4 ބޮޑެތި ސިސްޓަމްތަކުގައި ބޭނުންކުރާ ފިލްޓަރުތައް

4.1 މެކޭނިކަލް ފިލްޓަރޭޝަން: ބައެއް މީހުން ދެކޭގޮތުގައި މެކޭނިކަލް ފިލްޓަރޭޝަންއަކީ އެކުއަޕޯނިކްސް ސިސްޓަމެއް ޑިޒައިންކުރާއިރު އެންމެބޮޑަށް ސަމާލުކަން ދޭންޖެހޭ އެކައްޗެވެ. ފެނުގައި ނުގިރި ހުންނަ ބޮޑެތި އެތިކޮޅުތައް ފެނުން ވަކިނުކުރާނަމަ އެ ސޮލިޑް ވޭސްޓް އެނަރޮބިކް ބެކްޓީރިޔާގެ އެހީގައި ވީރާނާވެގެން (ޑީކޮމްޕޯސް ވެގެން) ގެއްލުން ދެނިވި ގޭސް އުފެދިދާނެއެވެ. އަދި އޭގެ އިތުރަށް ސިސްޓަމުގައި ހުންނަ ހޮޅިތައް ބެދި ފެންދައުރުކުރުމަށް ނޭދެވޭ އަސަރު ކުރާނެއެވެ. ތަފާތުބާވަތްތަކުގެ މެކޭނިކަލް ފިލްޓަރުތައް ހުރެއެވެ. އެންމެ ފަސޭހަގޮތަކީ ކޮންމެވެސް ބާވަތެއްގެ ސްކްރީނެއްފަދަ އެއްޗެއްގެތެރެއިން ޓޭންކުން އަންނަފެން ފޮނުވުމެވެ. ދެން އެފެނުގައި ހުންނަ ބޮޑެތި އެތިކޮޅުތައް ފުރޭނިގެން ގްރޯބެޑަށް ދިޔުމެވެ. ދެން ދުވަސްދުވަހުން މި ފިލްޓަރު ނުވަތަ ސްކްރީން ސާފުކުރުމެވެ. ކުދިކުދި އެކުއަޕޯނިކްސް ސިސްޓަމްތަކަށް މިގޮތް ރަގަޅުވިޔަސް ބޮޑެތި ސިސްޓަމްތަކަށް މިވަރުގެ ފިލްޓަރޭޝަނަކުން ނުފުދެއެވެ. 4.2 ގައިވަނީ ކުޑަ އެކުއަޕޯނިކްސް ސިސްޓަމެއްގައި ބޭނުންކުރެވިދާނެ މެކޭނިކަލް ފިލްޓަރު ތަކެކެވެ.

4.2. މެކޭނިކަލް ސެޕަރޭޓަރސް (ކްލެރިފަޔާސް): ކްލެރިފަޔާއަކީ ފެނުގައި ހުންނަ ބޮޑެތި އެތިކޮޅުތައް ވަކިކުރަން ބޭނުންކުރާ ފިލްޓަރެކެވެ. އާންމުކޮށް މި އެތިކޮޅުތަކަކީ ބާކީވެފައިވާ މަސްކާނާއާއި މަސްތަކުގެ ހަށިގަނޑުން ބޭރުކުރާ ނަޖިހުގައި ހުންނަ ބޮޑެތި އެތިކޮޅުތަކެވެ. މި ފިލްޓަރަށް ބައެއްފަހަރު ސްވާލް ފިލްޓަރޭވެސް ކިޔައެވެ. މިފިލްޓަރުގައި، ޓޭންކުން އަންނަހޮޅި ހުރަހަށް ކަތިކޮށްފައި ހުރުމުގެ ސަބަބުން ފެން އޭގެ އެތެރޭގައި ވަަށައި ދައުރުކުރެއެވެ. ނަމަވެސް ފިލްޓަރުގެ މެދަށް ޖަމާވާ ފެން ދައުރުކުރުން ލަސްވުމާއި އެކު ފެނުގައި ނުގިރި ހުންނަ ބޮޑެތި އެތިކޮޅުތައް ފިލްޓަރުގެ ވަތަށް ގެނބެއެވެ. ފިލްޓަރުގެ އަޑީގައި އިންނަހޮޅިއަކުން ވޭލެއްގެ އެހީގައި މިތަކެތި ފިލްޓަރުން ބޭރުކޮށްލެވެއެވެ. އަދި މިފިލްޓަރުން ފުރޭނިގެންދާފެން، ފެނުގެ މަތީފަށަލައިން ބަޔޯ ފިލްޓަރަށް ދެއެވެ.

 

 

4.2.1 ސްވާލް ފިލްޓަރުގެ ޑިޒައިންތަކެއް

4.3 ބަޔޯ ފިލްޓާރ: ބަޔޯ ފިލްޓަރޭޝަން އަކީ އެމޯނިޔާއާއި ނައިޓްރައިޓް، ބެކްޓީރިޔާގެ އެހީގައި ނައިޓްރޭޓަށް ބަދަލުކޮށްލުމެވެ. ފެނަށް ގިރިފައި ހުންނަ ނަޖިސް މެކޭނިކަލް ފިލްޓަރަކުން ވަކި ނުކުރެވެއެވެ. އަދި އޭގެސަބަބުން ގަހުގެ މޫތަކުގައި ކިސަޑު ފަދައިިން ހަރުލާ ގަހަށް ކާނާ ނަގާ ދިނުމަށް ހުރަސް އަޅައެެވެ. ބަޔޯ ފިލްޓަރޭޝަން އެކުއަޕޯނިކްސް ސިސްޓަމެއްގައި ވަރަށް މުހިއްމު އެވެ. އެއީ އެމޯނިޔާއާއި ނައިޓްރައިޓަކީ ގަހަށް ސީދާ ބޭނުން ކުރެވޭ އެއްޗަކަށް ނުވުމާއިއެކު ކުޑަ މިންވަރެއް ވިޔަސް ވިހަ އެއްޗިއްސަށް ވާތީއެވެ. އަދި ސިސްޓަމުގައި ދިރިއުޅޭ މަހަށް ނުރައްކާ ވާނެތީއެވެ. މީޑިޔާ ބެޑް ބޭނުންކުރާ ސިސްޓަމްތަކުގައި ވަކި ބަޔޯ ފިލްޓަރެއް ކޮންމެހެން ބޭނުމެއް ނޫނެވެ. ސަބަބަބަކީ ގްރޯ ބެޑްއަކީ ރަގަޅު ބަޔޯ ފިލްޓަރަކަށްވާތީއެވެ. އެހެން ނަމަވެސް މަހުގެ ނަޖިހުން މީޑިޔާ ބެޑުން ފެންދައުރުކުރުން ހުއްޓުވިޔަ ނުދިނުމުގެ ގޮތުން ކޮންމެވެސް ބާވަތެއްގެ ފިލްޓަރޭޝަންއެއް ބޭނުންކުރަން އަބަދުވެސް ލަފާދެއެވެ.

 

ފިގާރ 4.3.1: ބަޔޯ މީޑިއާ

ނިއުޓްރިއެންޓް ފިލްމު ޓެކްނިކް ގައި ބަޔޯ ފިލްޓަރ ހުންނަނީ މެކޭނިކަލް ފިލްޓަރާއި ހައިޑްރޮޕޯނިކްސް ސިސްޓަމްއާއި ދެމެދުގައެވެ. ބަޔޯ ފިލްޓަރުގެ ސައިޒަކީ މަސްޓޭންކުގެ 1/6 އެވެ. ބަޔޯފިލްޓަރަށް ބަޔޯ ފިލްޓާރ މީޑިޔާއެއް އަޅަންޖެހެއެވެ. މި މީޑިޔާގެ ސާފޭސްގައި ބެކްޓީރިޔާ އާލާވެއެވެ. ބަޔޯ މީޑިޔާގެ ގޮތުގައި ފިގާރ 4.3.1 ގައި އެވާ ޕްލާސްޓިކް ފުޅީގެ މައްޗާއި ވޮލްކެނިކް ގްރެވަލް, ނައިލޯން ޝަވާރ ޕަފް، ޕީވީސީ ޝޭވިންގްސް އަދި ނައިލޯން ސްކްރަބް ޕޭޑްސް ބޭނުން ކުރެވިދާނެއެވެ. ގިނައިން ބަޔޯ ފިލްޓަރުތަކުގައި ބޭނުންކުރަނީ “ބަޔޯބޯލްސް” އެވެ. މިތަކެތި ލުއިވެފައި ފެންގަނޑުތެރޭ ދައުރުކުރެއެވެ. އަދި ސާފޭސް އޭރިޔާ މަތިވުމުން ބެކްޓްރިޔާ ގިނައިން އާލާވުމަށް ފުރުސަތު ލިބެއެވެ. ބަޔޯ ފިލްޓަރަށް ދެން ބޭނުންވާ އިތުރު އެއްޗަކީ ވައި އެވެ. ވުމާއެކު އޮކްސިޖަން ޕަންޕަކުން ފެނަށް ވައި ފޮނުވަން ޖެހެއެވެ. ފިލްޓަރުގެ އަޑީގައި އެއާރ ސްޓޯނެއް ބޭއްވުމުން ފުދޭނެއެވެ. އެމޯނިޔާ ބަދަލުކުރުމަށް ނައިޓްރިފައިން ބެކްޓީރިޔާއަށް އެކަށީގެންވާ މިންވަރަށް އޮކްސިޖަން ލިބެންޖެހެއެވެ.

ފިގާރ 4.3.2: ބަޔޯ ފިލްޓަރުގެ ޑިޒައިނެއް

4.4 މިނަރަލައިޒޭޝަން: މިނަރަލައިޒޭޝަން މިބަސް އެކުއަޕޯނިކްސްގައި ބޭނުން ކުރަނީ  މަހުގެ ހަށިތަކުން ބޭރުވާ ހިކިކޮށް ހުންނަ ތަކެތި ޕްރޮސެސްކުރާ ގޮތަށާއި ބެކްޓީރިޔާ އެތަކެތިން ގަހުގެ ކާނާ އުފައްދާ ގޮތަށެވެ. މެކޭނިކަލް ފިލްޓަރިންގއަށް ފަހު ފެނަށް ނުގިރި ހުންނަ ބޮޑެތި އެތިކޮޅުތަކުގައި ވެސް ކާނާ ވެއެވެ. މީގައި ހުންނަ ކާނާ ނެގުމާއި ބަޔޯފިލްޓަރޭޝަން ބަލަނީ ވަކި ދެ ކަމެއްގެ ގޮތުގައެވެ. އެހެނަސް މި ސޮލިޑް ވޭސްޓް ސިސްޓަމްގައިވާނަމަ ގަހަށް އިތުރުކާނާ ލިބެއެވެ. ގިނަ ދުވަހަށް މި ތަކެތި ފިލްޓަރުތަކުގައި ބެހެއްޓިނަމަ މިނަރަލައިޒޭޝަން އިތުރުވެއެވެ. ނަމަވެސް އޭގެ ސަބަބުން ހޮޅިތައް ބެދި އޮކްސިޖަން ލިބުން މަދުވެ ޑީ ނައިޓްރިފިކޭޝަން އިތުރުވެ، ނުރައްކާތެރި ހައިޑްރިޖަން ސަލްފައިޑް ގޭސް އުފެދެއެވެ. ބައެއް ބޮޑެތި އެކުއަޕޯނިކްސް ސިސްޓަމް ތަކުގައި ފެންދައުރު ކުރާގޮތަށް ހަދައި ސިސްޓަމުގެ ފިލްޓަރުތަކުގައި މި ސޮލިޑް ވޭސްޓް ބަހަށްޓައެވެ. ނަމަވެސް ކުދި NFT އަދި DWC ސިސްޓަމުތަކުގައި މިތަކެތި ސިސްޓަމުން ނަގައި ވަކިއެއްޗަކަށް އަޅައި، އެއާރ ޕަންޕަކާއި އެއާރ ސްޓޯނެއްްގެ އެހީގައި އޮކްސިޖަން ދީގެން އެކަށީގެންވާ މުއްދަތެއްގެތެރޭ، ބެކްޓީރިޔާގެ އެހީގައި ވީރާނާ ކުރެވެއެވެ. އަދި މިތަކެތި ފެނަށް ގިރައި ސިސްޓަމަށް އެޅިވެސް ދާނެއެވެ. ނުވަތަ ވެލީގައި ހައްދާ ގަސްގަހަށް ކޮމްޕޯސްޓް ގެ ގޮތުގައި އަޅަންވެސް ބޭނުން ކުރެވިދާނެއެވެ، ތިރީގައިވާ ކުރެހުމުން ފެންނަނީ މެކޭނިކަލް ފިލްޓަރާއި ބަޔޯ ފިލްޓަރު މަސްޓޭންކަކާއި ގުޅާފައިވާ ތަނެވެ. ފިލްޓަރުގެ ބޮޑުމިން ނިސްބަތްވަނީ މަސްޓޭންކުގެ ބޮޑު މިނަށެވެ.

 

ފިގާރ 4.4.1: އެކުއަޕޯނިކްސް ސިސްޓަމެއްގައި ބޭނުންކުރާ މެކޭނިކަލް އަދި ބަޔޯ ފިލްޓަރެއް