ހުވަފެން ފެންނައިރު ސިކުނޑި މަސައްކަތްކުރަނީ ކިހިނެއް؟
މިއަދު އަޅުގަނޑުމެން ބޭނުންކުރާ ސައިންޓިފިކް އާލާތްތަކަށް ލިބިފައިވާ ކުރިއެރުމާއި ތަރައްޤީގެ ސަބަބުން އަދި ހެދިފައިވާ ދިރާސާތަކުގެ އަލީގައި ހުވަފެން ފެންނައިރު ހަށިގަނޑަށް އަދި ޚާއްސަކޮށް ސިކުނޑިއަށް އަންނަބަދަލުތައް ދަނެގަނެވިފައިވެއެވެ. މިތަނުގައި އަޅުގަނޑު ކޮންމެވެސްވަރަކަށް ބަލާލާނީ މިފަދަ ހޯދުންތަކުގެ މައްޗަށެވެ. ނިދުމުގެ 5 މަރުޙަލާ ވެއެވެ. އަދި ނިދާއިރު ނިދީގެ ތެރޭ ނިދުމުގެ ބުރުތަކެއް (ސްލީޕް ސައިކަލް) ކުރިއަށް ދެއެވެ. މީގެ ކޮންމެ ބުރެއްގައި 90 ވަރަކަށް މިނެޓް ހޭދަވެއެވެ.
ނިދުމުގެ ފުރަތަމަ 4 މަރުޙަލާއަށް ކިޔަނީ އެން-ރެމް (NREM) ނިދުމެވެ. މިނިދުމުގެ ފުރަތަމަ މަރުޙަލާއަކީ ލުއި ނިދުމެވެ އަދި 3 އާއި 4 ވަނަ މަރުހަލާއަކީ ފުން ނިދުމެވެ. މި މަރުޙަލާގައި ނިދާފައި އޮންނަމީހަކު ހޭލެއްވުމަކީ ވަރަށް އުދަގޫކަމެކެވެ. ލޯ ހަރަކާތެއް ނުކުރެއެވެ. ނަމަވެސް ހަށިގަނޑުގެ މަސްތައް (މަސަލް) ހަރަކާތްތެރިވުމުގެ ޤާބިލްކަން ލިބިފައިވެއެވެ. ނިދުމުގެ އެންމެ ފަހުގެ ސްޓޭޖަކީ ރެމް (REM) ނިދުމެވެ. މި މަރުޙަލާގައި ލޯ އަބަދު ޙަރަކާތްތެރިވެއެވެ. ކަނައަތް ފަރާތަށާއި ވައަތް ފަރާތަށެވެ. އަދި މައްޗަށާއި ތިރިއަށެވެ. ލޯ މިގޮތަށް ހަރަކާތްތެރިވިޔަސް ހިތާއި ނޭވާލާ ނިޒާމްގެ ޑައިފްރަމްފަދަ މަސްތައް ފިޔަވައި ހަށިގަނޑުގެ މަސްތައް (މަސަލްތައް) ހުންނަނީ ޕެރެލައިޒްވެފައެވެ. (ގޯޑަން، 2013). ބުނެވޭގޮތުގައި އެންމެ ގިނައިން ހުވަފެން ފެންނަނީ ރެމްގެ މަރުހަލާގައެވެ. އަދި ހަށިގަނޑުގެ މަސަލްތައް ޕެރެލައިޒްވަނީ ހުވަފެނުގައި ފެންނަކަންކަމާއި ގުޅިގެން ހަށިގަނޑުގެ ހަރަކާތްތައް އިތުރުވިޔަނުދިނުމަށް ކަމުގައި ވެއެވެ. ނިއުރޯ ސައިންޓިސްޓުން ސިކުނޑީގެ ޙާލަތުދަނެގަންނަން އިލްކްޓްރޯ އެންސެފަލޮގްރާފީ (EEG) ބޭނުންކުރާތާ ޤަރުނަކާއި ކައިރިވަނީއެވެ. މިހޯދުންތަކުގައި ބޭނުން ކުރަނީ ސިކުނޑިން އުފައްދާ ރާޅުތަކެވެ. ނުވަތަ ބްރެއިން ވޭވްސް އެވެ. ސިކުނޑީގައި ހުންނަ ނާވް ސެލްތައް އެކަތިއަނެކައްޗާއި މުޢާމަލާތްކުރުމަށް ބޭނުންކުރަނީ ލޯ ވޯލްޓޭޖް އެލްކްޓްރިކަލް ކަރަންޓެކެވެ. އެތައްހާސް ނާވްސެލްތައް އެއްފަހަރާ މިގޮތައް މުއާމަލާތްކުރުމުން މި ސިގްނަލްތަކުގެ ބާރުގަދަވެ ސިކުނޑީގެ ބޭރުފަރާތާއި ހަމަޔަށް ޚާއްސަކޮށް ނާށިގަނޑުން ބޭރަށް ވާޞިލްވެއެވެ. މިގޮތުން ބޮލުގައި (ސްކަލްޕްގައި) އެލްކްޓްރޯޑްތައް ހަރުކޮށްގެން މި ސިގްނަލްތައް ނަގައި އަޅައިކިޔައިގެން ސިކުޑީގެ ހަރަކާތްތައް ދަނެގަނެވެއެވެ.
ދިރާސާވެރިން ސިކުނޑީގެ ރާޅުތައް 5 ބާވަތަކަށް ބަހާލައެވެ. ސިކުނޑީގެ ހަރަކާތްތަކާއި ގުޅޭގޮތުން މިރާޅުތަކުގެ ފްރިކްއެންސީގެ ރޭންޖް ބަދަލުވެއެވެ. މިތާގައި އެ 5 ބާވަތް ދަންނަވާލާނަމެވެ. (1) ޑެލްޓާ ވޭވްސް: މި ރާޅުތަކުގެ ފްރިކްއެންސީއަކީ 1 -4 ހާރޓްޒްގެ ދެމެދުއެވެ. ފުންކޮށް ނިދާފައި އޮންނައިރު ހުވަފެން ނުފެންނައިރު މި ރޭންޖުގެ ރާޅުތައް ސިކުނޑިން އުފައްދައެވެ. އަލަށް އުފަންވާކުދިން މިހާފުންކޮށް ނިދިޔަސް އާންމުކޮށް ބޮޑެތި މީހުން މިހާ ބޮޑަށް ނުނިދައެވެ. (2) ތީޓާ ވޭވްސް: މިރާޅުތަކުގެ ފްރިކުއެންސީއަކީ 4-8 ހާރޓްސް ދެމެދެވެ. އާންމުކޮށް ހިވަފެން ދެކޭއިރު މި ރޭންޖުގެ ރާޅުތައް ސިކުންޑިން އުފައްދައެވެ. (3) އަލްފާ ވޭވްސް: މިއީ 8-12 ހާރޓްސް ގެ ރާޅުތަކެވެ. މި ޢި އާންމުކޮށް ނިދުމުގެ ކުރިން މީހާ ރިލެކްސްކޮށް އޮންނައިރު އުފައްދާ ރާޅެވެ. (4) ބީޓާ ވޭވްސް: މިއީ 12 ހާރޓްސް އަށްވުރެ މަތީ ފްރިކްއެންސީގެ ރާޅުތަކެވެ. ބިރުގަތުމާއި އިމޯޝަނަލް ކަންތައްތައް ދިމާވާއިރު މި ފްރިކްއެންސީގެ ރާޅުތައް ސިކުނޑިން އުފެދެއެވެ. ލޫސިޑް ޑްރީމް ނުވަތަ ދެހޭދޭތެރޭ ފެންނަ ހުވަފެން ފެންނައިރު ތީޓާރ ބާވަތުގެ ރާޅުތައް ސިކުނޑިން އުފައްދައެވެ. އާންމުކޮށް ހުވަފެންފެންނައިރު އަޅުގަނޑުމެންނަކަށް ހުވަފެނަކީ ހަޤީގަތެއް ނޫކަން އިހުސާސެއް ނުވެއެވެ. ފެނުނު ހުވަފެނަކީ ހަޤީގަތެއް ނޫންކަން ރެއަކާލަނީ ނިދިން ހޭލުމުންނެވެ. ލޫސިޑް ޑްރީމްގައި ހުވަފެން ފެންނަމީހާ އޭނާއަށް ހުވަފެން ފެންނަކަން އިހުސާސް ކުރެވެއެވެ.