ސޯލާ ސިސްޓަމް އުފެދި އުޑު ހާމަވުން
އިރުން އަލި އުފައްދަން ފެށިވަޤުތު އުފެދު ވަރުގަދަ ސޯލާވިންޑުން އުފެދުނު ރޭޑިއޯ އެކްޓިވް އެނާޖީގެ ރޯޅީގެ ސަބަބުން ނެބިއުލާގެ ބާކީވި ޑަސްޓާއި ގޭސް ސޯލާސިސްޓަމްގެ އަރިމައްޗަށް ފޭކޮށްލިއެވެ. ސޯލާސިސްޓަމްގެ އެންމެ ބޭރުގައި ވަނީ ޖުޕިޓާރ، ސެޓާރން، ޔުރެނަސް އަދި ނެޕްޗޫންފަދަ ބޮޑެތި ގޭސް ޕްލެނެޓްތަކެވެ. އެންމެ އިރާއި ގާތުގައިވަނީ މާކަރީ، ވީނަސް، މާރސް އަދި އަޅުގަނޑުމެންގެ ބިން، (ދުނިޔެ) ފަދަ ހިލައިގެ ބިން އެކުލެވިގެންވާ ޕްލެނެޓްތަކެވެ. އަޅުގަނޑުމެންގެ ސޯލާސިސްޓަމްގެ ބާކީ ވެފައިވާ ތަކެތި މިހާރު މައިގަނޑުގޮތެއްގައި ހުރީ އެސްޓްރޮއިޑް ބެލްޓްގައެވެ، އެއީ މާރސްއާއި ޖުޕިޓަރ އާއި ދެމެދުގައިވާ ގާތްގަޑަަށް 120 މިލިޔަން މޭލުގެ ފުޅާ ރިންގެއްގެ ސިފައިގައި، އިރުވަށައި ދައުރުކުރާ އެކި ސައިޒުގެ ހިލަގަނޑުގަނޑެވެ. (ޓެއިލާރ، 2017). މިއީ އަޅުގަނޑުމެންގެ ސޯލާސިސްޓަމްވެސް އުފެދުނު ގޮތެވެ. މިހާހިސާބަށް ދާއިރު ނެބިއުލާގެ ދުންގަޑުގައި ހުރި ސާމާނުން ޕްލެނެޓްތަކާއި ހަނދާއި އިރު އުފެދި އެދޭތެރޭގައި ހުރި ޖާގަ(ސްޕޭސް) ސާފުވެ ހާމަވެދެއެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ބިމުން ބަލާއިރު ކުރިން ފެނުނު ފޮޓޯގައިވާ ފަދައިން މިލްކީވޭ ގެލެކްސީގެ ތަރިތައް ފެންނަން ފަށައެވެ. އަދި އޭގެ އިތުރަށް އުޑުމަތިން ހަނދާއި ތަރިތަކާއި ޕްލެންޓްތައް ފެންނަން ފަށައެވެ.
ސޯލާ ސިސްޓަމްގައި ޕްލެނެޓްތައް ދައުރު ކުރާގޮތް- ސޯސް: http://bestanimations.com
މަލްޓިވާރސް ތިއަރީ އަދި އެހެނިހެން ޢާލަމްތައް
މަލްޓިވާސް ތިއަރީ ބުނާގޮތުން އޮބްޒާވަބަލް ޔުނިވާރސް ނޫން ޔުނިވާރސްތައްވުން ކައިރިއެވެ. މީގެ ޔުނިވާރސްއަކުން އަނެއް ޔުނިވާރސްއަކަށް އެލެކްޓްރޯ މެގްނެޓިކް ވޭވްސް އަށް ދަތުރު ނުކުރެވޭތީ އެތަންތަންވަނީ ލޮލަށް ގެއްލިފައެވެ. ތިއަރެޓިކަލް ސައެންޓިސްޓުންގެ ތެރޭ ތަފާތު މަލްޓިވާރސް ތިޔަރީތައް އުފެދިފައިވެއެވެ، އިންފިނިޓް ޔުނިވާރސް، ބަބަލް ޔުނިވާރސް، ޕެރެލަލް ޔުނިވާރސް، ޑޯޓާރ ޔުނިވާރސް އަދި މެތެމެޓިކަލް ޔުނިވާރސް ފަދަ މޮޑެލްތަކެވެ. އަދި މިތިއަރީތައް ޤަބޫލުކުރާމީހުން އެހެން ޔުނިވާރސްތަކުަގައި ކަންކަން ހުންނާނެކަމަށް ބެލެވޭ ގޮތްތައް ތަފާތުގޮތްގޮތައް ކިޔާހަދައެވެ. މަލްޓިވާސް ތިޔަރީ ޤަބޫލުކުރާ މީހުންގެ ތެރޭ ދުނިޔޭގެ އެންމެ މަތީފަޑީގައިތިބި ތިއަރެޓިކަލް ސައިންޓިސްޓުން ވެސް ހިމެނެއެވެ. ޢޭގެތެރޭ ސްޓީވަން ހޯކިންގ ފަދަ މުސްލިމުނޫން ބޭފުޅުންވެސް ހިމެނެއެވެ. މި އާޓިކަލްގެ ބާކީ ބައިގައި އަޅުގަނޑުބަލާލާނީ ޤުރުއާނުގެ އަލީގައި އެފަދަ ޕޮސިބިލިޓީއެއް އޮތްނަމަ ވެދާނެގޮތް ގޮތެކެވެ.
ކާއިނާތުގެ ހަޤީގީ ބޮޑުމިނެއް އަޅުގަނޑުމެންނަކަށް ނޭގެއެވެ. ކީރިތި ޤުރުއާންގައި ސާފުކޮށް އުޑުތައް ހެއްދެވިވާހަަކަޔާއި ކުރިން ހުރިގޮތަށް ﷲ އެތަކެތި އިޔާދަކުރައްވާނޭ ވާހަކަވެއެވެ. އެހެންނަމަވެސް ސުވަރުގެޔާއި ނަރަކައާއި މަލޫތީ ޢާލަމްފަދަތަންތަންވެސް ވެއެވެ. އެތަންތަނަކީ ބެލެވޭގޮތުގައި މުޅިން އެހެން ތަންތަނެވެ. ފަހަރުގައި އެތަންތަނަކީ އަޅުގަނޑުމެންނަށް ފެންނަ ވިސިބަލް ޔުނިވާރސްއަށްވުރެވެސް ދުރުތަންތަން ކަމުގައި ވެދާނެއެވެ. އެތަންތަނަކީ ފަނާވުން ނުވާ ދާއިމަށް ދެމިހުންނަ ނިޡާމް ތަކެއް އެކުލެވިގެންވާ ތަންތަންކަމަށް ބެލެވެއެވެ.
އަޅުގަނޑުމެންގެ ލޮލަަށް އެ ޢާލަމްތައް ނުފެނުނަސް, ޤުރުއާނުގައި އިންސާނުންނަށް ވިސްނޭފަދަ ތަފްސީލުކޮށް އެ ޢާލަމްތައް ހުންނަގޮތް އަންގަވާފައިވެއެވެ. އެއީ އަޅުގަނޑުމެން ވިސްނާ އެއާއިމެދު ފިކުރުކުރުމަށްޓަކައެވެ. ޤުރުއާނުގައި ސުވަރުގެ ބަޔާން ކުރައްވާފައިވަނީ ގަސްގަހާގެހިހުރި، މޭވާގަސްތަކުން ފުރިގެންވާ ބަގީޗާތައްހުރި، ފެންއާރުތަކާއި، ވޯޓާރ ފޯލްސް (އޮހޮރޭފެން) އާއި ކޯރުތައްހުރި، ހިތްގައިމު ބިމެއްގެ ގޮތުގައެވެ. ދުނިޔޭގައި އިރުއަރައިގެން އަންނައިރު ދޭކަހަލަ ހޫނުކަމެއް ނުހުންނަ އަވިދޭ ތަނެއްގެ ގޮތުގައެވެ، ފިނިހޫނުމިން ހެޔޮވަރު ވަރަކަށް ހުންނަތަނެއްގެ ގޮތުގައެވެ. އަވިދޭކަން އެގެނީ ގަސްގަހުގެ ހިޔާ އެޅޭކަމަށް ޤުރުއާނުގައި އޮތުމުންނެވެ، ވީމާ އަވިދޭނަމަ އިރުފަދަ ތަރިއެއްހުންނަ ސޯލާސިސްޓަމަކަށް ނިސްބަތްވާ ބިމަކަށް އެތަން ނުވާނެބާވައެވެ؟ ގަސްގަހާގެހި ހެދުމަށް ބޭނުންވާ އަލި ލިބޭފަދައިން އިންސާނުންނާއި ގަސްގަހާގެހި ނޭވާލާން ބޭނުންވާ ވައިގެ ފަށަލައެއްވެސް އެތަނުގައި ނުވާނެބާވައެވެ؟ މި ސުވާލުތަކުގެ ޖަވާބު ތިބާ ވިސްނުމަށް ދޫކޮށްލާނަމެވެ. އަދި އޭގެ އިތުރަށް، ޤުރުއާނުގައި ސުވަރުގެ ބަޔާންކޮށްފައިވަނީ ދުނިޔެއާއި ޚިލާފަށް ކޮންމެކަމެއް ބޭނުންވިޔަސް އެކަމެއް އެންމެ ފުރިހަމަޔަށްވެވޭ ތަނެއްގެ ގޮތުގައެވެ، ބަލިވުމެއް، މުސްކުޅިވުމެއްނެތް ދާއިމީ މަންޒިލެއްގެ ގޮތުގައެވެ. މާއްދީ ގޮތުން އުފެދިފައިވާ އިންސާނާ އަލުން އުފެއްދެވުމަށްފަހު އެނާއަށް އެންމެ ފުރިހަމަޔަށް ދިރިއުޅެވޭނޭ، ފެއިލްނުވާ ވެއްޓެއް ލައްވާފައިވާ ތަނެއްގެ ގޮތުގައެވެ. މިފަދަ ޕްލެނެޓެއް އަޅުގަނޑުމެން މިދިރިއުޅޭ ޔުނިވާރސްގައެއް ނުވާނެއެވެ، ސަބަބަކީ މިޔުނިވާރސްގައި އަބަދުވެސް ސޯލާސިސްޓަމްތައް އުފެދި ފަނާވަމުންދާތީއެވެ. ސުވަރުގެޔާއި ޚިލާފަށް ނަރަކަޔަކީ ވޭންދެނިވި އަޒާބުލިބޭ ތަނެކެވެ.
ނާސާފަދަ ދުނިޔޭގެ ބޮޑެތި އޯގަނައިޒޭޝަންތަކުން ބިލިޔަނުން ފައިސާ ޚަރަދުކޮށް ޔުނިވާރސްއިން ދުނިޔެ ފަދަ ހެބިޓަބަލް ޕްލެނެޓެއް ފެނޭތޯ ދަނީ ބަލަމުންނެވެ. އެފަދަ ތަންތަން ލައްވާފައިވާކަން މީގެ އެތައްސަތޭކަ އަހަރުކުރިން ޤުރުއާނުގައި ބާވައިލައްވާފައި އެވަނީއެވެ. އަޅުގަނޑުމެންގެ ސައިޒުން ބަލާއިރު މި ބިޔަ ޔުނިވާރސުން އެ ފަދަތަނެއް އަޅުގަނޑުމެންގެ ޓެލެސްކޯޕްތަކުގެ ލޮލަށް ނުފެނިދާނެއެވެ. ޚާއްސަކޮށް އޮބްޒާވަބަލް ޔުނިވާރސްގެ ދުރުން މިހާރު އިންސާނުންނަށް ލިބިފައި ޓެކްނޮލޮޖީއިން އެއީ ވެދާނެކަމެކޭ ނުބުނެވޭނެއެވެ. އިންސާނަކަށް އޭލިޔަނަކާއި ބައްދަލު ނުވިޔަސް ރަސޫލުންނަށް މަލާއިކަތުން ފެނިފައިވެއެވެ. އިންސާނުންގެ ތެރެއިން ގިނަމީހުންނަށް ޖިންނިންވެސް އެކި ސިފަ ސިފައިގައި ފެނެއެވެ. ދެން ތިރީގައި އަޅުގަނޑު ހިމަނާލާނީ ﷲ އެތަންތަން ޤުރުއާނުގައި ސިފަކޮށްދެއްވާފައިވާ ބައެއް އާޔަތްތަކެވެ. އެއީ سورة الواقعة ގެ 28 އިން 33 ވަނަ އާޔަތާއި، سورة الرعد ގެ 23 ވަނަ އާޔަތާއި، سورة الانسان ގެ 13 އާއި 14 ވަނަ އާޔަތާއި سورة محمد ގެ 15 ވަނަ އާތަތެވެ.
فِي سِدْرٍ مَّخْضُودٍ ﴿٢٨﴾ وَطَلْحٍ مَّنضُودٍ ﴿٢٩﴾ وَظِلٍّ مَّمْدُودٍ ﴿٣٠﴾وَمَاءٍ مَّسْكُوبٍ ﴿٣١﴾ وَفَاكِهَةٍ كَثِيرَةٍ ﴿٣٢﴾ لَّا مَقْطُوعَةٍ وَلَا مَمْنُوعَةٍ ﴿٣٣﴾ –
(އެއުރެންވަނީ) ކަށިނެތް، ކުންނާރު ގަސްތަކުގެ ތެރޭގައެވެ. (28)ކެޔޮވައްތައް އެތުރިފައިވާ ފަތްކެޔޮ ގަސްތަކުގެ ތެރޭގައެވެ. (29) އަދި ފެތުރިގެންވާ ހިޔަލުގައެވެ. (30) އަދި އަބަދަށް އޮހިއޮހިހުންނަ ފެން، އެއުރެންނަށް ލިބޭނެއެވެ. (31) އަދި ގިނަގުނަވެގެންވާ މޭވާތައްވެސްމެއެވެ.(32) ހުސްވުމެއްނުވާ، އަދި މަނާވުމެއްނުވާ މޭވާއެވެ. (33) (ޤުރުއާން، 33-56:28)
جَنَّاتُ عَدْنٍ يَدْخُلُونَهَا وَمَن صَلَحَ مِنْ آبَائِهِمْ وَأَزْوَاجِهِمْ وَذُرِّيَّاتِهِمْ ۖ وَالْمَلَائِكَةُ يَدْخُلُونَ عَلَيْهِم مِّن كُلِّ بَابٍ ﴿٢٣﴾
(އެއީ) عَدْنُ އޭ ކިއުނު ސުވަރުގެތަކެވެ. އެ ސުވަރުގެތަކަށް އެއުރެންނާއި، އެއުރެންގެ މައިންބަފައިންނާއި، އެއުރެންގެ އަނބިންނާއި، އެއުރެންގެ ދަރިންކުރެ صالح ވި މީހުން ވަންނާނެތެވެ. އަދި އެތާނގެ ހުރިހާ ދޮރަކުން، ملائكة ން އެއުރެންގެ ގާތަށް ވެދެވަޑައިގަންނަވާނެތެވެ. (ޤުރުއާން، 13:23)
مُّتَّكِئِينَ فِيهَا عَلَى الْأَرَائِكِ ۖ لَا يَرَوْنَ فِيهَا شَمْسًا وَلَا زَمْهَرِيرًا ﴿١٣﴾وَدَانِيَةً عَلَيْهِمْ ظِلَالُهَا وَذُلِّلَتْ قُطُوفُهَا تَذْلِيلًا ﴿١٤﴾
އެތާނގައި އެއުރެން ދާންތަކުގެ މަތީގައި ލެނގިލައިގެން ތިބޭ حال ގައެވެ. އެތާނގައި އަވީގެ ހޫނެއް، ނުވަތަ ގަދަފިންޏެއްވިޔަސް އެއުރެން ނުދެކޭނެތެވެ. (13) އެތާނގެ ގަސްގަހުގެ ހިޔާތައް، އެއުރެންނަށް ގާތްވެގެންވެއެވެ. އަދި ގަސްގަހުގެ މޭވާތައް ބިނުމަށް ފަހިކުރައްވައި ފަސޭހަކުރައްވާފައިވެއެވެ. (14) (ޤުރުއާން، 14-76:13)
مَّثَلُ الْجَنَّةِ الَّتِي وُعِدَ الْمُتَّقُونَ ۖ فِيهَا أَنْهَارٌ مِّن مَّاءٍ غَيْرِ آسِنٍ وَأَنْهَارٌ مِّن لَّبَنٍ لَّمْ يَتَغَيَّرْ طَعْمُهُ وَأَنْهَارٌ مِّنْ خَمْرٍ لَّذَّةٍ لِّلشَّارِبِينَ وَأَنْهَارٌ مِّنْ عَسَلٍ مُّصَفًّى ۖ وَلَهُمْ فِيهَا مِن كُلِّ الثَّمَرَاتِ وَمَغْفِرَةٌ مِّن رَّبِّهِمْ ۖ كَمَنْ هُوَ خَالِدٌ فِي النَّارِ وَسُقُوا مَاءً حَمِيمًا فَقَطَّعَ أَمْعَاءَهُمْ ﴿١٥﴾
تقوى ވެރިންނަށް وعد ކުރައްވާފައިވާ ސުވަރުގޭގެ مثال އަކީ އެތާނގައި تغيّر ކަމެއްނުވާ، ސާފު ފެނުގެ ކޯރުތަކާއި، އޭގެ ރަހަ ތަފާތުނުވާ ކިރުގެ ކޯރުތަކާއި، ބޯމީހުންނަށް މީރުރަހަ ލިބެނިވި، ރާގެ ކޯރުތަކާއި، ސާފު މާމުއިގެ ކޯރުތައްވާ ސުވަރުގެއެވެ. އަދި އެތާނގައި އެއުރެންނަށްޓަކައި ހުރިހާ ބާވަތެއްގެ މޭވާތަކާއި، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން ފާފަފުއްސެވުންހުށްޓެވެ. (މި ހުރިހާ نعمة ތައް ލިބިގެންވާ މީހުންނާއި) އެމީހަކު ނަރަކައިގައި ދެމިހުރެ، އަދި ކެކިކެކިހުރި ހޫނުފެނުގެ ބުއިން އެއުރެންނަށް ބޯންދެއްވުމުން، އެއުރެންގެ ގޮހޮރުތައް ބުރިބުރިވެގެންދާ މީހުންނާ އެއްފަދަވެގެން ވޭހެއްޔެވެ؟ (ޤުރުއާން، 47:15).