3 އެކުއަޕޯނިކްސްގައި ބޭނުންކުރާ ހައިޑްރޮޕޯނިކްސް ސިސްޓަމްތައް
އެކުއަޕޯނިކްސް ގައި ގިނައިން ބޭނުންކުރަނީ 3 ބާވަތެއްގެ ހައިޑްރޮޕޯނިކްސް ސިސްޓަމް ތަކެވެ. މި މިަޒްމޫނުގައި އަޅުގަނޑު ލިޔާނީ މި ތިން ބާވަތުގެ ސިސްޓަމުގެ މައްޗަށެވެ.
3.1 މީޑިޔާ ބެޑް: މީޑިޔާ ބެޑަކީ ވަަރަށް އާންމުކޮށް އެކުއަޕޯނިކްސް ސިސްޓަމްތަކުގައި ހުންނަ އެއްޗެކެވެ. ފެން އަޅަން ބޭނުންކުރާ ނޫކުލައިގެ ހަމުގައިވެސް މީޑިޔާ ބެޑް ހަދައެވެ. މީޑިޔާ ބެޑްގައި، މަހަށް ކާނާދޭ މިންވަރާއި ބެޑްގެ އޭރިޔާއާއި ގުޅުން ހުންނަކަމަށް ވެއެވެ. ފަތްކާ ބާވަތުގެ ތަރުކާރީގެ، ހައްދާ ކޮންމެ 1 އަކަފޫޓަކަށް، ދުވާލަކު 60 ގުރާމުގެ ކާނާ މަހަށް ދޭންޖެހެއެވެ. އަދި ފްރުޓިން ޕްލާންޓް ނުވަތަ މޭވާ އަޅާގަސްގަހަށް 100 ގުރާމު ކާނާ ދޭންޖެހެއެވެ. މީޑިޔާ ބެޑްގެ ސައިޒު 1 މީޓަރާއި 3 މީޓަރާއި ދެމެދުގެ މިންވަރަކަށް ދިގުވެފައި، 12 އިންޗިއާއި 14 އިންޗިއާޢި ދެމެދުގެ ފުންމިން ހުރެއެވެ. މީޑިޔާބެޑެއް ލަކުޑިން ހަދާފައި ފެން ހިފެހެއްޓޭގޮތަށް ރަބަރުވެސް އެތެރޭގައި ޖެހިދާނެއެވެ. ނުވަތަ ފައިބަރުވެސް ޖެހިދާނެއެވެ. ގަސްހައްދާ މީޑިޔާގެ ގޮތުގައި ރޮކްވޫލް އާއި އެކްސްޕޭންޑެޑް ކްލޭއާއި ބޮބިކުނޑިއާއި ޕާލައިޓް ބޭނުން ކުރެވިދާނެއެވެ. މީޑިޔާ ބެޑުގެ މީޑިޔާގެ މަތިން ފެން އަރައިގެން ނުވާނެއެވެ. އަދި މި ބެޑް ބެލް ސައިފަންއެއްގެ އެހީގައި ފްލަޑްކޮށް ޑްރެއިންކޮށް ހަދަން ޖެހެއެވެ. ގަޑިޔަކު އެއްފަހަރު ނުވަތަ ދެފަހަރު، ހައްދާ ގަހުގެ ބާވަތުން ފްލަޑްކޮށް ޑްރެއިން ކުރެވިދާނެއެވެ. ބެލްސައިފަން ހަދާނެގޮތުގެ ވީޑިއޯއެއް ހިމަނާފައި ވާނެއެވެ.
ފިގާރ 3.1.1: މީޑިޔާ ބެޑެއް ހަދާނެގޮތް
ފިގާރ 3.1.2: މީޑިޔާބެޑް އެކުއަޕޯނިކްސް ސިސްޓަމެއްގައި ބޭނުންކޮށްފައި
3.2 ޑީޕްވޯޓާރ ކަލްޗާރ (DWC): ގައި ބެޑަށް ހުންނަނީ ފެން އަޅާފައެވެ. އަދި ފެންމަތީގައި ފުޅިމަދު ޝީޓްތަކެއް ބަހައްޓާފައި ވެއެވެ. ފެން އެއްޗަށް އޮކްސިޖަން ދޭން ޖެހެއެވެ. އަދި ގަސް އިންދަން ތަށި ޖަހާތަންތަން ފުޅިމަދުގަނޑުން ކަނޑާފައި ހުންނަންޖެހެއެވެ. ފުޅިމަދުގަނޑާއި ފެންއެތީގެ އެތެރޭގައި ބެކްޓީރިއާ ކޮލޮނައިޒް ވެއެވެ. މި ސިސްޓަމުގައި ފަތްކާ ތަރުކާރީގެ ބާވަތްތައް ވަރަށް ރަގަޅަށް ހެދެއެވެ.
ފިގާރ 3.2.1: ޑީޕްވޯޓަރ ކަލްޗާރ ބޭނުންކުރާ އެކުއަޕޯނިކްސް ސިސްޓަމެއް
ފިގާރ 3.2.2: ވިޔާފާރީގެ ގޮތުގައި ބޭނުންކުރާ ޑީޕްވޯޓާރ ކަލްޗަރ ސިސްޓަމެއް
3.3 ނިއުޓްރިއަންޓް ފިލްމު ޓެކްނިކް: މިއީ އެކުއަޕޯނިކްސްގައި އާންމުކޮށް ބޭނުންކުރާ ހައިޑްރޮޕޯނިކްސް ސިސްޓަމެކެވެ. މި ސިސްޓަމް ހަދާފައި ހުންނަނީ ހޮޅިތަކެއް ބޭނުންކޮށްގެން އެވެ. ހޮޅިތަކުގައި ލޯވަޅު އަޅައި ނެޓް ޕޮޓް ޖެހޭ ގޮތަށް ހަދައެވެ. ހޮޅިތަކަށް ފެން އެޅެނީ އެއް ކޮޅުންނެވެ. އަނެއް ކޮޅުން ފެން އޮހޮރިގެން މަސްޓޭންކަށް ނުވަތަ ސެޕް ޓޭންކަށް ދެއެވެ. ހޮޅިތަކުގެ ވަތުގައި ހުންނަ ފެން ފަށަލައިގައި ގަސްތަކުގެ މޫތައް ހުރެއެވެ. މިފަދަ ސިސްޓަމް ތަކުގައި ފަތްކާ ތަރުކާރީގެ ބާވަތްތައް ކާމިޔާބު ކަމާއެކު ހެއްދެއެވެ.
ފިގާރ 3.3.1: ނިއުޓްރިއަންޓް ފިލްމް ޓެކްނިކް ބޭނުންކޮށްގެން ސިސްޓަމެއް ހަދާނެގޮތް