3 ޕްރައިމަރީ މެކްރޯ ނިއުޓްރިއަންޓްސް
އަޅުގަނޑުމެން ބޭނުންކުރަނީ ކެމިކަލް ނުވަތަ އޯގަނިކް ފާޓިލައިޒާ އެއްކަމުގައިވިޔަސް އޭގެން ގަހަށް ބޭނުންވާ މާއްދާތައް ނުވަތަ ކާނާ ލިބެން ޖެހެއެވެ. N-P-K އޭ ކިޔާ އަޑު އަޅުގަނޑުމެންގެ ތެރެއިން ގިނަ ގަސްހައްދާ މީހުންނަށް އިވޭނެއެވެ. ފިހާރަތަކުން ގަންނަން ލިބޭ ކާނާގެ ޕެކެޓްތަކުގެ ބޭރުގައި N-P-K ޖަހާފައި ނަންބަރެއް ލިޔެފައި އިނދެއެވެ. N އަކީ ނައިޓްރިޖަން އަށް ބޭނުން ކުރާ އަކުރެވެ. P އަކީ ފޮސްފޮރަސް އަށް ބޭނުންކުރާ އަކުރެވެ، އަދި K އަކީ ޕޮޓޭސިއަމް އަށް ބޭނުން ކުރާ އަކުރެވެ، މި ތިން މާއްދާ އަކީ ގަހަށް ބޭނުންވާ އަސާސީ 3 ނިއުޓްރިއެންޓްސް އެވެ. އަދަދުތައް ރަމްޒުކޮށްދެނީ މި މާއްދާތައް އެޕެކެޓެއްގައި ހުންނަ ނިސްބަތެވެ. މިސާލަކަށް N-P-K ރޭޝިއޯއަކީ 5-9-7 ކަމުގައި ވާނަމަ އެ ޕެކެޓްގައިވަނީ %7 ނައިޓްރިޖަން، %9 ފޮސްފޮރަސް އަދި %5 ޕޮޓޭސިއަމް އެވެ. އަދި ބާކީ ހުންނާނީ އެހެން މެކްރޯ އަދި މައިކްރޯ ނިއުޓްރިއެންޓްސް އެވެ. މި ރޭޝިއޯގައި 0 އިނދެއްޖެނަމަ އެ މާއްދާއެއް ނެތީއެވެ. މިސާލަކަށް 3-0-0 ގެ މާނަޔަކީ މީގައިވަނީ %3 ޕޮޓޭސިއަމް އެވެ. ނައިޓްރިޖަން އާއި ފޮސްފޮރަސް ނެތެވެ. ވުމާއެކު މިފަދަ ފާޓިލައިޒާ ނުވަތަ ކާނާ ބޭނުންކުރާއިރު ގަހުގެ ހެދި ބޮޑުވުމުގެ ސްޓޭޖްތަކުަގައި މި މާއްދާތަށް ގަހަށް ދެވޭ މިންވަރު ބަދަލު ކުރަން ޖެހެއެވެ. ތިރީގައިވާ ތާވަލުގައި ދައްކާދެނީ 3 ގްރޭޑެއްގެ ފާޓިލައިޒާއެވެ. މި ފާޓިލައިޒާތައް ގަސް ހެދެމުން އަންނައިރު 3 ދުވަސްވަރެއްގައި ގަހަށް ކާނާ ދިނުމަށް ބޭނުން ކުރާ ސަބަބު ބަޔާން ކުރެވިފައިވެއެވެ. އަދި އެހެންމެ ފުރަތަމަ ގްރޭޑްގެ ފާޓިލައިޒާ ބޭނުންކޮށް ދެން ކާނާ ދޭ ފަހަރުތަކުގައި ވަކިން ފޮސްފަރަސް އާއި ޕޮޓޭސިއަމްވެސް ދެވިދާނެއެވެ.
ޕްރައިމަރީ މެކްރޯ ނިއުޓްރިއަންޓްސް ލިބޭ އޯގަނިކް ތަކެތި
ތިރީގައިވަނީ ނައިޓްރިޖަން، ފޮސްފޮރަސް އަދި ޕޮޓޭސިއަމް ލިބޭ އޯގަނިކް ތަކެއްޗެވެ.
ގެރި ގުއިން ނައިޓްރިޖަން
ނައިޓްރިޖަން އަކީ ގަހުގެ ފަތުގައި ހުންނަ ކްލޮރޮފިލް އަށް މުހިއްމު މާއްދާއެކެވެ. މުލުން ނަގާ ފެނާއި ވައިގެތެރެއިން ފަތުގެ ތެރެއަށް ވަންނަ ކާބަންޑައި އޮކްސައިޑް ގޭސް ބޭނުންކޮށްގެން ގަހުގެ ފަތުގައި ހަކުރު (ޝުގާރ) އުފައްދަނީ ކްލޮރޮފިލްގެ އެހީގައެވެ. ހަކުރަކީ ގަހުގެ ހެދިބޮޑުވުމުގެ ހުރިހާ ސްޓޭޖެއްގައި ވެސް މުޙިއްމު އެއްޗެކެވެ. އޮށުން ގަސް ފަޅާހިސާބުން ފަތްފެޅުމަށާއި ގޮފިލުމަށާއި މައިގަނޑު ހެދުމަށާއި އަދި މޭވާ އެޅުމާއި ހަމަޔަށް މުހިއްމު އެއްޗެކެވެ. އަދި އޭގެ އިތުރަށް އަލި ނުލިބޭ ހާލަތުގެ ގަހުގައި ހަކަތަ އުފައްދައި ދެއެވެ. ގެރިގުއި އަކީ ނައިޓްރިޖަން އިން މުއްސަނދި އެއްޗެކެވެ.
އަޅިން ޕޮޓޭސިއަމް
ހަރުލަކުޑި އެނދުމުން އުފެދޭ އަޅީގައި ގިނަމިންވަރަކަށް ޕޮޓޭސިއަމް ވެއެވެ. ޕޮޓޭސިއަމްއަކީ ގަހުގައި ޕްރޮޓީން އުފެއްދުމަށާއި ފެނާއި ކާނާ ދައުރުކޮށްދިނުމަށް އެހީތެރިވާ މިނަރަލް އެކެވެ. ދޮންކެޔޮ ތޮށްޓާއި މޭވާ އަދި ތަރުކާރީގެ ބާކީތަކެތިން އުފައްދާ ކާނާ (ކޮމްޕޯސްޓް) ގައި ޕޮޓޭސިއަމް އެކުލެވިގެން ވެއެވެ. މި ޕޮޓޭސިއަމް ފެނާއެކުވުމުން ގަހަށް ބޭނުންކުރެވޭގޮތް ވެއެވެ. ނަމަވެސް ފެނާއެކުވެގެން ވެލީގެތެރެއިން ޕޮޓޭސިއަމް ދޮވިގެން (ލީޗް) ވެސް ދެއެވެ. ލޮނުފިލުވާ ހިއްކާފައި ހުންނަ މޫދުވިނަޔަކީ ވެސް ގިނަމިންވަރަކަށް ޕޮޓޭސިއަމް ހުންނައެއްޗެކެވެ. މީވެސް ކޮމްޕޯސްޓްހަދަން ބޭނުންކުރެވިދާނެ އެއްޗެކެވެ. މިސާލަކަށް މޫދުވިނަ ހިއްކާފައި ކުދިކުދިކޮށްފައި ވެއްޔާއި އެއްކުރެވިދާނެ ވެސް މެއެވެ.
މަސްކަށިން ފޮސްފޮރަސް
ހިއްކައި މުގުރާފައިވާ މަސް ނުުވަތަ ކުކުޅުފަދަ ޖަނަވާރުގެ ކަށީ (ބޯން މީލް) ގައި ގިނަމިންވަރަކަށް ފޮސްފޮރަސް އެކުލެވިގެންވެއެވެ. މިތަކެތީގައި ހުންނަ ފޮސްފޮރަސް ވެލިއާއި އެކުވުމުން މަޑުމަޑުން ދޫކުރެއެވެ. ނަތީޖާއެއްގެ ގޮތުން ފެނާއެކު ގަހުގެ މުލުން މި ފޮސްފޮރަސް ގަހަށް ނަގައެވެ. ފޮސްފޮރަސް އަކީ ބަލިތަކުން ގަސް ދުރުކޮށްދީ ސްޓާޗް އާއި ހަކުރާއި ތެލުގެ ބާވަތްތައް ގަހުގައި ދައުރުކޮށްދިނުމަށް އެހީވާ އެއްޗެކެވެ. އޭގެ އިތުރަށް ގަހުގެ މޫ ހެދުމަށާއި މާއެޅުމަށާއި މޭވާ ހަރުވުމުމަށް އެހީތެރިވެއެވެ.