عِظَام އަދި لحم ސްޓޭޖް
އިންސާނާގެ އެމްބްރިޔޯގައި ފުރަތަމަ އުފެދެނީ ކާޓިލޭޖް އެވެ. ކާޓިލޭޖް ދެން ކަށްޓަށް ބަދަލުވަނީއެވެ. ކާޓިލޭޖަކީ ލެބޭ، ރަބަރު ކަހަލަ މާއްދާއެކެވެ. ކަންފަތާއި ނޭފަތް އުފެދިފައިވަނީ ކާޓިލޭޖުންނެވެ. ކާޓިލޭޖަކީ ހަށިގަނޑުގައިހުންނަ އެކިބައިތައް ގުޅުވައިދޭ ޓިޝޫއެކެވެ. ކަށްޓާއި ޚިލާފަށް ކަންފަތަށް ބައްޓަން ލިބި އަދި ފްލެކްސިބަލްކޮށް ލެބެނީ ކާޓިލޭޖްގެ ސަބަބުންނެވެ. ކާޓިލޭޖް ކަށްޓަށް ބަދަލުވުމަށް މަގުފަހިކޮށްދެނީ “ޓްރާންސްކްރިޕްޝަން ފެކްޓާރ” ކިޔާ ތަފްސީލީ އޮޅުންބޮޅުން ބޮޑު، ޕްރޮޓީން އެކުލެވިގެންވާ ސިސްޓަމަކުންނެވެ. ރަގަޅު ޖީންސް އަށް ރަގަޅުވަޤުތުގައި މިނެޓްވޯރކުން އެހީތެރިވުމުން ކަށި އުފެދުމުގެ މަރުހަލާ (އޮސިފިކޭޝަން) ހިނގަންފަށައެވެ. އަލަށް އުފަންވާ ކުދިންނާއި ތުއްތު ކުދިންގެ ކަށި ބޮޑެތިމީހުންގެ ކަށި ހާ ވަރުގަދަނޫނެވެ. އެކުދިންގެ ކަށި ޖެހޭނީ އޮސިފައިވާށެވެ. ތުއްތު އުމުރުގައި ކެލްސިއަމްގެ އެހީއާއި އެކު ހަރު ކަށްޓަށް ބަދަލުވެއެވެ. ކަށީގައި މައިގަނޑުގޮތެއްގައި ހުންނަނީ ކޮލެޖެން، ފޮސްފޮރަސް، ސޯޑިއަމް އަދި ކެލްސިއަމް އެވެ. ކެލްސިއަމް އަކީ ކަށިވަރުގަދަކޮށްދޭ މާއްދާ އެކެވެ. އޭގެސަބަބުން ހަށިގަނޑުގެ ބަރުދަން އިންސާނާޔަށް އުފުލެއެވެ. ކަށީގައި ހުންނަ ކެސްސިއަމް ހަށިގަނޑުގެ އެހެން ބައިތަކަށް ބޭނުންވުމުން ދީވެސްހަދައެވެ. ބޯންމެރޯގައި ހުންނަ ސްޓެމްސެލްއިން ރެޑް ބްލަޑްސެލްއާއި ޕްލޭޓްލެޓްސްއާއި އަދި ބައެއް ބާވަތުގެ ވައިޓްބްލަޑްސެލް އުފައްދައެވެ. އެއްކަށިއަނެއްކައްޓާއި ގުޅުވައިދެނީ ދެމޭ ރަބަރުކަހަލަ ލިގަމެންޓްސް ތަކުންނެވެ.
ކަށި އުފެދެން ފަށާގޮތް. ސޯސް- islampapers.com
އިންސާނާގެ ހަށިގަނޑުގައި ކަށިއުފެދެނީ އެއްކޮށެއްނޫނެވެ. އެއާއި ޚިލާފަށް ކަށީގެ ޓިޝޫތައްފެންނަމުންދަނީ ވަކިތަރުތީބަކުން, ވަކި ޓައިމްޓޭބަލެއްގެ ދަށުންނެވެ. މިސާލަކަށް އިނާރ އިއާރ (ކަންފަތުގެ) ގެ ކަށްޓަކީ ފީޓަލް ސްޓޭޖްގައި ފުރިހަމަވާ ފުރަތަމަ ކަށްޓެވެ. ނަަވެސް ފައިގެ ދިގު ކަށިތައް އުފަންވުމަށްފަހު 20 ވަރަކަށް އަހަރުވަންދެން އުފެދެމުން ދެއެވެ. (ގޯރިންގާ، ޒިންދާނީ އަދި މުސްތަފާ، 2000). އެހެންނަމަވެސް 7 ވަނަހަފްތާގައި ފާހަނގަކޮށްލެވޭފަދަ ކުރިއެރުމެއް ކަށިއުފެދުމަށް ލިބެއެވެ. މިގޮތުން ލިމްބްބަޑްގައި, އަތްފައިގެ ކަށިތައް މެޒެންކިމަލް ސެލްއިން (mesechymal cell) އުފެދެން ފަށައެވެ. 7 ވަނަ ހަފްތާގައި ފައިގެ ފަލަމަސްގަނޑުގެ ކަށިގަނޑުގެ (femur) އޮސިފިކޭޝަން ސެންޓާރ (ޤުދުރަތީ ގޮތުން ކަށިއުފެދެންފަށާ ސަރަޙައްދު) ފާހަގަވާން ފަށައެވެ. ކަށިއުފެދުމުގެ ފުރަތަމަދުވަސްވަރު އެމްބްރިޔޯއަށް އިންސާނެއްގެ ސޫރަޖެހެންފަށައެވެ. ހަށިގަނޑުގެ ބޭރު ހަމަހަމަވެ ހަށިގަނޑު ބޮޑަށް ސީދާވެއެވެ. ފުރަތަމަ 40 (6 ވަނަހަފްތާ) ދުވަހު ކަށްޓާއި މަހުގެ މާބޮޑު ތަފާތެއް ނުފެނެއެވެ. މައިކަށި ވަކިވާންފަށަނީ 7 ވަނަ ހަފްތާއިންނެވެ. އަދި މަސް ވަކިވާންފަށަނީ 8 ވަނަ ހަފްތާއިންނެވެ. 8 ވަނަ ހަފްތާގެ އެންމެ ޚާއްސަ ކުރިއެރުމަކީ لحم ސްޓޭޖެވެ. ހަށިގަނޑުގެ މެދުގަޔާއި އަތްފައިގައި މަސްޖަހައެވެ. މަސް އުފެދެންވާ ތަންތަނުގައި މަސްޖެހުމާއިއެކު ކަށިތައް މަހުން ފޮރުވެމުން ދެއެވެ. (clothing the bones). އަދި އެމްބްރިޔޯ ހަރަކާތް ކުރަންފަށައެވެ. لحم ސްޓޭޖުގައި އެންބްރިޔޯއަށް އިންސާނީ ސޫރަޖެހި ތަފާތު އޯގަންތައް ހުންނަންވާތަނުގައި އުފެދި މަސައްކަތް ކުރަންފަށައެވެ. މި ސްޓޭޖުގެ މުއްދަތަކީ 7 ވަނަ ހަފްތާނިމި 8 ވަނަ ހަފްތާގެ ނިޔަލަށެވެ.މިހާހިސާބަށް އަންނައިރު ހިތްވެސް ހިނގަން ފަށައެވެ. އަތާއިފައި ދިގުވެ އަތްފައިގެ އިނގިލިތައް ވެސް އުފެދެން ފަށައި އިންސާނާގެ މޫނުމަތީގެ ސިފަފާޅުވެއެވެ. ކީރިތި ޤުރުއާނުގައިسورة المؤمنون ގެ 14 ވަނަ އާޔަތުގައި ވަރަށް ސާފުކޮށް މަސްއުފެދެނީ ކަށިއުފެދިގެންކަން ބަޔާންކުރައްވާފައި ވެއެވެ. މިތަރުތީބުރަގަޅުކަން ޝައްކެއްނެތި މިހާރު އެނގެއެވެ.
..فَكَسَوْنَا الْعِظَامَ لَحْمًا..
ދެން އެ ކަށީގައި މަސްލެއްވީމެވެ. (ޤުރުއާން. 23:14)