ބޭނުންކޮށްފައިވާ ކަން އެ ސަރަހައްދުތަކުގެ އާކިޔޮލޮޖިކަލް ސައިޓްތަކުން އެނގެއެވެ (މައިކަލްސެން، 2000). 

ހަނގުރާމަތަކުން ސަލާމަތްވުމަށް ރާއްޖެއަށް އައި މީހުން

ރާއްޖެއަށް ހިޖުރަކުރި މީސްމީހުންގެ ތެރޭ ހަނގުރާމަތަކުން ސަލާމަތްވާން ފިލިމީސްމީހުންވެސް ތިބޭނެކަމަށް ލަފާކުރެވެއެވެ. މިގޮތުން ބޭއޮފް ބެންގާލުގެ އިރުއުތުރު އައްސޭރިފަށުން ދެފަހަރަކު ބަޔަކު ގިނައަދަދަކަށް އައުން އެކަށީގެންވެއެވެ. މިގޮތުން 268 ބީސީއިން 232 ބީސީއަށް މުޅި އިންޑިއަން ސަބްކޮންޓިނެންޓަށް އަޝޯކާގެ ވެރިކަން ފެތުރި ކަލިންގާ އަޝޯކާގެ އަތްދަށަށް ދިޔަ ލޭއޮހޮރުވުން ބޮޑުހަނގުރާމައިގެ ފަހުގައި 150000 މީހުން ސިޔާސީ ކުއްވެރިންގެ ޑީޕޯޓް ކުރިކަމަށް އިންޑިޔާ ތާރީޚްގައިވެއެވެ. ވުމާއެކު މީގެން ބަޔަކު ސިލޯނަށާއި ރާއްޖެއަށް އައުމަކީ ވެދާނެގޮތެކެވެ. މިނޫނަސް މިފަދަ ބޮޑެތި ހަނގުރާމަތަކުން ފިލުމަށް ރާއްޖޭގެ ރަށްތައް ދަންނަ ދަތުރުވެރިން މާޒީގައި ރާއްޖޭގެ ރަށްތަކަށް ހިޖުރަކޮށްފައި ވެދާނެއެވެ.

އޮޑިޝާއާއި ސިލޯނާއި ދަތުރުކުރެވުނުމަގު ސޯސް: ސަންޑޭޓައިމްސް.އެލްކޭ 

ޗައިނީސް ބުޑިސްޓް ހަޔަން ސޯންގް (602-664)، އިންޑިޔާގައި އޮތް “މަގަދާ” ގެ ސަރަހައްދުގައި އޭނާގެ ދުވަސްވަރަށްވުރެ ޤަރުނުތަކެއް ކުރިން އުޅުނު ރަސްކަލެއްގެ ވާހަކަ ލިޔެފައިވެއެވެ. އެވާހަކައިގައިވާގޮތުން ދެކުނު އިންޑިޔާގައި ކުރީޒަމާނުގައި މަހިރަކުލާ (Ta-tso) ކިޔާ އަނިޔާވެރިރަސްކަލެއް އުޅުނެވެ. އޭނާ އަވަށްޓެރި އެހެން ޤައުމުތައް ހިފައި އިންޑިޔާގެ ބޮޑުސަރަހައްދަކަށް ވެރިކަން ކުރިކަމުގައިވެއެވެ. އޭރު މަގަދާގައި ވެރިކަން  ކުރި ބަލާ އަދިތްޔާ (ގުޕްތާ އެމްޕަޔާރ ގެ ނަރަސިމްހަގުޕްތާ ބަލާ އަދިތްޔާ- (c.495 – c. 530 CE) މަގަދާއިން ޖިޒީ ދިނުމަށް ދެކޮޅުހަދައި އޭނާގެ ސަރަހައްދު ބެލެހެއްޓުން ވަރުގަދަކުރުމާއި ގުޅިގެން މަހިރަކުލާ ބޮޑު ލަޝްކަރެއް އެއްކޮށްގެން ބަލާއަދިތްޔާ ހަގުރާމަކުރަން ތައްޔާރުވިއެވެ.  މި ޚަބަރު ލިބިގެން ވެރިކަން ދޫކޮށްލާ އޭނާޔަށް ތާއީދުކުރާ ގިނައަދަދެއްގެ ބަޔަކާއެކު ބަލާ އަދިތްޔާ ކަނޑުގައި އޮތް ޖަޒީރާއެއްގައި ނުވަތަ ޖަޒީރާތަކެއްގައި ފިލިކަމުގައި ވެއެވެ. މިވާހަކައަކީ ތެދުވާހަކަށް ވާނަމަ މަގަދާއިން (އިރުއުތުރު އިންޑިޔާގެ ބިހާރު އޮންނަ ހިސާބު) ބުޑިސްޓް އާއިލާތަކެއް ރާއްޖެއަށް ހިޖުރަކޮށްފައިވެދާނެއެވެ. ނަމަވެސް ކާށިދޫ މޮނާސްޓްރީ އިން 165 ސީޢީގެ ބޮލިފެނިފައިވާތީ ބުޑިޒަމް ފުރަތަމަ ފަހަރަށް އައިސްފައިވަނީ އެއަށް ވުރެ ކުރިންނެވެ. ވުމާއެކު ބުޑިޒަމް ތައާރަފްކުރީ ހުޅަނގު އުތުރު އިންޑިޔާއިން ހިޖުރަކުރި ބައެއްކަމެއް ބޭ އޮފް ބެންގާލާއި ސިލޯނުން ހިޖުރަކުރިބައެއްކަމެއް ކަނޑައެޅިގެން ބުނަން ދައްޗެވެ. އެކަމަކު އިތުރު ދިރާސާގެ އަލީގައި އެކަމަށް ގޮތެއް ފަހަރުގައި ނިންމިދާނެއެވެ.

ފަހުގެ ހިޖުރަކުރުންތައް

ދެކުނު އިންޑިޔާގެ ޤައުމުތަކުގެ ކަނޑުގެ ވިޔަފާރިއަށް ބަލާއިރު ޗޯލާއިން (3-13 ޤަރުނަނަށް) އާއި ޕަންޑްޔާ ވެސް (6-16 ވަނަ ޤަރުނަށް) ފާހަގަކޮށްލަންޖެހެއެވެ. ނަމަވެސް ދެކުނު އިންޑިޔާއިން ރާއްޖެއަށް ހިޖުރަކުރުން އިތުރުވެފައިވަނީ އިންޑިޔާކަނޑުގެ ވިޔަފާރީގެ ތެރެއަށް ދެކުނު އިންޑިޔާއަށް ނިސްބަތްވާ ޤައުމުތައް ބޮޑަށް ވަން ހިސާބުންނެވެ. ޗޯލާއިންނާއި ޕަނޑްޔާއިން ބޮޑަށް ވިޔަފާރީގެ މުޢާމަލާތް ކުރިން ހިންގާފައިވަނީ ބޭއޮފް ބެންގާލްގެ ސަރަހައްދުގައެވެ. އެބަމީހުން އިންޑިޔާގެ ހުޅަނގަށް އައީ ވަރަށް ފަހުންނެވެ. ޗޭރާއިންވެސް ބޮޑަށް ވިޔަފާރި ކޮށްފައިވަނީ އަރަބިކަނޑު ހުރަސްކޮށް ރާއްޖޭގެ އުތުރުފަރާތުންނެވެ. ވުމާއެކު ފުރަތަމަކޮޅު ބެހިގެން އައި އުޅަނދުތަކެއް ދެދޭތެރެއިން އައިކަމުގައި ވިޔަސް ގިނަ ހިޖުރަކުރުންތައް އައީ މީލާދީން 3 ވަނަ ޤަރުނަށްވުރެވެސް ފަހުންނެވެ. އެއީ މިބައިމީހުންގެ މެރިޓައިމް ހަރަކާތްތައް ފުޅާވެ، ރާއްޖެއަށް ދެކުނު އިންޑިޔާގެ އުޅަނދުތައް ދެދޭތެރެއިން ފިޔަފާރިކަމު އަންނަންފެށި ހިސާބުންނެވެ. 

 

300 ބީސީ އިން 200 އޭޑީއަށް ދެކުނު އިންޑިޔާގެ ރަސްކަލުން ވެރިކަން ކުރި ސަރަހައްދުތައް (އޭރުގެ ޤައުމުތަކެއް)- ސޯސް:GlobalSecurity.org

ޗޭރާއިން މީލާދީން 12 ވަނަ ޤަރުނުގައި އިރުވައި މޫސުމާއި ހުޅަނގުމޫސުމުގެ ވައިގެ އެހީގައި އިންޑިޔާގެ ޓައިންޑިސް (ޕެރިޔަޕައްތަނަމް) މުޒިރިސް (ޕައްޓަނަމް) އިން ސީދާ ޢަރަބިކަނޑު ހުރަސްކޮށް އަރަބިކަރައިގެ ޕޯޓްތަކާއި ވިޔަފާރިކޮފައިވައި ވެއެވެ. ވުމާއެކު މީލާދީން 3 ވަނަ ޤަރުނާއި 13 ވަނަ ޤަރުނާއި ދެމެދަކީ ދެކުނުއިންޑިޔާގެ ޤައުމުތަކަށް ނިސްބަތްވާ މީހުން ރާއްޖޭގައި ވަޒަންވެރިވެފައި ވާނޭ ދުވަސްވަރެއް ކަމުގައި ބެލެވެއެވެ

ރާއްޖެއަށް މީހުން ހިޖުރަކުރަމުން ދިޔަމަގުތައް. ރީދޫކުލައިން ދައްކައިދީފައިވަނީ ރާއްޖޭގެ ފުރަތަމަ ވަޒަންވެރިންނާއި ސިލޯނުގެ ސިންހަލައިން އެއްދުވަސްވަރެއްގައި ރާއްޖެއަށާއި ސިލޯނަށް ހިޖުރަކުރިގޮތް. ހުޅަނގުއުތުރު އިންޑިޔާގެ މީހުންނާއި، ލަކްޝަދީޕް މީހުންނާއި، ސިލޯނު މީހުންނާއި ދިވެހިން ޖެނެޓިކްގޮތުން އެއްގޮތްކަން ހުންނަކަން ފެނިފައިވޭ. ރަތްކުލައިން ދައްކާދީފައިވަނީ ފަހުން އެކިދުވަސްވަރު އެކި އަދަދަށް މީހުން ހިޖުރަކުރަމުން ދިޔަ މަގު. މިހުރިހާ ހިޖުރަކުރުން ފަހިވެފައިވަނީ މޫސުމީ ވައިގެ ސަބަބުން.

ދިވެހިބަހާއި އުތުރު އިންޑިޔާގެ ބަސްތަކާއި ހުރިގުޅުން

ކުރިން ދެންނެވިފަދައިން ދިވެހިރާއްޖޭގެ ފުރަތަމަ ވަޒަންވެރިންގެ ތެރެއިން ގިނައަދަދެއްގެ ބަޔަކީ އެއް ބަހަކުން ވާހަކަދައްކާ އެއްކަހަލަ ސަޤާފަތެއްގެ އެއް ނަސްލެއްގެ ބަޔެކެވެ. އެތައް ޒަމާނަކަށް ދެމިގެންދިޔަ އެކަހެރިކަމުގެ ސަބަބުން ދިވެހިބަހާއި ސަޤާފަތް މި ސަރަހައްދުގެ ޤައުމުތަކާއި ވަކިން ތަރައްޤީވެގެން އައެވެ. އަދިދަތުރު ފަތުރުކުރުމުގެ ދަތިކަމުގެ ސަބަބުން އުތުރާއި ދެކުނުގެ ބަހުރުވަ ދިގުމުއްދަތެއްގެ ތެރޭ އެހެން ސަބަބުތަކާއެކު ތަފާތުވެގެން ވެސް ދިޔައެވެ. ސިންހަލަ ފިލޮލޮޖިސްޓް ޑިސިލްވާ (1970 ބީ) ލަފާކޮށް ލިޔުއްވާފައިވަނީ ދިވެހިރާއްޖެ ކޮލޮނައިޒްކޮށްފައިވަނީ ސިލޯނާއި އެއްދުވަސްވަރެއްގައި ދެކުނު އިންޑިޔާއިން އައި އިންޑޯ-އާރިއަން ނަސްލުގެ މީހުންކަމުގައެވެ. އަޅުގަނޑު ޤަބޫލުކުރަނީ ފުރަތަމަ ވަޒަންވެރިންނަކީ އުތުރު އިންޑިޔާއިން އައި ބަޔަކު ކަމުގައެވެ. އިންޑޯ-އާރިއަނުންނަކީ މެދުތެރޭ އޭޝިއާއިން ދެކުނު އޭޝިޔާއަށް ހިޖުރަކުރި ގެރި ބަކަރި ފަދަ ޖަނަވާރު ގިނައަދަދަތައް ހާމަ ބިމުގައި ގެންގުޅުނު އިންޑޯ-އިޔޮރޮޕިއަން ނަސްލުގެ ބައެކެވެ. 

އިންޑޯއާރިއަން ބަހުން ވާހަކަދައްކާ ސަރަހައްދުތައް

ދިވެހިރާއްޖެއަކީ އެންމެ ދެކުނުގައި އޮންނަ އިންޑޯ-އާރިއަން ބަހުން ވާހަކަދައްކާ ޤައުމެވެ. އިންޑޯ އާރިއަން ބަހާގުޅޭ ގޮތުން ދިރާސާ ކުރާ މީހުން ލިޔެފައިވާ ގޮތުން ދިވެހިބަހާއި އެންމެ ތިމާގެ ބަހަކީ ސިންހަލަ ބަހެވެ. ބަހުގެ ޢިލްމުވެރިން ބުނާގޮތުން މި ދެބަސްވެސް އުފެދިފައިވަނީ 500 ބީސީ އާއި 500 އޭޑީއާއި ދެމެދު އިންޑިޔާގައި މީހުން ވާހަކަދައްކައި އުޅުނު އިންޑޯ-އާރިއަން ބަހެއްކަމަށްވާ “ޕްރަކްރިތްސް” ބަހުންނެވެ. މީލާދީން 875 ހަމަޔަށް އިންޑިޔާގެ މަހަރާޝްޓްރާގައި މީހުންވާހަކަދެއްކި މަހަރާޝްޓްރީ އަކީ ވެސް ޕްރަކްރިޓް ބަހުން އުފެދުނު ބަހެކެވެ. އެއީ މިހާރުގެ މަރާތީ އާއި ކޮންކަނީ އައި ބަހެވެ.  މިހެން ކަމުން ސިންހަލައާއި ދިވެއްސާއި އެންމެ ގާތްކުރާ އިންޑޯ-އާރިއަން ބަސްތަކަކީ މަރާތީ، އޮޑިޔާ އުރުދޫ/ހިންދީ ފަދަ ބަސްބަހެވެ. އަދި މަތީގައިވާ ކުރެހުމުގައި އެ ގުޅުން ފެހިކުލައިން ފާހަގަކުރެވިފައިވެއެވެ. ދިވެހިބަހުގެ ބަސްކޮށާރައިގައި މިއަދު މަޅިޔާލަމް، ތަމަޅަ، ޢަރަބި، އިނގިރޭސިފަދަ ބަސްބަސް ވެސް އެކުލެވިގެން ވެއެވެ. މި ބަސްބަސް އައިސްފައިވަނީ ދީނާއި ވިޔަފާރީގެ މުޢާމަލާތްތަކުގެ ސަބަބުންނެވެ. އޭގެ އިތުރަށް ފަހުން ހިޖުރަކުރި މީހުންގެ ކިބައިންނެވެ.  ފަހުން ހިޖުރަކުރިމީހުން ރާއްޖޭގެ ފުރަތަމަ ވަޒަންވެރިންނާއި އެބައިމީހުންގެ ބަހުން މުޢާމަލާތްކުރަން އިސްކަންދިންނަމަ ހިޖުރަކުރިމީހުންގެ ބަހުގެ ނުފޫޒު ވަރަށް ބޮޑުތަން ކުޑަވާނެއެވެ. މިހެންވާނީ ވަޒަންވެރިންގެ ނިސްބަތް ހިޖުރަކުރާ މީހުންނަށްވުރެ ތަނެއްގައި ގިނަވީމައެވެ. އޭގެ ރަނގަޅު މިސާލަކީ މިއަދުގެ ބަންގްލާދޭޝް މީހުންގެ ބަސް ދިވެހިބަހުގެ ނުފޫޒެއް ދިވެހިބަހަށް ނުކުރާކަމެވެ. ތިރީގައިވާ ލިސްޓުގައިވަނީ 1 ން 100 އަށް އެކި ބަސްބަހުން ގުނާ އަދަދުތައް ކިޔާގޮތެވެ. މި ލިސްޓުން ވަރަށް ސާފުކޮށް ދިވެހިން ކިޔާގޮތާއި ސިންހަލަ، މަރާތީ، އޮޑިޔާ އާއި އުރުދޫ ބަހުން ކިޔާގޮތާއި ގުޅުން ހުންނަކަން އެނގެއެވެ. އެހެނަސް ތަމަޅައާއި މަޅިޔާލަމުން އަދަދުތައް ކިޔާގޮތާއި އެއްވެސް ގުޅުމެއް ފެންނަން ނެތެވެ. މިބަސްތައްވެސް ދިވެހިބަހަށް އައިސްފައިވަނީ ކުރިން ކުރެވިފައިވާ ވިޔަފާރީގެ މުއާމަލާތަކުންނާއި ހިޖުރަކުރިމީހުންގެ ފަރާތުންނެވެ.

އިންޑޯއާރިއަން ބަސްތަކުގެ ގުޅުންދައްކައިދޭ ފެމެލީ ޓްރީ: ސޯސް: ވިކިޕީޑިއާ

ދިވެހި މޭވާ އާއި ތަރުކާރީއަށް ޕަންޖާބީ އަދި މަރާތީން ކިޔާގޮތް

ދިވެހިބަހާއި ކައިރިކުރާ ސިންހަލަ އަދި ތަމަޅައިން ހަށިގަނޑުގެ ގުނަވަން ތަކައް ކިޔާ ނަންތައް. މި ލިސްޓުންވެސް ތަމަޅަ ނަންތަކާއި ގުޅުން އާދަޔާއި ޚިލާފަށް ކުޑަ.

ދިވެހިބަހާއި ކައިރިކުރާ ބައެއް ބެންގާލީ ބަސްތައް

ޖެނެޓިކް ސްޓަޑީތަކުން ފެންނަ ހެކި

ރާއްޖޭގައި މިހާހިސާބަށް ހެދިފައިވާ ޖެނެޓިކް ސްޓާޑީތަކުން ފެންނަނީ ދިވެހިންގެ ނަސްލަކީ ދެކުނު އޭޝިޔާ މީހުންގެ ނަސްލުކަމުގައެވެ. މިގޮތުން ދިވެހިންގެ މައިފަރާތާއި ބަފައި ފަރާތްވެސް ގުޅެނީ މި ސަރަހައްދުގެ މީހުންނާ އެވެ. ދިވެހިންގެ ގެ ތާރީޚީ ހިޖުރަކުރުމުގެ ހާދިސާތައް ދެނެގަތުމަށްޓަކައި މީހުން ދިރިއުޅޭ 119 ސަރަހައްދަކުން ގުޅުންނެތް 114 މީހުންގެ އޮޓޯސޯމަލް ޑީއެންއޭ، މައިޓްރޮކޮންޑްރިއާ އަދި ވައި ކްރޮމޮޒޯނަލް ޑީއެންއޭ މާކާރ ބޭނުންކޮއްގެން ހެދި ދިރާސާއިން ފެނިފައިވަނީ ރާއްޖޭގެ ހެޕްލޯ ގްރޫޕްގައި ހިމެނެނީ މައިގަނޑުގޮތަކަށް M، R އަދި U ކްލޭޑެވެ. Y ހެޕްލޯ ގްރޫޕްގައިވަނީ H1, J2, L, R1a1a  އަދި R2 އެވެ. މި ދެންނެވި R1a1a ހެޕްލޯގްރޫޕް އުފެދި ފެތުރުނުގޮތް ތިރީގައިވާ ކުރެހުމުން ފިޔާތޮށި ކުލައިން އެފެންނަނީ އެވެ.

ވާރުތަވާ ބަލިތަކަކީ މައިފުށުން ނުވަތަ ބަފައިފުށުން ޖެނެޓިކް ގޮތުން ތިމާއަށް ލިބޭ އެއްޗެކެވެ. ޔަދަވް، ޕަންޗަލް އަދި މެނަން (2022) ވިދާޅުވާގޮތުން ތެލެސީމިޔާގެ ބުރަ އެންމެ ބޮޑަށް އުފުލަން ޖެހެނީ ހުޅަނގު އުތުރު އިންޑިޔާގެ ސްޓޭޓްތަކެވެ. ލިޔުންތަކުން ފެންނަގޮތުގައި ރާއްޖޭގެ 16-18 ޕަސެންޓް މީހުންނަކީ ބީޓާ-ތެލެސީމިޔާ ކެރިއަރުންނެވެ. ވުމާއެކު މިބަލި ދިވެހިންނަށް ވާރުތަ ވުމުގެ މައިގަނޑު ސަބަބުގެ ތެރޭގައި އަޅުގަނޑުމެންގެ ކާބަފައިން ނަކީ އެވޭލާ ޒަމާނުގައި މިސަރަހައްދަށް ނިސްބަތްވާ މީހުންކަމަށްވުން ވަރަށް ގާތެވެ. 

މުސްތާކު އާއި އޭނާގެ ބައިވެރިން (2019) ލަކްޝަދީޕްގެ މީހުން ބޭނުންކޮއްގެން ހެދި ޖެނެޓިކް ސްޓަޑީއިން އެބައިމީހުން އިންޑިޔާއާއި ސިލޯނާއި ރާއްޖޭގެ މީހުންނާއި ޖެނެޓިކްގޮތުން ގުޅޭކަމަށް ނޭޗާގައި ޝާއިއު ކޮށްފައިވާ ލިޔުމެއްގައިވެއެވެ. އެބައިމީހުން ގެ އާޓިކަލްގައި ވާ ތިރީގައި ވާ ތަސްވީރުތައް ބަލާލުމުން މައިފަރާތުންނާއި ބަފައިފަރާތުން އިންޑިޔާގެ ގުޖުރާތާއި ސިލޯނާއި ރާއްޖެމީހުންނާއި ޖެނެޓިކް އެއްވުމުގެ ނިސްބަތް އެހެން ސަރަހައްދުތަކާއި އަޅާބަލާއިރު ކައިރިކޮށް އެއްގޮތްކަން ފާހަގަކުރެވެއެވެ. މިކުރެހުމަށް ބަލާއިރު ފާހަގަވަނީ ދިވެހިންގެ ޖެނެޓިކް ގޮތުން ހުޅަނގު އިޔޮރޭޝިޔާ މީހުންނާއި އިންޑޯ އާރިއަނުންނާއި ގުޅޭކަމެވެ. ޕޮޓަލްމީގެ ފޮތުގެ ޓްރާންސްލޭޝަންގައި ބަޔާންކޮށްފައިވާ ގޮތުން މަހަރާސްޓްރާގައި އޭނާގެ ދުވަސްވަރު (100 އޭޑީ) ދިރިއުޅުނު މީހުންނަކީ މައިގަނޑުގޮތެއްގައި އާރިއަން ނަސްލުގެ މީހުންނެވެ. އެބައިމީހުންގެ މައްޗަށް ވެރިކަން ކުރަމުން ގޮސްފައިވަނީ އޭރު އިންޑިޔާގެ ޕްރިންސަސް އެކެވެ. މިސަރަހައްދު އެދުވަސްވަރު ތިންބަޔަކަށް ބެހިފައިވާއިރު އައްސޭރިފަށުގައި އުޅުނީ ވިޔަފާރިވެރި އާއިލާތަކެވެ (މެކްކްރިންޑްލް، 1884).

ލަކްޝަދީޕް ގެ ބަފައިފުށުގެ ޖެނެޓިކްގޮތުން އަވަށްތެރިންނާއި ގުޅުން ހުރިގޮތް –މުސްތާކު އާއި އޭނާގެ ބައިވެރިން (2019)

ސިންހަލައިންނަކީ ޖެނެޓިކްގޮތުންނާއި ބަހުގެ ގޮތުން ދިވެހިންނާއި އެންމެ ތިމާގެ މީހުންނެވެ. ސިލޯނުގެ ސިންހަލައިންގެ މެދުގައި ހެދުނު ޖެނެޓިކް ސްޓަޑީއިން އެބައިމީހުން ގުޖުރާތީންނާއި ޖެނެޓިކްގޮތުން ގުޅޭކަމަށް ފެނިފައިވެއެވެ. އަދި ބެންގާލީންނާއި ބޮޑުގުޅުމެއް ވާކަމަށް ފެނިފައިވެއެވެ. އެގޮތަށް އެކަންވެފައިވަނީ މިވޭތުވެ ދިޔަޒަމާންތަކުގައި ބެންގާލާއި ސިލޯނާއި ދެމެދު ކުރެވިފައިވާ ދަތުރުތަކާއި މި ދެސަރަހައްދުގެ މީހުންގެ މެދުގައި ކުރެވިފައިވާ ކައިވެނިތަކުގެ ސަބަބުންނެވެ. ބޭއޮފް ބެންގާލުން އައި މީހުންނާއި ސިލޯނުން އައި މީހުންގެ ފަރާތުން މި ޖީން ދިވެހިންނަށްވެސް ލިބުން އެކަށީގެންވެއެވެ. ދިވެހިން ބަންގްލާދޭޝް މީހުންނާއި ވައްތަރުކަން އަޅުގަނޑުމެން އެންމެން ދަނެއެވެ. 

 

ނިންމުން

އަޅުގަނޑުގެ މި މަޒްމޫނުގައި ބަލާލާފައިވަނީ ރާއްޖޭގެ ފުރަތަމަ ވަޒަންވެރިން ރާއްޖެ އައިގޮތާއި އެބަމީހުން ރާއްޖޭގެ އެކިއެކި އަތޮޅުތަކާއި ރަށްތަކަށް ފެތުރިގެން ދިޔަގޮތެވެ. އަދި އޭގެފަހުން ރާއްޖެއަށް ހިޖުރަކުރި އެހެން މީސްމީހުންގެ މަށްޗަށެވެ. އަދި ފަހުންއައި މީހުން ރާއްޖޭގެ ފުރަތަމަ ވަޒަންވެރިންގެ އާދަކާދަޔާއި ބަހާއި ސަޤާފަތްތައް ބަލައިގަތްގޮތުގެ މައްޗަށް ބަލާލީމެވެ. މިއީ ދިވެހިބަހަކީ އިންޑޯ އާރިއަން ބަހަކަށް ވީ އެއް ސަބަބެވެ. މިއަދު ދިވެހިންގެ ތެރޭ އުތުރު އިންޑިޔާއާއި ދެކުނު އިންޑިޔާ އާއި ސިލޯނުގެ މީހުން ވައްތަރު ޖަހާ މީސް މީހުން ފެނެއެވެ. އަދި އެފްރިކާ މީހުންގެ ސިފަތައް ހުންނަ މިހުންނާއި ދެކުނު އިރުމަތީ އޭޝިޔާ ގެ މީހުންގެ ސިފަޖަހާ މީހުންވެސް ފެނެއެވެ. ވުމާއެކު މިއަދުގެ ދިވެހިންނަކީ އެއްވެފައިވާ ނަސްލެއްގެ ބައެކެވެ. އަދި އަޅުގަނޑުމެންނަކީ ޖުމުލަކޮށް އޭޝިޔާ މީހުންނެވެ. މި މަޒްމޫނުވެސް ކިޔުންތެރިން ޝައުޤުވެރިވީ މަޒްމޫނަކަށް ވީކަމަށް އުންމީދުކުރަމުން ނިންމާލަމެވެ. 

ބިބްލިޔޮގްރަފީ

De Silva, C. (2018). Portuguese Encounters with Sri Lanka and the Maldives. Routledge.

Kench, P., Smithers, S., McLean, R., & Nichol, S. (2009). Holocene reef growth in the Maldives: Evidence of a mid-Holocene sea-level highstand in the central Indian Ocean. Geology, 37(5), 455–458.

Mustak, M. S., Rai, N., Naveen, M. R., Prakash, S., Carlus, S. J., Pasupuleti, N., Srivastava, A., Singh, P. P., Babu, I., Dubey, P. K., Chaubey, G., & Thangaraj, K. (2019). The peopling of Lakshadweep Archipelago. Scientific Reports, 9(1). https://doi.org/10.1038/s41598-019-43384-3

Pijpe, J., Voogt, A., Oven, M., Henneman, P., Gaag, K. J., Kayser, M., & Knijff, P. (2013). Indian ocean crossroads: Human genetic origin and population structure in the maldives. American Journal of Physical Anthropology, 151(1), 58–67.