ހުވަފެނާއި ބެހޭ ސައިންޓިފިކް މޮޑަލްތަކާއި ތިއަރީތައް
ގިނަބަޔަކު ކުރާ އެންމެ މުޙިއްމު ދެ ސުވާލަކީ ހުވަފެނުގައިވާ ޖިސްމާނީ އަދި ނަފްސާނީ ބޭނުމަކީ ކޮބައިހެއްޔެވެ. އިންސާނާގެ ހަށިގަނޑަށް އަދި ޚާއްސަކޮށް ސިކުނޑިއަށް ނިދުމުގެ ސަބަބުން އަރާމުކަން ގެނަސްދެއެވެ. އެހެނަސް އުވަފެނާއި އޮތީ ކޮންގުޅުމެއް ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ހޯދުމަށްޓަކައި ބަލާލަންޖެހެނީ މިކަމާއި ގުޅުން ހުރި ތިއަރީތަކާއި މޮޑަލްތަކަށެވެ.
ސިގްމަންޑް ފްރޯޑް ގެ ސައިކޯ އނެލެޓިކަލް ތިއަރީ އޮފް ޑްރީމްސް ބުނާގޮތުން އަޅުގަނޑުމެންގެ ގިނަ އިހުސާސްތަކާއި އެދުންތަކާއި އިމޯޝަންސްތައް (އުފަލާއި ހިތާމަޔާއި ބިރާއި ހައިރާންކަމާއި ރުޅިވެކަމާއި ދެކޮޅުވެރިކަން) ވަނީ ނޭގުމުގެ (އަންކޮންޝިއަސް) ތެރޭގައެވެ. އަދި އެކަންކަން ހާމަވެ އެނގިގެންދަނީ (އެވެއާރވަނީ) ހުވަފެނުގެ ތެރެއިންނެވެ. ޖޭ. އަލާން ހޮބްސަން އަދި ރޮބާރޓް މެކްކްލާލީ 1977 ގައި ތައާރަފްކުރި އެކްޓިވޭޝަން ސިންތެސިސް މޮޑަލްގައި ބުނާގޮތުން ރެމް ނިދުމުގެ ތެރޭގައި ސިކުނޑީގެ ސާކެޓްތައް ހަރަކާތްތެރިވުމުގެ ސަބަބުން ޝައުޤުވެރިކަމާއި އިމޯޝަން އާއި އުނގެނުމާއި ހަނދާން ކުރުމުގެ ގުޅުން ހުންނަ ބައިތައް ހިމެނިގެންވާ ލިމްބިކް ސިސްޓަމް ހަރަކާތްތެރިވެއެވެ. މިގޮތުން މުޢާމަލާތް ކުރެވޭ ސިގްނަލް ތައް ގުޅިގެން އުެފެދޭ މައުލޫމާތުން މާނައެއް ދޭހަކުރުމަށްޓަކައި ހުވަފެންފެނެއެވެ. ސައިކާޔަޓްރިސްޓް، ޖީ. ޖަން ގެ ޚިޔާލުގެ މައްޗަށް ބިނާވެފައިވާ ކޮންޓިނުއަލް-އެކްޓިވޭޝަން ތިއަރީގައި ބުނާގޮތުން އަޅުގަނޑުމެންގެ ސިކުނޑީގައި ހަނދާންތައް( މެމޮރީސް) ނިދާފައި އޮންނަ އިރާއި ހޭލާ އުޅޭއިރު ރައްކާކުރެއެވެ. ހުވަފެނަކީ ހޭވެރިކަމުގެ (ކޮންޝެސްނަސް) ވަޤުތީ ސްޓޯއެކެވެ. އެއީ މެމޮރީގެ ލޯންގް ޓަރމް ނުވަތަ ޝޯޓް ޓަރމް މެމޮރީއަށް މައުލޫމާތު ލުމުގެ ކުރިން އެމައުލޫމާތު ހުންނަތަނެވެ. އެމައުލޫމާތުތައް އެތަންތަނަށް ލާއިރު އަޅުގަނޑުމެންނަށް ހުވަފެންފެނެއެވެ. ހުވަފެނާއި ބެހޭ ރިވާސް ލާނިންގ ތިއަރީ ބުނާގޮތުން ހުވަފެން ފެންނަނީ މުޅިދުވަހު ސިކުނޑީގައި އުފެދޭ ބޭކާރު ގުޅުންތަކާއި އެކުވުންތަކުން ސަލާމަތްވުމަށެވެ. މީގެ މާނަޔަކީ ކުރުގޮތަކަށް ބުނާނަމަ ހުވަފެނަކީ ސިކުޑީގައި އުފެދޭ މައުލޫމާތުގެ ކުނިބުނިން ސަލާމަތްވުމަށް (ހަނދާނެނެތުމަށް) ބޭނުންކުރާ ނިޒާމެކެވެ. މިޢާއި އިދިކޮޅު އަނެއް ތިއަރީ ބުނަނީ ހުވަފެންފެނަނީ ހަނދާންނެތުމުގެ ބަދަލުގައި ހަނދާންކުރުމަށެވެ. މިގޮތުން އެއްޗެއް ދަސްކުރުމަށްފަހު ހުވަފެން ފެނުނުނަމަ ހަނދާނުގައި އެއެއްޗެއް ގިނަދުވަހަށް ދެމި ހުރެއެވެ.
މަތީގައިވާ ތިއަރީތަކާއި މޮޑެލްތަކުން އެނގިގެންދަނީ ދުވާލު ސިކުޑިއަށް ލިބިފައިވާ މަޢުލޫމާތު، ސިކުނޑީގެ މެމަރީގައި ތަރުތީބުކޮށް ރާވާލުމާއި ހުވަފެން ގުޅިފައިވާ ކަމަށާއި މުހިންމުކަންކަން ހަނދާނުގައި ހުންނަ ގޮތަށްވުމަށް އަދި މުހިންމު ނޫން އާދައިގެ ކަންކަން ހަނދާން ނެތުމުގެ ތެރެއިން ހުވަފެން ފެންނަ ކަމުގައެވެ. ދުވާލު އެކިއެކި ކަންކަން ޚާޞިލްކޮށް މައްސަލަތައް ޙައްލުކުރުމަށްޓަކައި ސިކުނޑި ބުރަ މަސައްކަތްތަކެއް ކުރެއެވެ. އައު ކަންކަން ދުވާލު ދަސްކުރާނަމަ ރޭގަނޑު ނިދާފައި އޮންނައިރު ހުވަފެން ފެނުން ގިނަވާ ކަމަށް ވެއެވެ. ބައެއް އިލްމުވެރިން ހުވަފެނަކީ އަޅުގަނޑުމެންގެ އިމޯޝަންތައް ދައްކުވައިދޭ އެއްޗެއް ކަމުގައި ވިދާޅުވާއިރު އަނެއް ބަޔަކު ބުނަނީ ހުވަފެނަކީ އެއްވެސް ބޭނުމެއް އޮތް އެއްޗެއް ނޫންކަމަށާއި އެއީ ހަމައެކަނި ނިދާފައި އޮންނައިރު ރެމްޑަމްކޮށް ސިކުނޑިން ފޮނުވައިދޭ ސިގްނަލް ތަކެއްކަމުގައެވެ.
މި ތިއަރީތައް މިހެން ހުރިކަމުގައި ވިޔަސް ޖަވާބު ބޭނުންވާ ސުވާލުތަކެއް އެބަ ވެއެވެ. ފުރަތަމަ ސުވާލަކީ ހުވަފެން ނުފެނި ސިކުނޑީގައިހުރި މައުލޫމާތު ތަރުތީބު ނުކުރެވޭންވީ ކީއްވެހޭ؟ ދެވަނަ ސުވާލަކީ އެއްގޮތަކަށް ވެސް ނުވިސްނާކަމެއް ހުވަފެނުގައި ފެންނަނީ ކީއްވެހޭ؟ އަދި ތިންވަނަ ސުވާލަކީ، މުސްތަޤްބަލްގައި ހިގާނެ ކަމެއްގެ މެސެޖް ހުވަފެނުގައި ލިބެނީ ކީއްވެހޭ؟