ވައިގެތެރޭ އުފެދޭ އިންޓާނަލް ވޭވްސް

ފިނިހޫނުމިން ފަރަގުވުމުގެ ސަބަބުން ޑެންސިޓީއަށް އަންނަބަދަލުން ވައިގެތެރޭގައިވެސް އިންޓާނަލްވޭވްސް އުފެދެއެވެ.  އެޓްމޮސްފެރިކް އިންޓާނަލްވޭވްސް އުފެދެނީ އެއްމިނެއްގައި ހުންނަވައި ފަރުބަދައެއްފަދަ އެއްޗެއްގައި ޖެހުމުންނެވެ. މިގޮތުން ކޮންމެ ލޭޔާރެއްގެ ވައިގެ ޑެންސިޓީއާއި ފިނިހޫނުމިން އެއްވަރެއްގައި ހުންނަންޖެހެއެވެ. ފަރުބަދަ ނުވަތަ އެ މުޑިއަރާއެއްޗެއްގެ ސަބަބުން ލޭޔަރަށް ކުއްލިބަދަލެއްއައިސް އިންޓާނަލް ވޭވްސް އުފެދެއެވެ. މިގޮތުން މިރާޅުތައް ކަނޑުގެ މަތީގެ ފަށަލައިގައި ޖެހުމުން އޭގެނިޝާން ކަނޑުންފެނެއެވެ. ހަމަމިގޮތަށް މިރާޅުތައް ވިލާތަކުގައި ޖެހުމުން އޭގެ ނިޝާންތައްވެސް ވިލާތަކުން ފެނެއެވެ. ތިރީގައިވާ ތަސްވީރުން ދައްކައިދެނީ އޮސްޓްރޭލިޔާކައިރީގައި އުފެދުނު އިންޓާނަލްވޭވްސް އެކެވެ. ތަސްވީރުގެ މަތިން ރޮގުތަކެއްހެން އެފެންނަ ވިލާތަކަކީ އެޓޮމޮސްފެރިކް އިންޓާނަލް ވޭވްސްގެ ސަބަބުން އުފެދުނު ރޮގުތަކެކެވެ. ކަނައަތްފަރާތުން އެފެންނަނީ ކަނޑުގައި އެޓޮމޮސްފެރިކް އިންޓާނަލް ވޭވްސް ޖުހުމުން ރާޅުތަކަށް އަލި އެޅިފައި ހުންނަމަންޒަރެވެ. (ނާސާ، 2003).

Credit: Jacques Descloitres, MODIS Rapid Response Team, NASA/GSFC

 އެޓްމޮސްފެރިކް ގްރެވިޓީ ވޭވްސް އަދި އިންޓާނަލް ވޭވްސް އޮސްޓްރޭލިޔާ ކައިރީގައި- ސޯސް: NASA

ފަރުބަދަތައް ހުންނަ އެޓްމޮސްފިޔާގެ ލޭޔަރެއްކަމަށްވާ ޓްރޮޕޮސްފިއާރ އާއި އޭގެ މަތީގައި ހުންނަ ސްޓްރެޓޮސްޕިއާރގައި އުފެދޭ މި ރާޅުތައް ދެންމައްޗަށް ހުންނަ މެޒޯސްފިޔާގެ ލޭޔަރުގެތެރޭ ނެތިދެއެވެ. މިލޭޔަރުގެ އެންމެމަތީ ހިސާބުގައި އެޓްމޮސްފިޔާގައި ބައެއްފަހަރު އާދަޔާ ޚިލާފް ނޮކްޓިލޫސެންޓް ނަމަކަށްކިޔާ ވިލާތަކެއް އުފެދިފައި ހުންނަތަން ފެނެއެވެ. (ވިކިޕީޑިޔާ ކޮންޓްރިބިއުޓާރޒް، 2018).

Credit: The High Fin Sperm Whale (2010)

 އެޓްމޮސްފިޔާގެ ލޭޔަރުތައް- ސޯސް: Wikiversity


މަތިމައްޗަށް ހުންނަ ރާޅަކީ ކޮބާ؟

މިހާ ހިސާބަށް މިމަޒުމޫނުގައި އަޅުގަނޑު ބަޔާން ކޮށްފައިވަނީ ކަނޑުގެ އަޑީގައި ރާޅު އުފެދޭގޮތާއި ކަނޑުމަތީގައި ރާޅު އުފެދޭގޮތާއި ވައިގެތެރޭގައިވެސް ރާޅު އުފެދޭގޮތެވެ. ކަނޑުގެ ވަތުން ފެށިގެން ކަނޑުގެ މައްޗާއި ހަމަޔަށް މަތިމައްޗަށް ރާޅުހުންނަކަން ބަޔާންކުރެވިއްޖެއެވެ. ވައިގެތެރޭ އެންމެ މަތީ ވިލާއުފެދޭ ހިސާބަށްވެސް ރާޅުހުންނަކަން އެގިއްޖެއެވެ. ކީރިތި ޤުރުއާންގެ سورة النور ގެ 40 ވަނަ އާޔަތުގައިވަނީ ކަނޑުގައި މަތިމައްޗަށް ރާޅު ހުންނަކަމުގައެވެ.

أَوْ كَظُلُمَاتٍ فِي بَحْرٍ لُّجِّيٍّ يَغْشَاهُ مَوْجٌ مِّن فَوْقِهِ مَوْجٌ مِّن فَوْقِهِ سَحَابٌ ۚ ظُلُمَاتٌ بَعْضُهَا فَوْقَ بَعْضٍ إِذَا أَخْرَجَ يَدَهُ لَمْ يَكَدْ يَرَاهَا ۗ وَمَن لَّمْ يَجْعَلِ اللَّـهُ لَهُ نُورًا فَمَا لَهُ مِن نُّورٍ ﴿٤٠﴾ 

ނުވަތަ ފުން ކަނޑެއްގައިވާ އަނދިރިތަކެއްފަދައެވެ. އެ ކަނޑުގައި ފެތުރިފައިވަނީ، މަތިމައްޗަށް ހުންނަ ރާޅުތަކެވެ. އޭގެމަތިން ވިލާތައްވެއެވެ. މަތިމައްޗަށްހުރި އަނދިރިތަކެކެވެ. އެމީހާގެ އަތް ނެރުނަސް، އެ ފެންނާންވެސް ގާތްނުވެއެވެ. ފަހެ، އެމީހަކަށް اللَّه އަލިކަމެއްލައްވާފައި ނުވާމީހާ (ދަންނާށެވެ!) ފަހެ، އެމީހާޔަށް އެއްވެސް އަލިކަމެއް ނުވެއެވެ. (ޤްރުއާން،   24:40)

ހަމަކަށަވަރުން މީގެ 1400 އަހަރުކުރީގެ އެއްވެސް އިންސާނަކަށް ކަނޑުގައި މަތިމައްޗަށް ރާޅުހުންނަކަމެއް ނޭގޭނެއެވެ. މިއަދު އަޅުގަނޑުގަނޑު މެންނަށް ލިބިފައިވާ ޢިލްމާ ހުނަރާއި އާލާތްތަކުގެ ކުރިއެރުމާއިއެކުވެސް ކަނޑުގެ އެތައްގިނަގުނަ ސިއްރެއް ނޭގެއެެެވެ. ވުމާއެކު ކީރިތި ޤުރުއާނަކީ ﷲ ބާވަތްލެއްވި ފޮތެއް ކަމުގެ އަލިގަދަހެއްކެއް މިކަމުންވެސް ހާމަވެދެއެވެ. ދެން މިމަޒުމޫނުގެ ބާކީބައިގައި އަލިއަޅުވާލާނީ މި އާޔަތުގައި ބަޔާންކުރައްވާފައިވާ މަތިމައްޗަށްވާ އަދިރިކަމުގެ މައްޗަށެވެ.